ކެމްޕައިލަބެކްޓީރިއޯސިސް
ކެމްޕައިލަބެކްޓީރިއޯސިސް(campylobacteriosis) އަކީ ކާނާ ވިހަވުމުގެ (ބޭރަށްހިންގުމުގެ) ވައްތަރެކެވެ. ކެމްޕައިލަބެކްޓަރ
ޖަރާސީމު ގެ ސަބަބުން ޖެހޭ މިވައްތަރުގެ ބޭރުން ހިންގުން ބޮޑަށް ކުރިމަތިވަނީ ހޫނު
މޫސުމުގެ ދުވަސްވަރުގައެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ބޭރަށްހިންގުން އެންމެ
އާންމުކޮށް ޖެހެނީ ވެސް މިވައްތަރުގެ ސަބަބުންނެވެ. ތުއްތު ކުދިންނާ، ޒުވާނުން، އަދި
ފިރިހެނުންނަށް ކެމްޕައިލަބެކްޓީރިއޯސިސް ޖެހުމުގެ ފުރުޞަތު ބޮޑެވެ.
ސަބަބު
ކެމްޕައިލަބެކްޓީރިއޯސިސްގެ ސަބަބުން ކާނާވިހަވުން
(ބޭރަށްހިންގުން) މެދުވެރިވަނީ ކެމްޕައިލަބެކްޓަރ ޖަރާސީމާ ތަޣައްޔަރުވެފައި ހުރި
ކާތަކެތި، ފެން ، ނުވަތަ ކިރު ބޭނުންކުރުމުންނެވެ. ބަލިޖެހިފައިވާ ކުޑަކުއްޖަކާ،
ނުވަތަ ޖަނަވާރަކާ ގައިގޯޅިވެ އުޅުމުން ވެސް މިވައްތަރުގެ ކާނާ ވިހަވުން
ކުރިމަތިވެދާނެ އެވެ. އެންމެ އާންމުކޮށް ކެމްޕައިލަބެކްޓީރީއޯސިސް ކުރިމަތިވަނީ
"ކެމްޕައިލަބެކްޓަރ ޖެޖޫނި"(campylobacter jejuni) ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުންނެވެ.
ޖަރާސީމާ ތަޣައްޔަރުވުމާއެކު، ރަގަޅަށް
ނުކައްކައިހުރި، ނުވަތަ ރޯނުފިލާހުރި، ނުވަތަ ރޯކޮށްހުރި، އެއްގަމުމަސް، ކުކުޅު
މަސް ފަދަ ތަކެތި އުފުލާ ހެދުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ. މިސާލަކަށް
ގެރިމަހާ، ކުކުޅު ކޮށާފައިވާ ކަޓިންބޯޑު، ނުދޮވެ އޭގައި ތަރުކާރީ ކޮށައިފިނަމަ،
މަސްކޮށުމުން ކަޓިންބޯޑުގައި ހޭކުނު ޖަރާސީމު ތަރުކާރީގައި ހޭކި، އެތަރުކާރީ
ރަގަޅަށް ނުދޮވެ، ކައިފިނަމަ ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ.
ކެމްޕައިލަބެކްޓީރިއޯސިސް އަކީ އާންމު ގޮތެއްގައި
އެކަކު ގައިން އަނެކާގެ ގަޔަށް ފެތުރޭ ބައްޔެއް ނޫނެވެ. ނަމަވެސް މީހަކަށް
ކެމްޕައިލަބެކްޓީރިއޯސިސް ޖެހުމަށްފަހު، އެމީހާ އަތްނުދޮވެ، ކާތަކެތީގައި އަތްލާ
ހަދާނަމަ، އެކަމުގެ ސަބަބުން އެހެން މީހުންނަށް (އެކާތަކެތި ކާމީހުންނަށް)
ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ބަލިޖެހިފައިވާ ޖަނަވާރު(ބުޅާ،
ކުއްތާ)ގެ ބޮޑުކަމުނަޖިހުގައި ބީހި، އަތްލައި ހެދުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ.
އަލާމާތްތައް
ކެމްޕައިލަބެކްޓީރިއޯސިސްގެ އަލާމާތްތައް
އާންމުކޮށް ފެންނަނީ ބަލި ޖައްސާ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 5-2 ދުވަހާ
ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. އާންމު ގޮތެއްގައި ބަލީގެ އަސަރު ދެމިހުންނަނީ
ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށެވެ. ބަލިޖެހޭ ބައެއް މީހުންނަށް އެއްވެސް
އަލާމާތެއް ނުފެނި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
ކެމްޕައިލަބެކްޓީރިއޯސިސް ޖެހުމުން
ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
v
ބޭރަށްހިނގުން (ބައެއް ފަހަރު ލޭހުރުން)
v
މޭނުބައިކުރުން
v
ހޮނޑުލެވުން
v
ބަނޑުގައި ރިހުން، ނުވަތަ ބަނޑަށް އުދަނގޫވުން
v
ހިތް ނުތަނަވަސްވުން
v
ހުންއައުން
ނުރައްކާތައް
ހަށިގަނޑުގެ ދިފާއީ ބާރު އެއްވެސް ސަބަބަކާ ހުރެ
ދަށްވެފައިވާ މީހަކަށް ކެމްޕައިލަބެކްޓީރިއޯސިސް ޖެހިއްޖެނަމަ ފުރާނައަށް
ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް މަދުފަހަރަކު ހުޅުތައް ދުޅަވުމާ،
ސިކުނޑިއާ، ނާރުތަކަށް މައްސަލަ ދިމާވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު
މިކަންކަން ކުރިމަތިވަނީ ބޭރަށްހިންގުން ހުއްޓިދާ ފަހުންނެވެ. ވަރަށް މަދުފަހަރަކު
ވަރަށް މަދުން ފެންނަ ބައްޔެއް ކަމުގައިވާ "ގީޔެން ބަރޭ ސިންޑްރޯމް"(Guillan barre syndrome)
ފެންމަތިވާގޮތް ވެއެވެ. މިއީ ދިފާއީ ނިޒާމުން ނާރުތަކަށް ހަމަލާދިނުމުން
ނާރުތަކުގެ ބާރުދާ ބައްޔެކެވެ. ދެތިން ހަފްތާއަށް ދެމިގެންދާ މިބަލިޖެހިއްޖެނަމަ
ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.
ދެނެގަތުން
ކެމްޕައިލަބެކްޓީރިއޯސިސް އަށް ހުށަހެޅިއްޖެހެން
ހީވާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. މިބަލި ހުރިކަން ދެނެގަނެވެނީ
ބަލިމީހާގެ ކިބައިން އޮޅުންފިލުވޭ މައުލޫމާތު ތަކާ، ބަލާ ބެލުންތަކުން އެނގޭ
އެނގުންތަކަށް ރިއާޔަތްކޮށްގެންނެވެ. އެންމެ ފަހުން ކެއި ތަކެއްޗާ، ގޭތެރެ،
މަސައްކަތުގެ މާހައުލު ހުންނަ ގޮތާމެދު އަދި ކުރިމަތިވެފައިވާ އުދަނގޫތަކާ ބެހޭ ގޮތުން
ޑޮކްޓަރު ސުވާލުކޮށް މައުލޫމާތު ތައް އޮޅުން ފިލުވާނެއެވެ. ބޮޑުކަމު ނަޖިސް
ޓެސްޓުކޮށްގެން އޭގައި ކެމްޕައިލަބެކްޓަރ ޖަރާސީމު ހުރިތޯ ޔަގީންކުރެވޭނެ އެވެ.
ފަރުވާ
ކެމްޕައިލަބެކްޓީރިއޯސިސް ހުރިނަމަ، ފަރުވާއެއް
ނުކުރިނަމަވެސް 5-2 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަގަޅުވެއެވެ. ނަމަވެސް
ބައެއް ފަހަރު މިމުއްދަތު 7 ދުވަހަށް ނުވަތަ 10 ދުވަހަށް ދިގުދެމިގެން ދިއުމަކީ
ވެދާނެ ގޮތެކެވެ. މިފަދަ އިންފެކްޝަނެއް ހުރެއްޖެނަމަ ގިނައިން ދިޔާތަކެތި
ބުއިމަކީ މުހިއްމު ކަމެކެވެ. އެއީ ހަށިގަނޑުން ފެން ހުސްވިޔަނުދިނުމަށްޓަކައެވެ.
ނުރައްކާތެރި ހާލަތުގައި ބަލީގެ ކުރީކޮޅު، ގައި އެންޓިބަޔޮޓިކް ދެވިއްޖެނަމަ،
ބަލިފަސޭހަވުން އަވަސްވެ، ބަލީގައި ހޭދަވާ މުއްދަތު ކުރުވެއެވެ. އަދި
އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭނީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި
ޑޮކްޓަރުން އެކަމަށް ލަފާދީފިނަމަ އެވެ.
ބޭރަށްހިންގުމުގެ ފަރުވާ އަމާޒުކުރެވެނީ
ބޭރަށްހިންގުމާ ހޮނޑުލެވުމުގެ ސަބަބުން ހަށިގަނޑުން ބީވެދިޔަ ފެނާ ލޮނުގެ ބައި
އަނބުރާ ހަށިގަނޑަށް ހޯދާ ދިނުމަށެވެ. ބޭރަށްހިންގާ ކޮންމެ ފަހަރަކު، ލޮނު ފެން، ނުވަތަ އާދައިގެ ފެން ބޭނުންކުރަން އާދަކުރާށެވެ. ސޮޑާ
އަދި މޭވާ ޖޫހުގައި ހަކުރު އެކުލެވޭތީ ހަށިގަނޑުގައި ފެން ގިނަކުރުމަށް މާގިނައިން
އެފަދަ ތަކެތި ބޭނުންކުރުން ރަގަޅެއް ނޫނެވެ. އާންމުކޮށް ވެސް ކައިއުޅޭ ކާތަކެތި
ކާން އާދަކުރެވިދާނެ އެވެ. ނަމަވެސް މާގިނައިން ތެލާ، ސަރުބީ ހުންނަ ކާނާ،
މާގިނައިން ހަކުރު ހުންނަ ފޮނި ކާތަކެތި، ކޮފީ،ބަނގުރާ،
އަދި މާކުޅި ކާނާ ބޭނުންކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ.
ރައްކާތެރިވުން
ކެމްޕައިލަބެކްޓީރިއޯސިސް އިން ރައްކާތެރިވުމަށް
އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
(ހ) - އެއްގަމުމަސް، ކުކުޅު، ކަނޑުމަސް ރަގަޅަށް
ރޯފިލަންދެން ކައްކައިގެން ކެއުން
(ށ) - ރޯމަސް ފަދަ ތަކެއްޗާ އެހެނިހެން ކާނާ
ބާވަތްތައް އެކުގައި ފްރިޖުގައި ނުބެހެއްޓުން
(ނ) - ތަރުކާރީ އާ މޭވާ ކެއުމުގެކުރިން ދޮވުން
ނުވަތަ ތޮށިދެމުން
(ރ) - ޖަނަވާރު ފަދަ ތަކެތި އުފުލައި ހެދުމަށްފަހު
ރަގަޅަށް އަތްދޮވުން
(ބ) - ކާތަކެތީގައި އަތްލައި
ހެދުމުގެ ކުރިންނާ ފަހުން ރަގަޅަށް އަތްދޮވުން
(ޅ) - ފާޚާނާކޮށް ނިމިގެން އަދި ކުޑަ ދަރިފުޅުގެ
ނެޕީ ބަދަލުކުރުމަށްފަހު ރަގަޅަށް އަތްދޮވުން
(ކ) - ރޯމަސް ކޮށުމަށާ، އެހެން ބާވަތުގެ ކާތަކެތި
ކޮށުމަށް ވަކި ދެ ކަޓިންބޯޑު ގެންގުޅުން
(އ) - ވަޅި، ކަޓިންބޯޑު ފަދަ ތަކެތި
ބޭނުންކުރުމަށްފަހު ހޫނު ފެނުން ރަގަޅަށް ދޮވުން
(ވ) - ކާބޯތަކެތި ތާޒާ ކަންމަތީ ބޭނުންކުރުން
(މ) - ކާބޯތަކެތި ހަލާކުވެފައި ހުރިހެން ހީވާނަމަ
ބޭނުންނުކޮށް އުކާލުން
(ފ) - ރޯމަސް ފަދަ ތަކެއްޗާ އެހެނިހެން ކާނާ
ބާވަތްތައް އެކުގައި އުފުލައި ނުހެދުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :
No comments:
Post a Comment