މުހިއްމު ސަފުހާތައް

Tuesday, May 28, 2013

ދިފާޢީ ނިޒާމް

ދިފާޢީ ނިޒާމް
ދިފާޢީ ނިޒާމަ(Immune System)ކީ ހަށިގަނޑަށް ގެއްލުންދެނިވި އެކިއެކި ޖަރާސީމް ތަކާއި، މާއްދާތަކުން ދިފާއުކޮށްދީ، އެފަދަ ޖަރާސީމުތަކާ ދެކޮޅަށް ހަށިގަނޑުގައި ދިފާޢުވުމުގެ ގާބިލިއްޔަތު އުފައްދައިދޭ މަސައްކަތް ހިންގާ މައި މަރުކަޒެވެ. ތަފާތު ބަލިތަކުން ދުރުކޮށް ދުޅަހެޔޮކަންމަތީ އިންސާނާ ބަހައްޓައިދޭ މައި މަޞްދަރަކީ ދިފާޢީ ނިޒާމެވެ. ހަށިގަނޑަށް ގެއްލުންދޭ އެއްޗެއް ހަށިގަނޑަށް ވަނުމުން އެއަށް ހަމަލާ ނެތިކޮށްލައި ނައްތާލަނީ ވެސް ދިފާޢީ ނިޒާމުންނެވެ.
ދިފާޢީ ނިޒާމު އެކުލެވިގެންވަނީ ހަށިގަނޑު ރައްކާތެރިކަންމަތީ ދުޅަހެޔޮކަމާ އެކު ބެހެއްޓުމަށް ގުޅި ލާމެހިގެން މަސައްކަތްކުރާ އެކި ކަހަލަ ސެލްތަކާ، ޕްރޮޓީންތަކާ، ޓިޝޫތަކާ އަދި ގުނަވަންތައް ހިމެނޭ ވިއުގައެއްގެ މައްޗަށެވެ. އެގޮތުން ދިފާޢި ނިޒާމް ގައި ހިމެނޭ މުހިއްމު ބައިތަކުގެ ތެރޭގައި ތައިމަސް ގްލޭންޑް، ހުންކޮށި، ލިމްފް ގޮށްތައް، ކަށީގެ މަދު، ލޭގެ ހުދުސެލްތައް، އެންޓިބޮޑީތައް، އަދި ހޯރމޯންތައް ހިމެނެއެވެ.  


ތައިމަސް ގްލޭންޑަކީ ތިނަކަށިގަނޑުގެ ދަށުން މޭމަތީގައި އިންނަ ކުޑަކުޑަ ގްލޭންޑެކެވެ.  ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ޓީ-ލިމްފަސައިޓް ތައް ބޮޑުވެ ފުރިހަމަވަނީ މިގްލޭންޑުގެ ތެރޭގައެވެ. ކަށީގެ މަދަކީ ކަށީގެ އެތެރޭގައި ހުންނަ މާއްދާއެކެވެ. ލޭގެ ހުދުސެލްގެ ވައްތަރުތައް އުފައްދަނީ ކަށީގެ މަދުގަނޑުގެ ތެރޭގައެވެ. ލިމްފް ގޮށްތަކަކީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ވަކި ތަރުތީބަކުން އެތުރިފައި ހުންނަ ކުދި އޮށްތަކެއްގެ ބައްޓަމަށް ހުންނަ ގޮށްތަކެވެ. ތަފާތު އިންފެކްޝަންތަކާ ބަލިތަކާ ދެކޮޅަށް ހަށިގަނޑު ދިފާއު ކުރުމުގައި ބައިވެރިވާ ސެލްތައް އުފައްދައި، ރައްކާކުރުމުގައި ބައިވެރިވާ ގޮށްތަކެކެވެ.

ހުންކޮށްޓަކީ އިންސާނާގެ އެތެރެހަށީގައި ހިމެނޭ ގުނަވަންތަކުގެ ތެރެއިން ދިފާޢީ ނިޒާމުގައި ވެސް ޝާމިލްވާ މުހިއްމު ގުނަވަނެކެވެ. ބުނެވޭގޮތުގައި ހުންކޮށި ނެތުމަކީ ނުވަތަ ނުހުރުމަކީ ތަފާތު އިންފެކްޝަންތަކަށް އިންސާނާގެ ހަށިގަނޑު ހުށަހެޅުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ހަށިގަނޑު ބަލިތަކުން ދިފާއުކުރުމުގެ ގޮތުން ހުންކޮށިން އަދާކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި، ބަލިތަކުން ދިފާޢުވުމުގައި ބައިވެރިވޭ މެކްރަފޭޖް، ޕްލާޒްމާ ސެލް، ލިމްފަސައިޓް ފަދަ ސެލްތައް އުފެއްދުން، އަދި ލޭ ފުރާނައި ސާފުކޮށްދިނުން ހިމެނެއެވެ. ލޭފުރާނައި ސާފުކުރުމުގެ މަސައްކަތުގައި ލޭގެ ތެރޭގައި ދައުރުވާ ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމް ތަކާއި އެހެނިހެން ހަށިގަނޑަށް ގެއްލުންދެނިވި ތަކެތި، ހުންކޮށްޓަށް ދިއުމުން، ހުންކޮށީގެ ތެރޭގައި ހުންނަ ލޭގެ ހުދުސެލްތައް އެފަދަ ޖަރާސީމްތަކަށް ހަމަލާދީ މަރާ ނައްތާލާކަން ފާހަގަކުރެވެއެވެ.  

ދިފާޢި ނިޒާމުގައި ބައިވެރިވާ އެންމެ މުހިއްމު ސެލްތަކަކީ ލޭގެ ހުދު ސެލްތަކެވެ. އެގޮތުން މިނިޒާމްގައި ހިމެނޭ އެންމެ މުހިއްމު ދެ ސެލް އަކީ ފޭގޯސައިޓް، އަދި ލިމްފަސައިޓް އެވެ. ފޭގޯސައިޓް އަކީ ހަށިގަނޑަށް ވަންނަ ޖަރާސީމު ކައި ހަފާލުމުގައި ޒިންމާވާ ސެލް އެކެވެ. ލިމްފަސައިޓްގެ ބޭނުމަކީ ހަށިގަނޑަށް އެއްޗެއް ވަނުމުން އެއީ ކުރިން ވަދެފައިވާ އެއްޗެއްތޯ ދެނެގަނެ، އެނައްތާލުމަށް މަސައްކަތްކުރުމެވެ.  

އިންސާނާގެ ހަށިގަނޑުގައި އުފެދިފައިވާ ދިފާޢީ ބާރަކީ ތަފާތު އެންޓިބޮޑީ ތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދިފާޢީ ބާރެކެވެ.  ހަށިގަނޑަށް ވަންނަ ޖަރާސީމާއި ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމުގައި ދިފާޢީ ނިޒާމު އެކި ސިފަ ސިފައިގައި ހަރަކާތްތެރިވެއެވެ. މިސާލަކަށް އަހަރެމެންގެ ހަށިގަނޑުގެ ބޭރުން ލެވިފައިވާ ހަން ފަށަލަ އަކީ ތަފާތު މާއްދާތައް ހަށިގަނޑަށް އެތެރެވުމަށް ކުރިމަތިވާ ހުރަހަކަށްވެއެވެ. ނޭފަތުގެ ތެރޭގައި ހުންނަ އިސްތަށިތަކަކީ ތަފާތު ކުނިބުންޏާއި އެކި މާއްދާތައް ނޭވާލާ ނިޒާމަށް ދިއުމަށް ހުރަސްއަޅާ ހުރަހަކަށް އޮންނަނީ ވެފައެވެ.  ލޮލުން ބޭރުވާ ކަރުނައިން ލޯ ސާފުކޮށްދޭއިރު، ކުޑަކަމުދާ ތަކެތީގެ ސަބަބުން ކުޑަކަމުދާ ހޮޅި ސާފުކޮށްދޭކަން ފާހަގަ ކުރަންޖެހެއެވެ.

ދިފާއީ ނިޒާމްގައި ހިމެނޭ މުހިއްމު ގުނަވަންތަކާ ޓިޝޫތައް

ހުންކޮށި
ހުންކޮށި(Spleen)  ނުވަތަ ހުންކޮށްޓަކީ އިންސާނާގެ އެތެރެހަށީގައި ހިމެނޭ ގުނަވަންތަކުގެ ތެރެއިން ވަރަށް މުހިއްމު ގުނަވަނެކެވެ. މިއީ ހަށިގަނޑުގެ ދުވަސްވީ ލޭގެ ސެލްތައް ހަލާކުކޮށް ނައްތާލުމާއި، އަދި ހަށިގަނޑުގެ ލޭ ހިފަހައްޓައިދޭ ރިޒާވަރެއްގެ ގޮތުގައި މަސައްކަތްކުރާ މަރުކަޒެއް ވެސް މެއެވެ. ދިފާޢީ ނިޒާމްގެ މުހިއްމު ބައެއް ކަމުގައިވާ "ރެޓިކިޔުލޯއިންޑޯތީލިއަލް ސިސްޓަމް" ގައި ވެސް ހުންކޮށީގެ ދައުރެއް އޮވެއެވެ. ބުނެވޭގޮތުގައި ހުންކޮށި ނެތުމަކީ ނުވަތަ ނުހުރުމަކީ ތަފާތު އިންފެކްޝަންތަކަށް އިންސާނާގެ ހަށިގަނޑު ހުށަހެޅުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ހުންކޮށިން އަދާކޮށްދޭ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، ހަށިގަނޑު ބަލިތަކުން ދިފާޢުކުރުމުގައި ބައިވެރިވުން، ލޭގެ ސެލްތައް އުފެއްދުން، ދުވަސްވީ ލޭގެ ސެލްތައް ނައްތާލުން، ލޭގުދަންކޮށް ރައްކާކުރުން، އަދި ލޭފުރާނައި ސާފުކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކަށީގެ މަދު
ކަށީގެ މަދަކީ(bone marrow) ކަށީގެ އެތެރޭގައި ހުންނަ މާއްދާއެކެވެ. ލޭގެ ހުދުސެލްގެ ވައްތަރުތައް އުފައްދަނީ ކަށީގެ މަދުގަނޑުގެ ތެރޭގައެވެ.  ކަށީގެ މަދުގެ ދެވައްތަރެއް ހުރެއެވެ. އެއީ ރީނދޫކުލައިގައި ހުންނަ ވައްތަރަކާ(Yellow marrow) އަދި ރަތް ކުލައިގައި ހުންނަ ވައްތަރެ (Red marrow) ކެވެ
ކަށީގެ މަދުގެ ރީނދޫ ކުލައިގެ ވައްތަރު ހުންނަނީ ބޮޑެތި މީހުންގެ ހަށިގަނޑުގައިވާ ދިގުކަށި(Long bone)ތަކުގެ ތެރޭގައެވެ. މިވައްތަރުގެ މަދު އެކުލެވިގެންވަނީ ރެޓިކިޔުލަރ ސެލް(Reticular cell)ތަކާއި، ލޭގެ ސެލްތައް އުފައްދާ ސްޓެމް ސެލް(Haematopoietic stem cell)ތަކާއި، އަދި ގިނަ އަދަދެއްގެ ފެޓްސެލް(Fat cell)ތަކެއްގެ މައްޗަށެވެ.
ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ ގިނަ ކަށިތަކުގެ ތެރޭގައި ހުންނަނީ ކަށީގެ މަދުގެ ރަތްކުލައިގައި ހުންނަ ވައްތަރެވެ. ފުރާ ފުރިހަވެފައިވާ މީހުންގެ ހަށިގަނޑުގައި މިވައްތަރުގެ މަދު ހުންނަނީ ސްޓާރނަމް(Sternum)އާއި، ބޮލުގެ ނާށިގަނޑު(Skull) އާއި، ޅިނދުކަށިގަނޑު(Pelvic bone)އާއި، ކޮނޑުކަށިގަނޑު(Clavicle)އާއި، މޭމަތީގެ ކަށި(Rib)ތަކާއި، އަދި މައިބަދައިގެ ކަށި(Vertebra)ތަކުގެ ތެރޭގައެވެ.

ތައިމަސް ގްލޭންޑް
ތައިމަސް ގްލޭންޑް(Thymus gland) އަކީ ތިނަކަށިގަނޑު(sternum) ގެ ދަށުގައި ތިރިން މައްޗަށް ކަރާ ދިމާލަށް އިންނަ ގްލޭންޑް އެކެވެ. އުފަންވާއިރު ތައިމަސް ގްލޭންޑްގެ ބަރުދަނުގައި ހުންނާނީ 15-10 ގްރާމް ވަރެވެ. އަދި ބާލިޣުވަންދެން މިގްލޭންޑް ބޮޑުވަމުން އަންނާނެ އެވެ. ބާލިޣުވުމުން މިގްލޭންޑް ވަޅޯވެ ހިނދެން ފަށާނެ އެވެ. ބާލިޣުވާ އުމުރުގައި މިގްރާމު ބަރުދަނުގައި 40-30 ގުރާމުވަރު ހުރެފައި މެދު އުމުރު ފުރާ އަށް އަޅާއިރު އުފަންވިއިރު ހުރި ބަރުދަނަށް އަނބުރާ ދާނެއެވެ. މިއީ އަޅި-ފިޔާތޮށި ކުލައަކަށް އިންނަ ގްލޭންޑެކެވެ.

ލިމްފަސައިޓް(Lymphocyte) ތައް އުފެދިގެން އަންނަނީ ރަތްކުލައިގެ ކަށީގެ މަދުގެ ތެރޭގައި ހުންނަ ސްޓެމް ސެލް ތަކުންނެވެ. އެއަށްފަހު ތައިމަސް އަށް ވާޞިލްވެ، އެތަނުގައި ފުރިހަމަވެގެން ދެއެވެ. ތައިމަސް ގްލޭންޑްގެ ތެރޭގައި ބޮޑުވެ ފުރިހަމަވަނީ ޓީ-ލިމްފަސައިޓް(T-lymphocyte) އެވެ.

ތައިމަސް ގްލޭންޑްގެ ތެރޭގައި ފުރިހަމަވާ ޓީ-ލިމްފަސައިޓް ތަކަށް ހަށިގަނޑުގައިވާ ޓިޝޫތަކާއި، ހަށިގަނޑުން ބޭރުން ހަށިގަނޑަށް ވަންނަ ޓިޝޫތައް ވަކިކުރަން އެނގެއެވެ. އަދި ހަށިގަނޑަށް ވަންނަ އެތައް ހާސް މާއްދާއަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ޓީ-ލިމްފަސައިޓް އަށް ލިއްބައިދެއެވެ. އެހެންކަމުން ޓީ-ލިމްފަސައިޓްއަކީ އިންސާނާގެ ހަށިގަނޑު ބަލިތަކުން ދިފާޢު ކުރުމުގައި ދިފާޢީ ނިޒާމުގައި މުހިއްމު ރޯލެއް ކުޅޭ އެއްޗެކެވެ.

ޓީ-ލިމްފަސައިޓް ތައިމަސް ގްލޭންޑްގެ ތެރޭގައި ހުރެ ބޮޑުވެ ފުރިހަމަވުމުން ތައިމަސް ގްލޭންޑް ދޫކޮށް ލޭގެ ތެރެއަށް ވާޞިލްވެއެވެ. މީގެ ތެރެއިން ބައެއް ޓީ-ލިމްފަސައިޓް ތައް ލިމްފޮއިޑް ޓިޝޫތަކަށް ވަންނައިރު އަނެއްބައި ޓީ-ލިމްފަސައިޓް ތައް ލޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުރެއެވެ. ޓީ-ލިމްފަސައިޓް އުފެއްދުން އެންމެ ގިނަވާނީ ޒުވާން ދުވަސްވަރުގައެވެ.

ލިމްފް ގޮށްތައް
ލިމްފް ގޮށްތަކަކީ(Lymph nodes) ހަށިގަނޑުގެ އެކި ހިސާބުތަކުގައި ވަކި ތަރުތީބަކުން އެތުރިފައި ހުންނަ ކުދި އޮށްތަކެއްގެ ބައްޓަމަށް ހުންނަ ގޮށްތަކެވެ. ތަފާތު އިންފެކްޝަންތަކާ ބަލިތަކާ ދެކޮޅަށް ހަށިގަނޑު ދިފާއު ކުރުމުގައި ބައިވެރިވާ ސެލްތައް އުފައްދައި، ރައްކާކުރުމުގައި މިގޮށްތައް ބައިވެރިވެއެވެ.  އެހެންކަމުން ހަށިގަނޑުގައި އިންފެކްޝަން އުފެދިއްޖެނަމަ ބައެއް ފަހަރު މިގޮށްތައް ދުޅަވެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުމަކީ ވެދާނެ ގޮތެކެވެ. 
ލިމްފް ގޮށްތަކަކީ ހަށިގަނޑުގައި ލިމްފް ދައުރުވާ ނިޒާމްގައި ވެސް ހިމެނޭ މުހިއްމު ގުނަވަނެކެވެ. ލިމްފް ދައުރުވާ ނިޒާމްގައި ހިމެނޭ އެހެން ބައިތަކަކީ ހުންކޮށި، ކަށީގެ މަދު، އަދި ތައިމަސް ގްލޭންޑް އެވެ. ލިމްފް ގޮށްތަކުގެ ތެރޭގައި ހުންނަ ދިޔައަށް ކިޔަނީ "ލިމްފް"(Lymph) އެވެ. މިއީ ސާފު، ކުލައެއް ހުންނަ ދިޔައެކެވެ. ލިމްފް ގެ ބޭނުމަކީ ކުރިން ބުނި ސެލްތައް ހަށިގަނޑުގެ އެކި ހިސާބުތަކަށް ގެންގޮސް ދިނުމުގައި ބައިވެރިވުމެވެ. ލިމްފްގޮށްތައް ހުންނާނީ ލިމްފް ދައުރުވާ ނިޒާމްގައި ހިމެނޭ ގުނަވަންތަކާ، ލިމްފް ހޮޅިތަކުގެ ޒަރީޢާއިން އެކަތި އަނެކައްޗާ ގުޅިލާމެހިފައެވެ.
ލިމްފް ގޮށްތައް އެތުރިފައި ހުންނަނީ ލިމްފް ހޮޅި ތަކުގެ ވަށައިގެންނެވެ. މީގެ އިތުރުން ބައެއް ޚާއްޞަ ހިސާބުތަކުގައި ފުނިފުންޏަށް އެތުރިފައި ހުރެއެވެ. މިސާލަކަށް ފައިވަޅު، ކިހިލިފަތްދޮށް، ކަރުދޮށް، ކަންފަތުގެ ވަށައިގެންވީ ހިސާބު، އަދި ބަނޑުގައި މިފަދަ ގޮށްތައް ހުރެއެވެ. މިގޮށްތަކަކީ މިބުނި ހިސާބުތަކުގައި އަތްލުމުން ބައެއް ފަހަރު ވަރަށް ފަސޭހައިން އިހްސާސް ކުރެވިދާނެ ގޮށްތަކެކެވެ.

ލޭގެ ހުދު ސެލްތައް
ދިފާޢި ނިޒާމުގައި ބައިވެރިވާ އެންމެ މުހިއްމު ސެލްތަކަކީ ލޭގެ ހުދު ސެލްތަކެވެ.  ލޭގެ ހުދު ސެލްތައް އުފައްދައި ރައްކާކޮށްފައި ހުންނަ ތަންތަނުގެ ތެރޭގައި، ތައިމަސް ގްލޭންޑް، ހުންކޮށި، އަދި ކަށީގެ މަދު ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ވަކި އުސޫލަކުން އެތުރިފައި ހުންނަ ލިމްފް ގޮށްތަކުގައި ވެސް ލޭގެ ހުދު ސެލްތައް ހިޔާވަހިކަން ހޯދައިގެންތިބެއެވެ.
ދިފާޢީ ނިޒާމުގައި ބައިވެރިވާ ލޭގެ ހުދު ސެލްތަކުގެ މައިގަނޑު ދެވައްތަރެއް ހުރޭ އެވެ.  އެއީ ފޭގޯސައިޓް، އަދި ލިމްފަސައިޓް އެވެ. ފޭގޯސައިޓް(Phagocyte) އަކީ ހަށިގަނޑަށް ވަންނަ ޖަރާސީމު ކައި ހަފާލުމުގައި ޒިންމާވާ ސެލް އެކެވެ. ލިމްފަސައިޓްގެ ބޭނުމަކީ ހަށިގަނޑަށް އެއްޗެއް ވަނުމުން އެއީ ކުރިން ވަދެފައިވާ އެއްޗެއްތޯ ދެނެގަނެ، އެނައްތާލުމަށް މަސައްކަތްކުރުމެވެ.  ފޭގޯސައިޓްގެ އެންމެ އާންމު ވައްތަރަކީ ނޫޓްރަފިލް އޭ ކިޔޭ ލޭގެ ހުދުސެލްގެ ވައްތަރެކެވެ. މީގެ އިތުރުން މެކްރަފޭޖް އާ، ޑެންޑްރައިޓިކް ސެލްތައް ވެސް ހިމެނެއެވެ.

ލިމްފަސައިޓް(Lymphocyte) ގެ ދެވައްތަރެއް ހުރެއެވެ. އެއީ ބީ-ލިމްފަސައިޓް އަދި ޓީ-ލިމްފަސައިޓް އެވެ. ބީ ލިމްފަސައިޓް ހަށިގަނޑުގައި އެންޓި ބޮޑީ ތައް އުފެއްދުމުގައި ޝާމިލްވާއިރު، ޓީ ލިމްފަސައިޓް ބަލިޖެހިފައިވާ ސެލްތައް ހަލާކުކޮށް ނެތިކޮށްލުމުގައި ބައިވެރި ވެއެވެ. ލިމްފަސައިޓް އުފެދެނީ ކަށީގެ މަދުގައެވެ. މީގެތެރެއިން ބައެއް ސެލް ތައް ކަށީގެ މަދުގައި ހުރެ ބީ-ލިމްފަސައިޓްގެ ގޮތުގައި ފުރިހަމަވެގެންދެއެވެ. އަނެއްބައި ސެލްތައް ކަށީގެ މަދު ދޫކޮށް ތައިމަސް ގްލޭންޑަށް ވާޞިލްވެ އެތަނުގައި ޓީ-ލިމްފަސައިޓްގެ ގޮތުގައި ފުރިހަމަވެގެންދެއެވެ.
މަތީގައި ބަޔާންކުރެވުނު ފޭގޯސައިޓް އާ ލިމްފަސައިޓް ގެ އިތުރުން މަސްޓް ސެލް، ބޭސަފިލް، އީއަސިނަފިލް، އަދި ނެޗުރަލް ކިލަރ ސެލް ތަކަކީ ވެސް ދިފާޢީ ނިޒާމުގައި މުހިއްމު މަސައްކަތްތަކެއް އަދާކުރާ ލޭގެ ހުދު ސެލްގެ ވައްތަރު ތަކެކެވެ.

ކޮމްޕްލިމެންޓް ސިސްޓަމް
ކޮމްޕްލިމެންޓް ސިސްޓަމް (Complement system)އަކީ ގުޅިގެން މަސައްކަތްކުރާ ތަފާތު 25 ހަކަށް ޕްރޮޓީންގެ މައްޗަށް އެކުލެވޭ ނިޒާމެކެވެ. މިއީ ހަށިގަނޑަށް ވަންނަ ބެކްޓީރިޔާތައް ނައްތާލުމަށް އެންޓި ބޮޑީ ތައް ކުރާ މަސައްކަތަށް އެހީތެރިވެދޭ ޕްރޮޓީން ތަކެކެވެ. ހަށިގަނޑަށް ވަންނަ މާއްދާ ހަށިގަނޑުން ބޭރުކޮށްލުމުގައި ނުވަތަ އެމާއްދާ  ފަނާކޮށްލުމުގައި ކޮމްޕްލިމެންޓް ޕްރޮޓީންތައް ބައިވެރި ވެއެވެ. ހަށިގަނޑަށް އަނިޔާ އެއް ލިބުމުން އެތަނެއްގައި ރަތްކަން، ހޫނުކަން، ދުޅަކަން، އަދި ތަދު އުފެއްދުމުގައި (ދުޅައެއް ނުވަތަ އިންފްލެމޭޝަނެއް ހުރިކަމުގެ ނިޝާންތައް) ކޮމްޕްލިމެންޓް ޕްރޮޓީން ތައް ބައިވެރި ވެއެވެ.

ހަށިގަނޑުގައި ހުންނަ(އުފެދޭ) ދިފާޢީ ބާރުގެ ވައްތަރުތައް
ހަށިގަނޑުގައި އުފެދިފައި ހުންނަ ޚާއްޞަ ދިފާޢީ ބާރަކީ ތަފާތު ހަށިދަމަނަ(Antibody) ތަކުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި އުފެދިފައިވާ ދިފާޢީ ބާރެވެ. ހަށިގަނޑުގައި އުފެދޭ ޚާއްޞަ ދިފާޢީ ބާރު މައިގަނޑު ދެބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ އެކްޓިވް އިމިޔުނިޓީ އަދި ޕެސިވް އިމިޔުނިޓީ އެވެ.

އެކްޓިވް އިމިޔުނިޓީ (Active immunity)
އެކްޓިވް އިމިޔުނިޓީ ދެބަޔަކަށް ބެހިގެންވެއެވެ. އެއި:-
(ހ) - ތަބީޢީ ގޮތުން އުފެދޭ ދިފާޢީ ބާރު(Active Naturally acquired Immunity) : މިއީ ބައްޔެއް ޖެހުމުން ނުވަތަ ބަލީގެ ޖަރާސީމް ވައިރަސް ހަށިގަނޑަށް ވާޞިލްވެ، އަލާމާތްތައް ނުފެނުނުނަސް އެކަމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދިފާޢީ ބާރެވެ. މިސާލަކަށް ފާނަ ބަސަނދު ބައްޔެއް ޖެހުމުން ހަށިގަނޑުގައި އުފެދޭ ދިފާޢީ ބާރެވެ.

(ށ) - އަމިއްލަ އަށް ލިބިގަންނަ ދިފާޢީ ބާރު(Active Artificially Acquired Immunity) : މިއީ ހަށިގަނޑުގެ ޓިޝޫތަކުން ހަށިދަމަނަ ތައް އުފެއްދުމަށް ޚާއްޞަ އެންޓިޖަން ތަކެއް ދިނުމުން ހަށިގަނޑުގައި އުފެދޭ ދިފާޢީ ބާރެވެ. އެގޮތުން ބޭނުންކުރެވޭ އެންޓިޖަން ތަކަކީ:-

* ވެކްސިން: މީގެ ތެރޭގައި މަރާލެވިފައިވާ ޖަރާސީމް ބޭނުންކުރެވިގެން ތައްޔާރު ކުރެވިފައި ހުންނަ ''ކިލްޑް ވެކްސިން'' އާއި، ބަލިކަށިކޮށްލާފައިވާ ޖަރާސީމްތައް ބޭނުންކޮށްގެން ތައްޔާރު ކުރެވިފައި ހުންނަ ''ލައިވް އެޓެނުއޭޓެޑް ވެކްސިން'' ހިމެނެއެވެ.

* ޓޮކްސޮއިޑް: މިއީ ބަލިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ބަދަލުކުރެވިފައިވާ ބެކްޓީރިއަލް އެކްސޮޓޮކްސިން އެކެވެ. މިސާލަކަށް އިދިފުށަށްދަމާ ބަލި، އަދި ކަރުފޮޅު ފަދަ ބަލިތަކަށް މިގޮތުން ޓެޓްނަސް ޓޮކްސޮއިޑް ފަދަ ތަކެތި ދީއުޅެއެވެ.

ޕެސިވް އިމިޔުނިޓީ (Passive Immunity)
ޕެސިވް އިމިޔުނިޓީ ދެބަޔަކަށް ބެހިގެންވެއެވެ. އެއި:-
(ހ) - ތަބީޢީ ގޮތުން އުފެދޭ ދިފާޢީ ބާރު(Passive Naturally Acquired Immunity)  : މިއީ މައިމީހާގެ ފުށުން ދަރިފުޅަށް ލިބޭ ހަށިދަމަނަ ތަކުގެ ސަބަބުން ކުޑަ ދަރިފުޅުގެ ހަށިގަނޑުގައި ބަލިތަކާއި ދެކޮޅަށް އުފެދޭ ދިފާޢީ ބާރެވެ.

(ށ) - އަމިއްލަ އަށް ލިބިގަންނަ ދިފާޢީ ބާރު(Passive Artificially Acquired Immunity)  : މިއީ އެންޓިސީރާ، އަދި ގާމާގްލޯބިއުލިން ފަދަ ހަށިދަމަނަތައް ހަށިގަނޑަށް އިންޖެކްޝަންގެ ސިފައިގައި ފޮނުވުމުން އުފެދޭ ދިފާޢީ ބާރެވެ. މިގޮތުން އުފެދޭ ދިފާޢީ ބާރު ދެމިހުންނަނީ 3 ހަފްތާގެ މުއްދަތަށެވެ.

މީގެ އިތުރުން ހަށިގަނޑަށް ވަންނަ ޖަރާސީމާއި ދެކޮޅަށް ހަށިގަނޑުގައި ހުންނަ ރައްކާތެރިވުމުގެ ބާރަކީ ވެސް ދިފާޢީ ނިޒާމް ގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. މިގޮތުން ހަށިގަނޑު ތަފާތު މާއްދާތަކުން ރައްކާތެރިކުރުމުގައި އެކި ކަންކަމާ، ގޮތްތައް، އަދި ގުނަންތަކާ ޓިޝޫތައް ޚިޔާރު ކުރެއެވެ. އެގޮތުން ތަފާތު މާއްދާތައް ހަށިގަނޑަށް ވަނުމަށް ހުރަސްއަޅާ ގޮތްތަކަކީ:-

(ހ) – ފުރަތަމަ ހުރަސް : މިއީ މެކޭނިކަލް ބެރިއަރ (ހުރަސް) ތަކާއި، އަދި ދަވަ ދޫކުރުން އެވެ. މީގެ ތެރޭގައި ހިމެނެނީ:-
- ހަން: ހަމަކީ މެކޭނިކަލް ހުރަހެއްގެ ދައުރު އަދާކޮށްދޭ އެއްޗެކެވެ. ހަމަށް ލިބޭ ގެއްލުމަކީ ޖަރާސީމް ހަށިގަނޑަށް ވަނުމަށް ހުޅުވޭ ދޮރަކަށް ވެދާނެ އެވެ. އެހެންކަމުން ހަމަކީ ތަފާތު މާއްދާތައް ހަށިގަނޑަށް ވަނުމަށް އިންނަ ހުރަހެކެވެ.
- އިސްތަށި: ނޭފަތުގެ ތެރޭގައި ހުންނަ އިސްތަށި ތަކަކީ އެތެރެއަށް ނޭވާލާއިރު އެތެރެވެގެންދާ ވައިތައް ފުރާނަލަދޭ އެއްޗެކެވެ. މާނައަކީ އެތެރެއަށް ހިރަފުހާ ކުނިބުނި ވަނުމަށް ހުރަސް އަޅައެވެ.  
- ކަރުނަ : ކަރުނަ އަކީ ލޯދޮވެ ސާފުކޮށްދޭ އެއްޗެކެވެ.
- ކުޑަކަމުދާ ތަކެތި: ކުޑަކަމުދާ ތަކެއްޗަކީ ކުޑަކަމުދާ ހޮޅި ދޮވެ ސާފުކޮށްދޭ އެއްޗެކެވެ.

(ށ) – ދެވަނަ ހުރަސް : މިބައި އެކުލެވިގެންވަނީ ފުރަމޭ އަދި ލިމްފް ގޮށް ތަކުގައި ދާއިމީކޮށް ސާބިތުކަންމަތީ ހުންނަ ފޭގޯސައިޓް ތަކުގެ މައްޗަށެވެ.

(ނ) – ތިންވަނަ ހުރަސް : އެކުލެވިގެންވަނީ:-
- ލޭގެ ހުދުސެލްގެ ތެރޭގައި ހުންނަ ދައުރުވާ ފޭގޯސައިޓް ތައް
- ލޭގައި ހުންނަ ބައެއް ޕްރޮޓީންތަކަކީ (ކޮމްޕްލިމެންޓް ޕްރޮޓީންތައް) ހަށިގަނޑަށް ވަންނަ ބައެއް ޖަރާސީމްތައް ނައްތާލުމުގައި ބައިވެރިވާ ތަކެއްޗެވެ. މިސާލަކަށް: އޮޕްސޮނިން، އަދި ޕްރޮޕަރޑިން
- ލެޔާއި ޓިޝޫތަކުގައި ދައުރުވާ ޚާއްޞަ ހަށިދަމަނަތައް

(ރ)- ހަތަރުވަނަ ހުރަސް: އެކުލެވިގެންވަނީ ފުރަމޭ ، ހުންކޮށި، ކަށި، އަދި އެހެނިހެން ގުނަވަން ތަކުގައި ދާއިމީކޮށް ސާބިތުކަންމަތީ ހުންނަ ފޭގޯސައިޓް ތަކުގެ މައްޗަށެވެ.
 ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment