އިރިޓަބަލް ބަވަލް
ސިންޑްރޯމް
އިރިޓަބަލް ބަވަލް
ސިންޑްރޯމް(IBS) އަކީ
ދެނެގަނެވޭފަދަ އެއްވެސް ކަހަލަ ބައްޔަކާ ނުލައި ބޮޑު ގޮހޮރަށް ދިމާވާ
އުދަނގޫތަކަށް ކިޔާ ނަމެކެވެ. މިއީ ބޮޑު ގޮހޮރަށްޖެހޭ ބައްޔެކޭ ވެސް ބުނެވިދާނެ
އެވެ. މިއީ ކުޑަކުދިންނާ ބޮޑެތިމީހުންނަށް ވެސް ކުރިމަތިވާ ގޮތްނޭނގޭ
އުދަނގޫތަކެއް ކަމަށް ބައެއް މީހުން ސިފަކުރެއެވެ. ބައެއް ފަހަރު މިމައްސަލައާ
ބަލިމީހާގެ ނަފްސާނީ ހާލަތާ ގުޅުވޭ ފަހަރު ވެސް އާދެއެވެ. އިރިޓަބަލް ބަވަލް
ސިންޑްރޯމް އަކީ އެބަލީގެ ސަބަބުން ގޮހޮރު ދުޅަކޮށް، ގޮހޮރުގެ ކެންސަރު ޖެހުމަށް
މަގުފަހިކުރާ ބައްޔެއް ނޫނެވެ. މިއީ ބަލިޖެހިފައިވާ މީހާގެ ކެއުމާ، ދިރިއުޅުމުގެ
ވައްޓަފާޅިއަށް ބަދަލުތައް ގެނެސްގެން ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ.
އިރިޓަބަލް ބަވަލް
ސިންޑްރޯމް އަކީ ދިގުމުއްދަތަކަށް ދެމިގެންދާ، ގޮހޮރަށް ދިމާވާ މައްސަލަ އެކެވެ.
މިބަލީގެ ސަބަބުން ބަނޑުގައި ރިހުން، ވައިބޭރުވުން، ބޭރަށްހިންގުން، ބަނޑުހަރުވުން
ފަދަ ކަންތައްތައް ކުރިމަތިވެއެވެ. މިއީ ގިނަ ދުވަސްވިޔަސް އިތުރަށް ގޯސްވާ، އަދި
ނުރައްކާތެރި ޞިއްޙީ މައްސަލަތަކެއް ކުރިމަތިކުރުވާ ބައްޔެއް ނޫނެވެ.
ސަބަބު
އިރިޓަބަލް ބަވަލް
ސިންޑްރޯމް ޖެހޭ ވަކި ސަބަބެއް އަދި ޔަގީންކަމާއެކު ހޯދިފައެއް ނުވެއެވެ. ނަމަވެސް
ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި ސިކުނޑިއާއި ހަޖަމުކުރާ ނިޒާމާއި ދޭތެރޭގައި
އޮންނަ ގުޅުމަށް ބުރޫއެރުމަކީ އިރިޓަބަލް ބަވަލް ސިންޑްރޯމް ފެންމަތިވުމާއި ގުޅުންހުރި
ކަމެކެވެ.
(ހ) - ގޮހޮރުގައި
ޖަރާސީމު އަށަގަނެ ދުޅަވުން : ގޮހޮރުގައި ޖަރާސީމު
އަށަގަނެ ދުޅަވުމަކީ ގޮހޮރުގެ މަސްފަށަލަ ތަކުގެ ތެރޭގައިވާ އިހްސާސް އުފުލާ ނާރު
ތަކަށް އަސަރު ކުރާނެ ކަމެކެވެ. އަދި އެކަމަކީ ގޮހޮރުގެ ދިފާޢީ ނިޒާމަށް
ބަދަލުތަކެއް ގެނެސްދޭ ކަމަކަށް ވެފައި، އަދި އޭގެ މަސް ފަށަލައިގެ ހަރަކާތްތައް
އަވަސްކޮށްދޭ ކަމަކަށްވާތީ، ގޮހޮރުގައި
ޖަރާސީމު އަށަގަތުމަށްފަހު އެކަން ރަގަޅުވި ކަމުގައި ވިޔަސް، އޭގެ ފަހުން
އިރިޓަބަލް ބަވަލް ސިންޑްރޯމްގެ މައްސަލަތައް ކުރިމަތިވުމަކީ ވަރަށް ގިނައިން
ދިމާވާ ކަމެކެވެ.
(ށ) - ސިކުނޑީގެ
ބައެއް ސަރަހައްދުތަކުގެ ބަލިތަކަށް ބޭސް ބޭނުންކުރުން : ދިރާސާތަކުން ދައްކާ ގޮތުގައި ސިކުނޑީގައިވާ ހައިޕޯތަލަމަސް އަދި ލިމްބިކް
ސިސްޓަމް ހިމެނޭ ސަރަހައްދުތަކުގެ ބަލިތަކަށް ބޭނުންކުރާ ބޭސްތަކުގެ ސަބަބުން އިރިޓަބަލް
ބަވަލް ސިންޑްރޯމް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
(ނ) - ބައެއް
ބާވަތުގެ ކާނާ ހަޖަމުކުރުމުގައި މައްސަލަ ދިމާވާ ބަލިމީހުން : މިފަދަ މީހުންނަށް އިރިޓަބަލް ބަވަލް ސިންޑްރޯމްގެ
އުދަނގޫ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
(ރ) - ހާސްވެ
ކަންބޮޑުވުން : ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުގެ
ސަބަބުން ހާސްވެ ކަންބޮޑުވެ ފިކުރު ބޮޑުވުމަކީ ވެސް ބައެއް މީހުންނަށް އިރިޓަބަލް
ބަވަލް ސިންޑްރޯމްގެ އުދަނގުލާއި ކުރިމަތިލާންޖެހިދާނެ ކަމެކެވެ.
(ބ) - ވާރުތަވުން
: ބައެއް ފަހަރު އިރިޓަބަލް ބަވަލް ސިންޑްރޯމް އަކީ
އާއިލާއެއްގެ ތެރޭގައި ދައުރުވަމުން އަންނަ ކަމަކަށް ވެއެވެ. މާނައަކީ މަންމަ،
ބައްޕަ ފަދަ މީހުންނަކީ އިރިޓަބަލް ބަވަލް ސިންޑްރޯމް ތަހައްމަލުކުރަމުންދާ ބައެއް
ކަމުގައިވާނަމަ، ދަރިންނަށް ވެސް އިރިޓަބަލް ބަވަލް ސިންޑްރޯމް ކުރިމަތިވުމުގެ
ފުރުޞަތު އޮތުމެވެ.
ބަލިޖެހޭ
ނިސްބަތް
ދިރާސާ ތަކުން
ހާމަވާގޮތުގައި ދުނިޔޭގެ އާބާދީގެ 30-20 އިންސައްތަ މީހުންނަކީ އިރިޓަބަލް ބަވަލް
ސިންޑްރޯމް ޖެހިފައިވާ މީހުންނެވެ. މި ނިސްބަތުގެ ތެރެއިން 10-20 އިންސައްތަ
މީހުންނަކީ މިކަމަށްޓަކައި ފަރުވާ ހޯދުމަށްޓަކައި އަހަރަކު މަދުވެގެން 3-2 ފަހަރު
ޑޮކްޓަރަށް ދައްކައި ޓެސްޓް ހަދަން ޖެހޭ މީހުންނެވެ. ހަމަ އެފަދައިން ގޮހޮރުގެ
ބަލިތަކަށް ފަރުވާ ކުރާ ޚާއްޞަ ޑޮކްޓަރުންނަށް ދައްކާ ބަލިމީހުންގެ ތެރެއިން 20-50
އިންސައްތަ މީހުންނަކީ ވެސް މިކަމަށް ބޭސްކުރާ މީހުން ކަމަށް ދިރާސާ ތަކުން
ދައްކައެވެ.
ހުޅަގުގެ
ގައުމުތަކުގައި ފިރިހެނުންނަށްވުރެ ގިނައިން މިމައްސަލަ ދިމާވެފައިވަނީ
އަންހެނުންނަށް ކަން ބެލެވިފައި ވެއެވެ. ނިސްބަތަކީ 2-3 އެވެ. ނަމަވެސް އޭޝިޔާގެ
ގައުމުތަކުގައި މިބަލި ޖެހޭ މީހުންގެ 70-80 އިންސައްތަ އަކީ ފިރިހެނުންނެވެ.
މިބަލި ފާހަގަކުރެވެން ފަށާ އުމުރަށް ބަލާއިރު އެންމެ ފުރަތަމަ މިބަލީގެ
އަލާމާތްތައް ފާހަގަ ކުރެވެން ފަށަނީ އުމުރުން 35-40 އަހަރާ ދެމެދުގައެވެ.
ނަމަވެސް ތުއްތު ކުދިންނާ ކުޑަކުދިންނަށް ވެސް މިމައްސަލަ ދިމާވުމަކީ އެކަށީގެންވާ
ކަމެކެވެ.
އަލާމާތްތައް
(ހ) - ހަޖަމުކުރާ
ނިޒާމާއި ގުޅުންހުރި އުދަނގޫތައް
ބޮޑުކަމުދިއުމަށް
ބަދަލުތަކެއް އައުން : އެގޮތުން ދުވަސްކޮޅަކު
ބަނޑުދިޔާވެފައި އަވަސް އަވަހަށް ބޮޑުކަމުދެވުން، އަނެއް ބައި ފަހަރު ބަނޑުހަރުވެ،
ރަގަޅަށް ބަނޑު ހުސްނުކުރެވޭގޮތް ވެސް ވެދާނެ އެވެ. އަދި ކާއެތިކޮޅެއް ބަނޑަށް
އެތެރެވުމާއެކު، ބޮޑުކަމުދާން ވެއްޖެކަމުގެ އިހުސާސް ކުރެވުމަކީ ވެސް ވަރަށް ގިނައިން
ފާހަގަ ކުރެވޭނެ ކަމެކެވެ. އަދި ބޮޑުކަމުދިއުމުގެ އިހުސާސް ކުރެވެން ފެށުމާއެކު،
ކެތްނުކުރެވޭގޮތްވެ، ވަރަށް އަވަހަށް ބޮޑުކަމުދާންޖެހޭ ކަމުގެ އިހުސާސް ކުރެވުމަކީ
ވެސް ވެދާނެ ގޮތެކެވެ.
ބަނޑުގައި
ރިއްސުން : މިއީ ވެސް މިބަލީގެ ވަރަށް މުހިއްމު
އަލާމާތެކެވެ. އެގޮތުން ރިއްސާ ވަކިތަނެއް ފާހަގަ ނުކުރެވި މުޅި ބަނޑަށް
ފެތުރިފައި ހުންނަ ތަދެއް އިހުސާސް ކުރެވުމަކީ މިބަލީގައި ފާހަގަ ކުރެވިދާނެ
ކަމެކެވެ. ހަމަ އެފަދައިން ބަނޑުގެ ވައަތް ފަރާތުން ތިރީބައިގައި ވަރަށް ތޫނު
ތަދެއް ހުރުމަކީ ވެސް ވަރަށް ގިނައިން ފާހަގަކުރެވޭ އަލާމާތެކެވެ. ކެއުމަށްފަހު
ބަނޑުގެ މިތަދު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބޮޑުކަމު ދެވުމުން ތަދަށް
ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭކަން ފާހަގަ ކުރެވިފައި ވެއެވެ. ބައެއް މީހުންނަށް
ނުވަތަ ބައެއް ދުވަސްވަރު ދުވާލަކު 3 ފަހަރަށްވުރެ ގިނައިން ބޮޑުކަމުދެވިދާނެ
އެވެ. އަނެއް ބައި މީހުންނަށް ނުވަތަ ދުވަސްވަރު ހަފްތާއަކު 3 ފަހަރަށްވުރެ މަދުން
ބޮޑުކަމުދާން ޖެހިދާނެ އެވެ.
ބަނޑު
ފުއްޕާލުން : މިއީ ވެސް އިރިޓަބަލް ބަވަލް
ސިންޑްރޯމް ޖެހޭ މީހުންނަށް ދިމާވާ ވަރަށް އުދަނގޫ މައްސަލަ އެކެވެ. ޚާއްޞަކޮށް
ކެއުމަށްފަހު އެއީ ކިތައްމެ ކުޑައެތިކޮޅަކަށް ވިޔަސް ބަނޑުގައި ވައިހެދި، ބަނޑު
ފުއްޕާލުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.
އެހެނިހެން
އަލާމާތްތައް : މީގެ އިތުރުން ބޮޑުކަމުދާ
ތަކެއްޗާއެކު ހުދު ކުލައިގެ ލޮނދި އައުން، ބައެއް ފަހަރު ފުރަގަސްފަރާތުން
ލޭއައުން، މެއިން ދިލަނެގުން، މޭނުބައިކުރުން، ހޮނޑުލެވުން، އަދި ވައިބޭރުވުމަކީ ވެސް
މިބަލީގައި ކުރިމަތިވެދާނެ މައްސަލަ ތަކެވެ.
(ށ) - ހަޖަމުކުރާ
ނިޒާމާއި ގުޅުމެއްނެތް އުދަނގޫތައް
·
މާޔޫސްވުން ، ހާސްވެ ކަންބޮޑުވުން
·
ވަރުބަލިވުން
·
ބޮލުގައި ރިހުން
·
ބުރަކަށީގައި ރިހުން
·
އަނގައިގައި ނުބައި ރަހަލުން
·
ނިދިނައުން
·
ޖިންސީގުޅުން ހިންގުމަށް ފޫހިވުން، ޖިމާއުވާއިރު
ތަދުވުން
·
ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން – ބައެއް ފަހަރު ވިންދު ހުއްޓިފައި
ޖެހޭހެން ހީވުން
·
އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން
ނޯޓް : ދިރިއުޅުމުގައި ކުރިމަތިވާ ފިއްތުންތައް ކުރިމަތިވުން،
މައްސަރު ކަންތައް ޖެހުން، ފަދަ ހާލަތްތަކާއި، އަދި ކެއުމަށްފަހު އިރިޓަބަލް
ބަވަލް ސިންޑްރޯމްގެ އުދަނގޫތައް އިތުރުވުމަކީ ވެދާނެ ގޮތެކެވެ.
ދެނެގަތުން
އިރިޓަބަލް ބަވަލް
ސިންޑްރޯމް އަކީ ބަލިމީހާގެ ޝަކުވާތަކާ ބަލިމީހާ ބެލުމުން ފެންނަ އަލާމާތްތަކުގެ
އަލީގައި ދެނެގަނެވިދާނެ ބައްޔެކެވެ. 2009 ވަނަ އަހަރު އެމެރިކަން ކޮލެޖު އޮފް
ގަސްޓްރޯއެންޓްރޮލޮޖީން މިބަލި ދެނެގަތުމާ ބެހޭގޮތުން ނެރެފައިވާ ބަޔާނުގައި
ބުނެފައިވަނީ މިބަލި ޖެހިފައިވާ އުމުރުން 50 އަހަރު ނުފުރޭ މީހުންނަށް ކޮންމެހެން
ލެބޯޓްރީ ޓެސްޓުތަކާ، ސްކޭންތައް ހެދުމަކީ މުހިއްމު ކަމެއް ނޫންކަމަށެވެ.
ނަމަވެސް ބަލިމީހާގެ
ޙާލަތަށް ބެލުމަށްފަހު އެހެން ބަލިތަކަށް ޝައްކުކުރެވޭނަމަ މިފަދަ ޓެސްޓުތައް
ހެދުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ލޭގެ ޓެސްޓުތަކާ އަދި ގޮހޮރުގެ ޓެސްޓުތައް
ހަދައި، އެހެން ބަލިތައް ނެތްކަން ޔަގީން ކުރެވިދާނެ އެވެ. މިބައްޔާ ގޮހޮރުގެ
އެހެން ބަލިތައް ތަފާތުކޮށް، ދެނެގަތުމުގެ ގޮތުން ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ
ޓެސްޓުތަކުގެ ތެރޭގައި ހިމެނެނީ އަނގައިން ކެމެރާއެއް ލައްވައިގެން ގޮހޮރުގެ
އެތެރެ ބެލުން(upper
gastrointestinal scopy)
، ފުރަގަސް ފަރާތުން ކެމެރާއެއް ލައްވައިގެން ބޮޑު
ގޮހޮރުގެ އެތެރެ ބެލުން(colonoscopy)
، އަދި ބަނޑުގެ ސީޓީ ސްކޭން ފަދަ ޓެސްޓު ތަކެވެ.
އިރިޓަބަލް ބަވަލް
ސިންޑްރޯމް ދެނެގަތުމަށް ކުރެވިދާނެ ކަންތައްތަކާއި ހެދިދާނެ ޓެސްޓުތަކުގެ
ތެރޭގައި އަންނަނިވި ޓެސްޓުތަކާއި ކަންތައްތައް ހިމެނެއެވެ.
·
ބަލިމީހާގެ ޝަކުވާތައް އޮޅުން ފިލުވުން އަދި ބަލިމީހާގެ ހަށިގަނޑު ބަލައި
ޗެކުކުރުން
·
ލޭ ޓެސްޓުކުރުން
·
ބޮޑުކަމު ނަޖިސް ޓެސްޓުކުރުން
·
ކެމެރާއެއް ލައްވައިގެން ބަނޑާއި ގޮހޮރުގެ އެތެރެ ބެލުން
·
ތައިރޮއިޑް ޓެސްޓުހެދުން
ފަރުވާ
މިބައްޔަށް ފަރުވާގެ
ގޮތުން ބޭސްތަކެއް ދިނުމަކީ އެހާ ރަގަޅު ކަމެއްކަމުގައި ނުބެލެވެއެވެ. މިއީ
ބަލިމީހާގެ އިހުސާސް ތަކާ ނަފްސާނީ ހާލަތާ ވަރަށް ބޮޑަށް ގުޅިފައިވާ
ކަމަކަށްވުމާއެކު، ބަލިމީހާއަށް ކިޔައިދީ އޮޅުން ފިލުވައިދިނުމަކީ ބަލީގެ
ފަރުވާގައި ވަރަށް މުހިއްމު ބައެކެވެ. އިރިޓަބަލް ބަވަލް ސިންޑްރޯމް އެއްކޮށް
ރަގަޅުކުރެވޭ ބައްޔަށް ދެވޭ ހަގީގީ ފަރުވާއެއް އަދި ހޯދިފައިނުވާކަން ފާހަގަ
ކުރެވެއެވެ. ބައްޔަށްދެވޭ ފަރުވާ އަކީ ބަލީގެ އުދަނގޫތައް ކުޑަކުރުމަށް ދެވޭ
ފަރުވާ އެކެވެ. އެހެންކަމުން ފާހަގަ ކުރެވޭ މައްސަލަތައް ބަލައި، އެކަންކަމަށް ދޭ
ފަރުވާއެއްގެ ގޮތުގައި ވަކި ވައްތަރެއްގެ ބޭސް ބޭނުންކުރަން ޑޮކްޓަރުން
ލަފާދިނުމަކީ އެކަށީގެންވާ ކަމެކެވެ.
އަމިއްލަށް
ކުރެވިދާނެ ކަންތައްތައް
އިރިޓަބަލް ބަވަލް
ސިންޑްރޯމްގެ އުދަނގޫތަކުން ސަލާމަތްވެ ހުރުމަށްޓަކައި އަމިއްލައަށް ކުރެވިދާނެ
ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ. އެކަންތައްތަކަކީ:-
(ހ) – ނަރު
ނުވަތަ ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރުން : ނަރު އެކުލެވޭ ކާނާ ބޭނުންކުރުމަކީ ބަނޑުހަރުވެ، ބޮޑުކަމުދާން އުދަނގޫވުމުގެ
މައްސަލައަށް ހައްލެއް އައުމާ، ގޮހޮރުގެ ހިނގުން ރަގަޅުކޮށް ވަކި ހަމައެއްގެ
މަތިން ހިނގުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް ހަދާން ބަހައްޓަންވީ މިފަދަ
ކާނާ ބޭނުންކުރުމުން ވަރަށް ގިނަ ފަހަރު ބަނޑުގެ މައްސަލަތައް އިތުރުވާ މީހުން
ވެސް ފާހަގަކުރެވޭ ކަމެވެ. ނަމަވެސް ކާނާގައި ފައިބަރ އެކުލެވޭ މިންވަރު
މަޑުމަޑުން އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދިރާސާކުރާ ފަރާތްތަކުން
ހާމަކުރެއެވެ.
(ށ) –
މައްސަލަ އިތުރުކުރާ ވައްތަރުގެ ކާނާ ފާހަގަކޮށް އެތަކެތި ބޭނުންކުރުން ހުއްޓާލުން
: މިވައްތަރުގެ ކާނާގެ ބާވަތްތައް ފާހަގަކުރެވޭނީ
އަމިއްލައަށެވެ. އާންމު ގޮތެއްގައި އިރިޓަބަލް ބަވަލް ސިންޑްރޯމް ގެ އުދަނގޫތައް
ބޮޑުކޮށްދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި، ޗޮކުލެޓް، ކޮފީގެ ބާވަތްތައް، ސޮޑާ،
އަދި ބަނގުރާގެ ބާވަތްތައް ހިމެނެއެވެ. ގިނައިން ތެޔޮ އެކުލެވޭ ކާނާގެ ބާވަތްތަކާ،
ބައެއް ބާވަތުގެ ގޮވާމާ ތަރުކާރީގެ ބާވަތްތަކަކީ ވެސް ބަލި ބޮޑުކޮށްދޭ
އެއްޗިއްސެވެ. ބަނޑުގައި ވައިހެދޭ ބާވަތުގެ ކާނާ މިސާލަށް އެކިވައްތަރުގެ ތޮޅި،
ބޮޑި ކޮޕީ، މާގަނޑު ކޮޕީ، ބްރޮކަލީ ފަދަ ބާވަތްތައް ބޭނުންކުރުން މަދުކުރުމަކީ
މުހިއްމު ކަމެކެވެ.
(ނ) –
އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި ބަނޑު ނުފުރޭ ވަރަށް ކެއުން : އެއް ފަހަރާ މާގިނައިން ކެއުމަކީ ބަނޑުގައި ވައިހެދި،
ބަނޑުފުފި، ވައިގެ އުދަނގޫތައް ތަހައްމަލުކުރަން ޖެހިދާނެ ކަމެކެވެ.
(ރ) –
ކިރުގެ ބާވަތްތަކަށް އެލާޖީ ހުންނަ މީހުން އެފަދަ ތަކެއްޗާ ދުރުހެލިވުން : އެފަދަ މީހުންގެ ކިރުގެ ބާވަތްތައް ބޭނުންކުރާނަމަ ބަލި
ހާލަތު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.
(ޅ) –
ގިނައިން ދިޔާތަކެތި ބޭނުންކުރުން : ގިނައިން ދިޔާތަކެތި
ބޭނުންކުރުމަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދޭނެ ކަމެކެވެ.
(ކ) –
ކަސްރަތު ކުރުމާ ހީވާގި ދިރިއުޅުމަކަށް އަމިއްލަ ނަފުސު އާދަކުރުވުން : އެގޮތުން ހިނގުން، ދުވުން، ފެތުން ފަދަ ކަމެއް ޚިޔާރު
ކުރެވިދާނެ އެވެ. ކަސްރަތު ކުރުމަކީ ފިކުރުބޮޑުވުން ފަދަ ކަންކަމުން ދުރުކޮށްދީ،
ގޮހޮރުގެ ހަރަކާތް ތަންޒީމު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
(އ) – ބަނޑުދިޔާކުރާ
އަދި ބަނޑު ހަރުކުރާ ބޭސް ބޭނުންކުރުން މަދުކުރުން : ބަނޑު ދިޔާކުރަން ބޭނުންކުރާ ބޭސް އަދި ބަނޑު ހަރުކުރަން ބޭނުންކުރާ ބޭސް
ތައް ދިގު މުއްދަތަކަށް ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ގޮހޮރަށް ނުބައި
ބަދަލުތަކެއް އަންނާނެ ކަމަކަށްވުމުން އެފަދަ ބޭސް ބޭނުންކުރުމުގައި ރައްކާތެރިވުމަކީ
މުހިއްމު ކަމެކެވެ. އަދި މިފަދަ ބޭސްތައް ބޭނުންކުރުން މަދުކުރުމަކީ ވެސް މުހިއްމު
ކަމެކެވެ.
ބޭހުގެ
ފަރުވާ
އިރިޓަބަލް ބަވަލް
ސިންޑްރޯމް ހުންނަ މީހުންނަށް ދޭ ބޭހުގެ ފަރުވާ ބަރޯސާވަނީ އެމީހަކަށް
ދިމާވެފައިވާ އުދަނގޫތަކުގެ މައްޗަށެވެ. އެގޮތުން އިރިޓަބަލް ބަވަލް ސިންޑްރޯމް
ހުންނަ މީހަކަށް ދީފާނެ ބޭސްތަކުގެ ތެރޭގައި ހިމެނެނީ:-
·
ބަނޑުދިޔާކުރާ ބޭސް
·
ބަނޑުހަކުރުކުރާ ބޭސް
·
ބަނޑުގެ ރިހުން ކަނޑުވާ ބޭސް
·
ހާސްކަންކުޑަކޮށްދޭ ބޭސް
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
:
WebMD. (2010, 05 07). IBS Health Center - WebMD.
Retrieved 12 28, 2013, from http://www.webmd.com/: http://www.webmd.com/ibs/guide/irritable-bowel-syndrome-ibs-topic-overview
ޢުބައިދު, ޑ.
ޢ. (2011, 12
06). އިރިޓަބަލް ބަވަލް ސިންޑްރޯމް. Retrieved 05 09, 2013, from
http://www.haveeru.com.mv/: http://www.haveeru.com.mv/dhivehi/health/113775
No comments:
Post a Comment