މުހިއްމު ސަފުހާތައް

Tuesday, March 16, 2021

ރަހިމުން ބޭރުގައި ގަރުބަގަތުން

 

ރަހިމުން ބޭރުގައި ގަރުބަގަތުން

ރަހިމުން ބޭރުގައި ގަރުބަގަތުން  (ectopic pregnancy) ފެށިގެން އަންނަނީ މުޑުވަށްވެފައިވާ ބިހާއި އެކުގައެވެ. އާންމު ގޮތެއްގައި ފިރިހެނާގެ ދަރިފަންޏާއި، އަންހެނާގެ ބިސް ގުޅި، މުޑުވަށްވެ، އެބިސް ހަރުލަނީ ރަހިމުގެ ބަތާނަ ފަށުގައެވެ. ރަހިމުން ބޭރުގައި ގަރުބަ ގަތުމޭ ބުނެވެނީ މުޑުވަށްވެފައިވާ ބިސް ރަހިމުން ބޭރުގައި ކޮންމެވެސް ހިސާބެއްގައި ހަރުލުމަށެވެ. ނޫނީ މުޑުވަށްވެ ހަރުލުމަށެވެ. ނޫނީ މުޑުވަށްވެފައިވާ ބިސް ރަހިމުން ބޭރުގައި ގަރުބަގަތުމަށެވެ.

ރަހިމުން ބޭރުން ގަރުބަތުން އެންމެ އާންމުކޮށް ކުރިމަތިވަނީ ބިސްދަތުރުކުރާ ހޮޅީގައެވެ. ނުވަތަ ބިސްހޮޅީގައެވެ. އެހެން ގޮތަކަށް ބުނާނަމަ ރަހިމުން ބޭރުގައި އެންމެ ގިނައިން މުޑުވަށްވެފައިވާ ބިސް ގަރުބަ ގަންނަ ތަނަކީ ބިސްހޮޅި އެވެ. ބިސްހޮޅި އަކީ މުޑުވަށްވެފައިވާ ބިސް، ބިސްރަވަ ނުވަތަ ބިސްއުފައްދާތަނުން ރަހިމަށް އުފުލައިދޭ މަގު ނުވަތަ ހޮޅި އެވެ. ނުވަތަ ވާސިތާ އެވެ. ރަހިމުން ބޭރުގައި ގަރުބަތުން %90 ކުރިމަތިވަނީ ބިސްހޮޅީގައެވެ (ވެބްއެމްޑީ.ކޮމް). މިހިސާބުގައި މުޑުވަށްވެފައިވާ ބިސް ހަރުލައި ގަރުބަގަތުމަށް ކިޔަނީ "ޓިޔުބަލް ޕްރެގްނަންސީ"(tubal pregnancy)  އެވެ. މީގެ އިތުރުން މުޑުވަށްވެފައިވާ ބިސް ރަހިމުން ބޭރުގައި ގަރުބަ ގަނެފާނެ ތަންތަނުގެ ތެރޭގައި ބިސްރަވަ، ރަހިމާއި ކުރިމަތި ފަރާތް ގުޅުވައިދޭ ހިސާބުގައިވާ ރަހިމުގެ ދޮރު، އަދި އެތެރެ ހަށި ހިމެނެއެވެ. ބަލިވެ އިންނަ އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް %2-1 މީހުންނަށް ރަހިމުން ބޭރުގައި ގަރުބަގަތުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ (މެޑިސިންނެޓް.ކޮމް).

ރަހިމުން ބޭރުގައި ގަރުބަގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެން ކަމުން އާންމުކޮށް ބަލިވެ އިނުމުން ކަންހިނގާ އުސޫލުން ކަންކަމެއް ނުދާނެއެވެ. އެގޮތުން ރަހިމުން ބޭރުގައި ގަރުބަގަތުމުން، ދަރިފަންޏާއި މުޑުވަށްވެފައިވާ ބިހަށް ރައްކާތެރިކަމާއެކު ސަލާމަތެއް ނުވެވޭނެ އެވެ. ފަރުވާ ނުކޮށްފިނަމަ، މިކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ލޭފައިބައި ފުރާނަޔަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.

ބައެއް ފަހަރު އާންމުކޮށް ބަލިވެ އިންނައިނުމާ އެކުއެކީގައި ރަހިމުން ބޭރުގައި ގަރުބަތުން ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތަށް ކިޔަނީ "ހެޓީރޯޓޮޕިކް ޕްރެގްނަންސީ"(heterotopic pregnancy) އެވެ. ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މިގޮތަށް ބަލިވެއިންނަ ނިސްބަތް އިތުރުވެފައި ވެއެވެ. ބެލެވޭގޮތުގައި އެއީ ދަރިމައިނުވުމަށް ދެވޭ ފަރުވާގައި ހެދޭ "އައިވީއެފް" ފަދަ ފަރުވާތަކުގެ ސަބަބުންނެވެ (މެޑިސިންނެޓް.ކޮމް).

ސަބަބު

ރަހިމުން ބޭރުގައި އެންމެ އާންމުކޮށް ގަރުބަގަންނަނީ ބިސްހޮޅީގައެވެ. އާންމު ގޮތެއްގައި ބިސްހޮޅީގައި ގަރުބަގަންނަނީ މުޑުވަށްވެފައިވާ ބިސް ބިސްރަވަ އިން ރަހިމަށް ދަތުރުކުރުމުގެ ތެރޭގައި ބިސްހޮޅީގެ ތެރޭގައި ތާށިވުމުންނެވެ. މިގޮތަށް ތާށިވާން ދިމާވަނީ ބިސް ދަތުރުކުރާ ހޮޅި ދުޅަވެ، ހަލާކުވެފައިވާ ނަމައެވެ. ނޫނީ ދުޅަވެ ހަލާކުވެފައި ވުމުންނެވެ. މުޑުވަށްވެފައިވާ ބިސް ޣައިރު ތަބީއީ ގޮތެއްގައި ހެދިބޮޑުވުމާއި، ހޯރމޯންތަކުގެ މިންގަނޑަށް ބަދަލުއައިސް، އޭގެ ހަމަހަމަކަން ގެއްލުން ފަދަ ކަންކަމަކީ ވެސް ރަހިމުން ބޭރުގައި ގަރުގަބަތުމަށް މެދުވެރި ކުރުވައިފާނެ ކަންކަމެކެވެ.

މަގުފަހިކުރާ ކަންތައްތައް

ރަހިމުން ބޭރުގައި ގަރުބަގަތުމަށް މަގުފަހިކޮށްފާނެ ބައެއް ކަހަލަ ހާލަތްތަކާއި ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތަކާއި، ހާލަތްތައް ތިރީގައި މިވަނީ އެވެ.

(ހ) ކުރިން ރަހިމުން ބޭރުގައި ގަރުބަގަތުން : ކުރިން އެއް ފަހަރު ވެސް ރަހިމުން ބޭރުގައި ގަރުބަގަނެފައިވާނަމަ، އޭގެ ފަހުން އެގޮތަށް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވުމުގެ ހިރާސް އޮންނަ ނިސްބަތަކީ %10 އެވެ (އެން.އެޗް. އެސް، ޔޫކޭ). މިއީ ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ހިރާސް ވަރަށް ބޮޑަށް އިތުރުކުރާ ކަމެއްކަމަށް މެޑިސިންނެޓް.ކޮމް ގައި ހާމަކޮށްފައިވެއެވެ.

(ށ) ބައެއް ކަހަލަ އިންފްލެމޭޝަންތައް ނޫނީ އިންފެކްޝަންތައް : ޖިންސީ ގުޅުމުން ފެތުރޭ ބައެއް ކަހަލަ އިންފެކްޝަން ތައް ޚާއްޞަކޮށް ޅިނދު ހިމެނޭ ހިސާބުގައި އުފެދޭ ނޫނީ އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގައި އުފެދޭ، މިސާލަކަށް ކިހުނުވުން، ކްލަމީޑިޔާ އިންފެކްޝަން ފަދަ ބަލިތަކުގެ ސަބަބުން ބިސްދަތުރުކުރާ ހޮޅިއާއި، ވަށައިގެންވާ ބައިތައް ދުޅަވެ، ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ އިންފެކްޝަން ތަކުގެ ސަބަބުން ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފުރުޞަތު އިތުރުކުރުވައެވެ (މެޔޯކްލިނިކް.އޯއާރޖީ). ނަމަވެސް ޖިންސީ ގޮތުން ފެތުރޭ ބަލިތައް ނޫން އެހެން ބަލިތަކުގެ ސަބަބުން އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގައި އިންފެކްޝަން އުފައްދައި، އެކަމުގެ ސަބަބުން ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ހިރާސް އިތުރުކޮށްފާނެ އެވެ. މިފަދަ އިންފެކްޝަންތަކުގެ ރަހިމުން ބޭރުގައ ގަރުބަގަތުން ކުރިމަތިކުރުވަނީ މިއިންފެކްޝަންތަކުގެ ސަބަބުން ބިސްހޮޅި ހަލާކުކޮށްލައި، ނޫނީ ބައްދާލާތީ އެވެ.

އާންމު ގޮތެއްގައި ބިސްހޮޅީގެ އެތެރޭގެ ބަތާނައިގައި ކުދިކުދި ނަރުވާ ތަކެއް ހުރެއެވެ. މިއީ ބިސްރަވަ އިން ބިސް ބިސްހޮޅީގެ ތެރެއިން ލާފައި ރަހިމަށް ގެންދިއުމަށް އެހީތެރިވެދޭ ނަރުވާ ތަކެކެވެ. އިންފެކްޝަން އެއްގެ ސަބަބުން މިނަރުވާތައް ހަލާކުވެއްޖެނަމަ ބިސްރަވައިން ރަހިމަށް ބިސްގެންދިއުމަށް ހުރަސްއެޅެއެވެ. އަދި މުޑުވަށްވެފައިވާ ބިސް ރަހިމަށް ނުގޮސް ބިސްހޮޅީގެ ތެރޭގައި ހަރުލާގޮތް ވެ، ރަހިމުން ބޭރުގައި ނޫނީ ބިސްހޮޅީގެ ތެރޭގައި ގަރުބަގަނެއެވެ. ހަމަ މިގޮތަށް ބިސްހޮޅީގެ ބައެއް ބެދުން، ނޫނީ ބިސްހޮޅީގައި ލަކުނުލުން ނޫނީ ލަކުނު އަސަރު ހުރުން ފަދަ ކަންކަމަކީ ވެސް ބިސްރަވައިން މުޑުވަށްވެފައިވާ ބިސް ރަހިމަށް ގެންދިއުމަށް ހުރަސްއަޅާނެ ކަމެކެވެ (މެޑިސިންނެޓް.ކޮމް).

(ނ) ދަރިމައިނުވުމަށްދޭ ފަރުވާ : ބައެއް ދިރާސާތަކުން ލަފާދޭ ގޮތުގައި ދަރިމައިނުވުމުގެ ފަރުވާގައި ކުރެވޭ ކަންތައްތަކުގެ ތެރޭގައި މިސާލަކަށް އައިވީއެފް ހެދުން ފަދަ ފަރުވާތަކުގެ ސަބަބުން ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ހިރާސް އިތުރުކުރުވައެވެ. ދަރިމައިނުވުމަކީ ވެސް އޭގެ ޒާތުގައި ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އަދި ދަރިމައިނުވުމަށްދޭ ބޭހުގެ ފަރުވާގެ ސަބަބުން ވެސް ރަހިމުން ބޭރުގައި ގަރުބަތުމުގެ ހިރާސް އިތުރުކުރުވައެވެ.

(ރ) ބިސްހޮޅީގެ އޮޕަރޭޝަނެއްކޮށްފައިވުން : ބެދިފައިވާ ނޫނީ ހަލާކުވެފައިވާ ބިސްހޮޅި ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަން ފަދަ ކަންކަމުގެ ސަބަބުން ވެސް ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފުރުޞަތު އިތުރުކުރުވައެވެ (މެޔޯކްލިނިކް.އޯއާރޖީ). މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ހިރާސް އިތުރުވަނީ މިފަދަ އޮޕަރޭޝަނަށް ފަހު ބިސްހޮޅީގައި ލަކުނުލައި، ބިސްހޮޅީގެ ތަބީއީ އޮނިގަނޑަށް ބަދަލުގެނުވައިފާނެތީ އެވެ (މެޑިސިންނެޓް.ކޮމް).

(ބ) ދޭތެރެ ދުރުކުރުމަށް ޚިޔާރުކުރެވޭ ފަރުވާ : ދޭތެރެ ދުރުކުރުމަށް ރަހިމަށް އެތިކޮޅެއް ލައްވާފައި އިންނަ ދުވަސްވަރު ބަލިވެ އިނުމަކީ ނާދިރު ކަމެކެވެ. މިގޮތަށް ރަހިމަށް އެތިކޮޅެއް ލައްވާފައި އިންދައި، މާބަނޑުވެއްޖެނަމަ، ގިނަ ފަހަރު އޭގެ މާނައަކީ ރަހިމުން ބޭރުގައި ގަތުމެވެ. ދޭތެރެ ދުރުކުރުމަށްޓަކައި ބިސްހޮޅީގައި ގޮށްޖެހުމުގެ އޮޕަރޭޝަން ކޮށްފައިވަނިކޮށް ބަލިވެ އިނދެއްޖެނަމަ، މިއީ ވެސް ރަހިމުން ބޭރުގައި ގަރުގަބަތުމުގެ ހިރާސް އިތުރުކޮށްފާނެ ކަމެކެވެ. ނޫނީ މިހާލަތުގައި ބަލިވެ އިނަސް ރަހިމުން ބޭރުގައި ގަރުބަގުތުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ (މެޔޯކްލިނިކް.އޯއާރޖީ).

ޅ) ދުންފަތުގެ އިސްތިއުމާލުކުރުން : މާބަނޑުވުމުގެ ކުރިން އާންމުކޮށް ދުންފަތުގެ އިސްތިއުމާލުކޮށް އުޅުނު ކަމުގައިވާނަމަ، ބަލިވެއިނަސް ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފުރުޞަތު ބޮޑުވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގައި ގިނަ ދުވަސްވާ ވަރަކަށް ރަހިމުން ބޭރުގައި ގަރުބަގަތުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ (މެޔޯކްލިނިކް.އޯއާރޖީ). އެހެންކަމުން މިކަން ބޮޑަށް ބަރޯސާވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރާއި، މުއްދަތު ފަދަ ކަންކަމުގެ މައްޗަށެވެ (މެޑިސިންނެޓް.ކޮމް).

(ކ) އުމުރު : ބާލިޣުވުމަށްފަހު، ދަރިމައިވާ އުމުރުގެ ، ޖިންސީ ގޮތުން ހަރަކާތްތެރިވެ އުޅޭ ކޮންމެ މީހަކަށް ވެސް ރަހިމުން ބޭރުގައި ގަރުބަގަތުން ކުރިމަތިވެދާނެ އެވެ. އެންމެ ބޮޑަށް ރަހިމުން ބޭރުގައި ގަރުބަގަތުން ކުރިމަތިވާކަން ފާހަގަކުރެވެނީ އުމުރުން 44-35 އަހަރާއި ދެމެދުގެ އުމުރުފުރާގެ އަންހެނުންނަށެވެ (މެޑިސިންނެޓް.ކޮމް). މެޔޯކްލިނިކް.އޯއާރޖީ ގައި ހާމަކޮށްފައިވާ ގޮތުގައި އުމުރުން 35 އަހަރުން މަތީގެ އަންހެނުންނަށް ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފުރުޞަތު ބޮޑެވެ.

(އ) ބިސްހޮޅި ނޫނީ ބިސްދަތުރުކުރާ ހޮޅީގައި އައިބެއްހުރުން : އުފެދުމުގައި ބިސްދަތުރުކުރާ ހޮޅީގައި އައިބެއް ހުރުމަކީ ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ (މެޑިސިންނެޓް.ކޮމް).

(ވ) ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގުން : ގިނަ ބައިވެރިންނާއެކު ޖިންސީ ގުޅުން ހިންގުމަކީ ޖިންސީ ގުޅުމުން ޖެހޭ ބަލިތައް ނޫނީ އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް ކުރިމަތިވާ އިންފެކްޝަންތައް ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. މިއީ ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ (މެޑިސިންނެޓް.ކޮމް).

(މ) އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް (ޅިނދު ހިމެނޭ ހިސާބަށް) ދިމާވާ އެކި ކަހަލަ އިންފެކްޝަންތައް : އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް (ޅިނދު ހިމެނޭ ހިސާބަށް) ދިމާވާ އެކި ކަހަލަ އިންފެކްޝަންތައް، ޚާއްޞަކޮށް ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް ފިޔަވައި އެހެން ބަލިތައް މިސާލަކަށް އެންޑޯމެޓްރީއޯސިސް، ރަހިމުގައި ފައިބްރޮއިޑް އުފެދުން، ނޫނީ ޅިނދު ހިމެނޭ ހިސާބުގައި ލަކުނުލައިފައި ހުރުން ފަދަ ކަންކަމުގެ ސަބަބުން ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ހިރާސް އިތުރުކުރުވައެވެ. އެއީ މިފަދަ ކަންކަމުގެ ސަބަބުން މުޑުވަށްވެފައިވާ ބިސް ، ބިސްރަވައިން ރަހިމަށް ގެންދިއުމަށް ހުރަސްއަޅާތީ އެވެ (މެޑިސިންނެޓް.ކޮމް).

(ފ) އެހެނިހެން ކަންތައްތައް

·         ޅިނދުހިމެނޭ ހިސާބުގައި އިންފްލެމޭޝަން އުފައްދާ ބައްޔެއް ހުރުން : ގިނަ ފަހަރު މިހިސާބުގައި އިންފްލެމޭޝަން އުފެދެނީ ޖިންސީ ގުޅުމުން ފެތުރޭ ތަފާތު ބަލިތަކުގެ ސަބަބުންނެވެ.

·         ޅިނދު ހިމެނޭ ހިސާބުގައި ކުރިން ކޮށްފައިވާ އޮޕަރޭޝަނެއްގެ ސަބަބުން ލާފައިވާ ލަކުނުގެ އަސަރުހުރުން

އަލާމާތްތައް

ރަހިމުން ބޭރުގައި ގަރުބަ ގަތަސް ކުރީކޮޅު އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރަހިމުން ބޭރުގައި ގަރުބަގަތުމުން ބައެއް އަންހެނުންނަށް އާންމުކޮށް ބަލިވެއިންނަތާ ކުރީކޮޅު ފެންނަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި އަލާމާތްތައް ފެންނަނީ ބަލިވެއިންނަތާ 12-4 ވަނަ ހަފްތާ އާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. (އެން.އެޗް.އެސް، ޔޫކޭ).  މިސާލަކަށް މައްސަރުކަންތައް ނުޖެހުން، އުރަމައްޗަށް ވާންވެ، ބާރުވުން އަދި މޭނުބައިކުރުން ފަދަ ކަންތައްތައް ކުރިމަތި ވެދާނެ އެވެ. މިހާލަތުގައި ބަލިވެ އިންތޯ ޓެސްޓު ހެދި ނަމަވެސް ޓެސްޓުން ވެސް ބަލިވެ އިންކަމަށް ދައްކައިފާނެ އެވެ.

ރަހިމުން ބޭރުގައި ގަރުބަގަތުމުން ފުރަތަމަ ފެނިދާނެ ނުރައްކަލުގެ ނިޝާންތައް

ރަހިމުން ބޭރުގައި ގަރުބަގަތުމުން އެންމެ ފުރަތަމަ ފެނިދާނެ އެއްކަމަކީ ވަރަށް ކުޑަކޮށް ކުރިމަތި ފަރާތުން ލޭއައުމެވެ. އަދި ދަށްބަނޑުގައި ރިހުމެވެ. ރަހިމުން ބޭރުގައި ދަރި ގަރުބަގަނެފައިވަނީ ބިސް ހޮޅީގައި ކަމުގައިވާނަމަ، ކޮނޑުގައި ރިއްސައިފާނެ އެވެ. އަދި ބޮޑުކަމުދިއުމަށް ބޭނުންވެދާނެ އެވެ. ރަހިމުން ބޭރުގައި ގަރުބަގަތުމުން ފެނިދާނެ ޚާއްޞަ އަލާމާތްތައް ބަރޯސާވަނީ އެކަމުގެ ސަބަބުން ލޭތައް ޖަމާވެފައިވާ ހިސާބާއި، އަދި އެކަމުގެ ސަބަބުން ހިލިގަތުން ކުރިމަތި ކުރުވައިފާނެ "ފަތިނާރު" ގެ މައްޗަށެވެ. ރަހިމުން ބޭރުގައި ގަރުބަތުމުގެ އެންމެ އާންމު 3 އަލާމާތަކީ ދަށްބަނޑުގައި ރިހުން، ކުރިމަތި ފަރާތުން ލޭއައުން ނޫނީ ދޭތެރެ ދޭތެރެއިން ކުރިމަތި ފަރާތުން ލޭއައުން އަދި މައްސަރުކަންތައް ނުޖެހުމެވެ (މެޑިސިންނެޓް.ކޮމް). ނަމަވެސް ރަހިމުން ބޭރުގައި ގަރުބަގަތުން ކުރިމަތިވާ އެންމެންގެ ފުށުން (ނުވަތަ %50 މީހުންގެ ފުށުން) މި 3 އަލާމާތް ނުފެނިދާނެ އެވެ (މެޑިސިންނެޓް.ކޮމް). ނަމަވެސް ހަދާން ބަހައްޓަންޖެހޭ ކަމަކީ ރަހިމުން ބޭރުގައި ގަރުބަގަތުން ނޫން ހާލަތްތަކުގައި ނުބަތަ ބަލިތަކުގެ ސަބަބުން ވެސް މިދެންނެވި އަލާމާތްތައް ހުރުމަކީ ވެދާނެ ކަމެއްކަމެވެ.

މެޑިސިންނެޓް.ކޮމް ގައި ހާމަކޮށްފައިވާ ގޮތުގައި ރަހިމުން ބޭރުގައި ގަރުބަގަތުމުގެ އަލާމާތްތަކާއި، ނިޝާންތައް ފާހަގަވާން ފަށަނީ އެންމެ ފަހުން މައްސަރު ކަންތައް ޖެހުނުތާ 8-6 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ނަމަވެސް ރަހިމުން ބޭރުގައި ގަރުބަގަނެފައިވަނީ ބިސްހޮޅީގައި ނޫންކަމުގައިވާނަމަ، މިބަޔާންކުރެވުނު މުއްދަތަށް ފަހު ވެސް މިކަމުގެ އަލާމާތްތަކާއި، ނިޝާންތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިން ބުނެވުނު 3 އަލާމާތުގެ އިތުރުން އާންމުކޮށް ބަލިވެ އިނުމުން ފެންނަ މޭނުބައިކުރުން، ހޮޑުލެވުން، އުރަމައްޗަށް ވާންވުން ފަދަ ކަންތައްތައް ވެސް ރަހިމުން ބޭރުގައި ގަރުބަތަސް ކުރިމަތިވުމަކީ ހަމަ ވެދާނެ ކަމެކެވެ (މެޑިސިންނެޓް.ކޮމް).

ވެބްއެމްޑީ.ކޮމް ގައި ހާމަކޮށްފައިވާ ގޮތުގައި ރަހިމުން ބޭރުގައި ގަރުބަގަންނަތާ ކުރީކޮޅު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކުރިމަތި ފަރާތުން ވަރަށް ކުޑަކޮށް (ކުލަމަޑުކޮށް) ލޭއައުން ނޫނީ ލޭފޭބުން

·         ދަށްބަނޑުގައި ރިހުން / ކޮންމެވެސް އެއްފަރާތަކުން ދަށްބަނޑުގައި ރިހުން (އެން.އެޗް.އެސް، ޔޫކޭ).

·         ބަނޑަށް އުދަނގޫވުން

·         މޭނުބައިކުރުން / ހޮޑުލެވުން

·         ބަނޑުގެ މަސްތައް އަކުނިވިޔަށްދަމައި، ވަރަށް ތޫނު ތަދެއް ބަނޑުގައި ހުރުން

·         ހަށިގަނޑުގެ އެއްފަޅީގައި ރިހުމެއް ހުރުން

·         ބޯއެނބުރުން ނޫނީ ވަރުދެރަވުން

·         ކޮނޑުގައި ، ކަރުގައި، ނޫނީ ފުރަގަސްފަރާތުގައި ރިހުން

·         ބޮޑުކަމުދާއިރު ފުރަގަސްފަރާތަށް ތަދުވެ ރިހުން (އެން.އެޗް.އެސް، ޔޫކޭ).

އަވަސްފަރުވާ ބޭނުންވެދާނެ އަލާމާތްތައް

ރަހިމުން ބޭރުގައި ގަރުބަގަތުމުން ބިސްހޮޅީގައި ކުރިމަތިވެ، މުޑުވަށްވެފައިވާ ބިސް ބިސްހޮޅީގައި ހަރުލައި، ހެދިބޮޑުވަމުން ގޮސްފިނަމަ އެކަމުގެ ސަބަބުން ބިސްހޮޅި ފަޅައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ބަނޑުގެތެރެއަށް (އެތެރެހަށްޓަށް) ވަރަށް ބައިވަރު ލޭ ފޭބުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރައި، ހޭނެތި އަނބުރައިގަނެ، ޚަބަރު ހުސްވުމަކީ އެކަށީގެންވާ ކަމެކެވެ.

މައިގަނޑު އަލާމާތްތަކަށް ނަޒަރެއް

ކުރިމަތި ފަރާތުން ލޭއައުން

ކުރިމަތި ފަރާތުނ އަންނަ ލޭ އާންމުކޮށް މައްސަރުގެ ތެރޭގައި އަންނަ ލެޔާއި ކުޑަކޮށް ތަފާތު ކަމެއް ހުރެދާނެ އެވެ. ދޭތެރެ އަކުން ލޭ ފެނިފައި ހުއްޓިދާނެއެވެ. ކުރިމަތި ފަރާތުން އަންނަ ލޭހުންނާނީ ވަރަށް ކުލަ މަޑުކޮށެވެ. ނޫނީ ގަދަ މުށި ކުލައަކަށެވެ. ބައެއް މީހުން މިގޮތަށް އަންނަ ލޭއެއީ މައްސަރުގެ ލޭކަމަށް ހީކޮށް، ބަލިވެ ނުއިންނަކަމަށް ދެކި އަޅާނުލާ ދޫކޮށްލާ ފަހަރު އާދެއެވެ.

ދަށްބަނޑުގައި ރިހުން

އާންމު ގޮތެއްގައި ދަށްބަނޑުގައި ރިހުން ހުންނަނީ ބަނޑުގެ އެއް ފަރާތަކުން ދަށްބަނޑުގައެވެ. ނޫނީ އެއް ފަރާތަކުން ބަނޑުގެ ތިރީގައެވެ. މިރިހުން ކުއްލިއަކަށް ވެސް ފެށިދާނެއެވެ. ނޫނީ މަޑުމަޑުން ރިހެމުން ރިހެމުން ވެސް އައިސްފާނެއެވެ. ނޫނީ ތަދުވެލާފައި، ލުއިވެލާފައި އެގޮތަށް ވެސް ހުރެދާނެ އެވެ. ބައެއް ފަހަރު މެދު ނުކެނޑި ވެސް ތަދު ހުރެދާނެ އެވެ.

ކޮނޑުގައި ރިހުން

އާންމު ގޮތެއްގައި ކޮނޑުގައި ރިހުން ހުންނަނީ ކޮނޑާއި މުލައްދަނޑި ގުޅޭ ހިސާބުގައެވެ. ނޫނީ ކޮނޑުހުޅު މަތީގައެވެ. ރަހިމުން ބޭރުގައި ގަރުބަގަތުމާއި ގުޅިގެން ކޮނޑުގައި ރިހެނީ ސީދާ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިއީ ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ސަބަބުން އެތެރެއަށް ލޭފައިބާތީ ކުރިމަތިވާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ބޮޑުކަމުދާއިރު ނޫނީ ކުޑަކަމުދާއިރު އުނދަގޫވުން

ރަހިމުން ބޭރުގައި ގަރުބަގަތުމުން ބޮޑުކަމު ނޫނީ ކުޑަކަމު ދާއިރު ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ބޭރަށް ހިންގުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް

ރަހިމުން ބޭރުގައި ގަރުބަގަތުމަށްފަހު، ފެނިދާނެ އަލާމާތްތަކުގެ ތެރެއިން އަންނަނިވި އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

·         އާދަޔާ ޚިލާފަށް ބަނޑުގައި ނޫނީ ދަށްބަނޑުގައި ރިހުން

·         އާދަޔާ ޚިލާފަށް ކުރިމަތި ފަރާތުން ލޭއައުން ނޫނީ ލޭފޭބުން

·         ބޯއަނބުރައި، ހޭނެތުން ނޫނީ ޚަބަރު ހުސްވުން

·         ކޮނޑުގައި ރިހުން

ދިމާވެދާނެ ނުރައްކާތައް

ރަހިމުން ބޭރުގައި ގަރުބަތުން ކުރިމަތިވީ ބިސްހޮޅީގައި ކަމުގައިވާނަމަ އެކަމުގެ ސަބަބުން ބިސްދަތުރުކުރާ ހޮޅި ފަޅައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ދިމާވެއްޖެނަމަ އާދަޔާ ޚިލާފަށް ކުރިމަތި ފަރާތުން ލޭފައިބައި، ފުރާނަޔަށް ނުރައްކާ ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިއީ ވަގުތުން އަވަސްފަރުވާ ބޭނުންވާނެ ހާލަތެކެވެ.

ރަހިމުން ބޭރުގައި ގަރުބަގަނެ، ޚާއްޞަކޮށް ބިސްހޮޅީގެ ތެރޭގައި ގަރުބަގަނެ، ބޮޑުވެގެން ހިނގައްޖެނަމަ، ބޮސްހޮޅި ފަޅައިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. ބިސްހޮޅި މިބީދައިން ފަޅައިގެން ދިއުމަކީ ފުރާނަޔަށް ނުރައްކާވެދާނެ ކަމެކެވެ. އަދި ވަގުތުން އިމަޖެންސީކޮށް އޮޕަރޭޝަން ކުރަންޖެހިދާނެ ކަމެކެވެ (އެންއެޗްއެސް. ޔޫކޭ). ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު ހިރާސް ނުވަތަ ނުރައްކަލަކީ ބިސްހޮޅީގައި ގަރުބަގަތުމުގެ ސަބަބުން ބިސްހޮޅި ފަޅައިގެން ގޮސް އެތެރެހައްޓަށް ލޭއެޅުމެވެ (މެޑިސިންނެޓް.ކޮމް).

އާންމު ގޮތެއްގައި ބިސްހޮޅި ފަޅައިގެން ދިއުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކުއްލިއަކަށް ތޫނު ތަދެއް ދަށްބަނޑުގައި އުފެދުން ނޫނީ ދަށްބަނޑުގައި ވަރަށް ތޫނު ރިހުމެއް ހުރުން

·         ބޯއެނބުރުން / އަނބުރައިގަނެ ޚަބަރު ހުސްވުން

·         މީހާ ދޮންފޫޑުވުން (އެންއެޗްއެސް. ޔޫކޭ).

ރަހިމުން ބޭރުގައި ޚާއްޞަކޮށް ބިސްހޮޅީގައި ގަރުބަގަނެ، ބިސްހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން ކުރިމަތިވެދާނެ އެހެނިހެން އުދަނގޫތަކުގެ ތެރޭގައި ވަރުދެރަވުން، ބޯއެނބުރުން، އަނބުރައިގަތުން ފަދަ ކަންތައްތައް ހިމެނެއެވެ. މިކަންތައްތައް ކުރިމަތިވަނީ ބިސްހޮޅި ފަޅައިގެން ދިއުމުން އެތެރެ ހައްޓަށް ލޭއެޅި، ލޭގެ ޕްރެޝަރު ދަށްވުމުގެ ސަބަބުންނެވެ. ބައެއް ފަހަރު ރަހިމުން ބޭރުގައި ގަރުބަގަނެ، ލޭފޭބިޔަސް، އެއީ ރަހިމުން ބޭރުގައި ގަރުބަގެނެގެން އަންނަ ލެޔެއްކަން ނޭނގި ނޫނީ ފާހަގަ ނުވެދެއެވެ. އަދި ރަހިމުން ބޭރުގައި ގަރުބަގަނެފައިވާކަން އެނގުން ލަސްވެގެން ދެއެވެ. ގިނަ ފަހަރު މިފަދަ ހާލަތުގައި އެކަން ފާހަގަވަނީ ޝޮކްގެ އަލާމާތްތައް (ވިންދު އަވަސްވުން، ލޭގެ ޕްރެޝަރު ދަށްވުން، ވަރުދެރަވުން، އަތްފައި ފިނިވެ، ހަންގަނޑު ދޮންފޫޑުވުން) ފެނި ހޮސްޕިޓަލަށް ކުއްލިއަކަށް ގެންދިއުމުންނެވެ (މެޑިސިންނެޓް.ކޮމް).

ދެނެގަތުން

ޑޮކްޓަރުން ބަލާ ޖިސްމާނީ ބެލުންތަކުން (ޅިނދު ހިމެނޭ ހިސާބު ބެލުން / Pelvic exam) ދަށްބަނޑުގައި ރިހުން ހުރި ހިސާބާއި، ބީހިލުމުން ރިހުން އިތުރުވާ ހިސާބު، ބިސްހޮޅި ނުވަތަ ބިސްރަވަ ފަދަ ތަނެއްގައި އެއްޗެއް އުފެދިފައިވާނަމަ އެކަން ދެނެގަނެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރަހިމުން ބޭރުގައި ގަރުބަގަނެފައިވާނަމަ އެކަން ހަމައެކަނި ޖިސްމާނީ ގޮތުން ހަށިގަނޑުގެ ބޭރުފުށުން ބަލާ ބެލުންތަކުން ޑޮކްޓަރުންނަށް ދެނެ ނުގަނެވިދާނެ އެވެ. އެހެންކަމުން ރަހިމުން ބޭރުގައި ގަރުބަގަނެފައިވޭތޯ ދެނެގަތުމަށްޓަކައި ލޭގެ ޓެސްޓުތަކާއި، ސްކޭން ވެސް ހަދަންޖެހިދާނެ އެވެ.

ބަލިވެއިންތޯ ޓެސްޓުކުރުން

ބަލިވެއިންތޯ ޔަގީންކުރުމަށް ޑޮކްޓަރުން ލޭގައި "ހިޔުމަން ކޮރިއޯނިކް ގޮނާޑޯޓްރޮޕިން"(HCG) ހޯރމޯން ހުރި މިންވަރު ދެނެގަންނާނެ އެވެ. މާބަނޑުވުމުން ލޭގައި މިހޯރމޯންގެ މިންވަރު މަތިވެދެއެވެ. ސްކޭންކޮށްގެން ރަހިމުން ބޭރުގައި ގަރުބަގަނެފައިވޭތޯ ޔަގީން ވަންދެން މިހޯރމޯންގެ މިންވަރު ބަލަމުން ގެންގޮސްފާނެ އެވެ. އާންމު ގޮތެއްގައި ސްކޭންކުރާނީ މާބަނޑުވާތާ 6-5 ހަފްތާ ފަހުންނެވެ (މެޔޯކްލިނިކް.ކޮމް)ލޭގައި ހިޔުމަން ކޮރިއޯނިކް ގޮނާޑޯޓްރޮޕިން ހޯރމޯންގެ މިންވަރު 48 ގަޑިއިރުގެ މުއްދަތެއް ދޭތެރެއަށް ދޫކޮށް ދެފަހަރު ވެސް ހަދައިފާނެއެވެ. އެއީ ލޭގައި މިހޯރމޯންގެ މިންވަރަށް އަންނަ ބަދަލު ބެލުމަށްޓަކައެވެ (އެންއެޗްއެސް، ޔޫކޭ). ރަހިމުން ބޭރުގައި ގަރުބަގަނެފައިވާ ނަމަ ލޭގައި ހިޔުމަން ކޮރިއޯނިކް ގޮނާޑޯޓްރޮޕިން ހުންނަ މިންވަރު ނިސްބަތުން ދަށްވެފައި، އަދި މައްޗަށް ދަނީ ވެސް އާންމުކޮށް ބަލިވެ އިނުމުން މައްޗަށްދާ ވަރާއި އަޅާބަލާއިރު، މަޑުމަޑުން ލަސްލަހުންނެވެ (އެންއެޗްއެސް،ޔޫކޭ).

ސްކޭންކުރުން / ޓްރާންސްވެޖައިނަލް އަލްޓްރާ ސައުންޑް ސްކޭން

ރަހިމުން ބޭރުގައި ގަރުބަގަތުން އާންމުކޮށް ދެނެގަންނަނީ ޓްރާންސްވެޖައިނަލް އަލްޓްރާ ސައުންޑް ހަދައިގެންނެވެ. (އެންއެޗްއެސް، ޔޫކޭ). ޓްރާންސްވެޖައިނަލް އަލްޓްރާ ސައުންޑް ސްކޭން ކުރުމުން ރަހިމުން ބޭރުގައި ގަރުބަގަނެފައިވާ ހިސާބު ސީދާ ދެނެގަނެވޭނެ އެވެ. މި ސްކޭން ކުރުމަށްޓަކައި ދަނޑިކޮޅެއްގެ ސިފަޔަށް އިންނަ (ފެށޭތަން ފަލަކޮށް، ނިމުން ހިމަކޮ އިންނަ) ޑިވައިސް އެއް (އަލްޓްރާ ސައުންޑް ވޭންޑް)ނޫނީ ޕްރޯބެއް ކުރިމަތި ފަރާތަށް ނޫނީ އަންހެނާގެ ޖިންސީ ގުނަވަނަށް ފޯރުވޭނެ އެވެ. މިޑިވައިސްގެ އެހީގައި އަޑުގެ ރާޅުބާނި ތައް ބޭނުންކޮށްގެން ރަހިމާއި، ބިސްރަވަ، އަދި ބިސްހޮޅީގެ ތަސްވީރެއް ކުރަހާލައި، އެމަންޒަރުތައް ކައިރީގައި މޮނީޓަރަށް ފޮނުވައިދޭނެ އެވެ. މިސްކޭންގެ އެހީގައި މުޑުވަށްވެފައިވާ ބިސް ބިސްހޮޅީގެ ތެރޭގައި ހަރުލާފައި ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. ނަމަވެސް ބައެއް ފަހަރު މިގޮތަށް ދެނެގަތުން ވަރަށް އުދަނގޫވާ ފަހަރު ވެސް އާދެއެވެ.

އަލްޓްރާ ސައުންޑް ވޭންޑް ބޭނުންކޮށްގެން ބަނޑުގެ ސްކޭނެއް ވެސް ހެދިދާނެ އެވެ. ބަލިވެ އިންކަން ޔަގީންކުރުމަށް ނޫނީ އެތެރެ ހައްޓަށް ލޭއެޅިފައިވޭތޯ ބެލުމަށް މިވޭންޑް ބޭނުންކޮށްގެން ވެސް ބަނޑުގެ ސްކޭން ހަދައިފާނެ އެވެ.

އެހެނިހެން ލޭގެ ޓެސްޓުތައް

ލޭމަދުވުން ކުރިމަތިވެފައިވޭތޯ ބެލުމަށް ލޭގެ ޓެސްޓެއް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. ރަހިމުން ބޭރުގައި ގަރުބަގަތުން ދެނެގަތުމަށްފަހު ލޭއަޅަންޖެހިދާނެ ކަމަށްޓަކައި، ލޭގެ ގްރޫޕް ފަދަ ކަންކަން ލޭގެ ޓެސްޓު ހަދައިގެން ދެނެގަނެފައި ބަހައްޓާނެ އެވެ.

ފަރުވާ

މުޑުވަށްފައިވާ ބިސް ރަހިމުން ބޭރުގައި ގަރުބަގަތަސް ތަބީއީ އެގޮތެއްގައި އެ ބިސް ހެދި ބޮޑެއް ނުވާނެ އެވެ. ފުރާނަޔަށް ނުރައްކާވުމުގެ ފުރުޞަތު ކުޑަކުރުމަށްޓައި ރަހިމުން ބޭރުގައި ގަރުބަނެ، ހެދިބޮޑުވަމުންދާ ސެލޯށި، ހަށިގަނޑުން ވަކިކޮށް ނަގައި ސާފުކުރުމަކީ މުހިއްމު ކަމެކެވެ. ކުރިމަތިވެފައިވާ އުދަނގޫތަކާއި، ރަހިމުން ބޭރުގައި ގަރުގަބަގަތުން ދެނެގަނެވުނު ވަގުތަށް ރިޢާޔަތްކޮށް ތަފާތު ފަރުވާތައް ކުރެވިދާނެ އެވެ. އެގޮތުން މޮނީޓަރ ކުރަމުން ގެންދިއުން، ބޭސް ބޭނުންކުރުން، ލޯވަޅު ތޮރުފައިގެން އޮޕަރޭޝަންކުރުން ނޫނީ ފަޅާލައިގެން އޮޕަރޭޝަން ކުރަން ޖެހިދާނެ އެވެ.

މޮނީޓަރކުރަމުން ގެންދިއުން

ރަހިމުން ބޭރުގައި ގަރުބަގަނެ، އެއްވެސް އަލާމާތެއް ނުފެންނަނަމަ، ނޫނީ ވަރަށް ކުޑަކޮށް އަލާމާތްތައް ފެންނަނަމަ، ނޫނީ ސްކޭން އިން ނުދައްކާނަމަ ހަމައެކަނި ގާތުން ބަލަމުން ގެންދެވިދާނެ އެވެ. ސަބަބަކީ ބައެއް ފަހަރު އުފެދުނު ޓިޝޫ އޭގެ ޒާތުގައި ގިރި، ހަށިގަނޑުގެ ތެރެއަށް ދެމި ހުސްވެ، ނެތި ހިގައިދާނެތީ އެވެ. މިގޮތަށް މެނޭޖްކުރުމަށް ކިޔަނީ "އެކްސްޕެކްޓެންޓް މެނޭޖްމަންޓް" (expectant management) އެވެ (އެންއެޗްއެސް، ޔޫކޭ).

މިހާލަތުގައި ތިރީގައިވާ ކަންތައްތަކަށް ސަމާލުވެ، ފަރުވާތެރިވާން ޖެހިދާނެ އެވެ.

·         ލޭގައި ހިޔުމަން ކޮރިއޯނިކް ގޮނާޑޯޓްރޮޕިން ހޯރމޯންގެ މިންވަރު ގަވާޢިދުން ބަލަމުން ގެންދިއުން : އެގޮތުން ލެއިން ހޯރމޯންގެ އަސަރު އެއްކޮށް ފިލަންދެން ބަލަމުން ގެންދަން ޖެހިދާނެއެވެ.

·         ހިޔުމަން ކޮރިއޯނިކް ގޮނާޑޯޓްރޮޕިން ހޯރމޯންގެ މިންވަރު ދަށްނުވެ، މައްޗަށްދާނަމަ އިތުރު ފަރުވާ ހޯދަންޖެހިދާނެ އެވެ.

·         ކޮންމެވެސް ވަރަކަށް ކުރިމަތި ފަރާތުން ލޭއައިސް ފާނެއެވެ. މިހާލަތުގައި ޓެމްޕަންސް ގެ ބަދަލުގައި ސެނިޓަރީ ޕެޑް ނޫނީ ތުވާއްޔެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ.

·         ދަށްބަނޑުގައި ވެސް ރިއްސައިފާނެއެވެ. ޕެރަސިޓަމޯލް ފަދަ ބޭހެއް މިފަދަ  ރިހުމަށް ބޭނުންކުރެވިދާނެ އެވެ. (އެންއެޗްއެސް، ޔޫކޭ)

ބޭސް ބޭނުންކުރުން

ރަހިމުން ބޭރުގައި ގަރުބަގަންނަތާ ކުރީކޮޅު މާބޮޑަށް ކުރިމަތި ފަރާތުން ލޭނުފައިބާނަމަ، ލޭމަނާކުރުމަށް ބޭސްދީ އުޅެއެވެ. މިގޮތުން ދޭ ބޭހުގެ ސަބަބުން ރަހިމުން ބޭރުގައި ގަރުބަގަނެގެން އުފެދިފައިވާ ސެލޯށީގައި ހުންނަ ދިރުތައް ހެދިބޮޑުވުން ހުއްޓުވައިދީ، އެދިރުތައް ނައްތައިލުމަށް އެހީތެރިވެދެއެވެ. އިންޖެކްޝަންގެ ސިފައިގައި ދެވޭ މިފަދަ ބޭސްތައް ފެށުމުގެ ކުރިން ރަހިމުން ބޭރުގައި ގަރުބަގަނެފައިވާކަން ރަނގަޅަށް ހޯދައި ބަލައި ޔަގީންކުރަން ވާނެއެވެ. މިގޮތުން އިންޖެކްޝަން ޖެހުމަށްފަހު އަނެއްކާވެސް ލޭގައި ހިޔުމަން ކޮރިއޯނިކް ގޮނާޑަޓްރޮޕިން ހޯރމޯންގެ މިންވަރު ހުރި ބެލުމަށް ޓެސްޓު ހަދާނެއެވެ. މީގެ ބޭނުމަކީ ބޭހުގެ އަސަރު ކުރާ މިންވަރު ބެލުމާއި، އިތުރަށް ބޭސް ބޭނުންވާނެތޯ ބެލުމެވެ. މިފަދަ ހާލަތުގައި އެންމެ އާންމުކޮށް ދީއުޅޭ އެއް ބޭހަކީ "މީތޮޓްރެކްސޭޓް" އެވެ.

ލޯވަޅު ތޮރުފައިގެން އޮޕަރޭޝަންކުރުން

ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފަރުވާގައި ލޯވަޅުއަޅައިގެން ކުރެވޭ ދެ އޮޕަރޭޝަނަކީ އޮޕަރޭޝަންކޮށްގެން ބިސްހޮޅި ހުޅުވައިގެން ބެލުން (Salpingostomy)، އަދި އޮޕަރޭޝަންކޮށްގެން ބިސްހޮޅި ކަފައި ނެގުން (Salpingectomy) މި ދެއޮޕަރޭޝަނެވެ. މިއޮޕަރޭޝަން ކުރުމަށްޓަކައި ބަނޑުގެ ފޫޅު ކައިރިން ކުޑަ ލޯވަޅެއް އަޅައިގެން އޭގެތެރެއިން ލައިޓް އާއި ކެމެރާ ހަރުކުރެވިފައިވާ ހޮޅި އެއް ބިސްހޮޅީގެ ތެރެއަށް ފޯރުވައި، ބިސްހޮޅީގެ ތެރެ ބަލައި ޗެކުކުރެވެއެވެ.

އޮޕަރޭޝަންކޮށްގެން ބިސްހޮޅި ހުޅުވައިގެން ބެލުމުގެ ތެރޭގައި ރަހިމުން ބޭރުގައި ގަރުބަގަނެފައިވާ ނޫނީ ބިސްހޮޅީގައި ގަރުބަގަނެފައިވާ ސެލޯށި ކަފައި ނަގައި ވަކިކުރެވެއެވެ. އަދި ބިސްހޮޅި އޭގެ ޒާތުގައި ރަނގަޅުވާން ދޫކޮށްލެވެއެވެ. ނަމަވެސް އޮޕަރޭޝަންކޮށްގެން ބިސްހޮޅި ކަފައި ނަގާއިރު، މުޅި ބިސްހޮޅި އެއްކޮށް ކަފައި ނެގެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/ectopic-pregnancy/symptoms-causes/syc-20372088

·         https://www.webmd.com/baby/pregnancy-ectopic-pregnancy#1

·         https://www.nhs.uk/conditions/ectopic-pregnancy/

·         https://www.medicinenet.com/ectopic_pregnancy/article.htm