ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގުޅުންހުރި ކުށްހީތައް
(1)- ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އިޚްތިޔާރުކުރާ ކަމަކަށް ނުވަތަ
"ޗޮއިސް" އަކަށްވުން ނުވަތަ ޗޮއިސްކަމަށް ބުނުން
ދުންފަތުގެ އިސްތިޢުމާލުކުރާ ފުރަތަމަ ފަހަރު އެއީ އޭނާ
"ޚިޔާރުކުރިކަމަކަށް" ނުވަތަ "ހޮވުމެއް" ކަމަށް ބަލައިގެން
ދުންފަތުގެ އިސްތިއުމާލުކޮށްފާނެއެވެ. ނަމަވެސް ތަކުރާރުކޮށް ކުރުމުން އެއީ ޗޮއިސްއަކަށްނުވާނެ
އެވެ. ދުންފަތުގެ ދުމުގައި ހިމެނޭ ނިކޮޓީން އަށް ވަރަށް އަވަހަށް ދެވިހިފައެވެ. ނިކޮޓީން
އަކީ ސިކުނޑީގައިވާ ކެމިކަލްގެ ހަމަހަމަކަމަށް ބަދަލުގެނުވާ މާއްދާއެކެވެ. ނިކޮޓީން
އާއި ދުރުވުމަށް ބައެއް ފަހަރު ޑޮކްޓަރަކާއި ވާހަކަ ދައްކައިގެން ނިކޮޓީންގެ
ބަދަލުގައި ބޭނުންކުރާނެ ބޭހެއް ހޯދިދާނެ އެވެ. އެގޮތުން ނިކޮޓިން ޕެޗް، ސްޕްރޭ،
އިންހޭލަރ، އަދި ޗުއިންގަމް ފަދަ އެއްޗެއް ޚިޔާރު ކުރެވިދާނެ އެވެ. ބައެއް ފަހަރު
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އާދައަކަށްވި ނަމަވެސް، ދުންފަތުގެ
އިސްތިޢުމާލުކުރާ އަދި ދުންފަތް ބޭނުންކުރާ ގިނަމީހުން ތިބެނީ އެކަމަށް
ދެވިހިފާފައިކަން ފާހަގަ ކުރެވެއެވެ. ނިކޮޓީން އަށް ދެވިހިފުމަށްފަހު އެކަން(ދުންފަތުގެ
އިސްތިޢުމާލުކުރުން) ހުއްޓާލުމަކީ ވަރަށް އުދަނގޫކަމެކެވެ. ނަމަވެސް ތަކުރާރުކޮށް
މަސައްކަތްކުރުމުން ހުއްޓިދާނެ އެވެ. ވީމާ ދުންފަތުގެ އިސްތިއުމާލު ކުރަނީ އެއީ
އޭނާގެ ޗޮއިސްއަކަށްވާތީ އޭ ބުނުމަކީ އިންސާފެއް ނޫނެވެ.
(2)- ފިލްޓަރުގެ އެހީގައި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ
ރައްކާތެރިކަމެއްކަމަށް ދުށުން
ފިލްޓަރަކީ ދުންފަތުގެ ދުމުން ރައްކާތެރިކޮށްދޭ އެއްޗެއްނޫންކަން
ހަދާންކުރާށެވެ. އޭގެ ބަދަލުގައި ފިލްޓަރު ބޭނުންކުރުމުން އެތެރެވާ ދުމުގެ އެތިކޮޅުތައް
ސައިޒުން ކުޑަކޮށްލައެވެ. މިގޮތަށް ދުމުގެ އެތިކޮޅުތައް ސައިޒުން ކުޑަވުމުން
އޭގައި ހިމެނޭ ނިކޮޓީން ހަށިގަނޑަށް ނެގުމަށް ފަސޭހަވެއެވެ. މިކަމުގެ ސަބަބުން
ދެވިހިފުމަށް މަގުފަހިވެ، އަވަހަށް ނިކޮޓިން އަށް ދެވިހިފާ ގޮތް ވެއެވެ.
މިފަހަކަށް އައިސް ލައިޓް ސިގިރޭޓަކީ ގެއްލުންކުޑަ ސިގިރޭޓް ކަމަށް ބުނެ އުޅެއެވެ.
ނުވަތަ ބައެއް މީހުން އެގޮތަށް ގަބޫލުކުރެއެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ.
ލައިޓް ސިގިރޭޓް ގައި ނިކޮޓީން ތަންކޮޅެއް މަދެވެ. އާދައިގެ ސިގިރޭޓަކުން 1.2މިލިގްރާމް
ނިކޮޓީން ހަށިގަނޑަށް ވަންނައިރު، ލައިޓް ސިގިރޭޓުން ހަށިގަނޑަށް ވަންނަނީ 0.7މިލިގްރާމް
ނިކޮޓީން އެވެ. ވީމާ އެއްވެސް ބާވަތެއްގެ ސިގިރޭޓަކީ ޞިއްޙަތަށް ރައްކާތެރި
އެއްޗެއް ނޫންކަން ހަދާންކުރާށެވެ. އަދި
ފިލްޓަރު ފަދަ ތަކެތި ބޭނުންކުރިޔަސް ދުންފަތުން ރައްކާތެރިކޮށް ނުދޭކަން
ވިސްނަންވާނެ އެވެ.
(3)- ބައެއް މީހުން ދެކޭގޮތުގައި ދޭތެރެއަކުން ސިގިރޭޓެއް ބޯލުމަކީ
(ދުންފަތުގެ އިސްތިއުމާލުކުރުމަކީ) މައްސަލައެއް ނޫން
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދޭތެރެ ދޭތެރެއިން ނުވަތަ ހާލަކުން
ފަހަރަކު ދުންފަތުގެ އިސްތިއުމާލު ކޮށްލުމަކީ މައްސަލަ އެއް ނޫނެވެ. އަދި އެއީ
ޞިއްޙީ ނުރައްކަލެއް ދިމާވާނެ ކަމެއް ނޫނެވެ. ނަމަވެސް މިއީ މުޅިން ރަގަޅު
ގަބޫލުކުރުމެއް ނޫނެވެ. ނުވަތަ މިއީ ކުށްހީ އެކެވެ. ދުންފަތުގެ
އިސްތިޢުމާލުކުރުމުން ބަލިޖެހެނީ ހަމައެކަނި ދިގުމުއްދަތަކަށް ދުންފަތުގެ އިސްތިޢުމާލުކުރާ
މީހާއަކަށް ނޫންކަން ހަދާންކުރަން ޖެހެއެވެ. 2010 ވަނަ އަހަރުގެ އެމެރިކާގެ ސާޖަން
ޖެނެރަލް ރިޕޯޓް ބުނާގޮތުގައި ދުންފަތުގެ ދުށް އިންސާނާގެ ހަށިގަނޑަށް ނޭވާލުމުގެ
ނިޒާމުން އެތެރެވުމާއެކު ހަށިގަނޑަށް ގެއްލުންދޭންފަށައެވެ. އަދި ދުންފަތުގެދުމަކީ(ނުބޯމީހަކަށްވެސް)ކުއްލިއަކަށްހިތްހުއްޓުމަށް(ހާރޓްއެޓޭކްޖެހުމަށް)
މަގުފަހިކުރާއެއްޗެކެވެ.ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ ފަހަރަކު ފުއްޕާމޭ،
ލޭހޮޅިތައް، ހަށިގަނޑުގެ އެކި ސެލްތަކަށް ގެއްލުންވެއެވެ. އަދި ހަފްތާއެއްގެ
ތެރޭގައި އެންމެދެތިން ސިގިރޭޓް ބުއިމަކީ (ދުންފަތުގެ އިސްތިޢުމާލުކުރުމަކީ)ވެސް
ހާރޓް އެޓޭކް ޖެހިދާނެ ކަމެކެވެ. ވީމާ ދޭތެރެއަކުން ދުންފަތުގެ
އިސްތިޢުމާލުކުރުމަކީ ރަގަޅުކަމެކޭ ބުނެ ކުރާ ދަޢުވާ އަކީ އެއްވެސް ކަހަލަ
ހަގީގަތެއް އޮތް ކަމެއް ނޫނެވެ.
(4)- ބައެއް މީހުން ދެކޭގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރާތާ އެތައް
ދުވަހެއް ވުމަށްފަހު ހުއްޓާލުމަކީ ބޭނުންހުރި ކަމެއް ނޫން. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދުންފަތުގެ
އިސްތިޢުމާލުކުރާތާ އެތައް ދުވަހެއް ނުވަތަ އަހަރުތަކެއް ވުމަށްފަހު ދުންފަތުގެ
އިސްތިޢުމާލުކުރުން ހުއްޓާލުމަކީ ބޭނުންހުރި ނުވަތަ ފައިދާހުރި ކަމެއް ނޫނެވެ.
އެފަދަ މީހުން ސަބަބަކަށް ބުނަނީ އެއީ ގިނަ ދުވަހު ބުއިމުން ހަށިގަނޑަށް ވާނެ
ހުރިހާ ގެއްލުމެއް ވެނިމިފައިވާ ކަމަށް ބުނުމެވެ. ނަމަވެސް މިއީ ވަރަށް ބޮޑު
އޮޅުމެކެވެ. ތެދެއްމެ!ދިގުމުއްދަތަކަށް ދުންފަތުގެ އިސްތިޢުމާލުކުރާ ވަރަކަށް ހަށިގަނޑަށްލިބޭ
ގެއްލުން ބޮޑުވާނެ އެވެ. ނަމަވެސް ކޮންމެ ޢުމުރެއްގައި ވިޔަސް ދުންފަތުގެ
އިސްތިޢުމާލުކުރުން ހުއްޓާލާއިރަށް ހަށިގަނޑުގެ ދުޅަހެޔޮކަން ރަގަޅުވާން ފަށާނެ
އެވެ. އަދި އޭގެ ފައިދާ ތައް ފެންނަން ފަށާނެއެވެ. ވީމާ އެތައް ދުވަހަކަށް ފަހު
ހުއްޓާލުމަކީ ބޭނުންހުރި ކަމެއް ނޫނޭ ބުނެ ދައްކާ އުޒުރަކީ ދުންފަތް ހުއްޓާލުމަށް
އޮތް ހުރަހަކަށް ވިޔަ ދީގެން ނުވާނެއެވެ.
(5)- ބައެއް މީހުން ދެކޭގޮތުގައި ދުންފަތުގެ ދުމަށް ހުށަހެޅުމުން
އެނުބޯމީހާ އަށް އުދަނގޫތަކެއްވިޔަސް ގެއްލުމެއް ނުވާނެ
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ނުސީދާކޮށް ދުންފަތުގެ އިސްތިޢުމާލު
ކުރުމަކީ ނުވަތަ ދުންފަތުގެ ދުމަށް ހުށަހެޅުމަކީ އެދުމަށް ހުށަހެޅޭ ފަރާތަށް
އުދަނގޫތަކެއް މެދުވެރިޔަސް އޭގެ ސަބަބުން ޞިއްޙީ ގެއްލުމެއް ލިބޭނޭ ކަމެއް
ނޫނެވެ. މިކަމަށް ޚުދު ދުންފަތް އުފައްދާ ކުންފުނިތަކުން ވެސް ދެކޮޅު ހަދައެވެ.
ނަމަވެސް މިއީ އެއްވެސް ވަރެއްގެ ހަގީގަތެއް އޮތް ކަމެއް ނޫނެވެ. ހަގީގަތަކީ
ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ވެސް އޭގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އެތައް
ގެއްލުމެއް ވާކަމެއް ކަމެވެ. އަހަރަކު 6 ލައްކަ މީހުން ދުންފަތުގެ ދުމަށް
ހުށަހެޅިގެން ޖެހޭ ބަލިތަކުގައި މަރުވާކަމަށް ތަފާތު ހިސާބުތައް ދައްކައެވެ. ދުންފަތުގެ
ދުމުގައި ހިމެނޭ ކެމިކަލްތައް ހަށިގަނޑަށް އެތެރެވުމަކީ ލޭގެ ހިނގުމަށް
ބަދަލުގެނުވާ ކަމެކެވެ. އެގޮތުން ލޭއޮލަކޮށްދީ ސިކުނޑިއާއި ހިތަށް ލޭފޮނުވައިދޭ
ލޭހޮޅިތަކުގެ ތެރޭގައި ގަނޑުލޭކޮޅު އުފެދި ލޭހޮޅި ބެދި ހާރޓް އެޓޭކް އަދި ސްޓްރޯކް
ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ
ވަށައިގެންތިބޭ އެންމެންނަށް ދުންފަތުގެ ދުން ވާޞިލްކުރުވާނެކަމެކެވެ. ކާރުގައި
ނުވަތަ ދުއްވާ ތަކެތީގައި ސިގިރޭޓް ބޯއިރު ބިއްލޫރިގަނޑު ތިރިކުރުމަކީ އެތެރޭގައި
ތިބޭ ދަތުރުވެރިން ދުންފަތުގެ ދުމުން ރައްކާތެރިކޮށްދޭނެ ކަމެއްނޫންކަން
ހަދާންކުރަން ޖެހެއެވެ. ވީމާ ދުންފަތުގެ ދުން އެއްވެސް މިންވަރަކަށް ހަށިގަނޑަށް
އެތެރެވުމަކީ ރައްކާތެރިކަމެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. ތުއްތު ދަރިފުޅުގެ
ހަށިގަނޑުގައި ކަންފަތުގެ އިންފެކްޝަން، ނިއުމޯނިޔާ ފަދަ ފުއްޕާމޭގެ އިންފެކްޝަން
އަށަގަތުގެ ފުރުޞަތު ދުންފަތުގެ ދުމަށް ހުށަހެޅުމުން އިތުރުވެގެން ދެއެވެ.
(6)- ބައެއް މީހުން ދެކޭގޮތުގައި ކުޑަ ދަރިފުޅުގެ ހަށިގަނޑަށް
ދުންފަތުގެދުމުގެ ކުޑަމިންވަރެއް ދިއުމަކީ ނުރައްކާތެރި ކަމެއްނޫން!
ބައެއް މީހުން ދެކޭ ގޮތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ދުންފަތުގެ
ދުމުގެ ޒައްރެއްގެ މިންވަރު ވާޞިލްވުމަކީ ނުރައްކާތެރި ކަމެއްނޫނެވެ. ނަމަވެސް
މިއީކީ ވެސް ހަގީގަތެއް ނޫނެވެ. ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ކިތައްމެ ކުޑަ
މިންވަރެއް ވަނަސް އެކަމުގެ އުދަނގޫ އެކުއްޖެއްގެ ފުށުން ފެންނާނެ އެވެ. ވީމާ ކުޑަކުދިން
އުޅޭ ހިސާބުގައި ދުންފަތުގެ އިސްތިޢުމާލުނުކުރުމާއި، އެހެން މީހުން ދުންފަތުގެ
އިސްތިޢުމާލު ކުޑަކުދިން އުޅޭ ހިސާބުގައި ނުކުރުމަށް ބާރުއެޅުމަކީ މުހިއްމު
ކަމެކެވެ. ދުންފަތުގެދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނިއުމޯނިޔާ،ވައިނޮޅީގެ
ކަފި ދުޅަވުން، ކަންފަތުގައި ޖަރާސީމު އެޅުން ކުރިމަތިވެއެވެ. ކުޑަ ދޮރު
ހުޅުވައިގެން ގޭގައި ދުންފަތުގެ އިސްތިޢުމާލު ކުރި ނަމަވެސް ގޭތެރޭގައި ކޮންމެވެސް
މިންވަރަކަށް ދުންހުރެއެވެ. މިވިހަ ދުންތައް ތުއްތު ދަރިފުޅުގެ ހަށިގަނޑަށް
އެތެރެވުމުގެ ފުރުޞަތު އޮވެއެވެ. އެހެން ކަމުން ތުއްތު ކުދިން ދުންފަތުގެ ދުމުން ރައްކާތެރިކުރުމަށް
އެންމެ ރަގަޅު ގޮތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމެވެ. އަދި ތުއްތު
ކުދިން އުޅޭ ގޭގައި އުޅޭ މީހުން ވެސް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމެވެ.
އަދި މިކަމުން ސަލާމަތްވުމަށް ދުންފަތުން ރައްކާތެރި ވެއްޓެއް ތުއްތު ކުދިންނަށް
ގާއިމްކޮށްދިނުމަކީ މުހިއްމު ކަމެކެވެ.
No comments:
Post a Comment