Sunday, May 31, 2015

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް


މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް
މިއަދު 31 މެއި އަކީ ދުނިޔޭގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 1987 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ވަކި ޝިއާރެއް ކަނޑައަޅައި މިދުވަސް ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދުންފަތުންކުރާ ވަގުވިޔަފާރި ހުއްޓާލާ" މިއެވެ. މިއަހަރުގެ ޝިއާރު އަމާޒުކޮށްފައިވަނީ ގައުމުތައް ގުޅިގެން ދުންފަތުގެ ވަގުވިޔަފާރިކުރުން ހުއްޓުމަށް ބާރުއެޅުމަށެވެ. ދިރާސާތައް ދައްކާގޮތުގައި ކޮންމެ 10 ސިގިރޭޓަކުން 1 ސިގިރޭޓަކީ ވަގުވިޔަފާރީގެ މުއާމަލާތުގެ ތެރެއިން ބޭނުންވާ މީހުންނަށް ފޯރުކޮށްދެވޭ އެއްޗެކެވެ. 


ދުންފަތާ ދުރުހެލިވުމާއި، ދުންފަތް ކޮންޓްރޯލްކުރުމަށާއި، ދުންފަތާ ދެކޮޅަށް ތަފާތު ހަރަކާތްތައް ކޮންމެ އަހަރަކު ވެސް މިދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ވެސް ހިންގެއެވެ. އެގޮތުން މިއަހަރު އެންމެ ފާހަގަކުރެވޭ މިފަދަ ހަރަކާތަކީ ފުރާވަރުގެ ކުދިންނާއި، ޒުވާނުންނަށް އަމާޒުކުރެވިގެން ހިންގޭ، "ބޭނުމީ ދިރިއުޅުން" ކެމްޕޭން އެވެ. މިއީ ފުރާވަރުގެ ކުދިންނާއި، ޒުވާނުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިކޮށް، ދުންފަތުގެ އިސްތިއުމާލުކުރަން ފެށުން މަދުކޮށް، އާންމު ރައްޔިތުން ދުންފަތުގެ ދުމުން ރައްކާތެރިކުރުމުގެ މަގުޞަދުގައި ހިންގޭ ހަރަކާތެކެވެ. 

ދުންފަތުގެ ވަގުވިޔަފާރި މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ ފުރާވަރުގެ ކުދިންނާއި، ޒުވާނުންނާއި، ދަށްފަށްތީގެ އާންމު ދަނީ ލިބޭ ފަރާތްތަކަށެވެ. އެއީ މިފަދަ އުފެއްދުންތައް އަގުހެޔޮވުމާއެކު، މިދެންނެވި ފަރާތްތައް ދުންފަތާ ދިމާލަށް ގެންގޮސްދޭ ވަޞީލަތަކަށް އަގުހެޔޮކޮށް ދުންފަތުގެ އުފެއްދުންތައް ލިބެންހުރުން ވެގެންދާތީ އެވެ. ދުންފަތުގެ ވަގު އުފެއްދުން ތަކުގެ ބޭރުގައި ދުންފަތުން ލިބޭ ޞިއްހީ ގެއްލުމުގެ އިންޒާރު މެސެޖު ލިޔެފައެއް ނުހުރެއެވެ. ބައެއް ފަހަރު ކުޑަކުދިން ވެސް ދުންފަތުގެ ވަގުވިޔަފާރީގައި ބައިވެރިކުރާކަން ފާހަގަ ކުރެވެއެވެ. ވަރަށް ގިނަ ފަހަރު ދުންފަތުގެ ވަގުވިޔަފާރީގެ ތެރެއިން ފަސާދަ އަށް މަގުފަހިވެ، ފަސާދައިގެ އަމަލުތައް ހިންގާކަމަށް ފާހަގަ ކުރެވެއެވެ. 

ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ނުކުޅެދުންތެރިކަން މެދުވެރިވެ، އަދި ޅައުމުރުގައި މީހުންމަރުވާ އެންމެ އާންމު ސަބަބެއްކަމަށް ފާހަގަކުރެވިފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެއީ އެންމެ އާންމުކޮށް މީހުން މަރުވާ އަށް ބަލީގެ ތެރެއިން ތަފާތު ހަ ބައްޔެއް ޖެހުމަށް މަގުފަހިކުރާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު 6 މިލިއަން މީހުން ދުނިޔެދޫކުރާކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ދުންފަތުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި ކޮންމެ 6 ސިކުންތަކުން އެކަކު ދުނިޔެ ދޫކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހުން މަރުވެއެވެ. އެންމެ ސިގިރޭޓަކުން މީހާގެ އުމުރުން 11 މިނިޓް ކުރުކޮށްލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީހާގެ އުމުރުން 19 އަހަރު ކުރުކޮށްލާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކޮށް، އެކަމާއި ދެކޮޅަށް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ 2030 ވަނަ އަހަރަށް ދާއިރު ދުންފަތުގެ ސަބަބުން ދުނިޔެދޫކުރާ މީހުންގެ އަދަދު 8 މިލިޔަނަށް އަރާނެކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ހާމަކުރެއެވެ. އަދި އޭގެތެރެއިން %80 މީހުން ނިސްބަތްވާނީ ފަގީރު ނުވަތަ މެދު ފަންތީގެ ގައުމުތަކަށް ކަމުގައި ލަފާކުރެއެވެ. މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހަށް ވުމާއެކު، ދުންފަތުން ދުރުހެލިވުމަށް މިފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅައި، އެކަމަށް މަސައްކަތް ފެށުމަކީ އުފާވެރި ހަޔާތެއްގައި ދެމިހުރުމަށް ކުރެވޭ ރަގަޅު ކަމަކަށްވާނެއެވެ.  




ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޞިއްޙަތު ދުވަސް، ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް، ދުނިޔޭގެ ލޭހަދިޔާކުރާ ދުވަސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް، އަދި ދުނިޔޭގެ އޭޑްސް ދުވަހެވެ.


ދުންފަތުގެ އިސްތިއުމާލުކުރުން : ހައިރާންކުރުވަނިވި ހަގީގަތްތައް

ދުންފަތުގެ އިސްތިއުމާލުކުރުން: ހައިރާންކުރުވަނިވި ހަގީގަތްތައް
ދިވެހި ރާއްޖޭގައި:
1-      އެއްދުވަހުގެތެރޭގައި މާލޭގެ މަގުމަތިން 71 ކިލޯ ނުވަތަ 83834 ސިގިރެޓް ހުސްކުރި ފޮށި ފެނިފައިވޭ!
2-      އާސަންދައިން ހޭދަކުރެވޭ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން ހޭދަކުރެވޭ 5 ބައްޔަކީ ސީދާ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތައްކަން ފާހަގަކުރެވޭ!
3-      ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ޅަ އުމުރަކީ 9 އަހަރު ކަމަށް ދިރާސާތަކުން ދައްކާ!
4-      މަސްތުވާތަކެތި ބޭނުން ކޮށްފައިވާ މީހުންގެތެރެއިން % 100 މީހުން މަސްތުވާތަކެތި ބޭނުންކުރަން ފެށީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމަށް ރާއްޖޭގެ ދިރާސާއިން ދައްކާ!
5-      ދުންފަތުގެ އިސްތިއުމާލުކުރުމަށް ދިވެހިން އަހަރަކު ގާތްގަނޑަކަށް 1 ބިލިޔަން ރުފިޔާ ޚަރަދުކުރޭ!
6-      ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން ކޮންމެ 4 މީހުންގެ ތެރެއިން އެކަކު މަރުވެފައިވަނީ (%27) ސީދާ ދުންފަތުގެ ސަބަބުން!
ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުން:
2011 ވަނަ އަހަރު ރާއްޖޭގައި ހިންގި ގްލޯބަލް ޔޫތު ޓޮބޭކޯ ސާރވޭ އިން ދެއްކި ގޮތުގައި ސާރވޭގައި ބައިވެރިވި 2641 ކުދިންގެ ތެރެއިން:
·         %11.2 ކުދިން ކޮންމެ ވެސް ސިފައެއްގައި ދުންފަތުގެ އިސްތިއުމާލުކުރޭ! އޭގެތެރެއިން %4.3 ކުދިން ސިގިރޭޓް ބޯއިރު، %2.5 ކުދިން ގުޑުގުޑާ ބޯކަން ފާހަގަކުރެވޭ!
·         3/1 ކުދިން ދިރިއުޅޭ ގޭގައި އެހެން މީހުން ދުންފަތުގެ އިސްތިއުމާލުކުރޭ!
·         ކޮންމެ 5 ކުދިންގެ ތެރެއިން 2 ކުދިން ދުންފަތުގެ ދުމަށް ހުށަހެޅޭ!
·         ކޮންމެ 5 ކުދިންގެ ތެރެއިން 2 އަށްވުރެ ގިނަކުދިންގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިއުމާލުކުރޭ!
·         ކޮންމެ 10 ކުދިންގެ ތެރެއިން ގާތްގަނޑަކަށް 9 ކުދިން ގަބޫލުކުރާގޮތުގައި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަންޖެހޭ!
·         ކޮންމެ 10 ކުދިންގެ ތެރެއިން 1 ކުއްޖެއްގެ އަތުގައި ސިގިރޭޓް ބްރޭންޑްގެ ލޯގޯ ޖަހާފައި އޮންނަ އެއްޗެއް އޮވޭ!
·         ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެންކުދިން ބަލާބެލުމަށް މާ ރީތި ކަމަށް ޤަބޫލް ކުރަނީ ހަމައެކަނި %10.5 ކުދިންނެވެ!
·         ދުންފަތުގެ އިސްތިއުމާލުކުރާ އަންހެންކުދިން ބަލާބެލުމަށް މާ ރީތި ކަމަށް ޤަބޫލް ކުރަނީ ހަމައެކަނި %7 ކުދިންނެވެ!
·         ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެންކުދިންގެ  ރަހުމަތްތެރިން ގިނަ ކަމަށް %32.9 ކުދިން ގަބޫލުކުރޭ!
·         %11.5 ކުދިން ގަބޫލުކުރާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ އަންހެންކުދިންގެ  ރަހުމަތްތެރިން މާގިނަ!
ދުނިޔޭގައި:
7-      ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ނުކުޅެދުންތެރިކަން މެދުވެރިވެ، އަދި ހަނގު އުމުރުގައި މަރުވާ އެންމެ އާންމު ސަބަބެއްކަމަށް ފާހަގަކުރެވިފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން!  
8-      ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އެންމެ އާންމުކޮށް މީހުން މަރުވާ އަށް ބަލީގެ ތެރެއިން ތަފާތު ހަ ބައްޔެއް ޖެހުމަށް މަގުފަހިކުރާ ކަމެއް!  
9-      އެންމެ ސިގިރޭޓަކުން މީހާގެ އުމުރުން 11 މިނިޓް ކުރުކޮށްލާކަމަށް ދިރާސާތަކުން ދައްކާ!
10-  ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީހާގެ އުމުރުން 19 އަހަރު ކުރުކޮށްލާ ކަމެއްކަމަށް ދިރާސާތަކުން ދައްކާ!
11-  ފަހުގެ ދިރާސާތައް ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހުން ޅައުމުރުގައި މަރުވޭ!
12-  ދުންފަތުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި ކޮންމެ 6 ސިކުންތަކުން އެކަކު ދުނިޔެ ދޫކުރޭ!
13-  ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު 6 މިލިއަން މީހުން ދުނިޔެދޫކުރާކަމަށް ތަފާތު ހިސާބުތަކުން ދައްކާ! މީގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުން!
14-  ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކޮށް، އެކަމާއި ދެކޮޅަށް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ 2030 ވަނަ އަހަރަށް ދާއިރު ދުންފަތުގެ ސަބަބުން ދުނިޔެދޫކުރާ މީހުންގެ އަދަދު 8 މިލިޔަނަށް އަރާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާކުރޭ!
15-   ވޯރލްޑް ބޭންކުގެ ދިރާސާތަކުން  ދައްކާގޮތުގައި ދުންފަތުގެ ސިނާއަތުން ޤައުމަކަށް އިގުތިޞާދީ ގޮތުން ބަލާއިރު ޖުމުލަކޮށް ލިބެނީ ގެއްލުން! މިހިސާބުތަކުން ދައްކާ ގޮތުގައި ސިނާއަތަށް ލިބޭ ފައިދާއާއި ޓެކްސް އިން ލިބޭ ފައިދާއަށް އަޅާކިޔާ އިރު ޞިއްޙީ ގެއްލުންތަކަށް ކުރަން ޖެހޭ ޚަރަދު ގިނަވޭ! އަދި މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ފުއްދުންތެރިކަން ދަށްވުމުން ދިމާވާ ގެއްލުންތައް އިތުރުވެގެންދޭ!
16-  ދިރާސާތައް ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވޭ! އަދި ކޮންމެ 3 މީހުންގެ ތެރެއިން އެކަކު ހުއްޓާލުމަށް މަސައްކަތްކުރޭ! ނަމަވެސް އެހެން މީހުންގެ އެހީތެރިކަމާ ނުލާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލެވެނީ އެންމެ %3-2 މީހުންނަށް!