މިޑްލް އީސްޓް
ރެސްޕިރޭޓަރީ ސިންޑްރޯމް(Middle-East Respiratory Syndrome) ނުވަތަ މާރސް(MERS) ރޯގާ އަކީ
ކޮރޯނާ ވައިރަސް އެއްގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ބައްޔެކެވެ. މާރސް ރޯގާ
ފުރަތަމަ ފެނުނީ 2012 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާ އިންނެވެ. އެއަށްފަހު ތަފާތު
ގައުމުތަކަށް ބަލި ފެތުރިގެން ގޮސްފައި ވެއެވެ. 2012 ގައި ބަލި ފުރަތަމަ ފަހަރަށް
ފާހަގަވި ފަހުން ތަފާތު 27 ގައުމަކުން 2494 ބަލިޖެހިފައިވާ މީހުން (ޖެނުއަރީ
2020ގެ ނިޔަލަށް) ފެނިގެން ރިޕޯޓްކޮށްފައި ވެއެވެ. އަދި 858 މީހުން (ޖެނުއަރީ 2020
ގެ ނިޔަލަށް) މަރުވެފައި ވެއެވެ. ބަލިޖެހިފައިވާ މީހުންގެ ތެރެއިން %80 މީހުންނަކީ ސައޫދީ ޢަރަބިއްޔާ އިން
ބަލިޖެހިގެން ރިޕޯޓްކޮށްފައިވާ ފަރާތްތަކެވެ. މައިގަނޑު ގޮތެއްގައި އެހެން
ގައުމުތަކުން ފެނުނު ބަލިޖެހުނު މީހުންނަކީ ވެސް މެދުއިރުމައްޗަށް
ދަތުރުކުރުމަށްފަހު، އަނބުރާ ގައުމަށް ދިޔަ ފަހުން ބަލީގެ އަލާމަތްތައް ފެނިގެން
ރިޕޯޓްކޮށްފައިވާ ފަރާތްތަކެވެ.
މިޑްލް އީސްޓް
ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ މާރސް ރޯގާ ޖެހޭނީ ކޮރޯނާ ވައިރަސްގެ ވައްތަރެއް
ކަމުގައިވާ "މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާ ވައިރަސް"(MERS CoV) ގެ
ސަބަބުންނެވެ. މިބަލި ޖެހުމުން "ސިވިއަރ އެކިޔުޓް ރެސްޕިރޭޓަރީ
އިލްނަސް" ބުނާ ހާލަތު ކުރިމަތި ވެއެވެ. މިހާލަތުގައި ފެންނާނެ
އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން އަދި ނޭވާކުރުވުން ހިމެނެއެވެ.
މާރސް ރޯގާޖެހުނު ކޮންމެ 10 މީހުންގެ ތެރެއިން 4 މީހުން ނިޔާވެފައިވާކަމަށް
ރިޕޯޓުތަކުން ދައްކައެވެ.
މާރސް
ރޯގާ ޖެހޭ ގިނަ މީހުންނަށް ހުންއައިސް، ކެއްސައި، ނޭވާލާން އުދަނގޫވެ، ވަރަށް
ބޮޑަށް އަރިދަފުސް ރޯގާ ޖެހެއެވެ. މާރސް ރޯގާ ޖެހުނު ކޮންމެ 10 މީހުންގެ ތެރެއިން
4-3 މީހުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ. މިބަލިޖެހިގެން ފުރަތަމަ
ރިޕޯޓްކޮށްފައިވަނީ ސެޕްޓެމްބަރު 2012 ގައި ސައޫދީ އަރަބިއްޔާ އިންނެވެ. ރޯގާ
ފެތުރިގެން ދިއުމުގައި މެދުއިރުމަތީގެ ގައުމަކަށް ދަތުރުކޮށްފައިވާ މީހަކު
މަޞްދަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަން ގަބޫލުކުރެވެއެވެ.
މާރސް
ރޯގާ ޖެހިފައިވާ މީހުންގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރެނީ ގައިގޯޅިވެ
އުޅުމުގެ ސަބަބުންނެވެ. މިސާލަކަށް ބަލިމީހާއަށް އަޅާލުމާއި، ބެލެހެއްޓުމާއި،
ފަރުވާކުރުމާއި، އެކުގައި ދިރިއުޅުން، އަދި އެކުގައި ގިނަވަގުތު ހޭދަކުރުން،
ފަދަ ކަންކަމުގެ ސަބަބުންނެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް މާރސް ރޯގާ ޖެހިދާނެ
އެވެ. އެއް އަހަރުން ދަށުގެ ތުއްތު ކުދިން ފެށިގެން ގޮސް އުމުރުން 99 އަހަރުގެ
މީހަކަށް ވެސް މިބަލިޖެހިފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ.
މާރސް ރޯގާ
ޖައްސާ ވައިރަސްގެ މަޞްދަރު
ބެލެވިފައިވާ
ގޮތުގައި މާރސް ރޯގާ ޖައްސާ ވައިރަސް "މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް
ކޮރޯނާ ވައިރަސް"(MERS CoV) އައިސްފައިވަނީ އަރަބި ގައުމުތަކުގެ ޖަނަވާރުގެ
މަޞްދަރަކުންނެވެ. އެހެން ކަމުން މިއީ ޖަނަވާރުންގެ ހަށިގަނޑުން އިންސާނުންގެ
ހަށިގަނޑަށް(zoonotic)
އަރާ ވައިރަސް އެކެވެ. ވަރަށް ގިނަ
ގައުމުތަކުގައި އިންސާނުންގެ ހަށިގަނޑުގެ އިތުރުން ޖަމަލުގެ ހަށިގަނޑުން މާރސް
ރޯގާ ޖައްސާ ކޮރޯނާވައިރަސް ފެނިފައި ވެއެވެ. އެހެން ކަމުން ޖަމަލު ފަދަ
ޖަނަވާރުގައި އަތްލައި ހެދުމަށްފަހު ބައެއް މީހުންނަށް މާރސް ރޯގާ ޖެހިފައިވުމަކީ
ނޫނީ ޖެހުމަކީ ވެދާނެ ގޮތެކެވެ. ވަރަށް ގިނަ ހޯދުންތަކުން އެނގިފައިވާ ގޮތުގައި އިންސާނުންނަށް
މާރސް ރޯގާ ޖެހިފައިވަނީ ސީދާ ގޮތުންނާއި، ނުސީދާގޮތުން ވެސް ޖަމަލާއި ގައިގޯޅި
ވެވުމުންނެވެ.
މާރސް ރޯގާ
ފެތުރޭގޮތް
މާރސް ރޯގާ އާންމު
ގޮތެއްގައި ފެތުރެނީ ޖަނަވާރުންގެ ފުށުން އިންސާނުންނަށެވެ. ނަމަވެސް އިންސާނުންގެ
ތެރޭގައި ވެސް އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ކަމަށް ފާހަގަ ކުރެވިފައި
ވެއެވެ.
މާރސް ރޯގާ ވެސް
ފެތުރޭކަމަށް ބެލެވިފައިވަނީ އެހެނިހެން ކޮރޯނާ ވައިރަސް ތައް ވެސް ފެތުރޭ
އުސޫލުނެވެ. މާނައަކީ ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ އަރިދަފުސް، ކުޅު ފަދަ
ތަކެތީގެ ތެރޭގައި ހިމެނޭ ބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހާގެ
ހަށިގަނޑަށް ވާޞިލްވެގެންނެވެ. ނަމަވެސް ސީދާ މާރސް ރޯގާ ފެތުރެނީ މިގޮތަށްކަން އަދި މުޅިން
ޔަގީންކަމާއެކު ބުނާކަން ނޭނގެއެވެ.
ބަލިޖެހިފައިވާ
މީހުންނާ މާބޮޑަށް ގައިގޯޅިވުމަކީ ވެސް މާރސް ރޯގާ އެކަކު ގައިން އަނެކާގެ ގަޔަށް
އަރާނެ ކަމެކެވެ. މިސާލަކަށް ބަލިޖެހިފައިވާ މީހަކަށް އަޅާލާ ހެދުމުގައި
ބައިވެރިވުމާއި، ބަލިޖެހިފައިވާ މީހަކާ އެއް ގޭބިސީއެއްގައި އުޅެންޖެހުމަކީ ބަލި
ޖެހިދާނެ ކަމެކެވެ. ހޮސްޕިޓަލް ފަދަ
ތަންތަނުގައި މާރސް ރޯގާ ޖެހުނު މީހުންގެ ފުށުން އެހެން މީހުންގެ ގަޔަށް
ބަލިފެތުރިގެން ގޮސްފައި ވެއެވެ.
ޖަނަވާރުންގެ
ގައިން އިންސާނުންގެ ގަޔަށް ފެތުރޭގޮތް
ޖަނަވާރުންގެ ގައިން
އިންސާނުންގެ ގަޔަށް މާރސް ރޯގާ ފެތުރެނީ ކޮން ގޮތަކަށް ކަމެއް އަދި މުޅިން
ހޯދިފައެއް ނުވެއެވެ. މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާ ވައިރަސްގެ
މައިގަނޑު ރިޒާވަރ އަކީ "ޑްރޯމެޑަރީ ކެމަލް" ނުވަތަ ޖަމަލެވެ. އިންސާނުންގެ
ގަޔަށް ބޮޑަށް ވައިރަސް އަރާ މަޞްދަރެއް ކަމަށް ބެލެވިފައިވަނީ ވެސް ޖަމަލެވެ. އިންސާނުންގެ
ގައިން ފެނުނު މާސރސް ކޮރޯނާ ވައިރަސް އާއި މުޅިން އެއްގޮތް ވައިރަސްގެ ސްޓްރެއިން
ތަފާތު ޢަރަބި ގައުމުތަކުގައި ޖަމަލު ގެ ހަށިގަނޑުން ފެނިފައި ވެއެވެ. ޖަމަލުގެ އިތުރުން
އެހެން ބައެއް ޖަނަވާރުތަކުގެ ހަށިގަނޑުގައި މާރސް ކޮރޯނާ ވައިރަސް ހުރުމަކީ
އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭ
ގޮތުގައި ގެރި، ބަކަރި، އޫރު، ބަފަލޯ، ކަންބަޅި، އަދި ބައެއް ކަހަލަ ވަލު ދޫނި
ތައް ކޮރޯނާ ވައިރަސް އަށް ޓެސްޓުކުރިއިރު އެޖަނަވާރުތަކުގެ ހަށިގަނޑުން މާރސް
ކޮރޯނާ ވައިރަސް ފެނިފައެއް ނުވެއެވެ.
އިންސާނުންގެ
ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭގޮތް
އިންސާނުންގެ
މެދުގައި އެކަކު ގައިން އަނެކަކު ގަޔަށް އެހާ ފަސޭހައިން ވައިރަހެއް ނުފެތުރެއެވެ.
އިންސާނުންގެ ތެރޭގައި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް
ގައިގޯޅިވެ އުޅުމުންނެވެ. މިސާލަކަށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމަކާ ނުލައި، ބަލިޖެހިފައިވާ މީހަކަށް އަޅާލާ ފަރުވާކުރުމުގައި
ބައިވެރިވުމަކީ ބަލިޖެހިދާނެ ކަމެކެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މާރސް ރޯގާ
އެއް ދުވަސްވަރެއްގައި ގިނަ ބަޔަކަށް ޖެހި ބަލިފެތުރިފައި އެބަހުއްޓެވެ. މިގޮތަށް
ބޮޑަށް ބަލި ފެތުރިފައި ހުރީ އެތަންތަނުގައި އިންފެކްޝަން ކޮންޓްރޯލްކުރުމަށް
ގެންގުޅެވޭ މިންގަނޑުތައް އެންމެ އެކަށޭނަ ގޮތަށް ތަރުތީބު ކުރެވިފައި ނުވާ
ތަންތަނުގައި ކަން ފާހަގަ ކުރެވެއެވެ. އިންސާނުގެ މެދުގައި ބަލި ފެތުރުން އޮތީ
ވަކި ހުދޫދެއްގައި ހިފެހެއްޓިފައެވެ. މާރސް ރޯގާ ބޮޑަށް ޖެހިފައިހުރީ ބަލިޖެހުނު
މީހުންގެ އާއިލާ މެންބަރުންނާއި، ގާތްތިމާގެ މީހުންނާއި، ޞިއްޙީ
ޚިދުމަތްތެރިންނަށެވެ. އަދި ބަލި ޖެހުނު ގިނަ މީހުންނަށް ޖެހިފައިވަނީ ޞިއްޙީ
ޚިދުމަތްދޭ ތަނަކުންކަން ފާހަގަ ކުރެވެއެވެ. ވީމާ ދެމެހެއްޓެނިވި ގޮތެއްގައި
އިންސާނުންގެ މެދުގައި ބަލިފެތުރިގެންދިޔަކަން އެނގޭކަން ނެތެވެ.
އެހެންކަމުން
މައިގަނޑު ގޮތެއްގައި މާރސް ރޯގާ ފެތުރެނީ ރައްކާތެރިވުމުގެ ގޮތުން
ބޭނުންކުރަންޖެހޭ (އަޅަންޖެހޭ) އަދަވާތްތައް ނޫނީ އާލާތްތައް ބޭނުންކުރުމަކާ
ނުލައި ބަލިޖެހިފައިވާ މީހަކާ ގައިގޯޅިވެއުޅުމާއި، ބަލިޖެހިފައިވާ (ބަލީގެ
ވައިރަސް އުފުލާ) ޖަނަވާރަކާ ގައިގޯޅިވެ އުޅުމުގެ ސަބަބުންނެވެ.
ބަލިފެތުރުން، އަދި ގައިންގަޔަށްއެރުން
އެހެން
ކޮރޯނާ ވައިރަސް ތަކެކޭ އެއްފަދައިން މާރސް ކޮރޯނާ ވައިރަސް ވެސް ފެތުރެނީ
ބަލިޖެހިފައިވާ މީހާގެ ނޭވާލާ ނިޒާމުން ބޭރުވާ ދިޔައިން ކަމަށް ބެލެވެއެވެ. މިސާލަކަށް
ކެއްސާއިރު ބޭރުވާ އަރިދަފުސް، ކުޅު ފަދަ ތަކެތިންނެވެ. އިންސާނުންގެ މެދުގައި
ވައިރަސް ފެތުރޭގޮތް (ގައިންގަޔަށްއަރާ ގޮތް) އެންމެ ފުރިހަމައަށް (އެންމެ
ރަގަޅަށް) އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނޭވާލާ ނިޒާމަށް ޖެހޭ އެހެން
ބަލިތަކެކޭ އެއްފަދައިން ވައިގެ ޒަރީޢާއިން ބަލިޖެހިފައިވާ މީހެއްގެ ފުށުން
ސަލާމަތުން ތިބޭ މީހުންނަށް މިބަލިޖެހުން އެހާ ގާތެއް ނޫނެވެ.
ބަލިޖެހިފައިވާ
މީހުންނާއި ވަރަށް ގާތުގައި އުޅުނު މީހުންނަށް، އަދި ބަލިޖެހިފައިވާ މީހުންނާ
ގިނަވަގުތު އެކުގައި ހޭދަކުރާ މީހުންނަށް މިބަލި ޖެހިފައި ވެއެވެ. ބަލި ފެތުރެން
ބޮޑަށް މެދުވެރިވެފައިވަނީ ބަލިމީހުންނަށް ފަރުވާ ދިނުމާއި، އެމީހުންނަށް
އަޅާލައި، ބެލެހެއްޓުމުގައި އުޅޭ ފަރާތްތަކުން އެކަށީގެންވާ ސާފުތާހިރުކަމުގެ
ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
މާރސް
ރޯގާ ޖެހިފައިވާ މީހުންގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރެނީ ގައިގޯޅިވެ
އުޅުމުގެ ސަބަބުންނެވެ. މިސާލަކަށް ބަލިމީހާއަށް އަޅާލައި ބެލެހެއްޓުމާއި، ފަރުވާކުރުމާއި، އެކުގައި ދިރިއުޅުން، ނުވަތަ އެކުގައި ގިނަ ވަގުތު
ހޭދަކުރުން، ފަދަ ކަންކަމުގެ ސަބަބުންނެވެ. އަދި މިހާތަނަށް މިބަލި ފެތުރޭކަން
ފާހަގަކުރެވިފައިވަނީ ހަމައެކަނި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައެވެ.
މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިގެން ގޮސްފައިވާކަން އަދި ފާހަގަކުރެވިފައެއް
ނުވެއެވެ.
މިހާތަނަށް
ބަލިޖެހިފައިވާ ހުރިހާ މީހުން ވެސް ކޮންމެވެސް ގޮތަކުން މެދުއިރުމަތީގެ ގައުމަކާ
ގުޅިފައި ވެއެވެ. ބަލިޖެހިފައިވާ ގިނަ މީހުން ދިރިއުޅެފައިވަނީ މެދުއިރުމަތީގެ
ގައުމުތަކުގައެވެ. ނުވަތަ ބަލިޖެހި އަލާމާތްތައް ފެނުމުގެ ކުރިން މެދުއިރުމަތީގެ
ގައުމަކަށް ދަތުރުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މެދުއިރުމައްޗަށް ދަތުރުކޮށް
އައުމަށްފަހު ބަލީގެ އުދަނގޫތައް ފެނި، އެބަލިމީހާއާއި ގައިގޯޅިވެ އުޅުމުގެ
ސަބަބުން، ބަލިޖެހިފައިވަނީ މަދު މީހަކަށެވެ.
މާރސް ރޯގާ
ޖެހުމުން ފުރާނަޔަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު ފަރާތްތައް
މިހާތަނަށް
ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، އެހެނިހެން ޞިއްޙީ މައްސަލަ ހުންނަ
ފަރާތްތަކަށް މާރސް ރޯގާ ޖެހުމުގެ ފުރުޞަތު ބޮޑެވެ. އަދި މާރސް ރޯގާޖެހި
ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑެވެ. އެގޮތުން މާރސް ރޯގާ ޖެހުނު މީހުންގެ
ފުށުން ކުރިން ހުރިކަމަށް ފާހަގަކުރެވުނު ޞިއްހީ މައްސަލަތަކުގެ ތެރޭގައި،
ހަކުރުބަލި، ކެންސަރު، ހިތުގެ ބަލި، ފުއްޕާމޭގެ ބަލި، އަދި ގުރުދާގެ ބަލި، ފަދަ
މައްސަލަތައް ފާހަގަ ކުރެވެއެވެ. ހަށިގަނޑުގެ ދިފާއީ ބާރު ދަށް މީހުންނަށް ވެސް
މާރސް ރޯގާ ޖެހުމާއި، މާރސް ރޯގާ ޖެހި ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑެވެ.
މާރސް
ރޯގާޖެހި ފުރާނަޔަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑީ އަންނަނިވި ފަރާތް ތަކަށެވެ.
·
އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިން
·
އުމުރުން 65 އަހަރުން މަތީގެ މުސްކުޅިން
·
މާބަނޑު މީހުން
·
ބޮޑެތި ބަލިތައް ތަހައްމަލުކުރާމީހުން : މިސާލަކަށް ކެންސަރު، ހަކުރު ބަލި،
ފުއްޕާމޭ ބަލިތައް، ކިޑްނީގެ ބަލިތައް
·
ދިފާޢީ ބާރު ދަށްމީހުން : މިސާލަކަށް އެޗްއައިވީ އޭޑްސްގެ އަހުލުވެރިން،
ގުނަވަން ބަދަލުކޮށްފައިވާ މީހުން
·
ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް
ބަލީގެ އަލާމަތްތައް ފެނުމަށް ހޭދަވާ މުއްދަތު
މިހާތަނަށް
ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، މާރސް ރޯގާގެ ވައިރަސް ހަށިގަނޑަށް
ވަނުމަށް ފަހު، އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 6-5 ދުވަހުގެ މުއްދަތެއް
ހޭދަވެއެވެ. އެކަމަކު މިމުއްދަތު އެވްރެޖްކޮށް އުޅެނީ 14-2 ދުވަހާ ދެމެދުގެ
މުއްދަތެއްގެ ތެރޭގައެވެ.
މާރސް
ރޯގާގެ އަލާމާތްތައް
"މިޑްލް އީސްޓް
ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާ ވައިރަސް" ނުވަތަ މާރސް ރޯގާ ބައެއް ފަހަރު
އަލާމާތްތައް ނުފެނި ހިނގައިދާނެ އެވެ. އަނެއްބައި ފަހަރު އަރިދަފުސް ރޯގާ ފަދަ
އަލާމަތްތައް ފެނިދާނެ އެވެ. އަނެއްބައި ފަހަރު "ސިވިއަރ އެކިޔުޓް
ރެސްޕިރޭޓަރީ އިލްނަސް"(SARI) ގެ އަލާމާތްތައް ފެނިދާނެ އެވެ.ބައެއް މީހުންނަށް
ވަރަށް އާދައިގެ ވަރަކަށް އަލާމާތްތައް ފެންނައިރު، އަނެއް ބައި މީހުންނަށް
އެއްވެސް ވަރަކަށް ބަލީގެ އަލާމާތްތައް ނުފެނިދިއުމަކީ ވެސް އެކަށީގެންވާ
ކަމެކެވެ.
މާރސް ރޯގާޖެހުނު ގިނަ
މީހުންނަށް "ސިވިއަރ އެކިޔުޓް ރެސްޕިރޭޓަރީ އިލްނަސް"(SARI) ކުރިމަތިވިއެވެ.
އެގޮތުން މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް
ހިމެނެއެވެ.
·
ހުންއައުން
·
ކެއްސުން
·
ނޭވާކުރުވުން (ހުން އަންނަތާ 3-2 ދުވަހުގެ ތެރޭގައި ނޭވާކުރުވެ ނޭވާލާން
އުނދަގޫވުން)
މާރސް
ރޯގާ ޖެހޭ ބައެއް މީހުންގެ ފުށުން އަންނަނިވި އަލާމާތްތައް ފާހަގަ
ކުރެވިފައިވެއެވެ.
·
މޭނުބައިކުރުން
·
ހޮނޑުލެވުން
·
ބޭރަށްހިންގުން
މާރސް ރޯގާޖެހުނު
ކޮންމެ 10 މީހުންގެ ތެރެއިން 4 މީހުން (ބަލިޖެހި މަރުވި މީހުންގެ %35)
ނިޔާވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. މާރސް ރޯގާ ޖެހިގެން މަރުވި ގިނަ
މީހުންގެ އެހެނިހެން ޞިއްޙީ މައްސަލަތައް ހުރިކަން ފާހަގަ ކުރެވެއެވެ.
މާރސް ރޯގާ
ޖެހުމުން ދިމާވެދާނެ ނުރައްކާތައް
·
ފުއްޕާމޭގައި ޖަރާސީމު ހިފައި ނިއުމޯނިޔާ ކުރިމަތިވުން
·
ފުއްޕާމޭގެ މަސައްކަތް ފޭލްވެ، ނޭވާލުމަށް ނުކުޅެދުން
·
ގުރުދާ ފޭލްވުން
·
ސެޕްޓިކް ޝޮކް ކުރިމަތިވުން (ޝޮކުޖެހުން)
މާރސް
ރޯގާ ޖެހުނު ވަރަށް ގިނަ މީހުންނަށް ފުއްޕާމޭގައި އިންފެކްޝަން އުފެދުން،
ފުއްޕާމޭގެ މަސައްކަތް ހުއްޓުމަކަށް އައުން، އަދި ގުރުދާ ފޭލްވުން
ކުރިމަތިވެފައިވާކަމަށް ފާހަގަކުރެވިފައިވެއެވެ. މާރސް ރޯގާ ޖެހުނު ކޮންމެ 10
މީހުންގެ ތެރެއިން 4-3 މީހުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ގިނަ
މީހުން މަރުވެފައިވަނީ ރޯގާ ޖެހުނުއިރު ހުރި، ކޮންމެ ވެސް އެހެން ޞިއްޙީ މައްސަލައެއްގެ
ސަބަބުންނެވެ. ބައެއް މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާގެ އުދަނގޫ
ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. އަދި އަނެއް ބައިމީހުންނަށް އެއްވެސް
އުދަނގުލެއް ކުރިމަތިނުވެ، ނުވަތަ އަލާމާތްތައް ނުފެނިދާކަން ފާހަގަ ކުރެވެއެވެ.
މާރސް ރޯގާ
ފެތުރިފައިވާ ގައުމަކަށް ދަތުރުކުރުމަށްފަހު އަމަލުކުރަންވީގޮތް
މާރސް ރޯގާ ފެތުރިފައިވާ
ގައުމަކަށް ޒިޔާރަތްކުރުމަށްފަހު އެނބުރިއަންނަތާ 14 ދުވަހުގެ ތެރޭގައި
ހުންއައިސް، ކެއްސާ، ރޯގާޖެހި، ނޭވާލާން އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް
ދެއްކުމަކީ މުހިއްމު ކަމެކެވެ.
ފަރުވާ
މާރސް ރޯގާއަށް ޚާއްޞަ "އެންޓިވައިރަލް"
ފަރުވާއެއް އަދި ތައްޔާރު ކުރެވިފައެއް ނުވެއެވެ. އަދި މާރސް ރޯގާ ޖެހުމުން ދެވޭ
ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. މައިގަނޑު ގޮތެއްގައި ފަރުވާ ދެވެނީ އަރިދަފުސް
ރޯގާ އެކޭ އެއްގޮތަށް ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތައް ކުޑަކުރުމަށް ނުވަތަ
ލުއިކުރުމަށެވެ. ނަމަވެސް ބަލިޖެހުމުން ގިނައިން ދިޔާތަކެތި ބޭނުންކުރުމާ، އަދި
އެހެން މީހުންނަށް ބަލިފެތުރުމަށް މަގުފަހިވެދާނެ ކަންތައްތަކުން ދުރުހެލިވުން
މުހިއްމެވެ. މާރސް ރޯގާ އިން ރައްކާތެރިވުމަށްޓަކައި އެއްވެސް
ވެކްސިނެއް އަދި ތައްޔާރުކުރެވިފައެއް ނުވެއެވެ.
ރައްކާތެރިވުން
މާރސް
ރޯގާ އިން ރައްކާތެރިވުމަށް އަދި ވެކުސިނެއް އުފައްދާފައެއް ނުވެއެވެ. މާރސް ރޯގާ
އަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަކަށްވުމުން، މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ
ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
·
ގިނަގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން (މަދުވެގެން 20
ސިކުންތު ވަންދެން)
·
ތުއްތު ކުދިންގެ ވެސް ސައިބޯނި ލައިގެން ގިނަގިނައިން
ރަގަޅަށް (20 ސިކުންތު ވަންދެން) އަތްދޮއްވުން
·
ފެނާއި، ސައިބޯނި ނެތްނަމަ، ހޭންޑް ރަބް ފަދަ ބާވަތެއް
ބޭނުންކޮށްގެން އަތް ސާފުކުރުން
·
ކެއްސާ ކިނބިހިއަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުން
·
ކެއްސާއިރު އަނގަޔާ ނޭފަތް ނިވާކުރުމަށް ޓިޝޫ
ބޭނުންކުރިނަމަ، ރަގަޅު ގޮތުގައި ޓިޝޫ ނައްތާލުން (ޑަސްބިނަށްލުން)
·
ކެއްސުމާއި، ކިނބިހި އެޅުމަށްފަހު
ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުން
·
އަތްނުދޮވެ، އަނގަ،ނޭފަތް، ލޮލުގައި އަތްނުލުން
·
ބަލިމީހާއާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން
·
ބަލިމީހާ ބޭނުންކުރާ ޖޯޑު، ފެންބޯތަށި ފަދަ ތަކެތި ނުދޮވެ އެހެންމީހުން
ބޭނުން ނުކުރުން
·
ޖަރާސީމު ހަރުލާފައި ހުރެދާނެހެން ހީވާ ތަންތަން (ތަޅު،
އަތްގަނޑު، ގޮބު، ސިޑީގެ ދަގަނޑު، ބެލްކަނީގެ ތޭރީގެ ދަގަނޑުތައް، ފަދަ ތަންތަން)
ރަގަޅަށް ސާފުކުރުމާ އެފަދަ ތަންތަނުގައި އަތްނުލުން
·
ބަލިވެއްޖެނަމަ އޮފީހަށް/ސުކޫލަށް ނުގޮސް ގޭގައި މަޑުކުރުން
·
މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
·
ޖަނަވާރުގައި އަތްލައި ހެދުމަށްފަހު ސައިބޯނި ލައިގެން އަތްދޮވުމަށް
ސަމާލުވުން
·
ޖަމަލު ފަދަ ޖަނަވާރުގައި އަތްލާ ނުހެދުން / އެފަދަ
ޖަނަވާރު ކައިރީގައި ގިނަވަގުތު ހޭދަނުކުރުން
·
އެއްވެސް ކަހަލަ ޖަނަވާރަކާ މާބޮޑަށް ގައިގޯޅިވެ ނޫޅުން
·
އެއްވެސް ކަހަލަ ރޯމަހުގެ ބާވަތެއް ބޭނުންކުރާނަމަ، ރަނގަޅަށް ރޯފިލުވައިގެން
ބޭނުންކުރުން
·
ޖަނަވާރުގެ ކިރު (މިސާލަކަށް ޖަމަލުކިރު، ސާފު ތަބީޢީ
ގެރިކިރު)ބޭނުންކުރާނަމަ ރަނގަޅަށް ކައްކައިގެން ބޭނުންކުރުން
·
ބަލިމީހާއަށް އަޅާލައި، ފަރުވާކުރުމުގައި އަމަލީގޮތުން ބައިވެރިވާ
ފަރާތްތަކުން ބަލިތަކުން ރައްކާތެރިވުމަށް ގެންގުޅެންޖެހޭ މިންގަނޑުތަކަށް
އަމަލުކުރުން : މިސާލަކަށް މާސްކު އެޅުން، އަންގި ބޭނުންކުރުން
·
ބަލި އުޅޭ އެއްވެސް ގައުމަކަށް (ޚާއްޞަކޮށް މެދުއިރުމަތީގެ
ގައުމަކަށް) ދަތުރުކުރައްވާނަމަ، ޚާއްޞަ ސަމާލުކަމެއް ދެއްވުން
·
ބަލިއުޅޭ ގައުމުތަކުން ޞިއްޙީ ފަރުވާ ހޯއްދަވާނަމަ،
ވީހާވެސް މަދު ތަންތަނުން ޞިއްޙީ ފަރުވާ ހޯއްދެވުން، އަދި ދިއުމުގެ ކުރިން
ވަކިތަނެއް ފަރުވާކުރުމަށް ޚިޔާރުކުރެއްވުމާއި، އެތަނެއްގައި ވީހާ ވެސް މަދު
ވަގުތު ހޭދަކުރެވޭނެ ގޮތެއް ބެލުން
·
ބަލިމީހާއަށް ޒިޔާރަތް ކުރުމުގައި ވީހާވެސް މަދުވަގުތު
ހޭދަކުރުން
·
ބަލިމީހާ ގާތުގައި ތިބޭ ފަރާތްތައް ވީހާވެސް
މަދުކުރުން
ނޯޓް : މާބޮޑަށް ގައިގޯޅިވެއުޅުން
މާބޮޑަށް
ގައިގޯޅިވެއުޅުން(close
contact) ކަމުގައި ބެލެވެނީ :-
(ހ) –
ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރެވޭ އަދަވާތެއް ނުވަތަ އާލަތެއް ( އަންގި، ކޯޓު،
މާސްކު، މޫނުމަތި، ފަދަ ތަކެތި ) ބޭނުންކުރުމާއި ނުލައި(ރައްކާތެރިވުމުގެ ގޮތުން
އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކާ ނުލައި)، ބަލިމީހާއާއި 6 ފޫޓް (2 މީޓަރު) ކައިރި
އިމެއްގެ ތެރޭގައި ، ނުވަތަ ބަލިމީހާ އެއް ކޮޓަރިއެއްގައި ނުވަތަ ފަރުވާ
ދޭތަނެއްގައި ގިނަވަގުތު ހޭދަކުރުން
(ށ) -
ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރެވޭ އަދަވާތެއް ( އަންގި، ކޯޓު، މާސްކު،
މޫނުމަތި، ފަދަ ތަކެތި ) ބޭނުންކުރުމާއި ނުލައި(ރައްކާތެރިވުމުގެ ގޮތުން
އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކާ ނުލައި)، ހުއްޓާ ބަލިމީހާގެ ނޭފަތުން ބޭރުވި
ދިޔައަށް ސީދާގޮތެއްގައި ހުށަހެޅުން (މިސާލަކަށް މާސްކު ނާޅައި ހުއްޓައި
މޫނުމައްޗަށް ކެއްސުން ނުވަތަ ކިނބިހިއެޅުން)
ނޯޓް: މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި
ލިޔެވިފައިވާ ލިޔުމެކެވެ.
ހަވާލާ /
މައުލޫމާތު ނަގާފައިވަނީ
·
CDC.
(2013, 07 17). http://www.cdc.gov/.
Retrieved 07 18, 2013, from http://www.cdc.gov/coronavirus/mers/faq.html: http://www.cdc.gov/coronavirus/mers/faq.html
·
· ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން 20
ޖޫން 2015 ގައި ނެރެފައިވާ ނޫސް ބަޔާން
No comments:
Post a Comment