މުހިއްމު ސަފުހާތައް

Monday, October 31, 2011

ގުރުދާ


ގުރުދާ
ގުރުދާ (Kidney)  އަކީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ އަސާސީ އެއް ގުނަވަނެވެ. ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ ވެއެވެ.އެއީ ހަށިގަނޑުގެ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ތޮޅި-އޮށެއްގެ ބައްޓަމަށް، ސާބޯނި ބުރިއެއް ވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނުވަތަ އަރިކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ''ލަމްބާރ ވާޓެބްރާ''(Lumbar Vertebrae) ތައް ހުންނަ ހިސާބާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް ''ޕެރިނެފްރިކް ފެޓް''(Perinephric fat) އޭ ކިޔޭ ސަރުބީގެ ވައްތަރެއް ޖަމާވެފައި ހުރެއެވެ. މިބުނި ސަރުބީތަކުގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި ''އެޑްރީނަލް ގްލޭންޑް''(Adrenal gland)އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.

ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ހޮޅީގެ(Renal artery) ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅީ(Aorta)ގެ ބަނޑާވީ ހިސާބުގައިވާ ބައި (Abdominal aorta) އިން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. މިގޮތަށް ގުރުދާ އަށް ލޭ ވާޞިލްވުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގުރުދާގެ މައިގަނޑު މަސައްކަތަކީ ލެއިން ހަށިގަނޑަށް ބޭނުންނުވާ ފެނަށް ގިރޭ(Water soluble) މާއްދާތަށް ފުރާނާ ލައިގެން ވަކިކުރުމެވެ. ގުރުދާގެ މެދެއް ހާ ހިސާބުން އެތެރޭ ފަރާތުން ގުރުދާ އިން މަސާނާ އަށް ގުޅިފައިވާ ހޮޅި ގުރުތާ (Ureters) ،ނިކުމެފައި ވެއެވެ. މިހޮޅި ތިރިއަށް ގޮސްގުޅެނީ މަސާނާ އަށެވެ.

ގުރުދާ އަކީ ތަފާތު ވަޒީފާތައް ނުވަތަ މަސައްކަތްތައް ފުރިހަމަކުރާ ގުނަވަނެކެވެ. މިގޮތުން ގުރުދާ އަދާކުރާ ވާޖިބު ތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތި އުފެއްދުން، ހަށިގަނޑުގައި ބައެއް ކަހަލަ މަޢުދަންތައް(Electrolytes) ، ތަކުގެ މިންވަރު ކޮންޓްރޯލް ކުރުން، އަދި ހަށިގަނޑުގައި ''އެސިޑް-ބޭސް'' ގެ ހަމަ ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. ގުރުދާ އަދި ހަށިގަނޑުގެ އެހެން ބައިތަކުން އުފައްދާ ބައެއް ހޯރމޯންތަކުގެ އެހީގައި ގުރުދާއިން ސޯޑިއަމް، ޕޮޓޭސިއަމް، އަދި ކެލްސިއަމް ފަދަ ''އިލެކްޓްރޮލައިޓް''ތައް ބޭރުކޮށް އަލުން އަނބުރައި ހަށިގަނޑަށް އެނަގައެވެ. ނުވަތަ ހަށިގަނޑުގެތެރެއަށް އެމާއްދާތައް ދަމައެވެ.

އިންސާނާގެ ހަށިގަނޑުން ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 1.5 ލިޓަރުގެ ކުޑަކަމުދާ ތަކެތި އުފައްދައެވެ. މިއަދަދު ނުވަތަ މިންވަރު ހަށިގަނޑުގެ ޙާލަތު ހުންނަ ނުހުންނަ ގޮތަކަށް ބަލައި ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އެއީ ގުރުދާ އިން ލޭގައި ހިމެނޭ ވިހަ މާއްދާތައް ފުރާނާލައިގެން ވަކިކުރުން ގުޅިފައި އޮންނަނީ ގުރުދާ އަށް ވާޞިލްވާ ނުވަތަ ފޯރުކޮށްދެވޭ ލޭ، ނުވަތަ ގުރުދާގައި ލޭދައުރުވުމާއި ކަމަށްވާތީ އެވެ. ހަށިގަނޑުގައި ދިޔާތަކެތި އެކުލެވޭ މިންވަރަށް ބަދަލު އައުމަކީ ވެސް ގުރުދާގެ މަސައްކަތްތަކަށް އަސަރު ކުރާނެ ކަމެކެވެ. ގުރުދާގައިވާ ''ގްލޮމެރިޔޫލަސް''(Glomerulus) ގައި ލޭދައުރުވާ މިންވަރަށް ގުރުދާގެ ތެރޭގައި އުފައްދާ ހޯރމޯންތަކާއި، އަދި ގުރުދާއިން ބޭރުން އުފައްދާ ބައެއް ހޯރމޯންތަކުގެ ސަބަބުން ބަދަލު ގެނުވައެވެ. ބައެއް ކަހަލަ ބޭސް ތަކުގެ ސަބަބުން ވެސް ސީދާކޮށްނާއި، ނުސީދާކޮށް ކުޑަކަމުދާ ތަކެތި އުފެއްދުމަށް ބުރޫ އަރުވައެވެ.

ގުރުދާގެ ސިފަތައް
ކޮންމެ ގުރުދާއެއްގެ ދިގުމިނުގައި ގާތްގަނޑަކަށް 10-11 ސެންޓިމީޓަރު، ފުޅާމިނުގައި 5.5 ސެންޓިމީޓަރު، އަދި ބޯމިނުގައި  3 ސެންޓިމީޓަރު ހުރެއެވެ. އަދި ބަރުދަނުގައި 150 ގްރާމް ހުރެއެވެ. ދެ ގުރުދާއެއްކޮށް މުޅި ހަށިގަނޑޫގެ ބަރުދަނުގެ 0.5 އިންސައްތަ ހިއްޞާ ކުރެއެވެ. ކޮންމެ ގުރުދާއެއްގެ މެދުން ހަށިގަނޑުގެ އެތެރެއާވީ ފަރާތުން އަޑިކޮޅެއް ނުވަތަ ހުޅުވުމެއް އިދެއެވެ. މިތަނަން ކިޔަނީ ''ހައިލަމް''(Hilum)އެވެ. ގުރުދާ އާޓަރީ، ގުރުދާ ވެއިން، ނާރުތައް، އަދި ގުރުތާ، ފަދަ ޓިޝޫތައް ގުރުދާއަށް ގުޅިފައިވަނީ މިބުނި ބައިގެ ތެރެއިންނެވެ.ގުރުދާގެ ބޭރަށް އިންނަ ބަޔަށް ކިޔަނީ ރީނަލް ކޯޓެކްސް(Renal Cortex) އެވެ. އޭގެ އެތެރެއިން އިންނަ ބަޔަށްކިޔަނީ ރީނަލް މިޑައްލާ އެވެ. ރީނަލް މިޑައްލާ(Renal medulla) ގައި 20-10 އާއި ދެމެދުގެ މިންވަރަކަށް އަހުރާމް ތަކެއްގެ ސިފަޔަށް "ރީނަލް ޕިރަމިޑް"(Renal pyramid) ތައް ހުރެއެވެ. ކޮންމެ ރީނަލް ޕިރަމިޑް އެއްގެ ކޮޅު ނިމިފައި އިންނަނީ ''ރީނަލް ކެލިކްސް''(Renal calyx) އަށެވެ. އަދި ރީނަލް ކެލިކްސް ވަނީ ރީނަލް ޕެލްވިސް ނުވަތަ ގުރުދާގެ ޅިނދާއި ގުޅިފައެވެ. ގުރުތާ ނިކުމެފައިވަނީ ރީނަލް ޕެލްވިސްގެ ތެރެއިންނެވެ.

ގުރުދާއަށް ލޭ ފޯރުވައިދިނުން
ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ލޭހޮޅީގެ ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅީގެ، ބަނޑާވީ ހިސާބުގައިވާ ބައި (Abdominal aorta)ން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. ގުރުދާގެ ތެރޭގައި ގުރުދާގެ އާޓަރީ(Renal artery)، އިންޓަލޯބަރ އާޓަރީ (Interlobar artery) ތަކަށް ކަފިވެގެން ދެއެވެ. އަދި ފަހުން މިބުނި އާޓަރީ ތަކުން ''އާކުއޭޓް އާޓަރީ''(Arcuate artery) ތައް އުފެދި އެއިން ''ކޯޓިކަލް އާޓަރީ''(Cortical artery) އުފެދިގެން ދެއެވެ.

ގުރުދާގެ ބައިތައް
1-      ރީނަލް ކޯޓެކްސް
ރީނަލް ކޯޓެކްސް(Renal Cortex) އަކީ ގުރުދާގެ ބޭރަށް އިންނަ ބައެވެ. ނުވަތަ އޭގެ ތޮށި ގަނޑެވެ. ތޮށިގަނޑުގެ ބޭރުގައި ތުނި ދުލިފަށެއް އިނދެއެވެ. އެއީ ރީނަލް ކެޕްސޫލް(Renal Capsule) އެވެ. އެހެން ކަމުން ރީނަލް ކޯޓެކްސް އިންނަނީ މިބުނި ދުލިފަށް، އަދި ރީނަލް ކޯޓެކްސް އަށް ވުރެ އެތެރެއިން އިންނަ ގުރުދާގެ ބައި ރީނަލް މިޑައްލާ އާއި ދޭތެރޭގައެވެ. ރީނަލް މިޑައްލާ(Renal Medulla) އަކީ ގުރުދާ އެތެރޭގައިވާ މަދެވެ.

2-      ރީނަލް މިޑައްލާ
ރީނަލް މިޑައްލާ(Renal medulla) އަކީ ގުރުދާ އެތެރޭގައިވާ ގުރުދާގެ މަދެވެ. ރީނަލް މިޑައްލާގައި 18-8 އަކާއި ދެމެދުގެ މިންވަރަކަށް ރީނަލް ޕިރަމިޑްތައް ހުރެއެވެ. ރީނަލް ޕިރަމިޑްތަކުގެ ބުޑު ހުންނަނީ ގުރުދާގެ  ތޮށިގަނޑު ނުވަތަ ގުރުދާގެ ބޭރުބައި ނުވަތަ ރީނަލް ކޯޓެކްސްއާއި ދިމާލަށް ވާގޮތަށެވެ. އަދި ރީނަލް ޕިރަމިޑް ތަކުގެ ކޮޅު ހުންނަނީ ގުރުދާގެ އެތެރެ ފަރާތަށް ނުވަތަ ރީނަލް މިޑައްލާ ނުވަތަ އޭގެ މަދުއާއި ދިމާވާ ގޮތަށެވެ.

3-      ނެފްރޯން
ނެފްރޯން އަކީ ގުރުދާ ގައިވާ އެންމެ ކުޑަ ފަންކްޝަނަލް ޔުނިޓް އެވެ.  ކޮންމެ ގުރުދާއެއްގައި އެއް މިލިއަނަށްވުރެ ގިނަ ނެފްރޯން ވެއެވެ. ފެނާއި މައުދަންތައް ގުރުދާގައި ހުރުން ތަންޒީމްކޮށް ބަލަހައްޓަނީ ނެފްރޯން ތަކުންނެވެ. މިބުނި މާއްދާތައް ތަންޒީމްކޮށް ހަމަހިފަހައްޓައިދީ ބަލަހައްޓަނީ ލޭފުރާނާލުން ކުރިމަތިކުރުވައިގެންނާއި، ބޭނުންވާ ބައެއް މާއްދާތައް ހަށިގަނޑަށް އަލުން ދަމައިގެންނާއި، އަދި ބޭނުން ނުވާ މާއްދާތައް ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުން ފަދަ ކަންތައްތައް ފުރިހަމަކޮށްގެންނެވެ.
ނެފްރޯންގެ ބައިތައް : ނެފްރޯން އެއްގައި ހިމެނޭ ބައިތައް ތިރީގައި މިވަނީ އެވެ. ނެފްރޯންގެ އެއްކޮޅު އިންނަނީ ބެދިފައެވެ. އަނެއްކޮޅު އިންނަނީ ހުޅުވިފައެވެ.
·         ބޯމަންސް ކެޕްސޫލް :  މިއީ ނެފްރޯންގެ ބެދިފައިވާ ކޮޅުގައި ގްލޯމެރިޔޫލަސް ވަށައިގެން ލެވިފައި އިންނަ ފަށަލަ އެކެވެ. ނުވަތަ ކެޕްސޫލެކެވެ.
·         ގްލޯމެރިޔުލަސް : މިއީ ބޯމަންސް ކެޕްސޫލްގެ އެތެރޭގައި އިންނަ ކުދިކުދި ލޭހޮޅިތަކުގެ ވިއުގައެކެވެ.
·         ޕްރަކްސިމަލް ކޮންވަލިޔުޓިޑް ޓިޔުބިޔޫލް : މިއީ ބޯމަންސް ކެޕްސޫލް އަށް ފަހު އިންނަ ހޮޅިއެކެވެ. މިހޮޅި އިންނަނީ އޮޅިފައެވެ. މިހޮޅިގެ ތެރޭގައި މައިޓަކަންޑްރިއާ އަދި މައިކްރޯވިލައި ހުރެއެވެ.
·         ލޫޕް އޮފް ހެންލީ : މިއީ ޕްރަކްސިމަލް ކޮންވަލިޔުޓިޑް ޓިޔުބިޔޫލް އަދި ޑިސްޓަލް ޓިޔުބިޔޫލް އާއި ދެމެދުގައިވާ ނެފްރޯންގެ ބައެވެ. މިބައި އިންނަނީ ޔޫ އަކުރެއްގެ ބައްޓަމަށެވެ.
·         ޑިސްޓަލް ކޮންވަލިޔުޓިޑް ޓިޔުބިޔޫލް : މިއީ  ނެފްރޯން ގައި ލޫޕް އޮފް ހެންލީ އަދި ކަލެކްޓިންގ ޓިޔުބިޔޫލް އާއި ދެމެދުގައިވާ ބަޔެވެ.
·         ކަލެކްޓިންގ ޓިޔުބިޔޫލް : މިއީ ނެފްރޯންގެ އެންމެ ބޭރަށް އިންނަ ބައެވެ. މިބައި އިންނަނީ ގުރުދާގެ ޅިނދު ނުވަތަ ޕެލްވިސް އަށް ހުޅުވިފައެވެ. އެހެން ކަމުން ގުރުދާގެ ތެރެއިން ކުޑަކަމުދާ ތަކެތި ބޭރުވަނީ ގުރުދާގެ ޅިނދު ހުރަސްކޮށް ގުރުތާއަށް ވާޞިލްވެ، މަސާނާއަށް ފޯރައި، އެއަށްފަހު މަސާނާއިން ކުރިފަޅައި ނިކުމެފައިވާ ކުޑަކަމުދާ ހޮޅި ހުރަސްކޮށެވެ.

4-      ރީނަލް ޕިރަމިޑް
ރީނަލް ޕިރަމިޑް(Renal pyramid) އަކީ ގުރުދާގެ ތެރޭގައި ކޯން-ބައްޓަމަށް ހުންނަ ޓިޝޫ އެކެވެ. ރީނަލް މިޑައްލާގައި 18-8 އަކާއި ދެމެދުގެ މިންވަރަކަށް ރީނަލް ޕިރަމިޑް ތައް ހުރެއެވެ. ރީނަލް ޕިރަމިޑް ތަކުގެ ބުޑު ނުވަތަ ބޭސް ހުންނަނީ ގުރުދާގެ ބޭރުބައި ނުވަތަ ރީނަލް ކޯޓެކްސްއާއި ދިމާލަށް ވާގޮތަށެވެ. އަދި ރީނަލް ޕިރަމިޑް ތަކުގެ ކޮޅު ހުންނަނީ ގުރުދާގެ އެތެރެ ފަރާތަށް ދިމާވާ ގޮތަށެވެ. ރީނަލް ޕިރަމިޑްތަކުގެ އެތެރެ ފެންނަ ފެނުމަށް ހީވާނީ ރޮނގު ތަކެއް ދަމާފައި ހުންނަ ހެންނެވެ. މިގޮތަށް ފެންނަން ހުންނަނީ އޭގެ ތެރޭގައި ޖެހިޖެހިގެން އެތުރިފައި ހުންނަ ނެފްރޯން ތަކުގެ ސަބަބުންނެވެ.

5-      ރީނަލް ޕެލްވިސް
ގުރުދާ ޅިނދު (Renal pelvis) އަކީ ގުރުދާގެ ތެރޭގައި ފަންކާ-ބައްޓަމަށް ފުޅާވެފައި އިންނަ ގުރުތާ ގެ ފެށޭ ބައެވެ. އެހެން ކަމުން ގުރުދާ އިން ގުރުތާ ކުރިފަޅައި ނިކުންނަނީ ރީނަލް ޕެލްވިސްގެ ތެރެއިންނެވެ. ރީނަލް ޕެލްވިސް އަކީ ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި ފުރާނަލަދޭ ފުރޭންޏެއް ފަދަ ޓިޝޫ އެކެވެ.

6-      ކުދި ކެލިކްސް
ކުދި ކެލިކްސް (Minor Calyx) ތައް ހުންނަނީ ރީނަލް ޕިރަމިޑްތަކުގެ ކޮޅު ވަށާލާފާއެވެ. ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި، ގުރުދާ ޕެޕިލާ ހުރަސްކޮށް، ކުދި ކެލިކްސް ތަކަށް ވާޞިލްވެ، އެއަށްފަހު ބޮޑތި ކެލިކްސް ތަކަށް ވާޞިލް ވެއެވެ. އަދި އެއަށްފަހު ރީނަލް ޕެލްވިސްއަށް ވާޞިލްވެ، އެތަނުން ގުރުތާއަށް ގޮސް އެންމެ ފަހުން މަސާނާއަށް ފޯރަނީ އެވެ.

7-      ބޮޑެތި ކެލިކްސް
މައި ކެލިކްސް(Major calyx) ތައް ހުންނަނީ ރީނަލް ޕިރަމިޑްތަކުގެ ކޮޅު ވަށާލާފާއެވެ. ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި، ގުރުދާ ޕެޕިލާ ހުރަސްކޮށް، ކުދި ކެލިކްސް ތަކަށް ވާޞިލްވެ، އެއަށްފަހު ބޮޑތި ކެލިކްސް ތަކަށް ވާޞިލް ވެއެވެ. އަދި އެއަށްފަހު ރީނަލް ޕެލްވިސްއަށް ވާޞިލްވެ، އެތަނުން ގުރުތާއަށް ގޮސް އެންމެ ފަހުން މަސާނާއަށް ފޯރަނީ އެވެ.

8-      ރީނަލް ޕެޕިލާ
ރީނަލް ޕެޕިލާ  (Renal papilla)އަކީ ރީނަލް މިޑައްލާގައި ހުންނަ ރީނަލް ޕިރަމިޑްތައް ކުޑަކަމުދާ ތަކެތި، ރީނަލް ޕެލްވިސްގެ ތެރެއަށް ހުސްކޮށްލާ ތަނެވެ. މިހިސާބުގައި ހުންނަނީ ''ޓްރާންސިޝަނަލް އެޕިތީލިއަމް'' އެވެ.

9-      ރީނަލް ކޮލަމް
ރީނަލް ކޮލަމް(Renal column)އަކީ ރީނަލް ކޯޓެކްސްއިން ރީނަލް މިޑައްލާގެ އެތެރެއަށް ގޮސްފައި ހުންނަ ރީނަލް ކޯޓެކްސް ގެ ބައެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ރީނަލް ޕިރަމިޑް ތަކުގެ ދެމެދުގައި ހުންނަ ރީނަލް ކޯޓެކްސް ގެ ބައެކެވެ. ކޮންމެ ކޮލަމެއްގެ ތެރޭގައި ކުދި ލޭހޮޅިތައް، ކުދިކުދި ހޮޅިތައް އަދި ފައިބްރަސް މެޓީރިއަލް ތައް އެކުލެވިގެން ވެއެވެ.

ގުރުދާ އިން އަދާކޮށްދޭ ވަޒީފާތައް

ލޭގެ ޕްރެޝަރުގެ ހަމަ ހިފެހެއްޓުން : ލޭގެ ޕްރެޝަރު ދަށްވުމުން ގުރުދާއިން ރީނިން، ބޭރުކުރަން ފަށައެވެ. ރީނިން އަކީ އެންޖީއޯޓެންސިނަޖަން، އެންޖީއޯޓެންސިން1 އަށް ބަދަލުކުރުމުގައި އެހީވެދޭ ހޯރމޯން އެކެވެ. އަދި އެއަށްފަހު އެންޖީއޯޓެންސިން1 އެންޖީއޯޓެންސިން2 އަށް ބަދަލުވެއެވެ. ފަހުން މިބުނި ބަދަލުވުން ހިގާހިނދު ''އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް'' ކިޔާ އެންޒައިމެއްގެ އެހީހޯދައެވެ. އެންޖީއޯޓެންސިން2 އެޑްރީނަލް ކޯޓެކްސް އިން "އަލްޑެސްޓިރޯން" ދޫކުރުމަށް ބާރުއަޅައެވެ.

ގުރުދާގެ ހޮޅިތަކުން ''ސޯޑިއަމް'' އަބުރައި ގުރުދާގެ ތެރެއަށް ދެމުމަށް އަލްޑަސްޓަރޯން ބާރުއަޅައެވެ. އަދި މިގޮތަށް ސޯޑިއަމް ގުރުދާގެތެރެއަށް ދެމުމުން ފެނުގެ މިންވަރު މަތިވެ، އެފެން ވެސް ގުރުދާގެ ތެރެއަށް ދަމައެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ވޮލިއުމް މަތިވެ، ޕްރެޝަރު މަތިވެގެން ދެއެވެ.

ހޯރމޯން ދޫކުރުން : ތަފާތު ހޯރމޯން ތައް ގުރުދާގައި އުފައްދައި ދޫކުރެއެވެ.
·         ރީނިން : ރީނިން(Renin) އަކީ ގުރުދާގައިވާ ''ޖަކްސްޓަގްލޯމެރީޔުލަރ އެޕަރޭޓަސް'' ގައި ހުންނަ ''ޖަކްސްޓަގްލޯމެރީޔުލަރ ސެލް''(Juxtaglomerular cell) ތަކުން އުފައްދައި ބޭރުކުރާ އެންޒައިމް އެކެވެ. މިއެންޒައިމް ބޭރުކުރަން ފަށަނީ ލޭގެ ވޮލިއުމް ދަށްވުން ނުވަތަ ސޯޑިއަމް ކްލޮރައިޑް ލޭގައި ދަށްވާ ޙާލަތްތަކުގައެވެ. މިއެންޒައިމް އަށް ''އެންޖީއޯ ޓެންސިނަޖިނޭސް''(Angiotensinogenase) އޭ ވެސް ކިޔައެވެ.

·         އިރިތްރޯ ޕޮއިއިޓިން : އިރިތްރޯޕޮއިއިޓިން (Erythropoietin)  އަކީ ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ. މިއީ ކަށީގެ މަދުގައި ހުންނަ ލޭގެ ރަތް ސެލްތަކުގެ ޕްރިކޯސަރ ތަކަށް ހުންނަ ''ސައިޓޯކީން''(Cytokine)  އެކެވެ.އިރިތްރޯޕޮއިއިޓިންއަށް''ހީމަޓަޕޮއިއިޓިން''(Haematopoietin)އަދި''ހީމަޕޮއިއިޓިން''(Hemapoietin) އޭ ވެސް ކިޔައެވެ. އިރިތްރޯޕޮއިއިޓިން އުފެދެނީ ގުރުދާގައި ހުންނަ ''އެކްސްޓްރާ ގްލޯމެރީޔުލަރ މިސަންޖިއަލް ސެލް'' (Extarglomerular mesangial cell)  ތަކުންނެވެ. މިއީ ލޭގެ ރަތް ސެލްތައް އުފެއްދުން ތަންޒީމް ކޮށްދޭ މައި ހޯރމޯން އެވެ.

·         ކެލްސިޓްރިއޯލް : ކެލްސިޓްރިއޯލް (Calcitriol) އަކީ ހަށިގަނޑުގައި ހުންނަ ވިޓަމިންޑީ ގެ ހަރަކާތްތެރި ވައްތަރު އެވެ. މިހޯރމޯން އަށް ވަން-ޓްވެންޓީ ފައިވް ޑައިހައިޑްރޯކޯލިކެލްސިފެރޯލް''(1-25 Dihydrocholecalciferol) އަދި ''ވިޓަމިންޑީ3''(Vitamin D3)  އޭވެސް ކިޔައެވެ. މިހޯރމޯން ހަށިގަނޑުގައި އުފެދެނީ ގުރުދާގެ ތެރޭގައެވެ. އެގޮތުން ގުރުދާގެ ތެރޭގައި ''ކެލްސިޑިއޯލް''(Calcidiol) ކެލްސިޓްރިއޯލް އަށް ބަދަލުވަނީ ޚާއްޞަ އެންޒައިމެއްގެ އެހީގައެވެ. ބޭސް އުފައްދާ ކާރުޚާނާ ތަކުން މިހޯރމޯން ބޭހެއްގެ ގޮތުގައި އުފައްދައި ބާޒާރުގައި ވިއްކަން ހުރެއެވެ.

·         ތްރޮމްބޯޕޮއިއިޓިން : ތްރޮމްބޯޕޮއިއިޓިން (Thrombopoietin) އަކީ ފުރަމޭ، އަދި ގުރުދާއިން އުފައްދާ ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން އަކީ ކަށީގެ މަދުގައި ''ޕްލޭޓްލެޓް''ތައް އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ. ކަށީގެ މަދުގައި ހިމެނޭ ''މެގަކެރީއޯސައިޓް''(Megakaryocyte) ތައް އުފެދި ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް އުފެދިގެން އަންނަނީ މިބުނި ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.

ލޭސާފުކުރުމާއި، ބޭކާރުބައި ބޭރުކުރުން : އަހަރެމެން ކާނާއެއް ކެއުމުން އޭގައި ހުންނަ ހަށިގަނޑަށް ބޭނުންހުރި ބައި ހަށިގަނޑަށް ނެގުމަށްފަހު ބޭކާރު ބައި ލޭގެ ތެރެއަށް ފޮނުވާލައެވެ. މިގޮތުން ލޭގެ ތެރެއަށް ފޮނުވާލެވޭ ބޭކާރުބައި ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރެއެެވެ. ގުރުދާ ގެ އެހީގައި ލޭގައި އެކުލެވޭ މިބުނި ބޭކާރު މާއްދާތައް ސާފުނުކުރެވޭނަމަ މައްސަލަތަކާ ކުރިމަތިވެ ހަށިގަނޑަށް ގެއްލުންވާގޮތް މެދުވެރި ވެއެވެ. ލޭފުރާނައި ސާފުކުރުމުގެ މަސައްކަތް ހިންގަނީ ގުރުދާގައިވާ އެންމެ ކުދި ޔުނިޓްތައް ކަމުގައިވާ ''ނެފްރޯން''(Nephron)  ތަކުގައެވެ. ކޮންމެ ގުރުދާއެއްގައި މިލިއަނެއްހާ ނެފްރޯން ހުރެއެވެ.

ތަފާތު މަޢުދަންތަކުގެ ނިސްބަތް ކޮންޓްރޯލްކުރުން : މިގޮތުން ލޭގެ ތެރޭގައި ހުންނަ ބޭކާރު ބައިތައް ގުރުދާގެ ތެރެއަށް އަންނަ އައުމުގައި ހަށިގަނޑަށް އަލުން ބޭނުންކުރެވިދާނެ ކެމިކަލްތައް ވެސް އާދެއެވެ. މިސާލަކަށް މެގްނީޒިއަމް، ސޯޑިއަމް، ފޮސްފަރަސް، ޕޮޓޭސިއަމް، އަދި މިނޫން ވެސް ބައެއް މާއްދާތައް، ގުރުދާގެ ތެރެއަށް އައުމުން އެތަކެތި ލޭގައިހުރި މިންވަރު ވަޒަންކޮށް މަދުކަމުގައިވާ ނަމަ އެކެމިކަލްތައް އަބުރާ ހަށިގަނޑަށް ދަމައެވެ. ހަށިގަނޑުގައި މިބުނި މަޢުދަންތަކުގެ ނިސްބަތް ކޮންޓްރޯލްކޮށް ހަމަހިފަހައްޓަނީ މިއުސޫލުގެ ދަށުންނެވެ.

އެހެނިހެން ވަޒީފާތައް : ހަށިގަނޑުގައި ހިމެނޭ ފެނާއި ލޮނުގެ ނިސްބަތުގެ ހަމަހަމަކަން ހިފެހެއްޓުން  އަދި ލޭގެ އާ ރަތް ސެލްތައް އުފެދުމަށާއި، ކަށިތައް ވަރުގަދަވުމަށް އެހީތެރިވެދިނުން ފަދަ ކަންކަމަކީ ވެސް ގުރުދާ އިން އެކަންކަމަށް އެހީތެރިވެދޭ ކަންކަމެވެ.

ތުއްތު ދަރިފުޅު ބަނޑުގައި އަށަގަނެ ބޮޑުވަމުންދާއިރު ގުރުދާ އުފެދިގެން އަންނަގޮތް
ގުރުދާ އުފެދިގެން އަންނައިރު މައިގަނޑު 3 މަރުޙަލާއެއް ކަނޑަތުކުރެއެވެ. ގުރުދާ އުފެދިގެން އަންނަނީ ބަނޑުގައި ކުޑަ ދަރިފުޅު އުފެދެން ފަށާއިރު ހެދޭ ފުރަތަމަ 3 ފަށަލައިގެ ތެރެއިން މެދު ފަށަލަ (Mesoderm) އިންނެވެ.

ޕްރޯނެފްރަސް : ބަނޑުގައި ދަރިފުޅު އަށަގަންނަން ފަށާތާ 22 ވަނަ ދުވަހު ''އިންޓަމީޑިއޭޓް މީޒަޑާރމް''ގެ ބޯލާކޮޅުން ޕްރޯނެފްރަސް ޖޯޑެއް ދައްކާލައެވެ. މިހިސާބުގައި އެޕިތީލިއަލް ސެލްތައް އެތުރިފައި ހުންނަނީ ''ނެފްރޮޓޯމް''(Nephrotome) އޭ ކިޔާ ކުދިކުދި ހޮޅިތަކެއްގެ ސިފަޔަށެވެ. އަދި އެއްހޮޅި އަނެއް ހޮޅި އާ ދެމެދުވާ ބަޔަށް ނުވަތަ ހޮޅިތައް ގުޅުވައިދޭ މަގަށް ''ޕްރޯނެފްރިކް ޑަކްޓް''(Pronephric duct) އޭ ކިޔައެވެ.

މީޒަނެފްރަސް : ކޮންމެ ޕްރޯނެފްރިކް ޑަކްޓެއް ކުޑަ ދަރިފުޅުގެ ފައިލާ ކޮޅަށް ބޮޑުވަމުން ދެއެވެ. އަދި ''ތޮރަކޯ ލަމްބާ'' އޭރިއާގައި ހުރި އިންޓަމީޑިއޭޓް މީޒަޑާރމް އެޕިތީލިއަލް ހޮޅިތަކަކަށް ބަދަލުވެއެވެ. ކުދިކުދި މިހޮޅިތަކަށް ''މެޒަނެފްރިކް ޓިޔުބިޔޫލް''(Mesonephric tubules) އޭ ކިޔައެވެ. ކޮންމެ މީޒަނެފްރިކް ޓިޔުބިޔޫލް އަކަށް އެޔޯޓާ އިން ލޭ ފޮނުވައިދެއެވެ. އަދި މިލޭތައް ގޮސް ނިމެނީ އޭގައި އިންނަ ''ކެޕިލަރީ ޓަފްޓް''(Capillary taft) އަކަށެވެ. މީޒަނެފްރިކް ޓިޔުބިޔޫލް، ކެޕިލަރީ ޓަފްޓް ގެ ވަށައިގެން ތުނި ދުލިފަށަލަ އެއް ލައްވައެވެ. އެއީ ލޭ ފުރާނާ ލުމަށްޓަކައެވެ. މިގޮތުން މީޒަނެފްރިކް ޓިޔުބިޔޫލް ތަކުގައި ފުރާނާލޭ އެޅެނީ މީޒަނެފްރިކް ޑަކްޓް ތަކަށެވެ. އެއީ ކުރިން ޕްރޯނެފްރިކް ޑަކްޓް ތަކެވެ.

މެޓަނެފްރަސް : ބަނޑުގައި ދަރިފުޅު އަށަގަންނަތާ 5 ވަނަ ހަފްތާގެ ތެރޭގައި މެޓަނެފްރިކް ޑަކްޓް އުފެދި އަދި ފަހުން ގުރުތާ އުފެދިގެން ދެއެވެ. އަދި އޭގެ ފަހުން ގުރުދާގެ އެތެރޭގެ ހޮޅިތަކުގެ ނިޒާމް އުފެދިގެން ދެއެވެ.

ގުރުދާގެ ބަލިތައް
އުފެދުމުގައި ހުންނަ ބަލިތައް
އަސް ފައިގެ ބައްޓަމަށް ގުރުދާ ހުރުން : މިއީ އުފެދުމުގައި ދެގުރުދާ ގުޅި އަސްފައިގެ ބައްޓަމަށް ދެގުރުދާ ހުރުމެވެ. މިއީ ދެގުރުދާ ގުޅިގެން އުފެދުމުގެ ތެރޭގައި ކުރިމަތިވާ އެންމެ އާންމު ޢައިބެކެވެ. އާބާދީގެ ކޮންމެ 600 މީހުންގެ ތެރެއިން އެކަކަށް މިބަލި ޖެހޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ. ޓާރނަރ ސިންޑްރޯމް ހުންނަ މީހުންގެ 15 އިންސައްތަ މީހުންނަށް މިބަލި ކުރިމަތިވާ ކަމަށް ދިރާސާ ތަކުން ދައްކައެވެ.


ގުރުދާ ގައި ވައިކޮތަޅު އުފެދުން : މިއީ އުފެދުމުގައި އާދަޔާ ޚިލާފަށް ގުރުދާގައި ވައިކޮތަޅު ހެދިފައި ހުރުމެވެ. އެގޮތުން ދެ ގުރުދާގައި އާދަޔާ ޚިލާފަށް ގިނައިން ވައިކޮތަޅު(Cyst) އުފެދެއެވެ. މިބަލި ޖެހުމުން ފުރަމޭ،ޗިސްމޭ، ސިކުނޑި، އަދި ހިތަށް އަސަރު ފޯރައެވެ. މިބަލީގެ ދެވައްތަރެއް ހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ.

އެކިގޮތްގޮތުން ޖެހޭބަލިތައް
ހަކުރު ބަލީގައި ގުރުދާ ހަލާކުވުން : މިއީ ހަކުރު ބަލީގެ ސަބަބުން ގުރުދާ ހަލާކުވެ ދިއުމެވެ. މިބައްޔަށް '''ކިމެލްސްޓީލް-ވިލްސަން ސިންޑްރޯމް'''، އަދި '''އިންޓަކެޕިލަރީ ގްލޯމެރިޔުލޯ ނެފްރައިޓިސް''' އޭ ވެސް ކިޔައެވެ. މިބަލީގެ ސަބަބުން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުގައި ހުންނަ ކުދިކުދި ލޭހޮޅި ނުވަތަ ކެޕިލަރީ ތައް ހަލާކު ކޮށްލައެވެ. ވަރަށް ގިނަ މީހުންނަށް މިބަލީގެ ސަބަބުން ޑައަލިސިސް ހަދަން ޖެހެއެވެ.

ގްލޯމެރިޔޫލޯ ނެފްރައިޓިސް : މިއީ ގުރުދާގައި ހިމެނޭ ކުދިކުދި ގްލޯމެރިޔޫލަސް ނުވަތަ ކުދިކުދި ލޭހޮޅި ތަކުގައި އިންފްލެމޭޝަން އުފެދުމެވެ. މިބަލި ޖެހުމުން ކުޑަކަމުދާ ތަކެތީގައި ލޭހުރުން، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރުން، ފަދަ ކަންކަން ކުރިމަތި ކުރުވައެވެ. ނެފްރެޓިކް ސިންޑްރޯމް، ނެފްރިޓިކް ސިންޑްރޯމް، ވަގުތީ ސިފައެއްގައި ގުރުދާ ފޭލްވުން، ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިއިން ކޮންމެ ކަމަކީ މިބައްޔާއި ގުޅިގެން ކުރިމަތިވެދާނެ މައިގަނޑު ބައެއް ކަންތައްތަކެވެ. މިބަލީގެ ތަފާތު ވައްތަރުތައް ހިމެނޭ އިރު މައިގަނޑު ގޮތެއްގައި މިބަލީގެ ވައްތަރުތައް ވަނީ ދެބަޔަކަށް ބަހާލެވިފައެވެ.

ހައިޑްރޯނެފްރޯސިސް : މިއީ ގުރުދާ އިން ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސްތަކާ ކުރިމަތިވެ، ކުޑަކަމުދާ ތަކެތި ޖަމާވުމުން ގުރުދާގެ ޅިނދު ފުޅާވެ ފުފޭ ގޮތް ވުމެވެ. އެންމެ ސާދާ ބަހުން ބުނާނަމަ މިއީ [[ގުރުދާ]] އިން ކުޑަކަމުދާ ތަކެތި ބޭރުނުވެ، އޭގައި ޖަމާވެފައި ހުރުމެވެ. ލަފްޒީ މާނައަށް ބަލާއިރު މީގެ މާނައަކީ ގުރުދާގައި ފެންޖަމާވުން ނުވަތަ ގުރުދާގައި ފެންހަރުލުމެވެ.

ގުރުދާގެ ކެންސަރު : ގުރުދާގެ ކެންސަރުގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ވައްތަރަކީ ވިލްމްސް ޓިއުމަރު ގެ ނަންދީފައިވާ ކެންސަރުގެ ވައްތަރެވެ. އަނެއް ވައްތަރަކީ ގުރުދާގެ ސެލްތަކުގެ ކެންސަރު ގެ ނަމުން މަޝްހޫރު ވެފައިވާ ވައްތަރެވެ. ވިލްމްސްޓިއުމަރަށް '''ނެފްރޯބްލާސްޓޯމާ''' އޭ ވެސް ކިޔައެވެ. މިޓިއުމަރު އެންމެ ފުރަތަމަ ހޯދީ ޖަރުމަނުގެ ސާޖަރީ ޑޮކްޓަރެއް ކަމުގައި ޑރ ވިލްމްސް އެވެ. އެހެންކަމުން މިޓިއުމަރަށް މިބުނި ޑޮކްޓަރުގެ ނަމުން ނަންދެވުނެވެ. އާންމު ގޮތެއްގައި ވިލްމްސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށް ކަން ފާހަގަ ކުރެވެއެވެ.

ޕައިއެލޯނެފްރައިޓިސް : މިއީ ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން މައްޗަށް ގޮސް ގުރުދާގެ ޅިނދަށް އޭގެ އަސަރު ނުވަތަ އިންފެކްޝަންގެ އަސަރު ފޯރުމެވެ. ޕައިއެލޯ ނެފްރައިޓިސް މިބަހުގައިވާ ޕައިއެލޯ ނިސްބަތްވަނީ '''ޕައިއެލަމް''' އަށެވެ. މާނައަކީ ގުރުދާ ގެ ޅިނދެވެ. '''ނެފްރޯސް'' މިބަހުގެ މާނައަކީ ގުރުދާ އެވެ. ނެފްރޯސް އަކީ ގްރީކް ބަހުން ގުރުދާއަށް ކިޔާ ނަމެވެ. "އައިޓިސް" މާނައަކީ ދުޅަވުމެވެ. އެހެންކަމުން ލަފްޒީ މާނައަކީ ގުރުދާގެ ޅިނދު ދުޅަވުމެވެ.


ލޫޕަސް ނެފްރައިޓިސް : މިއީ ދިފާޢީ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ '''ސިސްޓެމިކް ލޫޕަސް އިރިތްމަޓޯސަސް(އެސްއެލްއީ) ކިޔާ ބައްޔެއްގެ ޖެހުމުން އޭގެ ސަބަބުން ގުރުދާއަށް އަސަރުކޮށް ގުރުދާގައި އިންފްލެމޭޝަން އުފެދުމެވެ. މިބުނި ބަލީގެ ސަބަބުން ގުރުދާގެ އިތުރުން ހަމާއި، ހުޅުތައް، އަދި ނާރުތަކުގެ ނިޒާމަށް އަސަރު ފޯރުވައެވެ.

ގުރުދާގައި ހިލައުފެދުން : އާބާދީގެ ކޮންމެ 20 މީހަކުން އެކަކަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ގުރުދާގައި އުފެދޭ ހިލައަކީ ތަފާތު މަޢުދަން ތަކާއި، ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ.

ގުރުދާ ފޭލްވުން : ގުރުދާ ފޭލްވުމަކީ ހަށިގަނޑުގައިވާ ދެގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައުމެވެ. ބައޯކެމިކަލް ގޮތުން ގުރުދާ ފޭލްވިކަން އަންގައިދެނީ ލޭގައި ކްރިއެޓިނިން ހިމެނޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައި ވާނަމަ އެވެ. ފިޒިއޮލޮޖިކަލް ގޮތުން ބަލާއިރު ގުރުދާ ފޭލްވުން ކަމުގައި ބެލެވެނީ ގުރުދާ ގްލޯމެރިޔޫލަސް ތަކުން ލޭ ސާފުކުރާ މިންވަރު(Glomerular filtration rate) ދަށްވުމަށެވެ. ގުރުދާ ފޭލްވުން ދެބަޔަކަށް ބަހާލެވެއެވެ. އެއީ ވަގުތީ ސިފައެއް ގައި ގުރުދާ ފޭލްވުން އަދި ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިދެވައްތަރެވެ.

ގުރުދާ ބަލީގެ އިންޒާރު ދެނިވި ޢަލާމާތްތައް
·         ފޮއްސިވުން : އަތްފައި، ލޯ ފޮއްސިވުން
·         ނޭވާކުރުވުން
·         ކުޑަކަމުދާ ތަކެތީގައި ލޭހުރުން ނުވަތަ ފުސް ކުލައަށް ހުރުން
·         ވިސްނުމުގެ ހާލަތު ބަދަލުވުން
·         ލޭ އަދި ކުޑަކަމުދާ ތަކެތީގެ ޓެސްޓް ނަތީޖާތައް ތަބީޢީ ގޮތެއްގައި ނުހުރުން
·         ބޮލުގައި ރިހުން
·         ލޭގެ ޕްރެޝަރު މަތިވުން
·         އާދަޔާ ޚިލާފަށް ވަރުބަލިވުން
·         ރޭގަނޑު އާދަޔާ ޚިލާފަށް ކުޑަކަމުދެވުން
·         ކާހިތްނުވުން
·         ބަރުދަން ލުއިވުން
·         ގައިގައި ކަހައި ހިރުވުން

ގުރުދާ ބަދަލުކުރުން
ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ގުރުދާ އަށް މައްސަލަތައް ކުރިމަތި ކުރުވައެވެ. ގުރުދާ އަށް މައްސަލަތަކާއި ކުރިމަތިވެއްޖެ ނަމަ އޭގެ މަސައްކަތްތައް ފުރިހަމަކުރުމަށް ބުރޫ އަރައެވެ. މިގޮތުން އާދަޔާ ޚިލާފަށް ބޮޑަށް ގުރުދާގެ މަސައްކަތްތަކަށް ބުރޫ އަރައިފިނަމަ ގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައިސް، ގުރުދާ ބަދަލު ކުރަން ޖެހެއެވެ. އަދި ގުރުދާ ބަދަލުކުރުމުން ހަށިގަނޑަށް ލެވުނު ނުވަތަ ހަށިގަނޑުގައި އިންދުނު އާގުނަވަނުގެ އެހީގައި ބަލިމީހާ އަށް ދިރިއުޅެވިދާނެ އެވެ.

ތާރީޚް ހެކިދޭގޮތުން އެންމެ ފުރަތަމަ ގުރުދާ ބަދަލު ކޮށްފައިވަނީ ގުރުދާ ގައި ވައިކޮތަޅު އުފެދުން ކުރިމަތިވި، އުމުރުން 44 އަހަރުގެ ރުތު ޓަކަރ ކިޔާ އެމެރިކާ އަންހެނެއްގެ އެވެ. އެއީ 17 ޖޫން 1950 ގައެވެ. މިއޮޕަރޭޝަން ކުރެވުނީ ޗިކާގޯގެ އިލިނޮއިސް ގެ އެވަރގްރީން ޕާރކް ގައި ހުންނަ މޭރީ ހޮސްޕިޓަލް ގައެވެ.

ގުރުދާ ބަދަލު ކުރަން ޖެހެނީ ގުރުދާ ބަލީގެ ފަހު މަރުހަލާ އަށް ބަލިމީހާގެ ޙާލަތު ވާޞިލްވެއްޖެ ނަމައެވެ. މާނައަކީ ގުރުދާ ގްލޯމެރިޔޫލަސް ތަކުން ލޭ ސާފުކުރާ މިންވަރު(Glomerular filtration rate) 20-25 އިންސައްތަ އަށްވުރެ ދަށަށް ހިގައްޖެ ނަމައެވެ. ގުރުދާ ބަލީގެ ފަހު މަރުހަލާ އަށް ބަލިމީހާގެ ޙާލަތު ގެންގޮސްފާނެ ކަންތައްތަކުގެ ތެރޭގައި ހަކުރުބަލި، އިންފެކްޝަންތައް، ލޭގެ ޕްރެޝަރު މަތިވުން، އަދި ގްލޯމެރިޔޫލޯ ނެފްރައިޓިސް ފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން ގުރުދާ ގައި ވައިކޮތަޅު އުފެދުން އަދި މިނޫނަސް އުފެދުމުގައި ގުރުދާ އަށް ޖެހޭ ތަފާތު ބަލިތައް ހިމެނެއެވެ.

ގުރުދާ ބަދަލުކުރުމުގެ ކުރިން ހަށިގަނޑުގެ ޙާލަތު ދެނެގަތުން

ގުރުދާ ބަދަލުކުރުމުގެ ކުރިން ހަށިގަނޑުގެ ޙާލަތު ހުރިނެތް ގޮތް ދެނެގަތުމަށްޓަކައި ތަފާތު ޓެސްޓްތައް ކުރެވެއެވެ. މިޓެސްޓް ތަކުގެ ބޭނުމަކީ އެމީހާގެ ހަށިގަނޑުގެ ޙާލަތު ހުރިނެތް ގޮތް ދެނެގަތުމާއި، އަދި މުސްތަގުބަލްގައި ނުވަތަ ގުރުދާ ބަދަލު ކުރުމުގެ ސަބަބުން ދިމާވެދާނެ، ކުރިމަތިވެދާނެ މައްސަލައެއް ހުރިތޯ ކުރިން ހޯދައި ދެނެގަތުމެވެ. މިގޮތުން ކުރެވޭ ޓެސްޓްތަކާއި ބެލޭނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         ހަށިގަނޑު ބޭރުފުށުން ބެލުން: މިއީ ހަށިގަނޑުގައި ބޭރުފުށުން ފެންނަ ހުންނަ ކަންކަން ބަލައި ހޯދައި ދެނެގަތުމެވެ. ނުވަތަ ޢާއްމު ނަޒަރަކުން ހަށިގަނޑުގެ ބޭރު ފުށުގެ ޙާލަތު ބަލާލުމެވެ.
·         މޭމަތީގެ އެކްސްރޭ: މިއީ ބަލިމީހާގެ ހިތާއި، ފުއްޕާމެޔާއި ނޭވާލާ ނިޒާމް ޙާލަތު ދެނެގަތުމަށް ނެގޭ އެކްސްރޭ އެކެވެ.
·         އީސީޖީ: މިއީ ހިތް މަސައްކަތްކުރާ ގޮތާއި، އަދި ހިތުގެ ޙާލަތު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.
·         ސްކޭން ކުރުން : މިއީ އެތެރެހަށީގެ ގުނަވަންތަކުގެ ޙާލަތު ބެލުމަށް ކުރެވޭ ކަމެކެވެ.

ދުނިޔޭގެ ގުރުދާގެ ދުވަސް
ދުނިޔޭގެ ގުރުދާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރޗްމަހުގެ ދެވަނަ އަންނަ ބުރާސްފަތި ދުވަސް އެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކުރަނީ ޢާންމުން ގުރުދާ ބަލިތަކާމެދު ހޭލުންތެރިކޮށް ބަލީގައި މީހުން ދުނިޔެ ދޫކޮށް ދިއުމުގެ ފުރުޞަތު ކުޑަކޮށް ގުރުދާގެ ބަލިތަކުން ރައްކާތެރި، މުޖުތަމަޢެއްގެ ބިނާކުރުމުގެ މަގްޞަދު ގައެވެ. ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކުރަން ނިންމީ އިންޓަނޭޝަނަލް ސޮސައިޓީ އޮފް ނެފްރޮލޮޖީ އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަން ގުޅިގެންނެވެ.

No comments:

Post a Comment