Tuesday, May 31, 2016

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް 2016



މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް
މިއަދު 31 މެއި އަކީ ދުނިޔޭގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 1987 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ވަކި ޝިއާރެއް ކަނޑައަޅައި މިދުވަސް ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދުންފަތް ހިމެނޭ ތަކެތި ބަންދުކުރުމުގައި ދުންފަތް އިޝްތިހާރު ނުވާގޮތް ޚިޔާރު ކުރަމާ" މިއެވެ. މިއަހަރުގެ ޝިއާރު އަމާޒުކޮށްފައިވަނީ ދުންފަތް ބަންދުކޮށްފައި ހުންނަ ސިގިރޭޓާއި، ދުންފަތް ޕެކެޓް ފަދަ ތަކެތީގެ ބޭރު ބޭނުންކޮށްގެން ދުންފަތް އިތުރަށް އިޝްތިހާރުކުރުން ހުއްޓުވުމުގެ މައްޗަށެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ ވަބާއިން އިންސާނުންނަށް ލިބެމުންދާ ، ޞިއްޙީ، މާލީ، އަދި އިގުތިޞާދީ ގެއްލުންތަކާ މެދު އާންމުން ހޭލުންތެރިކޮށް، ދުންފަތާއި އާންމުން ދުރުކޮށް، ދުންފަތުގެ ނުރައްކާތެރި ވަބާއިން އާންމު ރައްޔިތުން މިންޖުކުރުމަށް މަސައްކަތްކޮށް ބާރު އެޅުމެވެ.

ދިވެހިރާއްޖޭގެ ތަފާސް ހިސާބުތައް
2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި އުމުރުން 64-15 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް އަމާޒުކުރެވިގެން ހިންގުނު "ސްޓެޕް ސާރވޭ" ގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި އުމުރުން 34-25 އަހަރާއި ދެމެދުގެ އުމުރުގެ ފިރިހެނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތް އުޅެނީ %37.6 ގައެވެ. މިއުމުރުގެ އަންހެނުންގެ މެދުގައި މިނިސްބަތް %1.8 ގައި އުޅޭއިރު، އުމުރުން 65-55 އަހަރާއި ދެމެދުގެ މީހުންގެ މެދުގައި މިނިސްބަތް އުޅެނީ %9.2 ގައެވެ. 

2011 ވަނަ އަހަރު 15-13 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނަށް އަމާޒު ކުރެވިގެން ހިންގުނު "ގްލޯބަލް ޔޫތު ޓޮބޭކޯ ސާރވޭ"  އިން ދައްކާގޮތުގައި %19.9 ކުދިން އެންމެ ފަހަރަކު ނަމަވެސް ދުންފަތުގެ އިސްތިއުމާލުކޮށްފައި ވެއެވެ. މިސާރވޭގައި ބައިވެރިވި %11.2 ކުދިން ކޮންމެވެސް ސިފައެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެތެރެއިން %4.3 ކުދިން ސިގިރޭޓް ބޯކަމަށް ބުނިއިރު، %2.5 ކުދިން ބުނެފައިވަނީ ގުޑުގުޑާ ބޯކަމަށެވެ. ސާރވޭގައި ބައިވެރިވި 3/1 ކުދިން ދިރިއުޅޭ ގޭގައި އެހެން މީހުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. ކޮންމެ 5 ކުދިންގެ ތެރެއިން 2 ކުދިން ދުންފަތުގެ ދުމަށް ހުށަހެޅޭ ކަމަށް ބުނިއިރު، ކޮންމެ 5 ކުދިންގެ ތެރެއިން 2 ކުދިންނަށްވުރެ ގިނަ ކުދިންގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ކޮންމެ 10 ކުދިންގެ ތެރެއިން 9 ކުދިން ގަބޫލުކުރާ ގޮތުގައި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ޖެހެއެވެ. އެންމެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރަން ފަށަނީ އުމުރުން 18 އަހަރުވުމުގެ ކުރިންނެވެ. ދިވެހިރާއްޖޭގައި %27 މީހުން މަރުވަނީ ދުންފަތާއި ސީދާ ގޮތެއްގައި ގުޅުންހުރި ބަލިތަކުގައެވެ. އާސަންދައިން އެންމެ ގިނައިން ހޭދަކުރެވޭ 5 ބައްޔަކީ ދުންފަތާއި ގުޅުންހުރި ބަލިތަކެވެ. 

ދުނިޔޭގެ ތަފާސް ހިސާބުތައް
ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގާތްގަނޑަކަށް ބިލިޔަނެއްހާ ފިރިހެނުން ދުންފަތުގެ އިސްތިއުމާލުކުރާކަމަށް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ލަފާކުރެވެއެވެ. އަދި 250 މިލިޔަން އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާކަމަށް ލަފާކުރެވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރާއި، ނިސްބަތް ދުވަހެއް ދުވަހަކަށްދަނީ މަތިވަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ލަފާކުރާގޮތުގައި ދިވެހިރާއްޖޭގެ އާބާދީގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ގާތްގަނޑަށް އާބާދީގެ %44 ގާތް ކުރާނެއެވެ. 

ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ނުކުޅެދުންތެރިކަން މެދުވެރިވެ، އަދި ޅައުމުރުގައި މީހުންމަރުވާ އެންމެ އާންމު ސަބަބެއްކަމަށް ފާހަގަކުރެވިފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެއީ އެންމެ އާންމުކޮށް މީހުން މަރުވާ އަށް ބަލީގެ ތެރެއިން ތަފާތު ހަ ބައްޔެއް ޖެހުމަށް މަގުފަހިކުރާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު 6 މިލިއަން މީހުން ދުނިޔެދޫކުރާކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ދުންފަތުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގައި ކޮންމެ 6 ސިކުންތަކުން އެކަކު ދުނިޔެ ދޫކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހުން މަރުވެއެވެ. އެންމެ ސިގިރޭޓަކުން މީހާގެ އުމުރުން 11 މިނިޓް ކުރުކޮށްލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީހާގެ އުމުރުން 19 އަހަރު ކުރުކޮށްލާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. 


ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކޮށް، އެކަމާއި ދެކޮޅަށް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ 2030 ވަނަ އަހަރަށް ދާއިރު ދުންފަތުގެ ސަބަބުން ދުނިޔެދޫކުރާ މީހުންގެ އަދަދު 8 މިލިޔަނަށް އަރާނެކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ހާމަކުރެއެވެ. އަދި އޭގެތެރެއިން %80 މީހުން ނިސްބަތްވާނީ ފަގީރު ނުވަތަ މެދު ފަންތީގެ ގައުމުތަކަށް ކަމުގައި ލަފާކުރެއެވެ. މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހަށް ވުމާއެކު، ދުންފަތުން ދުރުހެލިވުމަށް މިފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅައި، އެކަމަށް މަސައްކަތް ފެށުމަކީ އުފާވެރި ހަޔާތެއްގައި ދެމިހުރުމަށް ކުރެވޭ ރަގަޅު ކަމަކަށްވާނެއެވެ. 

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޞިއްޙަތު ދުވަސް، ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް، ދުނިޔޭގެ ލޭހަދިޔާކުރާ ދުވަސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް، އަދި ދުނިޔޭގެ އޭޑްސް ދުވަހެވެ.


Thursday, May 12, 2016

އެޕެންޑިކްސް ދުޅަވުން

އެޕެންޑިކްސް ދުޅަވުން
އެޕެންޑިކްސް އަކީ ކޮބާ؟
އެޕެންޑިކްސް އަކީ ކުޑަގޮހޮރާއި ބޮޑު ގޮހޮރު ގުޅުވުމައިދޭ "ސީކަމް" ގެ ފަހަތުން ހަށިގަނޑުގެ މެދާ ގާތްވީ ފަރާތުގައި އިލިއޯސީކަލް ވޭޅް އަށްވުރެ 1 އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައިވާ އިންނަ ވަރަށް ހަނި ފަންޏެއްފަދަ ހޮޅި އެކެވެ. އާންމު ގޮތެއްގައި މިބުނި ގޮތަށް ސީކަމްގެ ފަހަތުން ސީކަމްގެ ތެރެއަށް އެޕެންޑިކްސް ހުޅުވިފައި އިންނާނީ ގާތްގަނޑަކަށް 74 އިންސައްތަ މީހުންގެ އެވެ. 21 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ޅިނދުގެ ތެރޭގައެވެ. 3.5 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ސީކަމްގެ ދަށުގައެވެ. އިނގިއްޔެއްގެ ބައްޓަމަށް އިންނަ އެޕެންޑިކްސް އިންނާނީ އެތެރެ ހަށީގައި ބަނޑުގެ ކަނާތްފަރާތުން ތިރީގައެވެ. 
އެޕެންޑިކްސް ދުޅަވުމަކީ އެޕެންޑިކްސް އެއްކޮށް، ނުވަތަ އޭގެ ބައެއް ބެދުމުގެ ސަބަބުން ނުވަތަ އެޕެންޑިކްސްގައި އިންފެކްޝަން އަށަގަތުމުގެ ސަބަބުން ދުޅަވުން ކުރިމަތިވުމެވެ. އެހެންގޮތަކަށް ބުނާނަމަ އެޕެންޑިކްސް ދުޅަވުމަކީ އޭގައި ޖަރާސީމް އަޅައި ދުޅަވެ، ދޮސްގަންނަގޮތް ވުމެވެ. އަދި އޭގެ ސަބަބުން ބަނޑުގައި ރިއްސުމުގެ ޝަކުވާ ކުރަން ފެށުމެވެ. އެޕެންޑިކްސް ދުޅަވުން ކުރިމަތިވެފައިވާކަން އެނގޭ އެންމެ ޢާންމު ނިޝާނަކީ ބަނޑުގެ ކަނާތް ފަރާތުން ތިރީގައި ރިހުން ހުރުމެވެ.މީގެ އިތުރުން ހޮނޑުލުން، މޭނުބައިކުރުން، އަދި ހުންއައުންފަދަ އުނދަގޫތައް މެދުވެރިކުރުވައެވެ.


މައިގަނޑު ގޮތެއްގައި އެޕެންޑިކްސް ދުޅަވުން ކުރިމަތިވަނީ އުމުރުން 35 އަހަރުން ދަށުގެ މީހުންނަށެވެ. މިއީ ފަސޭހައިން ދެނެގަނެވޭ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވޭ ބައްޔެކެވެ. މިގޮތުން ކުރަންޖެހޭ އޮޕަރޭޝަން އަށް ކިޔަނީ "އެޕެންޑިކްސް ނެގުން"ނުވަތަ އޮޕަރޭޝަންކޮށްގެން އެޕެންޑިކްސް ނެގުމެވެ. 

އެޕެންޑިކްސް ދުޅަވާން މެދުވެރިވާ ސަބަބުތައް
އެޕެންޑިކްސްގެ އެތެރޭގައިވާ ހޮއި ބެދި އޭގެ ތެރޭގައި އުފެދޭ ދިޔަ ފަލަ ގޮހޮރުގެ ތެރެއަށް ހުސް ނުކުރެވޭގޮތް ވުމުން، އެޕެންޑިކްސްގެ ތެރޭގައިވާ ޖަރާސީމްތައް އިތުރުވެ، އޭގެ ވިހައިގެ އަސަރު އެޕެންޑިކްސް އަށް ފޯރާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން އެޕެންޑިކްސް ސައިޒުން ބޮޑުވެ ފުއްޕާލާގޮތް ވެއެވެ. އެޕެންޑިކްސްގެ ހޮއި ބެދެން ދިމާވާ ސަބަބުތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ ތެރެއިން ތިރިއަށް ދަތުރުކުރާ ނަޖިހުގެ އެތިކޮޅެއް އެޕެންޑިކްސްގެ ތެރެއަށް ވަދެ، އޭގެތެރޭގައި ތާށިވުން ހިމެނެއެވެ. ސްޕާރީ ކެއުމާއި، ދުފުމާއި މިނޫނަސް މިފަދަ ހަރު އެއްޗެތި ކެއުމުން އެޕެންޑިކްސް ދުޅަވާކަމަށް ބައެއް މީހުން ހީކުރެއެވެ. ނަމަވެސް އެޕެންޑީކްސް ދުޅަވުމަކީ ވަކި އެއްޗެއް ކެއުމާއި ގުޅުންހުރި ކަމެއް ނޫނެވެ. 

ފަހަކަށް އައިސް ތަފާތު ބަލިތަކަށް އެންޓިބަޔޮޓިކް ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި ގުޅިގެން އެޕެންޑިކްސް ދުޅަވުން ޖެހޭ މިންވަރު ދަށްކަމަށްވަނީ ފާހަގަ ކުރެވިފައެވެ. ބައެއް ކަހަލަ ޕެރަސައިޓް ނުވަތަ ފަނީގެ ވަބާ ތައް ޖެހުމަކީ ވެސް އެޕެންޑިކްސް ދުޅަވުން މެދުވެރިކުރުވާ ކަމެކެވެ. އުމުރުން ދޮށީ މީހުންނަށް ވެސް މަދުން ނަމަވެސް މިބަލި ޖެހޭކަމަށް ފާހަގަ ކުރެވިފައި ވެއެވެ. މިފަދަ ޙާލަތްތަކުގައި އެޕެންޑިކްސް ގައި މުލިހި ފާނޑުގެ ދުޅައެއް އުފެދި، އޭގެ ތެރެއަށް މުލިހި ފަޅައިގެން ގޮސް ، އަވަސް ފަރުވާ ލިބެންޖެހޭ ޙާލަތަކަށް ބަދަލު ވެއެވެ. އެޕެންޑިކްސް ދުޅަވުމަކީ ވަކި ޢުމުރެއްގެ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް 30-10 އަހަރާއި ދެމެދުގެ މީހުންނަށް މިމައްސަލަ ދިމާވާލެއް ގިނަކަން ވަރަށް ގިނަ ދިރާސާ ތަކުން ދައްކައެވެ.

ޢަލާމާތްތައް
އެޕެންޑިކްސް ދުޅަވުމަކީ ވަކި ޢުމުރެއްގެ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް 30-10 އަހަރާއި ދެމެދުގެ މީހުންނަށް މިމައްސަލަ ދިމާވާލެއް ގިނަކަން ވަރަށް ގިނަ ދިރާސާ ތަކުން ދައްކައެވެ. އެޕެންޑިކްސް ދުޅަވުމުގެ ސަބަބުން ބަލިމީހާ ކުރާނެ ޝަކުވާ ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ބަނޑުގައި ރިއްސުން އެވެ. 

ބަނޑުގައި ރިހުމުގެ ސިފަތައް
·         ކުއްލިއަކަށް ތަދުވާން ފެށުމާއެކު ނިދަންވެސް އުދަގޫވެ ކުއްލިއަކަށްހޭލެވޭގޮތްވުން
·         އެހެން އެއްވެސް އަލާމާތެއް ފެނުމުގެ ކުރިން ބަނޑުގައި ރިއްސަން ފެށުން
·         ބައެއް ފަހަރު ރިއްސުން ފެށެނީ ފޫޅަށްވުރެ ތިރިންނެވެ. އެއަށްފަހު ތަދު މަޑުމަޑުން ތިރިއަށް ޖެހި ބަނޑުގެ ކަނާތްފަރާތުގައި ހަރުލައެވެ.
·         މިތަދު ވެގެންދާނީ ކުރިން އިހްސާސް ކުރެވިފައިނުވާފަދަ އާތަދަކަށެވެ.
·         ވަގުތު ފާއިތުވިހެން ތަދުދާނީ ބޮޑުވަމުންނެވެ.
·         ކެއްސުމުންނާއި ކިނބިހިއެޅުމުންނާއި ފުށްކޮށް ނޭވާލުމުން އަދި ހަރަކާތްކުރުމުން ތަދުބޮޑުވެގެންދާނެ އެވެ.
އެހެން އަލާމާތްތައް
ބަނޑުގައި ރިއްސުމުގެ އިތުރުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި :
·         ކާހިތްނުވުން
·         މޭނުބައިކުރުން
·         ހޮނޑުލެވުން
·         ބަނޑުދިޔާވުން ނުވަތަ
·         ބަނޑުހަރުވެފައިހުރުމާއެކުބަނޑުފުއްޕާލާފައިހުރުން
ބަލިމީހާ ބެލުމުން ފެނިދާނެ އަލާމާތްތައް
·         ބަނޑުގެކަނާތްފަރާތުން ތިރިގައި އަތްލުމުން ވަރަށް ބޮޑަށް ތަދުވާތީ އުޅުން
·         އެދިމާލަށް ބަނޑަށް ފިއްތާލާފައި އަތްނައްޓާލާ ވަގުތު ތަދުބޮޑުވުން
·         ކެއްސުމުންނާއި، ބަނޑަށް ވާންވުމުން ތަދު އިތުރުވުން
އެޕެންޑިކްސް ދުޅަވެފައިވާކަން ދެނެގަތުން
އެޕެންޑިކްސް ދުޅަވެފައިވާކަމަށް ބުނެ އޮޕަރޭޝަން ކުރަންޖެހޭ ވާހަކަ ބުނުމުން ކުރިމަތިވާ ސުވާލަކީ ޑޮކްޓަރަށް މިކަން ޔަގީންކުރެވެނީ ކިހާވަރަކަށް ބާވައެވެ. މިއީ ޖަވާބު ލިބުން މުހިއްމު ސުވާލެކެވެ. ނަމަވެސް މިކަމުގައި ބަލިމީހާ އާއި ބެލެނެވެރިންނަށް އޮޅުންފިލުވައިދޭންޖެހޭ ކަންތައްތަކެއް ވެއެވެ. އެއީ ބައްޔެއް ދެނެގަތުމުގައި ބޭނުންވާ 3 ކަމެއް ވާކަމެވެ.
·         ފުރަތަމަކަމަކީ : ބަލިމީހާގެޝަކުވާއާއި ބަލީގެޢަލާމާތްތަކާއި، ނިޝާންތަކާއި، ބަލީގެ ހިސްޓްރީ ނުވަތަ ތާރީޚެވެ.
·         ދެވަނަ ކަމަކީ : ބަލިމީހާ ބަލައިގެން ފެންނަށް ހުންނަ ޢަލާމާތްތަކެވެ
o       ބަނޑުގައި އަތްލައި ފިތައި ހަދައިގެން ބެލުން'
o       ފުރަގަސް ފަރާތަށް އިނގިލި ލައްވައިގެން ބެލުން
·         ތިންވަނަ ކަމަކީ : ލެބޯޓްރީ ޓެސްޓް ތަކާއި، ރޭޑިޔޮލޮޖީ ޓެސްޓް ތަކެވެ.
o       ލޭގެ ޓެސްޓުތައް ހެދުން : ލޭގެ ހުދު ސެލްތައް މަތިވެފައިވޭތޯ ބެލުން
o       ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން
o       އިމޭޖިންގ ޓެސްޓުތައް : ބަނޑުގެ އެކްސްރޭ، ބަނޑުގެ ސްކޭން، އަދި ބަނޑުގެ ސީޓީ ސްކޭން ހެދުން
ބައްޔެއް ދެނެގަންނަނީ މި 3 ކަންތަކުން ފެންނަ އެއްޗެއް މައްޗަށް ބިނާކޮށެވެ. ވުމާއެކު އެޕެންޑީކްސް ދުޅަވެފައިވާކަން ދެނެގަނެވެނީ ބަލިމީހާގެ ޝަކުވާއާއި، ބަލީގެ ތާރީޚާއި، އަދި ބަލިމީހާ ބެލުމުން ފެންނަ އަލާމާތްތަކާއި، ލެޔާއި، ކުޑަކަމުދާ އެއްޗެހީގެ ޓެސްޓާއި، އަދި ބައެއް ފަހަރު ބަނޑުގެ ސްކޭން ހެދުމަށްފަހު ޑޮކްޓަރަށް ލިބޭ މަޢުލޫމާތުގެ އަލީގައެވެ.

އެޕެންޑިކްސް ދުޅަވުމުން ފެންނަ އަލާމާތްތަކާއި ބައެއް އެހެން ބަލިތަކުގެ އަލާމާތްތަކާއި ގާތްގޮތެއް ހުރުމުން ބައެއް ފަހަރު ފަރުވާތެރިކަމާއެކު ނުބެލިއްޖެނަމަ އެޕެންޑިކްސް ދުޅަވެފައިވާކަން ދެނެ ނުގަނެވި ދޫވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އެޕެންޑިކްސް ދުޅަވުމާއި އެއްގޮތް އުނދަގޫތަކެއް ފެނިދާނެ ބަލިތަކުގެ ތެރޭގައި ފިތުގެ މައްސަލަތައް، މަސާނާ އަދި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން، ކްރޯންސް ޑިޒީޒް، އަދި ގެސްޓްރައިޓިސް ފަދަ މައްސަލަތައް ހިމެނެއެވެ. 

ފަރުވާ
އެޕެންޑިކްސް އަކީ ދުޅަވެއްޖެނަމަ ވަރަށް އަވަހަށް ދޮސްގަނެ ފަޅައިގެން ގޮސް އެތެރެއަށް ދޮސް ފޭބުމުގެ ފުރުޞަތު ބޮޑު އެއްޗެކެވެ. އެހެންވެއްޖެނަމަ އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ބަލިމީހާ ހުށަހެޅިދާނެ ކަމެކެވެ. ވުމާއެކު އެޕެންޑިކްސް ދުޅަވުމުގެ އަލާމާތްތައް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް އޮޕަރޭޝަންކޮށްގެން އެޕެންޑިކްސް ނެގުމަކީ މިކަމަށް ކުރަންޖެހޭ އެންމެ ރަގަޅު ފަރުވާ އެވެ. މިހާރު ދެގޮތަކަށް މި އޮޕަރޭޝަން ކުރެއެވެ. 

އެއްގޮތަކީ ބަނޑުން ކުޑަ ތަންކޮޅެއް ފަޅާލައިގެން އެޕެންޑިކްސް ނެގުން އެވެ. އަނެއްގޮތަކީ ލެޕަރޮސްކޯޕް ބޭނުންކޮށްގެން މިއޮޕަރޭޝަން ކުރުމެވެ. މިގޮތަށް އޮޕަރޭޝަން ކުރެވިއްޖެނަމަ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލްގައި ހޭދަކުރަންޖެހޭ މުއްދަތު ކުރުވުމާއި، އޮޕަރޭޝަން ކުރި ތަނުގައި ދެވަނަ ފަހަރަށް ދޮސް އަޅައި ޖަރާސީމް އަށަގަތުމުގެ ފުރުޞަތު ކުޑަވެގެންދާނެއެވެ. ނަމަވެސް ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން އެޕެންޑިކްސް ދުޅަވެ، ދޮސްގަނެ އެތެރެއަށް ފަޅައިގެން ގޮސް ބަނޑުގެ ތެރޭގައި ދޮސްތައް ފެތުރިފައިވާނަމަ ލެޕަރޮސްކޯޕް ބޭނުންކޮށްގެން މިއޮޕަރޭޝަން ނުކުރެވޭނެ އެވެ. އެފަދަ ހާލަތެއްގައި ޖެހޭނީ ބަނޑު ހުޅުވާލައިގެން އޮޕަރޭޝަންކޮށް ބަނޑުތެރެ ދޮވެ ސާފުކުރާށެވެ. ވުމާއެކު ލަސްނުކޮށް މިއޮޕަރޭޝަން ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. 

އޮޕަރޭޝަނަކާއި ނުލައި އެޕެންޑިކްސް ދުޅަވުން ރަގަޅު ނުކުރެވޭނެބާވައޭ މިއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލަކަށް ވެދާނެ އެވެ. އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނެތް ތަނެއްގައި ނަމަ ބައެއް ފަހަރު ޖަރާސީމް މެރުމަށް ބޭނުންކުރާ އެންޓިބަޔޮޓިކް ބޭނުންކުރުމުން އެޕެންޑިކްސްގައި އަޅާފައިވާ ޖަރާސީމްގެ އަސަރު ކެނޑި ރަގަޅުވާގޮތް ވެއެވެ. ނަމަވެސް މިގޮތަށް ފަރުވާ ކުރުމަކީ އެކަމުގައި ހިރާސްތަކެއް އޮތް ކަމެކެވެ. ސަބަބަކީ އެންޓިބަޔޮޓިކް އިން ރަގަޅުނުވެ، އެޕެންޑިކްސް ދޮސްގަނެ ފަޅައިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެގޮތަށް ރަގަޅުވުމަށް ފަހު ވެސް އެއްމަސް ނުވަތަ 2 މަސް ފަހުން އަނެއްކާވެސް ތަކުރާރުކޮށް އެގޮތަށް ދުޅަވެފައި ރަގަޅުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިފަދަ ޙާލަތްތަކުގައި އޮޕަރޭޝަންކޮށްގެން އެޕެންޑިކްސް ނެގުމަކީ އެންމެ ރަގަޅު ގޮތެވެ. އެޕެންޑީކްސް ދުޅަވުން ފަދަ އިމަޖެންސީ ޙާލަތްތަކުގައި ޑޮކްޓަރުންދޭ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މައުލޫމާތު :
·         އެޕެންޑިކްސް ދުޅަވުން : ޑރ ޢަބުދުﷲ ޢުބައިދު – ހަވީރު ނޫސް - 2 ފެބުރުއަރީ 2010

ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން

ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން
ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން (Urinary Tract Infection) ނުވަތަ ޖަރާސީމު އެޅުމަކީ ބެކްޓީރިޔާ އެއްގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ އެއްވެސް ހިސާބަކަށް މިސާލަކަށް ގުރުދާ، ގުރުތާ، މަސާނާ، ނުވަތަ ކުޑަކަމުދާ ހޮޅި އަށް އޭގެ(ބެކްޓީރިޔާގެ) އަސަރު ކުރުމެވެ. ހަށިގަނޑަށް އެއްވެސް ސިފައެއްގައި ވަންނަ ބެކްޓީރިޔާއެއް ގުރުދާ، ނުވަތަ މަސާނާ އަށް ވާޞިލްވެއްޖެނަމަ އެ ބެކްޓީރިޔާއެއް ކުޑަކަމުދާ ތަކެތީގެ ތެރޭގައި އިތުރުވެ، މުޅި ކުޑަކަމުދާ ނިޒާމް ޖަރާސީމް އަށަގަންނުވައެވެ. އެންމެ އާންމުކޮށް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަންނަނީ މަސާނާއާއި، ކުޑަކަމުދާ ހޮޅީގައިކަން ފާހަގަ ކޮށްލެވެއެވެ. ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުގައި ގާތުން ދިނުމަކީ ކުޑަކުދިންނަށް ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން ކުޑަކޮށްދޭނެ ކަމެކެވެ. އާންމު ގޮތެއްގައި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުގެ މައްސަލަ ފިރިހެނުންނަށްވުރެ، އަންހެނުންގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ.


ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކަކީ ދިވެހިރާއްޖޭގައި ވަރަށް ޢާންމު ބަލިތަކެކެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ހޫނު ގަދަ ތަނަކަށްވެފައި، ބަލީގެ ޖަރާސީމް މިނިޒާމަށް ފެތުރުމަށް މެދުވެރިވާ އެންމެ އާންމު ސަބަބުކަމަށްވާ މަދުން ފެންބުއިމުގެ އާދަ ގިނަބަޔަކު ގެންގުޅޭތީ އެވެ. ކުޑަކަމުދާ ނިޒާމްގެ ބައްޔެއް ޖެހުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކަމާ ބެހޭގޮތުން ޑޮކްޓަރަށް ދައްކަން ލަދުގަނެ، ބަލީގެ ވާހަކަ ހާމަކުރަން ނުކެރުމެވެ. ބަލިހުރި ވާހަކަ ބުނަން ޖެހިލުންވެ، ގިނަ ދުވަސްވުމަކީ ބަލި އިތުރަށް ގޯސްވުމަށް މެދުވެރިވާ އެއް ސަބަބެވެ. ވީމާ މިއީ ކޮންމެ މީހަކަށްމެ ދިމާވެދާނެ މައްސަލައެއް ކަމަށް ވިސްނައި، ކުޑަކަމުދާ ނިޒާމަށް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދުމަކީ އެންމެ އިސްކަންދޭންވީ ކަންތަކެވެ.
ޒުވާން އަންހެންކުދިން ކުޑަކަމުދާއިރު ތަދުވުން، ކުރިމަތިފަރާތު ދޮރު އާދަޔާ ޚިލާފަށް ރަތްކޮށްހުރުން، ދިލަނެގުން ފަދަ ކަމެއް ހުންނަނަމަ އެއީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއްގެ އަލާމާތަށްވުމަކީ ވެދާނެ ގޮތެކެވެ.

·         ފަންގަލްއިންފެކްޝަންއެއްހުރުން
·         ނުގުޅޭ ސައިބޯންޏެއް ފަދަ އެއްޗެއް ބޭނުންކުރެވުމުގެ ސަބަބުން ދިމާވެފައިވާ ކަމެއްހުރުން ( އެއްޗަކަށް ނުގުޅުން )
·         ޖިންސީ ގުޅުމުން ޖެހޭ ބައްޔެއް ޖެހިފައިހުރުން
·         ޖިންސީ ގުނަވަނަށް ހާނީއްކައެއް ލިބިފައި ހުރުން
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ވައްތަރުތައް
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ވައްތަރުތައް ކަނޑައަޅަނީ ޖަރާސީމު އަށަގެންފައިވާ ހިސާބާއި ގުޅުވައިގެންނެވެ. އަދި ފެންނާނެ އަލާމާތްތައް ވެސް ޖަރާސީމު ހުރި ހިސާބާއި ގުޅިގެން ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އޭގެ ވައްތަރުތަކާއި ފެންނަ އަލާމާތްތައް ތިރީގައި މިވަނީ އެވެ. 

(ހ) ގުރުދާގައި ޖަރާސީމު އަށަގަނެ ދުޅަވުން(Acute Pyelonephritis): ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ބުރަކަށްޓާއި، އުނަގަނޑުގައި ރިހުން
·         ގަދަޔަށް ހުންއައުން
·         ހީކެރުވުން، ތުރުތުރުއެޅުން
·         މޭނުބައިކުރުން
·         ހޮޑުލެވުން
(ށ) މަސާނާގައި ޖަރާސީމު އަށަގަނެ، ދުޅަވުން (Cystitis): ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ދަށްބަނޑަށް ބާރުވުން
·         ދަށްބަނޑުގައި ރިހުން
·         އަވަސްއަވަހަށް ކުޑަކަމުދާންޖެހުން
·         ކުޑަކަމުދާއިރު ތަދުވުން
·         ކުޑަކަމު ނަޖިހުގައި ލޭހުރުން
(ނ) ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށަގަނެ ދުޅަވުން(Urethritis): ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ކުޑަކަމުދާއިރު ދިލަނެގުން
·         ކުޑަކަމުދާއިރު، އެއްޗެހި އައުން
ކުޑަކަމުދާ ނިޒާމް އަށް ޖެހޭ ބަލިތަކުގެ ތެރެއިން ގުރުދާއަށް ޖެހޭ ބައްޔެއްކަމުގައިވާ ޕައިއެލޯނެފްރައިޓިސް އަދި މަސާނާ އަށް ޖެހޭ ބައްޔެއް ކަމުގައިވާ މަސާނާ ދުޅަވުމަކީ ޖަރާސީމެއްގެ ސަބަބުންޖެހޭ ބަލިތަކެކެވެ. މަސާނާގައި ޖަރާސީމު އަށަގަތުމަކީ އޭގެ ސަބަބުން  ވަރަށް ބޮޑަށް ތަދާއި ރިހުން ބަލިމީހާއަށް އިހުސާސް ކުރެވޭނެ ކަމެކެވެ. މިބަލިތައް ޖެހިފައި ބޮޑުވަރުވެއްޖެނަމަ ހުންއައުން، ބޮލުގައި ރިހުން، ތުރުތުރުއެޅުން އަކީ ވެދާނެ ގޮތެކެވެ. ކުޑަކަމުދާ ނިޒާމުގައި އަށަގަންނަ ޖަރާސީމުގެ އަސަރު ގުރުދާ އަށް ފޯރުމަކީ އެކަމުގެ ސަބަބުން އިތުރު މައްސަލަތަކާ ދިމާވެދާނެ ކަމެކެވެ. 

ފިރިހެނުންނަށްވުރެ ކުޑަކަމުދާ ނިޒާމްގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑީ އަންހެނުންނަށެވެ. ސަބަބަކީ އަންހެނުންގެ ކުރިމަތިފަރާތު ދޮރު ނުވަތަ ފަރުޖާއި، ފުރަގަސް ފަރާތު ދޮރު ކައިރިކޮށް ހުރުމާއި، ކުޑަކަމުދާ ހޮޅިކުރުކޮށް އިންނާތީ ޖަރާސީމް ފަސޭހައިން އެތެރެއަށް ވާޞިލްވުމުގެ ފުރުޞަތު އޮތުމެވެ. 

ސަބަބުތައް
ކުޑަކަމުދާ ނިޒާމްގެ ޖަރާސީމް އެޅުމުގެ ސަބަބުތައް އެކި އުމުރުގައި ތަފާތެވެ. މިބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ކުރިމަތި ފަރާތުންނެވެ. ނުވަތަ ކުޑަކަމުދާ ހޮޅިންނެވެ. ޖަރާސީމް ވަނުމުން ކުޑަކަމުދާހޮޅީގެ ތެރެއިން މަސާނާއަށް ގޮސް، މަސާނާގައި ޖަރާސީމުތައް އިތުރުވާން ފަށައެވެ. އަދި މަސާނާގައި އިންފެކްޝަން އުފެދި، އޭގެ ސަބަބުން ފާރުވާގޮތްވެ، ބަލީގެ އަސަރު ކުޑަކަމުދާ ނިޒާމުން މައްޗަށް އަރަމުން ގޮސް (ކުޑަކަމުދާ ހޮޅިން، މަސާނާއިން، ގުރުތާ އިން ގުރުދާއަށް) މިނިޒާމްގެ އެކި ބައިތަކަށް ބަލިޖެހެނީއެވެ.

ބޮޑުކަމުގޮސް ތާހިރުވުމުގައި ފަރުވާކުޑަކުރުން
ކުޑަކަމުދާ ނިޒާމްގެތެރެއަށް ޖަރާސީމް އާންމުކޮށް ވަންނަނީ ކުޑަކަމުދާ ހޮޅީގެ ތެރެއިން ލާފައެވެ. އަންހެނުންނަށް ބަލާއިރު މިއީ އެންމެ 4 ސމ ވަރުގެ ކުރުހޮޅިއެކެވެ. ވުމާއެކު އަންހެނުންނަށް މިމައްސަލަ ގިނައިން ދިމާވުމުގެ އަސްލަކީ މިއީކަމަށް ވެދާނެއެވެ. މިގޮތަށް ވަންނަ ޖަރާސީމް ގިނަފަހަރު އަންނަނީ ބޮޑުކަމުދާ އެއްޗެތިންނެވެ. ބޮޑުކަމުދާ ތަކެތި އެކުލެވޭ ނިޒާމް ނުވަތަ ހަޖަމުކުރާ ނިޒާމް ގެ ފަހަތު ބައިތަކަކީ އެތަނުގައި ބެކްޓީރިޔާ ފަދަ ޖަރާސީމްތައް ދިރިއުޅޭ ތަނެކެވެ. ވުމާއެކު ބޮޑުކަމުދިއުމަށްފަހު ތާހިރުވުމުގައި ފަރުވާ ކުޑަކޮށްފިނަމަ އެތަނުގައި އެކުލެވޭ ޖަރާސީމް ކުޑަކަމުދާ ނިޒާމް އަށް ފޯރުމަކީ ވަރަށް ގާތްކަމެކެވެ. ދުވަސްކޮޅެއް ކުރިން ދިވެހިން ބޮޑުކަމުގޮސް ތާހިރުވުމުގައި ފެންއަޅަނީ ފުރަގަސް ފަރާތުންނެވެ. އޭގެ ސަބަބުން ނަޖިހާއި އެކުވެފައިވާ ފެން ކުރިމަތި ފަރާތަށްއާދެއެވެ. ދިވެހިންނަށް ޚާއްޞަކޮށް އަންހެނުންނަށް މިމައްސަލަ ދިމާވުމުގައި މިއީ ވަރަށް މުހިއްމު ސަބަބެއްކަމުގައި ފެނެއެވެ.
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެންމެ އާންމު އަށަގަންނަ (ޚާއްޞަކޮށް އަންހެނުންނަށް) ހިސާބުތަކަކީ ކުޑަކަމުދާ ހޮޅި އާއި، މަސާނާ އެވެ. 

(ހ) މަސާނާގައި ޖަރާސީމު އަށަގަނެ ދުޅަވުން (Cystitis): މަސާނާގައި އާންމު ގޮތެއްގައި ޖަރާސީމު އަށަގަންނަނީ ހަޖަމުކުރާ ނިޒާމުގައި އާންމުކޮށް ހުންނަ ބެކްޓީރިޔާ އެއް ކަމުގައިވާ "އީކޮލައި" ބެކްޓީރިޔާގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު އެހެން ބެކްޓީރިޔާތަކުގެ ސަބަބުން ވެސް މަސާނާގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވެދާނެ އެވެ. ޖިންސީ ގުޅުން ހިންގުމަކީ ވެސް މަސާނާގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވެދާނެ ކަމެކެވެ. އަންހެނުންނަށް މަސާނާގައި ޖަރާސީމު އަށަގަތުމުގެ ފުރުޞަތު ބޮޑެވެ. އެއީ އަންހެނުންގެ ކުރިމަތިފަރާތު ދޮރު ނުވަތަ ފަރުޖާއި، ފުރަގަސް ފަރާތު ދޮރު ކައިރިކޮށް ހުރުމާއި، ކުޑަކަމުދާ ހޮޅިކުރުކޮށް އިންނާތީ ޖަރާސީމް ފަސޭހައިން އެތެރެއަށް ވާޞިލްވުމުގެ ފުރުޞަތު އޮތުމެވެ. 

(ށ) ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށަގަނެ ދުޅަވުން (Urethritis): ކުޑަކަމުދާ ހޮޅީގައި އާންމު ގޮތެއްގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވަނީ ހަޖަމުކުރާ ނިޒާމުގައި ހުންނަ ބެކްޓީރިޔާތައް ފުރަގަސް ފަރާތުން، ކުޑަކަމުދާ ހޮޅިއަށް ވާޞިލްވުމުންނެވެ. މީގެ އިތުރުން އަންހެނުންގެ ކުރިމަތި ފަރާތު ދޮރާއި، ކުޑަކަމުދާ ހޮޅި ގާތްގާތުގައި ހުރުމަކީ ޖިންސީގޮތުން އަރާ ބަލިތައް ކަމުގައިވާ ޖެނިޓަލް ހާރޕީޒް، ކިހުނުވުން، އަދި ކްލަމީޑިޔާ އިންފެކްޝަން ފަދަ ބަލިތަކުގެ ސަބަބުން ވެސް ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވެދާނެ ކަމެކެވެ. 

މަގުފަހި ކުރާ ކަންތައްތައް
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ ދުޅަވުމަކީ ފިރިހެނުންނަށްވުރެ އަންހެނުންނަށް އާންމު ކަމެކެވެ. ވަރަށް ގިނަ އަންހެނުންނަށް އެއް ފަހަރަށްވުރެ ، ގިނަ ފަހަރު ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު ހަރުލައި، ދޮސްލައި، ދުޅަވުމަކީ ވެދާނެ ގޮތެކެވެ. 

އަންހެނުންނަށް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމަށް މަގުފަހިކުރާ ކަންތައްތައް
 (ހ) އަންހެނުންގެ ކުރިމަތިފަރާތާއި، ކުޑަކަމުދާ ނިޒާމު އުފެދިފައިވާ ގޮތް : އަންހެނުންގެ ކުރިމަތިފަރާތު ދޮރު ނުވަތަ ފަރުޖާއި، ފުރަގަސް ފަރާތު ދޮރު ކައިރިކޮށް ހުރުމާއި، ކުޑަކަމުދާ ހޮޅިކުރުކޮށް އިންނާތީ ޖަރާސީމް ފަސޭހައިން އެތެރެއަށް ވާޞިލްވުމުގެ ފުރުޞަތު އޮވެއެވެ. 

(ށ) ޖިންސީ ގުޅުން ހިންގުން : ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގައި އުޅޭ އަންހެނުންނަށް، ނޫނީ މާގިނައިން ޖިންސީ ގުޅުން ހިންގައި އުޅޭ ، ޖިންސީގޮތުން ހީވާގި ހަރަކާތްތެރި، އަންހެނުންނަށް ، ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވުމުގެ ފުރުޞަތު ބޮޑެވެ. އާބައިވެރިޔަކާއެކު ޖިންސީ ގުޅުން ހިންގުމަކީ ވެސް އަންހެނުންނަށް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. ބަލިޖެހިފައިވާ މީހަކު ސަލާމަތުން ހުރި މީހަކާއެކު ޖިންސީ ގުޅުން ހިންގައިފިނަމަވެސް ބަލި ނަގުލުވެދާނެއެވެ.

(ނ) ދޭތެރެދުރުކުރަން ބޭނުންކުރާ ބައެއް ކަހަލަ ވަޞީލަތްތައް ބޭނުންކުރުން : ދޭތެރެ ދުރުކުރާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ޑަޔަފްރަމް، އަދި ދަރިފަނި މަރާ ފަދަ ވަޞީލަތްތަކުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުގެ ފުރުޞަތު ނުވަތަ ހިރާސް އަންހެނުންނަށް އިތުރުވެއެވެ. 

(ރ) އިއްދައިން ކެނޑުން : އިއްދައިން ކެނޑުމުން ހަށިގަނޑުގައި ދައުރުވާ އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަދުވެ، ކުޑަކަމުދާ ނިޒާމަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އަންހެނުންނަށް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ފުރުޞަތު ފަހިކުރެއެވެ. 

(ބ) މާބަނޑުވުން : މާބަނޑު އަންހެނުންނަށް މިމައްސަލަ ދިމާވަނީ ބަލިވެ އިނުމުގެ ސަބަބުން ހަށިގަނޑުގައި ދައުރުކުރާ ހޯރމޯންތަކަށް ބަދަލު އައުމާއި، ރަހިމު ބޮޑުވުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ ބައެއް ބައިތަކަށް ވާންވެ، ދެމި، އެތުރުންތަކަށް ބަދަލުއަންނާތީ އެވެ. މީގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ ތެރޭގައި ބެކްޓީރިޔާ ދަތުރުކުރުމަށް ފަސޭހަތަކެއް ވާކަމަށް ބެލެވެއެވެ. 

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ، ދޮސްލައި، ދުޅަވުމަށް މަގުފަހިކުރާ އެހެން ކަންތައްތަކުގެ ތެރޭގައި:-
(ހ) ކުޑަކަމުދާ ނިޒާމުގައި ހުންނަ މައްސަލަތައް : އުފަންވާއިރު ކުޑަކަމުދާ ނިޒާމުގައި ހުންނަ މައްސަލައެއްގެ ސަބަބުން ރަނގަޅަށް ކުޑަކަމުނުދެވޭ ކުދިންނަށް، ކުޑަކަމު ނަޖިސް، ކުޑަކަމުދާ ހޮޅީގައި ހަރުލައި، ހިފެހެއްޓިފައި ހުރެ، އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ ދުޅަވުމުގެ ހިރާސް އިތުރުކުރުވައެވެ.

(ށ) ކުޑަކަމުދާ ނިޒާމުގައި ހުރަހެއް ހުރުން : ކުޑަކަމުދާ ނިޒާމުގެ ކޮންމެވެސް ހިސާބެއްގައި ހިލަކޮޅެއް އުފެދިފައި ހުރުން މިސާލަކަށް ގުރުދާގައި ހިލައުފެދުން، އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ޕްރޮސްޓޭޓް ގްލޭންޑްގެ ސަބަބުން ކުޑަކަމު ނަޖިސް ރަނގަޅަށް ހުސްނުކުރެވި، މަސާނާއަށް ފިއްތައި، ކުޑަކަމު ނަޖިސް މަސާނާގައި ހިފެހެއްޓިފައި ހުންނަގޮތް ވުމަކީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ ދުޅަވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. 

(ނ) ދިފާޢީ ބާރު ދަށްވުން : ހަކުރު ބަލި ފަދަ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްކުރާ ބަލިތަކުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ، ދުޅަވުމުގެ ހިރާސް އިތުރުކުރުވައެވެ.

(ރ) ކުޑަކަމު ދިއުމަށް ހޮޅިލެއްވުން : އަމިއްލައަށް ކުޑަކަމުދިއުމަށް ނުކުޅެދުމުގެ ސަބަބުން، ކުޑަކަމުދިއުމަށް ހޮޅިލައްވާފައިވާ މީހުންނަށް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. މީގެ ތެރޭގައި ދާނުގައި ތިބޭ ބަލިމީހުންނާއި، ނާރުގެ މައްސަލަތައް ހުންނަ ބަލިމީހުން ހިމެނެއެވެ. 

(ބ) ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަނެއް ކުރުން ނޫނީ ޓެސްޓެއް ހެދުން : ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަނެއް ކުރުން، ނޫނީ ކުޑަކަމުދާ ހޮޅިން އަދަވާތެއް ލައްވައިގެން ޚާއްޞަ ޓެސްޓެއް ހެދުން ފަދަ ކަންކަމުގެ ސަބަބުން ވެސް ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުގެ ހިރާސް އިތުރުވެގެން ދެއެވެ.

(ޅ) ފެންބުއިން މަދުވުން : މިކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތި މަދުވެ، އޭގެ ކޮންސެންޓްރޭޝަން މަތިވެ، އޭގައި ފަސޭހަ ކަމާއެކު ޖަރާސީމް އަށަގަންނަގޮތް ވެއެވެ. 

ކުޑަކަމުދާ ނިޒާމަށް ބަލިޖެހުމުގެ އަލާމާތްތައް
·         ކުޑަކަމުދާއިރުދިލަނެގުން
·         ކުޑަކަމުދާއިރު ތަދުވުން
·         ކުޑަކަމުގޮސް ނިމޭއިރު ތަދެއް އިހްސާސްވުން
·         ދަށްބަނޑުކޮޅަށް ތަދުވުން، ނުވަތަ ދަށްބަނޑުގައި ރިހުން
·         ކުޑަކަމުދިއުން ކޮންޓްރޯލް ނުކުރެވުމާއެކު އަބަދު ތިކިޖެހިޖެހި ހުރުން
·         ކުޑަކަމުދާ ހޮޅިއަށް ތަދުވުން
·         ކުޑަކަމުދާ ތަކެތީގައި ނުބައިވަސްދުވުން ނުވަތަ ނުބައިވަސް ހުރުން
·         ކުޑަކަމުދާ ތަކެތީގެ ކުލަ ފުސްވުން
·         ބައެއް ފަހަރު ދަށްބަނޑާއި އުނަގަނޑު މައްޗަށް އުދަގޫވެފައި ހުރުން ނުވަތަ އަރިކައްޓާއި ދިމާލުން ބަނޑުގެ އަރިމަތީގައި ރިހުން
·         އަވަސް އަވަހަށް ކުޑަކަމުދާން ޖެހުނު ނަމަވެސް ނުދެވުން
·         ކުޑަކަމުދާންވެއްޖެ ކަމުގެ އިހްސާސްވުމާއެކުވެސް ކުޑަކަމުނުދެވުން
·         ގުރުދާ އާއި ދިމާއިން އުނަގަނޑުމަތީގައި ރިހުން ހުރުން
·         ކުޑަކަމުދާ ތަކެތީގައި ލޭގެ އަސަރުހުރުން : މިހެން ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި ގުރުދާ އާއި ދިމާގައި އެއްޗަކުން ބާރަށް ޖެހިފައިވުން، ގުރުދާގައި ހިލަހުރުން، ކުޑަކަމުދާ ނިޒާމްގެ ބައްޔެއްހުރެ ބޮޑުވަރުވުން ހިމެނެއެވެ. ކުޑަކަމުދާ ތަކެތީގެ ކުލަ މިހާލަތުގައި ހުންނާނީ ރަތް ނުވަތަ ފިޔާތޮށި ކުލައެއްގައެވެ.
·         މޭނުބައިކުރުމާއެކު ހޮނޑުލެވުން
·         ގަދަޔަށް ހުންއައުމާޢެކު ހީކެރުވުން
ދިމާވެދާނެ ނުރައްކާތައް
ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ، ދުޅަވުމުން ފަރުވާނުކޮށް ދޫކޮށްލުމަކީ އޭގެ ސަބަބުން ތަފާތު މައްސަލަތަކާ، ނުރައްކާތަކާ ދިމާވެދާނެ ކަމެކެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
·         ގާތްގާތުގައި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން
·         ގުރުދާގައި ޖަރާސީމު އަށަގަނެ ދުޅަވުމަށް ފަރުވާނުކޮށް ދޫކޮށްލުމުގެ ސަބަބުން ގުރުދާއަށް ގެއްލުންވުން
·         މާބަނޑު އަންހެނުންނަށް އުފަންވާއިރު ބަރުދަން ލުއި ކުދިން ލިބުން ނުވަތަ ދުވަސްނުފުރާ ވިހެއުން
·         ކުޑަކަމުދާ ހޮޅި ހިމަވެ ބެދުން (ޚާއްޞަކޮށް ފިރިހެނުންނަށް)
·         ލޭގައި ޖަރާސީމު އެޅުން
ބަލި ދެނެގަތުން
·         ކުޑަކަމުދާ އެއްޗެތީ ގެޓެސްޓްހެދުން : މިއީ ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ހެދޭ އެންމެ މުހިއްމު އެއް ޓެސްޓެވެ. މިޓެސްޓުގެ އެހީގައި ކުޑަކަމު ނަޖިހުގައި ދޮސް ނޫނީ ޖަރާސީމު ހުރިތޯ އާއި، ލޭގެ އަސަރު އެކުލެވޭތޯ ދެނެގަނެވޭނެ އެވެ.
·         ލޭގެ ޓެސްޓް ހެދުން
·         ކުޑަކަމުދާ ތަކެތީގެ ކަލްޗަރ ހެދުން : މިއީ ކުޑަކަމުދާ ނިޒާމްގައި އަށަގަނެފައިވާ ޖަރާސީމްގެ ވައްތަރު ދެނެގެނެ، ދޭން ޖެހޭ ބޭސް ކަނޑައެޅުމުގައި އެހީތެރިވެދޭނެ ކަމެކެވެ.
·         ސިސްޓޮސްކޮޕީ : މިއީ ކުޑަކަމުދާ ހޮޅީގެ ތެރެއަށް ކެމެރާއެއް ލައްވައިގެން މިނިޒާމްގެ އެތެރެ ބަލައިހެދޭ ޓެސްޓެކެވެ. އަދި މިއީ ޖަރާސީމްގެ އަސަރު މިނިޒާމްގެ އެތެރޭގެ ބައިތަކަށް ކޮށްފައިވާ ކަމަށް ޝައްކުކުރެވި ފުރަތަމަ ދެވުނު ފަރުވާއިން ރަގަޅުނުވާނަމަ  ހެދިދާނެ ޓެސްޓެކެވެ.
·         އަލްޓްރާ ސައުންޑް ސްކޭން : ސްކޭން ކުރުމަކީ ގުރުދާ އަދި ގުރުތާ އާއި މަސާނާ އަދި ކުޑަކަމުދާ ހޮޅީގައި ހުންނަ މައްސަލަތައް ދެނެގަތުމުގައި އެހީތެރިވެދޭނެ ކަމެކެވެ.
·         ސީޓީ ސްކޭން ހެދުން : މިއީ ވެސް ގުރުދާ އަދި ގުރުތާ އާއި މަސާނާ އަދި ކުޑަކަމުދާ ހޮޅީގައި ހުންނަ މައްސަލަތައް ދެނެގަތުމުގައި އެހީތެރިވެދޭނެ ކަމެކެވެ.
·         މެގްނެޓިކް ރިސޮނެންސް އިމޭޖިންގ ހެދުން : މިއީ ވެސް ގުރުދާ އަދި ގުރުތާ އާއި މަސާނާ އަދި ކުޑަކަމުދާ ހޮޅީގައި ހުންނަ މައްސަލަތައް ދެނެގަތުމުގައި އެހީތެރިވެދޭނެ ކަމެކެވެ.
ޑޮކްޓަރަށް ދައްކަންޖެހޭ ޚާއްޞަ ހާލަތްތައް
ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލީގެ އަލާމާތްތައް ހުރެ ތިރީގައިމިވާ ކަންތައްތަކުން ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ.
·         ކުޑަކަމުދާއިރުލޭނުވަތަދޮސްހުރުން
·         މޭނުބައިކުރުން އަދި ހޮޑުލެވުން
·         އުނަގަނޑު މައްޗާއި، އުކުޅުވަޅު، އަދި ޖިންސީ ގުނަވަންތައް ހިމެނޭ ހިސާބުގައި ރިހުން
·         ހީކަރުވައި ހުން ވައްތަރުވުން
·         ކުޑަކަމުދާން ބޭނުންވިޔަސް ނުދެވުން
·         މާބަނޑު މީހަކަށް މިފަދަ އަލާމާތެއް ދިމާވުން
·         ހަކުރު ބަލި ޖެހިފައިވާ މީހަކަށް މިފަދަ ކަމެއް ދިމާވުން
·         ޖިންސީ ގުނަވަނަކަށް ހާނީއްކައެއްވެގެން މިފަދަ އަލާމާތެއް ފެނުން
ފަރުވާ
ކުޑަކަމުދާ ނިޒާމްގައި މައްސަލައެއް ހުރިކަމުގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ އަމިއްލައަށް ދެވިދާނެ ފަރުވާތައް އަވަހަށް ފެށުން މުހިއްމެވެ. އޭގެ ތެރޭގައި :-
·         ގިނައިން ފެން ބުއިމަށްފަހު އަވަސް އަވަހަށް ކުޑަކަމުދިއުން
·         މިފަދަ އަލާމާތެއް ފާހަގަކުރެވޭނަމަ ރަގަޅުވަންދެން އެއްދާންވުމުން ދުރުހެލިވުން
މިފަދަ ފަރުވާއެއް ކޮށްގެން ލުޔެއް ނުލިބޭނަމަ ލަސްނުކޮށް ޞިއްހީ ލަފާދޭ ފަރާތަކާއި މަޝްވަރާކުރުން މުހިއްމެވެ.
ޖަރާސީމް މެރުމަށް ބޭނުންކުރާ ބޭސް ބޭނުންކުރުމަކީ ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ދެވޭ އެންމެ މުހިއްމު އެއް ބޭހެވެ. އެންޓި ބަޔޮޓިކްގެ ވައްތަރު ކަނޑައެޅުމުގައި ކުޑަކަމުދާ ތަކެތީގެ ޓެސްޓް ރިޕޯޓް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެއެވެ. ޖަރާސީމްގެ އަސަރު ގުރުދާއާއި ހަމައަށް ފޯރައި، މުޅި ކުޑަކަމުދާ ނިޒާމްގައި މައްސަލަ ޖެހި ޙާލަތު ދަށަށްގޮސްފައިވާ ބަލިމީހުން ހޮސްޕިޓަލްގައި އެދުމަތިކޮށް ފަރުވާ ދޭންޖެހެއެވެ.
އާންމުކޮށް ކުރިމަތިވާ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދުމަށް ކުރު މުއްދަތަކަށް އެންޓިބަޔޮޓިކް ބޭނުންކޮށްގެން ރަނގަޅު ކުރެވެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރަން ފެށުމަށްފަހު، އުނދަގޫތައް ލުއިވިޔަސް، ޑޮކްޓަރުން ލިޔެދީފައިވާ މުއްދަތަށް އެންޓިބަޔޮޓިކް ބޭނުންކުރަން ވާނެއެވެ. 

ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލީގެ އަސަރު ނުފިލާ ގިނަދުވަހު ހުރުމުގެ ފުރުޞަތުބޮޑު ފަރާތްތައް
·         ޕްރޮސްޓޭޓް އާދަޔާ ޚިލާފަށް ބޮޑުވުން ކުރިމަތިވެފައިވާ ފިރިހެނުން
·         ތަލީވައިގެ އުދަގޫ ހުންނަ އަންހެނުން
·         ކުޑަކަމުދާ ނިޒާމްގައި ހިލަ އުފެދިފައި ހުންނަ މީހުން
·         ހަކުރު ބަލީގެ ހުންނަ މީހުން
·         އުނަގަނޑުން ތިރި ވާގިނެތިފައި ތިބޭމީހުން
ބަލިން ރައްކާތެރިވުން
ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ތިރީގައި މިވަނީއެވެ. 

(ހ) - ގިނައިން ފެންބުއިން : ދުވާލަކު މަދުވެގެން 8 ނުވަތަ 12 ތަށި ފެންބުއިން، އަދި ހޫނު ގަދަ ތަންތަނާއި، ބުރަ މަސައްކަތުގައި އުޅޭމީހުން އެއަށްވުރެ ގިނައިން ފެންބޯން ޖެހޭނެއެވެ. 

(ށ) - ފުދޭވަރަކަށް ކުޑަކަމުދިއުން : ފުދޭވަރަކަށް ފެންބޮވެމުން ދަނީނަމަ، ފުދޭވަރަކަށް ކުޑަކަމުދެވޭނެއެވެ. އޭގެ ސަބަބުން ގުރުދާ އަދި މަސާނާ ސާފުކޮށްދޭނެއެވެ. ކުޑަކަމުދެވުމުގެ އިހްސާސް ވުމާއެކު ލަސްނުކޮށް ކުޑަކަމުދާށެވެ. ކުޑަކަމުދާ ތަކެތި މަސާނާގައި ގިނައިރު ޖަމާވެފައި ހުރުމަކީ އިންފެކްޝަން އަށަގަތުމަށް މަގުފަހިވާ ކަމެކެވެ. 

(ނ) - ޖިންސީ ގުނަވަން ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދިނުން: އެގޮތުން ދެމަފިރިން ގުޅުން ހިންގުމަށްފަހު ވެސް އަވަހަށް ސާފުތާހިރުވުމަކީ މުހިއްމު ކަމކެވެ. އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމްގެ ތެރެއަށް ވަދެފައިވާ ޖަރާސީމްތައް ނިކުމެސާފުވެއެވެ. އަދި އެވަގުތު ފެންތައްޓެއް ބުއިމަކީވެސް ރަގަޅު ކަމކެވެ. 

(ރ) - ކުޑަކަމު އަދި ބޮޑުކަމު ދިއުމަށްފަހު ސައިބޯނި ލައިގެން ރަގަޅަށް ދޮވެ ސާފުކޮށް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން : ސައިބޯނި ބޭނުންކުރުމުގައި ވަސްގަދަ ބާރުގަދަ ސައިބޯނި ބޭނުން ނުކުރާށެވެ. އަދި ސީދާ ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ސައިބޯނި އުގުޅުމުގެ ބަދަލުގައި އަތުގައި ސައިބޯނި ލާފައި އެހިސާބުގައި އުގުޅާށެވެ. ބޮޑުކަމު ދިއުމަށްފަހު ނުވަތަ ކުޑަކަމުދިއުމަށްފަހު ވެސް ތާހިރުވުމުގައި ރަގަޅުވާނީ ކުރިމަތި ފަރާތުން ފުރަގަސް ފަރާތަށް ވާގޮތަށް ފެން އެޅުމެވެ. އޭގެ ސަބަބުން ބޮޑުކަމުދާ ތަކެތީގައި ހިމެނޭ ޖަރާސީމް ކުރިމަތި ފަރާތަށް އައުން މަދުވާނެއެވެ. 

(ބ) - ކްރޭން ބެރީ ޖޫސް ބުއިން: މީގެ އިތުރުން ވިޓަމިންސީ އަދި އެހެނިހެން ޖޫސްތައް ބޭނުންކުރުމަކީ ވެސް ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުން މަނާކޮށް ޖަރާސީމް ސާފުކޮށްދޭނެ ކަމެކެވެ. 

(ޅ) - ނައިލޯނުން ފަހާފައި ހުންނަ އަންނައުނާއި، ގަޔަށް ބާރު އަންނައުނު ނުލުން : ނައިލޯނު ފޮތިން ފަހާފައި ހުންނަ ޖަގިޔާ ގަޔަށް ބާރުކޮށް ހުންނަ ޖީންސް ފަދަ ތަކެތި ލުމަކީ ކުރިމަތިފަރާތް ދާހިއްލައި އަބަދު ތެމިފައި ހުންނަކަމަކަށް ވުމާއެކު، އޭގެ ސަބަބުން ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުމަށް އެހީތެރިވެދެއެވެ. ރަގަޅު ގޮތަކީ އުއި ފޮތީގެ ޖަނގިޔާ ލުމާއި އެކު ގަޔަށް ދޫކޮށް ހުންނަ އަންނަ އުނު ބޭނުންކުރުމެވެ.

(ކ) ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ވަޞީލަތްތައް ބަދަލުކުރުން : ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ޑަޔަފްރަމް ފަދަ ތަކެތި ގިނަ ދުވަހު ނުބަހައްޓައި ބަދަލުކުރުމަކީ މުހިއްމު ކަމެކެވެ. 

(އ) ކުރިމަތި ފަރާތުގައި މައްސަލަ އުފެދޭ ފަދަ  އަންހެނުންނަށް ޚާއްޞަ އުފެއްދުންތައް ބޭނުންނުކުރުން : މިސާލަކަށް ކުރިމަތި ފަރާތް ދޮންނަން ޚާއްޞަކޮށްގެން އުފައްދާފައި ހުންނަ، ސާބޯންޏާއި، ދޮންނަކުޑި ފަދަ ތަކެތީގެ ސަބަބުން ކުރިމަތި ފަރާތް ހިމެނޭ ސަރަހައްދަށް ބަދަލު އައިސް ޖަރާސީމު އެޅުމަށް މަގުފަހިވާގޮތް ވެއެވެ. 

މައުލޫމާތު :
·         ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން – ޑރ ޢަބުދުﷲ ޢުބައިދު- ހަވީރު ނޫސް- ދިވެހިރާއްޖެ