މުހިއްމު ސަފުހާތައް

Saturday, September 21, 2013

ހީމަގްލޯބިން ސީ

ހީމަގްލޯބިން ސީ
ހީމަގްލޯބިން ސީ (އެޗް.ބީ.ސީ) އަކީ ލޭގައި ހުންނަ އާދަޔާ ޚިލާފު ކަމެކެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. 

ހީމަގްލޯބިން ސީ އަކީ މީގެތެރެއިން ބީޓާ ޗެއިން ގައިވާ އާދަޔާ ޚިލާފު ކަމެކެވެ. ތެލެސީމިޔާގެ އެހެން ބާވަތްތަކެކޭ އެއްފަދައިން މިއީ ވެސް މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ.
ހީމަގްލޯބިން ސީ ކެރިއަރުން
ހީމަގްލޯބިން ސީ ކެރިއަރ ނުވަތަ ސީ ޓްރެއިޓް އަކީ ޞިއްޙަތު ސަލާމަތުން ތިބޭ އާދައިގެ ބައެކެވެ. މީގެ ސަބަބުން އެމީހަކަށް އިތުރު އުދަގުލެއް ނުވާނެއެވެ. މިކަން ވާރުތަވަނީ މައިން ބަފައިންގެ ފަރާތުންނެވެ. އާންމު ގޮތެއްގައި އަހަރެމެންގެ ހަށިގަނޑުގައި ހުންނަނީ އެންމެ ވައްތަރެއްގެ ހިމަގްލޯބިން ގެ ޖީން އެކެވެ. އެއީ ހީމަގްލޯބިން އޭ(HbA) ގެ ޖީން އެވެ. ނަމަވެސް މިފަދަ ކުދިންގެ ހަށިގަނޑުގައި އާންމުކޮށް ހުންނަ ހީމަގްލޯބިން އޭ(HbA) ގެ ޖީން ގެ އިތުރުން، ހީމަގްލޯބިން ސީ(HbC) ގެ ޖީން އެއް ހުންނާނެ އެވެ. މިއިން ކޮންމެ ޖީން އަކީ މައިންބަފައިންގެ ފުށުން ވާރުތަވާ ޖީން އެކެވެ.
ހީމަގްލޯބިން ސީ ޓްރެއިޓް އަކީ ބައްޔެއް ނޫނެވެ. އަދި މިއީ ބައްޔަކަށް ބަދަލުވާނެ ކަމެއްވެސް ނޫނެވެ. ހީމަގްލޯބިން ސީ ކެރިއަރަކަށްވުމަކީ ޞިއްޙީ މާބޮޑެތި މައްސަލަތަކެއް ދިމާވާނޭ ކަމެއް ނޫނެވެ. ހީމަގްލޯބިން ސީ ކެރިއަރެއްކަން ބެލޭނީ މިކަމަށްކުރާ ޚާއްޞަ ލޭގެ ޓެސްޓަކުންނެވެ. ހީމަގްލޯބިން ސީ ކެރިއަރުންނާއި، ތެލެސީމިޔާގެ ބައެއް އެހެން ވައްތަރުތަކުގެ ކެރިއަރުންނާއި ކައިވެނި ކުރުމުން ލޭއަޅާކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.

އެޗްބީ ސީ ކެރިއަރުންނާއި ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން
އެޗްބީސީ ކެރިއަރުން ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން، އޭނާއަކީ އެޗްބީސީ ކެރިއަރަކަށްވީތީ، ކައިވެނީގެ ފަހުން ދިމާވެދާނެ ކަންކަމާމެދު، ނުވަތަ ލިބޭ ދަރިންނަށް ވާނެގޮތެއް އެނގިފައި އޮތުން މުހިއްމެވެ. އެގޮތުން އެޗްބީސީ ކެރިއަރަކު ، ލޭއަޅާ ބައްޔާއި ގުޅުންހުރި އެކި އެކި ބަލިތަކުގެ މީހުންނާއި ކައިވެނި ކުރުމުން ނިކުމެދާނެ ނަތީޖާތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(1) – އެޗްބީސީ ކެރިއަރަކާ + އެޗްބީސީ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 – އެޗްބީސީ ކެރިއަރުން
·         %25 – އާދައިގެ ކުދިން
·         %25 – އެޗްބީސީ ހޯމޯޒައިގަސް ކުދިން
އެޗްބީސީ ހޯމޯޒައިގަސް : އެޗްބީސީ ހޯމޯޒައިގަސް އަކީ ބައްޔެއް ނޫނެވެ. ބައެއް ފަހަރު މިފަދަ ކުދިންގެ ލޭ ހުންނާނީ ދަށްކޮށެވެ. ނަމަވެސް ލޭއަޅާކަން ނުޖެހޭނެ އެވެ. މީގެ އިތުރުން މަސްތަކާއި ހުޅުތަކުގައި ރިހުން، ރީނދޫވުން، ލޮލުގެ އަލިދުލި ހަލާކުވުން، ފިތުގައި ހިލަ އުފެދުން، އަދި ހުންކޮށި ބޮޑުވުން ފަދަ މައްސަލަތައް ދިމާވުމަކީ ވެދާނެ ގޮތެކެވެ.

(2) – އެޗްބީސީ ކެރިއަރަކާ + އާދައިގެ މީހަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 – އެޗްބީސީ ކެރިއަރުން
·         %50 – އާދައިގެ ކުދިން

(3) – އެޗްބީސީ ކެރިއަރަކާ + އެޗްބީ އެސް (ސިކްލް ސެލް) ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އެޗްބީސީ ކެރިއަރުން
·         %25 – އާދައިގެ ކުދިން
·         %25 – ސިކްލް ސެލް ކެރިއަރުން
·         %25 – އެޗްބީސީ ސިކްލް ޑިޒީޒް (ސިކްލް ހިމަގްލޯބިން ސީ ޑިޒީޒް)
ސިކްލް ހިމަގްލޯބިން ސީ ޑިޒީޒް : މިފަދަ ކުދިންގެ ލޭހުންނާނީ ތަންކޮޅެއް ދަށްކޮށެވެ.  ގައިގެ އެކި ހިސާބުތަކުގައި ތަދުވުން، އަދި ހަށިގަނޑުގެ އެކިއެކި ޓިޝޫތައް ހަލާކުވުން ފަދަ ކަންތައްތައް ކުރިމަތިވާތީ، މިފަދަ ކުދިން ގަވާއިދުން ޑޮކްޓަރަށް ދައްކައިގެން ފަރުވާ ކުރިޔަށް ގެންދިއުމަކީ މުހިއްމު ކަމެކެވެ.

(4) – އެޗްބީސީ ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އެޗްބީސީ ކެރިއަރުން
·         %25 – އާދައިގެ ކުދިން
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރުން
·         %25 – އެޗްބީސީ ބީޓާ ތެލެސީމިޔާ
އެޗްބީސީ ބީޓާ ތެލެސީމިޔާ : މިފަދަ ކުދިންނަށް މަދުން ނަމަވެސް ލޭއަޅަންޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ.
މައުލޫމާތު :

No comments:

Post a Comment