މުހިއްމު ސަފުހާތައް

Saturday, December 28, 2013

އީކޮލައި އިންފެކްޝަން

އީކޮލައި އިންފެކްޝަން
އީކޮލައި އިންފެކްޝަން(Ecoli infection) އަކީ އީކޮލައި ބެކްޓީރިޔާގެ ސަބަބުން ކުރިމަތިކުރުވާ ބޭރަށްހިންގުމުގެ ވައްތަރެކެވެ.
އީކޮލައި(Ecoli) (އެޝަރިކީއާ) އަކީ އިންސާނުންނާއި، ޖަނަވާރުންގެ ހަޖަމުކުރާ ނިޒާމުގައި ދިރިއުޅޭ ބެކްޓީރިޔާ އެކެވެ. އީކޮލައި ބެކްޓީރިޔާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ވައްތަރުގެ ބެކްޓީރިޔާ ތަކަކީ ހަށިގަނޑަށް ގެއްލުންދޭ ބެކްޓީރިޔާ ތަކެއް ނޫނެވެ. ނަމަވެސް ބައެއް ބެކްޓީރިޔާތަކުގެ ސަބަބުން ލޭބޭރަށްހިންގުން މެދުވެރި ކުރުވައެވެ. މިވައްތަރުގެ ބެކްޓީރިޔާތަކަށް ކިޔަނީ "އެންޓީރޯހީމޮރެޖިކް އީކޮލައި" އެވެ. މިވައްތަރުގެ ބެކްޓީރިޔާތަކުގެ ތެރެއިން އެންމެ އާންމު އީކޮލައި ބެކްޓީރިޔާ އަކީ " އީކޮލައިO157:H7  " އެވެ. ބައެއް މީހުންނަށް މިވައްތަރުގެ އީކޮލައި ގެ ސަބަބުން ލޭމަދުވުން، އަދި ގުރުދާ ފޭލްވުން ކުރިމަތިވެ، ފުރާނަޔަށް ނުރައްކާވާ ގޮތްވެއެވެ.


އީކޮލައި އިންފެކްޝަން ޖެހެނީ ކިހިނެއް؟
އީކޮލައި އަކީ އިންސާނުންނާއި، ޖަނަވާރުންގެ ހަޖަމުކުރާ ނިޒާމުގެ ބައިތަކުގައި (ބަނޑު، ގޮހޮރު ފަދަ ބައިތައް) ދިރިއުޅޭ އެއްޗަކަށްވުމުން، އިންސާނުންނާއި، ޖަނަވާރުންގެ ބޮޑުކަމު ނަޖިހުގައި އީކޮލައި ހުންނާނެ އެވެ. އީކޮލައި އިންފެކްޝަން ޖެހެނީ އީކޮލައި ބެކްޓީރިޔާ ހުރި ބޮޑުކަމު ނަޖިހާއި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރުން ނުވަތަ އެފަދަ ކާތަކެތި ކެއުމުންނެވެ.

(ހ) - ކާތަކެތީގައި އީކޮލައި : އެއްގަމު މަސް ކަނޑައި، ބަންދުކޮށް، އުފުލައި ހެދުމުގެ ތެރޭގައި އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން އީކޮލައި ބެކްޓީރިޔާ ހުރި އެއްގަމު މަސް ރަގަޅަށް ނުކައްކައި (71 ޑިގްރީ ސެލްޒިއަސް އަށް ނުވަތަ އެއަށްވުރެ މައްޗަށް) ކައިފިނަމަ، އީކޮލައި ބެކްޓީރިޔާ ހަށިގަނޑަށް ވާޞިލްވެ، އީކޮލައި އިންފެކްޝަން ޖެހުމަކީ ވެދާނެ ގޮތެކެވެ. ރޯ އެއްގަމު މަހާއެކު ފްރިޖުކޮށްފައި ހުންނަ އެހެން ކާތަކެތި ވެސް އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ.
އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވެދާނެ އެހެން ކާބޯތަކެތީގެ ތެރޭގައި :
·         ރޯކިރާއި ކިރުގެ އުފެއްދުންތައް : ގެރީގެ ވަށްގަނޑުން ކިރުގެ ތެރެއަށް އީކޮލައި ޖަރާސީމު ދިއުމަކީ ވެދާނެ ގޮތެކެވެ. ކިރު ފަދަ ތަކެތި ގަންނައިރު އެއީ ޖަރާސީމު ނައްތާލާފައި ހުރި "ޕޭސްޗަރައިޒްޑް" ކިރުތޯ، ބެލުން މުހިއްމެވެ.
·         ރޯމޭވާ އާއި ތަރުކާރީ : ރޯމޭވާ އާއި ތަރުކާރީ ދަނޑުން ކަނޑައިގެން، އުފުލައި ހެދުމުގެ ތެރޭގައި އީކޮލައި ބެކްޓީރިޔާއާއި ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ. އަދި އެގޮތުން ޖަރާސީމާއި ތަޣައްޔަރުވެފައި ހުރި މޭވާ ތަރުކާރީ ފަދަ ތަކެތި ކައިހަދައިފިނަމަ އީކޮލައި އިންފެކްޝަން ޖެހުމަކީ ގާތް ކަމެކެވެ.

(ށ) - ފެނުގައި އީކޮލައި : ބައެއް ފަހަރު ކޯރުތަކާއި، ކުޅިތައް، ފަތާފެންގަނޑު، ފެންވަޅު، އަދި ފެން އުފައްދާ ވަޞީލަތްތައް އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ފެނުގެ މަޞްދަރުތައް ކްލޮރިން ކުރުމަކީ މުހިއްމު ކަމެކެވެ. ކްލޮރިން ކުރުމަކީ އީކޮލައި ބެކްޓީރިޔާ މަރުވެ ނެތިދާނެ ކަމެކެވެ. އެގޮތުން ނޭނގި ނަމަވެސް އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައިވާ ފެން ބޮވިއްޖެނަމަ އީކޮލައި އިންފެކްޝަން ޖެހުމަކީ ކައިރި ކަމެކެވެ.

(ނ) - އީކޮލައި އިންފެކްޝަން ގައިންގަޔަށް އެރުން : އީކޮލައި އިންފެކްޝަން ބަލިޖެހިފައިވާ މީހާގެ ގައިން ސަލާމަތުން ތިބޭ މީހުންގެ ގައިން ގަޔަށްއަރަނީ ބަލިޖެހިފައިވާ މީހާ ބޮޑުކަމު ދިއުމަށްފަހު، ރަގަޅަށް ސައިބޯނިލައިގެން އަތްނުދޮވެ، އެހެން މީހުންނާއި ސަލާމްކޮށް ހެދުމުންނެވެ. ނުވަތަ އެހެންމީހުންގެ ގައިގައި އަތްލައި ހެދުމުންނެވެ. ބޮޑުކަމު ދިއުމަށްފަހު އަތްނުދޮވެ، ކާބޯތަކެތީގައި އަތްލައި ހެދުމަކީ އެތަކެތި އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރު ކުރުވާނެ ކަމެކެވެ. ބަލީގެ ޖަރާސީމާއި ސަލާމަތުން ހުރި މީހާގެ އަތް ތަޣައްޔަރުވުމަށްފަހު، އަތްނުދޮވެ، އަނގަޔަށް، ނޭފަތަށް އަތްލުމަކީ ބަލިޖެހޭނެ ކަމެކެވެ.

އީކޮލައިގެ ސަބަބުން ކާނާ ވިހަވުން
އީކޮލައި ބެކްޓީރިޔާގެ ވައްތަރުތަކުގެ ތެރެއިން އީކޮލައިO157:H7  އަކީ ކާނާވިހަވުން (ބޭރަށްހިންގުން) މެދުވެރިކުރުވާ ޖަރާސީމެކެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ކާނާ ވިހަވުން ކުރިމަތިވަނީ ރަގަޅަށް ނުކައްކައި ހުރި ގެރިމަސް ބޭނުންކުރުމުންނާއި، އަދި ރަގަޅަށް ނުކައްކައި (ޖަރާސީމުގެ އަސަރު ނުގޮސްހުރި) ހުރި ކިރު ބޭނުންކުރުމުންނެވެ. އީކޮލައި ބެކްޓީރިޔާ އާ ތަޣައްޔަރުވެފައި ހުރި ފެންބުއިން، ނުވަތަ އެފަދަ ފެންގަނޑެއްގައި ފަތައި ހެދުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ. އީކޮލައި އިންފެކްޝަން ޖެހިފައިވާ މީހަކީ ނުތާހިރު މީހެއްނަމަ (އާންމުކޮށް ފާޚާނާކޮށްފައި އަތްނުދޮވުން)، އެމީހެއްގެ ފުށުން އެހެންމީހުންނަށް ފަސޭހަ ކަމާއެކު ބަލިފަތުރާނެ އެވެ. އީކޮލައި އިންފެކްޝަން ޖެހުމަށްފަހު ރަގަޅުވާތާ 2-1 ހަފްތާ ވަންދެން ވެސް ބޮޑުކަމުނަޖިހާއެކު އީކޮލައި ބެކްޓީރިޔާ ހަށިގަނޑުން ބޭރުކުރާނެ އެވެ.

އަލާމާތްތައް
އީކޮލައި އިންފެކްޝަން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:
·         ބޭރަށްހިންގުން : ފުރަތަމަ ބޭރަށްހިންގާނީ ވަރަށް ފެންކޮށެވެ. ފަހުން ލޭ ހުންނާނެ (ލޭބޭރަށްހިންގުން) އެވެ.
·         ބަނޑުގައި ރިހުން : ބަނޑުގައި އަތްލުމުން ތަދުވެ ރިއްސާނެ އެވެ.
·         މޭނުބައިކުރުން
·         ހޮނޑުލެވުން
·         ހުންއައުން
ބައެއް މީހުންނަށް ބަލިޖެހުނަސް އަލާމާތެއް ނުފެނި ހިގައިދާނެ އެވެ. ނަމަވެސް މިފަދަ މީހުންގެ ފުށުން ވެސް އެހެން މީހުންނަށް ބަލި ފަތުރާނެކަން ހަދާން ކުރަންޖެހެއެވެ. ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންގެ ފުށުން އަލާމާތްތައް ފެނުމުގެ ފުރުޞަތު ބޮޑެވެ. އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 4-3 ދުވަސް ފަހުންނެވެ.

ނުރައްކާ
އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނާ، އުމުރުން ދުވަސްވީ މުސްކުޅިންނަށް އީކޮލައި އިންފެކްޝަން ޖެހިއްޖެނަމަ ބައެއްފަހަރު "ހިމޮލިޓިކް ޔޫރިމިކް ސިންޑްރޯމް"(haemolytic uraemic syndrome) ކިޔާ ބައްޔެއް ފެންމަތިކުރުވައެވެ. މިބަލީގެ ސަބަބުން ލޭގެ ރަތް ސެލްތައް ބައިބައިވެ ހަލާކުވުން،ހުންއައުން، ހަންގަނޑު ދޮންފޫޑުވުން، ވަރުބަލިވުން، ހަމުގެ ދަށަށް ލޭހިލުން، ކުޑަކަމު ނަޖިސް ބޭރުވާ މިންވަރު މަދުވުން، އަދި ގުރުދާ ފޭލްވުން ފަދަ ކަންތައްތައް މެދުވެރި ވެއެވެ. 

ދެނެގަތުން
އީކޮލައި އިންފެކްޝަން ޖެހިފައިވާކަން ދެނެގަންނަނީ ބަލިމީހާއާއި ސުވާލުކޮށް އޮޅުން ފިލުވާ މައުލޫމާތު ތަކާއި، ހަށިގަނޑު ޗެކުކޮށް ބަލާ ބެލުންތަކުގެ އެހީގައެވެ. އީކޮލައި އިންފެކްޝަން ޖެހިފައިވޭތޯ ބެލުމަށް ބޮޑުކަމު ނަޖިސް ޓެސްޓުކޮށްގެން އޭގައި އީކޮލައި އިންފެކްޝަން ޖައްސާ ޖަރާސީމު ހުރިތޯ ދެނެގަނެވޭނެ އެވެ.

ފަރުވާ
އީކޮލައި އިންފެކްޝަން އަށް ހުށަހެޅިއްޖެހެން ހީވާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ބަލިޖެހޭ ގިނަމީހުން އޭގެ ޒާތުގައި 10-5 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަގަޅުވެއެވެ. ގިނަ ފަހަރު ރަގަޅުވާއިރު ވެސް ބަލިޖެހުނީ އީކޮލައިގެ ސަބަބުން ކަން ނޭނގި ހިގައިދާނެ އެވެ. ބަލީގައި ދިމާވާ އެންމެ ބޮޑު ނުރައްކާ ހީމޮލިޓިކް ޔުރީމިކް ސިންޑްރޯމް އަކީ އަވަސްފަރުވާ ބޭނުންވާ ކަމަކަށްވުމުން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހެއެވެ. ބައެއް ފަހަރު ލޭއެޅުން، ޑައަލެސިސް ހެދުން ފަދަ ކަންކަން ވެސް ކުރަންޖެހިދާނެ އެވެ.

އީކޮލައި އިންފެކްޝަން އަކީ ބޭރަށްހިންގުން ކުރިމަތިކުރުވާ ބައްޔަކަށްވުމުން ފަރުވާ މައިގަނޑު ގޮތެއްގައި އަމާޒު ކުރެވެނީ ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފެހެއްޓުމުގެ މައްޗަށެވެ. ބޭރަށްހިންގުމާއި، ހޮނޑުލެވުމުގެ ސަބަބުން ހަށިގަނޑުން ފެން ހުސްވުމަކީ ތުއްތު ކުދިންނާއި، މުސްކުޅިންނަށް ފުރާނަ އަށް ނުރައްކާވެދާނެ ކަމެކެވެ. އެހެންކަމުން ހަށިގަނޑުން ފެން ހުސްވިޔަ ނުދިނުމަށްޓަކައި އެތިފޮދުފޮދުން ދިޔާތަކެތި ބޮމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ.

ރައްކާތެރިވުން
އީކޮލައި އިންފެކްޝަން އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
ü      ގެރިމަސް ފަދަ ތަކެތި ރަގަޅަށް ކައްކައިގެން ކެއުން
ü      ކިރު ރަގަޅަށް ޖަރާސީމުގެ އަސަރު ފިލުވައިގެން (ކައްކައިގެން) ބުއިން
ü      ޖަރާސީމާ ތަޣައްޔަރުވެފައިވާ ފެން ނުބުއިން
ü      ގިނަގިނައިން އަތްދޮވުން
ü      ރޯމަހުގައި އަތްލުމަށްފަހު ރަގަޅަށް ސާބޯނިލައިގެން ހޫނު ފެނުން އަތްދޮވުން
ü      ރޯމަހުގެ އަސަރުހުރި، ކަޓިންބޯޑު، ތަށި ތެލި ފަދަ ތަކެތި ރަގަޅަށް ދޮވުން
ü      ފާޚާނާކޮށްގެން ރަގަޅަށް އަތްދޮވުން
ü      ކުޑަ ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށްފަހު ރަގަޅަށް އަތްދޮވުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

No comments:

Post a Comment