މުހިއްމު ސަފުހާތައް

Thursday, March 29, 2012

ކޮލެރާ

ކޮލެރާ
ކޮލެރާ (Cholera) އަކީ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ ބޭރަށްހިންގުމުގެ ވައްތަރެކެވެ. ކޮލެރާގެ ނުރައްކާތެރި ކަމަކީ ބަލިޖެހޭތާ އެންމެ ދެތިން ގަޑިއިރުގެ ތެރޭގައި ވެސް ބޭރަށްހިނގައި، ހަށިގަނޑުން ފެން ހުސްވެ، ފުރާނަޔަށް ގެއްލުންވާ ހިސާބަށް މީހާގެ ހާލަތު ގެންދިއުމުގެ ފުރުޞަތު އޮތުމެވެ. މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އަދި ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ޖެހިދާނެ އެވެ. ބަލި ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި ނިސްބަތުން ކުޑަކުދިންނަށް ބަލިޖެހޭ މިންވަރު އިތުރުކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. މިއީ ހޫނު މޫސުމާއި، ހައްޖު މޫސުމުގައި ފެތުރުން އިތުރުވެގެންދާ ބައްޔެކެވެ. ދިވެހިރާއްޖެއިން މިފަހަކަށް އައިސް ކޮލެރާގެ ބަލިމީހުން ފެނިފައެއް ނުވެއެވެ. އާންމު ގޮތެއްގައި ބަލިޖެހި ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ކުޑަކުދިންނާއި، މުސްކުޅިންނަށް ބޮޑެވެ.

ސަބަބު
ކޮލެރާ ޖެހެނީ ބެކްޓީރިޔާ ގެ ވައްތަރެއް ކަމުގައިވާ "ވިބްރިއޯ ކޮލެރާ"(Vibrio cholera) ކިޔާ ޖަރާސީމަކުންނެވެ. މިއީ ގްރާމް ނެގެޓިވް ބެކްޓީރިޔާ އެކެވެ. މިޖަރާސީމު ބަލިޖެހިފައިވާ މީހާގެ ބޮޑުކަމުދާ ތަކެތި އަދި ހޮނޑުގައި ހުރެއެވެ. އަދި ބަލީގެ ކެރިއަރުންގެ ގޮތުގައި ބަލީގެ ޖަރާސީމު އުފުލަމުންދާ މީހުންގެ ބޮޑުކަމުދާ ތަކެތީގައި ވެސް ހުރެއެވެ. މިބެކްޓީރިޔާގައި އޭގެ ހަރަކާތަށް ނިގުލަކާއި ހަށިގަނޑުގެ ޓިޝޫތަކުގައި ތަތްވުމަށް ނަރުވާ ހުރެއެވެ. މިބެކްޓީރިޔާގެ ސީރޯޓައިޕް ތައް ވެސް ހުރެއެވެ. މިބެކްޓީރިޔާގެ ދިގުމިނުގައި 3-1 މައިކްރޯމީޓަރު ހުރެއެވެ. އަދި ވަށަމިނުގައި 0.8-0.5 މައިކްރޯމީޓަރު ހުރެއެވެ. 200 އަށްވުރެ ގިނަ ސީރޯޓައިޕް ތައް ހޯދިފައިވީ ނަމަވެސް އެންމެ އާންމުކޮށް ކޮލެރާ ޖެހެނީ  ވިބްރިއޯ ކޮލެރާ އޯ1 ސްޓްރެއިން (V.Cholerae O1) އަދި ވިބްރިއޯ ކޮލެރާ އޯ139 ސްޓްރެއިން (V.Cholerae O139)  ގެ ސަބަބުންނެވެ. އަދި މިހާރު އެންމެ ގިނައިން ކޮލެރާ ފެތުރެނީ ީ  ވިބްރިއޯ ކޮލެރާ އޯ1(V.Cholerae O1) ގެ ބަޔޯޓައިޕް "އެލްޓޯރ"(El Tor) އިންނެވެ. އެލްޓޯރ ބެހިފައިވާ ސަބް ސީރޯޓައިޕް ތަކަކީ "އިނާބާ"(Inaba)، "އޮގާވާ"(Ogawa) ،އަދި "ހިކޮޖީމާ"(Hikojima) އެވެ.

އިންސާނާގެ ހަށިގަނޑުގައި ކޮލެރާގެ ޖަރާސީމު
އިންސާނެއްގެ ހަށިގަނޑަށް ކޮލެރާގެ ޖަރާސީމު ވަނުމަށްފަހު އެއްވެސް އަލާމާތެއް ނުފެނި ހުރެދާނެ އެވެ. ނަމަވެސް އެފަދަ މީހުންގެ ބޮޑުކަމުނަޖިހާއެކު ޖަރާސީމު ދޫކުރަމުން ގެންދާނެއެވެ. ބަލިޖެހިފައިވާމީހާގެ ބޮޑުކަމު ނަޖިހާއި ކާބޯތަކެއްޗާއި ފެން ތަޣައްޔަރުވެ ދިއުމަކީ ވަރަށް ގާތް ކަމެކެވެ. ކޮލެރާ ފެތުރެން ދިމާވާ އެންމެ އާންމު މަޞްދަރު ތަކަކީ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނާއި، ކާބޯތަކެއްޗެވެ. އެގޮތުން މޫދުކާނާ، ރޯމޭވާ ތަރުކާރީ އަދި ގޮވާން ހިމެނެއެވެ.

·         ވަޅުފެން : ކޮލެރާގެ ޖަރާސީމު ވަޅުފެނުގެ ތެރޭގައި ދިގުމުއްދަތަކަށް ދެމިހުރެއެވެ. ބައެއް ފަހަރު ކޮލެރާގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ވަޅަކީ ބޮޑު އައުޓްބްރޭކެއްގެ މަޞްދަރަށް ވެދާނެ އެވެ. ތޮށްޖެހިފައިވާ އާބާދީ ތަކުގައި ސާފުތާހިރުކަން ކުޑަ ތަންތަނުގައި އުޅުމަކީ ކޮލެރާ ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.
·         މޫދުކާނާ : ނުކައްކައި ހުރި ނުވަތަ ރޯ މޫދުކާނާ ޚާއްޞަކޮށް ޝެލްފިޝް ބޭނުންކުރުމަކީ ބައެއް ފަހަރު ކޮލެރާ ޖެހިދާނެ ކަމެކެވެ. މިގޮތަށް ޖެހޭނީ އެކެއި މޫދުކާނާ އަކީ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކޯރަކުން ނުވަތަ މޫދުން ނަގާފައިވާ އެއްޗަކަށް ވާނަމަ އެވެ. އެމެރިކާގައި މެކްސިކޯ ކަނޑުއޮޅިން ހިފާ މޫދުކާނާ ބޭނުންކުރުމުން ބައެއް މީހުންނަށް ކޮލެރާ ޖެހޭކަން އެނގިފައި ވެއެވެ.
·         ރޯމޭވާ ތަރުކާރީ : ކޮލެރާ އާންމު ހިސާބުތަކުގައި ތޮށި ނުމަށައި ހުރި ރޯމޭވާ އާއި ތަރުކާރީ އަކީ ކޮލެރާ ފެތުރުމުގެ މަޞްދަރަކަށް އޮންނަނީ ވެފައެވެ. ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ގަސްތަކަށް ފެންދިނުމަށް ނަޖިސް އެކުލެވޭ ފެން ބޭނުންކުރުމުގެ ސަބަބުން ރޯމޭވާ އާއި ތަރުކާރީ ކޮލެރާގެ ޖަރާސީމާއި ތަޣައްޔަރުވެ، އޭގެ ސަބަބުން ކޮލެރާ ފެތުރޭކާން ފާހަގަ ކުރެވެއެވެ.
·         ގޮވާން : މިފަދަ ތަކެއްޗާއި ކޮލެރާގެ ޖަރާސީމު ތަޣައްޔަރުވެގެން ވެސް ކޮލެރާ ފެތުރެއެވެ.

ފެތުރޭގޮތް
ކޮލެރާ ފެތުރެނީ:
·         ކޮލެރާ ޖައްސާ ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައިވާ ކާނާ ބޭނުންކުރުމުން އަދި ފެންބުއިން
·         ކޮލެރާ ޖައްސާ ބެކްޓީރިޔާ ތަޣައްޔަރުވެފައިވަނިކޮށް އަނގަޔަށް އަތްލުން
·         ކޮލެރާ ފެތުރުމުގައި މެހިފަދަ ދިރޭތަކެތި މުހިއްމު ދައުރެއް އަދާކުރެއެވެ.

ނޯޓް : ބަލިޖެހިފައިވާ މީހާ އާއި ގައިގޯޅިވެ އުޅުމަކުން ކޮލެރާއެއް ނުޖެހޭނެ އެވެ.

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ކޮލެރާ ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 5 މުއްދަތެއް ނަގައެވެ. އެވްރެޖް ގޮތެއްގައި މިމުއްދަތު އުޅެނީ 3-1 ދުވަހާއި ދެމެދުގެ މުއްދަތެއްގައެވެ.

އަލާމާތްތައް
ކޮލެރާ ޖެހުމުން ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނި ވެސް ހިގައިދާނެ އެވެ. އަލާމާތްތައް ނުފެންނަ މީހުންގެ ހަށިގަނޑުން ވެސް ޖަރާސީމު ވަނުމަށްފަހު 10-7 ދުވަހާއި ދެމެދުގެ މުއްދަތަކަށް އެމީހުންގެ ބޮޑުކަމު ނަޖިހާއެކު ކޮލެރާގެ ޖަރާސީމު ބޭރުކުރަމުން ގެންދާނެ އެވެ. ކޮލެރާގެ ޚާއްޞަ އަލާމާތްތައް ކުރިމަތިވަނީ ބަލިޖެހޭ މީހުންގެ ތެރެއިން ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށެވެ. އާންމުކޮށް ކޮލެރާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، ވަރަށް ދިޔާކޮށް ފެންކޮށް ބޭރަށް ހިންގުން، ހުންއައުން، ބަނޑުގެ މަސްތައް އަކުނިވަޔަށް ދަމައި ބަނޑަށް އުދަނގޫވުން، ވަރަށް އަވަހަށް ހަށިގަނޑުން ފެންހުސްވުން (ފެންހުސްވުމުގެ ނިޝާންތައް ފެނުން) ޝޮކުޖެހުން، އަކުނިވަޔަށް ދެމުން، ކުޑަކަމުދާތަކެތީގެ މިންވަރު މަދުވުން، އެއްގޮތަކަށްވެސް ކުޑަކަމު ނުދެވުން، ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ފަހަރު ކުޑަކުދިންނަށް ކޮލެރާ ޖެހުމުން، ހުންއައުން، ފިޓުޖެހުން، އަދި ނިދިބުރަވުމާއެކު ކޯމާއަށް ދާގޮތް ވެއެވެ.

ބޭރަށްހިންގުން : ބޭރަށްހިންގުން ފެށިގެން އަންނަނީ ވަރަށް ކުއްލިއަކަށެވެ. އަދި އެހާމެ އަވަހަށް ހަށިގަނޑުން ފެން ހުސްކޮށް ލައެވެ. ބޭރަށްހިންގާއިރު ބޭރުވާ ނަޖިސް ހުންނާނީ ދިޔާކޮށް، ފެންކޮށް މަޑު ކިރު ކުލައަކަށެވެ. އެންމެ ވައްތަރުވާނީ ހަނޑޫ ދޮވެފައި ހުންނަ ފެންގަނޑާ އެވެ. މިގޮތަށް ހުންނަނީ މީގައި ހިމެނޭ ދަވަ، އަދި ހަނޑޫފުކުގެ އެތިކޮޅެއްގެ ސައިޒަށް ހުންނަ ގޮހޮރުގެ ބަތާނަ ފަށުގައި ހުންނަ ސެލްތައް މީގައި އެކުލެވޭތީ އެވެ. އާދަޔާ ޚިލާފަށް ދިޔާކޮށް ފެންކޮށް ބޭރަށްހިންގަނީ ކޮލެރާ ޖައްސާ ޖަރާސީމުން ދޫކުރާ ވިހަ (CTX / Enterotoxin)އެއް ސަބަބުން ގޮހޮރުގެ ތެރެއަށް ހަށިގަނޑުން ފެންދޫކުރުން އިތުރުވެގެންދާތީ އެވެ. މިގޮތަށް ފެންދޫކުރުން އިތުރުވަނީ މިވިހަ ގޮހޮރުގެ ފާރުގައި ތަތްލުމަށްފަހު، ގޮހޮރުގެ ތެރޭގައި ސޯޑިއަމް އާއި ކްލޮރައިޑްގެ ދައުރުވުމަށް ބުރޫއަރުވާތީ އެވެ. ކޮލެރާއާއި ގުޅިގެން ބޭރަށްހިންގުން ޖެހުމުން އެވްރެޖް މީހެއްގެ ހަށިގަނޑުން 24 ގަޑިއިރުގެ ތެރޭގައި 18-10 ލިޓަރާއި ދެމެދުގެ މިންވަރަކަށް ބޭރަށްހިންގުމާއެކު ފެންބޭރުވެގެން ދެއެވެ.

މޭނުބައިކުރުމާއެކު ހޮނޑުލެވުން : ކޮލެރާ ޖެހޭތާ ކުރީކޮޅާއި ފަހުކޮޅު ވެސް މޭނުބައިކުރުމާއި ހޮނޑުލެވުން ކުރިމަތި ކުރުވައެވެ. ބައެއް ފަހަރު ހޮނޑުލެވުން ދެތިން ގަޑިއިރަށް ދެމިގެން ހިގައިދާނެ އެވެ. ބަލީގެ ކުރީކޮޅު ހޮނޑުލެވުން ކުރިމަތިވަނީ މައިދާއާއި ހިމަ ގޮހޮރުގެ ހަރަކާތް ދަށްވުމުގެ ސަބަބުންނެވެ. ބަލީގެ ފަހުކޮޅު ހޮނޑުލެވުން ކުރިމަތިވަނީ ލޭގައި އެސިޑް ހުރުމުގެ ސަބަބުންނެވެ.

ފެންހުސްވުން (Dehydration): ކޮލެރާގެ އުދަނގޫތައް ފެށޭތާ ދެތިން ގަޑިއިރުގެ ތެރޭގައި ހަށިގަނޑުން ފެންހުސްވުމަކީ ވެދާނެ ގޮތެކެވެ. ފެންހުސްވެފައިވާ މިންގަނޑު ކަނޑައަޅަނީ ބޭރުވެފައިވާ ފެނުގެ މިންވަރުގެ މައްޗަށެވެ. ފެންމަދުވުން ކުރިމަތިވަނީ އާދަޔާ ޚިލާފަށް ހޮނޑުލެވި ބޭރަށްހިންގުމުންނެވެ.   ބޭރަށްހިންގުން ޖެހި އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ ހަށިގަނޑުން ފެން މަދުވުމަކީ ވަރަށް ގާތް ކަމެކެވެ.

(ހ) - ހަށިގަނޑުން ފެންމަދު ވުމުން ބޮޑެތިމީހުންގެ ފުށުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި:- ވަރަށް ބޮޑަށް ކަރުހިއްކުން، ކުޑަކަމު ފާހާނާކުރަންޖެހޭލެއް މަދުވުން،ނުވަތަ ކުޑަކަމުދެވޭލެން މަދުވުން، ހަންގަނޑު ހިކި،ދޫވެ، ނިކަމެތިވުން، އަނގަޔާއި ދޫ ހިކިފައި ހުރުން، ލޯވަޅުވަނުން، ވަރުބަލިކަން އިހްސާސްވުން، ބޯއެނބުރުން، ކުޑަކަމުދާތަކެތީގެ ކުލަ ގަދަކޮށް ހުރުން، އަވަސް އަވަހަށް ފުންކޮށް ނޭވާލުން، ވިންދު ބަލިވުން / ލަސްލަހުން ވިންދު ޖެހުން، ލޭދަށްވުން / ލޭގެ ޕްރެޝަރު ދަށްވުން، ވާނުވާ ނޭގުން ، އަދި ޝޮކުޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.
(ށ) - ފެންމަދުވުމުން ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:- ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން، ރޯވަގުތުގައި ކަރުނަ ނެތުން، ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން، ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން، ސިކުނޑިވަޅު ހިނދި އަޑިއަށްދިއުން، ހުން ވަރަށް ގަދަކޮށް ހުރުން، އުނދަގޫތަކެއްވާތީ އުޅުން، ހަންގަނޑު ހިކިވެ،ދޫވެ، ނިކަމެތިވުން ބަރުދަން ލުއިވުން، ފަދަ ކަންތައްތައް ހިމެނެއެވެ.
ހަށިގަނޑުގައި ހުރި ލޮނުގެ ބައިގެ ހަމަގެއްލުން (Electrolyte imbalance): މިގޮތަށް ދިމާވާނީ އާދަޔާ ޚިލާފަށް ގިނައިން ހޮނޑުލައި ބޭރަށް ހިންގުމުގެ ސަބަބުން ހަށިގަނޑުގައިވާ ލޮނުގެ ބައި އުނިވެގެންދާތީ އެވެ. ލޮނުގެ ބައިގެ ހަމަހަމަކަން ގެއްލުމުން އަކުނިވަޔަށް ދެމުން، އަދި ޝޮކުޖެހުން މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. އަކުނިވަޔަށް ދަމަނީ ހަށިގަނޑުގެ ލޮނުގެ ގޮތުގައި ބެލެވޭ ސޯޑިއަމް، ޕޮޓޭސިއަމް އަދި ކްލޮރައިޑްގެ މިންވަރު ބީވެ އުނިވެގެން ދިއުމުންނެވެ. ޝޮކުޖެހުމަކީ ފެނާއި ލޮނުގެ ބައި މަދުވުމުން ދިމާވާ އެންމެ ނުރައްކާތެރި އެއްކަމެވެ.
ނުރައްކާތައް
ކޮލެރާ އަކީ ވަރަށް އަވަހަށް ފުރާނައަށް ނުރައްކާކޮށްދާނެ ބައްޔެކެވެ. ނުރައްކާތެރި ހާލަތްތަކުގައި ހަށިގަނޑުން ފެނާއި ލޮނުގެ ބައި ހުސްވުމުގެ ސަބަބުން 3-2 ގަޑިއިރުގެ ތެރޭގައި ކޮލެރާ ޖެހިގެން މަރުވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް މަދު ހާލަތްތަކުގައި ފަރުވާ ނުކޮށްފިނަމަ، ކޮލެރާގެ އަލާމާތްތައް ފެންނަތާ 18 ގައިރުން ފެށިގެން – ދެތިންދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހަށިގަނޑުން ފެންހުސްވެ، ޝޮކުޖެހިގެން މަރުވެދާނެ އެވެ. ހަށިގަނޑުން ފެންހުސްވުން އަދި ޝޮކުޖެހުމަކީ އެންމެ ނުރައްކާތެރި ހާލަތްތަކުގައި ދިމާވާ ފުރާނަޔަށް ގެއްލުންހުރި ކަންކަމަށް ވިޔަސް އެހެން ބައެއް ނުރައްކާތައް ކޮލެރާއާއި ވިދިގެން ކުރިމަތި ކުރުވައެވެ. އޭގެ ތެރޭގައި:-
·         ލޭގައި ހަކުރުގެ މިންވަރު ދަށްވުން (Hypoglycaemia): ކޮލެރާގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރަށް ލޭގައި ހަކުރުގެ މިންވަރު ދަށްވެގެން ދެއެވެ. މިގޮތަށް ދިމާވާނީ ކޮލެރާގެ ސަބަބުން ކެއުމަށް ނުކުޅެދޭ މިންވަރަށް މީހާ ބަލިވެއްޖެނަމަ އެވެ. ކުޑަކުދިންނަށް މިިކަން ދިމާވުމުގެ ފުރުޞަތު ބޮޑެވެ. ލޭގައި ހަކުރުގެ މިންވަރު ދަށްވެއްޖެނަމަ ފިޓުޖެހުން، ހޭނެތުން، އަދި މަރުވުން ފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.
·         ލޭގައި ޕޮޓޭސިއަމް ދަށްވުން (Hypokalemia): ކޮލެރާ ޖެހިފައިވާ މީހުން އާދަޔާ ޚިލާފަށް ބޭރަށްހިންގުމުގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދެއްގެ މައުދަންތައް ނުވަތަ ލޮނު މަދުވެގެން ދެއެވެ. އެގޮތުން ޕޮޓޭސިއަމް ވެސް ބޮޑުކަމުދާ ތަކެއްޗާއެކު އާދަޔާ ޚިލާފަށް ގިނައިން ބޭރުވެގެން ދެއެވެ. ޕޮޓޭސިއަމް މާބޮޑަށް ދަށްވެ މަދުވުމަކީ ހިތާއި ނާރުތަކުގެ މަސައްކަތަށް ބުރޫއަރައި ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.
·         ގުރުދާ ފޭލްވުން (Renal failure): ކޮލެރާ ޖެހުމުގެ ސަބަބުން ބައެއް ފަހަރު ގުރުދާ އިން ކުރާ ފުރޭނުމުގެ މަސައްކަތަށް ހުރަސް އަޅައެވެ. ނަތީޖާއެއްގެ ގޮތުން ފެނާއި،މައުދަންގެ ބައެއް ބާވަތްތައް، އަދި ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތައް ބޭރުވެ ހަށިގަނޑުގައި ޖަމާވާގޮތް ވެއެވެ. މިއީ ޝޮކުޖެހި ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.
ދެނެގަތުން
ކޮލެރާ ދެނެގަތުން ބަރޯސާވަނީ ބަލިމީހާދޭ މަޢުލޫމާތާއި، ކުރިމަތިވެފައިވާ އުދަނގޫތައް، އަދި ޑޮކްޓަރުން ބަލިމީހާގެ ހަށިގަނޑު ބަލައި ހޯދާ ހޯދުންތަކުން ފެންނަ ކަންކަމުގެ މައްޗަށެވެ. ބޮޑުކަމުނަޖިހުގައި ނުވަތަ ލޭގައި ޖަރާސީމު ހުރިތޯ ވެސް ބެލެއެވެ. ކޮލެރާ އަވަހަށް ދެނެގަންނަ "ރެޕިޑް ކޮލެރާ ޑިޕްސްޓިކް ޓެސްޓް"(Rapid cholera dipstick test) މިހާރުވަނީ ތަޢާރަފްކުރެވި، ބޭނުންކުރަން ފަށާފައެވެ.

ފަރުވާ
ކޮލެރާ އަކީ ވަރަށް އަވަހަށް ފުރާނައަށް ނުރައްކާވާ ބައްޔަކަށްވުމުން ކޮލެރާ އެހާމެ އަވަހަށް ފަރުވާދެވޭން ޖެހެއެވެ.
މަދުވެފައިވާ ފެނުގެ ބައި ފޯރުކޮށްދިނުން : ކޮލެރާ އަށް ފަރުވާ ކުރުމުގައި ކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ ހަށިގަނޑުން ފެންބޭރުވިޔަނުދީ ހިފެހެއްޓުމެވެ. ނުވަތަ ހަށިގަނޑުން ބީވެގެންދިޔަ ފެނާއި ލޮނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދައި ދިނުމެވެ. އެގޮތުން އެންމެ އާންމުކޮށް ދެވެނީ ލޮނު ފެނެވެ. ބައެއް ހާލަތުގައި އައިވީ ގުޅައިގެން އައިވީގެ ގޮތުގައި ހަށިގަނޑަށް ފެން ފޯރުކޮށްދޭން ޖެހެއެވެ. ލޮނު ފެން ތައްޔާރުކުރަންވާނީ ކެއްކިފެނުގައެވެ. ނުވަތަ ފުޅީގައި ބަންދުކޮށްފައިވާ ފެނުގައެވެ.

އެންޓިބަޔޮޓިކް : ކޮލެރާގެ ފަރުވާގައި އެންޓިބަޔޮޓިކް ކޮންމެހެން ބޭނުމެއް ނުވާނެ އެވެ. ނަމަވެސް އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ބަލި އަވަހަށް ފަސޭވެ، ބަލީގެ ނުރައްކާތެރިކަން ކުޑަކޮށްދީ، ބަލީގައި ހޭދަވާ މުއްދަތު ކުރުވާނެ ކަމެކެވެ. ބައެއް ފަހަރު ޑޮކްސީސައިކްލިން ނުވަތަ އެޒިތްރޯމައިސިން ގެ އެންމެ ޑޯޒަކުން ވެސް ފުދިދާނެ އެވެ.

ތައްޔާރީ ލޮނު ޕެކެޓް
ތައްޔާރުކޮށްފައި ހުންނަ ލޮނު ޕެކެޓް ފިރާތަކުން ލިބެން ހުރެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި ޔުނިސެފުން ތައްޔާރުކޮށްފައި ހުންނަ ލޮނު ޕެކެޓް ގައި ހިމެނޭ މާއްދާތަކާއި އޭގެ މިންވަރު ތިރީގައި މިވަނީ އެވެ.
މާއްދާ
ލިޓަރެއްގައި ހިމެނޭ މިންވަރު
ސޯޑިއަމް ކްލޮރައިޑް
3.5 ގްރާމް (75 މިއްލިއީކްއަލަންޓް ސޯޑިއަމް)
ސޯޑިއަމް ބައިކާބޮނޭޓް
2.5 ގްރާމް (30 މިއްލިއީކްއަލަންޓް ބައިކާބޮނޭޓް)
ޕޮޓޭސިއަމް ކްލޮރައިޑް
1.5 ގްރާމް (20 މިއްލިއީކްއަލަންޓް ޕޮޓޭސިއަމް)
ގުލްކޯޒް
20 ގްރާމް (%2 ކާބޯހައިޑްރޭޓް)

ރައްކާތެރިވުން
(ހ) – ތިމާ ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަމަށް ރަައްކާތެރިވުން
·         ސާފު ބޯފެން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން
o       ވަޅަށް މަސްލުން
o       ވަޅަށް ކްލޮރިން އެޅުން
o       މިނެރަލް ވޯޓަރ ބޭނުންކުރުން
o       ކައްކައިގެން ބޯފެން ބޭނުންކުރުން
o       ގަސްތަކަށް ފެންދިނުމަށް ނަޖިސް ފެން ބޭނުންނުކުރުން
·         ރަގަޅު ނަރުދަމާގެ ނިޒާމެއް ގާއިމުކުރުން
o       ފަސްމައްޗަށް ބޮޑުކަމުނުދިއުން
o       މީހުން ގޮސް އުޅޭ ހިސާބު އައްސޭރިފަށަށް ބޮޑުކަމުނުދިއުން
·         ރަގަޅު ގޮތުގައި ކުނި ނައްތާލުން
o       ގޯތިތެރެއާއި މަގުމައްޗަށް ކުނިވާ ޒާތުގެ ކާތަކެތި ނޭޅުން
o       ކުނިވާ ޒާތުގެ ކާތަކެތި ވަކި އުޞޫލަކުން ނައްތާލުން
·         ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުން
o       ކާބޯތަކެތި ހާމައަށް ނުބެހެއްޓުން
o       ގިނައިރުވެފައި ކާބޯތަކެތި ބޭނުން ނުކުރުން
o       މޭވާ ތަރުކާރީ ފަދަ ތަކެތި ރަގަޅަށް ދޮވެގެން ކެއުން
o       ރޯމަސް ފަދަ ތަކެތި ރަގަޅަށް ރޯފިލަންދެން ކެއްކުން
·         މެހި، ހޯނު، ކުރަފި ފަދަ ދިރޭތަކެތިން ކާބޯތަކެތި ރައްކާތެރިކުރުން
o       ބަދިގޭ، ކާގެ ފަދަ ތަންތަނުގެ މޭޒުމައްޗާއި ބިންމައްޗަށް ކާތަކެތި އަޅާފައި ނުބެހެއްޓުން
o       ކާތަކެތި ރަގަޅަށް މަތިޖަހާ ނިވާކޮށްފައި ބެހެއްޓުން
·         އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުން
o       ކެއުމުގެ ކުރިން ރަގަޅަށް އަތްދޮވުން
o       ކާތަކެތި އުފުލުމުގެ ކުރިން އަތްދޮވުން
o       ކުޑަ ދަރިފުޅަށް ކާތަކެތި ތައްޔާރުކުރުމުގެ ކުރިން އަތްދޮވުން
o       ފާޚާނާކޮށް ނިމިގެން އަތްދޮވުން

(ށ) – ބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ދިނުން : ކޮލެރާ އިން ރައްކާތެރިވުމަށް މިހާރު ތަފާތު ދެވެކްސިނެއް ބޭނުން ކުރެވެއެވެ. ބައެއް ގައުމުތަކުގައި މިފަދަ ވެކްސިންތައް އަންނަނިވި ފަރާތްތަކަށް ދީއުޅެއެވެ.
·         ހައްޖު މޫސުމުގައި ހައްޖުވެރިން
·         ބަލި އާންމު ހިސާބުތަކަށް ދަތުރުކުރާ ފަތުރުވެރިން
·         ބަލިޖެހުމުގެ ފުރުޞަތު އޮތް ފަރާތްތައް ( ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މީހުން)
·         އައުޓްބްރޭކެއްގެ ސިފައިގައި ކޮލެރާ ފެތުރެމުންދާ ދުވަސްވަރު

(ނ) – ރައްކާތެރިވުމުގެ ގޮތުން އެންޓިބަޔޮޓިކް ނެގުން އެގޮތުން:-
·         ޓެޓްރަސައިކްލިން :ބޮޑެތި މީހުންނަށް ދުވާލަކު 1 ގްރާމް / ކުޑަކުދިންނަށް ދުވާލަކު ކޮންމެ ކިލޯއަކަށް 50މގ މަގުން
·         ޑޮކްސީސައިކްލިން : ބޮޑެތި މީހުންނަށް ދުވާލަކު 200 މިލިގްރާމް / ކުޑަކުދިންނަށް ދުވާލަކު ކޮންމެ ކިލޯއަކަށް 5މގ މަގުން، އެންމެ ޑޯޒެއް

މައުލޫމާތު :-
·         އިންޓަނެޓުގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް




No comments:

Post a Comment