މުހިއްމު ސަފުހާތައް

Saturday, September 21, 2013

ބީޓާ ތެލެސީމިޔާ

ބީޓާ ތެލެސީމިޔާ
ބީޓާ ތެލެސީމިޔާ(Beta Thalassemia) އަކީ ލޭގައި ހިމެނޭ ހީމަގްލޯބިން ގައިވާ އުނިކަމަކުން ވާގޮތެކެވެ. ނުވަތަ މިއީ ބީޓާ ޗެއިން އުނިވުމުން ވާގޮތެކެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. މީގެތެރެއިން ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލެސީމިޔާ އަށެވެ. ތެލެސީމިޔާގެ ވައްތަރުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެންމެ އާންމު ވައްތަރަކީ ބީޓާ ތެލެސީމިޔާ އެވެ.

ބީޓާ ތެލެސީމިޔާގެ ބާވަތްތައް

ބީޓާ ތެލެސީމިޔާ ކެރިއަރ (ތެލެސީމިޔާ ވާރުތަކުރާގޮތް ހުރުން) / ތެލެސީމިޔާ މައިނަރ
ބީޓާ ތެލެސީމިޔާ މައިނަރ(Beta thalassemia minor or carrier) ނުވަތަ ކެރިއަރުންނަކީ ފުރިހަމަ ޞިއްޙަތެއްގައި ތިބެ، ލިބޭ ދަރިންނަށް މިކަން ވާރުތަކޮށްފާނޭ މީހުންނެވެ. ނުވަތަ ތެލެސީމިޔާ ވާރުތަކޮށްފާނޭ މީހުންނަކީ ޞިއްޙަތު ދެރަކަމެއް އިހްސާސްކުރާ ބައެއް ނޫނެވެ. މިފަދަ މީހުންނަށް އެމީހުންނަކީ ތެލެސީމިޔާ ވާރުތަކުރާގޮތް ހުންނަ މީހުންކަމެއް(ތެލެސީމިޔާ ކެރިއަރުން ކަމެއް) ނޭގޭނެއެވެ. މިކަން ނުވަތަ ކެރިއަރެއްކަން އެނގޭ ގޮތަކީ މިކަމަށްކުރާ ޚާއްޞަ ލޭގެ ޓެސްޓެއް ކުރުމުންނެވެ. ނުވަތަ ތެލެސީމިޔާ ކުއްޖެއް ލިބުމުން އެދެމަފިރިންނަކީ ދެކެރިއަރުންކަން އެނގުނީ އެވެ. (ކެރިއަރުންނަކީ އެއްވެސް ގޮތަކުން ބަލިބައެއް ނޫނެވެ.) އަދި ބަލާބެލުމަށް އެހެން މީހުންނާއި ތަފާތު ބައެއް ވެސް ނޫނެވެ. ދިވެހިރާއްޖޭގެ އާބާދީގެ %18 އިންސައްތަ އަކީ ބީޓާ ތެލެސީމިޔާ ކެރިއަރުންނެވެ.

ބީޓާ ތެލެސީމިޔާ މޭޖަރ (ލޭއަޅާ ބަލިކުދިން / ލޭއަޅާ ބަލި)
ތެލެސީމިޔާ މޭޖަރ (Beta Thalassemia Major)ނުވަތަ ލޭއަޅާ ބަލި އަކީ ވަރަށް ޅަ އުމުރުގައި އޭގެ އަސަރު ފެންނަށް ފަށާ ނުރައްކާތެރި ބައްޔެކެވެ. މިބަލި ހުންނަ ކުދިންގެ ގައިގައި ފުދޭވަރަށް ހީމަގްލޯބިން އުފައްދައެއް ނުދެއެވެ. މިހެންވުމުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބުންމަދުވެ، ކުއްޖާ ދޮންފޫޑުވެ، ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެ، ކުއްޖާގެ ހާލު ދެރަކޮށްލައެވެ. މިހެންވުމުން އެކުދިން ދިރިހުރުމަށްޓަކައި ތަކުރާރުކޮށް ލޭއަޅަން ޖެހެއެވެ. (ލޭއަޅާކުދިން ލިބޭނީ ހަމައެކަނި ދެކެރިއަރުންނަށެވެ.)

ތެލެސީމިޔާ އިންޓަރމީޑިޔާ (ބީޓާ ތެލެސީމިޔާ އިންޓަރމީޑޔާ)
ތެލެސީމިޔާ އިންޓަރމީޑިޔާ(Beta Thalassemia Intermedia) އަކީ ލޭއަޅާ ބަލީގެ ނުރައްކާތެރިކަން ކުޑަ ވައްތަރެކެވެ. މިކުދިންނަށް ތެލެސީމިޔާގެ އަސަރު ކުރާވަރު ކުޑަވާނެ އެވެ. މިފަދަ ކުދިންނަށް ތަކުރާރުކޮށް ލޭއަޅާކަން ނުޖެހެއެވެ. ނަމަވެސް މިކުދިންނަށް ވެސް ޑޮކްޓަރީ ފަރުވާ ގަވާޢިދުން ބޭނުންވާނެ އެވެ. މިކުދިން ވެސް ހީމަގްލޯބިން ހުންނަވަރު ދަށަށްދާނަމަ، ލޭއަޅަންޖެހޭނެ އެވެ.
އާންމު ޢަލާމާތްތަކުގެ އިތުރުން ބައެއް ފަހަރު:
·         ދަރިފުޅު ބޮޑުވާންވީ ވަރަށް ނުވުން
·         ބާލިޣުވުން ލަސްވުން
·         ކަށިތައް އައިބުވުން / ކަށީގެ މައްސަލަތައް
·         ހުންކޮށި ބޮޑުވުން

ލޭއަޅާ ކުއްޖެއްކަން އެނގޭނެ ގޮތްތައް / ތެލެސީމިޔާ ޖެހުނީމާ އެގޭނީ ކިހިނެއް؟
ތެލެސީމިޔާ ބަލި ހުންނަ ކުދީން ދުނިޔެއަށް އުފަންވާއިރު ޞިއްޙަތު ރަގަޅު ނަމަވެސް އުފަންވާތާ 3 މަހާއި 4 މަހާއި ދެމެދު ބަލިވާން ފަށައެވެ. މިގޮތުން ކުއްޖާ ދޮންފޫޑުވެ، ހުންއައިސް، ގިނައިން ހޮނޑުލެވި، ނުނިދި، އަބަދުވެސް ބަލިވެ އުޅުމާއި، އެއުމުރުމުގެ އެހެން ކުދީންނަށްވުރެ ހަރަކާތް މަދުވުމާއި، ކުއްޖާ ވާންވީ ވަރަށް ބޮޑުނުވުން ފަދަ އަލާމާތްތައް ފެންނަށް ފަށައެވެ.
·         އުމުރުން 12-6 މަހާއި ދެމެދު ކުއްޖާ ދޮންފޫޑުވެ، ލޭމަދުކަން ފާހަގަވުން
·         އުމުރާ އެކަށީގެންވާ ވަރަށް ބޮޑުނުވުން
·         ބަލިބުރަކޮށް ހުންނަކަން ފާހަގަކުރެވުން
·         ޗިސްމޭ އަދި ހުންކޮށި ދުޅަވެ ބަނޑު ފުއްޕާގޮތްވުން
·         ހަށިގަނޑުގެ ބައެއް ކަށިތައް ފުޅާވާކަން ފާހަގަވުން: ޚާއްޞަކޮށް ބޮލުގެ ނާށިގަނޑު ފުޅާކަން ފާހަގަ ކުރެވޭނެ އެވެ.

ތެލެސީމިޔާގެ އެހެން ވައްތަރުތައް
ދިވެހިރާއްޖެއިން ތެލެސީމިޔާ އާއި ގުޅުންހުރި އެހެން ބައެއް ބާވަތްތައް ފެންނަމުންދާކަން ފާހަގަ ކުރެވެއެވެ. އެއީ:-
·         އެޗްބީއީ : ހީމަގްލޯބިން އީ
·         އެޗްބީޑީ : ހީމަގްލޯބިން ޑީ
·         ޑެލްޓާ ބީޓާ ތެލެސީމިޔާ
·         ސިކްލް ސެލް އެނީމިޔާ

މައިންބަފައިންގެ ފަރާތުން ދަރިންނަށް ތެލެސީމިޔާ ވާރުތަކުރާގޮތް
ދެމަފިރިންކުރެ އެކަކީ ބަލިވާރުތަކުރާގޮތް ހުރިމީހަކަށްވެފައި، އަނެކަކީ އެގޮތްނެތް (އާދައިގެ) މީހަކު ކަމުގައިވާނަމަ، ލިބޭ ކޮންމެ ކުއްޖަކުވެސް ތެލެސީމިޔާ ކެރިއަރަކަށް (ތެލެސީމިޔާ ވާރުތަކުރާ ކުއްޖަކަށް) ވުމުގެ %50 ފުރުޞަތު އޮވެއެވެ. މުޅިން ރަގަޅު ކުއްޖަކު ލިބުމަށް ވެސް %50 ފުރުޞަތު އޮވެއެވެ.
ދެމަފިރިންނަކީ ވެސް ތެލެސީމިޔާ ވާރުތަކުރާގޮތް ހުރި މީހުން ކަމުގައިވާނަމަ، ނުވަތަ ދެމީހުންނަކީ ވެސް ތެލެސީމިޔާ ކެރިއަރުން ކަމުގައިވާނަމަ، ބަލިވެއިންނަ ކޮންމެ ފަހަރަކު، ލޭއަޅާ ކުދިންގެ ލިބުމުގެ %25 ފުރުޞަތު، ރަގަޅު ކުއްޖަކު ލިބުމުގެ %25 ފުރުޞަތު، އަދި ބަލި ވާރުތަކުރާގޮތް ހުންނަ ކުދިންގެ ލިބުމުގެ %50 ފުރުޞަތު އޮވެއެވެ.
ތެލެސީމިޔާ ބަލި ފާހަގަކުރުމަށް ލޭގައި ހީމަގްލޯބިން ހުރި މިންވަރު ބަލާނީ އެވެ. ހީމަގްލޯބިން ދަށްކަމަށް ފާހަގަވާނަމަ، ޝީ ނުވަތަ ތެލެސީމިޔާ ސެންޓަރަށް ގޮސް ތެލެސީމިޔާތޯ ޔަގީންކުރާނީ އެވެ.
ހީމަގްލޯބިން ގައި ހިމެނޭ ބީޓާ ގްލޯބިން ޕްރޮޓީން ޗެއިން އުފެދުމަށް 2 ޖީން ( މައިން ބަފައިންކުރެ ކޮންމެ މީހެއްގެ ފުށުން 1 ޖީން ) ބޭނުން ވެއެވެ. މި 2 ޖީންގެ ތެރެއިން އެންމެ ޖީންއެއް މަދުވި/ބަދަލުވި ނަމަވެސް އޭގެ މާނައަކީ އެކަށޭނަ ވަރަކަށް ބީޓާ ގްލޯބިން ޕްރޮޓީން ނުއުފެއްދުމެވެ.
·         ހަމައެކަނި 1 ޖީން މަދުވުން : ބީޓާ ތެލެސީމިޔާ މައިނަރ / ބީޓާ ތެލެސީމިޔާ ޓްރެއިޓް
·         2 ޖީން މަދުވުން : ބީޓާ ތެލެސީމިޔާ އިންޓަރމީޑިޔާ
·         2 ޖީން މަދުވުން : ބީޓާ ތެލެސީމިޔާ މޭޖަރ / ކޫލޭސް އެނީމިޔާ

ބީޓާ ތެލެސީމިޔާ ކެރިއަރުންނާއި ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން
ބީޓާ ތެލެސީމިޔާ މޭޖަރ އިން އަދި ބީޓާ ތެލެސީމިޔާ ކެރިއަރުން ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން، އޭނާއަކީ ބީޓާ ތެލެސީމިޔާ ކެރިއަރަކަށްވީތީ، ނުވަތަ ލޭއަޅާ މީހަކަށް ވީތީ ކައިވެނީގެ ފަހުން ދިމާވެދާނެ ކަންކަމާމެދު، ނުވަތަ ލިބޭ ދަރިންނަށް ވާނެގޮތެއް އެނގިފައި އޮތުން މުހިއްމެވެ. އެގޮތުން ބީޓާ ތެލެސީމިޔާ މީހަކު ނުވަތަ ކެރިއަރަކު ، ލޭއަޅާ ބައްޔާއި ގުޅުންހުރި އެކި އެކި ބަލިތަކުގެ މީހުންނާއި ކައިވެނި ކުރުމުން ނިކުމެދާނެ ނަތީޖާތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(1)- ބީޓާ ތެލެސީމިޔާ މީހަކު އާދައިގެ ރަގަޅު މީހަކާ ކައިވެނިކުރުމުން


·         %50 – ރަގަޅުކުދިން
·         %50 – ބީޓާ ތެލެސީމިޔާ ކެރިއަރުން

(2) - ބީޓާ ތެލެސީމިޔާ ކެރިއަރަކާ ބީޓާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނި ކުރުމުން
·         %50 – ބީޓާ ތެލެސީމިޔާ ކެރިއަރުން
·         %25 – ރަގަޅު ކުދިން
·         %25 – ލޭއަޅާ ބަލީގެ ކުދިން

(3) - ބީޓާ ތެލެސީމިޔާ ކެރިއަރަކާ އަލްފާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނި ކުރުމުން
ދިވެހިރާއްޖޭގައި އާންމުކޮށް އެންމެ ގިނަ ވައްތަރަކީ ބީޓާ ތެލެސީމިޔާ އެވެ. އަލްފާ ތެލެސީމިޔާ ކެރިއަރަކާ (އަލްފާ ޕްލަސް، އަދި އަލްފާ ޒީރޯ ކެރިއަރުން)  ބީޓާ ތެލެސީމިޔާ ކެރިއަރަކާއި ކައިވެނިކޮށްގެން ލޭއަޅާކުއްޖެއް ނުލިބޭނެ އެވެ. މީގެ ދެމީހުން (އަލްފާ ތެލެސީމިޔާ ކެރިއަރުގެ ތެރޭގައި ހިމެނޭ އަލްފާ ޕްލަސް، ނުވަތަ އަލްފާ ޒީރޯ ކެރިއަރަކާއި، ބީޓާ ތެލެސީމިޔާ ކެރިއަރަކާއި) ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު :-
·         %25 – އަލްފާ ތެލެސީމިޔާ ކެރިއަރެއް (އަލްފާ ޕްލަސް ނުވަތަ އަލްފާ ޒީރޯ ކެރިއަރެއް)
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރެއް
·         %25 – އާދައިގެ ކުއްޖެއް
·         %25 – އަލްފާ – ބީޓާ ތެލެސީމިޔާ ކެރިއަރެއް
މިއިން ވައްތަރެއްގެ ކުއްޖަކު ލިބުން އެކަށީގެންވެއެވެ.
އަލްފާ- ބީޓާ ތެލެސީމިޔާ ކެރިއަރ:ކުދިންނަކީ ތެލެސީމިޔާ ކެރިއަރެކޭ އެއްފަދައިން ޞިއްޙަތު ސަލާމަތުން ތިބޭ ރަގަޅު ކުދިންނެވެ. މިއީ ލޭއަޅަންޖެހޭ ވައްތަރެއް ނޫނެވެ.

(4) – ބީޓާ ތެލެސީމިޔާ ކެރިއަރަކާ ހީމަގްލޯބިން ޑީ ކެރިއަރަކާ ކައިވެނިކުރުން
އެޗްބީޑީ ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްފިނަމަ ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – ރަގަޅު ކުދިން
·         %25 – އެޗްބީޑީ ކެރިއަރ
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރ
·         %25 – އެޗްބީޑީ ބީޓާ ތެލެސީމިޔާ
އެޗްބީޑީ ބީޓާ ތެލެސީމިޔާ : މިފަދަ ކުދިންނަށް ލޭއަޅަންޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. މިފަދަ ކުދިންނަށް ބައެއް ފަހަރު 3 މަހުން 1 ފަހަރު ނުވަތަ އެއަށްވުރެ މަދުން ވެސް ލޭއަޅަން ޖެހިދާނެ އެވެ.

(5) – ބީޓާ ތެލެސީމިޔާ ކެރިއަރަކާ އެޗްބީއީ ކެރިއަރަކާ ކައިވެނި ކުރުމުން
އެޗްބީއީ ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްފިނަމަ ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – ރަގަޅު ކުދިން
·         %25 – އެޗްބީއީ ކެރިއަރ
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރ
·         %25 – އެޗްބީއީ ބީޓާ ތެލެސީމިޔާ
އެޗްބީއީ ބީޓާ ތެލެސީމިޔާ : މިއީ މަދުން ނަމަވެސް ލޭއަޅަންޖެހޭ ވައްތަރެކެވެ. މީގެ ތެރޭގައި ނުރައްކާ ވައްތަރަކާ ނުރައްކާތެރިކަން ކުޑަ ވައްތަރެއް ހިމެނެއެވެ. އެއީ މިކުދިންނަށް ލޭއަޅަންޖެހޭ މުއްދަތު ތަފާތު ވުމެވެ. ބައެއް ފަހަރު 3 މަހުން 1 ފަހަރު ނުވަތަ އެއަށްވުރެ މަދުން، ނުވަތަ މަހަކު 1 ފަހަރު ވެސް ލޭއަޅަން ޖެހިދާނެ އެވެ.

(6) – ބީޓާ ތެލެސީމިޔާ ކެރިއަރަކާ ސިކްލް ސެލް ބަލީގެ ކެރިއަރަކާ ކައިވެނި ކުރުމުން
ސިކްލް ސެލް ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްފިނަމަ ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – ރަގަޅު ކުދިން
·         %25 – ސިކްލް ސެލް ކެރިއަރ
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރ
·         %25 – ސިކްލް ސެލް ބީޓާ ތެލެސީމިޔާ
ސިކްލް ސެލް ބީޓާ ތެލެސީމިޔާ : ސިކްލް ސެލް ބީޓާ ތެލެސީމިޔާ އަކީ މަދުން ނަމަވެސް ލޭއަޅަންޖެހިދާނެ ވައްތަރެކެވެ.

(7) – އެޗްބީސީ ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އެޗްބީސީ ކެރިއަރުން
·         %25 – އާދައިގެ ކުދިން
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރުން
·         %25 – އެޗްބީސީ ބީޓާ ތެލެސީމިޔާ
އެޗްބީސީ ބީޓާ ތެލެސީމިޔާ : މިފަދަ ކުދިންނަށް މަދުން ނަމަވެސް ލޭއަޅަންޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ.

ތެލެސީމިޔާއަށް ޓެސްޓްކުރުމުގައި ނަތީޖާ ޔަޤީންނުވާ ސަބަބުތައް
ތެލެސީމިޔާއަށް ޓެސްޓްކުރުމުގައި ބައެއް މީހުންގެ ނަތީޖާ ޔަގީންކޮށް ނޭގޭގޮތް ދިމާވެއެވެ. މިއީ ވަރަށް މަދުބަޔަކަށް ދިމާވާ ކަމެކެވެ. މިހެންވާންޖެހޭ ތަފާތު ދެތިން ސަބަބެއް ވެއެވެ. އޭގެ ތެރޭގައި:-
·         ތެލެސީމިޔާގެ ތަފާތު ވައްތަރުތައް ހުރުން
·         ތެލެސީމިޔާ އާއި ގުޅުންހުރި އެހެން މައްސަލައެއް(ވައްތަރުތައް) ހުރުން
·         ޓެސްޓްކުރާއިރު ލޭމަދުވެފައި ހުރުން
·         އެހެން މީހެއްގެ ގައިން ލޭއަޅާފައިވަނިކޮށް ޓެސްޓްކުރުން
ލޭގެ މިފަދަ މައްސަލަތައް ހުރުމާއި ގުޅިގެން ނަތީޖާ ޔަގީންކޮށް ނޭނގެނީއެވެ. މިގޮތުން ނަތީޖާ ނޭގުމުން ނަތީޖާ ހޯދުމަށް ދެންކުރަންޖެހޭ ޓެސްޓަކީ ޑީ.އެން.އޭ ޓެސްޓެވެ.

(ހ) - ތެލެސީމިޔާގެ ވައްތަރުތައް : ތެލެސީމިޔާ ބެހިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ބީޓާ ތެލެސީމިޔާ އަދި އަލްފާ ތެލެސީމިޔާ އެވެ. ލޭނެގުމަށްފަހު ފުރަތަމަ ޓެސްޓްކުރާނީ ބީޓާ ތެލެސީމިޔާ އަށެވެ. މިޓެސްޓް ހެދުމަށްފަހު އަލްފާ ތެލެސީމިޔާ ކެރިއަރެއްކަމުގެ ނިޝާންތައް ފެންނަނަމަ ޖެހޭނީ އަލްފާ ތެލެސީމިޔާ އަށް ޓެސްޓްކުރުމަށް އަލުން ލޭނަގާށެވެ.
އަލުން ލޭނަގަން ޖެހޭ އެއް ސަބަބަކީ އަލްފާ ތެލެސީމިޔާ ކެރިއަރެއްތޯ ބެލުމަށް ހަދާ ޓެސްޓަކީ ލޭނަގާ ވަގުތު ހަދަންޖެހޭ ޓެސްޓެއްކަމަށް ވާތީ އެވެ. ގިނައިރު ވެފައި ހުންނަ ލޭ މިޓެސްޓް ހަދަން ބޭނުން ނުކުރެވޭނެތީ އެވެ.

(ށ) - ތެލެސީމިޔާއާއި ގުޅުންހުރި އެހެން ވައްތަރުތައް : ތެލެސީމިޔާއާއި ގުޅުންހުރި ލޭގެ މައްސަލައެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ލޭގައި ހުންނަ އުނި ކަންތައްތަކެވެ. މީގެ ސަބަބުން ނަތީޖާ ވަކި ގޮތަކަށް ނިންމަން ނޭގޭގޮތް މެދުވެރިވަނީ އެވެ. ތެލެސީމިޔާއަށް ޓެސްޓްކުރާއިރު މިފަދަ މައްސަލަތައް ލޭގައި ހުންނަނަމަ އެކަން ފާހަގަ ކުރެވޭނެ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ހީމަގްލޯބިން އީ، ހީމަގްލޯބިން ޑީ، ޑެލްޓާ ބީޓާ ތެލެސީމިޔާ، އަދި ސިކްލް ސެލް އެނީމިޔާ ހިމެނެއެވެ.

(ނ) - ލޭމަދުވެފައި ހުރުން : މިއީ ތެލެސީމިޔާއަށް ޓެސްޓްކުރާއިރު ބައެއް ފަހަރު ލޭމަދުވެފައި ހުރުން ނުވަތަ ލޭގައި ދަގަނޑުގެ ބައި މަދުވެފައި ހުރުމެވެ. މިއީ ދިވެހިރާއްޖޭގެ މީހުންގެ ވަރަށް ގިނައިން ހުންނަ ކަމެކެވެ. ބައެއް ފަހަރު ބައެއް ރަށްރަށުގައި މިކަން ބޮޑަށް ފާހަގަ ކުރެވެއެވެ. ލޭމަދުވެފައި ހުއްޓައި، ތެލެސީމިޔާއަށް ޓެސްޓްކުރާއިރު ނަތީޖާ ދައްކާގޮތުން ތެލެސީމިޔާ ކެރިއަރެއްކަން ޔަގީން ނުވަނީ އެވެ. ވީމާ ރަގަޅު ނަތީޖާ ޔަގީންކޮށް ވަކިގޮތެއް ނިންމަން ނޭގޭތަން އާދެއެވެ.
މިގޮތަށް ދިމާވުމުން ޖެހޭނީ ލޭ ރަގަޅުކުރުމަށް ފަރުވާކުރުމަށް ފަހު އަލުން ޓެސްޓްކުރާށެވެ. މިކަމަށް ފަރުވާ ކުރުމުގެ ގޮތުން 7 ނުވަތަ 8 ހަފްތާ ވަންދެން ދަގަނޑު އެކުލެވޭ ބޭސް ބޭނުން ކުރުމަށްފަހު އަލުން ޓެސްޓްކުރަން ޖެހެއެވެ. ޑޮކްޓަރެއްގެ ލަފާގެ ދަށުން ދަގަނޑު ބޭސް ކެއުމަށް މަޝްވަރާ ދެވޭނެ އެވެ. ދަގަނޑު އެކުލެވޭ ކާނާ ކެއުމުން ވެސް މިކަން ރަގަޅު ކުރެވޭނެ އެވެ.

(ރ) - އެހެންމީހެއްގެ ގައިން ލޭއަޅާފައިވަނިކޮށް ޓެސްޓްކުރުން: އެހެން މީހެއްގެ ގައިން ލޭއެޅުމަށްފަހު ޓެސްޓްކުރުމުން ނަތީޖާ ނޭގޭގޮތް މެދުވެރި ވެއެވެ. ސަބަބަކީ ޓެސްޓްގެ ނަތީޖާގައި ދައްކާނީ އެހެން މީހެއްގެ ލޭގެ ނަތީޖާއެވެ. ލޭއެޅުމަށްފަހު ލޭގެ އަސަރު ދިއުމަށް ގާތްގަނޑަކަށް 120 ދުވަސް ނަގާނެ އެވެ. އެމުއްދަތަށްފަހު ޓެސްޓްކުރުން ރަގަޅުވާނެ އެވެ.
ނަތީޖާ ޔަގީން ނުވެގެން އުޅޭ ހާލަތްތަކުގައި އެކަމާއި ބެހޭ މަޢުލޫމާތު ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މީހަކާ އިނދެގެން އުޅޭމީހުންގެ ތެރެއިން ދެމަފިރިންނަށް ވެސް މިފަދައިން ދިމާވެފައިވާނަމަ ބަލިވެ އިނދެ ލިބޭ ދަރިފުޅަށް ދިމާވެދާނެ ހާލަތްތައް ދެނެގަތުމަށްޓަކައި ވަކި ޓެސްޓެއް ކުރަންޖެހޭކަން ނުވަތަ ނޫންކަން ބަލައި އޮޅުން ފިލުވާށެވެ. ލޭގެ މިފަދަ މައްސަލަ ތަކަކީ އާއިލީ ގޮތުން ވާރުތަވާ ކަންކަމަށްވާތީ އާއިލާގެ އެހެން މެންބަރުން ވެސް ޓެސްޓްކޮށް ބެލުން ބޭނުންތެރި އެވެ.

ތެލެސީމިޔާގެ އަލާމާތްތައް
·         ވާޅުވުން
·         ވަރުބަލިވުން
·         ނޭވާކުރުވުން
·         ދޮންފޫޑުވުން
·         ރީނދޫވުން
·         މޫނުގެ ކަށިތައް އައިބުވުން
·         ކުއްޖާ ބޮޑުވާންވީ ވަރަށް ނުވުން
·         ބަނޑުފުއްޕުން
·         ކުޑަކަމުދާ ތަކެތި ކުލަގަދަކޮށް ހުރުން
·         ކާހިތްނުވުން
·         ބާލިޣުވުން ލަސްވުން
·         ހުންކޮށި، ހިތް، މޭގަނޑު ބޮޑުވުން
ތުއްތު ކުއްޖެއްގެ ކިބައިން މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ތެލެސީމިޔާގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް
(1) - ހަށިގަނޑުގެ ގުނަވަންތަކުގައި ދަގަނޑު ހަރުލުން: ލޭއަޅާ ކުދިންނަކީ މަހަކު 1 ފަހަރު މަދުވެގެން ލޭއަޅަންޖެހޭ ބަޔަކަށް ވުމުން ލޭއެޅުމުގެ ސަބަބުން ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވެގެން ދެއެވެ. އެގޮތުން ހަށިގަނޑުގައި އިތުރުވެގެންދާ ދަގަނޑުގެ ބައި އެތެރެހަށީގެ ބައެއް ގުނަވަންތަކުގައި ހަރުލާގޮތް ވެއެވެ. އެގޮތުން ހިތް، ފުރަމޭ އަދި އެންޑަކްރިން ގްލޭންޑްތަކުގައި ހަރުލައި އެގުނަވަންތަކުގެ މަސައްކަތަށް ބުރޫއަރުވައެވެ. ނަތީޖާއަކަށްވަނީ އެގުނަވަންތަކުގެ މަސައްކަތް ހުއްޓޭގޮތް ދިމާވުމެވެ. ތެލެސީމިޔާގެ ސަބަބުން ހިތަށް ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި، ހާރޓް އެޓޭކް ޖެހުން، ހިތް ހުއްޓުން، އަދި ހިތުގެ ވިންދުޖަހާ ތަރުތީބު ގެއްލުން ފަދަ ކަންތައް ހިމެނެއެވެ. މީގެ އިތުރުން ފުރަމޭގައި ދަގަނޑު ހަރުލައި ފުރަމޭ ހަލާކުވާގޮތް ވެއެވެ.

(2) - އިންފެކްޝަންތައް : ތެލެސީމިޔާ ކުދިންނަކީ ގިނަގިނައިން ލޭއަޅަންޖެހޭ ކުދިންނަށް ވުމުން ލޭގެ ޒަރީޢާއިން ފެތުރޭ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އެފަދަ ކުދިންނަށް ބޮޑުވެފައި ފަސޭހަ އެވެ. މިސާލަކަށް ފުރަމޭ ދުޅަވުންގެ ވައްތަރެއް ކަމުގައިވާ ހެޕަޓައިޓިސް ބީ ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ހުންކޮށްޓަކީ އިންފެކްޝަންއާއި ދެކޮޅަށް މަސައްކަތްކުރާ ގުނަވަނަކަށް ވުމުން ހުންކޮށި ނަގާފައިވާ މީހުން އިންފެކްޝަން އަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑެވެ.

(3) - ކަށްޓަށް ލިބޭ އުނިކަން : ތެލެސީމިޔާގެ ސަބަބުން ކަށީގެ މަދު ފުޅާވެ، ކަށިތައް ފުޅާވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ބައެއް ހިސާބުތަކުގެ ކަށީގެ ބައްޓަމަށް ޚާއްޞަކޮށް ބޮލުގެ ނާށިގަނޑާއި މޫނުގެ ކަށިތަކުގެ ބައްޓަމަށް ބަދަލު އާދެއެވެ. ކަށީގެ މަދު ފުޅާވުމުން ކަށިތައް ތުނިވެ، ފަސޭހައިން ބިނދޭގޮތް ވެއެވެ. ޚާއްޞަކޮށް މައިބަދައިގެ ކަށިތައް ފަސޭހައިން ބިނދޭގޮތް ވެއެވެ. މައިބަދައެއް ބިނދިއްޖެނަމަ އޭގެ ސަބަބުން މައިބަދައިގެ ތެރެއިން ގޮސްފައިވާ ނާރުވާފަށް ނުވަތަ ސްޕައިނަލް ކޯޑް އަށް ފިތި، އޭގެ ސަބަބުން އިތުރު އުދަނގޫތަކާއި ކުރިމަތި ލާންޖެހިދާނެ އެވެ. އަދި ކަށިތައް ތުނިވެ، ފަސޭހައިން ބިނދޭގޮތް ވުމުން ކަށިފީވުން ނުވަތަ ކަށިގިރޭ ބަލީގެ އުދަގޫތައް ފެންނަށް ފަށައެވެ.

(4) - ހުންކޮށި ބޮޑުވުން: ހުންކޮށި އަކީ އިންފެކްޝަންއާއި ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރުމުގައި އެހީތެރިވެދީ، ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ހަށިގަނޑުން ސާފުކޮށްދީ، ހަލާކުވެ ދުވަސްވެފައިވާ ލޭގެ ސެލްތައް ފުރާނައި ހަށިގަނޑު ސާފު ކުރުމުގައި ބައިވެރިވާ ގުނަވަނެކެވެ. ތެލެސީމިޔާ އާއި ގުޅިގެން ލޭގެ ރަތްސެލްތައް އާދަޔާ ޚިލާފަށް ގިނައިން ހަލާކުވާތީ ހުންކޮށި އެސެލްތައް ސާފުކުރުމުގައި މަސައްކަތުގައި އަވަދިނެތި އުޅެންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ހުންކޮށި ފުއްޕައި ދުޅަވެ ބޮޑުވެގެން ދެއެވެ. ހުންކޮށި ބޮޑުވުމުން ހަށިގަނޑަށް އެޅޭ ލޭގެ ސެލްތަކުގެ ދިރިހުރުމުގެ މުއްދަތު ކުޑަކޮށްދީ، ތެލެސީމިޔާގެ ޙާލަތު އިތުރަށް ގޯސްކުރުވައެވެ. މާބޮޑަށް ހުންކޮށި ބޮޑުވެއްޖެނަމަ އޮޕަރޭޝަން ކޮށްގެން ހުންކޮށި ނަގަންޖެހެއެވެ.

(5) - ބޮޑުވާންވީ ވަރަށް ނުވުން: ތެލެސީމިޔާގެ ސަބަބުން ތުއްތުކުދިން ބޮޑުވާންވީ ވަރަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިފަދަ ކުދިން އާންމުކޮށް އެއުމުރުގެ ކުދިންގެ އިސްކޮޅާއި އެއްވަރަށް ދިގުނުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ތެލެސީމިޔާއާއި ގުޅިގެން އެންޑަކްރިން ގްލޭންޑް ތަކަށް ދިމާވާ މައްސަލަތަކުން ބާލިޣުވުން ލަސްވެގެން ދެއެވެ.

ލޭއަޅާ ކުދިންނަށް ދެވޭ ފަރުވާ
ތެލެސީމިޔާ މޭޖަރ ނުވަތަ ލޭއަޅާ ބަލީގެ ކުދީންނަކީ އެކުދީން ދުނިޔޭގައި ތިބުމަށް ކޮންމެ 3 ނުވަތަ 4 ހަފްތާއަކު 1 ފަހަރު ލޭއަޅަންޖެހޭ ކުދީންނެވެ. ބައެއް ފަހަރަށް މިއަށްވުރެ އަވަހަށް ވެސް ލޭއަޅަންޖެހެއެވެ.
މިކުދީންގެ  ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަބަދު ލޭއަޅަން ފެށުމުން ލޭގައި ހުންނަ ދަގަނޑުގެ ބައި ކުއްޖާގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް އިތުރުވާން ފަށައެވެ. މިކަމުގެ ސަބަބުން ހިތާއި، ޗިސްމޭ، ފަދަ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކުގައި ދަގަނޑުގެބައި ހަރުލާގޮތް ދިމާވެއެވެ.

ލޭއެޅުމުން އިތުރުވާ ދަގަނޑުގެ ބައި މަދުނުކޮށްފިނަމަ، މިދެންނެވުނު ގުނަވަންތައް ހަލާކުވެ މަސައްކަތް ނުކުރާގޮތް ދިމާވެދާނެ އެވެ. މިކަމުން ރައްކާތެރިވުމަށް (މިކުދީންގެ ހަށިގަނޑުގައި ދަގަނޑުގެބައި ހުރިވަރަކުން) ހަފްތާއަކު 5 ނުވަތަ 6 ދުވަހު ޑެސްފެރޯލް އިންޖެކްޝަން ޖަހަން ޖެހެއެވެ.
މިއިންޖެކްޝަން ޖަހަނީ މިޖެހުމަށް ޚާއްޞަ ކުރެވިފައިވާ ޕަމްޕެއް ބޭނުން ކޮށްގެންނެވެ. އަދި މިއިންޖެކްޝަން ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ޖެހުމަށް، ނުވަތަ ފޮނުވުމަށް 8 ނުވަތަ 10 ގަޑިއިރު ހޭދަވެއެވެ. އިންޖެކްޝަން ޖެހުމުން ކުއްޖާގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކުޑަކަމުދާ އެއްޗިއްސާއި ބޮޑުކަމުދާ އެއްޗިއްސާއި، އަދި ދަލާއި އެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ.

ބޭނުންވާ ފަރުވާ
·         ގަވާޢިދުން ލޭއެޅުން ( މަދުވެގެން މަހަކު އެއް ފަހަރު ) : ހަށިގަނޑުގައި ހީމަގްލޯބިން  10-9 ގްރާމް އަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓޭވަރަށް ލޭއަޅަމުން ގެންދިއުން. ލޭއަޅަންޖެހޭ ސަބަބަކީ މިފަދަކުދިންގެ ހަށިގަނޑުގައި ހީމަގްލޯބިން އުފައްދައިނުދޭތީ އެވެ.
·         ލޭއެޅުމުގެ ސަބަބުން އިތުރުވާ ދަގަނޑުގެބައި ދުއްވާލުމަށްޓަކައި ޑެސްފެރޯލްގެ ފަރުވާދިނުން : މިއީ ހަފްތާއަކު 5 ދުވަހު ޖަހަން ޖެހޭ އިންޖެކްޝަން އެކެވެ. މިހާރު މިކަމަށް ބޭނުންކުރެވޭނެ ގުޅަ ބޭސް ވެސް ހުރެއެވެ. ގިނައިން ލޭއެޅުމުގެ ސަބަބުން ހަށިގަނޑުގައި އިތުރުވާ ދަގަނޑު ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ހަރުލައި ހުރުމުގެ ސަބަބުން މިގުނަވަންތަކަށް ގެއްލުން ލިބި ހަލާކުވެއެވެ. ވީމާ މިބައި ނައްތާލުމަށް ބޭހެއް ބޭނުންކުރަން ޖެހެނީ އެވެ. މިހާތަނަށް ދިވެހިރާއްޖޭގައި ތެލެސީމިޔާގެ ގިނަކުދިން ނިޔާވެފައި ވަނީ ދަގަނޑު އިތުރުވުމުގެ ސަބަބުން ޖެހޭ ބަލިތަކުގައެވެ. ވީމާ ދަގަނޑު މަދުކުރުމަށް ގަވާޢިދުން ފަރުވާކުރުން މުހިއްމެވެ. 
·         ދުޅަވެފައިވާ ހުންކޮށި ނަގަން ޖެހިއްޖެ ހާލެއްގައި އޮޕަރޭޝަނަކުން ނެގުން
·         ކަށީގެ މަދު ބަދަލުކުރުން
ފަރުވާގައި ވިސްނާލަންވީ ނުކުތާތައް
·         ލޭއެޅުމުގައި ލިއުކޮސައިޓް ފިލްޓަރު ނުވަތަ ހުދު ސެލްތައް ވަކިކޮށްދޭނެ ވަޞީލަތެއް ބޭނުންކުރުން: މީގެ ސަބަބުން ދިމާވެދާނެ ނޭދެވޭ މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ. އެގޮތުން:-
-          ހުދު ސެލްގެ ޒަރީޢާއިން ވާޞިލްވެދާނެ ބައެއް ކަހަލަ ޖަރާސީމް އެތެރެވިޔަނުދިނުން
-          ލޭއެޅުމުގައި ދިމާވާ މައްސަލައެއް ކަމުގައިވާ ގައިން ފިތްނެގުން، ހުންއައުން މަދުވުން
·         ލޭއެޅުމުގެ ސަބަބުން އިތުރުވާ ދަގަނޑުގެ ބައި ނައްތާލުމަށް ކަނޑައެޅޭ ގަވާޢިދަކުން ޑެސްފަރޯލް އިންޖެކްޝަން ނުވަތަ ގުޅަ ބޭސް ބޭނުންކުރުން
·         ލޭގައި ދަގަނޑުގެ މިންވަރު ހުރިގޮތް ބަލާ ޗެކްކުރުން
·         ހަދަންޖެހޭ ޓެސްޓްތައް ޑޮކްޓަރުގެ ލަފާގެ މަތީން ހެދުމަށް ފަރުވާތެރިވުން
·         ނަގަންޖެހޭ ވިޓަމިންތައް ޑޮކްޓަރުގެ ލަފާގެ މަތީން ނެގުން
ކަށީގެ މަދު ބަދަލުކުރުން
ކަށީގެ މަދު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްގެން މިބަލި މުޅިން ރަގަޅު ކުރެވެއެވެ. ނަމަވެސް މިއީ ވަރަށް އަގުބޮޑު އަދި އެހާމެ ނުރައްކާތެރިކަން ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރެވޭނީ ބަލިކުއްޖާގެ ކަށީގެ މަދާއި ހުރިހާ ގޮތަކުން ވެސް ގުޅޭ ކަށީގެ މަދު ލިބިގެންނެވެ. މިގޮތަށް ގުޅޭނީ އެއްމާބަނޑު ނުވަތަ އެއްބަނޑު އެއްބަފާ ކުދިންނާއެވެ. ނަމަވެސް ވަރަށް ނާދިރު ގޮތެއްގައި ގާތްތިމާގެ މީހަކާ ވެސް ގުޅިދާނެ އެވެ. މިއޮޕަރޭޝަނަށް ފަހު ވެސް ބަލިކުއްޖާ ޑޮކްޓަރުންގެ ޚާއްޞަ ބެއްލެވުމުގެ ދަށުގައި އެއް އަހަރަށްވުރެ މަދު ނޫން މުއްދަތެއްގައި ގެންގުޅެން ޖެހެއެވެ.
ދަގަނޑު އިތުރުވުން ކުޑަކުރުމަށް ދެވޭ ޑެސްފަރޯލްގެ ފަރުވާ ގަވާޢިދުން ބޭނުންކުރާ ކުދިންނަށް ކަށީގެ މަދު ބަދަލުކުރުމަށް ކުރާ އޮޕަރޭޝަން ކާމިޔާބުވުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ ފެށުނީއްސުރެ ފުރިހަމަ ފަރުވާ ދެވިފައިވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުންނުވެ ހުރުމެވެ.
ތެލެސީމިޔާއިން ރައްކާތެރިވުން
ކޮންމެ ފަހަރަކު ލޭހޯދުމާއި، އަދި ހަފްތާއަކު 5 ނުވަތަ 6 ދުވަހު ޑެސްފަރޯލް އިންޖެކްޝަން ޖަހަން 8 ގަޑިއިރު ހޭދަވުމަކީ ކުއްޖާގެ އާއިލާއަށް އެހާމެ ދަތި އުދަގޫ މައްސަލަ އެކެވެ.
ކޮންމެ ދުވަހަކު އިންޖެކްޝަން ޖެހުމުން ލިބޭ ތަދާއި، މިކަމުގައި ހޭދަވާ ވަގުތަކީ ވެސް ކޮންމެ މީހަކަށްވެސް އިހްސާސް ކުރެވޭނެ ކަމެކެވެ. ކުއްޖާ ބޮޑުވަމުންދާ ވަރަކަށް ޖަހަން ޖެހޭ ޑެސްފަރޯލް އިންޖެކްޝަންގެ އަދަދުވެސް އިތުރުކުރަން ޖެހެއެވެ. ޑެސްފެރޯލް އަކީ ވަރަށް އަގުބޮޑު އިންޖެކްޝަނެކެވެ. މިއިންޖެކްޝަން ޖެހުމަށް ބޭނުންކުރާ ޕަމްޕަކީ އަދި އެއަށްވުރެ އަގުބޮޑު އެއްޗެކެވެ.
ކަން މިހެން ހުރުމާއެކު ކޮންމެ މީހަކު ވެސް އާއިލާ ރޭވުމުގައި ތެލެސީމިޔާއިން ރައްކާތެރި ވެވޭނޭގޮތްތައް އޮޅުން ފިލުވައިގެން މިކަމާމެދު ވިސްނައިގެން އާއިލާ ރޭވުމަކީ މިކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ.

މަޢުލޫމާތު:
·         "ތެލެސީމިއާ" ލީފްލެޓް : ކުލުނު 118 – ޖަނަވަރީ 1998 – ޝީ – މާލެ – ދިވެހިރާއްޖެ
·         'އަލްފާ ތެލެސީމިޔާ" ލީފްލެޓް : ކުލުނު 135 – ޖޫން 1999 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން އީ" ލީފްލެޓް : ކުލުނު 143 – ފެބުރުއަރީ 2000 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިޔާ އަށް ޓެސްޓުކުރުމުގައި ނަތީޖާ ޔަގީންނުވާ ސަބަބުތައް" ލީފްލެޓް : ކުލުނު 177 – ޑިސެމްބަރ 2002 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން ޑީ" ލީފްލެޓް : ކުލުނު 198 – ސެޕްޓެމްބަރ 2004– ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިއާގެ ފަރުވާ " ލީފްލެޓް : ކުލުނު 235 – އޮކްޓޯބަރ 2007 – ޝީ – މާލެ – ދިވެހިރާއްޖެ
·         "އަލްފާ ތެލެސީމިޔާ" އާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ މައުލޫމާތު ގަނޑެއް



No comments:

Post a Comment