Tuesday, September 29, 2015

ހިތާއި ލޭހޮޅިތަކުގެ ބަލިތައް

ހިތާއި، ލޭހޮޅިތަކުގެ ބަލިތައް
ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމެވެ. މިފަދަ ބަލިތަކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ، ކޮންމެ ނަސްލެއް، ކޮންމެ ޖިންސެއް، އަދި ކޮންމެ އުމުރު ފުރާއެއްގެ މީހަކަށް ވެސް ޖެހިދާނެ ބަލިތަކެކެވެ. ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށް ވެސް މިފަދަ ބަލިތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގައި މިހާރު، އަހަރަކު 17.3 މިލިޔަން މީހުން ދުނިޔެ ދޫކުރެއެވެ. އޭގެތެރެއިން %80 މީހުން ނިސްބަތްވަނީ ދަށް (ފަގީރު) އަދި މެދު ފަންތީގެ ގައުމުތަކަށެވެ. ދުނިޔޭގެ އެންމެ ގިނައިން މީހުން މަރުވަނީ ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކުގެ ސަބަބުންނެވެ. އެގޮތުން ކޮންމެ 10 މީހުންގެ ތެރެއިން 3 މީހުން މަރުވަނީ ހިތާއި، ލޭހޮޅިތަކުގެ ބަލިތަކުގައެވެ. މިފަދަ ބަލިތަކުގައި ދުވަސްތައް ހޭދަކުރާ މީހުން (ޚާއްޞަކޮށް ދަށް އަދި މެދުފަންތީގެ ގައުމުތަކުގައި) އެމީހުންގެ މަސައްކަތްތެރިކަމުގެ ގޮތުން އެންމެ އުފެއްދުންތެރި އަހަރުތަކުގައި (އުމުރުން 70 އަހަރުވުމުގެ ކުރިން) ދުނިޔެދޫކޮށްދާކަން ފާހަގަކުރެވެއެވެ. މިއީ އެފަދަ ބަލިމީހުންގެ އާއިލާތަކަށް މާލީގޮތުންނާއި، ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކުރުވާ ކަމަކަށް އޮންނަނީ ވެފައެވެ. 


ބޮޑެތި މީހުންނަށްޖެހޭ ވަރަށް ގިނަ ބަލިތައް މޫލައި ފެށިގެން އަންނަނީ ފުރާވަރުގެ ދުވަސްވަރުގައެވެ. އަދި އެފަދަ ބަލިތަކުގައި އެމީހެއްގެ އުމުރާއަޅާ ބަލާއިރު މާއަވަހަށް ދުނިޔެދޫކުރާކަން ފާހަގަކުރެވެއެވެ. ކުޑަކުދިން ގިނަ ފަހަރު ޞިއްޙީ އާދަތައް ގެންގުޅެން ފަށަނީ ބޮޑެތި މީހުން ދައްކާ ގޮތަކަށެވެ. އެހެންކަމުން ކުޑަކުދިންނަށް ރަގަޅު ޞިއްޙީ އާދަތައް ދަސްކޮށްދީ، އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ބޮޑުވުމުން އެކުދިންނަށް ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެވޭނެ ކަމެކެވެ. 

އުމުރުން ދުވަސްވާވަރަކަށް ހިތާއި ލޭހޮޅިތަކަށް ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުވަމުން ދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްމެ، މިފަދަ ބަލިތަކަށް މަގުފަހިކުރުވާ ކަންތައްތަކާ ދުރުހެލިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރެވިދާނެއެވެ. އުމުރުން ދުވަސްވާއިރު، ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓޭނެ ގޮތްތައް ހޯދައި، ދެނެގަންނާށެވެ. އެއީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިކަން ހޯދިދާނެ ގޮތެކެވެ. 

ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ސަބަބުން ޅައުމުރުގައި މީހުން ދުނިޔެ ދޫކުރެއެވެ. އާންމުކޮށް ހީކުރެވިފައި އޮންނަ ގޮތާއި ޚިލާފަށް މިފަދަ ބަލިތަކުގެ އަސަރު އަންހެނުންނާއި، ކުޑަކުދިންނަށް ވެސް ކުރެއެވެ. ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ ސަބަބުން މަރުވާ ނިސްބަތް ކުޑަކުރެވިދާނެއެވެ. ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ، ނަފްސާނީ، އަދި މާލީ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ސަރުކާރުތަކާ، މުޖުތަމަޢުތަކާ، އާއިލާތައް، އަދި ވަކިވަކިފަރުދުން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. މުސްތަގުބަލްގައި ހުރިހާ އެންމެންގެ ހިތުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވަގުތުން މަސައްކަތްތަކެއް ފަށަންޖެހެއެވެ. ކަސްރަތު ކުރުމާއި، ހަށިގަނޑަށް ޞިއްޙީގޮތުން ފައިދާހުރި ކާބޯތަކެތި ކެއުމަށް ބާރުއަޅައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ޖެހެއެވެ. 

ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކަށް މަގުފަހިކުރާ މައިގަނޑު ކަންތައްތަކީ ކޮންޓްރޯލްކުރެވިދާނެ، ފަރުވާކުރެވިދާނެ، ނޫނީ ބަދަލުކުރެވިދާނެ ކަންތައްތައް ކަން އުފަލާއެކު ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ހަމައެކަނި ޞިއްޙީ ދާއިރާއިން މަސައްކަތްކޮށްގެން މިފަދަ ކަންކަން ހައްލެއް ނުކުރެވޭނެ އެވެ. ކޮންމެ މީހަކަށްމެ، އެމީހަކާ، އެމީހެއްގެ އާއިލާ މިފަދަ ބަލިތަކަށް މަގުފަހިކުރުވާ ކަންތައްތަކާ ދުރުހެލިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރެވިދާނެއެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށާއި، ހެލިފެލިވެއުޅުމާއި، ދުންފަތުން ދުރުހެލިވުމަށް އެހެން މީހުންނަށް ހިތްވަރުދީ، ބާރު އަޅަންޖެހެއެވެ.   އެހެނީ ދުޅަހެޔޮ މީހުންތަކެއް (މުޖުތަމައެއް) ބިނާކުރެވޭނީ ދުޅަހެޔޮ ކުދިންތަކެއް އުފެއްދިގެންނެވެ. ދުޅަހެޔޮ މީހުންތަކެއް ބިނާކުރެވިއްޖެނަމަ، އާއިލާތަކާ، މުޖުތަމަޢުތަކުގެ  ދުޅަހެޔޮކަން ވެސް އިތުރުވެގެންދާނެ އެވެ.

ހިތާއި، ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތައް
ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތައް ދެބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ :-
·         ބަދަލުނުކުރެވޭ ކަންތައްތައް
·         ބަދަލުކުރެވިދާނެ ކަންތައްތައް
ބަދަލުނުކުރެވޭނެ ކަންތައްތައް
ހިތާއި، ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ ބައެއް ކަންތައްތަކަކީ އަހަރެމެންނަށް ބަދަލުނުކުރެވޭނެ، ނޫނީ ރަގަޅު ނުކުރެވޭނެ، ނޫނީ ކޮންޓްރޯލް ނުކުރެވޭނެ ކަންތައްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ :- 

(ހ) - އުމުރު : އުމުރުން ދުވަސްވާވަރަކަށް ހިތާއި ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. މިހެންވަނީ އުމުރުން ދުވަސްވުމުން އެހެން އެއްވެސް ބައްޔެއް ނެތަސް، ތަބީޢީ ގޮތުން ހިތުގެ ހިނގުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އުމުރުން ދުވަސްވުމުން ހިތުގެ މަސްތައް ގުޅަކައި، ހަރުއަރާގޮތް ވެދާނެ އެވެ. މިހެންވުމުން ހިތުގެ މަސައްކަތްތައް އެދެވޭ ގޮތެއްގައި ފުރިހަމަކުރުމަށް ނުކުޅެދެއެވެ. 

މިކަން މިގޮތަށް އޮތަސް، ފަހުގެ ދިރާސާތަކުގެ އަލީގައި ޔަގީންކުރެވިފައިވާ ގޮތުގައި ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހޭ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. މިކަން މިގޮތަށް ދިމާވަނީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، މަދު ބަޔަކު ނަމަވެސް ބަނގުރާބުއިން، ތެޔޮ ސަރުބީ އެކުލެވޭ ބާވަތްތައް މާގިނައިން ބޭނުންކުރުން، އެނާޖީ ޑްރިންކް، އަދި ފިޒީ ޑްރިންކްގެ ބާވަތްތައް މާގިނައިން ބޭނުންކުރުން، އެކަށޭނަ ވަރަށް ހެލިފެލިވެނޫޅުން، އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ބާވަތްތައް ނުކެއުން ފަދަ ޞިއްޙީ ގޮތުން ރަގަޅު ނޫން އާދަތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. 

(ށ) - ޖިންސް : އާންމުކޮށް (އިއްދައިން ނުކެނޑޭ) އަންހެނުންނާއި، އަޅާބަލާއިރު، ފިރިހެނުންނަށް ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް އިއްދައިން ކެނޑޭ އުމުރަށްފަހު، އަންހެނުންނާއި ފިރިހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ހަމަހަމަކަން ފާހަގަ ކުރެވެއެވެ. ސްޓްރޯކްޖެހުމުގެ ފުރުޞަތު އަންހެނުންނާއި، ފިރިހެނުންނަށް ވެސް އޮންނަނީ ދާދި އެއްވަރަކަށެވެ. އުމުރުން 45 އަހަރަށްވުރެ މަތިވުމުން ފިރިހެނުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ. އަންހެނުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު އިތުރުވަނީ އާންމުކޮށް އިއްދައިން ކެނޑުމަށްފަހުގައެވެ. 

(ނ) - އާއިލާގެ ތެރޭގައި ބަލި ވާރުތަވުން : އާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އައުމަކީ އެމީހަކަށް ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ. އެއްބަނޑު އެއްބަފާ ، އެއްބަފާ، ނޫނީ އެއްބަނޑު ފިރިހެނަކަށް އުމުރުން 55 އަހަރުވުމުގެ ކުރިން، އަދި އަންހެނަކަށް އުމުރުން 65 އަހަރުވުމުގެ ކުރިން ހާޓް އެޓޭކްޖެހުން، ނޫނީ ސްޓްރޯކްޖެހިފައިވާނަމަ، އެމީހަކަށް ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. 

ބަދަލުކުރެވިދާނެ (ރަގަޅުކުރެވިދާނެ) ކަންތައްތައް
ހިތާއި ލޭހޮޅިތަކަށް ބަލިޖެހުމަށް މަގުފަހިކުރާ ގިނަ ކަންތައްތަކަކީ ކޮންޓްރޯލްކޮށް، ފަރުވާކޮށް، ނޫނީ ބަދަލުކުރެވިދާނެ ކަންތައްތަކެވެ. އޭގެތެރޭގައި ލޭގެ ޕްރެޝަރު މަތިވުން، ލޭގައި ސަރުބީގެ މިންވަރު މަތިވުން، މާބޮޑަށް ބަރުދަން އިތުރުވެ ފަލަވުން، ދުންފަތުގެ އިސްތިއުމާލުކުރުން، ހެލިފެލިވެނޫޅުން، އަދި ހަކުރު ބަލި ފަދަ ކަންތައްތައް ހިމެނެއެވެ. 

ހިތާއި ލޭހޮޅިތަކަށް ބަލިޖެހުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވަނީ ލޭމައްޗަށްދިއުމުގެ ސަބަބުންނެވެ. އެއީ ގާތްގަނޑަކަށް ދުނިޔޭގައި މަރުވާ މީހުންގެ %13 އެވެ. ދެވަނަ އެންމެ ގިނަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުންނެވެ. އެއީ ގާތްގަނޑަކަށް %9 އެވެ. ލޭގައި ހަކުރު މަތިވުމުގެ ސަބަބުން ދުނިޔޭގެ އާބާދީގެ %6 މީހުން މަރުވާއިރު، ހެލިފެލިވެނޫޅުމުގެ ސަބަބުން ވެސް %6 މީހުން މަރުވެއެވެ. އާދަޔާ ޚިލާފަށް ބަރުހެލިވެ، ފަލަވުމުގެ ސަބަބުން މީހުން މަރުވާ ނިސްބަތް އުޅެނީ %5 ގައެވެ. 

(1) - ލޭމައްޗަށްދިއުން (ލޭގެ ޕްރެޝަރު މަތިވުން)
ލޭގެ ޕްރެޝަރު ބަލަނީ ދެއަދަދަކުންނެވެ. ލޭގެ ޕްރެޝަރު ލިޔެފައި އޮންނައިރު އެއް އަދަދުގެ މަތީގައި އަނެއް އަދަދު އޮންނާނެ އެވެ. ލޭގެ ޕްރެޝަރު ރިކޯޑުކުރަނީ މިލިމީޓަރ މާކަރީ އިންނެވެ. މިސާލަކަށް މީހެއްގެ ލޭގެ ޕްރެޝަރަކީ 78/120 މމ މާކަރީ އެވެ. ލޭގެ ޕްރެޝަރ ލިޔާއިރު މަތީގައި އޮންނަ އަދަދަކީ ސިސްޓޮލީކް ޕްރެޝަރ އެވެ، މިއީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލާއިރު، ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ލޭގެ ޕްރެޝަރ ލިޔާއިރު ތިރީގައި އޮންނަ އަދަދަކީ ޑަޔަސްޓޮލީކް ޕްރެޝަރ އެވެ. މިއީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލުމަށްފަހު، ހިތް ހަމައަކަށްއެޅޭ ވަގުތުގައި ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވާ ބާރުމިނެވެ. ލޭމައްޗަށްދިއުން ކަމަށް ބެލެވެނީ ސިސްޓޮލީކް ޕްރެޝަރު 140 އަށްވުރެ މަތިވުމާއެކު، ޑަޔަސްޓޮލީކް ޕްރެޝަރު 90 އަށް ވުރެ މަތީ މިންވަރެއްގައި (ތަކުރާރުކޮށް4-3 ފަހަރު ބަލާއިރު ވެސް) ހުރުމުންނެވެ. 

ލޭމައްޗަށްދިއުމަކީ "ނޭނގި ހުއްޓައި މަރާ" ހަމައަށް ގެންދާ ކަމެކެވެ. އެއީ އާންމު ގޮތެއްގައި ލޭމައްޗަށްދިއުމުގެ ސަބަބުން ވަކި އުދަނގޫތަކެއް، ނުވަތަ ނިޝާންތަކެއް ފާހަގަކުނުކުރެވޭތީ އާއި، ގިނަ މީހުންނަށް ލޭމައްޗަށްދިއުން އެމީހެއްގެ ކިބައިގައި ހުރިކަން ނޭނގޭތީ އެވެ. ގަވާއިދުން ލޭގެ ޕްރެޝަރ ހުންނަ މިންވަރު ބަލަންޖެހެނީ މިސަބަބާ ހުރެއެވެ.
·         ދުނިޔޭގައި ލޭމައްޗަށްދިއުން ކުރިމަތިވެފައިވާ 1 ބިލިޔަން މީހުން އެބަތިއްބެވެ. މީގެތެރެއިން 3/2 މީހުން ދިރިއުޅެނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައެވެ.
·         ލޭމައްޗަށްދިއުމަކީ ޅައުމުރުގައި މީހުންމަރުވާ އެންމެ އާންމު އެއް ސަބަބެވެ. ލަފާކުރެވޭގޮތުގައި 2025 ވަނަ އަހަރާ ހަމައަށްދާއިރު 1.56 ބިލިޔަން މީހުންނަށް ލޭމައްޗަށްދިއުން ކުރިމަތިވާނެއެވެ.
·         ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގައި އެންމެ ގިނައިން މީހުން މަރުވަނީ ލޭމައްޗަށްދިއުމުގެ ސަބަބުންނެވެ.
·         ލޭމައްޗަށްދާ މީހުންނަށް ހަކުރު ބަލީގެ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
 (2) - ދުންފަތުގެ އިސްތިއުމާލުކުރުން
ލަފާކުރެވޭގޮތުގައި ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ %10 ކުރިމަތިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންނާއި، ޒުވާނުންނާއި، މާގިނައިން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މިހާރު ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލުކުރާ 1 ބިލިޔަން މީހުން އެބަތިއްބެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ 2 އަހަރުގެ ތެރޭގައި ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު ފާހަގަކުރެވޭ މިންވަރަކަށް ދަށްވެގެން ދެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާތާ 15 އަހަރުގެ ތެރޭގައި ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތައް ކުރިމަތިވުމުގެ ފުރުޞަތު، ދުންފަތުގެ އިސްތިއުމާލުނުކުރާ މީހެކޭ އެއްވަރަށް ދަށްވެގެންދެއެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުމެކޭ އެއްފަދައިން އެކަން ނުކުރާ މީހާ ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ވެސް ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާނެ ކަމެކެވެ. 

(3) - ލޭގައި ހަކުރު މަތިވުން ( ހަކުރު ބަލި )
ލޭގައި ހަކުރުގެ މިންވަރު މަތިވުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. ހަކުރު ބަލި ހުރިކަމަށް ބަލަނީ ހައިބަނޑާހުރެ ލޭގައި ހަކުރު (ގުލްކޯޒު)ގެ މިންވަރު ބަލާއިރު ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 126 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީގައި ހަކުރު (ގުލްކޯޒު) ހުރިނަމަ އެވެ. ހަކުރު ބަލި ނުހުންނަ މީހަކަށްވުރެ، ހަކުރު ބަލި ހުންނަ މީހަކަށް ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތައް ކުރިމަތިވުމުން ރަގަޅުވުމުގެ ނިސްބަތް ކުޑައެވެ. ހަކުރު ބަލި އަވަހަށް ދެނެނުގަނެވުމާއި، ރަގަޅަށް ފަރުވާ ނުލިބުމުން ހާޓް އެޓޭކް ޖެހުން، ސްޓްރޯކްޖެހުން، ކިޑްނީ ފޭލްވުން، ލޯއަނދިރިވުން، އަދި ފައިބުރިކޮށްލަންޖެހުން ފަދަ ނުރައްކާތައް ދިމާވާގޮތް ވެއެވެ. ލޭގައި ގުލްކޯޒު (ހަކުރު) ގެ މިންވަރު މަތިވުމަކީ ހަކުރު ބަލީގެ ނިޝާނަކަށް ވެދާނެއެވެ. (ހަކުރު ބަލީގެ ކަމަކަށް ވެދާނެއެވެ). ހަކުރު ބަލި  ދެނެނުގަނެވި، ނުވަތަ ފަރުވާނުކުރެވި، ދޫކޮށްލެވިއްޖެނަމަ، އެއީ ހިތުގެ ބައްޔާއި، ސްޓްރޯޖެހުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ.   
·         ހަކުރު ބަލި ހުންނަ މީހުންނަށް ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު 3-2 ގުނަ އިތުރެވެ. އަދި އަންހެނުންނަށް މިފުރުޞަތު ނިސްބަތުން މައްޗެވެ.
·         2008 ވަނަ އަހަރު ހަކުރު ބަލިޖެހިގެން 1.3 ބިލިޔަން މީހުން މަރުވެފައި ވެއެވެ.
·         2008 ވަނަ އަހަރު ހަކުރު ބަލި ޖެހުނުކަމަށް ލަފާކުރެވިފައިވަނީ %10 މީހުންނެވެ.
·         ބައެއް ގައުމުތަކުގައި ހަކުރު ބަލި ހުންނަ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުޞަތު 2 ގުނަ އިތުރެވެ.
·         ހަކުރު ބަލީގެ މީހުންގެ ތެރެއިން %60 މީހުން މަރުވަނީ ހިތާއި، ލޭހޮޅިތަކަށްޖެހޭ ބަލިތަކުގައެވެ.
(4) - ހެލިފެލިވެއުޅުން މަދުވުން (ހަށިގަނޑުގެ(ޖިސްމާނީ) ހަރަކާތްތެރިކަން ކުޑަވުން)
ހެލިފެލިވެއުޅުން މަދުކަމުގައި ބަލަނީ ޖިސްމާނީގޮތުން ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވެގެން ހަފްތާއަކު 5 ދުވަހު، ދުވާލަކު 30 މިނިޓަށްވުރެ މަދުވުމަށެވެ. ފަގީރު (ތަރައްގީވަމުން އަންނަ) ގައުމުތަކާ އަޅާބަލާއިރު، މުއްސަދި (ތަރައްގީވެފައިވާ) ގައުމުތަކުގައި އެކަށޭނަވަރަށް ހެލިފެލިވެއުޅޭ މިންވަރު ދަށްކަން ފާހަގަކުރެވެއެވެ. މިގޮތަށް ދިމާވަނީ ތަރައްގީވެފައިވާ ގައުމުތަކުގައި އެކި މަސައްކަތްތަކުގައި ލުއިފަސޭހަގޮތްތައް ފަހިވެފައި ހުރުމާއި، ދަތުރުފަތުރުކުރުމުގެ ޚިދުމަތްތައް ފުރިހަމަކަމުންނެވެ.
·         ހެލިފެލިވެ އުޅުން މަދުވުމަކީ (އެކަށޭނަވަރަށް ހެލިފެލިވެނޫޅުމަކީ) ދުނިޔޭގައި 4 ވަނަ އަށް އެންމެ ގިނައިން މީހުން މަރުވުމަށް މަގުފަހިކުރާ ކަންތަކެވެ.
·         ގާތްގަނޑަކަށް އަހަރަކު 3.2 ބިލިޔަން މީހުން އެކަށޭނަވަރަށް ހެލިފެލިވެ ނޫޅުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި ދުނިޔެ ދޫކުރެއެވެ.
·         ގަވާއިދުން އެކަށޭނަ ވަރަށް ހެލިފެލިވެ އުޅޭ މީހުންނަށްވުރެ، އެކަށޭނަ ވަރަށް ހެލިފެލިވެ ނޫޅޭ މީހުން ތަފާތު ޞިއްޙީ މައްސަލަތަކުގައި ދުނިޔެ ދޫކޮށް ދިއުމުގެ ފުރުޞަތު %30-20 އިތުރުކަމަށް ދައްކައެވެ.
·         2008 ގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އުމުރުން 15 އަހަރުން މަތީގެ މީހުންގެ ތެރެއިން %31.1 މީހުން (%28.2 ފިރިހެނުން، %34.4 އަންހެނުން ) އެކަށޭނަ ވަރަށް ހެލިފެލިވެ އުޅެފައެއް ނުވެއެވެ.
·         ތަރައްގީ ވެފައިވާ ގައުމުތަކުގައ އެކަށޭނަ ވަރަށް ހެލިފެލިވެނޫޅޭ ނިސްބަތް އުޅެނީ  ފިރިހެނުންގެ މެދުގައި %41 ގައި އަދި އަންހެނުންގެ މެދުގައި %48 ގައެވެ. މިނިސްބަތް ތަރައްގީވަމުން އަންނަ ގައުމުތަކުގައި އުޅެނީ ފިރިހެނުންގެ މެދުގައި %18 ގައި އަދި އަންހެނުންގެ މެދުގައި %21 ގައެވެ.
(5) - ކެއުންބުއިމުގައި ބަލައިގެން ނޫޅުން
ސަރުބީގެ ވައްތަރުތައް ކަމުގައިވާ "ޓްރާންސްފެޓް"، "ސެޗިޔުރޭޓެޑް ފެޓް"،އާއި، ލޮނު މާގިނައިން ބޭނުންކުރުން، އަދި މޭވާއާއި ތަރުކާރީގެ ބާވަތްތަކާ މަހުގެ ބާވަތްތައް ބޭނުންކުރުން މަދުވުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތައް (ހާޓް އެޓޭކް އަދި ސްޓްރޯކް) ޖެހުމާ ގުޅިފައިވާ ކަމެކެވެ. ލޮނު މާގިނައިން ބޭނުންކުރުމުން ލޭމައްޗަށްދާ ގޮތްވެއެވެ. ތެލާއި، ސަރުބީ މާގިނައިން ބޭނުންކުރުމުން ލޭހޮޅިތައް ބެދޭގޮތް ވެއެވެ. ކާތަކެތީގައި ލޮނު ހިމެނޭ މިންވަރަކީ ލޭގެ ޕްރެޝަރުގެ މިންވަރާއި، ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުޞަތު (ހިރާސް) އޮތް މިންވަރު ދެނެގަތުމަށް މުހިއްމު ކަމެކެވެ. ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކުން ރައްކާތެރިވުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާދެނީ ދުވާލެއްގެ މައްޗަށް މީހަކު 5 ގުރާމަށްވުރެ (ގާތްގަނޑަކަށް ކުޑަ ސައިސަމުސަލަކަށްވުރެ މަދުން) މަދުން ލޮނު ބޭނުންކުރުމަށެވެ. ހަކަތަ ގިނައިން ހުންނަ ކާނާގެ ބާވަތްތައް މިސާލަކަށް ސަރުބީއާއި، ތެލާއި، ހަކުރު އަޅައިގެން ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބާވަތްތައް، މާގިނައިން ބޭނުންކުރުމަކީ ހަށިގަނޑު ބަރުހެލިވެ، އާދަޔާ ޚިލާފަށް ފަލަވާނެ ކަމެކެވެ. ސަރުބީގެ ވައްތަރުތައް ކަމުގައިވާ "ޓްރާންސްފެޓް"، "ސެޗިޔުރޭޓެޑް ފެޓް" މާގިނައިން ބޭނުންކުރުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރުން މަދުވުމުގެ ސަބަބުން ދުނިޔޭގައި އަހަރަކު 1.7 މިލިޔަން (%2.8) މީހުން ދުނިޔެދޫކުރެއެވެ. 

(6) - ލޭގައި ސަރުބީ ގެ މިންވަރު މަތިވުން
ލޭގައި ސަރުބީ މަތިވުމަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު (ހިރާސް) އިތުރުކޮށްދޭ ކަމެކެވެ. އާބާދީގެ އަހުލުވެރިންގެ ތެރޭގައި ލޭގައި ސަރުބީ މަތިވާ ނިސްބަތް، އެގައުމަކަށް ލިބޭ އާމްދަނީގެ ނިސްބަތަށް ބަލާފައި އިތުރުވާކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި ލޭގައި ސަރުބީ މަތިވެފައިވާ މީހުންގެ ނިސްބަތް %25 ގައި އުޅޭއިރު، މިނިސްބަތް ތަރައްގީވެފައިވާ ގައުމުތަކުގައި އުޅެނީ %50 ގައެވެ.
·         ދުނިޔޭގައި 3/1 މީހުންނަށް ހިތުގެ ބަލިތައް ޖެހެނީ ލޭގައި ސަރުބީ މަތިވުމުގެ ސަބަބުންނެވެ.
·         ލަފާކުރެވޭގޮތުގައި ލޭގައި ސަރުބީ މަތިވުމުގެ ސަބަބުން އަހަރަކު 2.6 މިލިޔަން މީހުން މަރުވެއެވެ.
·         2008 ވަނަ އަހަރު ލޭގައި ސަރުބީ މަތިވެފައިވާ މީހުންގެ ނިސްބަތަކީ (ޖުމުލަ ސަރުބީގެ މިންވަރު ކޮންމެ ލިޓަރެއްގައި 6.2 މިލިމޯލްއަށްވުރެ މަތީގައި ހުރި) %9.7  (%8.5 ފިރިހެނުން، އަދި %10.7 އަންހެނުން) އެވެ. 
·         2008 ވަނަ އަހަރު ލޭގައި ސަރުބީ މަތިވެފައިވާ މީހުންގެ ނިސްބަތަކީ (ޖުމުލަ ސަރުބީގެ މިންވަރު ކޮންމެ ލިޓަރެއްގައި 6.2 މިލިމޯލްއަށްވުރެ މަތީގައި ހުރި) %39  (%37ފިރިހެނުން، އަދި %40 އަންހެނުން) އެވެ. 
(7) - ހަށިގަނޑު ބަރުހެލިވުމާއި، ފަލަވުން
މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ ފަލަވުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ލޭމައްޗަށްދިއުން، ލޭގައި ސަރުބީ މަތިވުން، އަދި ހަކުރު ބަލި ފަދަ ކަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މާނައަކީ ހިތާއި ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.  
·         ދުނިޔޭގައި އަހަރަކު މަދުވެގެން 2.8 މިލިޔަން މީހުން ހަށިގަނޑުގެ ބަރުދަން އިތުރުވެ، މާބޮޑަށް ފަލަވުމުގެ ސަބަބުން ދުނިޔެ ދޫކުރެއެވެ.
·         2008 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އުމުރުން 20 އަހަރުން މަތީގެ މީހުންގެ ތެރެއިން %34 މީހުންނަކީ ހުންނަންޖެހޭ މިންވަރަށްވުރެ ހަށިގަނޑުގެ ބަރުދަން އިތުރު މީހުންނެވެ.
·         2008 ވަނަ އަހަރުގެ ހިސާބުތައް ދައްކާގޮތުން %9.8 ފިރިހެނުން، އަދި %13.8 އަންހެނުން އާދަޔާ ޚިލާފަށް ފަލައެވެ. 1980 ވަނަ އަހަރު މިނިސްބަތް އުޅެނީ ފިރިހެނުން %4.8 އަދި އަންހެނުން %7.9 ގައެވެ.
·         ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މީހެއްގެ ބޮޑީ މާސް އިންޑެކްސް ހުންނަންޖެހޭ އެންމެ އެކަށޭނަ ވަރަކީ 24.9 – 18.5 އާއި ދެމެދެވެ.
(8) - ފިކުރުބޮޑުވުމާއި، ފިއްތުންތައް އިތުރުވުން : މާބޮޑަށް ކަންކަމާ ހާސްވެ، ފިކުރުބޮޑުވުމާއި، ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް އިތުރުވުމަކީ ވެސް އެކަމުގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކޮށްފާނެ ކަމެކެވެ.

ހިތުގެ ދުޅަހެޔޮކަމާ ގުޅުންހުރި މުހިއްމު މިންވަރު ތައް
މުހިއްމު ފާހަގަތައް 
ހުރުން އެދެވޭ މިންގަނޑު
ބޮޑީ މާސް އިންޑެކްސް
24.9 – 18.5 އާއި ދެމެދުގައި
އުނަގަނޑުގެ ވަށަމިން : ސެންޓި މީޓަރުން
ފިރިހެނުން
90ސމ އަށްވުރެ ދަށުގައި
އަންހެނުން
80ސމ އަށްވުރެ ދަށުގައި
ހިތުގެ ވިންދު
މިނިޓަކު 100-60 ފަހަރާ ދެމެދުގައި
ލޭގެ ޕްރެޝަރު
90/140 މމމ އަށްވުރެ ދަށުގައި
ނޭވާލާ މިންވަރު
މިނިޓަކު 20-14 ފަހަރާ ދެމެދުގައި
ލޭގައި ހަކުރުގެ މިންވަރު : ލޭގެ ކޮންމެ ޑެސިލިޓަރެއްގައި
ކެއުމުގެ ކުރިން
110-80 މިލިގްރާމާ ދެމެދުގައި
ކެއުމުގެ ފަހުން 
140- 80 މިލިގްރާމާ ދެމެދުގައި
ލޭގައި ސަރުބީގެ މިންވަރު : ލޭގެ ކޮންމެ ޑެސިލިޓަރެއްގައި
ޖުމުލަ ސަރުބީ
200 މިލިގްރާމަށްވުރެ ދަށުގައި
ނުރަގަޅު ސަރުބީ
100 މިލިގްރާމަށްވުރެ ދަށުގައި
ރަގަޅު ސަރުބީ
40 މިލިގްރާމަށްވުރެ މަތީގައި
ޓްރައިގްލިސެރައިޑް
150 މިލިގްރާމަށްވުރެ ދަށުގައި

ލޮނު ބޭނުންކުރުން އެދެވިގެންވާގޮތް : ކޮންމެ ދުވަހަކު 5 މިލިގްރާމަށްވުރެ މަދުން 

ހަކުރު ބޭނުންކުރުން އެދެވިގެންވާގޮތް : 
ފިރިހެނުން : ކޮންމެ ދުވަހަކު 9 ސައިސަމުލަށްވުރެ މަދުން

އަންހެނުން : ކޮންމެ ދުވަހަކު 6 ސައިސަމުސަލަށްވުރެ މަދުން 

ކަސްރަތުކުރުން އެދެވިގެންވާގޮތް(އާދައިގެ މިންވަރަކަށް) : މަދުވެގެން ހަފްތާއަކު 5 ދުވަހު، ދުވާލަކު 30 މިނިޓް

ޖުމުލަކޮށް ހުރިހާ ބާވަތެއްގެ ފެޓް ބޭނުންކުރުން އެދެވިގެންވާގޮތް : ކޮންމެ ދުވަހަކު 78 – 44 ގުރާމާ ދެމެދުގެ މިންވަރަށް

ކޮލެސްޓްރޯލް ބޭނުންކުރުން އެދެވިގެންވާގޮތް : ކޮންމެ ދުވަހަކު 200 މިލިގްރާމަށްވުރެ މަދުން 

މޭވާއާއި ތަރުކާރީ ބޭނުންކުރުން އެދެވިގެންވާގޮތް : ތަރުކާރީއާއި މޭވާ ހިމެނޭގޮތަށް ދުވާލަކު މަދުވެގެން 5 މުށް (400ގުރާމް) ބޭނުންކުރުން 

ފެން ބުއިން އެދެވިގެންވާ މިންވަރު : ދުވާލަކު މަދުވެގެން 12-8 ތަށީގެ ފެން (3-2 ލިޓަރުގެ ފެން)

ނިދުން : ދުވާލަކު މަދުވެގެން 8 ގަޑިއިރު 

ހިތާއި، ލޭހޮޅިތަކަށް ޖެހޭ ބަލިތަކުގެ އަލާމާތްތައް
ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމެވެ. ނޫނީ ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމެވެ. ހާޓް އެޓޭކް،އަދި ސްޓްރޯކް ޖެހުމުން އާންމުކޮށްފެނިދާނެ ކަންތައްތައް އަމިއްލައަށް ދެނެގަތުމަކީ ބޭނުންތެރި ކަމެކެވެ. 

ހާޓް އެޓޭކް ޖެހުމުން ފެނިދާނެ އަލާމާތްތައް
(ހ) – މޭމަތީގެ މެދަށް އޮއްބައި، ވާންވެ، ފިއްތައި، ބާރުވާ ކަހަލަ ތަދެއް ހުރުން ނުވަތަ މޭފުރިފައިވާ ކަމުގެ އިހްސާސްކުރެވުން (މޭގައި ރިހުން) : ތަދުގެ ސިފަތައް ތިރީގައި މިވަނީ އެވެ.
·         މޭގައި ހުންނަ ތަދު ބައެއް ފަހަރު ދިލަނަގާ ކަހަލަ ތަދެއްގެ ގޮތުގައި ހުރެދާނެއެވެ.
·         މެޔަށް އެއްޗެއް ހަރާލާ ކަހަލަ ތޫނު ތަދަކަށް ވެސް ވެދާނެ އެވެ.
·         މެޔަށްވާ ތަދުގެ އަސަރު ކޮނޑު ހުޅަށާއި، އަތް، ކަރުދަށް، ކަނާތު މުލައްދަނޑި،އަދި ބުރަކަށްޓަށް ފެތުރިގެން ހިގައިދާނެއެވެ.
·         މެޔަށްވާ ތަދުގެ އަސަރު ބައެއް ފަހަރު ދަތްދޮޅި އާއި ދަތްތަކަށް ވެސް ކޮށްދާނެއެވެ.
·         މިތަދު ގިނަ ފަހަރު ހުންނާނީ (ދަތުރުކުރާނީ) ވައަތް ފަރާތަށެވެ. މާނައަކީ ވާތު މުލައްދަނޑި އަށާއި، ކަރުގެ ވާތްފަރާތް ފަދަ ހިސާބުތަކަށެވެ.
·         މެޔަށްވާ ތަދު ދެތިން މިނިޓްތެރޭގައި ފިލައިގެން ގޮސްފައި އަނެއްކާވެސް އިރުކޮޅެއް ފަހުން އެނބުރިއައުމަކީ ވެދާނެ ގޮތެކެވެ.
·         ތަދުވާ މިންވަރު އިތުރުވެގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
·         މޭގެ ތަދު ނުފިލައި 30 މިނިޓްވަންދެން ހުރެއްޖެނަމަ އެތަދު އެންމެ އެކަށީގެންވަނީ ހިތްހުއްޓުމުގެ އަލާމާތެއް ކަމުގައެވެ.
·         ހަރަކާތްކޮށް ހެދުމުން މޭގެ ތަދު ބޮޑުވެފައި އަރާމުކުރުމުން އެތަދަށް ލުޔެއް ލިބޭނެއެވެ.
·         މޭދަށަށް ތަދު ވާޞިލްވެއްޖެނަމަ މޭއެންދުން(heart burn) އިހްސާސް ކުރެވޭނެ އެވެ.
·         މޭއެންދުމާއެކު، މެޔަށް ބާރުވާގޮތްވުމާ، މޭފުރިފައި ހުންނަގޮތް އިހުސާސް ވެދާނެ އެވެ.
·         ރިހުން ފެށެނީ ފުއްޕާމޭގެ މެދުން މޭ"ޗިސްކޮށްލާ" ކަހަލަ ނުވަތަ މޭ"ފެލައިލާ" ކަހަލަ ގަދަ ރިހުމެއްގެ ގޮތުގައެވެ.
·         ރިހުން މާގަދަ ނުވެވެސް ހުރެދާނެ އެވެ.
·         ރިހުން ގިނަ ފަހަރު އިހުސާސްވާން ފަށަނީ  ކުއްލިއަކަށް ކުރަންފަށާ ކޮންމެ ވެސް ބުރަ މަސައްކަތެއް ނުވަތަ ދުވުން ކަހަލަ ކަމަކާ އެކުގައެވެ.
·         ކުއްލިއަކަށް ރުޅިއައުން، ބިރުގަތުން، ހާސްވުން ފަދަ ކަމަކާ ގުޅިގެން ވެސް މިރިހުން އިހުސާސް ކުރެވެން ފަށައެވެ
·         މަދު މިނިޓް ކޮޅަކަށް ބައެއް ފަހަރު މަދު ދުވަސްކޮޅަކަށް ވެސް މޭގައި ރިހުން ހުރެދާނެ އެވެ.
·         މުޅި މޭގައި ހުންނަ ރިހުން ކެނޑި، މޭގެ އެއް ތަންކޮޅެއްގައި ވެސް ރިހުން ހުރެދާނެ އެވެ.
(ށ) - މެޔަށް ތަދުވުމާއެކު މޭނުބައިކޮށް، ބޯއަނބުރައި، ހޮނޑުލުން
(ނ) - ހިތްއަވަސްވުން(މޭތެޅުން) / އަވަސް އަވަހަށް ހިތުގެ ވިންދު ޖެހުން / ވިންދުޖެހުމުގެ ހަމަގެއްލުން
(ރ) - ނޭވާކުރުވެ، ފުރިހަމަ ނޭވާއެއްލާން އުދަނގޫވުން
(ބ) - މޫނުމައްޗަށް އަދިރިވުން
(ޅ) - މާގިނައިން ދާހިއްލުން (ކުއްލިއަކަށް ދާހިއްލައިގަތުން)
(ކ) - ވަރުބަލިވެ، ވަރުދެރަވުން
(އ) - ހޭނެތުން / އަނބުރައިގަތުން
(ވ) - ހަމުންނާ، ނިޔަފަތިން، ތުންފަތުންނާ، ދުލުން ލޭމަދުކަމަށް ދެއްކުން
(މ) - ފިނިވިޔަސް ނުވަތަ ފިނިނުވިޔަސް ދާހިއްލާގޮތް ވުން

ސްޓްރޯކެއް ޖެހުމުން ފެނިދާނެ އަލާމާތްތައް  
·         ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތުގެ އަތް،ފައި އަދި މޫނު ވާގިދަށްވެ އައްސިވާހެން ހީވުމާއި، މޫނުގެއެއްފަޅިން ވާގިނެތޭހެން ހީވުން ނުވަތަ ވަރުދެރަވުން
·         އެއްލޮލުގެ ނުވަތަ ދެލޮލުގެ ފެނުން ކުއްލިއަކަށް ދަށްވެ ނުވަތަ ފުސްވުން
·         ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތް ހަރަކާތްނުކުރެވި ވާވުން (ހަށިގަނޑުގެ އެއްފަޅީގެ ވާގިނެތުން)
·         ކުއްލިއަކަށް އަނބުރައިގަންނަގޮތް ވުމާއި، މޭނުބައިކުރުމާއި ހޮނޑުލެވުމާއި ބޮލުގައި ރިހުން
·         ވާހަކަ ދައްކަން އުދަގޫވުމާއި ދައްކާވާހަކަ އޮޅުން ނުފިލުން، އަދި ލިޔަން އުދަނގޫވުން
·         ކާއެއްޗެތި ދިރުވަން އުދަގޫވުން
·         ހަށިގަނޑުގެ ހަމަ ހިފެހެއްޓުން ގެއްލުމާއި އަތާއި ފައިގެ ކޯޑިނޭޝަން ގެއްލުން (ހިނގުމަށް އުދަނގޫވުން)
·         ހިނދުކޮޅަކަށް ނަމަވެސް ހޭނެތުން (ހޭވެރިކަން ގެއްލުން)
·         ކުއްލިއަކަށް ވާނުވާނޭނގި، ވިސްނުން އަރާރުންވެ ގޮތެއް ނިންމަން އުދަނގޫވުން އަދި ހައިރާންކަމެއްގެ ތެރެއަށް ގެއްލުން
·         ކުޑަކަމު ދިއުމަށް ދަތިވެ އުދަނގޫވުން

ހިތާއި، ލޭހޮޅިތަކަށްޖެހޭ ބަލިތަކުން ރައްކާތެރިވުން
(1) - ގަވާޢިދުން ލޭގެ ޕްރެޝަރު ބެލުން އަދި ލޭގެ ޕްރެޝަރު ކޮންޓްރޯލްގައި ބެހެއްޓޭތޯ ބެލުން : ލޭމައްޗަށްދިއުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ މައިގަނޑު އެއް ސަބަބެވެ. ލޭމައްޗަށް ދިއުމަކީ ގިނަފަހަރު އޭގެ އަލާމާތްތައް ނުވަތަ ނުރައްކަލުގެ ނިޝާންތަކެއް ފެންނަ ކަމެއް ނޫނެވެ. އަދި އާންމު ގޮތެއްގައި ލޭމައްޗަށް ގޮސްފައި ހުންނަ ކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. މިސަބަބާހުރެ ލޭމައްޗަށްދިއުން ނިސްބަތް ކުރެވެނީ ނޭނގި ހުއްޓައި މީހާގެ މަރާ ކުރިމަތިކުރުވާ ކަމެއްގެ ގޮތުގައެވެ. އެހެންކަމުން ގަވާއިދުން ލޭގެ ޕްރެޝަރު ބަލައި، ލޭމަތިނަމަ، އެކަމަށް ފަރުވާކުރުމާއި، ލޭގެ ޕްރެޝަރު ކޮންޓްރޯލްގައި ބެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިއްމެވެ. 

(2) - ދުންފަތަށް ނޫނެކޭ ބުނުން، އަދި ދުންފަތުގެ ދުމުން ރައްކާތެރިވުން : ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ 2 އަހަރުގެ ތެރޭގައި ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު ފާހަގަކުރެވޭ މިންވަރަކަށް ދަށްވެގެން ދެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާތާ 15 އަހަރުގެ ތެރޭގައި ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތައް ކުރިމަތިވުމުގެ ފުރުޞަތު، ދުންފަތުގެ އިސްތިއުމާލުނުކުރާ މީހެކޭ އެއްވަރަށް ދަށްވެގެންދެއެވެ. 

ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާށެވެ. އަދި ދުންފަތުގެ ދުމުން ރައްކާތެރިވާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ 2 އަހަރުގެ ތެރޭގައި ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު ފާހަގަކުރެވޭ މިންވަރަކަށް ދަށްވެގެން ދެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އުދަނގޫނަމަ، އެކަމުގެ ފަންނީ ލަފާ ޑޮކްޓަރުގެ ކިބައިން ހޯދިދާނެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ދަމަނަވެށީގައި ގާއިމުކުރެވިފައިވާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކުން ވެސް ފަންނީ ލަފާ ހޯދިދާނެ އެވެ.

(3) - ލޭގައި ހަކުރު ހުރި މިންވަރު ބެލުން އަދި ހަކުރު ކޮންޓްރޯލްގައި ބެހެއްޓޭތޯ ބެލުން : ލޭގައި ހަކުރުގެ މިންވަރު ބެލުން، ހިތާއި ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު އޮތްތޯބެލުން، އިންސިއުލިން ފަދަ ހަކުރު ބައްޔަށް ބޭނުންވާ ބޭސްތައް ލިބެންހުރުން ފަދަ އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބޭނޭގޮތް ގާއިމުވެފައި ހުރުމަކީ ހަކުރު ބަލީގެ މީހުންގެ ދުޅަހެޔޮކަން އިތުރުކޮށްދޭނޭ ކަންކަމެވެ. ހަކުރުގެ މިންވަރު ބެލުމަށްފަހު ޑޮކްޓަރުން ހަކުރު ބަލި ކަމަށް ކަނޑައަޅައި ބޭސްދީފިނަމަ، ފަރުވާ ކުރިޔަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ކެއުމުގައި ބަލައިގެން އުޅުމަކީ ވެސް ބޭނުންތެރި ކަމެކެވެ. 

(4) - ހެލިފެލިވެ އުޅުން އަދި ކަސްރަތުކުރުން : ހަފްތާއަކު 5 ދުވަހު، ކޮންމެ ދުވާލަކު 30 މިނިޓް،  އާދައިގެ މިންވަރަކަށް ކަސްރަތުކުރުމަކީ ހިތުގެ ބައްޔާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. ހެލިފެލިވެއުޅުމަކީ ހަމައެކަނި ކުޅިވަރުކުޅުން ނޫންކަން ހަދާން ބަހައްޓާށެވެ. ހަށިގަނޑުން ހަކަތަ އަންދާ ކޮންމެ ޖިސްމާނީ ހަރަކާތަކީ ކަސްރަތެކެވެ. މީގެ ތެރޭގައި ކުޅިވަރުކުޅުމާއި، ކަސްރަތުކުރުމުން ފެށިގެން ގޮސް، ބޭރުތެރޭގައި ދަރިންނާއެކު ކުޅެހެދުން، ހިނގުން، ގޭތެރޭގެ މަސައްކަތްތައް ކުރުން، އަދި ނެށުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ކަސްރަތުކުރަން ފަށަން އަދި މާލަހެއް ނުވެއެވެ! ފަށާއިރު މަދުވަގުތު ކޮޅަކު ކަސްރަތު ކުރާށެވެ. ކަސްރަތުކުރާ ވަގުތާއި، މިންވަރު މަޑުމަޑުން އިތުރުކުރަމުން ގެންދާށެވެ. ނަމަވެސް ކަސްރަތުކުރަން ފެށުމުގެ ކުރިން، އެކަސްރަތަކީ ތިބާއަށް އެންމެ އެކަށޭނަ ކަސްރަތެއްތޯ ޔަގީންކުރުމަށް، ޑޮކްޓަރަކާ ވާހަކަ ދެއްކުން ބުއްދިވެރި އެވެ. 

65 އަހަރުން މަތީގެ މީހުންނަށް ކުޅިވަރުކުޅުން، ކުރިން ރާވާލައިގެން ކުރާ ކަސްރަތުތަކުން ފެށިގެން ގޮސް، ހިނގާލުން، ނެށުން، ގޭތެރޭގެ މަސައްކަތްތައް ކުރުން، އަދި ބަގީޗާ ހެއްދުން ފަދަ ތަފާތު ޖިސްމާނީ ހަރަކާތްތައް ކުރެވިދާނެ އެވެ. 

ޞިއްޙީ ހާލަތު ހުރިގޮތުން އެކަށީގެންވާ މިންވަރަށް ކަސްރަތު ނުކުރެވޭނަމަ، ވީވަރަކުން ހެލިފެލިވެއުޅެވޭތޯ ބެލުން (އަދި ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން) މުހިއްމެވެ. އެއްވެސް ވަރަކަށް ހެލިފެލިވެ ނޫޅޭނަމަ، ނުވަތަ ބައްޔެއްގެ ސަބަބުން ހެލިފެލިވެއުޅުން ވަކި މިންގަނޑެއްގައި ހިފަހައްޓަން ޖެހޭނަމަ، "އެއްވެސް ޖިސްމާނީ ހަރަކާތެއް ނުކޮށް ހުރުމުގެ " ބަދަލުގައި " ކޮންމެ ވެސް މިންވަރަކަށް ހަރަކާތްތެރިވެ" އުޅުމަކީ އޭގެ ސަބަބުން ޞިއްހީގޮތުން ފައިދާކުރާނެ ކަމެކެވެ. އެދެވިގެންވާ މިންވަރަށް ހެލިފެލިވެނޫޅެވޭނަމަ، ކަސްރަތުކުރާ ވަގުތާއި، މިންވަރު އިތުރުކޮށް، ތިމާ ކަސްރަތުކުރުން އެންމެ އެދެވިގެންވާ މިންގަނޑާއި ހަމައަށް ވާޞިލްވޭތޯ މަސައްކަތްކުރެވިދާނެ އެވެ. 

(5) - ކެއުން ބުއިމުގައި ބަލައިގެން އުޅުން: އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި
ü      މޭވާއާއި ތަރުކާރީއިން މުއްސަދިވެފައިވާ ހަށިގަނޑަށް ފައިދާހުރި (ހަމަހަމަ) ކެއުމެއް ޚިޔާރުކުރުން : އުމުރުން ދުވަސްވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި ގުޅިގެން، ކެއުންބުއިމަށް ވެސް ބަދަލު އާދެއެވެ. އުމުރުން ދުވަސްވުމުން ކުރިމަތިވާ އެކަނިވެރިކަމާ، ފޫހިކަމާ، މޮޅިވެރިކަމާ، ފިކުރުކުރުން އިތުރުވުމުގެ ނަތީޖާ އަކީ ކެއުންބުއިމާ މެދު ފަރުވާކުޑަވުމެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރަގަޅަށް ނުކެއުމާއި، ނުކައި ދޫކޮށްލުން ފަދަ ކަންތައްތައް ދިމާވެއެވެ.
ü      ތެލާއި، ސަރުބީއާއި، ލޮނު މާގިނައިން ބޭނުންނުކުރުން : މިބާވަތްތައް މާގިނައިން ބޭނުންކުރުމަކީ ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. ލޮނު މާގިނައިން ބޭނުންކުރުމުން ލޭމައްޗަށްދާ ގޮތްވެއެވެ. ތެލާއި، ސަރުބީ މާގިނައިން ބޭނުންކުރުމުން ލޭހޮޅިތައް ބެދޭގޮތް ވެއެވެ.
ü      ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކަށް ސަމާލުވުން : މިފަދަ ބާވަތްތަކުގައި ގިނަ އަދަދަކަށް ލޮނު ހުރެއެވެ. ލޮނު ބޭނުންކުރުން އެދެވިގެންވަނީ ދުވާލެއްގެ މައްޗަށް 5ގްރާމަށްވުރެ މަދުންނެވެ. އެއީ ގާތްގަނޑަކަށް ސައިސަމުސަލެއްގެ ލޮނެވެ. (މުޅި ދުވާލެއްގެ މައްޗަށް ލޮނު ބޭނުންކުރެވޭ މިންވަރު 5 ގްރާމަށްވުރެ (ސައިސަމުސަލަކަށްވުރެ) މަދު މިންވަރެއްގައި ހިފެހެއްޓުން އެދެވިގެން ވެއެވެ.)
އެހެންކަމުން ޓްރާންސްފެޓް ބޭނުންކުރުން ހުއްޓާލުމާއި، ސެޗިޔުރޭޓެޑް ފެޓް ބޭނުންކުރުން މަދުކުރުމަކީ ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. އެކަށޭނަ ވަރަށް ތަރުކާރީއާއި މޭވާގެ ބާވަތްތައް ބޭނުންކުރުމަކީ ހިތާއި ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. ފައިދާހުރި ކާނާ ބޭނުންކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދީ، ލޭގެ ސަރުބީ އެކަށޭނަ މިންވަރެއްގައި ހިފަހައްޓައިދީ، ލޭގެ ޕްރެޝަރު އެދެވޭ މިންގަނޑެއްގައި ބަހައްޓައިދޭނެ ކަމެކެވެ. ލަފާކުރެވޭ ގޮތުގައި މިހާރު ބޭނުންކުރެވެމުންދާ ގޮތަށް ދުވާލަކު 12-9 ގުރާމުގެ ލޮނު ބޭނުންކުރުމުގެ ބަދަލުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާދީފައިވާ ގޮތަށް ދުވާލަކު 5 ގުރާމުގެ ލޮނު ބޭނުންކުރުމަށް ބަދަލުކޮށްލެވިއްޖެނަމަ، ލޭމައްޗަށްދިއުމާއި، ހިތާއި ލޭހޮޅިތަކަށް ބަލިޖެހޭ ނިސްބަތް ކުޑަވެގެންދާނެއެވެ.

(6) - ތަޖުރިބާހުރި މީހުން ގާތުގައި އެހުން : ހާޓް އެޓޭކް ނުވަތަ ސްޓްރޯކެއް ޖެހިފައިވާނަމަ، ޑޮކްޓަރަށް ދައްކައި، އެކަމަށް ފަރުވާކުރިޔަށް ގެންދިއުމާއެކު، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަނުދިމަށް ކުރެވިދާނެ ކަންތައްތައް އަހައި އޮޅުން ފިލުވާށެވެ.

(7) - ތިބާގެ އަދަދުތައް ދެނެގަތުން : ޑޮކްޓަރަށް ދައްކައި، ލޭގެ ޕްރެޝަރު، ލޭގައި ހަކުރު ހުރި މިންވަރު، ލޭގައި ސަރުބީ ހުރި މިންވަރު، ބަރުދަން އަދި ބޮޑީމާސް އިންޑެކްސް ހުރި ވަރު ބަލާށެވެ. އަދި ތިބާއަށް ހުރި ނުރައްކާތަކާ ބެހޭގޮތުން ލަފާހޯދައި، ނަގަންޖެހޭ ފަރުވާއެއް ލިބިގަންނާށެވެ. އުމުރުން ދުވަސްވާ ވަރަކަށް ލޭގެ ޕްރެޝަރާއި، ލޭގައި ސަރުބީ ހުންނަ މިންވަރާއި، އަދި ހިތާ-ގުޅުންހުރި އެހެން އަދަދުތައް މަތިވެގެންދާ ގޮތްވެއެވެ. ލޭގައި ސަރުބީގެ މިންވަރު، ލޭގައި ހަކުރުގެ މިންވަރު އަދި ލޭގެ ޕްރެޝަރު ކޮންޓްރޯލްގައި ބެހެއްޓޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

(8) - ހަށިގަނޑުގެ ބަރުދަން ބަލަމުން ގެންދިއުން އަދި ބަރުދަން އެކަށޭނަ ވަރެއްގައި ހިފެހެއްޓޭތޯ ބެލުން : އުމުރުން ދުވަސްވުމުން ހަށިގަނޑުން ހަކަތަ އަންދާ މިންވަރު ނިސްބަތުން ދަށްވެއެވެ. ހަށިގަނޑުގެ ބަރުދަން މާބޮޑަށް އިތުރުވުމަކީ ހިތުގެ މަސައްކަތަށް ބާރުބޮޑުވެ، ހިތުގެ ބަލިތަކާއި، ހަކުރު ބައްޔާއި، ލޭމައްޗަށްދިއުމާއި، ލޭގައި ސަރުބީ މަތިވުމަށް މަގުފަހިވާ ކަމެކެވެ. ގަވާޢިދުން ކަސްރަތުކުރުމާއެކު، ހަށިގަނޑަށް ފައިދާހުރި ލުއި ކެއުންތައް ޚިޔާރުކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

(9) - ޑޮކްޓަރުން ލިޔެދޭ ބޭސްތައް ގަވާއިދުން ބޭނުންކުރުން : ލޭމައްޗަށްދިއުން، ހަކުރު ބަލި، ލޭގައި ސަރުބީ މަތިވުން ފަދަ ބަލިތަކަށް ލިޔެދީފައި ހުންނަ ބޭސްތައް ގަވާއިދުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެހެނީ މިފަދަ ކަންކަމަށް ބޭސް ބޭނުން ނުކުރުމަކީ އޭގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިވާނެ ކަމެކެވެ. 

(10) - އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް ފަދަ ބުއިންތަކާ ދުރުހެލިވުން : ފަހުގެ ދިރާސާތައް ދައްކާގޮތުގައި އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް ފަދަ ހަކުރުއެޅި ބުއިންތަކުގެ ސަބަބުން ލޭމައްޗަށްދިއުމާއި، ހާޓް އެޓޭކް ޖެހުމާއި، ހަކުރު ބަލި ފަދަ ކަންތައްތަކަށް މަގުފަހިވެގެންދެއެވެ. އެހެންކަމުން މިފަދަ ބުއިންތަކާ ދުރުހެލިވުމަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ހެޔޮކަމަކަށް ނޫނީ ނުވާނެއެވެ. 

(11) - ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުޑަކޮށް ފިކުރުތަކުން ދުރުހެލިވުން : ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުޑަކޮށް، ފިކުރުތަކުން ދުރުހެލިވުމަކީ ވެސް ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

ކުޑަކުދިން ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތައް
1- ކުޑަކުދިންނަށް ހިތްވަރު ލިބޭފަދަ ކަންކަން ދެނެގަތުން : ދުޅަހެޔޮކޮށް ހުރުމާއި، ހަމަޖެހިގެން އުޅުމާއި، ޒިންމާދާރުވުމަކީ (ރަގަޅަށް މަސްއޫލިއްޔަތު އަދާކުރުމަކީ) ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނަށް، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ހެލިފެލިވެ، ހީވާގިކަމާއެކު އުޅުމަށް ހިތްވަރު ލިބޭ ކަންކަމެވެ. އެކަށޭނަ ވަރަށް ކަސްރަތުކޮށް، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރާ ކުދިން، ސުކޫލާއި، ގޭތެރޭގައި ، އަދި ކުޅިވަރުތަކުގައި އެމީހުންގެ ބައިވެރިވުން އިތުރުވެފައި ރަގަޅުކަން ފާހަގަކުރެވެއެވެ.

2- ކުޑަކުދިންނަށް ރަގަޅު ނަމޫނާއަކަށްވުން : ކުޑަކުދިންގެ ކިބައިގައި ރަގަޅު އާދަކާދަތައް އަށަގެންނުވޭނީ ނަމޫނާ ދައްކައިގެންނެވެ. މައިންބަފައިންނަކީ ޞިއްޙަތަށް ފައިދާހުރި ރަގަޅުކާނާ ބޭނުންކުރާ، އެކަށޭނަވަރަށް ކަސްރަތުކޮށް އުޅޭ ބަޔަކަށްވާނަމަ، ކުޑަކުދިން އެކަން ބަލައިގަނެ، އެގޮތަށް އަމަލުކުރާނެއެވެ. ދުޅަހެޔޮ ޞިއްޙަތަކީ ކޮންމެ އާއިލާއަކަށް މުހިއްމު ކަމެއްކަން ދަރިންނަށް އަންގައިދެވިދާނެއެވެ. 

3- ކަންކަމާމެދު ރަގަޅަށް ދެކުން : ކުޑަކުދިންނަށް ނުކުރެވޭ ކަންތައްތަކެއްގެ ވާހަކަ އަޑުއަހާކަން އެކުދިން ބޭނުމެއް ނުވާނެއެވެ. އޭގެ ބަދަލުގައި އެކުދިންނަށް ކުރެވިދާނެ ކަންތައްތަކެގެ ވާހަކަ ބުނާށެވެ. (ދައްކާށެވެ). ކުޑަކުދިންނަށް ލިބޭ ކާމިޔާބީތައް ފާހަގަކޮށް، އެކުދިން އަމިއްލަ ނަފުސާމެދު ދެކޭގޮތް ރަގަޅުކުރުމަށް އެހީތެރިވެދޭށެވެ. 

4- ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުން : ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާށެވެ. އަދި ކުޑަކުދިން ދުންފަތުގެ ދުމަށް ހުށަހެޅުމުން ދުރުހެލިކުރާށެވެ. ދުންފަތުގެ ދުމަށް ހުށަހެޅުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުނުކުރާ 600،000 މީހުން ކޮންމެ އަހަރަކު މަރުވެއެވެ، މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. 

ދަރިންނަށް ނަމޫނާއަކަށް ވާށެވެ. ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަން ހުއްޓާލެވޭ މަސައްކަތްކުރާށެވެ. (ހުއްޓާލާށެވެ). ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ދަމަނަވެށީގައި ގާއިމުކުރެވިފައިވާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކުން ފަންނީ ލަފާ ހޯދިދާނެއެވެ. ކުޑަކުދިންނަކީ މައިންބަފައިންގެ އުޅުން ވަރަށް ބޮޑަށް ނަމޫނާއަކަށް ބަލާ ބަޔަކަށްވުމުން، އެކުދިންނަށްދޭ ނަޞޭހަތާ އެއްގޮތަށް މައިންބަފައިން އަމަލުނުކުރާނަމަ، އެކުދިންގެ ފާޑުކިޔުން އަމާޒުވާނެއެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތައް ދަރިންނަށް ކިޔައިދީ އޮޅުންފިލުވައިދޭށެވެ. މިގޮތަށް ހެދުމަކީ ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ދަރިންނަށް ލިބޭ ހިތްވަރެކެވެ. 

5- ހީވާގިވެ، ހެލިފެލިވެ އުޅުމާއެކު، ކަސްރަތުކުރުމަށް ބާރުއެޅުން : ހީވާގިކަމާއެކު ހެލިފެލިވެ، ކަސްރަތުކޮށް އުޅުމުގެ ފުރުޞަތު ތައް ދަރިންނަށް ފަހިކޮށްދޭށެވެ. ދަރިންނާއެކު ކަސްރަތު ކުރުމުގައި ބައިވެރިވާށެވެ. އެގޮތުން ހިނގާލުން، ފަތާލުން، ނުވަތަ ބައިސްކަލްދުއްވުން ފަދަ ކަމެއް ކުރެވިދާނެ އެވެ. 

ފުރާވަރުގެ ކުދިންނަކީ އެމީހުން އަމިއްލައަށް ކަންކަން ނިންމުމުގެ ބާރު ބޭނުންވާ ބައެކެވެ. ގަވާއިދުން ކަސްރަތުކުރުމަކީ ކޮންމެ ދުވަހަކު އެއްކަމެއް އެއްގޮތަކަށް ކުރުން ނޫންކަން ދަރިންނަށް ވިސްނައިދެވިދާނެއެވެ. އެކުދިން ގަޔާވާ ކަންތައްތައް މިސާލަކަށް ރަހުމަތްތެރިންނާއެކު ފުޓުބޯޅަކުޅުން، ނެށުން، ނޫނީ ކޮންމެވެސް މަޖާ ހަރަކާތެއް ކަސްރަތެއްގެ ގޮތުގައި ކުރެވިދާނެއެވެ. ކަސްރަތުކުރުމަކީ ހަމައެކަނި ކުޅިވަރު ކުޅުން ނޫންކަން ވިސްނައިދޭން ޖެހޭނެ އެވެ. ރަހުމަތްތެރިންނަކީ ފުރާވަރު ކުދިންގެ ދިރިއުޅުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. އެގޮތުން ދަރިންގެ ރަހުމަތްތެރިންނާއެކު، ހެލިފެލިވެ(ކަސްރަތުކޮށް) އުޅެވޭނެފަދަ މާހައުލެއް (ފުރުޞަތުތައް) ފަހި(ތަނަވަސް)ކޮށް ދޭށެވެ. އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން މަޖަލާއި، ފޯރީގައި ކަސްރަތުކުރުމަށް ހިތްވަރު ލިބިގެންދާނެ އެވެ. ޓީވީ ބެލުމާއި، ވީޑިޔޯ ގޭމްކުޅުން ފަދަ ކަންކަމުގައި ދުވާލަކު 2 ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރިޔަ ނުދޭށެވެ. އޭގެ ބަދަލުގައި ހެލިފެލިވެއުޅެގެން ކުރެވިދާނެ ކަންތައްތަކެއް ހޯދައި، ފަހިކޮށްދޭށެވެ. 

6- ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކާބޯތަކެތި ކެއުމަށް ބާރުއެޅުން : އާއިލާގެ އެންމެން އެކުގައި އެއް ސުފުރާއެއްގައި ކެއުމަށް އާދަކުރާށެވެ. އާއިލާގެ ހުރިހާ އެންމެން އެއް ސުފުރާގައި ކެއުމަކީ ކުޑަކުދިންނަށް ނުރަގަޅުކާނާ އިޚުތިޔާރު ކުރުމުގެ ފުރުޞަތު ކުޑަކޮށްދީ، މާގިނައިން ލުއިކާނާ ކެއުމުން ދުރުކޮށްދޭނެ ކަމެކެވެ. ކުޑަކުދިން ގަޔާވާ ކަހަލަ ހަށިގަނޑަށް ފައިދާހުރި ކާތަކެތި ތައްޔާރުކުރާށެވެ. ކުލަކުލައިގެ ކާބޯތަކެތި ކެއުމުގައި ހިމެނުމާއި، ކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރުމުން، އެކި ފާނޑުގެ ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ގެއިން ވެސް ލިބެންހުރިކަން ކުޑަކުދިންނަށް ޔަގީންކުރެވޭނެ އެވެ. 

ގޭގައި ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ހިމެނޭގޮތަށް އިންޓަވަލް ތައްޔާރުކޮށްފައި ސުކޫލަށް ފޮނުވާށެވެ. ސުކޫލްގެ ކެންޓީނުން ކުދިން ގަންނަ ކާތަކެއްޗަކީ ހަށިގަނޑަށް ފައިދާހުރި ތަކެތި ކަމުގައި ހެދުމަށް ބާރުއަޅާށެވެ. ސުކޫލްތަކުގެ ކެންޓީންގައި ހުންނަ ކާބޯތަކެއްޗަކީ ޞިއްޙީ ގޮތުން ފައިދާހުރި ކާބޯތަކެތި ކަމުގައި ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރޭގަނޑުގެ ކެއުމުގައި ކޮންމެ މީހަކަށް 3-2 މުށުގެ ތަރުކާރީ ހިމަނާށެވެ. މާގިނައިން ހަކުރު،ލޮނު، ތެލާއި، ސަރުބީ ހިމެނޭ ކާނާގެ ބާވަތްތައް ނުކާށެވެ. ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކަށް ސަމާލުވާށެވެ. މިފަދަ ބާވަތްތަކުގައި ގިނަ އަދަދަކަށް ލޮނު ހުންނާތީ މިއީ ކުޑަކުދިންނަށް ދިނުން ރަގަޅު ބާވަތްތަކެއް ނޫނެވެ. 

ދުނިޔޭގެ ހިތުގެ ދުވަސް
ދުނިޔޭގެ ހިތުގެ ދުވަހަކީ 29 ސެޕްޓެމްބަރ އެވެ. 

މައުލޫމާތު :
·         ވޯލްޑް ހާރޓް ފެޑެރޭޝަން އިން 2013 ވަނަ އަހަރު ދުނިޔޭގެ ހިތުގެ ދުވަހުގެ ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ނެރެފައިވާ ލީފްލެޓް
·         ވޯލްޑް ހާރޓް ފެޑެރޭޝަން އިން 2013 ވަނަ އަހަރު ދުނިޔޭގެ ހިތުގެ ދުވަހު އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ނެރެފައިވާ ލީފްލެޓް
·         ވޯލްޑް ހާރޓް ފެޑެރޭޝަން އިން 2013 ވަނަ އަހަރު ދުނިޔޭގެ ހިތުގެ ދުވަހުގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ނެރެފައިވާ ލީފްލެޓް
·         ވޯލްޑް ހާރޓް ފެޑެރޭޝަން އިން ނެރެފައިވާ "ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މަގުފަހިކުރާ ކަންތައްތައް" ލީފްލެޓް
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް