Monday, June 10, 2013

އިއްދައިން ކެނޑުން



އިއްދައިން ކެނޑުން
އުމުރުން ދުވަސްވެ، ވަކި ހިސާބަކަށް ދިއުމުން އަންހެނުންނަށް މައްސަރު ކަންތައް ހުއްޓި، އެމީހުންގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލި ދެއެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް އަންހެނުންނަށް އިއްދައިން ކެނޑުމަ(menopause)ކީ ތިމާގެ އަންހެން ވަންތަކަން ގެއްލި ދިއުން ކަމުގައި ސިފަކުރެވޭގޮތް ވެއެވެ. އަދި އެއީ ބައްޔެއް ކަމުގައި ބެލެވެން ފަށައެވެ. ނަމަވެސް މިއީ ކުށްހީ އެވެ. އެހެނީ މިއީ ތަބީޢީ ގޮތުން އުމުރުން ދުވަސްވުމުން އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކެކެވެ. ފަހަރެއްގައި ވެސް ކުރިމަތިވާ ބައްޔެއް ނޫނެވެ.

އިއްދައިން ކެނޑުމުގެ އުމުރަކީ ކޮބާ ؟
އިއްދައިން ކެނޑުމުގެ އުމުރަކީ ދަރިމައިވުން ހުއްޓި، މައްސަރު ކަންތައް ޖެހުން ހުއްޓޭ އުމުރެވެ. މިއުމުރަށް އެޅުމުން އަންހެނުންނަށް ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލިގެންދެއެވެ. އެއީ ރަހިމުގެ ދެފަޅީގައިވާ ބިސްރަވަ (ބިސްއުފައްދާ ތަން) ނުވަތަ ބިސް އުފައްދާ ދެމަރުކަޒު(ovary)ން ބިސް އުފެއްދުން ހުއްޓާލާތީ އެވެ. ހަމަމިހެން ޖިންސީ ހޯރމޯންތައް ކަމުގައިވާ އެސްޓްރަޖަން(Estrogen)އަދި ޕްރޮޖެސްޓަރޯން(Progesterone)އުފެއްދުން ވެސް ހުއްޓިގެން ދެއެވެ. އާންމުގޮތެއްގައި އިއްދައިން ކެނޑޭ އުމުރު އަންހެނުންނަށް ކުރިމަތިވަނީ އުމުރުން 45-50ދެމެދުގެ އަހަރުތަކުގެ ތެރޭގައެވެ. ފަހަރެއްގައި ތަންކޮޅެއް ކުރިން ނުވަތަ ފަހުން ވެސް އިއްދައިން ކެނޑޭގޮތް ވުމަކީ ވެދާނެ ގޮތެކެވެ.

އިއްދައިން ކެނޑުން ކުރިމަތިވަނީ ކިހެނެއް؟
ބައެއް އަންހެނުންނަށް އެންމެ ފަހަރަކުން ޙައިޟުވުން ހުއްޓޭގޮތަށް އިއްދައިން ކެނޑުން ކުރިމަތިވެއެވެ. އަނެއްބައިމީހުންނަށް ބިސްރަވަ(ބިސްއުފައްދާތަން) އިން ބިސް އުފެއްދުމުގެ މަސައްކަތް ހުއްޓާލުމާއި ގުޅިގެން އޭގެ އަސަރު މައްސަރު ޖެހުމަށް ފޯރާގޮތް ވެއެވެ. ފުރަތަމަ ވަކި މުއްދަތަކަށް ހައިޟުގެ ލޭ ބޭރުވާ މިންވަރު މަދުވެއެވެ. އެއަށްފަހު ގަވައިދުން މަދުވަމުން ގޮސް އެއްކޮށް ހުއްޓި ދެއެވެ. ބައެއް މީހުންނަށް ދެ ޙައިޟުގެ ދޭތެރޭގައި ދުވަސް ގިނަވެ، އެންމެ ފަހުން އެއްކޮށް ޙައިޟުވުން ހުއްޓޭގޮތް ވެއެވެ. ބައްޔެއްގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބުން ވެސް ބިސްރަވަ(ބިސް އުފައްދާތަން) ނަގައިފިނަމަ އެމީހަކު އެދުވަހުން ފެށިގެން އިއްދައިން ކެނޑުނީ ކަމުގައި ބެލެވޭނެ އެވެ.

އިއްދައިން ކެނޑުމަށް ދިމާވަނީ ކީއްވެ؟
އިއްދައިން ކެނޑުން ކުރިމަތިވާ މައިގަނޑު ސަބަބަކީ ރަހިމުގެ ދެފަޅީގައިވާ ބިސްރަވަ(ބިސް އުފައްދާތަން) އިން ބިސް އުފެއްދުން ހުއްޓާލުން ނުވަތަ ބިސްއުފެއްދުން މަދުވުމެވެ. ފުރާ އުމުރުން ފެށިގެން ކުރިމަތިވާ މައްސަރު ނުވަތަ ޙައިޟުގެ ކަންތައް ޖެހެނީ ސިކުނޑީގައިވާ ''ހައިޕޯތަލަމަސް''(Hypothalamus) އޭ ކިޔުނު ހިސާބުން ''ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން''(GnRH)ބޭރުކުރަން ފެށުމުންނެވެ. މި ހޯރމޯން ''ޕިޓޫޓަރީ ގްލޭންޑް''(Pituitary gland)އިން ''ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން''(FSH)، އަދި ''ލޫޓީނައިޒިންގ ހޯރމޯން''(LH)ބޭރުކުރުމަށް ބާރުއަޅައެވެ. ''ފޮލިކްލް ސްޓިމިއުލޭޓިންގ ހޯރމޯން'' ބޭރުވުމަކީ ބިސްރަވަ(ބިސް އުފައްދާތަން)އިގެ ތެރޭގައި ބިސް އެކުލެވިގެންވާ ކުދިކުދި ''ފޮލިކަލް''(Follicle)ތައް އުފެދި ބޮޑުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ކޮންމެ މަހަކު ''ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން'' އަދި ''ލޫޓީނައިޒިންގ ހޯރމޯން'' ގެ ސަބަބުން ކުރިން ބުނި ''ފޮލިކަލް'' ތައް ފައްކާވެ، ބިސްދޫކުރުމުގެ ތެރޭގައި ''އެސްޓްރަޖަން'' އަދި ''ޕްރޮޖެސްޓަރޯން'' ބޭރުކުރެއެވެ. ފަހުން މިބުނެވުނު ދެހޯރމޯން އަކީ ބަލިވެއިނުމުގެ ތެރޭގައި ރަހިމު ފުޅާވެ،އޭގެ ފަށަލަ ބޯކުރުމުގައި ޒިންމާވާ ދެހޯރމޯން އެވެ. ''ލޫޓީނައިޒިންގ ހޯރމޯން'' ދޮންވެ ފައްކާވެފައިވާ ބިސް ''ފޮލިކަލް'' އިން ބޭރުކުރުމަށް ބާރު އަޅައެވެ. ބަލިވެ ނީދެއްޖެ ނަމަ ''އެސްޓްރަޖަން'' އަދި ''ޕްރޮޖެސްޓަރޯން'' ގެ މިންވަރު ދަށްވެ، ރަހިމުގެ އެތެރެއިން ލެވިފައިވާ ދުލިފަށަލަ(endometrium) ފެޅި، ޙައިޟުގެ ލޭގެ ގޮތުގައި ބޭރުވެގެން ދެއެވެ.
އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ބިސް އުފައްދާތަނުގައި ހުންނަ ''ފޮލިކްލް'' ތަކުގެ އަދަދު މަދުވެ، އޭގެ ކޮލިޓީ ދަށްވެގެން ދެއެވެ. މާނައަކީ ބިސް އުފެއްދުން ވެސް މަދުވެގެން ދެއެވެ. އެއާއެކު ''އެސްޓްރަޖަން'' އަދި ''ޕްރޮޖެސްޓަރޯން'' އުފެދުން ވެސް މަދުވެ، ހުއްޓުމަކަށް އަންނަގޮތް ވެއެވެ. އާޚިރު ނަތީޖާ އަކީ މައްސަރު ކަންތަކަށް ބަދަލު އައިސް ހުއްޓެމުން ގޮސް މުޅިން މައްސަރު ކަންތައް ޖެހުން ހުއްޓިދިއުމެވެ. އިއްދައިން ކެނޑުން ކުރިމަތިވަނީ މިބީދައިންނެވެ.

އިއްދައިން ކެނޑުމާއި ގުޅިގެން އަންހެނުންގެ ހަށިގަނޑަށް ވަނީ ކިހެނެއް؟
އިއްދައިން ކެނޑުމުން އަންހެނުންގެ ހަށިގަނޑަށް ވަރަށް ގިނަ ތަފާތު ބަދަލުތައް އާދެއެވެ. އޭގެ ތެރޭގައި ނަފްސާނީ، ޖިސްމާނީ، އަދި ޞިއްޙީ ބަދަލުތައް ހިމެނެއެވެ. މީގެތެރެއިން ބައެއް ބަދަލުތައް ގުޅިފައިވަނީ ސީދާ އިއްދައިން ކެނޑުމާއެވެ. އަނެއް ބައި ބަދަލުތަކަކީ އުމުރުން ދުވަސްވެ، މުސްކުޅިވުމުން ހަށިގަނޑަށް ކުރިމަތިވާ ކަންތައްތަކެވެ.

ނަސްލު އުފެއްދުމާއި ބެހޭ ބައިތަކަށް އަންނަ ބަދަލުތައް
އިއްދައިން ކެނޑުމާއި ގުޅިގެން އަންހެނާގެ ނަސްލު އުފެއްދުމާއި ބެހޭ ބައިގެ ތަފާތު ގުނަވަންތަކަށް ވަޅޯކަން ގެނުވައެވެ. ނަތީޖާއެއްގެ ގޮތުން އަންނަނިވި ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.
(ހ) - ބިސް އުފައްދާތަން (ovary): މިތަނުން ޖިންސީ ހޯރމޯން އުފެއްދުން ހުއްޓުމާއި ގުޅިގެން އޭގެ ސައިޒުން ކުޑަވެ، އެއްވެސް ހަރަކާތެއް ނެތް ހަރު ޖިސްމެއްގެ ސިފަޔަށް މަޑުމަޑުން ބަދަލުވެއެވެ
(ށ) - ބިސް ދަތުރުކުރާ ހޮޅި (Fallopion tube):  މިހޮޅީގެ ސައިޒުން ކުރުވެ، އޭގެ ސެލްތަކުގައި ހުންނަ ނަރުވާތައް ގެއްލިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން މިހޮޅިއަށް ލިބިގެންވާ ޚާއްޞަ ހަރަކާތް ގެއްލިގެންދެއެވެ. މިބުނި ހަރަކާތަކީ ކުރިން ބުނި ނަރުވާތަކުގެ އެހީގައި ބިސް ރަހިމާއި ދިމާއަށް ގެންދިއުމެވެ.
(ނ) – ރަހިމު (uterus): ރަހިމުގެ ސައިޒުން ކުޑަވެ، އޭގެ ބަތާނަ އަށް ވަޅޯކަން ނުވަތަ ނިކަމެތިކަން އާދެއެވެ. ބައެއް އަންހެނުންނަށް ރަހިމާއި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ މަސް ފަށަލަތަކަށް ދޫކަންލިބި، ރަހިމު ތަންކޮޅެއް ތިރިއަށް ޖެހި، ތަލީވައި(Uterine or Vaginal prolapse)ގެ އުދަގޫތައް އިހްސާސް ކުރެވެއެވެ. ތަލީވައި ކުރިމަތިވުމުން ބައެއް ފަހަރު ކެއްސުން، ކިބިހިއެޅުން، ބަރު އެއްޗެއް އުފުލުން ، ނުވަތަ ބާރަށް ހުނުން ފަދަ ކަމެއްކުރުމުގެ ތެރޭގައި ކުޑަކަމުދެވޭގޮތް ވެދާނެ އެވެ.
(ރ) – ޖިންސީ ގުނަވަން (vagina):  މިބައިގެ އެތެރޭގެ ހަންފަށަލަ ތުނިވެ، އޭގެ ވާންކަން ކެނޑި، އެއަށް ލިބިގެންވާ ރޫފަ ނުވަތަ ސިފަ ގެއްލި ދެއެވެ. ހަމަމިހެން އެތެރޭގައި ހުންނަ ތެތްކަން ކުޑަވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެތެރެއިން ކަހައި، ހިރުވާގޮތް ވެއެވެ. ޖިންސީ ގުނަވަނުގެ ތެރޭގައި ހުންނަ ގްލައިކޯޖެން ހުސްވެއެވެ. އެކަމުގެ ސަބަބުން އޭގައި ހުންނަ އެސިޑްގެ މިންވަރު ދަށްވެ، ބީވެގޮސް، ތަފާތު އިންފެކްޝަން ތަކަށް ފަސޭހައިން އަންހެނުން ހުށަހެޅޭގޮތް ވެއެވެ.
(ބ) – ފަރުޖު (vulva): އިސްމަތީގައި ވާ އިސްތަށިތައް މަދުވެ، އޭގެ ކުލަ ހުދު ނުވަތަ މަޑު އަޅިކުލައަށް ބަދަލުވެގެން ދެއެވެ. ބޮޑުދެތުންފަތުގެ މަތީގައި އޮންނަ ސަރުބީތައް ވިރިގެން ދެއެވެ. އެހެންކަމުން އޭގެ ދޮރު، ފުޅާވެ، އެއަށް ލިބިގެންވާ ވާންކަން ގެއްލިގެން ދެއެވެ.
(ޅ) – އުރަމަތި (breast): ކިރުބޭރުކުރާ ގޮށްތައް ހިނދި، އޭގެ ވާންކަން ގެއްލި، ހަންގަޑުގައި ރޫޖެހި، އެލޭގޮތް ވެއެވެ.

މުޅި ހަށިގަނޑަށް ޖުމްލަގޮތެއްގައި އަންނަ ބަދަލުތައް
- އަންހެން ވަންތަ ސިފަތައް ގެއްލިގެންދެއެވެ. އަޑު ކުރަކިވެ، ހަށިގަނޑުގެ ލޫޅާފަތިކަން ގެއްލިގެން ދެއެވެ. ހަންގަނޑުގައި ހުންނަ އޮމާންކަން ގެއްލި، ރޫ ޖެހޭގޮތް ވެއެވެ. މީގެ އިތުރުން ހަންގަޑު ހިކިވެ، ކުރަކިވާގޮތް ވެއެވެ.
- އިސްތަށި ފައިބާންފަށައެވެ. އަދި ދަތްދޮޅި، މަތިމަސް، ފަދަ ހިސާބުތަކުގައި އިސްތަށިފަޅައި ފިރިހެނެއްގެ ސިފަ ފާޅުވެއެވެ.
- ހަށިގަނޑު ކަށިތައް ދެރަވެ، ހުޅުތަކުގައި ރިހުން ކުރިމަތި ކުރުވައެވެ. ލޭގެ ޕްރެޝަރ މަތިވެގެން ދެއެވެ.

އިއްދައިން ކެނޑުމަށް ފަހު ފެންނަ ޚާއްޞަ ބައެއް އަލާމާތްތައް
ކުރިން ބުނެވުނު އަލާމާތްތަކުން އިތުރުން އިއްދައިން ކެނޑުމަށް ފަހު ކުރިމަތިވެދާނެ ޚާއްޞަ ކަންތައްތަކެއް ވެއެވެ. މިކަންތައްތައް އާންމުކޮށް ފެންނަނީ ވަގުތީ ކަންތައްތަކެއްގެ ގޮތުގައެވެ. ހަމަ މިހެން އެކިމީހުންނަށް އެކި މިންވަރަށެވެ. ބައެއް މީހުންނަށް ވަރަށް ބޮޑަށް މިފަދަ ކަންތައްތައް ކުރިމަތިވާއިރު އަނެއް ބަޔަކަށް މެދުމިންވަރަކަށް ނުވަތަ އެއްވެސް ވަރަކަށް ކުރިމަތި ނުވެ ވެސް ހިގައިދާނެ އެވެ.
ފާހަގަކުރެވިފައިވާ ގޮތުގައި އިއްދައިން ކެނޑިފައިވާ އަންހެނާގެ މިޒާޖު ހިތްހަމަނުޖެހި، ރުޅިގަދަ ވެފައި ހުންނަ ވަރަކަށް މިފަދަ ކަންތައްތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން އިއްދައިން ކެނޑުމަށްފަހު އަންނަނިވި ކަންތައްތައް ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ.
- އާދަޔާ ޚިލާފު ހޫނު ކަމެއް އިހްސާސްވުން، ނުވަތަ ހަށިގަނޑުން ހޫނު އެރުން: މިހޫނުކަން މޭމަތިން ފެށިގެން ކަރާއި ކަދުރާއާއި، މޫނު އަދި ބޮލަށް ފެތުރިގެން ދެއެވެ. މިހޫނުކަން ގާތްގަނޑަކަށް މިނިޓެއް ވާއިރަށް ފިނިވެ، ދާހިއްލަން ފަށައެވެ. ކޮންމެ ވަގުތަކުވެސް މިގޮތަށް ހަށިގަނޑުން ހޫނުއެރުން މެދުވެރި ވެދާނެ އެވެ.
- ބޮލުގައި ރިހުން، ބޯއެބުރުން، ބަނޑުހަރުވުން، މޭތެޅޭގޮތް ވުން، ވަރުބަލިވުން، އަދި ރޭގަނޑު ދާހިއްލުން އިތުރުވުން ފަދަ ކަންތައްތައް ކުރިމަތިވާ މިންވަރު ގިނަވެ، އެކަމުގެ ޝަކުވާ ގިނަގިނައިން ކުރެވޭގޮތް ވެއެވެ.
- ނިދަން އުދަގޫވުން އަދި މިޒާޖާއި އުޅުމަށް ބަދަލު އަންނަ ގޮތްވެއެވެ. ބައެއް ފަހަރު ކަމަކާއި ހިތްހަމަ ނުޖެހި ގިނައިރު ތަކެއް ވަންދެން ވެސް ހުރެދާނެ އެވެ. ހަމަ މިހެން މާބޮޑަށް ހާސްވެ، ކަންބޮޑުވާގޮތް ވެސް ވެދާނެ އެވެ. ނުވަތަ ހިތްދަތިވެ، މާޔޫސްވާގޮތް ވެސް ވެދާނެ އެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމަކީ ވެސް ވެދާނެ ގޮތެކެވެ.
- ދަރިން ނުލިބޭ ބައެއް އަންހެނުން އިއްދައިން ކެނޑުމަށްފަހު ބަލިވެ އިން ކަމުގައި ބުނެއެވެ. މިގޮތަށް ބަލިވެ އިންކަމުގެ ވަހުމު އުފެދި އެޝަކުވާ ދަރިން ނުލިބޭ މީހުންކުރަނީ ގޭސް ނުވަތަ ވައި، އަދި ސަރުބީގެ ސަބަބުން ބަނޑުފުފޭގޮތް ވާތީ އެވެ.
- ވަރަށް ގިނަ އަންހެނުން އިއްދައިން ކެނޑުމަށްފަހު މާބޮޑަށް ބަރުދަން އިތުރުވެ، ފަލަވާގޮތް ވެއެވެ. ހަމަމިހެން މިމުއްދަތުގައި އިތުރުވެގެންދާ ނަފްސާނީ ފިއްތުންތަކުގެ ސަބަބުން ހަކުރު ބަލި ފަދަ ބަލިތަކަށް ބައެއް އަންހެނުން ހުށަހެޅޭގޮތް ވެއެވެ.
- ހަމަމިހެން އުމުރުން ދުވަސްވެގެން ދާއިރު ކަށިފީވުން، ހިތުގެ ބަލިތައް ޖެހުން ، އަދި ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ކަންތައްތައް ފެންމަތިވެގެން އާދެއެވެ.
- މަސާނާ، ގުރުދާ، އަދި ކުޑަކަމުދާ ނިޒާމްގެ އެހެން ބައިތަކުގައި އިންފެކްޝަން އުފެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދާން އުދަގޫވުން، އަދި ކުޑަކަމުދާއިރު ރިއްސައި ދިލަނެގުން ކުރިމަތިވާގޮތް ވެއެވެ.

އިއްދައިން ކެނޑުމަށް ފަހު ކުރިމަތިވާ އުދަގޫތަކުން ސަލާމާތްވާނީ ކިހެނެއް؟
އިއްދައިން ކެނޑުމަށްފަހު ކުރިމަތިވާ އުދަގޫތައް ނުވަތަ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދީ އެއީ ތަބީއީ ކަމެއްކަން އަންހެނާއަށް ވިސްނައިދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެއީ ކޮންމެ އަންހެނަކަށް ވެސް ކުރިމަތިވާ ދުވަސްވަރެއްކަން އަންގައިދީ ވިސްނައިދެވިދާނެ އެވެ. އިއްދައިން ކެނޑުމަކީ އަންހެން ވަންތަކަން ގެއްލިގެން ދިއުން ނޫންކަން އަމިއްލަ ނަފުސަށް ވެސް ގަބޫލުކުރަންވާނެއެވެ. ގިނަ ފަހަރު މިގޮތަށް ބުނެކިޔައިދީ ހެދުން ފަރުވާ އަކަށް ފުދެއެވެ.
އިއްދައިން ކެނޑުމަށް ފަހު ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރަން އާދަކުރަން ވާނެ އެވެ. ޚާއްޞަކޮށް ވިޓަމިން ޑީ ހިމެނޭ ކާނާގެ ބާވަތްތައް ގިނަކުރަންވާނެ އެވެ. ކަޅުސައި، ކޮފީ، އަދި ކޯލާ ފަދަ ބުއިންތަކާއި ދުރުހެލިވާށެވެ. އެއީ މިފަދަ ބުއިންތަކުގެ ސަބަބުން ނާރުތަކުގެ ނިޒާމް ހީވާގިވެ، ނިދިނައުމާއި، ހިތްހަމަނުޖެހުން ފަދަ ކަންތައްތައް މެދުވެރިކުރުވާތީ އެވެ.
ކޮންމެވެސް ކުޅިވަރެއް ކުޅުމަށް ނުވަތަ ލުއި ކަސްރަތެއް ކުރުމަށް އާދަކުރާށެވެ. ކޮންމެ ދުވަހަކު ވެސް ބޭރަށް ނިކުމެ، ހިގާލުމަކީ ހަށިގަނޑަށް ފައިދާހުރި ކަސްރަތެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑު ހީވާގިވެ، ކާހިތްވެ، ފަސޭހަ ކަމާއި އެކު ނިދުމަށް އެހީތެރިވެދެއެވެ.
ހޫނު އެރުމުން ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށްޓަކައި ނިދާކޮޓަރި ފިނިކޮށް ބެހެއްޓުން، ގަޔަށްދޫ އަދި ކަފަ ބޭނުންކޮށްގެން ހަދައިފައި ހުންނަ ހެދުން ބޭނުންކުރުން، އަދި ހޫނު އަރާން ފެށުމުން ފިނިބުއިން ބޭނުންކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ.
ބައެއް ކަހަލަ އުދަގޫތަކަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ލިބިގަންނަށް ޖެހެއެވެ. މިގޮތުން ޑަކްޓަރުން ބައެއް ފަހަރު ''އެސްޓްރަޖަން'' ހޯރމޯންގެ ފަރުވާގެ ގޮތުގައި ހަށިގަނޑަށް ފޮނުވައެވެ. މިހޯރމޯން ފަރުވާގެ ގޮތުގައި ބޭނުންކުރުމުން ހޫނު އެރުން، ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކާއި، އަންހެނާގެ ޖިންސީ ގުނަވަނުގައި ހިރުވައި ކެހުމުން އުފެދޭ އުދަގޫތައް ކުޑަކޮށްދޭ ކަމުގައި ބުނެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ބާލިޣުވުން



ބާލިޣުވުން
ބާލިޣުވު(puberty)މަކީ އެންމެ ތިލަ ބަހުން ބުނާނަމަ ބޮޑުވުމެވެ. ދިވެހި ބަހުގެ ރަދީފުގައި ވާގޮތުން ބާލިޣުވުމަކީ "ފިރިހެން ކުއްޖާ ނުވަ އަހަރު ފުރުމަށްފަހު ނިދީގައި ނުވަތަ އެހެން ވެސް ހާލެއްގައި މަނިބޭރުވުން"، ނުވަތަ " އަންހެން ކުއްޖާއަށް ނުވަ އަހަރު ފުރުމަށްފަހު ޙައިޟުވުން" މިއެވެ.
ބާލިޣުވުމަކީ އިންސާނާގެ ހަށިގަނޑުގައި ހޯރމޯންގެ މިންވަރަށް އަންނަ ބަދަލާ ގުޅިގެން ކުރިމަތިވާ ކަމެކެވެ. ފިރިހެންކުދިންނާ އަންހެންކުދިންނަށް ބާލިޣުވާ އުމުރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ބާލިޣުވާ އުމުރު ބަރޯސާވަނީ ކުއްޖާގެ ޖިންސު، ކެއުމަށް ބޭނުންކުރެވޭ ކާނާ، އަދި ހަށިގަނޑުގައި ހުންނަ ވިރާސީބަހާ ގެ މައްޗަށެވެ. އެހެންކަމުން އަންހެންކުދިންނާ ފިރިހެންކުދިން ބާލިޣުވާ އުމުރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ.
އަންހެންކުދިން ބާލިޣުވުން
އަންހެން ކުދިން ބާލިޣުވިކަން އެނގޭނެ ގޮތަކީ ޙައިޟުވުމެވެ. ނުވަތަ މައްސަރު ކަންތައް ޖެހުމެވެ. ބާލިޣުވުމުން އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގުނަވަންތައް ފުރާ ފުރިހަމަވެއެވެ. އަންހެން ވަންތަ ސިފަތައް އަންހެނާގެ ހަށިގަނޑުން ފާޅުވާން ފަށާނެ އެވެ. އާންމު ގޮތެއްގައި އަންހެން ކުދިން ބާލިޣުވަނީ އުމުރުން 14-12 އަހަރާ ދެމެދުގައެވެ. ނަމަވެސް ތަންކޮޅެއް ޞިއްޙަތު ރަގަޅުކޮށް ތިބޭކުދިން އެއަށްވުރެ ކުރިން (އުމުރުން 9 އަހަރުގައި) ބާލިޣުވުމަކީ ވެދާނެ ގޮތެކެވެ. މިއީ ދަރިމައިވުމުގެ ގާބިލިއްޔަތު އަންހެނުންނަށް ލިބެން ފަށާ އުމުރު ވެސް މެއެވެ. ބާލިޣުވުމަށްފަހު މައްސަރު ކަންތައް ގަވާޢިދުން ޖެހެމުންދާނެ އެވެ.
ސިކުނޑީގައި ޕިޓޫއިޓަރީ ގްލޭންޑުން ދޫކުރާ ގޯނަޑަޓްރޮޕިން ހޯރމޯން ތައް ކަމުގައިވާ ފޮލިކަލް ސްޓިމިއުލޭޓިން ހޯރމޯން އަދި ލޫޓީނައިޒިންގ ހޯރމޯން ގެ ސަބަބުން އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ބިސް އުފައްދާ ތަން ހީވާގިވެ، މުރާލިވެ އެތަނުގެ މަސައްކަތްތައް ހިންގަން ފަށާނެ އެވެ. އެގޮތުން ބިސް އުފައްދާ ތަނުން "އެސްޓްރަޖަން"(estrogen) ހޯރމޯން އުފައްދަން ފަށާނެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވަކި އުސޫލަކުން ކޮންމެ މަހަކު އެއްފަހަރު މައްސަރު ކަންތައް ޖެހެމުންދާނެ އެވެ.

އަންހެންކުދިން ބާލިޣުވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް
ބާލިޣުވުމަކީ ޖިސްމާނީގޮތުންނާ ނަފްސާނީ ގޮތުން ތަފާތު ބަދަލުތައް ގެނުވާނެ ކަމެކެވެ. އެގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި:-
·         ރަހިމު، ބިސްދަތުރުކުރާ ހޮޅި، އަދި ބިސް އުފައްދާ ތަން ހެދިބޮޑުވެ ފުރިހަމަވުން
·         ކޮންމެ މަހަކު ބިސް އުފައްދާ ތަނުން ބިސް ދޫކޮށް، މައްސަރު ކަންތައް ޖެހުން
·         އުރަމަތި ހެދި ބޮޑުވެ ފުރިހަމަވެ، އޭގެ ސައިޒުން ބޮޑުވާން ފެށުން
·         ކުރިމަތި ފަރާތާ ކިހިލިފަތް ދޮށުގައި އިސްތަށި ފަޅަން ފެށުން
·         ޅިނދު ބޮޑުވެ ސައިޒުން ފުޅާވުން
·         އުރަމައްޗާ، ބުޑުގައި ސަރުބީ ޖެހުން
·         އިސްކޮޅުން ދިގުވުން
·         ކުރިމަތި ފަރާތުން ހުދުކުލައިގެ ސާފު ދިޔައެއް އަންނަން ފެށުން
ފިރިހެންކުދިން ބާލިޣުވުން
ފިރިހެން ކުދިން ބާލިޣުވިކަން އެނގޭނެ ގޮތަކީ ކުރިމަތި ފަރާތުން މަނިބޭރުވުމެވެ. އާންމު ގޮތެއްގައި ފިރިހެން ކުދިން ބާލިޣުވަނީ އުމުރުން 14-10 އަހަރާ ދެމެދުގައެވެ. ނަމަވެސް މިއަށްވުރެ އަވަހަށް (9އަހަރުގައި) ބާލިޣުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ބާލިޣުވުމުން ސިކުނޑީގައިވާ ޕިޓޫއިޓަރީ ގްލޭންޑުން ލޫޓީނައިޒިންގ ހޯރމޯން އުފައްދައި ދޫކުރެއެވެ. މިހޯރމޯން އަކީ އޮށުގައި މަނި އުފައްދައިދޭ ހޮޅި ތަކުގެ ދެމެދުގައި ހުންނަ "ލީޑިގް ސެލް"(leydig cell) ތަކުން ފިރިހެނާގެ ޖިންސީ ހޯރމޯން "ޓެސްޓޮސްޓަރޯން"(testosterone) އުފެއްދުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ފިރިހެނުންގެ ހަށިގަނޑުގައި ފިރިހެން ވަންތަ ސިފަތައް ފާޅުވުމަށް އެހީތެރިވެދޭ ހޯރމޯން އަކީ މިއީ އެވެ.  

ފިރިހެންކުދިން ބާލިޣުވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް
ބާލިޣުވުމަކީ ޖިސްމާނީގޮތުންނާ ނަފްސާނީ ގޮތުން ތަފާތު ބަދަލުތައް ގެނުވާނެ ކަމެކެވެ. އެގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި:-
·         ކަށިތަކާ މަސްތައް ހެދިބޮޑުވެ، އިސްކޮޅާ ބަރުދަން އިތުރުވާން ފެށުން
·         ބައިމަތި ފުޅާވުން
·         ލަގޮނޑި ބޮޑުވެ، އަޑުފެޅުން
·         މޫނުމަތި، ކިހިލިފަތްދޮށް، މޭމަތި، ބަނޑު، އަދި ކުރިމަތި ފަރާތުގައި އިސްތަށިފެޅުން
·         ޒަކަރު، އުރަވަޅި، އޮށް، އަދި ޕްރޮސްޓޭޓް ގްލޭންޑް ހެދިބޮޑުވެ ފުރިހަމަވުން
·         މަނި އުފައްދާ ހޮޅިތައް ހެދިބޮޑުވެ، މަނި އުފައްދަން ފެށުން
·         ރޭގަނޑު ނިދީގައި އިހުތިލާމުވުން (މަނިބޭރުވުން)
·         ހަންބޯވެ،ތެޔޮވެ، ދާހިއްލަން ފެށުން

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :
Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.