މުހިއްމު ސަފުހާތައް

Sunday, February 12, 2012

މޫސުމީ އަރިދަފުސް ރޯގާ

އިންފުލުއެންޒާ
ތަޢާރަފް
އިންފުލުއެންޒާ(Influenza) އަކީ އަރިދަފުސް ރޯގާ ފަދަ އިން ވައިރަސް އެއްގެ ސަބަބުން، ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އިންފުލުއެންޒާގެ ވައްތަރުތަކުގެ ތެރެއިން ކޮންމެ އަހަރަކު މޫސުމީ ސިފައެއްގައި ކުރިމަތިވާ އިންފުލުއެންޒާ އަށް މޫސުމީ އަރިދަފުސް ރޯގާ(Seasonal Influenza) އޭ ކިޔައެވެ. އިންފުލުއެންޒާ އަށް އާންމުކޮށް ކިޔަނީ ފުލޫ(Flu) ނުވަތަ ރޯގާ އެވެ.

އިންފުލުއެންޒާ ޖައްސާ ވައިރަސް ތަކުގެ ވައްތަރުތައް ހަށިގަނޑަށް ވަދެ ނިކުމެ ހަދާ މައި ދޮރާއްޓަކީ ނޭވާލާ ނިޒާމުން ހަށިގަނޑުން ބޭރަށް ހުޅުވިފައިވާ ހުޅުވުން(Respiratory orifice) ނުވަތަ ދޮރުތަކެވެ. ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ވެސް އިންފުލުއެންޒާ ޖެހެއެވެ. އަދި ދެޖިންސްގެ މީހުންނަށް ވެސް ޖެހެއެވެ. ނަމަވެސް ފިރިހެނުންނަކީ ގިނަވަގުތު ބޭރުގައި އުޅޭ ބަޔަކަށްވުމުން، ބަލި ޖައްސާ ވައިރަސް ހުށަހެޅުމުގެ ފުރުޞަތު ފިރިހެނުންނަށް އިތުރުވާތީ، އިންފުލުއެންޒާ ފިރިހެނުންގެ ތެރޭގައި ތަންކޮޅެއް ޢާންމުކަން ފާހަގަ ކުރެވެއެވެ. އާންމުގޮތެއްގައި މީހުންގިނަ ތޮށްޖެހިގެން މީހުން ދިރިއުޅޭ، ވައިބަދަލުނުވާނޭހެން ބެދިފައި ހުންނަ ތަންތަނުގައި، މިބަލި ފެތުރޭ މިންވަރު އަވަސްވެފައި އިތުރެވެ. އަދި ދެމޫސުން ދޭތެރެ އާއި، ފިނިމޫސުމާއި، ފިނި މާހައުލު ތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި، ބަލި ފެތުރޭލެން އަވަސްވެފައި އާންމެވެ.

ސަބަބު : އިންފުލުއެންޒާ ވައިރަސް
އިންފުލުއެންޒާ ޖެހެނީ އިންފުލުއެންޒާ ވައިރަސް(Influenza virus) ތަކުގެ ސަބަބުންނެވެ. އިންފުލުއެންޒާ ވައިރަސް ތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ 3 ވައްތަރެއް ވެއެވެ. އެއީ އިންސާނުންނަށް ބަލި ޖައްސުވާކަމަށް ފާހަގަ ކުރެވިފައިވާ އިންފުލުއެންޒާ އޭ ވައިރަސް(Influenza A virus) ، އިންފުލުއެންޒާ ބީ ވައިރަސް(Influenza B virus) އަދި އިންފުލުއެންޒާ ސީ ވައިރަސް (Influenza C virus) އެވެ. މިއިން ކޮންމެ ވައްތަރެއްގެ ތަފާތު އެތަކެއް ސްޓްރެއިން ތަކެއް ހުންނަކަން ހަދާންކުރަން ޖެހެއެވެ. އިންފުލުއެންޒާ ސީ އިން އިންސާނުން ބަލިޖައްސަނީ ވަރަށް މަދުންނެވެ.

އިންފުލުއެންޒާ ވައިރަސް އޭ ގެ ތަފާތު ވައްތަރު(Strain) ތައް ހުރެއެވެ. މިވައްތަރުތައް ކަނޑައަޅަނީ ވައިރަހުގެ ބޭރު ސަތަހައިގައި ހުންނަ ދެއެންޓިޖެން ނުވަތަ ދެ ޕްރޮޓީން އިންނެވެ. މިގޮތުން ހިމެނޭ ދެ އެންޓިޖެން އަކީ ''ހީމްއެގުލޫޓިނިން''(HA=Haemagglutinin) އަދި ''ނިއުރަމިނިޑޭސް''(NA=Neuraminidase) އެވެ. މިގޮތުން އޫރު ރޯގާ ޖައްސާ ސްޓްރެއިން އަކީ ''H1N1އެވެ. އަދި މިވައިރަސްގެ އެހެން ސްޓްރެއިން އެއް ކަމުގައިވާ H5N1 އަކީ ދޫނި ރޯގާ ޖައްސާ ވައިރަސް އެވެ.
އިންފުލުއެންޒާ އޭ ވައިރަސްގެ ސަތަހައިގައި ހިމެނޭ މިދެންނެވި ދެ ޕްރޮޓީން އަށް ބަލާއިރު ތަފާތު 16 ވައްތަރެއްގެ ހީމްއެގުލޫޓިނިން ހުންނަ ކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި 9 ވައްތަރެއްގެ ނިއުރަމިނިޑޭސް ހުންނަކަން ފާހަގަ ކުރެވިފައެވެ. އެހެން ކަމުން ސްޓްރެއިން އަށް ނަންދެވިފައިވަނީ މި ހީމްއެގުލޫޓިނިން އަދި ނިއުރަމިނިޑޭސްގެ ނަންބަރާއި ގުޅުވައިގެންނެވެ.
ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި އިންފުލުއެންޒާ އޭ ވައިރަސްގެ ސަތަހައިގެ ބޭރުގައި ތަފާތު 3 ޕްރޮޓީން އެއް ހުންނަކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އެއީ HA,NA,M2އެވެ. ވައިރަސްގެ ބޭރު ސަތަހައިގައި ހިމެނޭ އެންޓިޖަން(Antigen)  ތަކަށް އަންނަ ކުދި ބަދަލުތަކަށް ކިޔަނީ އެންޓިޖެނިކް ޑްރިފްޓް(Antigenic drift) އެވެ.

އިންފުލުއެންޒާ ވައިރަސް އޭ، އަދި ވައިރަސް ބީ ގެ އެންޓިޖަންތަކަށް އެންޓިޖެނިކް ޑްރިފްޓް މެދުވެރިވުމުން ވަރަށް ގިނަ ފަހަރު ގިނަ ގައުމުތަކަކަށް ވަބާއެއްގެ ސިފައިގައި ރޯގާ ހަލުވިކަމާއެކު ފެތުރުން(Pandemics) ކުރިމަތި ވެއެވެ. ކޮންމެ އަހަރަކު  މޫސުމީ އަރިދަފުސް ރޯގާ އަށް އާވެކްސިނެއް އުފައްދަން ޖެހެނީ މިސަބަބާހުރެއެވެ. ޕެންޑެމިކް ތައް ކުރިމަތިވަނީ HA  ޖީންއަށް ބޮޑު ބަދަލެއް(Antigenic shift) ކުރިމަތިވެގެންނެވެ. އަދި އިންސާނުންނާއި ޖަނަވާރުންނަށް ބަލި ޖައްސާ ވައިރަސްތައް މަސްހުނިވެގެން އުފެދޭ ވައިރަސް އެއްގެ ސަބަބުންނެވެ. މޫސުމީ އަރިދަފުސް ރޯގާ ތައް އިންފުލުއެންޒާ އޭ ވައިރަސް އަދި އިންފުލުއެންޒާ ބީ ވައިރަސްގެ  ސްޓްރެއިން ތަކުން ވެސް ފެތުރެއެވެ. އަދި އިންފުލުއެންޒާ ވައިރަސް އޭގެ ސަބަބުން ގިނަ ގައުމުތަކަށް ފަސޭހަ ކަމާއެކު ބަލި، ފެތުރިގެން ދެއެވެ.

އިންފުލުއެންޒާ އޭ ވައިރަސްތައް ބަހާލެވިފައިވާ އެއްގޮތަކީ ބަލި ޖައްސާ މަޚުލޫޤަށް ރިޢާޔަތްކޮށް ބަހާލާފައިވާ ބަހާލުމެވެ. އެގޮތުން ހިމެނޭ ބައެއް ވައްތަރުތަކަށް ބަލާއިރު އޫރަށް ނިސްބަތްކޮށް، އޫރު ރޯގާ، ދޫންޏަށް ނިސްބަތް ދޫނި ރޯގާ ، އަދި މީގެ އިތުރުން އިންސާނުންނަށް ޖެހޭ މޫސުމީ އަރިދަފުސް ރޯގާ ހިމެނެއެވެ. އިންފުލުއެންޒާ ވައިރަސް އޭގެ ސްޓްރެއިން އަށް ނިސްބަތްކޮށް ބަހާލެވިފައިވަނީ H1N1 / H5N1 / H3N2 / H2N2 މިގޮތަށެވެ.

އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާގެ ތަފާތު
ވަރަށް ގިނަ މީހުންނަށް ނޭވާލާ ނިޒާމަށް ޖެހޭރޯގާ ދެވައްތަރު ކަމުގައިވާ "އިންފުލުއެންޒާ"(Influenza) އާއި "އަރިދަފުސް ރޯގާ" (Common cold)އޮޅޭގޮތް ވެއެވެ. މިދެބައްޔަށް ބަލާއިރު އަރިދަފުސް ރޯގާ އަކީ ތަފާތު އެތަކެއް ވައިރަސް ތަކެއް ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް އިންފުލުއެންޒާ ޖެހެނީ އިންފުލުއެންޒާ ވައިރަސްގެ ސަބަބުންނެވެ.

އަރިދަފުސް ރޯގާގެ ސަބަބުން ވަރަށް އާދައިގެ ކުދިކުދި އުދަގޫތައް ކުރިމަތިވާއިރު، އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ތަހައްމަލު ކުރަން ދަތިވާކަން ފާހަގަ ކުރެވެއެވެ. އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ގައިގެ ވަރުދެރަވެ ވަރުދޫވުން، އަދި ހިކި ކެއްސުން ފަދަ އުދަގޫތައް ހިމެނެއެވެ. ނަމަވެސް ދެބަލީގެ އުދަގޫތަކާއި އަލާމާތްތައް އެއްގޮތްކަމުން ބޭރުފުށުން ބަލާ ބެލުންތަކުން މިދެބަލި ދެނެގަތުން ވަރަށް ގިނަފަހަރު އޮންނަނީ އުދަގޫކަމަކަށް ވެފައެވެ. ބަލި ދިގުލުމުން ކުރިމަތިވާ އުދަގޫތައް ވެސް އެއްގޮތެވެ. ނަމަވެސް އިންފުލުއެންޒާގެ ސަބަބުން މިބުނި އުދަގޫތައް ކުރިމަތިވާލެއް އިތުރުކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އިންފުލުއެންޒާ ދިގުލައިފިނަމަ،ކުރިމަތިވާ ކަންތައްތަކުގެ ތެރޭގައި، ސިކުނޑި ދުޅަވުން، ސިކުނޑީގެ ދުލިފަށް ދުޅަވުން، ވަސްނުދުވުން، ބޭރަށްހިންގުން ޖެހުން، ނިއުމޯނިޔާ ޖެހުން، އަދި ހިތުގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ.

އަލާމާތް
އަރިދަފުސް ރޯގާ
ފުލޫ
ހުންއައުން
ވަރަށް މަދުން
އާންމުކޮށް ހުންނާނެ
ގައިގައި ރިހުން
އާދައިގެ ވަރަކަށް
ވަރަށް ބޮޑަށް
ހީކެރުވުން
އާންމުނޫން
ވަރަށް ޢާންމުކަމެއް
ކެއްސުން
އަރިދަފުސް އަންނާނެ
ހިކި ކެއްސުން
ކިނބިހިއެޅުން
އާންމުކަމެއް
އާންމުނޫން
ނޭފަތުން ފެންއައުން
އާންމުކަމެއް
އާންމުނޫން
ކަރުތެރެ ހަލާކުވުން
އާންމުކަމެއް
އާންމުނޫން
މެޔަށް އުދަނގޫވުން
އާދައިގެ ވަރަކަށް
ވަރަށް ބޮޑަށް
ބޮލުގައި ރިހުން
އާންމުނޫން
އާންމުކަމެއް
އުދަގޫތައް މެދުވެރިވާގޮތް
މަޑުމަޑުން އުދަގޫތައް މެދުވެރިވުން
ކުއްލިއަކަށް ފެނުން 6-3ގ
ވަރުބަލިވުން
އާދައިގެ ވަރަކަށް
ބޮޑަށް

އިންފުލުއެންޒާގެ ތާރީޚް
މާޒީގެ ދުވަސްތަކުގައި އިންފުލުއެންޒާ ރޯގާއެއްގެ ގޮތުގައި ފެތުރިގެން ގޮސްފައިވާކަން ތާރީޚު ހެކިދެއެވެ. ބޭސްވެރިކަމުގެ ބައްޕަ ''ހިޕޮކްރޭޓްސް''(Hipocrates) ގެ ދުވަސްވަރުގައި ވެސް އިންފުލުއެންޒާގެ ޢަލާމާތްތައް އޭނާގެ ބޭސްވެރި ފޮތްތަކުގައި ސިފަކޮށްފައި ވެއެވެ. ގިނަ ގައުމުތަކަށް ވަބާއެއްގެ ސިފައިގައި އިންފުލުއެންޒާ ހަލުވިކަމާއެކު ފެތުރިގެންދިއުން (Pandemics) ނުވަތަ ޕެންޑެމިކް އެއް ފުރަތަމަ އިޢުލާން ކޮށްފައިވަނީ މީލާދީން 1580 ވަނަ އަހަރުގައެވެ. އެފަހަރު އިންފުލުއެންޒާ ރޯގާ ޔޫރަޕުން ފެށިގެން އޭޝިޔާގެ ގައުމުތަކަށް ފެތުރިގެން ގޮސްފައި ވެއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ތަފާތު 31 ޕެންޑެމިކްސް ކުރިމަތިވެފައި ވެއެވެ. ކޮންމެ 40-10 އަހަރާއި ދެމެދުގެ މުއްދަތެއްގައި އިންފުލުއެންޒާ ޕެންޑެމިކެއް ކުރިމަތިވެއެވެ. 19 ގަރުނުގައި އެކަނިވެސް މަދުވެގެން 4 ޕެންޑެމިކްސް ކުރިމަތިވެފައިވާ ކަމަށް ތާރީޚް ހެކިދެއެވެ.

20 ވަނަ ގަރުނު
20ވަނަ ގަރުނުގައި އެކަނިވެސް 3 ޕެންޑެމިކްސް ކުރިމަތިވެފައި ވެއެވެ. 20 ވަނަ ގަރުނުގައި ޕެންޑެމިކްސް އަދި އެނޫން ގޮތްގޮތަށް ވެސް އިންފުލުއެންޒާ ވައިރަސް އޭގެ ސްޓްރެއިން ތަކުން ރޯގާ ފެތުރިފައިވާގޮތް ތިރީގައި މިވަނީ އެވެ.
އަހަރު
ޕެންޑެމިކްސް
ސްޓްރެއިން
1919 - 1918
ސްޕެނިޝް ފުލޫ
H1N1
1958 - 1957
އޭޝިޔަން ފުލޫ
H2N2
1969 - 1968
ހޮންކޮންގ ފުލޫ
H3N2
1977
ރަޝިޔަން ފުލޫ
H1N1
1997
ދޫނި ރޯގާ
H5N1
1999
-
H9N2
2002
-
H7N2
2003
ދޫނި ރޯގާ
H5N1 / H7N7 / H9N2/ H7N2
2004
ދޫނި ރޯގާ
H5N1 / H7N3 / H10N7
2009
އޫރު ރޯގާ
H1N1

21 ވަނަ ގަރުނު
·         ދޫނި ރޯގާ ހޮންކޮންގ ގައި ފެތުރެމުންދާ ކަމަށް 1997 ގައި ރިޕޯޓް ކުރެވުނެވެ. ނަމަވެސް އިންސާނުންގެ ގައިންގަޔަށް އަރާކަމަށް އޭރު ހޯދިފައެއް ނުވެއެވެ.
·         11 ޖޫން 2009 ގައި 21 ވަނަ ގަރުނުގެ ފުރަތަމަ ޕެންޑެމިކްސް ގެ ގޮތުގައި އޫރު ރޯގާ ނުވަތަ ސްވައިން ފުލޫ އިޢުލާން ކުރެވިގެން ދިޔައެވެ. 1 އޮގަސްޓް 2010 އާއި ހަމައަށް ދުނިޔޭގެ 214 ގައުމަކަށް މިބަލި ފެތުރިގެން ގޮސްފައި ވެއެވެ. އަދި 18449 މީހުން މިބަލީގައި ދުނިޔެދޫކޮށް ގޮސްފައި ވެއެވެ.

ނޯޓް : ޕެންޑެމިކް (Pandemics) އަކީ އެއްގައުމަށްވުރެ ގިނަ ގައުމުތަކުގައި ބައްޔެއް ހަލުވިކަމާއެކު ފެތުރިގެން ދިއުން، ނުވަތަ ގިނަ ގައުމުތަކެއްގައި ވަބާއެއްގެ ސިފައިބައި ބައްޔެއް ފެތުރިގެން ދިއުން، ނުވަތަ ގިނަ ގައުމުތަކެއްގައި ބަލި ފެތުރިގެންދިއުން، ނުވަތަ ޕެންޑެމިކް އަކީ އެޕިޑެމިކް ތަކެއްގެ ގޮތުގައި ގިނަ ގައުމުތަކެއްގައި ބަލި ފެތުރުމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަޢާރަފްގައިވާ ގޮތުން : "ދޭއް ނުވަތަ އެއަށްވުރެ ގިނަ ސަރަހައްދެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ބަލި ފެތުރެމުން ދިއުން" މިއެވެ. މިސާލަކަށް : 2009 ވަނަ އަހަރު އާންމުވެގެންދިޔަ އޫރު ރޯގާ އަކީ ޕެންޑެމިކް ގެ މިސާލެވެ.

އިންފުލުއެންޒާގެ ވައްތަރުތައް
·         މޫސުމީ އަރިދަފުސް ރޯގާ
·         އޫރު ރޯގާ
·         ދޫނި ރޯގާ
ނޯޓް : މިލިޔުމުގައި ބޮޑަށް އަލިއަޅުވާފައިވާނީ މޫސުމީ އަރިދަފުސް ރޯގާ ގެ މައްޗަށެވެ. އޫރު ރޯގާ ، އަދި ދޫނި ރޯގާ އާއި ބެހޭގޮތުން ވަކި ދެ ލިޔުން ތަފްޞީލާއެކު ބަޔާންކުރެވިފައިވާނެ އެވެ.

މޫސުމީ އަރިދަފުސް ރޯގާ
ތަޢާރަފް : ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި އަހަރުގެ އެކި ދުވަސްވަރު މޫސުމީ އަރިދަފުސް ރޯގާ ފެތުރެމުން ދެއެވެ. އެގޮތުން ކޮންމެ މޫސުމެއްގައި ޖެހޭ ރޯގާގެ ވައިރަސް އަދި އެވައިރަސްގެ ސްޓްރެއިން ގެ ވައްތަރު ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ. މިސަބަބާހުރެ މޫސުމީ އަރިދަފުސް ރޯގާ ޖެހުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް އޮވެދާނެ އެވެ. އާންމު ގޮތެއްގައި ދުޅަހެޔޮ ޞިއްޙަތު ރަގަޅު މީހުންނަށް މޫސުމީ އަރިދަފުސް ރޯގާ ޖެހުނު ނަމަވެސް މާބޮޑު އުދަނގޫތަކެއް ނުވެދާނެ އެވެ. އަދި ބޭހެއް ބޭނުން ކުރުމަކާ ނުލައި އޭގެ ޒާތުގައި ރަގަޅުވެދާނެ އެވެ.

ފެތުރޭގޮތް : މޫސުމީ އަރިދަފުސް ރޯގާ ވެސް ފެތުރެނީ އާންމުކޮށްޖެހޭ އަރިދަފުސް ރޯގާއެކޭ އެއްގޮތަށެވެ. އެގޮތުން މިބަލި ފެތުރެނީ ކެއްސައި ކިނބި އަޅާ ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ތަކެތި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުންނާއި، ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް ނުވަތަ ނޭފަތަށްލުން، ނުވަތަ ލޮލުގައި އަތްލުން ފަދަ ކަމެއް ކުރުމުގެ ތެރޭގައެވެ.

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން މޫސުމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 3-1 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

ގައިންގަޔަށްއަރާ މުއްދަތު (Infectious period): މޫސުމީ އަރިދަފުސް ރޯގާ ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންގެ ގައިންގަޔަށް ބަލި އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ 1 ދުވަސް ކުރިންނާއި އަލާމާތްތައް ފެނުމަށްފަހު 7-5 ދުވަހާއި ދެމެދުގެ މުއްދަތުގައި ހޭދަވާ ދުވަސްތަކުގައެވެ. ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހަކަށް ބަލިޖެހިއްޖެނަމަ ބަލި ފަތުރާ މުއްދަތު ދިގުވެގެން ދިއުން އެކަށީގެންވެއެވެ. މިސާލަކަށް ކުޑަކުދިންނަށް މިމުއްދަތު 10 ދުވަހަށް ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ.  

އަލާމާތްތައް : މޫސުމީ އަރިދަފުސް ރޯގާގެ އަލާމާތްތައް ކުރިން ވެސް ބުނެވުނު ހެން އަރިދަފުސް ރޯގާގެ އަލާމާތްތަކާއި ވަރަށް އެއްގޮތެވެ. އެގޮތުން ބަލިމީހާގެ ފުށުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ހުންވައްތަރުވުން، ހީކެރުވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ވަރުބަލިވުން ، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ނޭފަތް ބެދުން، ކަރުތެރެ ހަލާކުވެ ފާރުވުން، ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް މީހުންނަށް ޚާއްޞަކޮށް ކުޑަކުދިންނަށް ހޮނޑުލުމާއި ބޭރަށްހިންގުން ކުރިމަތި ކުރުވައެވެ.

ބަލީގެ ނުރައްކާ އަދި ބަލިޖެހުމުގެ ފުރުޞަތު ފަރާތްތައް :
·         ދެ އަހަރުން ދަށުގެ ކުޑަކުދިން
·         އުމުރުން ދުވަސްވީ (65އަހަރުންމަތީގެ) މީހުން
·         މާބަނޑު މީހުން
·         ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުން : ހިތުގެ ބަލި، ހަކުރު ބަލި، ގުރުދާގެ ބަލިތައް، ފުރަމޭގެ ބަލިތައް،ފުއްޕާމޭގެ ބަލިތައް، ނޭވާހިއްލުން،ކެންސަރު، އެއިޑްސް ބަލި ފަދަ ދާއިމީ ބަލިތަކަށް ހުށަހެޅިފައިވާ މީހުން

ނޯޓް:މަތީގައި ބަޔާންކުރެވުނު ފަރާތްތަކަށް މޫސުމީ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ނުރައްކާތައް މެދުވެރިވުމުގެ ފުރުޞަތު ބޮޑެވެ.

ނުރައްކާތައް : މޫސުމީ އަރިދަފުސް ރޯގާގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި، ނިއުމޯނިޔާ ޖެހުން، ސައިނަސް ހުރުން، ކަންފަތުގައި އަރިދަފުސް އެޅުން ނުވަތަ ޖަރާސީމުއެޅުން، ހަށިގަނޑުން ފެން ހުސްވުން، އަދި ނޭވާހިއްލުން، ހިތް ފޭލްވުން ކުރިމަތިވެފައިވާ މީހުންނަށް އެބަލީގެ އުދަނގޫތައް އިތުރަށް ގޯސްވެގެން ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ.

ފަރުވާ : މޫސުމީ އަރިދަފުސް ރޯގާ އަކީ ވަކިން ޚާއްޞަ ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ. ގިނަ ފަހަރު ފަރުވާކުރެވެނީ ހުންނަ އުދަނގޫތައް ލުއިކޮށްލުމަށެވެ. އެގޮތުން ޕެނަޑޯލް ފަދަ ހުންއައުން ، ގައިގައި ރިހުން، ބޮލުގައި ރިހުން ފަދަ ކަންތައް ތަކަށް ފަރުވާގެ ގޮތުގައި ދީއުޅެއެވެ. މީގެ އިތުރުން ރޯގާގެ އުދަނގޫތައް ބެނެޑްރައިލް ކޯފް ސަރުބަތު، އަދި ސެޓްރިޒިން ފަދަ ބޭސްތައް ބޭނުންކުރެވިދާނެ އެވެ. މަދުފަހަރަކު އެންޓިވައިރަލް ބޭހެއް ބޭނުންކުރަން ޖެހިދާނެ އެވެ. އެގޮތުން ބޭނުންކުރެވޭ ބޭހަކީ "އެމެންޓަޑިން"(Amantadine) އެވެ.

ރައްކާތެރިވުން : މޫސުމީ އަރިދަފުސް ރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ބަލީގައި ނުރައްކާވުމުގެ ފުރުޞަތު ބޮޑުމީހުންނަށް ވެކްސިން ޖެހުން، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން، ދެއަތްތިލަ ސާފުކޮށް ބެލެހެއްޓުން، ޖަރާސީމު ހުންނާނެހެން ހީވާ ތަންތާގައި އަތްނުލުން، ލޯ،އަނގަ،ނޭފަތުގައި އަތްލުމާއި ދުރުހެލިވުން، ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިނުވުން، ބަލިމީހާއާއި އޮންނަ ތަނާއި، ގެންގުޅޭ ތަކެތި ރަގަޅަށް ދޮވެ، ފުހެ ސާފުކުރުން، ވައިބަދަލުވާނޭފަދަ މާހައުލެއްގައި ބޭއްވުން އަދި އާންމު ސާފުތާހިރު ކަމަށް ރައްކާތެރިވުން ފަދަ ކަންތައްތައް ހިމެނެއެވެ.  

އިންފުލުއެންޒާ އިން ރައްކާތެރިވުން
އިންފުލުއެންޒާ ނުވަތަ މޫސުމީ އަރިދަފުސް ރޯގާ އިން ރައްކާތެރިވުމަށް ކުރެވޭނެ އެއް މުހިއްމު އެއްކަމަކީ ކޮންމެ އަހަރަކު ވެސް ފުލޫ ވެކްސިން ޖެހުމެވެ.

ފުލޫ ވެކްސިން
ފުލޫ ވެކްސިން އަކީ އާންމު ގޮތެއްގައި ޖެހޭ ރޯގާއިން ރައްކާތެރިވުމަށް ދެވޭ ވެކްސިނެކެވެ. މީގެ ދެވައްތަރެއްގެ ވެކްސިން ހިމެނެއެވެ. މިއިން ކޮންމެ ވެކްސިނެއް އުފެއްދުމަށް އިންފުލުއެންޒާ ވައިރަސްގެ ތަފާތު 3 ވައިރަހެއް ބޭނުންކޮށްފައިވެއެވެ. ވެކްސިން އާއި ގުޅިގެން ހަށިގަނޑުގެ ދިފާޢީ ނިޒާމް ގައި ރޯގާ އާއި ދެކޮޅަށް މަސައްކަތް ކުރާނެ ހަށިދަމަނަ އުފައްދަނީ ވެކްސިންދޭތާ 14 ދުވަސް ފަހުންނެވެ. ކޮންމެ އަހަރަކު އެއް ފަހަރު މިވެކްސިން ބައެއް ގައުމުތަކުގައި ދީއުޅެއެވެ. މިވެކްސިން ކޮންމެ އަހަރަކު ވެސް އުފައްދަނީ އެދުވަސްވަރެއްގައި މޫސުމީ ރޯގާ ފެތުރޭކަމަށް ލަފާކުރެވޭ އެންމެ އާންމު ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އަމާޒުކޮށްގެންނެވެ.

ފުލޫޝޮޓް: މިއީ އަތުގެ މުލައްދަނޑިއަށް އިންޖެކްޝަން ޖަހައިގެންދެވޭ އިންއެކްޓިވޭޓެޑް ނުވަތަ މަރާލެވިފައިވާ ވައިރަސް އެކުލެވޭ (މަސައްކަތްނުކުރާގޮތް ހެދިފައިވާ) ވެކްސިނެކެވެ. އުމުރުން 6 މަހުން މަތީގެ ކުދިންނާއި، ދުޅަޙެޔޮ ޞިއްޙަތެއްގައި ހުރި ކޮންމެ މީހަކާއި، ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންގެންދާ މީހުންނާއި މާބަނޑު މީހުންނަށް ވެސް މިވެކްސިން ދެވިދާނެ އެވެ. ފުލޫ ޝޮޓް ވެކްސިން ދިނުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރު ތަކުގެ ތެރޭގައި ކަރުތެރެ ރަތްވެ ފާރުވުން، ހުންއައުން، އިންޖެކްޝަން ޖެހިތަން ދުޅަވުން ފަދަ ކަންތައް ހިމެނެއެވެ.

ނޭޒަލް ސްޕްރޭ ފުލޫ ވެކްސިން: މިއީ ބާރުދެރަކޮށްލާފައިވާ ވައިރަސް ބޭނުންކޮށްގެން ހަދާފައިވާ ވެކްސިނެކެވެ. އުމުރުން 2-49 އަހަރާއި ދެމެދުގެ ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ މީހަކަށް މިވެކްސިން ދެވިދާނެ އެވެ. މާބަނޑު މީހުންނަށް ދިނުން އެދެވިގެންނުވެއެވެ. ނޭޒަލް ސްޕްރޭ ފުލޫ ވެކްސިން ދިނުމުން ކުރިމަތިވެދާނެ ނުރަގަޅު އަސަރު ތަކުގެ ތެރޭގައި ، ނޭފަތުން ފެންއައުން، ކަރުތެރެ ރަތްވެ ފާރުވުން، ހުންއައުން، ކެއްސުން، ބޮލުގައި ރިހުން ފަދަ އުދަގޫތައް ހިމެނެއެވެ.

ފުލޫ ވެކްސިން ދިނުން އެދެވިގެންވާ މީހުން
·         6 މަހުން މަތި 18 އަހަރުން ދަށުގެ ކުދިން
·         އުމުރުން 50 އަހަރުން މަތީ މީހުން
·         މާބަނޑު މީހުން
·         ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންގެންދާ މީހުން
·         ޞިއްޙީ ދާއިރާގައި މަސައްކަތްކުރާމީހުން
·         ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެއުޅޭ މީހުން

ފުލޫ ވެކްސިން ދިނުން އެދެވިގެންނުވާ މީހުން
·         ކުކުޅު ބިހާ ނުގުޅޭ ނުވަތަ އެލާރޖިކް މީހުން
·         ފުލޫ ވެކްސިން އާއި ނުގުޅޭ މީހުން
·         ފުލޫ ވެކްސިން ދިންތާ 6 ހަފްތާ ތެރޭގައި ވާގިނެތުމުގެ ވައްތަރެއް ކަމުގައިވާ ގިލައިންބެރީ ސިންޑްރޯމް ޖެހިފައިވުން
·         6 މަހުން ދަށުގެ ކުދިން
·         ވެކްސިންދޭ ދުވަސްވަރު ބަލިކުދިން

އިންފުލުއެންޒާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
·         ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.
  • ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން: ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން30-20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.
  • ލޯ،އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން: އާންމު ގޮތެއްގައި ތަފާތު ޖަރާސީމްތައް ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމްއާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ، އެއަތް ނޭފަތް ނުވަތަ ލޯ ނުވަތަ އަނގަޔަށް ލުމުންނެވެ.
  • ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ. ގައިގޯޅިވެއުޅުން ނުވަތަ ބަލިމީހާގެ ކައިރީގައި އުޅުން ކަމުގައި ބެލެވެނީ ބަލިމީހާ އާއި 1މީޓަރުގެ ކައިރި އިމެއްގެ ތެރޭގައި ހޭދަކުރާނަމަ އެވެ. ބަލިޖެހިފައިވާ މީހުންނާއި ގާތްގަނޑަކަށް 7 ދުވަހުގެ މުއްދަތަށް ދުރަށް ދިއުން ރަގަޅެވެ.
  • ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ބަލިވެއްޖެނަމަ މަދުވެގެން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުން ބުއްދިވެރިއެވެ. ސަބަބަކީ މިރޯގާ ގައިން ގަޔަށް އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެއްދުވަސް ކުރިން ފެށިގެން އަލާމާތްތައް ފެނުމަށްފަހު އަންނަ 7 ދުވަހުގެ ތެރޭގައި ކަމަށްވާތީ އެވެ.
  • ޖަރާސީމް ހުންނަހެން ހީވާ ތަންތަނުގައި އަތްނުލުން: އެގޮތުން ބަލިމީހާ އޮންނަ ކޮޓަރީގައި ހުންނަ ގޮޑި މޭޒު އަލާމާރީގެ އަތްގަނޑު، ދޮރުގެ އަތްގަނޑު ފަދަ ތަންތަނުގައި އަތްލުމާއި ދުރުހެލިވުން މުހިއްމެވެ. ސަބަބަކީ އެފަދަ ތަންތަނަކީ ޖަރާސީމް ހަރުލައި ހުރުމުގެ ފުރުޞަތު ބޮޑު ތަންތަނަށްވާތީ އެވެ. އަދި އެފަދަ ތަނެއްގައި އަތްލެވިއްޖެނަމަ ލަސްނުކޮށް ރަގަޅަށް އަތްދޮވުން މުހިިއްމެވެ.
·         ޞިއްޙީ ރަގަޅު އެހެނިހެން އާދަތައް ހިފެހެއްޓުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ. ގައިން ސާފުތާހިރު ވުމުގެ ގޮތުން، ކޮންމެ ދުވަހަކު، ފެންވަރައި ހަދާނަމަ ގައިގައި ހަރުލާފައި ހުންނަ ހަޑިއާއި، ޖަރާސީމްތައް ފިލައިގެން ދިއުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.
·         ގޭގައި ބޭނުންކުރާ ތަފާތު ބެޑްޝީޓް، ރަޖާގަނޑު، ބާލީސް އުރަ ފަދަ ތަކެތި ބަދަލުކޮށް ދޮވެހެދުން:މިގޮތަށް ބެޑްޝީޓް، ބާލީސް އުރަ ފަދަ ތަކެތި ބަދަލުކޮށް ދޮވެހެދުމުން  އެފަދަ ތަކެތީގައި ހަރުލާފައި ހުންނަ ޖަރާސީމްތައް މަރުވެދެއެވެ. ޚާއްޞަކޮށް ބަލިމީހާގެ ކޮޓަރީގައި ހުންނަ މިފަދަތަކެތި ކޮންމެ ދުވަހަކު އެއްފަހަރު ދޮވެސާފުކޮށް ހެދުމަކީ ބަލިމީހާގެ ފަރާތުން އެހެންމީހުންނަށް ބަލިއިތުރަށް ފެތުރިގެން ދިއުން ކުޑަކޮށްދޭނޭ ކަމެކެވެ.
·         ގޭތެރޭގެ ސާފުތާހިރުކަމަށް ރައްކާތެރިވުން : އެގޮތުން ގޭތެރެއާއި ބަދިގެ ތެރޭގައި ހިފައިގެންގުޅޭ ތަކެއްޗާއި ތަންތަން ކޮންމެ ދުވަހަކުމެ ރީތިކޮށް ފޮހެ ސާފުކުރުމަކީ އެތަންތަނުގައި ހަރުލާފައި ހުންނަ ޖަރާސީމް ފަދަ ތަކެތި މަރުވެ ނެތިދާނެ ކަމެކެވެ.
·         ގޭތެރޭގެ ވައި ބަދަލުވާނޭހެން ބެހެއްޓުން: ކޮންމެ ދުވަހަކު ވެސް ގޭތެރޭގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭގޮތް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ބަލިމީހަކު އޮންނަ ތަނެއްނަމަ މިބީދައިން ޢަމަލުކުރުން މުހިއްމެވެ. ސަބަބަކީ ވައި ބަންދުވެފައި ހުންނަނަމަ ޖަރާސީމްތައް އެތަނެއްގައި ހަރުލައި ހިފެހެއްޓިފައި ހުރުމުގެ ފުރުޞަތު ބޮޑުވެ، އެކަމުގެ ސަބަބުން ގޭގައި އުޅޭ އެހެންމީހުންނަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑުވެގެންދާނެތީ އެވެ.








No comments:

Post a Comment