ސިސްޓެމިކް ލޫޕަސް
އެރިތެމަޓޯސަސް (އެސްއެލްއީ)
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް (Systemic lupus erythmatosis) އަކީ
"އޮޓޯ އިމިޔޫން ޑިޒީޒް" އެކެވެ. އޮޓޯ އިމިޔޫން ޑިޒީޒް އަކީ އެމީހެއްގެ
އަމިއްލަ ދިފާޢީ ނިޒާމުން އެމީހެއްގެ ހަށިގަނޑުގައިވާ ގުނަވަންތަކާ ސިލޯށި (Tissue) ތަކަށް ހަމަލާ ދިނުމުން
ކުރިމަތިވާ މައްސަލަ އެކެވެ. ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް އަކީ
ހަށިގަނޑުގައިވާ ލޭހޮޅީގެ ބަތާނަފަށް، މަޑުކަށިތައް ފަދަ (ހަށިގަނޑުގެ އޮނިގަނޑަށް
ބާރާއި، އެކިފަރާތްފަރާތަށް ދެމިލެނބިހެދުމުގެ ގާބިލިއްޔަތު ލިއްބައިދޭ)
ސެލޯށިތަކުގައި އިންފްލެމޭޝަން އުފައްދާ ބައްޔެކެވެ. މިބަލީގެ ސަބަބުން
ހަށިގަނޑުގެ ވަރަށް ގިނަ ގުނަވަންތަކަށް އަސަރު ކުރެއެވެ. އެގޮތުން އަސަރުކުރާ
ގުނަވަންތަކުގެ ތެރޭގައި ހުޅުތައް، ހަން، ގުރުދާ، ލޭގެ ސެލްތައް، ސިކުނޑި، ހިތް
އަދި ފުއްޕާމޭ ހިމެނެއެވެ.
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ދެނަގަތުމަކީ
އުނދަގޫ ކަމެކެވެ. ސަބަބަކީ މިބަލީގެ އަލާމާތްތަކާ ނިޝާންތައް އެހެން ބައެއް
ބަލީގެ އަލާމާތްތަކާ އެއްގޮތް ކަމެއް ހުންނާތީ އެވެ.
ބައެއް މީހުންނަކީ އުފެދުމުގައި ވެސް ސިސްޓެމިކް
ލޫޕަސް އެރިތެމަޓޯސަސް ކުރިމަތިވުމުގެ
ފުރުޞަތު ބޮޑު މީހުންކަން ފާހަގަ ކުރެވެއެވެ. މިފަދަ މީހުންނަށް ބަލީގެ
އުދަނގޫތައް ދިމާވާން ފަށަނީ ކުރިމަތިވާ އިންފެކްޝަނެއް، ކެވޭ ބޭހެއް ނުވަތަ
އިރުގެ އައްޔަށް ހުށަހެޅުން ފަދަ ކަމެއްގެ ސަބަބުންނެވެ.
ސަބަބުތައް
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ކުރިމަތިވަނީ
އަމިއްލަ ދިފާޢީ ނިޒާމުން އެމީހެއްގެ ހަށިގަނޑުގައިވާ ދުޅަހެޔޮ ގުނަވަންތަކާ
ސިލޯށި (ޓިޝޫ) ތަކަށް ހަމަލާ ދިނުމުންނެވެ. ގިނަ ފަހަރު މިބަލި ކުރިމަތިވަނީ
އުފެދުމުގައި ވިރާސީ ގޮތުން މީހާގެ ހަށިގަނޑުގައި ހުންނަ ކަންތައްތަކާއި، ދިރިއުޅޭ
މާހައުލުގައި ހުންނަ ބައެއް ކަންތައްތައް ގުޅި ލާމެހިގެންނެވެ.
އުފެދުމުގައި ވެސް ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް
ކުރިމަތިވުމުގެ ފުރުޞަތު ބޮޑު މީހުންނަށް ދިރިއުޅުމުގެ މާހައުލުގައި ކުރިމަތިވާ
ނޫނީ ދިމާވާ ކަމެއްގެ ސަބަބުން މިބަލީގެ އުދަނގޫތައް ކުރިމަތިވާން ފެށުމަކީ ވެދާނެ
ގޮތެކެވެ. ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ކުރިމަތިވާ ހަގީގީ ސަބަބެއް
ހޯދިފައެއް ނުވެއެވެ. ނަމަވެސް އަންނަނިވި ކަންކަމަކީ ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް
ގެ އުދަނގޫތައް ކުރިމަތިވުމަށް (ފެށުމަށް) ބާރުއަޅާ ކަންތައްތައް ކަމަށް ފާހަގަ
ކުރެވިފައި ވެއެވެ.
(ހ) އިރުގެ އަލި : ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ކުރިމަތިވުމުގެ ފުރުޞަތު
އުފެދުމުގައި ވެސް ބޮޑު މީހުން އިރު އައްޔަށް ހުށަހެޅުމުން އެބަލީގެ އުދަނގޫތައް
މިސާލަކަށް ހަމުގެ މައްސަލަތައް ފެންނަށް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.
(ށ) އިންފެކްޝަން : ބައެއް ކަހަލަ އިންފެކްޝަންތައް ޖެހުމުން ސިސްޓެމިކް
ލޫޕަސް އެރިތެމަޓޯސަސް ގެ އުދަނގޫތައް ފެންނަށް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.
ނޫނީ ބަލީގެ އުނދަގޫތައް ލުއިވެފައިވާ މީހަކަށް އަނެއްކާ ވެސް އެ އުދަނގޫތައް
ތަހައްމަލުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
(ނ) ބޭސްތައް : ބައެއް ކަހަލަ ބޭސްތަކަކީ ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ އުދަނގޫތައް
ކުރިމަތިވުމަށް ބާރުއަޅާ އެއްޗެއްކަން ހޯދިފައި ވެއެވެ. އެގޮތުން މިބަލީގެ
އުދަނގޫތައް ކުރިމަތިވުމަށް ބާރުއަޅާ ބޭސްތަކުގެ ތެރޭގައި ލޭމައްޗަށްދާތީ ދޭ
ބޭސްތައް، އެންޓިބަޔޮޓިކްސް، އަދި ފިޓްޖެހޭތީ ދީއުޅޭ ބޭސްތައް ހިމެނެއެވެ. ބޭހެއް
ބޭނުންކުރުމުން ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ އުދަނގޫތައް ކުރިމަތިވާ
މީހުންނަށް އެކަމުގެ އުދަނގޫ އެބޭނުންކުރަމުން ގެންދާ ބޭހެއް ހުއްޓާލުމުން
ލުއިވެގެންދެއެވެ. ވަރަށް މަދު ފަހަރަކު މިފަދަ ހާލަތުގައި ބޭސް ހުއްޓާލި ނަމަވެސް
ބަލީގެ އުދަނގޫތައް ނުފިލާ ހުރުމަކީ ވެދާނެ ގޮތެކެވެ.
މަގުފަހިކުރާ ކަންތައްތައް
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް އަށް
މަގުފަހިކޮށްފާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ޖިންސް : ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ފިރިހެނުންނަށްވުރެ އަންހެނުންގެ މެދުގައި
އާންމުކަން ފާހަގަ ކުރެވެއެވެ.
(ށ) އުމުރު : ކޮންމެ އުމުރެއްގެ މީހަކަށް ވެސް ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ޖެހިދާނެ
އެވެ. ނަމަވެސް ބޮޑަށް ފާހަގަ ކުރެވިގެންދަނީ އުމުރުން 45-15 އަހަރާ ދެމެދުގެ
އުމުރު ފުރާގެ މީހުންގެ ފަރާތުންނެވެ.
(ނ) ނަސްލު : އެފްރިކަން އެމެރިކަން، އޭޝިއަން އެމެރިކަން، އަދި ހިސްޕެނިކް މީހުންގެ
ތެރޭގައި ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް އެހެން ނަސްލުތަކުގެ މީހުންނަށްވުރެ
އާންމުކަން ފާހަގަ ކުރެވެއެވެ.
އަލާމާތްތައް
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ އަލާމާތްތައް
ދެމީހަކަށް ސީދާ ސީދާ އެއްގޮތަކަށް ނުހުރެދާނެ އެވެ. ނޫނީ މުޅިން އެއްގޮތް
އަލާމާތްތައް ދެމީހެއްގެ ފުށުން (އެއްގޮތަކަށް) ނުފެނިދާނެއެވެ. ބަލީގެ
އަލާމާތްތަކާ ނިޝާންތައް ކުއްލިއަކަށް ވެސް ފެނިދާނެއެވެ. ނޫނީ މަޑުމަޑުން
ލަސްލަހުން ފެންނަމުން އައިސްފާނެއެވެ. ބައެއް ފަހަރު ކުރު މުއްދަތަކަށް
އަލާމާތްތައް ފެނިދާނެ އެވެ. އަނެއް ބައިފަހަރު ދާއިމީ ގޮތެއްގައި އަލާމާތްތައް
ނުގޮސް ފެންނަން ހުރެދާނެއެވެ.
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ އަލާމާތްތައް
ބަރޯސާވަނީ ބައްޔާއި ގުޅިގެން ނޫނީ ބަލީގެ އަސަރު ފޯރާފައިވާ ގުނަވަންތައް ނޫނީ
ހަށިގަނޑުގެ ނިޒާމު ތަކުގެ މައްޗަށެވެ.
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް އެންމެ
ފާހަގަކުރެވޭނެ ކަމަކީ ނުވަތަ ނިޝާނަކީ "ކޮކާ ފިޔަގަނޑެއްގެ ބައްޓަމަށް"
(butterfly-shaped)މޫނުމަތީގައި ނޭފަތް ހުރަސްކޮށް ނަގާ ރަތް ކުލައިގެ
ބިހިގަނޑެވެ. މިބިހިގަނޑު ނަގާފައި ހުންނާނީ ދެފަރާތުގެ ލޮލުގެ ތިރިން
ނޭފަތްހުރަސްކޮށް، ކޯތާފަތް މަތީގައެވެ. މިބިހިތަކުގައި ތަދެއް، ރިހުމެއް، ނޫނީ
ހިރުވުމެއް ނުހުންނާނެ އެވެ. އިރު އައްޔަށް އެޅުމުން ބިހިތަކުގެ ފާޅުކަން ބޮޑުވާނެ
އެވެ. ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ހުންނަ ވަރަށް ގިނަ މީހުންގެ ފުށުން
މިބިހިނގަނޑުގެ ނިޝާން ފެންނަކަން ފާހަގަ ކުރެވެއެވެ. މިބަލި ހުންނަ މީހުންނަށް
ދިމާވެދާނެ ހަމުގެ އެހެނިހެން މައްސަލަތަކުގެ ތެރޭގައި ހަމުގެ ދަށުގައި ކެލްސިއަމް
ޖަމާވުން ، ހަމުގެ ލޭހޮޅިތައް ހަލާކުވުން ، އަދި ނޫފައިގެންފައި ހުރުން ފަދަ
ކަންކަން ހިމެނެއެވެ. ބޮލުން އިސްތަށި ފޭބުމާއި،
ނޭފަތާއި، އަނގައިގެ ތެތް ދުލިފަށަލަތަކުގައި ކުދި ފާރުކޮޅު އުފެދުން ފަދަ
ކަންކަމަކީ ވެސް ދިމާވެދާނެ ކަންކަމެވެ.
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ފެށިގެން
އަންނައިރު އެންމެ ފުރަތަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވެ
ވާޅުވުން، ހުޅުތަކުގައި ރިހުން، ހުންއައުން، ކާހިތްނުވުން، ބަރުދަން ލުއިވުން ފަދަ
ކަންތައްތައް ހިމެނެއެވެ. ގިނަ މީހުންނަށް ހުޅުތަކުގައި ރިހުން ކުރިމަތިވެއެވެ.
އެގޮތުން ގިނަ ފަހަރު ހަށިގަނޑުގެ ދެފަރާތުންވެސް އެއްހުޅެއްގައި ރިއްސުން
ހުންނަކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ހަށީގަނޑުގައި ވަރުނުހުރުން، އަދި
މަސްތަކުގައި ރިހުމަކީ ވެސް އާންމު ކަމެކެވެ.
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން
އެންމެ އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
·
ހުޅުތައް ދުޅަވުން، އަދި ހަރުއެރުން
·
އާދަޔާ ޚިލާފަށް ވަރުބަލިވުން / ވާޅުވުން
·
ހުންއައުން
·
ކޮކާފިޔަލުގެ ބައްޓަމަން ނޭފަތުގެ ވަސްދަނޑި ހުރަސްކޮށް މޫނުމަތީގައި
ބިހިގަނޑެއް ނެގުން ނޫނީ ހަށިގަނޑުގެ އެހެން ހިސާބެއްގައި އެފަދަ ބިހިގަނޑެއް
ނެގުން
·
އިރުއައްޔަށް ނިކުތުމުން ފެންނަ/ ގޯސްވެގެންދާ ހަމުގެ މައްސަލަތައް
ކުރިމަތިވުން
·
ސްޓްރެސްވުމުން ނޫނީ މާބޮޑަށް ފިނިވުމުން އަތްފައިގެ އިގިލިތައް ނޫވުން
·
ނޭވާލާން އުދަނގޫވުން
·
މޭގައި ރިހުން (ޚާއްޞަކޮށް ނޭވާލާއިރު)
·
ލޯހިކިފައިހުރުން
·
ބޮލުގައި ރިހުން ، ހަދާންނުހުރުން، ވާނުވާ ނޭނގުން
·
ބޮލުން އިސްތަށި ފޭބުން
·
އަތްފައިގެ އިގިލިތައް (ލޭނުލިބުމުގެ ސަބަބުން) ނޫވުން
·
ފައި ނުވަތަ ލޯކައިރި ދުޅަވުން
·
ގަނޑުލުން ނޫނީ ގޮށްލުން
·
އަނގައިގައި ފާރުހެދުން
މީގެ އިތުރުން ބައެއް މީހުންނަށް ބޮލުގައި ރިހުން،
ބޯއެނބުރުން، މާޔޫސްވުމުގެ ބަލި ކުރިމަތިވުން، ފިޓުޖެހުން ފަދަ ކަންކަން
ދިމާވުމަކީ ވެދާނެ ގޮތެކެވެ. ބައެއް މީހުންނަށް ހަމައެކަނި ބަލީގެ އަސަރު ހުޅުތަކާ
ހަމުން ފެންނައިރު، އަނެއްބައި މީހުންނަށް ހަށިގަނޑުގެ އެކި ހިސާބުތަކަށް ނޫނީ
ގިނަ ހިސާބުތަކުން ބަލީގެ އަސަރު ފެނުމަކީ ގާތް ކަމެކެވެ.
ދިމާވެދާނެ ނުރައްކާތައް
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް އާއި ގުޅިގެން
ކުރިމަތިވާ އިންފްލެމޭޝަންގެ އަސަރު ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޯރައެވެ.
އެގޮތުން މައިގަނޑު ގޮތެއްގައި ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން
އަސަރު ފޯރައިފާނެ ހިސާބުތަކާ، ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.
(ހ) ގުރުދާ : ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން ގުރުދާއަށް ގެއްލުންވެ،
ގުރުދާގެ މަސައްކަތްތައް ފޭލްވެގެން
ދިއުމަކީ ވެދާނެ ގޮތެކެވެ. ގުރުދާ ފޭލްވުމަކީ ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް
ގެ ސަބަބުން މީހުން މަރުވާ މައިގަނޑު އެއް ސަބަބެވެ. ބަލިޖެހޭ 3/1 މީހުންނަށް ގުރުދާގެ
މައްސަލަތައް ދިމާވެއެވެ.
(ށ) ސިކުނޑިއާއި ނާރުތަކުގެ ނިޒާމް : ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ އަސަރު ސިކުނޑިއަށް
ފޯރައިފިނަމަ، ބަލިމީހާއަށް ކުރިމަތިވެދާނެ ކަންކަމުގެ ތެރޭގައި ބޮލުގައި ރިހުން،
ބޯއެނބުރުން، އުޅުމަށް ބަދަލުއައުން، ލޮލުގެ މައްސަލަތައް ދިމާވުން،
ހަދާންބަލިވުން، ފިޓުޖެހުން، އަދި ސްޓްރޯކްޖެހި ވާގިނެތުން ފަދަ ކަންތައްތައް
ހިމެނެއެވެ. ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް ހުންނަ ވަރަށް ގިނަ މީހުންނަށް
ހަދާނުގެ މައްސަލަތަކާއި، އެމީހުން ބޭނުންވާ ޝުޢޫރުތަކާ ޚިޔާލުތައް ފާޅުކުރަން
ދަތިވުން ފަދަ ކަންތައްތަކާ ކުރިމަތިލާންޖެހޭ ކަން ފާހަގަ ކުރެވެއެވެ.
(ނ) ލެޔާއި ލޭހޮޅިތައް : ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން ލޭމަދުވުން،
ލޭގަނޑުވުން، ނޫނީ ލޭހިލުން ފަދަ ލެޔާއި ގުޅުންހުރި މައްސަލަތައް ދިމާވުމަކީ
ވެދާނެ ގޮތެކެވެ. މީގެ އިތުރުން ލޭހޮޅިތައް ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ލެޔަށް އަސަރުކުރުމުން ލޭމަދުވުން، ލޭގެހުދުސެލްތައް މަދުވުން، އަދި ލޭގަނޑުކުރާ މާއްދާ (ޕްލެލިޓް) މަދުވުން،ފަދަ ކަންކަން ފާހަގަވެގެންދެއެވެ.
(ރ) ފުއްޕާމޭ : ފުއްޕާމޭ އޮންނަ ހިސާބު ގެ ވަށައިގެންވާ ބަތާނަ ފަށުގައި އިންފްލެމޭޝަން
އުފެދުމުގެ ފުރުޞަތު ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން
ބޮޑުވެގެންދާކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ދިމާވެއްޖެނަމަ ނޭވާލާއިރު ތަދު
އިހުސާސް ކުރެވޭނެ އެވެ. މީގެ އިތުރުން ފުއްޕާމެޔަށް ލޭއެޅި، ފުއްޕާމޭގައި
އިންފެކްޝަންހެދި ނިއުމޯނިޔާ ކުރިމަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ.
(ބ) ހިތް : ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން ހިތުގެ މަސްގަނޑާއި،
ލޭހޮޅިތަކާއި، ބޭރު ދުލިފަށަލައިގައި އިންފްލެމޭޝަން އުފެދުމަކީ ވެދާނެ ގޮތެކެވެ.
މީގެ އިތުރުން ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި، ހާޓް އެޓޭކް ފަދަ މައްސަލަތައް
ކުރިމަތިވުމުގެ ފުރުޞަތު ވެސް އިތުރުކަން ފާހަގަ ކުރެވެއެވެ.
(ޅ) އެހެނިހެން ކަންތައްތައް : ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން އަންނަނިވި
ކަންތައްތަކުގެ ހިރާސް އިތުރުކުރުވައެވެ.
ü
ތަފާތު އިންފެކްޝަންތައް ޖެހުން : މިގޮތަށް ދިމާވަނީ ބައްޔާއި، ބައްޔާއި
ގުޅިގެންދޭ ބޭސްތަކުގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްކުރާތީ
އެވެ
ü
ކެންސަރު : މިބަލީގެ ސަބަބުން ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރަނީ ވަރަށް
ކުޑަކޮށެވެ.
ü
ކަށީގެ ސެލޯށިތައް މަރުވުން : މިގޮތަށް ދިމާވަނީ ކަށިތައް ލޭފޮނުވުން ދަށްވެ،
ކަށިތައް ހަލާކުވާތީ އެވެ.
ü
މާބަނޑު ދުވަސްވަރު ދިމާވާ އުނދަގޫތައް : ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ހުރުމަކީ
މާބަނޑު ދުވަސްވަރު ބައިގެން ދިއުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. މީގެ
އިތުރުން މާބަނޑު ދުވަސްވަރު ލޭމައްޗަށް ދިއުމާއި، ދުވަސްނުފުރާ ވިހެއުން ފަދަ
ކަންކަމަކީ މިބަލީގެ ސަބަބުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑު ކަންކަމެވެ.
ދެނެގަތުން
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ދެނެގަތުމަކީ
އުނދަގޫ ކަމެކެވެ. ސަބަބަކީ ބައްޔާއި ގުޅިގެން ދިމާވާ އަލާމާތްތަކާ އުނދަގޫތައް
އެކިމީހުންނަށް ތަފާތުވާތީ އެވެ. ބައްޔާއި ގުޅިގެން ދިމާވާ އަލާމާތްތަކާ
އުނދަގޫތައް އެކި ދުވަސްވަރު ތަފާތުވެފައި، ބަހެން އެހެން ބަލިތަކުގެ އަލާމާތްތަކާ
އެކު މިބަލީގެ އަލާމާތްތައް ކުރިމަތިވުމަކީ ވެސް ބަލި ދެނެގަތުން އުނދަގޫވާ
ކަމަކަށް އޮންނަނީ ވެފައެވެ.
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ދެނެގަނެވޭ ވަކި
ޚާއްޞަ އެއް ޓެސްޓެއް ނެތެވެ. ބަލި ދެނެގަނެވެނީ ޑޮކްޓަރުން ބަލިމީހާގެ ހަށިގަނޑުގައި
ބަލައި ފާހަގަވާ ކަންތައްތަކާ، ބަލިމީހާއަށް ކުރިމަތިވާ އުނދަގޫތަކާ، ލޭގެ
ޓެސްޓުތަކާ، ކުޑަކަމުނަޖިހުގެ ޓެސްޓުތައް ފަދަ ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ.
އާންމުކޮށް ހަދައިއުޅޭ ލެބޯޓަރީ
ޓެސްޓުތައް
(ހ) ލޭގެ ޓެސްޓު(Complete blood count) : މިޓެސްޓުގެ އެހީގައި ލޭގެ ރަތްސެލްތައް، ލޭގެ ހުދުސެލްތައް، ޕްލެޓްލިޓްގެ
މިންވަރު، އަދި ހީމޮގްލޯބިންގެ މިންވަރު ދެނެގަނެވޭނެ އެވެ. ލޭމަދުވެފައި ހުރިނަމަ
މިޓެސްޓުގެ އެހީގައި ދެނެގަނެވޭނެ އެވެ. ލޭމަދުވުމަކީ ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް
ހުންނަ މީހުންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މީގެ އިތުރުން މިފަދަ
ބަލިމީހުންގެ ލޭގެ ހުދުސެލްތައް، އަދި ލޭގައި ހުންނަ ޕްލޭޓްލިޓްގެ މިންވަރު ވެސް
ދަށްވާނެ އެވެ.
(ށ) އެރިތުރޯސައިޓް ސެޑިމެންޓޭޝަން ރޭޓް (Erythrocyte sedimentation rate): މިއީ ލޭ
ޓެސްޓުކުރާ ޓިއުބްގެ އެންމެ ތިރިއަށް ލޭގެ ރަތްސެލްތައް ދާ ރޭޓް ކަނޑައަޅައިދޭ
ޓެސްޓެކެވެ. އާންމުކޮށްދާ ރޭޓަށްވުރެ އަވަހަށް ނޫނީ ބާރަށް ލޭގެ ރަތްސެލްތައް
ތިރިއަށްދާނަމަ އޭގެ މާނައަކީ ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ފަދަ ސިސްޓެމިކް
ޑިޒީޒް އެއް ނުވަތަ ބައްޔެއް ހުރުމެވެ. އެރިތުރޯސައިޓް ސެޑިމެންޓޭޝަން ރޭޓަކީ ވަކި
ބައްޔެއް ކަނޑައަޅައި ދެނެގަނެވޭ ޓެސްޓެއް ނޫނެވެ. އިންފެކްޝަންތަކާ،
އިންފްލެމޭޝަންތައް، އަދި ކެންސަރު ފަދަ ބަލިތަކުގައި ވެސް އެރިތުރޯސައިޓް
ސެޑިމެންޓޭޝަން ރޭޓް މަތިވެ، އަވަސްވެގެންދިއުމަކީ ވެދާނެ ގޮތެކެވެ.
(ނ) ގުރުދާ، އަދި ފުރަމޭގެ ޓެސްޓުތައް (kidney and liver assessment): ސިސްޓެމިކް
ލޫޕަސް އެރިތެމަޓޯސަސް އަކީ ގުރުދާ އަދި
ފުރަމެޔަށް އަސަރުކުރުވާ ބައްޔަކަށްވުމުން ލޭގެ ޓެސްޓުތަކުގެ އެހީގައި
މިގުނަވަންތަކުގެ މަސައްކަތްތައް ހުރިނެތްގޮތް ދެނެގަނެވިދާނެ އެވެ.
(ބ) ކުޑަކަމު ނަޖިސް ޓެސްޓުކުރުން (Urine analysis): ކުޑަކަމުނަޖިސް ޓެސްޓުކުރާއިރު
ކުޑަކަމު ނަޖިހުގައި ޕްރޮޓީން ގިނަވެފައި ހުރެދާނެއެވެ. ނޫނީ ލޭގެ ރަތްސެލްތައް
ގިނަވެފައި ހުރެދާނެއެވެ. މިއީ ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން
ގުރުދާއަށް ގެއްލުންވެފައިވާނަމަ ދިމާވެދާނެ ކަމެކެވެ.
(ޅ) އެންޓިނިއުކްލިއަރ އެންޓިބޮޑީ ޓެސްޓް
(Antinuclear
Antibody test /ANA test): އެންޓިނިއުކްލިއަރ އެންޓިބޮޑީ އަކީ ދިފާޢީ ނިޒާމުން
އުފައްދާ އެންޓިބޮޑީ އެކެވެ. ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ހުންނަ ގިނަ
މީހުންގެ މިޓެސްޓު ޕޮޒިޓިވް ވިޔަސް، ގިނަ މީހުންގެ ފުށުން ބަލީގެ އަލާމާތްތައް
ނުފެންނަކަން ފާހަގަ ކުރެވެއެވެ.
އިމޭޖިންގ ޓެސްޓުތައް
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ގެ ސަބަބުން
ފުއްޕާމޭ، ނޫނީ ހިތަށް އެބަލީގެ އަސަރު ފޯރާފައިވާކަމަށް ޑޮކްޓަރަށް ލަފާކުރެވޭނަމަ،
އަންނަނިވި ޓެސްޓުތައް ހަދަން ލަފާދެއެވެ.
(ހ) މޭގެ އެކްސްރޭ ނެގުން : އެކްސްރޭގެ އެހީގައި ފުއްޕާމޭގައި އިންފްލެމޭޝަން ނޫނީ
ފެން އުފެދިފައި ހުރިތޯ ދެނެގަނެވޭނެ އެވެ.
(ށ) އީކޮކާޑިއޯގްރާމް : އީކޯގެ އެހީގައި ހިތުގެ މަސައްކަތްހުރިނެތްގޮތް ރީތިކޮށް
ބަލާލެވި ދެނެގަނެވޭނެ އެވެ.
ބަޔޮޕްސީ ހެދުން
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސިސް ހުންނަ މީހުންގެ
ބައެއް ގުނަވަންތަކުގެ ބަޔޮޕްސީ ބައެއް ފަހަރު ހަދަންޖެހެއެވެ. އެގޮތުން ގުރުދާ
އާއި ހަމުގެ ބަޔޮޕްސީ ހަދައެވެ. ގުރުދާގެ
ބަޔޮޕްސީ ހެދުމުގެ އެއް ބޭނުމަކީ ބަލިމީހާއަށް އެންމެ އެކަށޭނަ ފަރުވާ އަކީ
ކޮބައިކަން ކަނޑައެޅުމެވެ. ހަމުގެ ބަޔޮޕްސީ ހަދަނީ ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް
ގެ އަސަރު ހަމަށް ފޯރާފައިހުރިތޯ ޔަގީންކުރުމަށެވެ.
ފަރުވާ
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސިސްގެ ފަރުވާ
ބަރޯސާވަނީ ބަލީމީހާއަށް ކުރިމަތިވެފައިވާ ބަލީގެ އުދަނގޫތަކާ، ބަލީގެ ނިޝާން
ތަކުގެ މައްޗަށެވެ. އެހެންކަމުން ބަލީގެ ފަރުވާ ކަނޑައެޅޭނީ ޑޮކްޓަރުންގެ މެދުގައި
މަޝްވަރާކޮށް، ބަލިމީހާއަށް އެންމެ އެކަށޭނަ ފައިދާހުރި ގޮތަކީ ކޮބައިތޯ
ބެލުމަށްފަހު ގައެވެ. ބަލީގެ އަލާމާތްތަކާ ނިޝާން ތަކަކީ ދޭތެރެއަކުން ލުއިވެ،
ދޭތެރެއަކުން އިތުރުވެ ގޯސްވާ ކަންކަމަށްވުމުން، ބައްޔާއި ގުޅިގެން ދީފައި ހުންނަ
ބޭސްތަކާ އެބޭސްތައް ބޭނުންކުރާ ގޮތަށް ވެސް ބައެއް ފަހަރު ބަދަލު ގެންނަށް
ޖެހެއެވެ.
ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް ކޮންޓްރޯލްކުރުމަށް
އެންމެ އާންމުކޮށް ބޭނުންކުރާ ބޭސްތައް ތިރީގައި މިވަނީ އެވެ.
(ހ) ތަދުކަނޑުވާ ބޭސްތައް (NSAIDs): ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް
އާއި ގުޅިގެން ކުރިމަތިވާ، ހުމާއި، ތަދާއި، ދުޅަ ތިރިކުރުމަށް ތަދުކަނޑުވާ
ބޭސްތައް ބައެއް ފަހަރު ބޭނުންކޮށްފާނެ އެވެ. ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުމުން
ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި އެތެރެހައްޓަށް ލޭއެޅުން، ހިތުގެ
މައްސަލަތައް ކުރިމަތިވުމުގެ ހިރާސް އިތުރުވުން، އަދި ގުރުދާގެ މައްސަލަތައް
ކުރިމަތިވުން ހިމެނއެވެ.
(ށ) މެލޭރިޔާ ބޭސް (Antimalarials): އާންމުކޮށް މެލޭރިޔާއަށް ފަރުވާކުރުމަށް ދީއުޅޭ
"ހައިޑްރޮކްސީކްލޯރޯކީން" ފަދަ ބޭސްތައް ދިފާއީ ނިޒާމަށް ބާރުފޯރުވައި، ސިސްޓެމިކް
ލޫޕަސް އެރިތެމަޓޯސަސް ގެ ހާލަތު ގޯސްވުމުގެ ފުރުޞަތު ކުޑަކުރުވައެވެ.
މިބޭސްތަކުގެ ސަބަބުން ބަނޑުގައި ރިހުން، ވަރަށް މަދުން ނަމަވެސް ލޮލުގެ އަލިދުލި
ހަލާކުވުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ. މިބޭސް ދިގު މުއްދަތަކަށް
ބޭނުންކުރާނަމަ ލޮލުގެ ޗެކަޕް ގަވާޢިދުން ހަދަމުން ގެންދިއުމަކީ އެދެވިގެންވާ
ކަމެކެވެ.
(ނ) ކޯޓިކޯސްޓީރޮއިޑް (Corticosteroids): ކޯޓިކޯސްޓީރޮއިޑް ގުރޫޕްގެ ބޭސްތަކުގެ
ސަބަބުން ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް އާއި ގުޅިގެން ކުރިމަތިވާ
އިންފްލެމޭޝަންގެ އަސަރު ކުޑަކޮށްދެއެވެ. ސްޓީރޮއިޑްގެ ސަބަބުން ދިމާވެދާނެ ނޭދެވޭ
އަސަރު ތަކުގެ ތެރޭގައި ބަރުދަން އިތުރުވުން، އިންފެކްޝަން ހެދުން، ލޭގެ ޕްރެޝަރު
މަތިވުން، ލޭގެ ހަކުރު މަތިވުން، ހަށިގަނޑުން ފަސޭހައިން ލޭހިލުން، އަދި ކަށިތައް
ތުނިވެ ފީވުން ފަދަ ކަންތައްތައް ހިމެނެއެވެ.
(ރ) އިމިޔުނޯސަޕްރެސެންޓް (Immunosuppressants): މިއީ ވެސް އިންފްލެމޭޝަން
ތިރިކުރުމުގެ ބޭނުމުގައި ދޭ ބޭސްތަކެކެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ވެސް
ފަހަރުގައި ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް
ހުންނަ މީހުންނަށް ކުރިމަތިވާ އުދަނގޫތަކަށް ލުއިކަން ލިބިދާނެއެވެ. މިގުރޫޕްގައި
ހިމެނޭ ބޭސްތަކުގެ ތެރޭގައި އެޒެތިއޮޕްރިން، މައިކޯފިނޮލޭޓް މޮފްޓިލް، އަދި މިތޮޓްރެކްސޭޓް ފަދަ ބޭސްތައް ހިމެނެއެވެ. ކުރިމަތިވެދާނެ
ނޭދެވޭ އަސަރުތަކުގެ ތެރޭގައި ފުރަމެޔަށް ގެއްލުންވުން، އިންފެކްޝަން ހެދުމުގެ
ފުރުޞަތު ބޮޑުވުން، ދަރިމައިވުމަށް ހުރަސްއެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.
ހަވާލާ
: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. ނޯޓް