މިއަދަކީ ދުނިޔޭގެ "ސީއޯޕީޑީގެ ދުވަސް"
މިއަދަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފާހަގަކުރާ މިއަހަރުގެ " ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް" ބަލީގެ ދުވަހެވެ. އިސްވެ މިދުވަސް ފާހަގަ ކުރަން ފެށީ "ގްލޯބަލް އިނިޝިއޭޓިވް ފޮރ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް" ނުވަތަ "ގޯލްޑް" ކިޔާ ޖަމްޢިއްޔާއަކުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ސީއޯޕީޑީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއެްގެ ނޮވެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ އަށް އަންނަ ބުދަ ދުވަހެވެ.
މިއަހަރުގެ ސީއޯޕީޑީ ދުވަހުގެ ޝިޢާރަކީ " ތިބާގެ ނޭވާ ކުރުވޭތަ؟ ފަހަރުގައި ތިބާއަށް ސީއޯޕީޑީ ޖެހިފައި ހުރެދާނެ!ތިބާގެ ޑޮކްޓަރުގެ ގާތުގައި އަހައިގެން "ސްޕައިރޯމެޓްރީ" ކިޔާ ނޭވާލުން ހުންނަގޮތް ބަލާ ޓެސްޓެއް ހައްދަވާ " މިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިދުވަސް ފާހަގަކުރަނީ ޢާންމުން ބައްޔާއި މެދު ހޭލުންތެރި ކުރުވައި، ބަލީގެ އަހުލުވެރިންނާއި މެދު މުޢާމަލާތް ކުރާނޭގޮތް އެބަލީގެ އަހުލުވެރިންގެ އާއިލީ މެންބަރުންނާއި، ރަހުމަތްތެރިންނަށް އަންގައިދިނުމުގެ ނިޔަތުގައެވެ. ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި 2004 ވަނަ އަހަރު މިބަލި ޖެހިފައިވާ 64 މިލިޔަން މީހުން ދުނިޔޭގައި ތިއްބެވެ. އަދި 2030 ވަނަ އަހަރު އަންނަ އިރު 3 ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ބައްޔެއްގެ ގޮތުގައި ސީއޯޕީޑީ ވެދާނެކަމަށް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ލަފާކުރެއެވެ.
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް އަކީ ނޭވަޔަށް އުނދަގޫކުރުން، ނުވަތަ ނޭވާހިއްލުމުގެ އުދަނގޫ ދާއިމީކޮށް ހުންނަ، ފުއްޕާމެޔަށް ޖެހޭ ބައްޔެކެވެ. މިއީ އާންމު ގޮތެއްގައި އުމުރުގެ ފަހު ކޮޅުގައި ފާހަގަ ކުރެވޭ ބައްޔެކެވެ. މިބަލި ޖެހުމުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި އާދައިގެ ކަމެއް ކޮށްލުމުން ވެސް ނޭވާކުރުވުން، ދާއިމީގޮތެއްގައި ކެއްސުން، އަރިދަފުސް އައުން ފަދަ ކަންތައްތައް ހިމެނެއެވެ.
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް ޖެހުމަށް މަގުފަހިވާ ކަންތަކުގެ ތެރޭގައި، ދިގުމުއްދަތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން، ދިރިއުޅޭ މާާހައުލުގެ ވައިނުސާފުވުން، މަސައްކަތުގެ މާހައުލުގައި ތަފާތު ދުމާއި، ހިރަފުހަށް ހުށަހެޅުން، އަދި ތަފާތު ވިހަ ކެމިކަލްތަކަށް ހުށަހެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.
No comments:
Post a Comment