ކަށިވިދުރި
ކަށިވިދުރި(small pox) އަކީ
ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ކަށިވިދުރި ޖެހިފައިވާ މީހަކު
އެންމެ ފަހުން ފެނިފައިވަނީ 1977 ވަނަ އަހަރު ސޯމާލިޔާ އިންނެވެ. 1980 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިންވަނީ ކަށިވިދުރި ދުނިޔެއިން ފުހެލާފައެވެ. އެއަށްފަހު ގަވާއިދުން
ދެމުން ގެންދިޔަ ވެކްސިން ދިނުން ވެސް ހުއްޓާލި އެވެ. ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާގެ ހުރިހާ ގައުމަކުން މިވެކްސިން ދިނުން އެއްކޮށް ހުއްޓާލާފައިވަނީ 1986
ވަނަ އަހަރު އެވެ.
ކަށިވިދުރީގެ
ވައިރަހަކީ ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ވައިރަހެކެވެ.
ކަށިވިދުރި ދުނިޔެއިން ފުހެލާފައިވީ ނަމަވެސް، އޭގެ ވައިރަސްގެ ނަމޫނާތައް އިތުރު
ދިރާސާތައް ކުރުމުގެ ބޭނުމުގައި ލެބޯޓަރީ ތަކުގައި ރައްކާކުރެވިފައި ވެއެވެ.
މިވައިރަސް އެމެރިކާ، ރަޝިޔާ ފަދަ ގައުމުތަކުގައި ޚާއްޞަ ސަމާލުކަމާއެކު
ރައްކާކުރެވިފައި ވެއެވެ. 1999 ގެ ނިޔަލަށް މިގޮތަށް ރައްކާކޮށްފައިހުރި ވައިރަސް
ތައް ނައްތާލުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ގޮވާލި އެވެ. އެއީ
ހަނގުރާމައެއްގެ ސަބަބުން ވިޔަސް ކަށިވިދުރި ދެވަނަ ފަހަރަށް ދުނިޔޭގައި އާލާވިޔަ
ނުދިނުމަށްޓަކައެވެ.
ކަށިވިދުރި
ޖެހޭ ސަބަބު
ކަށިވިދުރި އަކީ ޑީއެންއޭ ވައިރަސް ތަކުގެ ތެރޭގައި ޝާމިލްވާ
"ޕޮކްސް"(pox)
ގުރޫޕުގެ ވައިރަހެއް ކަމުގައިވާ "ވޭރިއޯލާ ވައިރަސް"(variola virus) ގެ
ސަބަބުންޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިވައިރަސްގެ ދެބާވަތެއް ހުރެއެވެ.
އެއީ ކަށިވިދުރި ޖައްސާ "ވޭރިއޯލާ މޭޖަރ"(variola
major) ވައިރަސް އަދި
"އެލަސްޓްރިމް"(alastrim)
ކިޔާ ބައްޔެއް ޖައްސާ "ވޭރިއޯލާ މައިނަރ"(variola
minor) ވައިރަސް އެވެ.
ކަށިވިދުރި
ފެތުރޭގޮތް
މިވައިރަސް
ހަށިގަނޑަށް ވާޞިލްވަނީ ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ އެއްޗެއް
ބޭނުންކުރުމުން ނުވަތަ ވައިރަސް އާ ތަޣައްޔަރުވެފައިވާ އެއްޗެއް، ނޭވާލުމުގެ
ޒަރީޢާއިން ހަށިގަނޑަށް ވާޞިލްވުމުންނެވެ.
ކަށިވިދުރި އަކީ
ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. މިބަލި ޖެހެނީ ބަލިޖެހިފައިވާ
މީހަކު ކެއްސާ، ކިނބިހިއެޅުން، ހުނުން، ވާހަކަ ދައްކައި ހެދުން، ފަދަ
ކަންތައްތަކުގެ ތެރެއިން ކުޅާއެކު ބޭރުވާ ވައިރަސް ސަލާމަތުން ހުރި މީހާގެ
ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުންނެވެ. ބަލިމީހަކު ބޭނުންކުރާ
ތުވާލި، ރަޖާގަނޑު ފަދަ ތަކެތި އުފުލައި ހެދުމުގެ ތެރޭގައި ބަލީގެ ޖަރާސީމާ އަތް
ތަޣައްޔަރުވެފަނިކޮށް އަތްނުދޮވެ، އަނގަޔަށް ނޭފަތަށް ލޮލަށް ލައިފިނަމަ ވެސް
ބަލިޖެހިދާނެ އެވެ. ބަލިޖެހިފައިވާ މީހެއްގެ ހަމުގައި ހުރި ފޮޅުން ބޭރުވި
ދިޔައިގައި ހަނުހުރަހެއްނެތި ބީހުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ.
ބަލީގެ ވައިރަސް
ހަށިގަނޑަށް ވާޞިލްވުމަށްފަހު އަލާމާތްތައް ފެނުމާ ދެމެދު 17-7 ދުވަހާ ދެމެދުގެ
މުއްދަތެއް ހޭދަވެއެވެ. މިމުއްދަތުގެ ތެރޭގައި ހަށިގަނޑުގައި ވައިރަސް ހުރި
ނަމަވެސް އެހެން މީހުންނަށް ބައްޔެއް ނުފަތުރާނެ އެވެ. ބަލިޖެހިފައިވާ މީހާގެ
ފުށުން އެހެން މީހުންނަށް ބަލި ފަތުރަނީ އަލާމާތްތައް ފެންނަން ފަށާ ދުވަހުން
ފެށިގެން ގޮސް، ބައްޔާއި ގުޅިގެން ނަގާ ފޮޅުތައް ފެޅި، ކުރަމަގާލި ލައި
ނެއްޓިދަންދެން ހޭދަވާ މުއްދަތު ގެ ތެރޭގައެވެ.
ކަށިވިދުރި
ޖެހުމުން ފެނިދާނެ އަލާމާތްތައް
ފުރަތަމަ ކޮޅު
ހުންއައުމާއެކު މިބަލީގެ އަސަރު ކުރަނީ ނޭފަތުގެ ބަތާނަ އަށެވެ. އެއަށްފަހު
ވައިރަސް "ރެޓިކިޔުލޯ އިންޑޯތީލިއަލް ނިޒާމަ"(RES)ށް ވާޞިލް ވެއެވެ. ދެން ލޭގެ ތެރެއަށް ވައިރަސް ފޯރައެވެ.
އެއަށްފަހު ވައިރަސް ހަމުގެ ދަށުގައި އޭގެ ހިޔާވަހިކަން ހޯދައެވެ.
ކަށިވިދުރި ޖެހުމުން
ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައިރިހުން، ބޮލުގައި ރިހުން،
ހޮނޑުލުން، ވަރުބަލިވުން، އަނގަފާރުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައްޔާއި
ގުޅިގެން ހަމުގައި ބިހިތަކެއް ނަގަން ފަށައެވެ. އެއަށްފަހު ހަމުގައި ނެގި ބިހިތައް
ފެން ފޮޅުތަކަކަށް ބަދަލު ވެއެވެ. ފަހުން ފެން ފޮޅުތަކަށް ދޮސްއެރި،
(ދޮސްފޮޅުތަކަކަށްވުން)، އެއަށްފަހު ދޮސްފޮޅުތައް ފެޅި، ކުރަމަގާލި ލައި،
ތޮށިފޮޅުމަށްފަހު، ނެއްޓި، ރަގަޅުވާއިރު ދާއިމީ ލަކުނެއް ހަމުގައި އުފައްދައެވެ. ފޮޅުތައް
ލޮލުގެ ކައިރީގައި ނަގައިފިނަމަ ލޯއަދިރިވުމަކީ ވެދާނެ ގޮތެކެވެ.
ކަށިވިދުރީގެ
ފަރުވާ
ކަށިވިދުރިއަށް ވަކި
ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ 4-3 ދުވަހުގެ
ތެރޭގައި ބަލިން ދިފާއުކޮށްދޭ ވެކްސިން ދެވިއްޖެނަމަ ބަލީގެ ނުރައްކާތެރިކަން
ކުޑަކޮށްދޭނެ އެވެ. އާންމު ގޮތެއްގައި ފަރުވާކުރެވެނީ ބަލިމީހާއަށް
ކުރިމަތިވެފައިވާ އުދަނގޫތަކަށް ލުއި ހޯދައިދިނުމުގެ ގޮތުންނެވެ.
ކަށިވިދުރިން
ރައްކާތެރިވުން
ކަށިވިދުރިން ރައްކާތެރިވުމުގެ
ގޮތުން ދީއުޅުނީ "ޖެނަރ ވެކްސިން" ނުވަތަ "ކަފް ލިމްފް
ވެކްސިން" އެވެ. ކަށިވިދުރިން ދިފާއުކޮށްދޭ ވެކްސިން ޖެހުމުން
ރައްކާތެރިކޮށްދެނީ ކިހާ ދުވަހަކަށް ކަމެއް އެނގޭކަން ނެތެވެ. ނަމަވެސް ބައެއް
ޞިއްޙީ މާހިރުން އެއްބަސްވެ ލައްވަނީ 10 އަހަރު ދުވަހަށް ބަލިން
ރައްކާތެރިކޮށްދޭނެ ކަމަށެވެ. މުޅި އުމުރަށް ބަލިން ރައްކާތެރިވުމުގެ ގާބިލިއްޔަތު
ލިބި، ބައްޔާ ދެކޮޅަށް ހަށިގަނޑުގައި ދިފާޢީ ބާރު އުފެދިފައި ހުންނާނީ ހަމައެކަނި
ބަލިޖެހި ރަގަޅުވި މީހުންގެ ހަށިގަނޑުގައެވެ.
ހަށިގަނޑު ދިފާއީ
ބާރު ދަށްމީހުންނަށް ކަށިވިދުރިން ދިފާއުވުމަށް ވެކްސިން ދިނުމުން ބައެއް ފަހަރު
ފުރާނަ އަށް ނުރައްކާވާގޮތް ވެއެވެ. އެގޮތުން ވެކުސިން ދިނުމުން ނުގުޅޭ އަސަރު
ކުރިމަތިވުމުން ފެށިގެން ގޮސް، ސިކުނޑި ދުޅަވުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ
ވެސް ވެދާނެ ގޮތެކެވެ. ތާރީޚު ހެކިދޭ ގޮތުގައި ވެކުސިންޖެހި ކޮންމެ 1 މިލިޔަން
މީހުންގެ ތެރެއިން އެކަކު ވެކުސިނާ ނުގުޅިގެން މަރުވެފައި ވެއެވެ.
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
:
No comments:
Post a Comment