މެލޭރިޔާ
މެލޭރިޔާ (Malaria) އަކީ ޕްލަސްމޯޑިޔާ(Plasmodia) ކިޔާ ޕެރަސައިޓް(Parasite) އެއްގެ ގުރޫޕަކުން ޖެހޭ ބައްޔެކެވެ.
މިބަލި ފަތުރަނީ މަދިރީގެ ސަބަބުންނެވެ. މެލޭރިޔާ އަކީ ހޫނު ގައުމުތަކުގައި އުޅޭ
މީހުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ. އަހަރު 515 މިލިއަން މީހުންނަށް
މިބަލި ޖެހޭކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ. އަދި މެލޭރިޔާ އަކީ
ފަގީރު ގައުމުތަކުގައި ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މިއީ ހުރިހާ
އުމުރެއްގެ މީހުންނަށް ވެސް ޖެހިދާނެ ބައްޔެކެވެ. އަދި ކޮންމެ ޖިންސެއްގެ
މީހުންނަށް ވެސް ޖެހިދާނެ އެވެ. ވާރޭވެހޭ ވިއްސާރަ ދުވަސްވަރު މަދިރި އިތުރުވުމުން
މިފަދަ ބަލިތައް އާންމުވެގެން ދެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި
އަހަރަކު 500-250 މިލިއަން މީހުންނަށް މެލޭރިޔާޖެހި، އޭގެތެރެއިން 1 މިލިޔަން މީހުން މަރުވެދެއެވެ.
ނޯޓް: ދިވެހިރާއްޖެއިން
މެލޭރިޔާ ވަނީ ފުހެލެވިފައެވެ. މެލޭރިޔާ ޖައްސާ މަދިރި ދިވެހިރާއްޖެއިން
ފެނިފައެއް ނުވެއެވެ. ނަމަވެސް އަވަށްޓެރި އިންޑިޔާ އަދި ސްރީލަންކާގައި މެލޭރިޔާ
އުޅެއެވެ.
ސަބަބު އަދި ފެތުރުން
މެލޭރިޔާ ޖެހެނީ "ޕްލަސްމޯޑިޔާ"(Plasmodia) ކިޔާ ޕެރަސައިޓް ބާވަތުގެ ތެރޭގައި
ހިމެނޭ ޕެރެސައިޓެއް މަދިރި ލޭބުއިމުގެ ތެރޭގައި އިންސާނާގެ ހަށިގަނޑަށް
ވާޞިލްވުމުންނެވެ. މެލޭރިޔާ ނުވަތަ ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ގައިން
ލޭބުއިފައިވާ އެނޯފީލް(Anopheles) ނުވަތަ މެލޭރިޔާ ޖައްސާ ޕެރަސައިޓްގެ
ބަލި ފަތުރުވާ މަރުހަލާ އުފުލާ އެނޯފީލް އަންހެން މަދިރިއެއް ، ޞިއްޙަތު
ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި ނުވަތަ ހެފުމުގެ
ތެރޭގައި ޕްލަސްމޯޑިއަމް(Plasmodium) ގެ ސްޕޮރޯޒޮއިޓް(Sporozoites) ތައް އެމީހެއްގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ.
މެލޭރިޔާ ފެތުރޭގޮތް (ދައުރުވަމުންދާގޮތް)
·
މަދިރި މެލޭރިޔާ ޖައްސާ
ޖަރާސީމާއި ތަޣައްޔަރުވަނީ މެލޭރިޔާ ޖެހިފައިވާ މީހެއްގެ ގައިގައި ހެފުމުންނެވެ.
·
އެމަދިރި ސަލާމަތުންހުރި
މީހެއްގެ ގައިގައި ހަފައިފިނަމަ އެމީހަކަށް މެލޭރިޔާ ޖެހޭނެއެވެ.
·
މެލޭރިޔާގެ ޖަރާސީމު
އިންސާނާގެ މޭގަނޑުގައި އަހަރުތަކެއް ވަންދެން ފޮރުވިގެން ތިބެއެވެ.
·
މޭގަނޑުގައި ތިބެ
ބޮޑުވެގެން ލޭގެ ތެރެއަށް ނިކުމެއެވެ. މިވަގުތު މެލޭރިޔާގެ އުދަނގޫތައް
ވާންފަށާނެއެވެ.
·
މަދިރިއެއް މިހާރު ތިބާގެ
ގައިގައި ހަފައިފިނަމަ އެމަދިރި މެލޭރިޔާ ޖަރާސީމާއި ތަޣައްޔަރުވާނެ އެވެ.
·
އެހެން މީހެއްގެ ގައިގައި
ހަފައިފިނަމަ އެމީހަކަށް ބަލިޖެހޭނެ އެވެ.
މަދުން ނަމަވެސް މެލޭރިޔާ ފެތުރިދާނެ ގޮތްތައް
·
މައިމީހާގެ ފުށުން
ބަނޑުގައިވާ ދަރިފުޅަށް
·
މެލޭރިޔާ ޖެހިފައިވާ
މީހެއްގެ ގައިން ލޭނަގައިގެން އެޅުން
·
މެލޭރިޔާ ޖެހިފައިވާ
މީހަކު ބޭނުންވާ ކަށި ސިރިންޖު އެހެންމީހަކު ބޭނުންކުރުން
މެލޭރިޔާ ޖައްސާ މަދިރި
މެލޭރިޔާ ޖައްސާ ނުވަތަ ފަތުރާ މަދިރި އަކީ އެނޯފިލީޒް(Anopheles) މަދިރި އެވެ. އެނޯފިލިޒް މަދިރީގެ ވަރަށް ގިނަ ބާވަތްތައް ހުރެއެވެ.
އެގޮތުން ފާހަގަކޮށްލެވޭ ބާވަތްތަކުގެ ތެރޭގައި ''އެނޯފިލީޒް ފެރޯއެންސިސް''(Anopheles pharoensis)، ''އެނޯފިލީޒް މަލްޓިކޮލަރ''(Anopheles multicolor)، ''އެނޯފިލީޒް ސާޖެންޓީ''(Anopheles sergenti)، އަދި ''އެނޯފިލީޒް ގެމްބިއާ''(Anopheles Gamibia) ފަދަ ބާވަތްތައް
ހިމެނެއެވެ.ދުނިޔޭގެހުރިހާ ހިސާބެއްގައި ވެސް މަދިރި އުޅެއެވެ. ނަމަވެސް ހޫނު
ގައުމުތަކުގައި އާދަޔާޚިލާފަށް މަދިރި ގިނަކަން ފާހަގަކުރެވެއެވެ.
މެލޭރިޔާ ޖައްސާ ޕެރަސައިޓްގެ
ދިރިހުރުމުގެ ބުރު
(ހ) - އިންސާނާގެ ހަށިގަނޑުގައި : ކުރިން ވެސް ބަޔާންކުރެވުނު ފަދައިން މެލޭރިޔާ ޖެހެނީ
ބަލިފަތުރުވާ( ބަލި ޖައްސުވާ ޕްލަސްމޯޑިއަމްގެ ސްޕޮރޯޒޮއިޓްސް އޭ ކިޔޭ މަރުހަލާ
އުފުލާ ) އެނޯފިލީޒް އަންހެން މަދިރިއެއް އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ
ސަބަބުންނެވެ. މިގޮތަށް ހެފުމުގެ ތެރޭގައި ''ސްޕޮރޯޒޮއިޓްސް" (Sporozoites) ހަމުގެ ތެރެއިން އިންސާނާގެ
ހަށިގަނޑަށް ވާސިލްވެއެވެ. ހަދުފަޅި ނުވަތަ ބަޅުވަޅިއެއްގެ ބައްޓަމަން އޮންނަ
މިބުނި ސްޕޮރޯޒޮއިޓް 40 މިނިޓުގެ ތެރޭގައި ލޭގެ އާރުގެތެރެއިން ފުރަމޭ އަށް
ވާސިލްވެ، އޭގެ ސެލްތަކުގެ ތެރެއަށް ވަދެ ހަރުލައެވެ.
ފުރަމޭގައި : ފުރަމޭގެ ސެލްގައި ސްޕޮރޯޒޮއިޓްސް ބޮޑުވެ ''ޓްރޮފޯޒޮއިޓް'' (Trophozoite)އޭ ކިޔޭ މަރުހަލާއަކަށް
ބަދަލުވެއެވެ. އެއަށްފަހު އޭގެ ނިއުކްލިއަސްއާއި، ސައިޓޮޕްލާޒަމް ކުދިކުދި
ބައިތަކަށް ފުނޑުފުނޑުވެ، ''ޝިޒޮންޓް''(Shizont)އޭ ކިޔޭ މަރުހަލާއެއް އުފެދެއެވެ. އެއަށްފަހު
އިންފެކްޓްވެފައިވާ ފުރަމޭގެ ސެލް ފަޅައިގެން ދިއުމުން ''ޝިޒޮންޓް''ގެ އެތެރޭގައި
ހުންނަ ''މިރޮޒޮއިޓްސް''(Merozoites)ލޭގެ އާރަށް ވާސިލްވެއެވެ. ނުވަތަ ލޭގެ އާރުގެ ތެރެއަށް
ފޮނުވާލައެވެ. ކޮންމެ ''ޝިޒޮންޓް''އެއްގެ ތެރޭގައި އެތައް ބައިވަރު ކުދިކުދި
''މިރޮޒޮއިޓް''ތައް އުފެދެއެވެ. ލެޔަށް ''މިރޮޒޮއިޓްސް'' ވާސިލްވުމަށް ފަހު
ރަތްސެލް ތަކުގެ ތެރެއަށް ވަދެއެވެ.
ލޭގެ ރަތް
ސެލްގައި : ރަތްސެލްގެ ތެރޭގައި
''މިރޮޒޮއިޓް''، ''ކްރޮމަޓިން''(Chromatin)އާއި އޭގެ ވަށައިގެން ހުސްތަންވާ ސައިޓޮޕްލާޒަމްގެ ލޫޕެއް
އުފައްދައެވެ. މިމަރުހަލާއަށް ކިޔަނީ ''ރިންގ ސްޓޭޖް" (Ring
stage) އެވެ. ރަތްސެލްގެ ތެރޭގައި ހިމަގްލޯބިން
އިން އޭގެ ކާނާ ހޯދައިގެން ބޮޑުވެ ''ޓްރޮފޯޒޮއިޓް''(Trophozoite)ގެ މަރުހަލާއަށް ބަދަލުވެއެވެ.އެއަށްފަހު
''ކްރޮމަޓިން''އާއި ސައިޓޮޕްލާޒަމް ކުދިކުދިބައިތަކަށް ފުނޑުފުނޑުވެ، ''ޝިޒޮންޓް''
އޭ ކިޔުނު މަރުހަލާ އުފެދެއެވެ.
ސައިޓޮޕްލާޒަމްގެ ތެރޭގައި
ހުންނަ ހިމަގްލޯބިން މޮލިކިއުލްތައް ހުންނަނީ މުށި ރީދޫ ގްރެނިއޫލްތަކެއްގެ
ސިފައިގައެވެ. މިގްރެނިއޫލްތަކަށް މެލޭރިއާ ޕިގްމެންޓް(Malaria
pigment) ނުވަތަ ''ހީމޯޒޮއިން''(Haemozoin)އޭ ކިޔައެވެ. މެލޭރިޔާ ޕެރަސައިޓްއާއި
ތަޣައްޔަރު ވެފައިވާ ލޭގެ ރަތް ސެލްގެ ސައިޓޮޕްލާމްޒަމްގައި އެކިވައްތަރުގެ
ގްރެނިއޫލްތައް ހުރެއެވެ. މިސާލަކަށް ޕްލަސްމޯޑިއަމް އޯވޭލް، ނުވަތަ
ޕްލަސްމޯޑިއަމް ވިވެކްސްގެ ސަބަބުން ޖެހޭ މެލޭރިއާގައި ރަތްސެލްގެ
ސައިޓޮޕްލާޒަމްގައި ހުންނަ ގްރެނިއޫލްތަކަށް ކިޔަނީ ''ޝަފްނާސް ޑޮޓްސް'' (Schuffner's dots)އެވެ.
ޕްލަސްމޯޑިއަމް މެލޭރިއާގެ ސަބަބުން ޖެހޭ މެލޭރިއާގައި ރަތްސެލްގެ
ސައިޓޮޕްލާޒަމްގައި ހުންނަ ގްރެނިއޫލްތަކަށް ކިޔަނީ ''ޒީމަންސް ޑޮޓްސް''(Ziemann's dots)އެވެ. ޕްލަސްމޯޑިއަމް
ފަލްސިޕޭރަމްގެ ސަބަބުން ޖެހޭ މެލޭރިއާގައި ރަތް ސެލްގެ ސައިޓޮޕްލާޒަމްގައި ހުންނަ
ގްރެނިއޫލްތަކަށް ކިޔަނީ ''މައުރާސް ކްލެފްޓްސް''
(Maurer's clefts) އެވެ. ތަޣައްޔަރުވެފައިވާ
ރަތްސެލް ފަޅައިގެން ދިއުމަށްފަހު ''މީރޮޒޮއިޓް''ތައް ލޭގެ އާރަށް ދޫކޮށްލުމުން
އެހެން ރަތްސެލް އަކުން އޭގެ ހިޔާވަހިކަން ހޯދައެވެ. އެއަށްފަހު ހިޔާވަހިކަން ހޯދި
ސެލްގެ ތެރޭގައި ދިރިހުރުމުގެ އާބުރެއް ފަށައެވެ.
ލޭގެ ރަތްސެލްތަކުގައި
ބައެއް މީރޮޒޮއިޓްތައް މައިކްރޯގާމީޓޯސައިޓް(Microgametocyte) އާއި، މެކްރޯގާމީޓޯސައިޓް(Macrogametocyte)
އުފައްދައެވެ. މިހާލަތުގައި އެނޯފިލީޒް އަންހެން މަދިރިއެއް މެލޭރިޔާ ޖެހިފައިވާ
މީހެއްގެ ގައިން ލޭބުއިފިނަމަ މަދިރީގެ ހަށިގަނޑަށް ލެޔާއި އެކު
މައިކްރޯގާމީޓޯސައިޓްއާއި، މެކްރޯގާމީޓޯސައިޓްތައް
ވާސިލްވެއެވެ.
(ށ) - މަދިރީގެ
ހަށިގަނޑުގައި : މަދިރީގެ ތެރޭގައި ކުރިން
ބުނި މައިކްރޯގާމީޓޯސައިޓް ( ފިރިހެން ބަހާ އުފުލާ ހައިވާން ) އާއި،
މެކްރޯގާމީޓޯސައިޓް (އަންހެން ބަހާ އުފުލާ ހައިވާން) ތައް އެއްވެ ''ޒައިގޯޓް''(Zygote)އަށް ބަދަލުވެއެވެ.
އެއަށްފަހު ޒައިގޯޓް ދެމި، ނުވަތަ ދިގުވެ، ''އޫކައިނީޓް''(Ookinete)އަކަށް ބަދަލުވެއެވެ. އޫކައިނީޓް މަދިރީގެ ބަނޑުގެ އެންމެ
ދަށުފަށަލައިގެ ތެރޭގައި ''އޫސީސްޓް''(Oocyst)އަކަށް ބަދަލުވެއެވެ. އެއަށްފަހު އޫސީސްޓް ''ސްޕޮރޯސީސްޓް'' (Sporocyst)އަކަށް ބަދަލުވެއެވެ.
ސްޕޮރޯސީސްޓް ފަޅައިގެން ދިއުމުން ބޭރުވާ ''ސްޕޮރޯޒޮއިޓް'' ތައް މަދިރީގެ
ކުޅުއުފައްދާ ގޮށްތަކަށް ވާސިލްވެ، އިންސާނަކަށް ހަމަލަ ދިނުމާއި ހަމައަށް
އެތާގައި ދެމިތިބެއެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އިންސާނާގެ
ހަށިގަނޑަށް މަދިރި ހެފުމުގެ ތެރޭގައި ވާސިލްވަނީ ސްޕޮރޯޒޮއިޓް(Sporozoites) އެވެ.
ވައްތަރުތައް
މެލޭރިޔާ ޖައްސަނީ ތަފާތު 5 ވައްތަރެއްގެ ޕެރަސައިޓް ގެ
ސަބަބުންނެވެ. އެއީ:-
(ހ) – ޕްލަސްމޯޑިއަމް ފެލްސިޕޭރަމް (Plasmodium Falciparum): ފެލްސިޕޭރަމް މެލޭރިޔާ(Falciparum Malaria) ނުވަތަ މެލިގްނަންޓް މެލޭރިޔާ(Malignant Malaria) ޖެހެނީ މިވައްތަރުގެ ޕެރަސައިޓްގެ
ސަބަބުންނެވެ. މިވައްތަރު ޖެހެނީ އާދަޔާ ޚިލާފަށް ހޫނު ނުވަތަ ހޫނު ސަރަހައްދު
ތައް ( ދުނިޔޭގެ މެދު ރޮނގާއި ކައިރި ސަރަހައްދުގައިވާ ގައުމުތައް ) ގައި އުޅޭ
މީހުންނަށެވެ. މިވައްތަރުގެ ސަބަބުން ފުރާނައަށް ނުރައްކާވާފަދަ ގެއްލުންތައް
މެލޭރިޔާ ޖެހޭތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެންމަތިވުމަކީ ވެދާނެ ގޮތެކެވެ.
ޕްލަސްމޯޑިއަމް ފެލްސިޕޭރަމް ޕެރަސައިޓް އަކީ އާންމުކޮށް މެލޭރިޔާ އަށް
ފަރުވާކުރުމަށް ބޭނުންކުރެވޭ '''ކްލޯރޮކީން'''(Chloroquine) އަށް ނުގުޑާ ޖަރާސީމެއްކަން ވަނީ
ފާހަގަ ކުރެވިފައެވެ. އެހެންކަމުން މިވައްތަރަށް ފަރުވާ ކުރުމަށް އެހެނިހެން
ބޭސްތައް ބޭނުންކުރަން ޖެހެއެވެ. މިވައްތަރުގެ މެލޭރިޔާ އެންމެ އާންމުކޮށް ކުރިމަތިވަނީ
އާދަޔާ ޚިލާފަށް ހޫނު ގައުމުތަކުގައި އުޅޭ މީހުންނަށެވެ.
(ށ) – ޕްލަސްމޯޑިއަމް އޯވޭލް (Plasmodium Ovale): އޯވޭލް މެލޭރިޔާ(Ovale Malaria) ނުވަތަ އޯވޭލް ޓާރޝިއަން މެލޭރިޔާ(Ovale Tertian Malaria) ޖެހެނީ މިވައްތަރުގެ ޕެރަސައިޓްގެ
ސަބަބުންނެވެ. މިޕެރަސައިޓްގެ ސަބަބުން ޖެހޭ މެލޭރިޔާ ގިނައިން ފެންނަނީ
އެފްރިކާގެ ހުޅަގު ބިތުގެ ގައުމުތަކުންނެވެ. މިވައްތަރުގެ މެލޭރިޔާ އެންމެ
އާންމުކޮށް ކުރިމަތިވަނީ އާދަޔާ ޚިލާފަށް ހޫނު ގައުމުތަކުގައި އުޅޭ މީހުންނަށެވެ.
(ނ) – ޕްލަސްމޯޑިއަމް
ވިވެކްސް (Plasmodium Vivex): ވިވެކްސް މެލޭރިޔާ(Vivex Malaria) ނުވަތަ ބިނައިން ޓާރޝިއަން މެލޭރިޔާ(Benign Tertian Malaria) ޖެހެނީ މިވައްތަރުގެ ޕެރަސައިޓްގެ
ސަބަބުންނެވެ. ޖުމުލަ ގޮތެއްގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ މީހުންނަށް
ވެސް މިވައްތަރުގެ މެލޭރިޔާ ޖެހޭކަން ފާހަގަ ކުރެވެއެވެ. މިވައްތަރުގެ މެލޭރިޔާ
ޖެހުމުން ހުންކޮށި ފަޅައިގެންދިއުން ބައެއް ފަހަރު ކުރިމަތި ވެއެވެ.
(ރ) – ޕްލަސްމޯޑިއަމް
މެލޭރިޔާ (Plasmodium Malariae): މެލޭރިޔާ މެލޭރިޔާ(Malaria Malaria) ނުވަތަ ކްއާރޓަން މެލޭރިޔާ(Quartan Malaria) ޖެހެނީ މިވައްތަރުގެ ޕަރަސައިޓްގެ
ސަބަބުންނެވެ. މިވައްތަރުގެ މެލޭރިޔާ ޖެހެނީ ހަމަހަމަ ފިނިހޫމިނެއް އަބަދުވެސް
ހުންނަ ގައުމުތަކުގައި އުޅޭ މީހުންނަށެވެ.
(ބ) – ޕްލަސްމޯޑިއަމް ނޯލެސީ (Plasmodium knowlesi): މިވައްތަރުން މެލޭރިޔާ
ޖެހުމުން ލޭގައި މިވައްތަރުގެ ޕެރަސައިޓް ތައް ގިނަވެ، ގުނަވަންތަކުގެ މަސައްކަތް
ހުއްޓުމަކަށް އައިސް ނިޔާވުމަކީ ވެދާނެ ގޮތެކެވެ.
އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް
ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް
ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން މެލޭރިޔާ ޖެހުމަށްފަހު އޭގެ އަލާމާތްތައް ފެނުމަށް ހޭދަވާ
މުއްދަތު(Incubation period) އެކި ޕެރަސައިޓްގެ ސަބަބުން ޖެހޭ މެލޭރިޔާގައި
ތަފާތެވެ. އެގޮތުން މިމުއްދަތު ހުންނަގޮތް ތިރީގައި މިވަނީ އެވެ.
o ޕްލަސްމޯޑިއަމް ފެލްސިޕޭރަމް : 14-9 ދުވަހާއި ދެމެދުގެ
މުއްދަތެއް
o ޕްލަސްމޯޑިއަމް ވިވެކްސް: 18-12 ދުވަހާއި ދެމެދުގެ
މުއްދަތެއް
o ޕްލަސްމޯޑިއަމް އޯވޭލް : 18-12 ދުވަހާއި ދެމެދުގެ
މުއްދަތެއް
o ޕްލަސްމޯޑިއަމް މެލޭރިއާ : 40-18 ދުވަހާއި ދެމެދުގެ
މުއްދަތެއް
އަލާމާތްތައް
(1)- އާންމު އަލާމާތްތައް : މެލޭރިޔާ ޖައްސާ ޕެރަސައިޓް މަދިރީގެ ޒަރީޢާއިން
އިންސާނާގެ ހަށިގަނޑަށް ވާޞިލްވުމަށްފަހު، ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް
ގަދަޔަށް ހުންއައުން، ހީކެރުވުން، ތުރުތުރުއެޅުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ހުޅުތަކުގައި
ރިހުން، މޭނުބައިކުރުން، ހޮނޑުލުން، ބޭރަށްހިންގުން،ކެއްސުން، ރީނދޫވުން،
ފިޓްޖެހުން އަދި ހިތް ނުތަނަވަސްވުން، ފަދަ ކަންތައްތައް ކުރިމަތިކުރުވައެވެ.
ވަރަށް ގިނަ ފަހަރު ތަކުރާރުކޮށް ހުން އަންނަކަން ފާހަގަ ކުރެވެއެވެ. މީގެ
އިތުރުން ލޭގެ ޓެސްޓަކުން ލޭމަދުވުން ފާހަގަކުރެވިގެންދާނެ އެވެ. އަދި
ކުޑަކަމުދާތަކެތީގައި ހިމޮގްލޯބިން ހުރުން ކުޑަކަމުދާ ތަކެތީގެ ޓެސްޓުން ފާހަގަ
ކުރެވިދާނެއެވެ. މީގެ އިތުރުން ބައެއް ފަހަރު ލޮލުގެ އަލިދުއްޔަށް ގެއްލުން
ލިބޭގޮތް ވެއެވެ. މެލޭރިޔާގެ އާންމު އަލާމާތްތައް ދައުރުވެ ހުންނަގޮތް ބެހިފައިވާ
މަރުހަލާތައް ތިރީގައި މިވަނީ އެވެ.
(2) - މަރުހަލާތައް : މެލޭރިޔާ ޖެހުމުން ތަފާތު 3 މަރުހަލާއެއް
ކަނޑަތުކުރެއެވެ.
(ހ) - ފިނިކަން އިހްސާސްވުން (Cold stage): މިމަރުހަލާގައި އާދަޔާ
ޚިލާފަށް ފިނިކަން އިހްސާސްކުރެވި ހީކަރުވާ ގޮތްވެއެވެ. ހަށިގަނޑުގެ ފިނިހޫނުމިން
މައްޗަށް ދެއެވެ. އާންމު ގޮތެއްގައި މިމަރުހަލާގައި ހޭދަވާނީ 15-10 މިނިޓްވަރެެވެ.
(ށ) - ހޫނުކަން އިހްސާސްވުން (Hot stage): 6-2 ގަޑިއިރަށް ދެމިގެންދާ
މިމަރުހަލާގައި ގަދަޔަށް ހުންއައުން، ހޮނޑުލުން، ބޮލުގައި ރިހުން، ހަންގަނޑު ރަތްވުން، އަދި ހަންގަނޑު ހިކިފައި ހުރުން ފަަދަ
ގޮތްތައް މެދުވެރިވެއެވެ.
(ނ) – ދާހިއްލުން (Sweat stage): އެތައް ގަޑިއިރަކަށް
ދެމިގެންދާ މިމަރުހަލާގައި ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، އާދަޔާ ޚިލާފަށް
ގިނައިން ދާހިއްލުމާއެކު، ވަރުބަލިވާގޮތްވެއެވެ.
ބަޔާންކުރެވުނު މަރުހަލާތައް މެލޭރިޔާގެ ތަފާތު
ވައްތަރުތަކުގައި އަންނަނިވިގޮތަށް ތަކުރާރުވެއެވެ.
* ޓާރޝިއަން މެލޭރިޔާ : ކޮންމެ 48 ގަޑިއިރަކުން ތަކުރާރު
ވެއެވެ.
* ކްއާރޓަން މެލޭރިޔާ : ކޮންމެ 72 ގަޑިއިރަކުން ތަކުރާރު
ވެއެވެ.
* މެލިގްނަންޓް މެލޭރިޔާ : ކޮންމެ 48-36 ގަޑިއިރެއްގެ
ތެރޭގައި ތަކުރާރު ވެއެވެ.
(3) – ރީކުރޫޑިސެންސް (Recrudescence): ބަޔާންކުރެވުނު 3
މަރުހަލާ ގާތްގަނޑަކަށް 2 ހަފްތާގެ މުއްދަތަށް ތަކުރާރު ވެއެވެ. އަދި އެއަށްފަހު
ހުއްޓިދެއެވެ. މިގޮތަށް ހުއްޓުމަކީ ބަލިން ސަލާމަތްވުން ކަމަށްވެސް ވެދާނެއެވެ.
ނަމަވެސް ކްއާރޓަން މެލޭރިޔާ ، އަދި މެލިގްނަންޓް މެލޭރިޔާ ގައި މިބުނި
އަލާމާތްތައް ނުވަތަ މަރުހަލާތައް ހުއްޓުމަށްފަހު ވެސް ލޭގެ ރަތް ސެލްތަކުގެ
ތެރޭގައި މެލޭރިޔާ ޖައްސާ ޕެރަސައިޓް މަދު މިންވަރަކަށް ނަމަވެސް ހުންނަގޮތް
ވެއެވެ. މިގޮތަށް ހުންނަ ޕެރަސައިޓް ތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު
ދަށްވާ ޙާލަތްތަކުގައި ދެވަނަ ފަހަރަށް ކުރިން ބުނި އަލާމާތްތައް ފެންނަށް
ފަށައެވެ. މިގޮތަށް ދެވަނަ ފަހަރަށް އަލާމާތްތައް ފެންނަށް ފެށުމަށް
''ރީކުރޫޑިސެންސް''(Recrudescence) އޭ ކިޔައެވެ.
(4) – ރިލެޕްސް (Relapse): ބިނައިން ޓާރޝިއަން
މެލޭރިޔާ އަދި އޯވޭލް ޓާރޝިއަން މެލޭރިޔާ ގައި މޭގަނޑުގެ ތެރޭގައި ހަމަހިމޭން
ނުވަތަ މައިތިރިވެފައިވާ ''ހިޕްނޮޒޮއިޓް''(Hypnozoite) ތައް ދުވަސްތަކެއް ފަހުން
ހަރަކާތްތެރިވާން ފަށައެވެ. އެއާއި ގުޅިގެން މެލޭރިޔާގެ އަލާމާތްތައް ފެންނަށް
ފަށައެވެ. މިބުނި ގޮތަށް ހިޕްނޮޒޮއިޓް ތައް ހަރަކާތްތެރިވާން ފެށުމުން މެލޭރިޔާގެ
އަލާމާތްތައް ފެންނަން ފެށުމަށް ''ރިލެޕްސް''(Relapse) އޭ ކިޔައެވެ.
(5) - ލޭމަދުވުން (Anaemia): މެލޭރިޔާގެ ސަބަބުން
ލޭމަދުވުން ކުރިމަތިވަނީ ޕެރަސައިޓް ތަކާއި ތަޣައްޔަރުވެފައިވާ ލޭގެ ރަތް ސެލް
ތައް ފަޅައިގެން ދިއުމުންނެވެ. ޕްލަސްމޯޑިއަމް ވިވެކްސް އާއި، ޕްލަސްމޯޑިއަމް
އޯވޭލް ޕެރަސައިޓްގެ މީރޮޒޮއިޓް(Merozoite) ތައް ވަންނަނީ ހަމައެކަނި
ރެޓިކިޔުލޯސައިޓް ތަކަށެވެ. ރެޓިކިޔުލޯސައިޓް(Reticulocyte) ތަކަކީ ރަގަޅަށް ފުރިހަމަ ނުވާ ރަތް
ސެލްތަކެވެ. ޕްލަސްމޯޑިއަމް މެލޭރިޔާ ޕެރަސައިޓްގެ މީރޮޒޮއިޓްތައް ވަންނަނީ ގިނަ
ދުވަސްވެ ނުވަތަ ހަލާކުވާން ކައިރިވެފައިވާ ރަތް ސެލް ތަކަށެވެ. ނަމަވެސް
ޕްލަސްމޯޑިއަމް ފެލްސިޕޭރަމް ޕެރަސައިޓްގެ މީރޮޒޮއިޓް ތައް ކޮންމެ ވައްތަރެއްގެ
ރަތް ސެލް އަކަށްވެސް ވަދެދާނެއެވެ.
(6) - މޭގަނޑު އަދި ހުންކޮށި ދުޅަވެ ބޮޑުވުން : މޭގަނޑު އަދި ހުންކޮށި
ދުޅަވެ ބޮޑުވުމުން ރީނދޫވުން ކުރިމަތިވާ ގޮތް ވެއެވެ.
(7) - ކުރިމަތިވާ
އެހެނިހެން އުދަގޫތައް : ބިނައިން ޓާރޝިއަން
މެލޭރިޔާ، އޯވޭލް ޓާރޝިއަން މެލޭރިޔާ، އަދި ކްއާރޓަން މެލޭރިޔާ މި 3 ވައްތަރަކީ
ނިސްބަތުން އޭގެ ނުރައްކާތެރިކަން ކުޑަ 3 ވައްތަރެވެ. ކްއާރޓަން މެލޭރިޔާ ދިގުމުއްދަތަކަށް
ޖެހިފައިވާނަމަ ގުރުދާގެ ގްލޯމެރިޔޫލް(Glomerule) ތައް ހަލާކުކޮށްލައެވެ. މިއާއި ގުޅިގެން
ނެފްރޮޓިކް ސިންޑްރޯމް(Nephrotic syndrome) އޭކިޔާ ގުރުދާގެ
ބައްޔެއް ފެންމަތި ކުރުވައެވެ.
މެލިގްނަންޓް މެލޭރިޔާ (Malignant Malaria): މެލޭރިޔާގެ އެންމެ
ނުރައްކާތެރި ވައްތަރަކީ ޕްލަސްމޯޑިއަމް ފެލްސިޕޭރަމްގެ ސަބަބުން ޖެހޭ
މެލިގްނަންޓް މެލޭރިޔާ އެވެ. މިވައްތަރުގެ މެލޭރިޔާ ޖެހުމުން ޕަރަސައިޓް އާއި
ތަޣައްޔަރުވެފައިވާ ލޭގެ ރަތް ސެލް ގެ ވަށައިގެން ''ގޮބު''(Knob) ތަކެއް އުފެދެއެވެ. މިކަމުގެ
ސަބަބުން އެތެރެހަށީގެ ގުނަވަންތަކުގެ ތެރޭގައިވާ ކުދިކުދި ލޭހޮޅި ތަކުގެ އެތެރޭ
ކައިރިފަށު (Endothelium)ގައިވާ ޚާއްޞަ ރިސެޕްޓަރ ތަކުގައި ތަތްވުމަށް
މަގުފަހިކޮށްދެއެވެ. އެއާއި ވިދިގެން ކުދިކުދި ލޭހޮޅިތައް ބެނދި އެހިސާބަށް
އޮކްސިޖަން ފޯރުކޮށްދިނުމަށް ހުރަސްއަޅައެވެ. ނަތީޖާއެއްގެ ގޮތުން އެހިސާބުގެ
ޓިޝޫތައް މަރުވުން ފަދަ ކަންތައްތައް ކުރިމަތިވެގެން ދެއެވެ.
ބަޔާންކުރެވުނު ގޮތަށް ލޭހޮޅިތައް ބެދިފައިވާ ތަނަށް
ރިޢާޔަތްކޮށް މެލިގްނަންޓް މެލޭރިޔާ ގެ ތަފާތު ވައްތަރުތައް ކަނޑައެޅިފައި ވެއެވެ.
(ހ) – ސިކުނޑިއަށް މެލޭރިޔާގެ އަސަރުފޯރުން (Cerebral Malaria): މިއީ މެލޭރިޔާ ގެ
ޖަރާސީމު ސިކުނޑީގައިވާ ކުދި ލޭހޮޅިިތަކުގައި ހުންނަ ސެލްތަކުގައި ޖަމާވުމުގެ ސަބަބުން
ސިކުނޑީގެ ލޭހޮޅިތައް ބެނދުމުން މެދުވެރި ޙާލަތެކެވެ. ފެނިދާނެ އަލާމާތްތަކުގެ
ތެރޭގައި، އާދަޔާ ޚިލާފަށް ބޮލުގައި ރިހުން، ތާއްޔަށްޖެހުން،
ކަންކަމުގައި ވާނުވާ ނޭގިފައިހުރުން،ފިޓުޖެހުން، ފަދަ ކަންތައް ހިމެނެއެވެ. ބައެއް
ފަހަރު ހޭނެތުން ވެސް ކުރިމަތިކުރުވައެވެ.
(ށ) – ގޮހޮރަށް މެލޭރިޔާގެ އަސަރުފޯރުން (Dysenteric Malaria): މިއީ މެލޭރިޔާގެ
ސަބަބުން ގޮހޮރުގެ ލޭހޮޅިތައް ބެނދުމުން މެދުވެރިވާ ޙާލަތެކެވެ. ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިހުން، ހޮނޑުލުން، އަދި ހަޖަމުކުރާ ނިޒާމްގެ
ބައިތަކުގައި ލޭހިލުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.
(ނ) - އަލްގިޑް މެލޭރިޔާ (Algid Malaria): މިއީ ފުއްޕާމެޔާއި އޭގެ
ވަށައިގެންވާ ޓިޝޫތަކުގައި ދިޔާތަކެތި ޖަމާވުމާއި، އަދި ހަޖަމުކުރާ ނިޒާމްގެ
ބައިތަކުގައި ލޭހިލުން މެދުވެރިވުމުން ކުރިމަތިވާ މެލޭރިޔާ ގެ ބާވަތެކެވެ.
މިކަމުގެ ސަބަބުން ލޭދަށަށްދިއުން ކުރިމަތިކުރުވައި، ޝޮކްޖެހުން ކުރިމަތި
ކުރުވައެވެ.
(ރ) - ހުންކޮށި ބޮޑުވާ ބަލި (Splenomegaly syndrome): މިކަމުގެ ސަބަބުން ދިގުމުއްދަތަކަށް
ހުންކޮށި ބޮޑުވެފައި ހުރުމުގެ އިތުރުން ލޭގައި ހުންނަ ގާމާ ގްލޯބިއުލިންގެ
މިންވަރު މަތިކުރުވައެވެ.
(ބ) – ބްލެކް ވޯޓަރ ފީވަރ (Black Water Fever): ބްލެކް ވޯޓަރ ފީވަރ އަކީ
މެލޭރިޔާޖެހި ގިނަ ދުވަސްވުމުން ކުރިމަތިވާ ހުމެކެވެ. މިވައްތަރުގެ ހުން ޖެހެނީ
މެލިގްނަންޓް މެލޭރިޔާ ތަކުރާރުކޮށް ޖެހުމުން ނުވަތަ މެލޭރިޔާ ޖެހުމުން ދެވޭ ކިނިން
ތެރަޕީ(Quinine therapy) ނުވަތަ ކިނިން ބޭނުންކޮށްގެން ދެވޭ
ފަރުވާ ފުރިހަމަ ނުކުރެވުމުންނެވެ. މިވައްތަރުގެ ހުން ޖެހުމުން ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި ލޭމަދުވުން އަދި ރީނދޫވުން ފަދަ މައްސަލަތައް ހިމެނެއެވެ.
އަދި ކުޑަކަމުދާ ތަކެތި ކުލަ ގަދަ ރަތް ނުވަތަ ކަޅު ކުލައަކަށް ބަދަލުވެއެވެ.
ލޭގައި ހަކުރުގެ މިންވަރު ދަށްވުން : މިއީ މޭގަނޑުގައި ހިންގާ ގުލުކޯޒް މެޓަބޮލިޒަމްގެ
މަސައްކަތަށް އަންނަ ބުރޫއެރުމަކާއި ގުޅިގެން ކުރިމަތިކުރުވާ ކަމެކެވެ. މާބޮޑަށް
ހަކުރު ދަށްވެއްޖެނަމަ، ހޭނެތި ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.
މެލޭރިޔާގެ ފަރުވާގައި ބޭނުންކުރެވޭ "ކިނީން" ގެ ސަބަބުން ވެސް ބައެއް
ފަހަރު ލޭގައި ހަކުރުގެ މިންވަރު ދަށްވާގޮތް ވެއެވެ.
މާބަނޑު ދުވަސްވަރު މެލޭރިޔާ ޖެހުން : މާބަނޑު ދުވަސްވަރު މެލޭރިޔާ ޖެހުމަކީ މައިމީހާއާއި
ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެގޮތުން
ކުރިމަތިވެދާނެ މައްސަލަތަކުގެ ތެރޭގައި ދުވަސްނުފުރާ ވިހެއުން، ވިހާއިރު ތުއްތު
ދަރިފުޅު މަރުވެފައި އޮތުން، އަދި ބައިގެންދިއުން ފަދަ ކަންތައްތައް ހިމެނެއެވެ. މާބަނޑު
މީހަކު މެލޭރިޔާ އާންމު ހިސާބަކަށް ދާނަމަ، މެލޭރިޔާއިން ރައްކާތެރިވުމަށް ބޭސް
(ސަލްފަޑޮކްސިން ޕައިރިމެތަމިން) ބޭނުންކުރުމަކީ ބޭނުންތެރި ކަމެކެވެ.
ދެނެގަތުން
މެލޭރިޔާ ދެނެގަތުމުގައި މެލޭރިޔާ އާންމުކޮށް ފެތުރިފައިވާ
ހިސާބަކަށް ދަތުރުކޮށްފައިވާ ވުމާއި، މެލޭރިޔާ އާއި ގުޅިގެން ދިމާވާ އުދަނގޫތައް
މެދުވެރިފައިވޭތޯ ބެލުން މުހިއްމެވެ. މީގެ އިތުރުން މެލޭރިޔާ ދެނެގަނެވެނީ
ލޭނަގައިގެން ސްމިއަރ ތައްޔާރުކޮށް މައިކްރޮސްކޯޕުން ހޯދައި، ބަލި ޖައްސާ ޕެރަސައިޓް ހުރިތޯ ބަލައިގެންނެވެ. ސްމިއަރ
ނެގެޓިވް ނަމަ، ކޮންމެ 12 ގަޑިއިރަކުން ޗެކުކުރެވިދާނެ އެވެ. ތަކުރާރުކޮށް ސްމިއަރ
ނެގެޓިވްނަމަ އެހެން ބައްޔެއްކަމަށް ބެލިދާނެ އެވެ. މީގެ އިތުރުން މެލޭރިޔާކަން
ދެނެގަތުމަށް އެންމެ ބައިގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭ ރެޕިޑް ޓެސްޓު މިހާރު
ބޭނުން ކުރެވެއެވެ. މީގެ އިތުރުން މެލޭރިޔާ ޑީއެންއޭ ހޯދުމަށް ޕޮލިމެރޭޒް ޗެއިން
ރިއެކްޝަން ޓެސްޓު ވެސް މިހާރު ހަދައި އުޅެއެވެ.
ފަރުވާ
މެލޭރިޔާ ފަރުވާ ބަރޯސާވަނީ 5 ކަމެއްގެ މައްޗަށެވެ. އެއީ:-
·
މެލޭރިޔާ ޖެހުމަށް
މެދުވެރިވި ޕެރަސައިޓްގެ ބާވަތް
·
ބަލިމީހާގެ ހާލަތު ނުވަތަ
އުދަނގޫތައް ކުރިމަތިވެފައިވާ މިންވަރު
·
ބަލިމީހާގެ އުމުރު
·
ބަލިވެއިންކަން ނުވަތަ
ނޫންކަން
·
ބަލިޖެހުމަށް މެދުވެރި
ޕެރަސައިޓަށް ފަރުވާގައި ދެވޭ ބޭހުންކުރާ އަސަރު
ޕްލަސްމޯޑިއަމް ފެލްސިޕޭރަމްގެ ސަބަބުން ޖެހޭ މެލޭރިޔާގެ
ވައްތަރު ކަމުގައިވާ މެލިގްނަންޓް މެލޭރިޔާ އަކީ މެޑިކަލް އަވަސް ފަރުވާ
ބޭނުންވުމާއެކު ، ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ކުރަން ޖެހޭ ބައްޔެކެވެ.
އަނެއް 3 ވައްތަރުގެ މެލޭރިޔާ އަށް ގޭގައި ހުރެގެން ވެސް ފަރުވާ
ލިބިގަނެވިދާނެއެވެ. ގިނައިން ދިޔާތަކެތި ބުއިމަކީ އަބަދު ވެސް މުހިއްމުކަން
ދޭންޖެހޭނެ ކަމެކެވެ.
މެލޭރިޔާއަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސް
މެލޭރިޔާ އަށް ފަރުވާ ކުރުމަށް ބޭހުގެ ތަފާތު ވައްތަރުތައް
ބޭނުންކުރެވެއެވެ. ދާދި ފަހަކާއި ޖެހެންދެން މެލޭރިޔާ ފަރުވާކުރުމަށް
ބޭނުންކުރެވުނު އެންމެ އާންމު އެންމެ ރަގަޅު ބޭސް ކަމުގައި ވެފައިވަނީ
''ކްލޯރޮކީން''(Chloroquine) އެވެ. ނަމަވެސް މެލޭރިޔާގެ
ނުރައްކާވައްތަރު ޖައްސާ ޕެރަސައިޓް ޕްލަސްމޯޑިއަމް ފެލްސިޕޭރަމް އަކީ ކްލޯރޮކީން
އަށް ނުގުޑާ އެއްޗެއްކަން އޭޝިޔާ، އަދި އެފްރިކާގެ ގައުމުތަކުން މެލޭރިޔާ އަށް
ފަރުވާ ލިބިގަތް ފަރާތްތަކުގެ ފަރުވާއިން ވަނީ ހޯދިފައެވެ. މީގެ އިތުރުން
ކްލޯރޮކީން އަށް ނުގުޑުން ގިނަ ފަހަރު އޮންނަނީ ''ކިނީން''(Quinine) ގެ އަސަރު
ކުޑަކުރުވާ ކަމެއްކަމަށް ވެފައެވެ. މެލޭރިޔާއަށް ފަރުވާކުރުމަށް ދެވޭ ބޭހުގެ ޑޯޒު
ރަގަޅު ގޮތުގައި ލިޔެފައި ދިނުމަކީ މުހިއްމު ކަމެކެވެ.
މެލޭރިޔާ އިން ރައްކާތެރިވުމަށާއި، ފަރުވާގެ ގޮތުގައި
އެހެން ވަރަށް ގިނަ ބޭސްތައް ވެސް ދަނީ ބޭނުންކުރެވެމުންނެވެ. އާންމު ގޮތެއްގައި
މެލޭރިޔާ އަށް ފަރުވާ ކުރުމަށް މަތީ ޑޯޒޭޖެއް ދޭންޖެހޭކަން ފާހަގަ ކުރެވެއެވެ.
ބީޓާ ބްލޮކާރ އެއް ކަމުގައިވާ ''ޕްރޮޕްރޮނަލޯލް''(Propronalol) މެލޭރިޔާ އަށް ފަރުވާކުރެވިދާނެތޯ
ވަރަށް ފަހުން ވަނީ ބެލިފައެވެ. އެގޮތުން އެގުނު ގޮތުގައި ޕްރޮޕްރޮނަލޯލް އަކީ
ޕްލަސްމޯޑިއަމް ޕެރަސައިޓްގެ ލޭގެ ރަތް ސެލްގެ ތެރެއަށް ވަނުން މަނާކޮށް، ލޭގެ
ތެރޭގައި އެޕަރަސައިޓްތައް އިތުރުވުން ކުޑަކޮށްދޭ ބޭހެކެވެ.
މެލޭރިޔާ އަށް ފަރުވާ ކުރުމަށާއި، މެލޭރިޔާއިން
ރައްކާތެރިވުމަށް މިހާރު ބޭނުންކުރެވޭ ބައެއް ބޭސްތައް
o އާޓިމީތަރ – ލޫމަފެންޓްރީން
o އާޓިސުނޭޓް – އެމިޑަޔަކީން / އާޓިސުނޭޓް – މިފްލޯކީން / އާޓިސުނޭޓް
– ސަލްފަރޑޮކްސިން / ޕައިރިމިތަމިން
o އެޓޯވޮކްއޯން – ޕްރޮގުއަނިލް
o ކިނީން / ކްލޯރޮކީން / މެފްލޯކީން /ކިނިޑީން
o ކޮޓްރިފިޑިޑް / ޑޮކްސީސައިކްލިން / ކްލިންޑަމައިސިން
o ޕްރޮގްއަނިލް / ސަލްފަރޑޮކްސީން-ޕައިރިމިތަމިން / ހައިޑްރޮކްސީ
ކްލޯރޮކީން
މަތީގައި ބުނެވުނު ގިނަ ބޭސްތައް ހުންނަނީ ގުޅަ ބޭހުގެ
ގޮތުގައެވެ. އަނގައިން ގުޅަ ބޭސް ކެއުމަށް ބަލިމީހާ ނުކުޅެދޭ ހާލަތްތަކުގައި
އައިވީކޮށް ކިނިޑީން ދެވެއެވެ. މާބަނޑު ދުވަސްވަރު މެލޭރިޔާ ފަރުވާކުރާނަމަ ކަމުގެ
ޚާއްޞަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ކުރިޔަށް ގެންދިއުން ބުއްދިވެރި
އެވެ. ޕްލަސްމޯޑިއަމް ވިވެކްސް އަދި ޕްލަސްމޯޑިއަމް އޯވޭލް ގެ ސަބަބުން ކުރިމަތިވާ
މެލޭރިޔާ މަތީގައިވާ ބޭސްތަކުން ފަރުވާ ކުރިޔަސް ރަގަޅުނުވެދާނެ އެވެ. އެއީ
މިވައްތަރު ތަކުގެ މެލޭރިޔާގައި ޕެރަސައިޓްގެ ފަނިތައް މޭގަނޑުގެ ފޮރުވިގެން
ތިބޭތީ އެވެ. މޭގަނޑުން މިފަނިތައް ނައްތާލުމަށް ދެވޭ ފަރުވާ އަކީ
"ޕްރައިމަކީން"(Primaquine) އެވެ. ނަމަވެސް "ގުލްކޯޒު 6
ފޮސްފޭޓް ޑިހައިޑްރޯޖިނޭޒް މަދުވުން"(G6PD) ދިމާވެފައިވާ މީހުންނަށް މިބޭސް
ބޭނުމެއް ނުކުރެވޭނެ އެވެ.
މެލޭރިޔާޖެހި ފަރުވާކުރުމަށްފަހު 3 އަހަރު ވަންދެން
ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ. އަދި މެލޭރިޔާ އާންމު ހިސާބުތަކަށް
ދަތުރުކޮށް އުޅޭ މީހުން ވެސް ހާލަތަށް ބަލާފައި ވަކި މުއްދަތަކަށް ލޭހަދިޔާ
ކުރުމާއި ދުރުހެލިވާން ޖެހެއެވެ.
ރައްކާތެރިވުން
މެލޭރިޔާ އަކީ މަދިރިން
ފެތުރޭ ބައްޔަކަށް ވުމުން މިތަނުގައި މަދިރީގެ ދިރިހުރުމުގެ ބުރު، މަދިރީގެ
އާދަކާދަ ތައް ، އަދި މަދިރި ކޮންޓްރޯލް ކުރާނެގޮތަށް ބަލައިލާނަމެވެ.
މަދިރީގެ
ދިރިހުރުމުގެ ބުރު : މަދިރި ދިރިހުރުމުގެ
ބުރުހަމަކުރުމުގައ 4 މަރުހަލާއެއް ކަޑަތުކުރެއެވެ. އެއީ:-
(ހ) – ބިސް (Eggs): މަދިރިގެ ފުރަތަމަ މަރުހަލާއަކީ ފެންގަޑަށް ދޫކުރާ ބިސް
އެވެ. މަދިރި ބިސް އަޅަނީ ވަކިވަކި ބިސްތަކެއްގެ ގޮތުގައި ނުވަތަ ޖަމާއީ ކޮށެވެ.
މަދިރި ބިސް އެޅުމަށްފަހު އެބިސް ކޮއްޓިގެން އެއިން ލާރވާ ނިކުތުމަށް ވަކި
ފިނިހޫނުމިނެއް ބޭނުން ވެއެވެ. މިސާލަކަށް 52ޑިގްރީ ސެލްޒިއެސްއެވެ.
(ށ) – ލާރވާ (Larvae): ލާރވާ އަކީ މިބުރުގެ ދެވަނަ މަރުހަލާއެވެ. ލާރވާ ފެނުގައި
ހަފްތާއެއްގެ ތެރޭގައި 3ފަހަރު ތޮށިބޭލުމަށް ފަހު 4ވަނަ ފަހަރު މަދިރި ފަންޏަކަށް
އަކަށް ބަދަލު ވެއެވެ.
(ނ) – މަދިރި ފަނި (Pupa): މަދިރި ފަންޏަކީ ޕިއުޕާ އެވެ. ޕިއުޕާ އަކީ މިބުރުގެ 3ވަނަ
މަރުހަލާއެވެ. ޕިއުޕާ ފެނުގެ ތެރޭގައި ދެތިން ދުވަހު ހޭދަކުރުމަށް ފަހު ފުރިހަމަ
މަދިރިއަކަށް ( 4ވަނަ މަރުހަލާ) ބަދަލުވެއެވެ. މިގޮތަށް މަދިރީގެ ދިރިހުރުމުގެ
ބުރުހަމަކުރުމަށް 2ހަފްތާ ނަގައެވެ. މަދިރިތައް އުފެދި އާލާވަނީ މިބީދައިންނެވެ.
(ރ) – ފުރިހަމަ މަދިރި (Mosquito): މަދިރި ފަނި ފެނުގައި ދެތިން ދުވަހު ހޭދަކުރުމަށްފަހު
ފުރިހަމަ މަދިރިއަކަށް ބަދަލުވެއެވެ.
މަދިރީގެ އާދަކާދަ : މަދިރި ކޮންޓްރޯލްކޮށް
ނައްތާލުމަށްޓަކައި މަދިރީގެ އާދަތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ.
މިގޮތުން މަދިރީގެ އާދަ ކާދަތައް ހުންނަގޮތް ދެދުވަސްވަރަކަށް ބަހާލެވެއެވެ. އެއީ
ފެނުގައި ބޮޑުވާ ދުވަސްވަރާއި، ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ
ދުވަސްވަރެވެ. ކުރިން ބަޔާންކުރެވުނު މަރުހަލާތަކުގެ ތެރެއިން ފުރަތަމަ 3 މަރުހަލާއަކީ
ފެނުގައި ބޮޑުވާ ދުވަސްވަރެވެ. 4ވަނަ މަރުހަލާއަކީ ފުރިހަމަ މަދިރިއެއްގެ ގޮތުގައި
ހޭދަކުރާ ދުވަސްވަރެވެ.
ކުރިން ބަޔާންކުރެވުނު
ފަދައިން މަދިރި ބިސްއެޅުމަށް ފެންގަނޑެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އެކިވައްތަރުގެ މަދިރީގެ ބިސްތައް ފިނިހޫނުމިނަށް ތަހައްމަލު ކުރާ މިންވަރު
ތަފާތެވެ. ހަމަމިހެން ބިސްއެޅުމަށްޓަކައި ފެންގަނޑު އިޚްތިޔާރުކުރާ ގޮތް ވެސް
ތަފާތެވެ. ބައެއް ބާވަތުގެ މަދިރި ބާރަށް ނުވަތަ ލަސްލަހުން ދައުރުވާ ފެންގަނޑަށް
ބިސްއަޅާއިރު އަނެއް ބާވަތުގެ މަދިރި ބިސްއަޅަނީ ނުދެމޭ ނުވަތަ ދައުރުވާ ފެންގަނޑު
ތަކަށެވެ.
ފުރިހަމަ
މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރު އަންނަނިވި ކަންތައްތަކަށް ފާހަގަ
ކުރެވޭނެއެވެ.
·
މަދިރި ލާރވާ ނިކުންނަގޮތާއި، އުދުހޭގޮތް، ބޮޑުވެ
ފުރިހަމަވާގޮތް އަދި ބިސްދޫކުރާގޮތް އެއްބާވަތުގެ މަދިރިއާއި، އަނެއްބާވަތުގެ
މަދިރިއާއި ތަފާތެވެ.
·
މަދިރި އިންސާނުންގެ ހަށިގަނޑުން ލޭބުއިމަށް ފަހު ނުވަތަ
އޭގެ ކާނާ ހޯދުމަށްފަހު އަރާމުކުރުމަށް ހޭދަކުރާތަން އެއްބާވަތުގެ މަދިރިއާއި
އަނެއްބާވަތުގެ މަދިރިއާއި ތަފާތެވެ. މިސާލަކަށް ބައެއް މަދިރިތައް އަދިރި
ތަންތާގައި ތިބޭއިރު އަނެއްބައި މަދިރިތައް ސީލިންގ ފަދަ ތަންތާގައި ޖައްސައިގެން
ތިބެއެވެ.
·
އާންމުގޮތެއްގައި ފިނިމޫސުމައި މަދިރިތައް މަދުވެއެވެ.
އެއީ ގިނަ މަދިރި ފިނިމޫސުމުގައި ހޭދަކުރަނީ ހާރބިނޭޝަން އޭ ކިޔޭ ހާލަތެއްގައެވެ.
މިހާލަތުގައި މަދިރިތައް ތިބެނީ ހަރަކާތް މަދުވެ، ވަޅޯވެފައެވެ.
·
ފިނިހޫނުމިނާ ރިޢާޔަތްކޮށް ދިރިހުންނަ މުއްދަތު ތަފާތެވެ.
ހޫނު މޫސުމުގައި އަދި ހޫނު ގައުމުތަކުގައި މިމުއްދަތު މަދިރިތައް ހޭދަކުރާލެއް
ކުރެވެ.
·
އެކިބާވަތުގެ މަދިރި އުދުހޭ ދުރުމިން ވެސް ތަފާތެވެ.
·
މަދިރި އިންސާނުންގެ ހަށިގަނޑުގައި ދަތްއަޅާގޮތްވެސް
އެއްބާވަތް އަނެއްބާވަތާއި ތަފާތެވެ. ކިއުލެކްސް މަދިރިތައް އަންނައިރު ކަންފަތަށް
އުދަގޫ އަޑެއް ހުރެއެވެ. އަދި ދަތްއަޅާތަނުގައި ރިއްސައި، ހިރުވުމާއި އެކު
ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެނޯފީލްސް މަދިރިތައް ކައިރިވަނީ
މަޑުމަޑުން އަޑުލެއްވުމަކާއި ނުލައެވެ. އަދި ދަތްއެޅި ނަމަވެސް ރިހުން އިހްސާސްކުރެވޭލެއް
ކުޑައެވެ.
ފެނުގައި
ކަޑަތުކުރާ މަރުހަލާގައި މަދިރި ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައް
o
ފަތާ ފެންގަނޑު ފަދަ ތަންތަނުގެ ފެން ބަދަލުބަދަލުކޮށް
ބަދަލުކޮށް ބެހެއްޓުން
o
ވަޅު ދިޔަ ހިއްކުން އަދި ވަޅަށް ފަތްފަދަ ހަނޑި ނޭޅުން
o
ވަޅަށް ކްލޮރިން އެޅުން
o
ވަޅަށް ބޭންގ، ގުރުވަ، ކައްޓަފުޅި ފަދަ މަސްލުން
o
ފެން ހިފެހެއްޓޭގޮތަށް ކޮނެފައި ހުންނަ ވަޅުގަނޑުތައް ފަސް
އަޅައި ބެއްދުން
o
މެލެރިއޯލް ނުވަތަ ޕެރިސް ގްރީން ފަދަ ކެމިކަލްތައް
ސްޕްރޭކުރުން
o
ބިސްއަޅާ ފެންގަނޑަށް ކަރާސީނު ތެޔޮއެޅުން
o
ގޯތި ތެރޭގައި ފުޅި ދަނޅު ފަދަ ތަކެއްޗަށް ފެން އެޅޭނެ
ހެން ނުބެހެއްޓުން
o
ހަފްތާއަކު އެއްފަހަރު ގޯތިތެރޭގައި ހުރި ފެނުގައި ގަސް
ހައްދާފައި ހުށި މުށި ފުޅި ފަދަ ތަކެތިން ފެން ބަދަލުކުރުން
o
ފެން ހިފެހެއްޓޭނެ ގޮތަށް ދައުރުނުވާނެހެން ނުބެހެއްޓުން
އުދުހިއުޅޭ(ފުރިހަމަ މަދިރިއެއްގެ)މަރުހަލާގައި
މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތައް
o
މީހުން އުޅޭ އިމާރާތްތަކާއި ތަންތަނުގެ ދޮރުތަކުގައި
މަދިރި ނަރުދާ ހަރުކުރުން
o
ޕައިރެތުރަމް، ގަމެކްޒޭން، އަދި ކާރބަމޭޓް ފަދަ ފަނިފަކުސަ
ފަނާކުރުވަނިވި ކެމިކަލްތައް މަދިރި ގިނަހެން ހީވާ ހިސާބުތަކަށް ސްޕްރޭ ކުރުން
o
ސިޓްރޮނެއްލާ ތެޔޮ ފަދަ މަދިރިއަށް ނުގުޅޭ އަސަރު ކުރިމަތި
ކުރުވާ،މަދިރި ދުރަށް ފޮނުވާ ފަދަ
މާއްދާތައް ހަންގަނޑުގައި އުގުޅުން
o
މަދިރި ލޯޝަން އުގުޅުން
o
މަދިރި ދުންދަނޑި ޖެހުން
o
މަދިރިދާ ތުއްތު ދަރިފުޅުގެ އެދުގެ ވަށައިގެން ދެމުން
މައުލޫމާތު :-
·
އިންޓަނެޓުގައިވާ ބައެއް
މެޑިކަލް ވެބްސައިޓްތައް