މުހިއްމު ސަފުހާތައް

Wednesday, November 2, 2011

ހިތް


ހިތް
ހިތަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ ހަމައެކަނި ހިތަށް ޚާއްޞަ މަހުގެ ވައްތަރަކުން (Cardiac muscle) އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ''ކާޑިއެކް'' (Cardiac)މިބަހުން ދޭހަވަނީ ''ހިތާއި ގުޅުންހުރި'' މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ (Cardiac muscle) ވައްތަރަކުންނެވެ. އިންސާނާގެ ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް ލޭފޮނުވައިދީ، ލޭގެ ޒަރީޢާއިން ހަށިގަނޑުގެ ޓިޝޫތައް އޮކްސިޖަން ފޯރުކޮށްދެނީ ހިތް މެދުވެރިގެންނެވެ.
ގާތްގަނޑަކަށް ދުވާލަކު 100-80 ހާސް ފަހަރާއި، ދެމެދުގެ އަދަދަކަށް އިންސާނާގެ ހިތް ވިންދު ޖަހައެވެ. އަދި ދުވާލަކު ގާތްގަނޑަަކަށް 2000 ގެލަންގެ ލޭ ހިތުން ހަށިގަނޑުގެ ބައިތަކަށް ފޮނުވައެވެ. އިންސާނާގެ ހިތް މިނިޓަކު 72 ފަހަރު ވިންދު ޖަހައެވެ. އަދި ކޮންމެ ވެންޓްރިކަލް އަކުން މިނިޓަކު 5 ލިޓަރުގެ ލޭ ބޭރުކުރެއެވެ.

ހިތް އުފެދިގެންއައުން
ބަނޑުގައި އަށަގަންނަ ތުއްތު ދަރިފުޅުގެ ހިތުގައި ވިންދު ޖަހަން ފަށަނީ ބަލިވެއިންނަތާ 5 ވަނަ ހަފްތާގެ ތެރޭގައެވެ. ފުރަތަމަ ފެށިގެން އަންނައިރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ޖެހުން ހުންނަނީ މައިމީހާގެ ހިތުގެ ވިންދު ޖެހުމާއި ދާދި އެއްވަރެއްގައެވެ. އެއީ ގާތްގަނޑަކަށް މިނިޓެއްގެ ތެރޭގައި 80-75 ފަހަރު ވިންދު ޖެހުމެވެ. ވިންދު ޖަހަން ފަށާތާ ފުރަތަމަ މަހުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ވިންދުޖެހުން މިނިޓަކު 185- 165 އާއި ދެމެދަށް މަތިވެގެން ދެއެވެ. އަދި އެއަށްފަހު މަޑުމަޑުން މިމިންވަރު ނިސްބަތުން ދަށްވާކަން ފާހަގަ ކުރެވެއެވެ.

ހިތުގެ ވިންދު
އިންސާނާގެ ހިތުން މިނިޓަކު ގާތްގަނޑަކަށް 72 ފަހަރު ވިންދު ޖަހައެވެ. ހިތުގެ ވިންދު ޖެހުން ފުރިހަމާވާއިރު 2 މަރުހަލާ ކަނޑަތުކުރެއެވެ. އެއީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވާލުން، އަދި ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލުމަށްފަހު ހިތް އަރާމުކޮށްލުން މި ދެމަރުހަލާ އެވެ.

ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލާ މަރުހަލާ (Systole): މިމަރުހަލާގައި ހިތުގެ ދެފަރާތުގެ ވެންޓްރިކަލް ކޮންޓްރެކްޓްވުމުން ހިތުން ލޭ ޕަމްޕްކޮށް ދެއެވެ. އެގޮތުން ކަނާތު ވެންޓްރިކަލް އިން ޕަލްމޮނަރީ އާޓަރީ ހުރަސްކޮށް ފުއްޕާމެޔަށް ލޭފޮނުވާއިރު، ވާތު ވެންޓްރިކަލް އިން އެއޯޓާ ހުރަސްކޮށް ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވައެވެ. މިމަރުހަލާގައި:
·         ހިތުގެ ދެފަރާތުގެ ދެ ވެންޓްރިކަލް ކޮންޓްރެކްޓްވުން ނުވަތަ ކުރުގެޅި ފިތުން
·         ހިތުގެ ދެފަރާތުގެ ދެ ވެންޓްރިކަލްގެ ޕްރެޝަރު މަތިވެއެވެ. މިހެންވުމުން ކަނާތު އެޓްރީއަމް އާއި، ކަނާތު ވެންޓްރިކަލް އާއި ދެމެދުގައިވާ ޓްރައިކަސްޕިޑް ވޭލް، އަދި ވާތު އެޓްރީއަމް އާއި، ވާތު ވެންޓްރިކަލް އާއި ދެމެދުގައިވާ މައިޓްރަލް ވޭލް ބަންދުވެގެން ދެއެވެ. އަދި ލޭ އެއޯޓާ އާއި ޕަލްމޮނަރީ އާޓަރީގެ ތެރެއަށް ފޮނުވާލަ އެވެ.
·         މިމަރުހަލާގައި ހިތުގެ ދެފަރާތުގެ އެޓްރީއަމް ހުންނާނީ ހަމައަކަށް އެޅިފައެވެ. ނުވަތަ އަރާމުކޮށްލުމުގެ ތެރޭގައެވެ. އަދި މިވަގުތުގެ ތެރޭގައި ހިތުގެ ވާތު އެޓްރީއަމް އަށް ފުއްޕާމެއިން އޮކްސިޖަން އެކުލެވޭ ލޭފޮނުވާއިރު، ހިތުގެ ކަނާތު އެޓްރީއަމް ހަށިގަނޑުގެ ތިރިއާއި މަތީގެ ބައިތަކުން އޮކްސިޖަން އެކުނުލެވޭ ލޭ ފޮނުވާނެއެވެ.

ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވާލުމަށްފަހު އަރާމުކޮށްލާ މަރުހަލާ (Diastole): މިމަރުހަލާގައި ހިތުގެ ދެފަރާތުގެ ވެންޓްރިކަލް އިން ލޭ ބޭރަށް ފޮނުވާލުމަށްފަހު ހަމައަކަށް އެޅޭނެ އެވެ. ނުވަތަ ވެންޓްރިކަލް ތައް ހަމަޖެހިލާނެ އެވެ. މިމަރުހަލާގައި ލެއިން ފުރިފައިވާ ދެ އެޓްރީއަމް އިން ލޭ ދެ ވެންޓްރިކަލް އަށް ފޮނުވާލައެވެ. މިމަރުހަލާގައި:
·         ހިތުގެ ދެފަރާތުގެ ދެ ވެންޓްރިކަލް ހަމައަކަށް އެޅި، ހަމަޖެހި އަރާމުކޮށްލުން
·         ހިތުގެ ދެފަރާތުގެ ދެ ވެންޓްރިކަލްގެ ޕްރެޝަރު ދަށްވެއެވެ. މިހެންވުމުން ކަނާތު އެޓްރީއަމް އާއި، ކަނާތު ވެންޓްރިކަލް އާއި ދެމެދުގައިވާ ޓްރައިކަސްޕިޑް ވޭލް، އަދި ވާތު އެޓްރީއަމް އާއި، ވާތު ވެންޓްރިކަލް އާއި ދެމެދުގައިވާ މައިޓްރަލް ވޭލް ހުޅުވިގެން ދެއެވެ. އަދި ލޭ ދެފަރާތުގެ ވެންޓްރިކަލްގެ ތެރެއަށް ފޮނުވާލަ އެވެ.
·         މިމަރުހަލާގައި ހިތުގެ ދެފަރާތުގެ އެޓްރީއަމް ކޮންޓްރެކްޓްވާނެ އެވެ. އަދި މިވަގުތުގެ ތެރޭގައި ހިތުގެ ދެފަރާތުގެ އެޓްރީއަމް އިން ދެފަރާތުގެ ވެންޓްރިކަލް އަށް ލޭފޮނުވާލާނެ އެވެ.
·         އެއޯޓާގެ އެތެރޭގެ ޕްރެޝަރު ދަށްވެ، އެއޯޓާއާއި ވާތު ވެންޓްރިކަލް އާއި ދެމެދުގައިވާ އެއޯޓިކް ވޭލް ބަންދުކޮށްލައެވެ. އަދި ޕަލްމޮނަރީ އާޓަރީގެ ޕްރެޝަރު ދަށްވެ، ޕަލްމޮނަރީ އާޓަރީ އާއި ކަނާތު ވެންޓްރިކަލް އާއި ދެމެދުގައިވާ ޕަލްމޮނަރީ ވޭލް ވެސް ބަންދުކޮށްލަ އެވެ.

ހިތުގެ މުހިއްމު ބައިތައް
ކަނާތު އެޓްރީއަމް : ކަނާތު އެޓްރީއަމް އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން މަތީގައި އިންނަ ބައެވެ. ކަނާތު އެޓްރީއަމް އަށް ''އިންފިރިއާ ވީނާ ކޭވާ''(Inferior vena cava) އަދި ''ސްޕީރިއާ ވީނާ ކޭވާ''(Superior vena cava)  އިން ''އޮކްސިޖަން އެކުނުލެވޭ'' ލޭ ހަށިގަނޑުގެ އެކި ހިސާބުތަކުން ގެނެސްދެއެވެ. އެއަށްފަހު މިލޭ ''ޓްރައި ކަސްޕިޑް ވޭލް''(Tricuspid valve) ހުރަސްކޮށް ކަނާތު ވެންޓްރިކަލްއަށް ފޮނުވާލައެވެ.

ކަނާތު ވެންޓްރިކަލް : ކަނާތު ވެންޓްރިކަލް އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ކަނާތް ފަރާތުން ތިރީގައި އިންނަ ބައެވެ. ''އޮކްސިޖަން އެކުނުލެވޭ'' ލޭ ''ޓްރައި ކަސްޕިޑް ވޭލް''(Tricuspid valve) ހުރަސްކޮށް ކަނާތު އެޓްރީއަމްއިން ކަނާތު ވެންޓްރިކަލް އަށް އާދެއެވެ. މިގޮތުން ކަނާތު ވެންޓްރިކަލް އަށް ވާޞިލްވި ލޭ ދެން ފޮނުވާލަނީ ސެމިލޫނަރ ޕަލްމޮނަރީ ވޭލް(Semi-lunar pulmonary valve) ހުރަސްކޮށް ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅީ(Pulmonary artery) ގެ ޒަރީޢާއިން ފުއްޕާމެއަށެވެ.

ވާތު އެޓްރީއަމް : ވާތު އެޓްރީއަމް އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ވާތް  ފަރާތުން މަތީގައި އިންނަ ބައެވެ. ކުރިން ކަނާތު ވެންޓްރިކަލްއިން ފުއްޕާމެއަށް ފޮނުވާލި އޮކްސިޖަން އެކުނުލެވޭ ލޭ ފުއްޕާމޭގެ ތެރޭގައި އޮކްސިޖަންއާ އެއްވެއެވެ. އެއަށްފަހު އޮކްސިޖަން އިން މުއްސަދިކުރެވުނު، ނުވަތަ އޮކްސިޖަންއާއ ލާމެހިފައިވާ ލޭ ފުއްޕާމޭ އިން ހިތަށް ލޭފޮނުވާދޭ ލޭހޮޅީ(Pulmonary vein) ގެ ތެރެއިން ގޮސް ވާތު އެޓްރީއަމް އަށް ވާޞިލްވެއެވެ. އެއަށްފަހު މިލޭ ''މައިޓްރަލް ވޭލް''(Mitral valve) ނުވަތަ  ''ބައިކަސްޕިޑް ވޭލް''(Bicuspid valve) ހުރަސްކޮށް ވާތު ވެންޓްރިކަލްއަށް ފޮނުވާލައެވެ.

ވާތު ވެންޓްރިކަލް : ވާތު ވެންޓްރިކަލް އަކީ  ހިތް ބެހިފައިވާ 4 ބައިގެ ތެރެއިން ވާތް ފަރާތުން ތިރީގައި އިންނަ ބައެވެ. ވާތު އެޓްރީއަމްއަށް ފުއްޕާމެއިން ފޮނުވާލި އޮކްސިޖަން އިން މުއްސަދި ލޭ ''މައިޓްރަލް ވޭލް''(Mitral valve) ހުރަސްކޮށް ވާތު ވެންޓްރިކަލް އަށް ވާޞިލްވެއެވެ. އެއަށްފަހު ''އެއޯޓިކް ވޭލް''(Aortic valve) ނުވަތަ ސެމިލޫނަރ އެއޯޓިކް ވޭލް(Semi-lunar arotic valve)  ހުރަސްކޮށް، ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވައިދޭ އެންމެ ބޮޑު ލޭހޮޅި ލޭހޮޅި(Aorta)އަށް ވާޞިލްވެ، ހަށިގަނޑުގެ ބައިތަކަށް ތަފާތު ލޭހޮޅި ތަކާއި، ލޭނާރުތަކުގެ އެހީގައި ފެތުރިގެން ދެއެވެ.

ހިތުގެ ވޭލްތައް
ޓްރައިކަސްޕިޑް ވޭލް (Tricuspid valve): މިއީ ހިތުގެ ކަނާތު އެޓްރީއަމް އާއި، ކަނާތު ވެންޓްރިކަލް އާއި ދެމެދުގައިވާ ވޭލް އެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުން ދައުރުވަމުން އަންނަ ލޭ ހިތުގެ ކަނާތު އެޓްރީއަމް އަށް ވާޞިލްވުމަށްފަހު، ހިތުގެ ކަނާތު ވެންޓްރިކަލް އަށް ވާޞިލްވަނީ މި ވޭލް ހުރަސްކޮށެވެ. އާންމު ގޮތެއްގައި ޓްރައިކަސްޕިޑް ވޭލް ގައި 3 ލީފްލެޓް އަދި 3 ޕެޕިލަރީ މަސްކޮޅު ހުރެއެވެ. ޓްރައިކަސްޕިޑް ވޭލް، ޕެޕިލަރީ މަސްކޮޅުތަކާއި ގުޅިފައި ހުންނަނީ ކަނާތު ވެންޓްރިކަލް ގައި އިންނަ ކޯރޑާ ޓެންޑިނީ ކިޔާ ޓެންޑަން ތަކަކުންނެވެ. ޓްރައިކަސްޕިޑް ވޭލްގައި އަބަދު އިންނަނީ 3 ލީފްލެޓެއް ނޫނެވެ. ބައެއް ފަހަރު 2 ލީފްލެޓް ހުންނައިރު އަނެއްބައި ފަހަރު 4 ލީފްލެޓް ވެސް ހުރެދާނެ އެވެ. ހިތުގެ މަސައްކަތްތައް ފުރިހަމަ ކުރުމުގެ ތެރޭގައި އޭގެ ވަގުތުގައި މިވޭލް ބަންދުކޮށްލުމުން ކަނާތު ވެންޓްރިކަލް އަށް ފޮނުވާލެވުނު ލޭ އަނބުރާ ކަނާތު އެޓްރީއަމް އަށް އައުމަށް ހުރަސް އަޅައެވެ. ނުވަތަ އެކަން މަނާކޮށް ދެއެވެ.

މައިޓްރަލް ވޭލް (Mitral valve): މިއީ ހިތުގެ ވާތު އެޓްރީއަމް އާއި، ވާތު ވެންޓްރިކަލް އާއި ދެމެދުގައިވާ ވޭލް އެކެވެ. ފުއްޕާމެއިން ފޮނުވާލާ އޮކްސިޖަން އިން މުއްސަދި ލޭ ވާތު އެޓްރީއަމް އަށް ވާޞިލްވުމަށްފަހު، ހިތުގެ ވާތު ވެންޓްރިކަލް އަށް ވާޞިލްވަނީ  މިވޭލް ހުރަސްކޮށެވެ. އާންމު ގޮތެއްގައި މައިޓްރަލް ވޭލް ގައި އިންނަނީ 2 ލީފްލެޓް އެވެ. މިސަބަބާހުރެ މިވޭލް އަށް ބައިކަސްޕިޑް ވޭލް އޭ ވެސް ކިޔައެވެ. މައިޓްރަލް ވޭލްގެ ކުރިމަތިން ވޭލްގެ ވަށައިގެން ފައިބަރުން އުފެދިފައިވާ ވަށް ބޮޅެއް ވެއެވެ. މިއަށް ކިޔަނީ "މައިޓްރަލް ވޭލް އެނިޔުލަސް" އެވެ. މިވޭލްގައި ވެސް ޕެޕިލަރީ މަސްކޮޅުތައް ހުރެއެވެ. ހިތުގެ މަސައްކަތްތައް ފުރިހަމަ ކުރުމުގެ ތެރޭގައި އޭގެ ވަގުތުގައި މިވޭލް ބަންދުކޮށްލުމުން ވާތު ވެންޓްރިކަލް އަށް ފޮނުވާލެވުނު ލޭ އަނބުރާ ވާތު އެޓްރީއަމް އަށް އައުމަށް ހުރަސް އަޅައެވެ. ނުވަތަ އެކަން މަނާކޮށް ދެއެވެ.

އެއޯޓިކް ވޭލް (Aortic valve): މިއީ ހިތުގެ ވާތު ވެންޓްރިކަލް އާއި، ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ މައި ލޭހޮޅި އެއޯޓާ އާއި ދެމެދުގައިވާ ވޭލް އެކެވެ. އާންމުގޮތެއްގައި މައިޓްރަލް ވޭލްގައި 3 ލީފްލެޓް ހުންނަ ނަމަވެސް އާބާދީގެ 1 އިންސައްތަ މީހުންގެ ހުންނަނީ 2 ލީފްލެޓް އެވެ. ހިތުގެ މަސައްކަތްތައް ފުރިހަމަ ކުރުމުގެ ތެރޭގައި އޭގެ ވަގުތުގައި މިވޭލް ބަންދުކޮށްލުމުން އެއޯޓާ އަށް ފޮނުވާލެވުނު ލޭ އަނބުރާ ވާތު ވެންޓްރިކަލް އަށް އައުމަށް ހުރަސް އަޅައެވެ. ނުވަތަ އެކަން މަނާކޮށް ދެއެވެ.

ޕަލްމޮނަރީ ވޭލް (Pulmonary valve): މިއީ ހިތުގެ ކަނާތު ވެންޓްރިކަލް އާއި، ހިތުން ފުއްޕާމެޔަށް ލޭފޮނުވައިދޭ ލޭހޮޅި، ޕަލްމޮނަރީ އާޓަރީ އާއި ދެމެދުގައިވާ ވޭލް އެކެވެ. އާންމުގޮތެއްގައި ޕަލްމޮނަރީ ވޭލްގައި 3 ލީފްލެޓް ހުރެއެވެ. ހިތުގެ މަސައްކަތްތައް ފުރިހަމަ ކުރުމުގެ ތެރޭގައި އޭގެ ވަގުތުގައި މިވޭލް ބަންދުކޮށްލުމުން ޕަލްމޮނަރީ އާޓަރީ އަށް ފޮނުވާލެވުނު ލޭ އަނބުރާ ކަނާތު ވެންޓްރިކަލް އަށް އައުމަށް ހުރަސް އަޅައެވެ. ނުވަތަ އެކަން މަނާކޮށް ދެއެވެ.

ހިތުގެ ވަޒީފާ
ހ- ހަށިގަނޑުގެ ބައިތަކަށް ލޭފޯރުކޮށްދީ، ހަށިގަނޑުގައި ލޭދައުރުކުރުވުން :  މިމަސައްކަތް ފުރިހަމަ ކުރަނީ ހިތުން ކުރިފަޅައި ނިކުމެ، ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވައިދޭ ތަފާތު ލޭހޮޅިތަކާއި، ހަށިގަނޑުގެ އެކި ހިސާބުތަކުން ހިތަށް ފޮނުވައިދޭ ލޭހޮޅިތަކުގެ އެހީގައެވެ.

ލޭދައުރުކުރާ ނުވަތަ ލޭދައުރުވާ ގޮތް
ހަށިގަނޑުގެ އެކި ޓިޝޫތަކުން އޮކްސިޖަން އެކުނުލެވޭ (ކާބަންޑައި އޮކްސައިޑް ހުރި) ލޭ ވާޞިލްވަނީ ހިތުގެ ކަނާތް ފަރާތުން މަތީގައިވާ ކަނާތު އެޓްރިއަމް(Right atrium) އަށެވެ. އެއަށްފަހު ދެން ވާޞިލްވަނީ ''ޓްރައިކަސްޕިޑް ވޭލް''(Tricuspid valve) ހުރަސްކޮށް ކަނާތް ފަރާތު ތިރީގައިވާ  ކަނާތު ވެންޓްރިކްލް(Right ventricle) އަށެވެ. ކަނާތު ވެންޓްރިކްލް އިން ސެމިލޫނަރ ޕަލްމޮނަރީ ވޭލް(Semi-lunar pulmonary valve) ހުރަސްކޮށް ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ހޮޅިއަށް ދެއެވެ. ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅި(Pulmonary artery) ގެ އެހީގައި ދެން ލޭ ވާޞިލްވަނީ ފުއްޕާމެއަށެވެ. ފުއްޕާމޭގެ ތެރޭގައި ފުއްޕާމެޔަށް ވާޞިލްވި ލޭގެ ސެލްތަކަށް އާ އޮކްސިޖަން ހޯދައިދެއެވެ. މާނައަކީ ލެޔަކީ އޮކްސިޖަން އާއި އެކުވެފައިވާ އެއްޗަކަށް ހަދައިދެއެވެ. ނުވަތަ އޮކްސިޖަން-މުއްސަދި ލެޔަކަށް ބަދަލު ކޮށްލައެވެ. އަދި ކާބަންޑައި އޮކްސައިޑް ފުއްޕާމޭގެ ޒަރީޢާއިން ބޭރުކުރެއެވެ. އެއަށްފަހު އޮކްސިޖަން އާއި އެކުވިލޭ ފުއްޕާމެއިން އަނބުރާ ހިތަށް ފޮނުވައެވެ. މިގޮތުން ފުއްޕާމޭގެ ތެރޭގައި އޮކްސިޖަން އާއި އެއްވެފައިވާ ލޭ ފުއްޕާމެއިން ހިތަށް ލޭ ވާޞިލްވަނީ ފުއްޕާމެއިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅީ(Pulmonary vein) ގެ އެހީގައެވެ.

ބަޔާންކުރެވުނު ގޮތަށް ފުއްޕާމެއިން ހިތަށް ފޮނުވުނު ލޭ ވާޞިލްވަނީ ހިތުގެ ވާތް ފަރާތު މަތީގައިވާ ވާތު އެޓްރިއަމް(Left atrium)އަށެވެ. އެއަށްފަހު ''ބައިކަސްޕިޑް ވޭލް''(Bicuspid valve) ހުރަސްކޮށް ހިތުގެ ވާތް ފަރާތުގެ ތިރީގައިވާ ވާތު ވެންޓްރިކްލް(Left ventricle) އަށް ވާޞިލްވެ، އެތަނުން ސެމިލޫނަރ އައޮޓިކް ވޭލް(Semi-lunar arotic valve) ހުރަސްކޮށް އެހިސާބުން ނިކުމެފައިވާ ހިތުގެ ބައިތަކަށް ލޭފޮނުވައިދޭ ބޮޑު ލޭހޮޅި(Aorta) ކަނޑަތުކޮށް ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން-މުއްސަދި ލޭ ފޯރުކޮށްދެއެވެ. އަދި ހަށިގަނޑުގެ ބައިތަކުގައި އޮކްސިޖަން އިން މުއްސަދިވެފައިވާ ލޭ ދައުރުވާން ފަށައެވެ.

ހަށިގަނޑުގެ ތެރޭގައި ލޭދައުރުވަމުންދާއިރު ލޭގެ ތެރޭގައި ހިމެނޭ އޮކްސިޖަން އަދި ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ހަށިގަނޑުގެ އެކިއެކި ސެލްތަކަށް ފޯރުކޮށްދެއެވެ. އަދި ހަށިގަނޑުގެ ސެލްތަކުން ކާބަންޑައިއޮކްސައިޑް އަދި ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ލޭގެ ތެރެއަށް އާދެއެވެ. ހަށިގަނޑުގެ އެކި ހިސާބުގައިވާ ލޭހޮޅިތަކުން ހިތާ ދިމާލަށް ފޮނުވާ ލޭ ހިތަށް ވާޞިލްވަނީ މައި ދެ ލޭހޮޅި އަކުންނެވެ. އެއީ ހިތަށްވުރެ މަތީގައިވާ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭ ގެނެސްދޭ މައި ލޭހޮޅި(Superior vena cava)  އަދި ހިތަށްވުރެ ތިރީގައިވާ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭ ގެނެސްދޭ މައި ލޭހޮޅި(Inferior vena cava) އިންނެވެ. މިދެލޭހޮޅިވެސް ގުޅިފައިވަނީ ހިތުގެ ކަނާތް ފަރާތު މަތީގައިވާ ''ކަނާތު އެޓްރިއަމް'' އަށެވެ. ހިތުގެ ދެފަޅީގައިވާ ދެ އެޓްރިއަމް އަށް ބަލާއިރު ޖާގައިގެ ގޮތުން ބޮޑީ ކަނާތު އެޓްރިއަމް އެވެ. ނަމަވެސް ދެއެޓްރިއަމް ވެސް ލޭ ވާޞިލްވަނީ އެއްވަރަކަށެވެ.

ށ- ތަފާތު ހޯރމޯންތައް އުފައްދައި ދޫކުރުން : ހިތުން މައިގަނޑު ގޮތެއްގައި އުފައްދައި ދޫކުރަނީ ދެ ހޯރމޯން އެކެވެ. އެއީ:-
ހ- އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް : އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް (Atrial Natriuretic Peptide) އަކީ ހަށިގަނޑު ގައި ފެން، ލޮނު، އަދި ސަރުބީ ހަމަހަމަކަންމަތީ ބެހެއްޓުމުގައި ބައިވެރިވާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ލޭގެ ޕްރެޝަރު އާދަޔާ ޚިލާފަށް މަތިވެގެންދާ ހިނދު ހިތުގެ އެޓްރީއަމް ތަކުގައި ހުންނަ ''މެޔޯސައިޓް''(Myocyte)  އޭ ކިޔާ ސެލްތަކަކުން މިހޯރމޯން ދޫކުރަން ފަށައެވެ. މެޔޯސައިޓް ތަކަކީ ހިތުގެ އެޓްރީއަމް ގައި ހުންނަ މަހު ސެލް ތަކެކެވެ. އެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑް، ލޮނާއި، ފެނާއި ސަރުބީގެ މިންވަރު ހަށިގަނޑުގައި މަދުކޮށްގެން ލޭގެ ޕްރެޝަރު ދަށްކުރުވައެވެ.

ށ- ބްރޭން ނެޓްރީޔުރެޓިކް ޕެޕްޓައިޑް: ބްރޭން ނެޓްރީޔުރެޓިކް ޕެޕްޓައިޑް (Brain Natriuretic Peptide) އަކީ 32 އެމިނޯ އެސިޑް އެެކުލެވޭ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ހިތުގެ ވެންޓްރިކަލް ގައި ހުންނަ މެޔޯސައިޓް ތަކަށް ދެމިވާންވުމުން ވެންޓްރިކަލްތަކުގައި ހުންނަ މެޔޯސައިޓްތަކުން މިހޯރމޯން ދޫކުރަން ފަށައެވެ.



No comments:

Post a Comment