ސިކުނޑި
ސިކުނޑި(Brain) އަކީ ސެންޓްރަލް ނާރވަސް ސިސްޓަމް ކޮންޓްރޯލް ކުރާ މަރުކަޒެވެ.
އަދި އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިއްމު އެއްގުނަވަން ވެސް މެއެވެ.
މީހާގެ އުޅުމާއި މިޒާޖު، މީހާގެ ސުލޫކާއި، އަޚްލާގު، ފަދަ ކަންތައްތައް
ފުރިހަމަކޮށް، އެކަންކަން ހުންނަ ނުހުންނަގޮތް ކަނޑައެޅުމުގައި ޒިންމާވަނީ ސިކުނޑި
އެވެ. ބޮލުގެ ނާށިގަނޑަކީ ތަފާތު ގެއްލުންތަކުން ސިކުނޑި ހިމާޔަތްކޮށް ރައްކާތެރި
ކުރުމަށްޓަކައި ލެވިފައިވާ ގުދުރަތީ އައްޑަނަ އެކެވެ.
ސިކުނޑީގެ މުހިއްމު
ބައިތައް
ހަށިގަނޑުގެ ބަރުދަނުގެ
ފަސްބައިކުޅަ އެއްބަޔަކީ ސިކުނޑި އެވެ. ސިކުނޑި އޮންނަނީ ބޮލުގެ ނާށިގަނޑުގެ
ތެރޭގައި ރައްކާތެރި ކުރެވިފައެވެ. ސިކުނޑި އެކުލެވިގެންވަނީ "ސެރަބްރަމް"(Cerebrum) އަދި
"ސެރަބެލަމް"(Cerebellum) ގެ މައްޗަށެވެ. ސެރެބްރަމް ގައި ހިމެނެނީ ޑައިއެންސެފަލޯން(Diencephalon) އަދި
ސިކުނޑީގެ މޫ(Brain stem) އެވެ. ޑައިއެންސެފަލޯން ގައި ހިމެނޭ ބައިތަކުގެ ތެރޭގައި
"ތަލަމަސް"(Thalamus)
އަދި "ހައިޕޯތަލަމަސް"(Hypothalamus)،
އަދި "ޕައިނީއަލް ގްލޭންޑް"(Pineal gland) އެވެ. މީގެ
އިތުރުން ސެރަބްރަމް ގައި "ސެރަބްރަލް ކޯޓެކްސް"(Cerebral
cortex) އަދި " ކޯޕަސް
ކެލޯސަމް"(Corpus callosum) ހިމެނެއެވެ. ސިކުނޑީގެ މުލުގެ ތެރޭގައި ހިމެނެނީ "މިޑް
ބްރެއިން"(Midbrain)، "ޕޮންސް"(Pons)
އަދި "މިޑަލާ އޮބްލޯންގާޓާ"(Medulla oblongata) އެވެ.
ސެރަބްރަމް
ސެރަބްރަމް
(Cerebrum)އަކީ ސިކުނޑީގެ މައިގަނޑު ބައެވެ.
ނުވަތަ މިއި ސިކުނޑީގެ ބޮޑުބައެއް ހިއްސާކުރާ ބައެވެ. ސެރަބްރަމް އިންނަނީ "ލޮންޖިޓިއުޑިނަލް
ސެރަބްރަލް ފިޝަރ"(Longitudinal cerebral fissure) ގެ އެހީގައި ހަނދުފަޅިބުރުގެ ބައްޓަމަށް ހުންނަ ދެފަޅިއަށް
ބައިވެފައެވެ. އެގޮތުން ބެހި ފެޅިފައިވާ ދެފަޅިއަކީ ނުވަތަ ދެބަޔަކީ
"ސިކުނޑީގެ ކަނާތު ފަޅި"(right cerebral hemisphere) އަދި "ސިކުނޑީގެ ވާތު ފަޅި"(left
cerebral hemisphere) އެވެ. މިއިން
ކޮންމެ ފަޅިއެއްގައި މެދުތެރެއިން "ލޭޗްރަލް ވެންޓްރިކަލް"(Lateral ventricle) ކިޔާ ހުސް
ޖާގަ އެއް ވެއެވެ. ސިކުނޑީގެ ދެފަޅި އެތެރެއިން ގުޅިފައި އިންނަނީ "ކޯރޕަސް
ކެލޯސަމް"(Corpus callosum)އޭ ކިޔާ "ވައިޓް މެޓަރ"(white
matter) ގެ "ނާރު ފައިބަރު"(nerve fibres) ބޮޑި
އަކުންނެވެ. ފަލްކްސް ސެރަބްރައި(Falx cerebrai) އަކީ "ޑިއުރާ މެޓަރ"(dura
matter) އިން އުފެދިފައިވާ ބައެކެވެ.
މިއީ ސިކުނޑީގެ ދެފަޅި ވަކިކޮށް "ކޯރޕަސް ކެލޯސަމް"(Corpus callosum) ހުރި ހިސާބުގެ
ފުނަން ވަދެފައިވާ ޓިޝޫ އެކެވެ.
ސެރަބްރަމް ގެ ބޭރު (އަރިމަތީ)
ބަޔަކީ "ސެރަބްރަމްގެ ތޮށިގަނޑު"(cerebral
cortex) އެވެ. މިބައި އުފެދިފައިވަނީ
"ގްރޭ މެޓަރ"(grey matter) އޭ ކިޔާ އަޅި ކުލައިގެ "ނާރު ސެލްގެ ޖިސްމު"(nerve cell bodies) ތަކުންނެވެ. އެތެރޭ
ބައި އުފެދިފައިވަނީ "ވައިޓް މެޓަރ"(white
matter) އޭ ކިޔާ ހުދުކުލައިގެ "ނާރު
ފައިބަރު"(nerve fibres) ތަކުންނެވެ. ސެރަބްރަމްގެ ސަތަހައިގައި އުފުލިފައިވާ
އުސްގަނޑުތަކާއި އެތެރެއަށް ފުންކޮށް ހުންނަ އަޑިގަނޑު ތައް ވެއެވެ. އެގޮތުން އުފުލިފައި
ހުންނަ އުސްގަނޑު ތަކަށް ކިޔަނީ "ގައިރަސް"(gyrus) އެވެ. އަދި އެކި ފުންމިނުގައި ހުންނަ އަޑިގަނޑު ތަކަށް ކިޔަނީ
" ސަލްކަސް"(Sulcus)
އެވެ. ސެރަބްރަމްގެ ސަތަހައިގައި ހުންނަ އުފުލުންތަކަކީ އޭގެ ސާރފޭސް އޭރިޔާ
ބޮޑުކޮށްދޭ އެއްޗެހި ތަކެކެވެ.
ސިފަކުރުމަށް ފަސޭހައަކަށް
ސިކުނޑީގެ ކޮންމެ ފަޅިއެއް ވެސް ވަނީ "ލޯބު" ތަކަކަށް ބަހާލެވިފައެވެ.
މިލޯބުތަކަށް ނަންދީފައިވަނީ އެކަށިގަނޑެއްގެ ދަށުގައި ލޯބު އިންނަ ކަށިގަނޑާއި
ގުޅުވައިގެންނެވެ. އެގޮތުން ބަހާލެވިފައިވާ ލޯބު ތަކަކީ:-
·
ފްރަންޓަލް ލޯބު (Frontal lobe): މިއީ އެންމެ ކުރިމައްޗަށް އިންނަ ބައެވެ.
·
ޕެރައިޓަލް ލޯބު (parietal lobe): މިއީ މެދަށް ވާގޮތަށް އިންނަ ބައެވެ.
·
ޓެމްޕޯރަލް ލޯބު (temporal lobe): މިއި އަރިމައްޗަށް ވާގޮތަށް އިންނަ ބައެވެ.
·
އޮކްސިޕިޓަލް ލޯބު (Occipital lobe): މިއީ އެންމެ ފަހަތަށް އިންނަ ބައެވެ.
މިއިން ކޮންމެ ލޯބެއް އަނެއް
ލޯބަކާއި ވަކިކުރެވެނީ ސަލްކަސް އަކުންނެވެ. ނުވަތަ އަޑިގަނޑަކުންނެވެ.
ސެރަބްރަމް ގައި ހިމެނޭ
ޓްރެކްޓް ތައް
ސެރަބްރަމްގެ ތޮށިގަނޑުގެ ސަތަހަ
އުފެދިފައިވަނީ "ގްރޭ މެޓަރ"(grey matter) ކިޔާ ނާރު ސެލް ޖިސްމު ތަކުންނެވެ. ސެރަބްރަމްގައި ލޯބުތައް
އެކަތި އަނެކައްޗާއި ގުޅިފައި ހުންނަނީ ނާރު ފައިބަރު ތަކުންނެވެ. ނުވަތަ
"ޓްރެކްޓް"(tract)
ތަކުންނެވެ. މިއީ "ވައިޓް މެޓަރ"(white
matter) އެވެ. އޭފެރެންޓް ނާރު ފައިބަރު
ތަކާއި، އީފެރެންޓް ނާރު ފައިބަރު ތައް ސިކުނޑިއާއި ސްޕައިނަލް ކޯޑު ގެ އެއްބައި
އަނެއްބަޔާއި ގުޅުވައިދެނީ އަންނަނިވި ގޮތަށެވެ.
·
އެސޯސިއޭޝަން ޓްރެކްޓް ތައް (Association tracts): މިއީ ސިކުނޑީގެ ދެފަޅީގެ ތަފާތު ބައިތައް އެއްބަޔާއި
އަނެއްބައި ގުޅުވައިދޭ ޓްރެކްޓް ތަކެވެ. މިސާލަކަށް އެއް "ގައިރަސް"
އިން އަނެއް "ގައިރަސް" އަށް ގުޅުވައިދޭ ޓްރެކްޓް ތައް ހުރެއެވެ. ބައެއް
ޓްރެކްޓް ތައް ވަރަށް ކައިރިން ގުޅިފައިވާއިރު އަނެއްބައި ޓްރެކްޓް ތައް ގުޅިފައި
ހުންނަނީ ދުރުންނެވެ.
·
ކޮމިޝަރަލް ޓްރެކްޓް ތައް (Commisural tracts): މިއީ ސިކުނޑީގެ ދެފަޅީގައި ހުންނަ އެއްގޮތް ސަރަހައްދު
ތައް ގުޅުވައިދޭ ޓްރެކްޓް ތަކެވެ. މިސާލަކަށް : ކޯރޕަސް ކެލޯސަމް
·
ޕްރަޖަކްޝަން ޓްރެކްޓް ތައް (Projection tracts): މިއީ ސެރަބްރަލް ކޯޓެކްސް، ސިކުނޑީގެ ތިރީ ބައިތަކާއި،
ސްޕައިނަލް ކޯޑުގެ "ގްރޭ މެޓަރ" ތަކާއި ގުޅުވައިދޭ ޓްރެކްޓް ތަކެވެ.
މިސާލަކަށް : އިންޓާރނަލް ކެޕްސޫލް
އިންޓާރނަލް ކެޕްސޫލް(Internal capsule) އަކީ "ބޭސަލް
ގެންގުލީއާ"(Basal ganglia) އާއި "ތަލަމަސް"(Thalamus) އާއި ދެމެދު، ސިކުނޑީގައި އިންނަ ވަރަށް މުހިއްމު ޕްރަޖަކްޝަން
ޓްރެކްޓެކެވެ. ސެރަބްރަލް ކޯޓެކްސް އަށް ނުވަތަ ސިކުނޑިއަށް އައިސް ގޮސްވާ ގިނަ
މެސެޖުތައް ދެކޮޅަށް އުފުލައިދެނީ އިންޓާރނަލް ކެޕްސޫލް އުފެދިފައިވާ ނާރު
ފައިބަރު ތަކުންނެވެ. އިންޓާރނަލް ކެޕްސޫލްގެ ތެރޭގައި ހުންނަ "މޮޓޯ
ފައިބަރ"(motor fibers) ތައް ގުޅިގެން "ޕިރަމިޑަލް ޓްރެކްޓް"(Pyramidal tracts) ތައް
އުފެދެއެވެ. ޕިރަމިޑަލް ޓްރެކްޓްގެ ނާރު ފައިބަރު ތައް ސިކުނޑީގެ ތިރީގައިވާ "މިޑަލާ އޮބްލޯންގާޓާ"(Medulla oblongata) ހުރަސްކޮށް
ހަށިގަނޑުގައިވާ މަސްތަކަށް (ބޭރަށް ފެންނަ) ވާޞިލްވެއެވެ. އަދި މިގޮތަށް
އިންޓާރނަލް ކެޕްސޫލްގެ އެތެރެއިން ގޮސްފައިނުވާ ނުވަތަ ނުހިމެނޭ "މޮޓޯ
ފައިބަރ"ތައް ގުޅިގެން "އެކްސްޓްރަޕިރަމިޑަލް ޓްރެކްޓް"(extra pyramidal tracts)
ތައް އުފެދެއެވެ. މިޓްރެކްޓްތައް ސިކުނޑީގެ ބައިތައް ކަމުގައިވާ ބޭސަލް ގެންގުލީއާ،
ތަލަމަސް، އަދި ސެރަބެލަމް އާއި ގުޅިފައި ވެއެވެ.
ސެރަބްރަލް ކޯޓެކްސް
ނުވަތަ ސިކުނޑީގެ ތޮށީގެ ވަޒީފާ
ސެރަބްރަލް ކޯޓެކްސްގެ މައިގަނޑު
3 މަސައްކަތެއްގައި ބައިވެރިވެއެވެ. އެއީ:-
·
ބުއްދި އާއި ގުޅުންހުރި ކަންކަން :
ވިސްނުން، ފިކުރުކުރުން، ތޫނުފިލިކަން، ހަދާންކުރުން، ސަބަބު ދެއްކުން،
ޒިންމާވުން، އުޅުމާއި ސުލޫކު، އަޚްލާގު، އަދި ދަސްކުރުން
·
އިހްސާސް ދެނެގަތުން : ތަދާއި، ފިނިހޫނުމިން، އަތްލުމާއި، ބީހުން، ފެނުމާއި
އިވުން، ރަހަލުމާއި ވަސްދުވުން
·
އަހަރެމެންގެ ބާރުގައި ހިގާ ކަންތައްތައް ރާވައި ހިންގައި ކޮންޓްރޯލްކުރުން
ސެރަބްރަލް ކޯޓެކްސް
ގައި ހިމެނޭ އެކި އެކި މަސައްކަތްތައް ހިންގާ ސަރަހައްދުތައް
ސެރަބްރަލް ކޯޓެކްސް ގައި ވަރަށް
ގިނަ ވައްތަރުގެ ، ތަފާތު މަސައްކަތްތައް ހިންގާ ސަރަހައްދު(functional
area) ތައް ހުރެއެވެ. އެގޮތުން ހިމެނޭ
ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ:-
·
ހަށިގަނޑަށް ހަރަކާތްތައް ގެނައުމުގެ މަސައްކަތް ހިންގާ
ސަރަހައްދު ތައް (motor areas): މިއީ
ހަށިގަނޑުގައިވާ މަސްތަކަށް ހަރަކާތްތައް ގެނައުމުގައި ނުވަތަ ހަށިގަނޑުގެ
ބައިތަކަށް އެކިއެކި ހަރަކާތްތައް ގެނައުމުގައި ޒިންމާވާ ސަރަހައްދު ތަކެވެ.
·
ހަށިގަނޑަށް އިހްސާސްތައް ވުމުގެ މަސައްކަތް ހިންގާ
ސަރަހައްދު ތައް (sensory
areas): މިއީ ހަށިގަނޑުގައިވާ އެކިއެކި ހިއްސުތަކުގެ އިހްސާސް
ގެނައުމުގައި ޒިންމާވާ ސަރަހައްދު ތަކެވެ.
·
ތަފާތު އެކިކަންކަމުގައި ބައިވެރިވެ، ގުޅިގެން މަސައްކަތް
ހިންގާ ސަރަހައްދު ތައް (assocation
areas): މިއީ ސިކުނޑިއާއި ބުއްދި އާއި ގުޅުންހުރި ކަންކަން
(ވިސްނުން، ފިކުރުކުރުން، ޚިޔާލުކުރުން، ފާނޑުކިޔުން، ކަންކަން ނިންމުން، ޖަޒުބާތީ
އަސަރުތައް ) ނިންމުމުގައި ގުޅިގެން ބައިވެރިވެ ޝާމިލްވާ ސަރަހައްދުތަކެވެ.
ހަށިގަނޑުގައި ތަފާތު
ހަރަކާތްތައް ހިންގުމުގައި ޒިންމާވާ ސަރަހައްދުތައް
·
ޕްރައިމަރި މޮޓޯ އޭރިޔާ (Primary motor area): ޕްރައިމަރީ މޮޓޯ އޭރިޔާ އިންނަނީ ސިކުނޑީގެ ދެފަޅި ސިކުނޑީގެ
މެދުން ހުރަހަށް ވަކިކޮށްދޭ އަޑިގަނޑު(Central sulcus) ގެ ކުރިމަތިން ސިކުނޑީގެ މެދަށް ވާގޮތަށް ސިކުނޑީގެ "ކުރިމަތީ ލޯބު"(frontal lobe) ގައެވެ.
·
މޮޓޯ ސްޕީޗް އޭރިޔާ (Motor speech area): މޮޓޯ ސްޕީޗް އޭރިޔާ ހުންނަނީ "ކުރިމަތީ ލޯބު"(frontal lobe) ގެ
ތިރީބައިގައި ސިކުނޑީގެ ދެފަޅި ސިކުނޑީގެ އަރިމަތިން ދިގަށްވާގޮތަށް ވަކިކޮށްދޭ
އަޑިގަނޑު(lateral sulcus) ގެ މަތިންނެވެ. މިއީ ވާހަކަ ދެއްކުމުގައި ބައިވެރިވާ
މަސްކޮޅުތަކުގެ ހަރަކާތް ކޮންޓްރޯލްކުރާ އޭރިޔާ އެވެ.
ހަށިގަނޑަށް ތަފާތު
އިހްސާސްތައް ގެނައުމަށް ޒިންމާވާ ސަރަހައްދުތައް
·
ސޮމޭޓޯސެންސަރީ އޭރިޔާ (Somatosensory area): ސޮމޭޓޯސެންސަރީ އޭރިޔާ އިންނަނީ ސިކުނޑީގެ ދެފަޅި ސިކުނޑީގެ މެދުން
ހުރަހަށް ވަކިކޮށްދޭ އަޑިގަނޑު(Central sulcus) ގެ ފަހަތުން ސިކުނޑީގެ މެދަށް ވާގޮތަށް ސިކުނޑީގެ "މެދުތެރޭ
ލޯބު" (parietal lobe)ގައެވެ.
·
އޯޑިޓަރީ އޭރިޔާ (Auditory area): އޯޑިޓަރީ އޭރިޔާ އިންނަނީ ސިކުނޑީގެ ދެފަޅި ސިކުނޑީގެ އަރިމަތިން
ދިގަށްވާގޮތަށް ވަކިކޮށްދޭ އަޑިގަނޑު(lateral sulcus) ގެ ތިރިން ސިކުނޑީގެ "އަރިމަތީ ލޯބު"(temporal lobe) ގައެވެ.
·
އޮލްފެކްޓަރީ އޭރިޔާ (Olfactory area): އޮލްފެކްޓަރީ އޭރިޔާ އިންނަނީ ސިކުނޑި ބެހިފައިވާ ބައިތަކުގެ
ތެރެއިން ސިކުނޑީގެ "އަރިމަތީ ލޯބު"(temporal
lobe) ގައެވެ.
·
ޓޭސްޓް އޭރިޔާ (Taste area): ޓޭސްޓް އޭރިޔާ އިންނަނީ ސިކުނޑީގެ ދެފަޅި ސިކުނޑީގެ އަރިމަތިން
ދިގަށްވާގޮތަށް ވަކިކޮށްދޭ އަޑިގަނޑު(lateral sulcus) ގެ މަތިން، ސޮމާޓޯސެންސަރީ އޭރިޔާ ތިރިއަށް ގޮސް ނިމޭ ހިސާބުން
އެތެރެއިން ސިކުނޑީގެ "އަރިމަތީ ލޯބު"(temporal
lobe) ގައެވެ.
·
ވިޒޫއަލް އޭރިޔާ (Visual area): ވިޒޫއަލް އޭރިޔާ އިންނަނީ ސިކުނޑީގެ ފަހަތު ބައިގައި ސިކުނޑި ބެހިފައިވާ
ބައިތަކުގެ ތެރެއިން ސިކުނޑީގެ "ފަހަތު ލޯބު"(temporal
lobe) ގައެވެ.
ހަށިގަނޑުގައި ތަފާތު
އެކިކަންކަމުގައި ބައިވެރިވެ، ގުޅިގެން މަސައްކަތް ހިންގާ ސަރަހައްދު ތައް
·
ޕްރީމޮޓޯ އޭރިޔާ (Premotor area): ޕްރީމޮޓޯ އޭރިޔާ ހުންނަނީ މޮޓޯ އޭރިޔާގެ ކުރިމަތިން ސިކުނޑީގެ
"ކުރިމަތީ ލޯބު"(frontal lobe) ގައެވެ.
·
ޕްރީފްރަންޓަލް އޭރިޔާ (Prefrontal area): ޕްރީފްރަންޓަލް އޭރިޔާ ހުންނަނީ ޕްރީމޮޓޯ އޭރިޔާގެ ކުރިމަތިން
ސިކުނޑީގެ "ކުރިމަތީ ލޯބު"(frontal lobe) ގެ ބާކީ އޮންނަ ބައިގައެވެ.
·
ސެންސަރީ ސްޕީޗް އޭރިޔާ (Speech sensory area): ސެންސަރީ ސްޕީޗް އޭރިޔާ ހުންނަނީ ސިކުނޑީގެ "އަރިމަތީ
ލޯބު"(temporal lobe) ގައި "ޕެރައިޓޯ-އޮކްސިޕިޓޯ ޓެމްޕޯރަލް އޭރިޔާ"
ޖެހިގެންނެވެ.
·
ޕެރައިޓޯ-އޮކްސިޕިޓޯ ޓެމްޕޯރަލް އޭރިޔާ (Parieto-occipitotemporal
area): ޕެރައިޓޯ-އޮކްސިޕިޓޯ ޓެމްޕޯރަލް
އޭރިޔާ ހުންނަނީ "ސޮމޭޓޯ ސެންސަރީ އޭރިޔާ" ގެ ފަހަތުން ސިކުނޑީގެ
"މެދުތެރޭ ލޯބު" (parietal lobe)ގައެވެ.
ޑައިންއެންސެފަލޯން
ޑައިއެންސެފަލޯން(Diencephalon) އަކީ
ސެރެބްރަމް އާ ސިކުނޑީގެ މުލުގައި ހިމެނޭ "މިޑްބްރެއިން"(midbrain) ގުޅުވައިދޭ
ބައެވެ. ޑައިއެންސެފަލޯން ގައި ހިމެނެނީ ސިކުނޑީގެ ތެރޭގައި އިންނަ ހުސް ޖާގަ އެއް
ކަމުގައިވާ "ތާރޑް ވެންޓްރިކަލް" ގެ ވަށައިގެން އެތުރިފައި ހުންނަ
ބައިތަކެކެވެ. އެގޮތުން ޑައިއެންސެފަލޯން ގައި ހިމެނޭ މުހިއްމު ބައިތަކުގެ
ތެރޭގައި "ތަލަމަސް"(Thalamus) ،"ހައިޕޯތަލަމަސް"(Hypothalamus)،
އަދި "ޕައިނީއަލް ގްލޭންޑް"(Pineal gland) އެވެ.
ތަލަމަސް (Thalamus): މިއީ ސިކުނޑީގެ ކޮންމެ
ފަޅިއެއްގެ މެދުތެރެއިން އިންނަ ލޭޗްރަލް ވެންޓްރިކަލް ގެ އަރިމަތިން ކޮންމެ
ފަރާތެއްގައި އިންނަ ޓިޝޫ އެކެވެ. ތަލަމަސް އުފެދިފައި ހުންނަނީ "ގްރޭ
މެޓަރ" އަދި "ވައިޓް މެޓަރ" ގެ ނާރު ފައިބަރު ތަކުންނެވެ. ތަލަމަސް
އިންނަނީ "ކޯރޕަސް ކެލޯސަމް"(Corpus callosum) ގެ ތިރިންނެވެ. ހަމާ، އެތެރެހަށީގެ ގުނަންތަކުގައި ހުންނަ އިހުސާސް
އުފުލައިދޭ ރިސެޕްޓަރުތަކުން ތަފާތު މައުލޫމާތު ސިކުނޑިއަށް ފޮނުވުމުން އެކަންކަން
ދެނެގަތުމުގައި ތަލަމަސް ބައިވެރި ވެއެވެ.
ހައިޕޯތަލަމަސް(Hypothalamus): ހައިޕޯތަލަމަސް
އަކީ ނާރުތަކުގެ ނިޒާމް ، ހޯރމޯން އުފައްދައި
ދޫކުރާ ނިޒާމް އާ ގުޅުވައިލަދޭ ފާލަމެކެވެ. މިދެނިޒާމް ގުޅުވައިދެނީ ހޯރމޯންދޫކުރާ
ނިޒާމްގައި ހިމެނޭ ޕިޓޫއިޓަރީ ގްލޭންޑް(Pituitary Gland) ގެ އެހީގައެވެ. ހައިޕޯތަލަމަސް އިންނަނީ ސިކުނޑީގެ
މެދުތެރޭގައިވާ"ސިކުނޑީގެ މުލުގެ (Brain stem) މަތިން ތަލަމަސް(Thalamus) ގެ ތިރީގައެވެ.
ޕައިނީއަލް ގްލޭންޑް (Pineal gland): ޕައިނީއަލް ގްލޭންޑްއަކީ ސިކުނޑީގެ ތެރޭގައި އިންނަ ކުޑަ
އިންޑަކްރިން ގްލޭންޑް އެކެވެ. ކުޑަ ފެހި އޮށެއް ވަރުގެ މިގްލޭންޑް އިންނަނީ
ސިކުނޑީގެ ދެފަޅީގެ މެދުން، މެދުތެރެއާއި ކައިރީގައެވެ. މިގްލޭންޑް އިން ބޭރުކުރާ
ހޯރމޯން އަކީ މެލަޓޯނިންއެވެ.
ސިކުނޑީގެ މޫ
ސިކުނޑީގެ މުލަކީ ސިކުނޑީގެ
ދަށްފުށުގައި ސެރަބްރަމްގައި ހިމެނޭ ޑައިއެންސެފަލޯން ގެ ތިރިން އިންނަ މުހިއްމު
ބައެކެވެ. ސިކުނޑީގެ މޫ ކަމުގައި ބެލެވޭ ބައިގައި ހިމެނެނީ މައިގަނޑު 3 ބައެކެވެ. ސިކުނޑީގެ
މުލުގެ ތެރޭގައި ހިމެނެނީ "މިޑް ބްރެއިން"(Midbrain)،
"ޕޮންސް"(Pons) އަދި "މިޑަލާ އޮބްލޯންގާޓާ"(Medulla
oblongata) އެވެ.
މިޑްބްރެއިން (midbrain): މިޑްބްރެއިން އަކީ ސެރެބްރަމް
ގައި ހިމެނޭ ޑައިއެންސެފަލޯންގެ ތިރިން ސިކުނޑީގެ މުލުގެ ބައެއްގެ ގޮތުގައި ޕޮންސް
ގެ މަތިން އިންނަ ބައެކެވެ. މިބައި އެކުލެވިގެންވަނީ ސެރެބްރަމް އާ ސިކުނޑީގެ
ތިރީގައިވާ ބައިތައް އަދި ސްޕައިނަލް ކޯޑާ ގުޅުވާދޭ "ނިއުކްލިއަސް"ތަކާ
އަދި "ނާރު ފައިބަރު"(ޓްރެކްޓް) ތަކުގެ މައްޗަށެވެ. މިހިސާބުގައި ހުންނަ
ނިއުކްލިއަސް މަސައްކަތްކުރަނީ ސިކުނޑީގެ ތިރިއަށް އަދި މައްޗަށް އައިސްގޮސްފާ
ނާރު ފައިބަރުތައް މަޑުކޮށްލާ ސްޓޭޝަން ތަކެއްގެ ގޮތުގައެވެ.
ޕޮންސް (pons): ޕޮންސް އަކީ ސިކުނޑީގެ
މުލުގައި މިޑްބްރެއިން ގެ ތިރިން މިޑަލާ
އޮބްލޯންގާޓާ ގެ މަތިން، ސެރަބެލަމް ގެ ކުރިމައްޗަށް ވާގޮތަށް އިންނަ ބައެކެވެ.
ޕޮންސް މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ ސެރަބެލަމް ގެ ދެފަޅި ގުޅުވާދޭ
ފާލަމެއްގެ ގޮތުގައި ހުންނަ "ގްރޭ މެޓަރ" އިން އުފެދިފައިވާ ނާރު
ފައިބަރު ތަކާ، ސިކުނޑިއާ ސްޕައިނަލް ކޯޑު ގުޅުވައިދޭ ނާރު ފައިބަރު ތަކެއްގެ
މައްޗަށެވެ. ޕޮންސް ގައި ވެސް ސިކުނޑީގެ ތިރިއަށް އަދި މައްޗަށް އައިސްގޮސްފާ ނާރު
ފައިބަރުތައް މަޑުކޮށްލާ ސްޓޭޝަން ތައް ގޮތުގައި މަސައްކަތްކުރާ ނިއުކްލިއަސް ތައް
ހުރެއެވެ. ސެރަބެލަމް އާ ޚިލާފަށް ޕޮންސް ގައި "ގްރޭ މެޓަރ" އިން
އުފެދިފައިވާ ސެލްގެ ޖިސްމު ތައް ހުންނަނީ ފުނުގައެވެ. އަދި "ވައިޓް
މެޓަރ" އިން އުފެދިފައިވާ ނާރު ފައިބަރުތައް ހުންނަނީ މަތީ ސަތަހައިގައެވެ.
މިޑަލާ އޮބްލޯންގާޓާ (medulla oblongata): މިޑަލާ އޮބްލޯންގާޓާ އަކީ ސިކުނޑީގެ މުލުގައި އެންމެ ތިރިއަށް އިންނަ
ބައެކެވެ. މަތިން ޕޮންސް އިންނައިރު ތިރިން މިބައި ގުޅިފައިވަނީ ސްޕައިނަލް ކޯޑު
އާ އެވެ. މާނައަކީ މިޑަލާ އޮބްލޯންގާޓާ އިން ފެށިގެން ތިރީގައިވަނީ ސްޕައިނަލް
ކޯޑެވެ. މިބައިގެ ދިގުމިނަކީ 2.5 ސެންޓި މީޓަރެވެ. މިބައި އިންނަނީ ބޮލުގެ
ނާށިގަނޑުގެ ތެރޭގައި ތިރިއަށް އިންނަ ހުޅުވިފައި އިންނަ ހޮއި(foramen magnum) ގެ
މަތިންނެވެ. މިޑަލާ އޮބްލޯންގާޓާ ގެ އެތެރޭގައި (ފުނުގައި) ހުންނަނީ ގްރޭ މެޓަރ
އިން އުފެދިފައިވާ ސެލްގެ ޖިސްމުތައް (ނިއުކްލިއަސްތައް) އެވެ. އަދި ބޭރުގައި
ހުންނަނީ ވައިޓް މެޓަރ އިން އުފެދިފައިވާ ނާރު ފައިބަރު ތަކެވެ. މިއީ ސިކުނޑިއާ
ސްޕައިނަލް ކޯޑު ގުޅުވައިދޭ ނާރު ފައިބަރު ތަކެކެވެ.
މިޑަލާ އޮބްލޯންގާޓާ ގެ
އެތެރޭގައި މުހިއްމު މަރުކަޒު ތަކެއް ހުރެއެވެ. އެގޮތުން ހިމެނޭ މުހިއްމު މަރުކަޒު
ތަކަކީ:-
·
ހިތާލޭހޮޅިތަކާ ގުޅޭ މަސައްކަތް ކޮންޓްރޯލްކުރާ މަރުކަޒު : ހިތުން ވިންދުޖަހާ
މިންވަރާ ބާރުމިން އަދި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި މިމަރުކަޒު ބައިވެރި
ވެއެވެ.
·
ނޭވާލުމުގެ މަސައްކަތް ކޮންޓްރޯލްކުރާ މަރުކަޒު : ނޭވާލުމުގެ މަސައްކަތް
ހިންގާ ކޮންޓްރޯލް ކުރުމުގައި މިމަރުކަޒު ބައިވެރި ވެއެވެ.
·
ރިފްލެކްސް ސެންޓަރުތައް : ހޮނޑުލުމާ، ކެއްސުމާ، ކިނބިހިއެޅުން ފަދަ
ކަންކަމުގައި ޒިންމާވާ ރިފްލެކްސް ސެންޓަރު ތައް ހުންނަނީ މިޑަލާ އޮބްލޯންގާޓާ
ގައެވެ.
ސެރަބެލަމް
ސެރަބެލަމް(Cerebellum) އަކީ ސިކުނޑީގެ ތެރޭގައި ސެރަބްރަމްގެ ފަހަތުން ތިރީގައި،
ސިކުނޑީގެ މުލުގައި ހިމެނޭ ޕޮންސްގެ ކުރިމައްޗަށް ވާގޮތަށް އިންނަ ބައެކެވެ. ސެރަބްރަމް
އެކޭ އެއްފަދައިން ސެރަބެލަމް ވެސް އިންނަނީ ދެފަޅިއަށް ބެހިފައެވެ. މިދެފަޅި
ވަކިކޮށްދެނީ މެދުން އިންނަ "ވާރމިސް" ކިޔާ ހިމަ ރޮނދިފަށެއް ފަދަ
އެއްޗަކުންނެވެ. ޕޮންސް އާ ޚިލާފަށް ސެރަބެލަމް ގައި "ގްރޭ މެޓަރ" އިން
އުފެދިފައިވާ ސެލްގެ ޖިސްމު ތައް ހުންނަނީ މަތީ ސަތަހައިގައެވެ. އަދި "ވައިޓް
މެޓަރ" އިން އުފެދިފައިވާ ނާރު ފައިބަރުތައް ހުންނަނީ އެތެރޭ (ފުނުގައި، އަޑީގައި)
ގައެވެ. ސެރަބެލަމް އަކީ ހަށިގަނޑުގެ ހަރަކާތްތަކާ، ބެލެންސް، އަދި މަސްތަކުގެ
ހަރަކާތްތައް، ވިލަރެސްކޮށް ހިންގުމުގައި ބައިވެރިވާ ޓިޝޫ އެކެވެ.
ސިކުނޑިއަށް
ލޭފޯރުކޮށްދިނުން
ސިކުނޑިއަށް ލޭފޯރުކޮށްދެނީ
މައިގަނޑު ދެލޭހޮޅި އަކުންނެވެ. އެއީ "ކޮމަން ކެރަޓިޑް އާޓަރީ"(Common carotid artery)
އިން ކުރިފަޅާފައިވާ "އިންޓާރނަލް ކެރަޓިޑް އާޓަރީ"(Internal carotid artery)
އާއި، "ސަބްކްލެވިއަން އާޓަރީ"(Subclavian artery) އިން
ކުރިފަޅާފައިވާ "ވާޓެބްރަލް އާޓަރީ"(Vertabral
artery) އެވެ. އިންޓާނަލް ކެރަޓިޑް
އާޓަރީ ސެރެބްރަލް އާޓަރީ(cerebral artery) އަށް ކަފިވެގެން ދެއެވެ.
ސިކުނޑިއަށް ލޭފޯރުކޮށްދޭ
ލޭހޮޅިތަކަށް ބަލާއިރު ޚާއްޞަ ގޮތެއްގައި ސިކުނޑީގެ ދަށްފުށުގައި އެތައް
ލޭހޮޅިތަކެއް ގުޅިގެން އުފެދިފައިވާ "ސާކިޔުލަސް އާޓެރިއޯސަސް"(Circulus arteriosus) އަކީ
ސިކުނޑިއަށް ބޭނުންވާ އޮކްސިޖަން އާއި ގުލުކޯޒު ފޯރުކޮށްދިނުމުގައި މުހިއްމު
ދައުރެއް އަދާކުރާ އެއްޗެކެވެ. ސިކުނޑިއަށް މިނިޓަކު 750 އެމްއެލް ގެ ލޭ
ފޯރުކޮށްދެއެވެ. އެއީ ހިތުން ހަށިގަނޑުގެ ބައިތަކަށް ފޮނުވާ ލޭގެ 15 އިންސައްތަ
އެވެ. ސިކުނޑީގެ ތެރޭގައިވާ ލޭހޮޅިތަކުގެ ވަށަމިނަށް ބަދަލު ގެނެސް، ލޭގެ ޕްރެޝަރު
140-65 އާއި ދޭތެރޭގައި ހިފަހައްޓައިގެން ސިކުނޑިއަށް ލޭފޮނުވައިދިނުން
ސާބިތުކަމާއެކު ހިފަހައްޓައިދެއެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
No comments:
Post a Comment