މުހިއްމު ސަފުހާތައް

Wednesday, June 6, 2012

ސިފިލިސް


ސިފިލިސް
ސިފިލިސް(Syphilis) އަކީ ޖަރާސީމަކުން ޖެހޭ، ޖިންސީގުޅުމުން ފެތުރޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ސިފިލިސް އަކީ ފަރުވާކުޑަކޮށްލައިފިނަމަ އޭގެ ސަބަބުން ނާރުތަކާއި ސިކުނޑިއަށް އަސަރުކޮށް، ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާނެ ނުރައްކާތެރި ބައްޔެކެވެ. ސިފިލިސް ގެ އަލާމާތްތަކީ ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކުގައި ފެންނަ އަލާމާތްތަކާއި ވަރަށް އެއްގޮތް އަލާމާތްތަކެކެވެ. އާންމު ގޮތެއްގައި ނިސްބަތުން ފިރިހެނުންނަށް ސިފިލިސް ޖެހޭ މިންވަރު އިތުރެވެ. އަދި ސިފިލިސްގެ ހަރަކާތްތެރި ވައްތަރު އުމުރުން 39-15 އަހަރާއި ދެމެދުގެ މީހުންނަށް ކުރިމަތިވާ ނިސްބަތް އިތުރެވެ.

ސަބަބު
ސިފިލިސް ޖެހެނީ ސްޕައިރަކީޓް(Spirochaete) ގެ ވައްތަރެއްކަމަށްވާ ''ޓްރެޕޮނީމާ ޕެލީޑަމް''(Traponnema pallidum) ކިޔާ ކުޑަކުޑަ ޖަރާސީމެއްގެ ސަބަބުންނެވެ. ސިފިލިސް އޭ ކިޔަނީ މިކުޑަކުޑަ ޖަރާސީމްގެ ސަބަބުން ހަށިގަނޑު ގައި އިންފެކްޝަން އަށަގަތުމަށެވެ.

ސިިފިލިސް ޖައްސާ ޖަރާސީމް ހަށިގަނޑަށް ވަންނަގޮތް
ސިިފިލިސް ޖައްސާ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ސަލާމަތުން ހުރި ހަންގަނޑު އަދި ހަށިގަނޑުގައިވާ ތެތް ދުލިފަށްތައް ހުރަސްކޮށެވެ. އެގޮތުން ޖަރާސީމު ހަށިގަނޑަށް ވަންނަނީ ކަރުތެރެ، ނޭފަތް، ފުރަގަސްފަރާތް، އަދި ފަރުޖުގައި ހުންނަ ތެތް ދުލިފަށަލަތައް ހުރަސްކޮށެވެ. ހަށިގަނޑަށް މިޖަރާސީމް ވަނުމާއެކު ލިމްފް ހޮޅިތަކަށް ވަދެ އިތުރުވެގެން ދެއެވެ. އެއަށްފަހު ލިމްފް ގޮށްތަކަށް ވާޞިލްވެ، ލޭގެ އާރުގެ ތެރެއަށް އެންމެ ފަހުން ވާޞިލް ވެއެވެ. މިޖަރާސީމް ހަށިގަނޑަށް ވަތް ހިސާބުގައި ފުރަތަމަ ފާރުކޮޅެއް އުފެދުމުގެ ކުރިން ލޭގެ ޒަރީއާއިން މުޅި ހަށިގަނޑުގައި މި ޖަރާސީމް ދައުރުވެ ފެތުރިގެން ދެއެވެ.

ސިފިލިސް ޖެހޭގޮތް
·         ބަލިޖެހިފައިވާ މީހަކާއެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުން
·         ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭއެޅުން
·         ނޭގުމެއްގެ ތެރޭގައި ވިޔަސް،އޮޅިގެން ވިޔަސް ބަލި ޖައްސާ ޖަރާސީމް ހުރި ފާރުކޮޅެއްގައި ނުވަތަ ދިޔައެއްގައި ބީހުން
·         ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ކުޑަ ދަރިފުޅަށް ސިފިލިސް ޖެހުން ( އުފެދުމުގައި ސިފިލިސް ޖެހިފައިވުން )

ސިފިލިސް ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް
·         ރައްކާތެރި ނޫންގޮތުގައި ދީނުގެ ހަމަތަކުން ބޭރުވެ ޖިންސީގުޅުން ހިންގުން
·         އެކަކަށްވުރެ ގިނަ މީހުންނާއެކު ޖިންސީގުޅުން ހިންގުން
·         ސިފިލިސް ޖެހިފައިވާ މީހަކާއެކު ޖިންސީގުޅުން ހިންގުން
·         ބައިވަރު މީހުންނާއެކު ޖިންސީގުޅުން ހިންގާ މީހަކާއެކު ޖިންސީގުޅުންހިންގުން
·         ހަށިވިއްކުން
·         އޭޑްސް ޖެހިފައިވުން

ސިފިލިސް ގެ އަލާމާތްތަކާއި، ވައްތަރުތައް
ސިފިލިސްގެ އަލާމާތްތައް ބައެއް ފަހަރު ނުފެނިފައި އަނެއް ބައި ފަހަރު ފެނިގެން ހިގައިދާނެ އެވެ. އެގޮތުން ސިފިލިސް ހިމޭންކަންމަތީ ހުންނައިރު ބަލިމީހާއަށް އޭގެ އަލާމާތްތައް ނުފެނި ހިގައިދާނެ އެވެ. އަދި ބަލި ހަރަކާތްތެރިވެ ހީވާގިވާން ފެށުމުން ބަލިމީހާގެ ފުށުން އަލާމާތްތައް ފެންނަމުންދާނެ އެވެ. ސިފިލިސް ޖެހި އަލާމާތްތައް ނުފެނުނު ނަމަވެސް އެދުވަސްވަރު ވެސް ބަލިމީހާގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދާނެ އެވެ. ސިފިލިސްގެ ދެވައްތަރެއްވެއެވެ. އެއީ އަމިއްލަ އަށް ކުރާކަމަކުން ސިފިލިސް ޖެހުން ނުވަތަ އަމިއްލައަށް ލިބިގަންނަ ސިފިލިސް އާއި، އަދި އުފެދުމުގައި މައިމީހާގެ ފަރާތުން ކުޑަ ދަރިފުޅަށް ސިފިލިސް ޖެހިފައިވުމެވެ.

އަމިއްލައަށް ލިބިގަންނަ ސިފިލިސް
އަމިއްލައަށް ލިބިގަންނަ ސިފިލިސް(Acquired syphilis) އަކީ ތިމާ އަމިއްލައަށް ކުރާ ކަމަކުން ސިފިލިސް ޖެހުމެވެ. ނުވަތަ މިއީ ބަޔާންކުރެވުނު ގޮތްތަކުގެ ތެރެއިން ފުރަތަމަ ތިން ގޮތުން ކުރެ ގޮތަކުން ސިފިލިސް ޖެހުމެވެ. މިވައްތަރު ހަތަރު މަރުޙަލާ އަކަށް ބަހާލެވިފައި ވެއެވެ.

ފުރަތަމަ މަރުޙަލާ
މިމަރުޙަލާގައި ތަދު އިހްސާސްނުވާ، ވަށްކޮށް ހުންނަ ރަތްކުލައިގެ ފާރުކޮޅުތަކެއް ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ބައިތަކުގައި (ފަރުޖު، އަންހެނާގެ ޖިންސީ ގުނަވަން، ރަހިމުގެ ދޮރު، ފިރިހެނާގެ ޖިންސީ ގުނަވަން ނުވަތަ ޒަކަރު) އުފެދެއެވެ. ބައެއް ފަހަރު ފުރަގަސް ފަރާތް، އިގިލިތައް، ވަށްގަނޑު، ދޫ، ތުންފަތް، އަދި ކަރުތެރޭގައި ވެސް މިފަދަ ފާރުކޮޅެއް އުފެދިދާނެއެވެ. މިފާރުކޮޅު ތަކަށް ކިޔަނީ ''ޝެންކަރ''(Chancre) އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން ކުރިން ބުނި ޖަރާސީމް ހަށިގަނޑަށް ވަންނަތާ 6-2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް އާންމުވާން ފަށައެވެ. އާންމު ގޮތެއްގައި 8-2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް ލަކުނު އުފެދުމާއެކު ރަގަޅުވެގެން ދެއެވެ. މީގެ އިތުރުން މިމަރުހަލާގައި އުކުޅުވަޅު، އަދި ކަރުފަދަ ތަންތާގައި ގޮށްލުން ކުރިމަތި ކުރުވައެވެ. ދެތިން ހަފްތާގެ ފަހުން ނުވަތަ ދެމަސްވަރު ފަހުން (ބައެއް ފަހަރު ޝެންކަރ އުފެދޭތާ 10-4 ހަފްތާގެ މުއްދަތު ހޭދަވާ ފަހުން) ދެވަނަ މަރުޙަލާގެ ޢަލާމާތްތައް ފެންނަށް ފަށައެވެ. މި ދުވަސްވަރު ވިސްނަންޖެހޭ ކަމަކީ ޝެންކަރ އާއި ގުޅިގެން އުފެދުނު ފާރުކޮޅު ރަގަޅުވުމަކީ ބަލި ރަގަޅުވުން ނޫންކަމެވެ. އަދި ބަލީގެ ދެވަނަ މަރުހަލާ އޭގެ ފަހުން ފެށިގެންދާ ކަމެވެ.

ދެވަނަ މަރުޙަލާ
ދެވަނަ މަރުހަލާގެ އަލާމާތްތައް ފެންނަށް ފަށަނީ ކުރީ މަރުހަލާގައި ޝެންކަރ އުފެދެން ފަށާތާ ގާތްގަނޑަކަށް 10-4 ހަފްތާއާއި ދެމެދުގެ މުއްދަތެއް ހޭދަވާ ފަހުންނެވެ. މިމަރުހަލާގައި ހުންއައުން، ބޮލުގައި ރިހުން، ހިތް ނުތަނަވަސްވުން،ކަރުތެރެ ހަލާކުވުން، ކާހިތްނުވުން،ގޮށްލުން، ހުޅުތަކުގައި ރިހުން އަދި ގައިގައި ރިހުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. އަތްތިލަ އަދި ފައިތިލައިގައި މަޑު ރަތްކުލައަކަށް ފޮޅުތަކެއްގެ ސިފަޔަށް ހުންނަ އެކިވަރުވަރުގެ ބިހިތަކެއް ނަގައެެވެ. ބައެއް ފަހަރު މުޅި ހަށިގަނޑުގައި ވެސް މިބިތައް ނެގުމަކީ ވެދާނެ ގޮތެކެވެ. ހަމަ މިހެން ތެތް ހަން އެކުލެވޭ ހިސާބުތަކުގައި މިސާލަކަށް ފަރުޖު، ކިހިލި ފަތްދޮށް، އަދި އުރަމަތީގެ ދަށްފުށް(އުރަމަތީގެ ތިރިން ހަންގަނޑާއި ބީހިފައި ހުންނަބައި)، ގައި ވެސް ''ކޮންޑައިލޯމާ ލޭޓަމް''(Chondylom latum) އޭ ކިޔާ ބިހި ނުވަތަ ފޮޅުތަކެއް ފާޅުވެއެވެ.

އަތްތިލައާއި ފައިތިލައިގެ ހުދު ހަންގަނޑު ފޮޅޭގޮތް ވެއެވެ. ހަންގަނޑު ހުދުވުން، އަދި ބޮލުގެ ވަކި ހިސާބަކުން ފަތްފޭބުން، ނުވަތަ ތަލަވުން ކުރިމަތި ކުރުވައެވެ. ތެތް ދުލިން އުފެދިފައިވާ ޕެޗްތަކެއް ފާޅުވެއެވެ. ހަންގަނޑުގެ ސަތަޙައަށްވުރެ މައްޗަށް އުފުލިފައި ވަށް ނުވަތަ ކުކުޅު ބިސް ބުރުގެ ބައްޓަމަށް ހުންނަ މިޕެޗްތައް ހުދު ނުވަތަ އަޅިކުލައިގެ ފަށަލައަކުން ނިވާކުރެވިފައިވާއިރު ވަށައިގެން ރަތްކުލައިގެ ރޮގެއް ނުވަތަ ބޯޑަރެއް ލެވިފައިވެއެވެ.

ބައެއް ފަހަރު މިބުނި ޕެޗްތައް ފެޅި ފާރުކޮޅަކަށް ބަދަލުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިބުނި ޕެޗްތަކާއި ފާރުކޮޅުތައް އުފެދެނީ އަނގަ، ނޭފަތް ،އަދި ޖިންސީ ގުނަވަން އެކުލެވޭ ހިސާބުގައިވާ ތެތް ދުލިފަށްތަކުގައެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ލިމްފް ގޮށްތައް ދުޅަވުމަކީ ނުވަތަ ގޮށްލުމަކީ ވެދާނެ ގޮތެކެވެ. ފުރަމޭ ދުޅަވުން، ސިކުނޑި ދުޅަވުން، ގުރުދާ ދުޅަވުން، އަދި އަޑު ކުރަކިވުން ، ފަދަ ކަންކަމަކީ ވެސް މިމަރުހަލާގައި ކުރިމަތިވެދާނެ ކަންކަމެވެ. ހަމަ މިހެން ހުންކޮށި ބޮޑުވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ހިމޭން މަރުޙަލާ
މިމުއްދަތުގައި އެއްވެސް ޢަލާމާތެއް ނުފެނި ހުރެއެވެ. ކުރިން ފެނިދިޔަ އަލާމާތްތައް ފިލައި ދިއުމަށް ފަހުވެސް ބަލި ޖައްސާ ޖަރާސީމް ހަށިގަނޑުގައި ހިމޭންވެފައި ނުވަތަ ހަރަކާތެއް ނެތް އެއްޗެއްގެ ގޮތުގައި ދެމިތިބެއެވެ. މިމުއްދަތުގައި ވެސް އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދާނެ އެވެ. މިމަރުހަލާގައި ކުރުވެގެން އަހަރެއްވަރު ހޭދަވާއިރު ދިގުވެގެން ގޮސް 20-5 އަހަރާއި ދެމެދުގެ މުއްދަތަކަށް ދިގުދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިމަރުހަލާ ހޭދަކުރާ އަންހެނަކަށް ބަލިޖެހިފައިވާކަން ގިނަ ފަހަރު އެނގެނީ ވެސް ބަލިޖެހިފައިވާ ތުއްތު ދަރިފުޅަކު އުފަންވުމުންނެވެ.

ފަހު މަރުޙަލާ
މިއީ ބަލީގެ ޢަލާމާތްތައް ފިލައި ނެތިދިއުމަށްފަހު އަހަރުތަކެއް ފަހުން ބަލީގެ ޢަލާމާތްތައް އަނެއްކާވެސް ފެންނަށް ފެށުމެވެ. މިކަން ދިމާވަނީ ކުރިން ބުނި ހިމޭންކަންމަތީ ދެމިތިބި ޖަރާސީމްތައް އަލުން އާރޯކަމާއެކު ހަރަކާތްތެރިވާން ފެށުމުންނެވެ. 10-2 އަހަރާއި ދެމެދުގެ މުއްދަތަކަށް ދެމިގެންދާ މިމަރުޙަލާ ދެވައްތަރަކަށް ބެހިގެން ވެއެވެ.

(ހ) - ޑިފިއޫޒް ސިފިލިޓިކް އިންފްލެމޭޝަން (Diffuse syphilitic inflammation): މިއީ ދެވަނަ ވައްތަރު ''ގަމާ''އަށްވުރެ ޢާންމުކޮށް ކުރިމަތިވާ ވައްތަރެކެވެ. މިވައްތަރުގައި ''ކޭސިއޭޝަން''(Caeseation) އުފެދޭ މިންވަރު މަދުވެފައި ލަސްވެސް ވެއެވެ. މިވައްތަރު ކުރިމަތިވަނީ އަޑުފޮށި، އުރަވަޅި، ކަށިތައް، އަދި ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ތަކަށެވެ.

(ށ) - ގަމާ (Gumma): މިއީ ވަކިތަންތާގައި ސިފިލިސް އާ ގުޅިގެން ގްރެނިއުލޭޝަން ޓިޝޫ އުފެދުމަށްފަހު ލަސްލަހުން އެތާގައި ''ކޭސިއޭޝަން''(Caeseation) އުފެދުމާއެކު، ޓިޝޫ ނުވަތަ ސެލްތައް މަރުވުމާއެކު ފާރުގަނޑެއްގެ ސިފަޔަށް ބޮޑުވުމެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ވެސް ''ގަމާ''(Gumma) އުފެދުމަކީ ވެދާނެ ގޮތެކެވެ. އެންމެ ޢާންމުކޮށް އުފެދެނީ ފުރަމޭ، ސިކުނޑީގެ ވަށައިގެންވާ ދުލިފަށްތައް، ކަށިތައް، ދޫ ، އުރަވަޅި، ހިތް، އަދި ފުއްޕާމޭ ގައެވެ.

ނޯޓް: ކޭސިއޭޝަން (Caseation): މިއީ ސެލްތައް މަރުވުމުގެ ސަބަބުން ޗީޒް ގަނޑެއް ފަދަ އެއްޗަކަށް އެހިސާބުގެ ޓިޝޫތައް ބަދަލުވުމެވެ. މިބަސް ނެގިފައިވަނީ ''ކޭސީން''(Casein) އިންނެވެ. ކޭސީން އަކީ ކިރު،ޗީޒް، ޔޯގަޓް ފަދަ ތަކެތީގައި ހިމެނޭ މައިގަނޑު ޕްރޮޓީން އެވެ.

ސިފިލިސްގެ އަސަރު ހަށިގަނޑުގެ ބައިތަކަށް ފޯރުން   
ސިފިލިސްގެ އަމިއްލަ އަށް ލިބިގަންނަ ވައްތަރުގެ ފަހު މަރުޙަލާގައި ސިފިލިސްގެ އަސަރު މުޅި ހަށިގަނޑުގެ ތަފާތު ބައިތަކަށް ފޯރައެވެ. މިގޮތުން ހަށިގަނޑުގެ ބައެއް ބައިތަކަށް ސިފިލިސްގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) - ހިތާއި ލޭހޮޅިތަކުގެ ނިޒާމް : ސިފިލިސްގެ ސަބަބުން ހިތުގެ އެއްބައި އަނެއްބަޔާއި ވަކިކޮށްދޭ ހުރަސް ނުވަތަ ފާރު ގައި ''ގަމާ'' އުފެދުމަކީ ވަރަށް ޢާންމު ކަމެކެވެ. އަދި ހިތުގެ ބޭރުން ލެވިފައިވާ ދުލިފަށަލަ، އަދި ހިތުގެ އެތެރޭގައިވާ މަސް ފަށަލަ ދުޅަވުން ފަދަ ކަންތައް މެދުވެރިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަދި ހަށިގަނޑުގެ ކޮންމެ ހިސާބެއްގައިވާ ލޭހޮޅިއެއް ވެސް ސިފިލިސްގެ ސަބަބުން ހަލާކުވުމަކީ ވަރަށް ގާތްކަމެކެވެ.

ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ މައި ލޭހޮޅި ހަލާކުވުމަކީ ވެސް ދިމާވާ ގޮތެކެވެ. މިކަން ކުރިމަތިވަނީ ސިފިލިސްގެ އަސަރު ފުރަތަމަ ފެންނަތާ 20-5 އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ސިފިލިސްގެ ސަބަބުން އެންމެ އާންމުކޮށް އަސަރު ފޯރަނީ މިބުނި ލޭހޮޅީގެ މޭމަތި ހިމެނޭ ހިސާބުގައިވާ ބަޔަށެވެ.

(ށ) - ސިކުނޑިއާއި ނާރުތަކުގެ ނިޒާމް : މިބަޔަށް ސިފިލިސްގެ އަސަރު ފޯރަނީ އެންމެ ފުރަތަމަ ސިފިލިސްގެ އަސަރު ފެންނަތާ 10 އަހަރު ފަހުން ސިފިލިސް ޖެހޭމީހުންގެ އެންމެ 2 އިންސައްތަ މީހުންނަށެވެ. ސިކުނޑިއާއި، ސްޕައިނަލް ކޯޑަށް ލޭފޮނުވައިދޭ ލޭހޮޅިތައް ދުޅަވުން، އަދި ސިކުނޑިއާއި ސްޕައިނަލް ކޯޑް ވަށައިގެން ލެވިފައިވާ ދުލިފަށްތައް ދުޅަވެ، އެއިން ކުރިފަޅައި ނިކުމެފައިވާ ނާރުތަކަށް ފިތުމުގެ ސަބަބުން ބައެއް ފަހަރު އައްސިވުމާއި ވާގިނެތުން ކުރިމަތި ކުރުވައެވެ.

ޓޭބީޒް ޑޯސަލިސް  (Tabes dorsalis): މިއީ ސިފިލިސްގެ ސަބަބުން ސްޕައިނަލް ކޯޑްގެ ފަހަތު ކޮލަމްގެ ނާރު ފައިބަރުތައް، އަދި އެހިސާބުން ނިކުމެފައިވާ ނާރުގެ ބުޑުތައް، އަދި ކްރެނިއަލް ނާރުތައް ހަލާކުވުމެވެ. ޚާއްޞަކޮށް ކަރާއި އުނަގަނޑު ހިމެނޭ ހިސާބުގެ ސްޕައިނަލް ކޯޑްގެ ފަހަތު ކޮލަމް، އަދި އެހިސާބުން ނިކުމެފައިވާ ނާރުގެ ބުޑުތަކުގައި ނާރު އުފެދިފައި ހުންނައިރު ވަށައިގެން ލެވިފައި ހުންނަ ފަށަލަMyelin))ނެތިގޮސް އެބައިތައް ބައިބައިވާގޮތް ވެއެވެ. މިހެންވުމުން އެހިސާބުގައި ''އެސްޓްރަސައިޓް''(Astrocyte) އޭކިޔޭ ސެލްތައް ގިނަ ޢަދަދަކަށް ޖަމާވާގޮތް ވެއެވެ.

ވާވުން، ވާގިނެތުން، ބާރު ދެރަވުން (paralysis): މިއީ ސިކުނޑީގެ ބޭރަށް ފެންނަ ހުންނަ ބައި(Cortex) ސިފިލިސް ގެ ސަބަބުން ހަލާކުވުމުން މެދުވެރިވާ ކަމެކެވެ. ޚާއްޞަކޮށް ކުރިމަތި، އަދި ދެއަރިމަތީގައިވާ ސިކުނޑީގެ ލޯބްތަކުގެ ޓިޝޫތައް މަރުވެ، އެބައިތަކަށް ލޭހިލުން، އަދި އެސްޓްރަސައިޓްތައް ގިނަ އަދަދަކަށް އެހިސާބުގައި ޖަމާވާގޮތް ވެއެވެ. ސިކުނޑީގެ ބޭރަށް ފެންނަން ހުންނަ ބައިގައިވާ އޮޅުންތައް ނުވަތަ އޮޅި އުފުލިފައި ހުންނަތަންތަން(Gyrus) ފަތިވެ، އަދި އެއޮޅުންތަކުގެ މެދުގައިވާ ހުސްތަން ނުވަތަ އަޑިގަނޑުތައް(Sulcus) ފުޅާވާގޮތް ވެއެވެ.

(ނ) - ނޭވާލުމުގެ ނިޒާމް : ސިފިލިސްގެ ސަބަބުން އަޑުފޮށީގައި ''ގަމާ'' ނުވަތަ ''ސިފިލިޓިކް އިންފްލެމޭޝަން'' ވެސް އުފެދިދާނެއެވެ. އޭގެ ސަބަބުން އަޑުފޮށީގައި ފައިބަރަސް ޓިޝޫ އުފެދި، އަޑު ފޮށި ހަނިވެ، ބެދޭގޮތް ވެއެވެ. ވައިނޮޅި އަދި ވައިނޮޅީގެ ކަފީގައި ވެސް ކުރިން ބުނި ދެކަންތައް މެދުވެރިވެ، އެދެތަންވެސް ހަނިވުމަކީ ވެދާނެ ގޮތެކެވެ. ފުއްޕާމެޔަށް ވެސް ބަޔާންކުރެވުނު އުސޫލުން ސިފިލިސްގެ އަސަރު ފޯރައެވެ.

(ރ) - ހަޖަމުކުރުމުގެ ނިޒާމް : ދުލުގައި ފައިބަރަސް ޓިޝޫ އުފެދޭލެން ގިނަވެ، ދުލުގައި ހުދު ޕެޗެއް ނުވަތަ ފަށަލައެއް ލައެވެ. ދުލުގެ ދަށްފަށުގައި ''ގަމާ'' އުފެދުމުން ގޮށްގަނޑެއް ފަދަ އެއްޗެއް އުފެދެއެވެ. މިބުނި ގޮށްގަނޑު ފަހުން ފެޅި ފާރުކޮޅަކަށް ވުމަކީ ވެސް ވެދާނެ ގޮތެކެވެ. ދުލުގައި ސިފިލިސް އާއި ގުޅިގެން އުފެދޭ މިބުނި ދެކަމަކީ ވެސް ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު އޮތް ދެކަންތަކެވެ. ފުރަމޭގައި ވެސް އެކެއް ނުވަތަ ބައިވަރު ''ގަމާ''ތައް ސިފިލިސްގެ ސަބަބުން އުފެދޭގޮތް ވުމަކީ ގާތް ކަމެކެވެ.

(ބ) - އުރަވަޅި : ވަރަށް މަދުން ދިމާވާ މިޙާލަތުގައި އުރަވަޅި އާއި އޮށް ބޮޑުވެ، ރިއްސާގޮތް ވެއެވެ. އަދި އޮށުގެ އިހްސާސް ގެއްލިގެންދާގޮތް ވެއެވެ. ''ގަމާ'' ޢާންމުކޮށް އުފެދެނީ އުރަވަޅީގެ ކުރިމަތި ފަރާތުގައެވެ.

(ޅ) - ކަށިތައް : އެންމެ ކަށިގަނޑަކަށް ނުވަތަ އެއަށްވުރެ ގިނަ ކަށިތަކަށް އެއްފަހަރާ ވެސް ސިިފިލިސްގެ އަސަރު ފޯރައިފާނެއެވެ. އެންމެ އާންމުކޮށް އަސަރު ފޯރަނީ ބޮލުގެ ނާށިގަނޑު، މޭމަތީގެ ކަށިތައް ކުރިމަތިން ގުޅިފައިވާ ފަތި ކަށިގަނޑު، ފައިގެ ކަކުލު ހުޅާއި ތަބިކައްޓާއި ދެމެދުގައިވާ ކަށިމަތި ކަށިގަނޑު، ކުޑަކަޅުވާ ކަށިގަނޑު، ފައިގެ މާކަޅުވާ ކަށިގަނޑު، އަދި އަތުގެ މުލައްދަނޑީގެ ކަށިގަނޑަށެވެ.

ކަށިތަކުގެ ބޭރު ފަށަލަ ދުޅަވުން، ކަށިތަކުގައި އިންފްލެމޭޝަން އުފެދި ހަލާކުވުން ކުރިމަތި ކުރުވައެވެ. ކަށިތައް އޭގެ ސައިޒުން ބޯވެއެވެ. މިއީ ކަށީގެ އާ ޓިޝޫތައް އުފެދޭތީ ވާގޮތެކެވެ. ސިފިލިސްގެ އަސަރު ބޮޑަށް ފޯރަނީ ކަށިގަނޑުގެ ދެކޮޅުގައިވާ ބަޔަށްވުރެ ބޮޑަށް ކަށިގަނޑުގެ މެދުގައިވާ ބައި(Diaphysis) އަށެވެ.

ކަށިތަކުގައި ''ގަމާ'' އުފެދެނީ ވަރަށް މަދުންނެވެ. އެންމެ އާންމުކޮށް އުފެދެނީ ބޮލުގެ ނާށިގަނޑު އަދި މޭމަތީގެ ކަށިތައް ގުޅިފައިވާ ފަތިކަށިގަނޑު ގައެވެ. ގަމާ އުފެދި ކަށިގަނޑުގެ ސަތަޙަ ހަލާކުވުމުން ހުންނަނީ އެއްޗެއް ''ފަނިކައިފައި'' ހުންނަ ސިފަޔަށެވެ. ނޭފަތުގެ ދެހިނދުރި ވަކިކުރާބައިގައި ގަމާ އުފެދުމުން ނޭފަތުގެ ބްރިޖް އަޑިއަށް ގޮސް ''އަސްދާނު ގޮނޑި''އެއްގެ ސިފަޔަށް(Saddle nose) ނޭފަތުގެ ބައްޓަން ބަދަލުވެއެވެ.

(ކ) - ހުޅުތައް : ވަރަށް މަދުން ނޫނީ ދިމާނުވާ މިހާލަތުގައި އެންމެ އާންމުކޮށް އަސަރު ފޯރަނީ ކަކުލު ހުޅާއި ކޮނޑު ހުޅަށެވެ. ހުޅުތައް ދުޅަވެ، ރިއްސައި، ހުޅުތަކުގެ ތެރެއަށް ފެން ފޭދުން(Hydroarthrosis) ކުރިމަތި ކުރުވައެވެ.

އުފެދުމުގައި ޖެހިފައިހުރި ސިފިލިސް
އުފެދުމުގައި ސިފިލިސް ޖެހުން(Congenital sysphilis) އަކީ މައިމީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް ސިފިލިސް ޖެހުމެވެ. ނުވަތަ މިއީ ސިފިލިސް ޖެހިފައިވާ މީހަކު ބަލިވެ އިނުމުން ބަނޑުގައިވާ ދަރިފުޅަށް ސިފިލިސްގެ އަސަރު ކުރުމެވެ. ނުވަތަ ސިފިލިސް ޖެހުމެވެ. ފަރުވާ ނުކޮށް ހުރިނަމަ ސިފިލިސް ޖެހޭތާ ފުރަތަމަ ދެއަހަރުގެ ތެރޭގައި މައިމީހާގެ ކިބައިން ކުޑަ ދަރިފުޅަށް ސިފިލިސް ޖެހިދާނެއެވެ. މިގޮތުން ސިފިލިސް ޖެހެނީ ފުރަތަމަ ހަތަރު މަސް ފާއިތުވާ ފަހުންނެވެ. އެއީ ބަނޑުގައި އުފެދިފައިވާ މަހުގައިވާ ''ލެންގހެންސް ސެލް ފަށަލަ''(Langhans cell layer) ފޮރުވިދާ ފަހުންނެވެ. ބައިގެން ދިއުމަކީ މިހާލަތުގައި ވަރަށް ޢާންމު ކަމެކެވެ. ސިފިލިސް ޖެހިފައި ވަނިކޮށް އުފަންވި ނަމަވެސް މަރުވުމަކީ ވަރަށް ގާތް ކަމެކެވެ. ސަލާމަތްވާ ކުދީންނަށް އުމުރުގެ ކުރީކޮޅު ނުވަތަ އުމުރުގެ ފަހުކޮޅު ސިފިލިސްގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެންނަށް ފަށައެވެ.

(ހ) - އުމުރުގެ ކުރީކޮޅު ފެންނަ ޢަލާމާތްތައް
މިއަލާމާތްތައް ފެންނަނީ ވިހެއުމަށްފަހު ދުވަސް ކޮޅެއްގެ ތެރޭގައެވެ. ނުވަަތަ ފުރަތަމަ ދެއަހަރުގެ ތެރޭގައެވެ. ކުރީކޮޅު ފެންނަށް ޢަލާމާތްތައް ކުރިން ބަޔާންކުރެވުނު ދެވަނަ މަރުހަލާގެ ޢަލާމާތްތަކާ ވަރަށް އެއްގޮތެވެ. އެގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިހިނެގުން، އަތްތިލަ އަދި ފައިތިލައިގެ ހުދު ހަންގަނޑު ފޮޅޭގޮތްވުން، އަދި ތެތްހަން އެކުލެވޭ ހިސާބު ތަކުގައި ވެސް ބިހި ނަގައެވެ.

އަނގައިގެ ކަން އަދި ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ފެތުރެމުންދާ ލަކުނެއް އުފެދެއެވެ. މިއީ މިބުނި ހިސާބުތައް ފާރުވެ، ފެޅި ރަގަޅުވާއިރު، ފައިބަރަސް ޓިޝޫ އުފެދުމުން ދިމާވާ ކަމެކެވެ. މިބުނި އުސޫލުން ފެތުރެމުންދާ ލަކުނަށް ކިޔަނީ ''ރަގާދީޒް''(Rhagades) އެވެ.

އަނގަ، ދޫ ، ނޭފަތް، ކަރުތެރެ، އަޑުފޮށި، ފަދަ ގުނަވަންތަކުގެ ތެތް ދުލިފަށްތަކުގައި ޕެޗް އުފެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ނޭފަތުގެ ހިދުރި ބެދޭގޮތް ވެއެވެ. ނޭފަތް ކުރިން ބަޔާން ކުރިހެން އަސްދާނު ގޮނޑިއެއްގެ ސިފަޔަށް ބަދަލުވުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ.

ކަށި އަދި ހުޅުތަކާ އޭގެ ވަށައިގެންވާ މަޑު ކަށިތަކަށް ސިފިލިސްގެ އަސަރު ފޯރުމުން އަތްފައި ހަރަކާތް ކުރުމަށް އުދަގޫވެ، ކަށިތައް ބޮޑުވުން ލަސްވުން ކުރިމަތި ކުރުވައެވެ. މީގެ އިތުރުން އެތެރެ ހަށީގެ ވަރަށް ގިނަ ގުނަވަންތަކަށް ސިފިލިސްގެ އަސަރު ފޯރައި ގެއްލުންތަކާ ކުރިމަތި ކުރުވައެވެ.

(ށ) - އުމުރުގެ ފަހުކޮޅު ފެންނަ ޢަލާމާތްތައް
މިއަލާމާތްތައް ފެންނަނީ އުމުރުން 30-2 އަހަރާއި ދެމެދުގެ ދުވަސްވަރެއްގައެވެ. ފަހުކޮޅު ފެންނަ އަލާމާތްތައްކުރިން ބަޔާންކުރެވުނު 4 ވަނަ މަރުހަލާގެ ޢަލާމާތްތަކާ ވަރަށް އެއްގޮތެވެ. ބޮލުގެ ނާށިގަނޑު، ނޭފަތުގެ ދެހިނދުރި ވަކިކޮށްދޭ ބައި، އަދި ދިގުކަށިތައް ފަދަ ބައިތަކުގައި ''ގަމާ'' އުފެދޭގޮތް ވެއެވެ. ފައިގެ ތިރީގައި ކަކުލު ހުޅާއި ތަބިކައްޓާއި ދެމެދުގައިވާ ދެކަށިގަނޑުގެ ތެރެއިން ކަށިމަތި ކަށިގަނޑުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލައިގައި އިންފްލެމޭޝަން އުފެދި،އެކަށިގަނޑުގެ ކުރިމަތީބައިގައި އާޓިޝޫތައް ޖަމާވުމުން ''ކަނޑިއެއްގެ ސިފަޔަށް(Saber tibia) ޓިބިއާގެ ބައްޓަން ބަދަލުވެގެން ދެއެވެ.

ލޮލުގެ ކަޅުކަޅި އަދި ރެޓިނާ ފަދަ ބައިތަކަށް ސިފިލިސްގެ އަސަރު ފޯރުމުން ލޯއަދިރިވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ހުޅުތައް ފުފިބޮޑުވެ، އޭގެތެރެއަށް ދިޔާއެއްޗެއް ފަދަ އެއްޗެއް ފޭދުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ހީކެރުވުން، ގައިގައި ރިހުން، ގަދަ ފިންޏަށް ހުށަހެޅޭ ހިނދު ކުޑަކަމުދާ ތަކެތީގެ ކުލަ އަދިރިވުން ނުވަތަ ގަދަވުމަކީ ވެސް މިމަރުހަލާގައި ވެދާނެ ގޮތެކެވެ. އަޑުއެހުމަށް އެހީވެދޭ ނާރު ނުވަތަ ކަންފަތާއި ސިކުނޑި ގުޅުވައިދޭ ނާރަށް ސިފިލިސްގެ އަސަރު ފޯރައިފިނަމަ ބީރުވުން ކުރިމަތި ކުރުވައެވެ.

މަތީ މެދު ދެދަތްކުރުވެ، ފޭރާ ދަތް ހުންނަހެން އެދެދަތް ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގޮތަށް ހުރުމަށް ކިޔަނީ ''ހަޓްކިންސަން ދަތް''(Hutchinson’s teeth) އެވެ.

ސިފިލިސް ޖެހިފައިވާކަން ދެނެގަތުން
ސިފިލިސް ވެސް ދެނެގަނެވެނީ އެހެން ބަލިތަކެކޭ އެއްފަދައިން ބަލިމީހާ ދޭ މައުލޫމާތުތަކާއި، ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކާއި، ބަލިމީހާގެ ހަށިގަނޑު ބަލައި ހޯދުމުގެ ތެރޭގައި ފެންނަ ކަންތައްތަކުގެ އަލީގައެވެ.

ސިފިލިސް ފުރަތަމަ މަރުހަލާގެ ތެރޭގައި ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ޚާއްޞަކޮށް ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދު ތަކުގައި ރިހުން ނުހުންނަ ފާރުކޮޅެއް ހުރިތޯ ބަލާނެއެވެ. ބައެއް ފަހަރު މިފާރުކޮޅު ހުންނަ ހިސާބާއި ކައިރީގައިވާ ލިމްފް ގޮށްތައް ދުޅަވެ، ގޮށްލުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ފާރުކޮޅުން ނަމޫނާއެއް ނަގައިގެން މައިކްރޮސްކޯޕްގެ އެހީގައި ޖަރާސީމުގެ އަސަރެއް ހުރިތޯ ދެނެގަނެ ވެއެވެ.

ސިފިލިސްގެ ދެވަނަ މަރުހަލާގައި ހަށިގަނޑުން ބިހިނަގައި، ގޮށްލުން ކުރިމަތި ވެއެވެ. ހަށިގަނޑުގައި ނަގާ ބިހިތައް އިތުރުވެ، ފެތުރެމުންދޭތޯ ޑޮކްޓަރު އަހައި ސުވާލު ކުރާނެއެވެ. ވީމާ ޞައްޙަ ޖަވާބެއް ޑޮކްޓަރަށް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ. މިމަރުހަލާގައި ސިފިލިސް ދެނެގަތުމަށް ލޭގެ ތަފާތު 3 ޓެސްޓެއް ހެދިދާނެ އެވެ. އޭގެ ތެރޭގައި:-
·         ރެޕިޑް ޕްލާޒްމާ ރިއެޖިން(RPR)
·         ވިނީރިއަލް ޑިޒީސް ރިސާރޗް ލެބޯޓްރީ(VDRL)
·         ފްލޯރިސެންޓް ޓްރެޕޮނިމަލް އެބްސޯޕްޝަން(FTA) ނުވަތަ މައިކްރޯހިމްއެގުލިޓިނޭޝަން އެސޭ ފޮރ ޓީ ޕެލީޑަމް(MHA-TP)

ސިފިލިސްގެ ފަރުވާ
ސިފިލިސް އަށް ފަރުވާ ކުރެވެނީ އެންޓިބަޔޮޓިކް ބޭނުންކޮށްގެންނެވެ. ސިފިލިސް އަށް ފަރުވާކުރުމަށް ފުރަތަމަ މަރުހަލާ، ދެވަނަ މަރުހަލާ އަދި ހިމޭން މަރުހަލާގެ ކުރީކޮޅުގައި ޕެނިސިލިން އިންޖެކްޝަންގެ އެންމެ ޑޯޒެއް ދިނުމުން ވެސް ފުދެއެވެ. ޕެނިސިލިން އާއި ނުގުޅޭ މީހުންނަށް(މާބަނޑު ނޫން) 2 ހަފްތާގެ މުއްދަތަަށް ދޭން ޖެހިދާނެ އެވެ. އެގޮތުން ދެވިދާނެ އެންޓިބަޔޮޓިކް ތަކުގެ ތެރޭގައި ޑޮކްސީސައިކްލިން، އެރިތްރޯމައިސިން، ޓެޓްރަސައިކްލިން ހިމެނެއެވެ.

ސިފިލިސް އަށް ފަރުވާ ކުރުމަށް ހިމޭން މަރުހަލާގެ ފަހުކޮޅުގައި އަދި ފަހު މަރުހަލާގައި ޕެނިސިލިން 3 އިންޖެކްޝަން ޖަހަން ޖެހެއެވެ. އެގޮތުން ކޮންމެ އިންޖެކްޝަނެއް ޖެހުމާއި ދެމެދުގައި ހަފްތާއެއްގެ މުއްދަތު ދޫކޮށްލަން ޖެހެއެވެ. މިމަރުހަލާގައި ވެސް ޕެނިސިލިން އާއި ނުގުޅޭ މީހުންނަށް އެންޓިބަޔޮޓިކް ދޭން ޖެހެއެވެ.

ސިފިލިސްގެ އެންމެ ނުރައްކާތެރި ހިސާބަށް ވާޞިލްވެ ސިކުނޑިއާއި ނާރުތަކަށް ސިފިލިސް ފޯރުން(Neurosyphilis) ކުރިމަތިވެއްޖެނަމަ ކޮންމެ 4 ގަޑިއިރުން އިންޖެކްޝަންގެ ގޮތުގައި ޕެނިސިލިން 14-10 ދުވަހާއި ދެމެދުގެ މުއްދަތަކަށް ދޭން ޖެހިދާނެ އެވެ. މީގެ ބަދަލުގައި ދުވާލަކު 1 ފަހަރު އިންޖެކްޝަން ޕެނިސިލިން ޖެހުމަށްފަހު ދުވާލަކު 4 ފަހަރަށް ޕްރޯބެނިސިޑް 14-10 ދުވަހާއި ދެމެދުގެ މުއްދަތަށް ދެވިދާނެއެވެ.

މާބަނޑު އަންހެނުނަށް ސިފިލިސް ޖެހުމުން ޕެނިސިލިން ދެވިދާނެ އެވެ. ޕެނިސިލިން އާއި ނުގުޅުނު ނަމަވެސް އިންޖެކްޝަން ދެވިދާނެއެވެ. އަދި އެލާރޖީ ކުރިމަތިވުމުން އެކަމަށް ފަރުވާ ދެވިދާނެ އެވެ.

ޕެނިސިލިން ޖެހުމުން ކުރިމަތިވާ ރިއެކްޝަން
ޕެނިސިލިން އިންޖެކްޝަން ދިނުމަށްފަހު ޖެހިގެން އަންނަ ގާތްގަނޑަކަށް 12-2 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރިއެކްޝަން(Jarisch-Herxheimer reaction) ކުރިމަތި ވެއެވެ. މިއީ ހަށިގަނޑުގައި ހުރި ޖަރާސީމުތައް މަރުވުމުން ދިމާވާ ކަމެކެވެ. އަދި ކުރިންހުރި ބަލީގެ އަލާމާތްތައް އިތުރަށް ކޮންމެވެސް ވަރަކަށް ގޯސްވެގެން ދެއެވެ. އެގޮތުން މިރިއެކްޝަން އާއި ގުޅިގެން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހީކެރުވުން، މޭނުބައިކުރުން، އަދި ގައިގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި މިރިއެކްޝަންގެ އުދަނގޫ 24 ގަޑިއިރުގެ ތެރޭގައި ރަގަޅުވެގެން ދެއެވެ. ރިއެކްޝަން ކުރިމަތިވުމުން ތަދުކަނޑުވާ ބޭސް ބޭނުންކުރުން، އަރާމުކުރުން، އަދި ގިނައިން ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ.

ސިފިލިސް އިން ރައްކާތެރިވުން
ސިފިލިސް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·         އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o       އެއްޖިންސުން ގުޅުން ނުހިންގުން
o       ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o       ވަފާތެރި އެކަކު ޚިޔާރުކުރުން
o       ހަށިނުވިއްކުން
·         ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·         ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
·         ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
·         މާބަނޑު ދުވަސްވަރު ސިފިލިސް ހުރިތޯ ބަލައި ދެނެގަނެ ފަރުވާކުރުން
·         ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
·         ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން
·         ބަލިޖެހިފައިވާ މީހުންގެ ގައިން ލޭ ނޭޅުން

މަޢުލޫމާތު:
·         ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·         ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·         ކަވާސާ.ކޮމް
·         އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް


1 comment:

  1. އަޅުގަނޑަކީ އެފް އެޗް އެސް ގެ ސްޓޫޑެންޓެއް
    ވަރައް ހެލްޕްފުލް މި ބުލޮގް
    އައިމް ޑުއިން އަ ޕްރެސެންޓޭޝަން އޮން ދިވެހި

    ReplyDelete