މުހިއްމު ސަފުހާތައް

Thursday, December 26, 2013

ވައިނޮޅީގެ ކަފި

ވައިނޮޅީގެ ކަފި
ވައި ނޮޅީގެ ކަފި (Bronchus)  އަކީ  ވައި ނޮޅިިން، ފުއްޕާމެއަށް، ވައި ފޮނުވައިދިނުމަށް ވައި ނޮޅީގެ ނިމޭ ހިސާބުން ކަފިވެގެން ދެފަރާތުގެ ފުއްޕާމޭގެ ތެރެއަށް ވަދެފައިވާ ވައިދައުރުވާ ކަފި ތަކެކެވެ. މިގޮތުން ވައި ނޮޅިން ކޮންމެ ފަރާތެއްގެ ފުއްޕާމެއަށް ކަތްޕެއް ވަދެފައިވެއެވެ. ވައިނޮޅި ދެފުއްޕާމޭގެ ތެރެއަށް ކަފިވެގެން ވަދެފައިވަނީ މޭމަތި ހިމެނޭ ހިސާބުގެ މައިބަދައިގެ ކަށިތަކުގެ ތެރެއިން 6- 4 ވަނަ ކަށިކޮޅާއި ހަމައިންނެވެ.

ވައިނޮޅީގެކަނާތުކަފި (Rightbronchus): ވައިނޮޅީގެކަނާތު ކަފި ކުރުވެފައި، ފުޅާކަން ފާހަގަ ކުރެވެއެވެ. އަދި މިކަފި އިންނަނީ ،ވައި ނޮޅިއާއި ތަންކޮޅެއް ބޮޑަށް ސީދާވާގޮތަށެވެ. މިކަފީގެ ދިގުމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. މިކަފި ފުއްޕާމޭގެ ތެރެއަށް ވަދެފައި އިންނަނީ މޭމަތީގެ ހިސާބުގައިވާ މައިބަދައިގެ ކަށިތަކުގެ ތެރެއިން 5 ކަށިކޮޅާއި އެއް ހަމައަކުންނެވެ. ކަނާތު ވައި ނޮޅީގެ ކަފި އިންނަނީ، ފުއްޕާމޭގެ ތެރޭގައި އިތުރު 3 ބަޔަށް ކަފިވެފައެވެ. ވައިނޮޅި އެކޭ އެއްފަދައިން ވައިނޮޅީގެ ކަފީގައި ވެސް ވައިނޮޅީގައި ހުރި ފަދަ މަޑުކަށީގެ ބަދަތައް އޭގެ ވަށައިގެން ސީއަކުރުގެ ބައްޓަމަށް ފުރިހަމަނުވާ ވަށްބުރުތަކެއް ހެން އެތުރިފައި ހުރެއެވެ. އެގޮތުން ވައިނޮޅީގެ ކަނާތު ކަފީގައި 8 – 6 އާއި ދެމެދުގެ އަދަދަކަށް މަޑުކަށީގެ ބަދަތައް ހުރެއެވެ. ވައިނޮޅީގެ ކަފީގައި ހުންނަ މިފަދަ ބަދަތައް ހިމަވެފައި، ކުރުވާނެއެވެ.

ވައިނޮޅީގެ ވާތު ކަފި (Left bronchus): ވައިނޮޅީގެ ވާތު ކަފި އެތެރޭގެ ވަށަމިނުން ކުޑަވާނެ އެވެ. އަދި ކަނާތު ކަތްޕަށްވުރެ ދިގުވާނެއެވެ. މިކަފީގެ ދިގުމިނުގައި ގާތްގަނޑަކަށް 5 ސެންޓިމީޓަރު ހުރެއެވެ. މިކަފި ފުއްޕާމޭގެ ތެރެއަށް ވަދެފައި އިންނަނީ މޭމަތީގެ ހިސާބުގައިވާ މައިބަދައިގެ ކަށިތަކުގެ ތެރެއިން 6 ކަށިކޮޅާއި އެއް ހަމައަކުންނެވެ. ވައިނޮޅި އެކޭ އެއްފަދައިން ވައިނޮޅީގެ ކަފީގައި ވެސް ވައިނޮޅީގައި ހުރި ފަދަ މަޑުކަށީގެ ބަދަތައް އޭގެ ވަށައިގެން ސީއަކުރުގެ ބައްޓަމަށް ފުރިހަމަނުވާ ވަށްބުރުތަކެއް ހެން އެތުރިފައި ހުރެއެވެ. އެގޮތުން ވައިނޮޅީގެ ވާތު ކަފީގައި 12 – 9 އާއި ދެމެދުގެ އަދަދަކަށް މަޑުކަށީގެ ބަދަތައް ހުރެއެވެ. ވާތު ވައި ނޮޅީގެ ކަފި އިންނަނީ، ފުއްޕާމޭގެ ތެރޭގައި އިތުރު 2 ބަޔަށް ކަފިވެފައެވެ. ވައިނޮޅީގެ ކަފީގައި ހުންނަ މިފަދަ ބަދަތައް ހިމަވެފައި، ކުރުވާނެއެވެ.

ވައިނޮޅީގެ ކަފީގެ ބަތާނަ ނުވަތަ ތެތް ދުލި ފަށަލަ
ނޭވާލާ ނިޒާމްގެ އެހެން ބައިތަކެކޭ އެއްފަދައިން ވައިނޮޅީގެ ކަފީގެ އެތެރޭ ބަތާނަ ފަށު ގައި ވެސް ކުދިކުދި ނަރުވާ ފަދަ ލޯލި އިސްތަށިތައް ހުރެއެވެ. އެގޮތުން ބަތާނަ ފަށު ގެ ކޮންމެ ސެލް އަކުން 250 ލޯލި އިސްތަށި ނިކުމެފައި ހުރެއެވެ. މިބަތާނަ ފަށުގައި ވެސް ވައިނޮޅި އެކޭ އެއްފަދައިން ގޮބްލިޓް ސެލްތައް ހުރެއެވެ. ދުވާލަކު ½ ޖޯޑުގެ ދަވަ މިގޮބްލިޓް ސެލްތަކުން ދޫކުރެއެވެ. ކުރިން ބުނި ލޯލި އިސްތަށިތަކުގެ އެހީގައި ހިރަފުހާއި ކުނިބުންޏާއި ތަތްވެފައިވާ ދަވަ ތައް މިނިޓަކު 20-10 މިލިމީޓަރުގެ ދުރުމިނަށް ގެންދެއެވެ. އެގޮތުން ވައިނޮޅީގެ ކަފިތަކާއި، ވައިނޮޅީގެ ތެރޭގައި ހުންނަ ދަވަތައް އަރާއި ނޭވާލާ ނިޒާމްގެ މަތީބައިތަކަށް އައުމުން ކެއްސުމާއި އެކު އަނގައިން އަރިދަފުސްގެ ގޮތުގައި ބޭރުކުރެވެއެވެ. ވައިނޮޅި، ވައިނޮޅީގެ ކަފި، އަދި ލަގޮނޑީގައި ހުންނަ ނާރުތަކުގެ ކޮޅު ދަވަ، ނުވަތަ އެހެންވެސް ހަށިގަނޑާއި ބީރައްޓަހި މާއްދާއެއްގެ ސަބަބުން ހީވާގިވުމުން، ކެއްސުން ކުރިމަތިވާނެ އެވެ. ހަމަ މިއުސޫލުން އެމާއްދާތަކުގެ ސަބަބުން ނޯށުގެ ފަހަތުގައި ހުންނަ ނާރުތަކުގެ ނިމުން ހީވާގިވެ، މުރާލިވެއްޖެނަމަ، ކިނިބިހިއެޅުން ކުރިމަތި ވެއެވެ.

ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކަފިތައް ކަފިވެ، ބެހިގެންދާގޮތް
ވައިނޮޅީގެ ކަފިތައް(Main bronchi / primary bronchi) ފުއްޕާމޭގެ ތެރޭގައި ބައިބަޔަށް ކަފިވެގެން ދެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަނާތު ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކަފިތައް ބައިވަނީ 3 ކަތްޕަކަށެވެ. އަދި ވާތު ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކަފިތައް ބައިވަނީ 2 ކަތްޕަކަށެވެ. މިކަފިތަކަށް ކިޔަނީ "ލޯބަރ ބްރޮންކައި"(Lobar bronchi) ނުވަތަ "ސެކަންޑަރީ ބްރޮންކައި"(Secondary bronchi) އެވެ. އެއަށްފަހު ދެން ފަހުން މިބުނި ކަފިތައް އިތުރަށް ކަފިވެގެން އުފެދެނީ "ސެގްމެންޓަލް ބްރޮންކައި"(Segmental bronchi) ނުވަތަ "ޓާޝަރީ ބްރޮންކައި"(Tertiary bronchi) އެވެ. އަދި އެންމެ ފަހުން މިބަޔާންކުރި ކަފިތައް އިތުރަށް ކަފިވެގެން އުފެދެނީ "ޕްރައިމަރީ ބްރޮންކިއޯލް"(Primary bronchiole) އެވެ.  އެއީ ފުއްޕާމޭގައި ހުންނަ ވައިނޮޅީގެ ކުދިކަފި(Bronchioles) ތަކެވެ.

ނޯޓް : ޕްރައިމަރީ ބްރޮންކައި ނުވަތަ ވައިނޮޅީގެ މައިކަފި(Main bronchi / primary bronchi) އަކީ ފުއްޕާމެޔަށް ވައިއެތެރެކޮށް ބޭރުކޮށްދޭ ވައިދައުރުކުރާ ހޮޅިތަކެވެ. ލޯބަރ ބްރޮންކައި(Lobar bronchi) އަކީ ފުއްޕާމޭގެ 5 ލޯބަށް ވައި އެތެރެކޮށް ބޭރުކޮށްދޭ ވައި ދައުރުވާ ހޮޅިތަކެވެ.  އަދި ސެގްމެންޓަލް ބްރޮންކައި(Segmental bronchi) އަކީ ފުއްޕާމޭގެ ތެރޭގައިވާ "ބްރޮންކޯޕަލްމޮނަރީ ސެގްމެންޓް"(Bronchopulmonary segments) ތަަކަށް ވައި އެތެރެކޮށް ބޭރުކޮށް ވައިދައުރުވާ ހޮޅިތަކެވެ.

ވައިނޮޅީގެ ކުދިކަފި
ވައިނޮޅީގެ ކުދިކަފި(Bronchioles) ތަކަކީ ވައިނޮޅީގެ ކަފި ފުއްޕާމެޔަށް ވަނުމަށްފަހު އޭގެ ތެރޭގައި ކަފިކަފިވެގެން ގޮސް އުފެދިފައިވާ ކުދިކަފިތަކެކެވެ. މިއީ ފުއްޕާމޭގެ ތެރޭގައި މުޅިން ހުންނަ ކަފިތަކަކަށް ވުމުން، ވައިނޮޅި، އަދި ވައިނޮޅީގެ ކަފީގެ ބޭރުގައި ހުންނަ މަޑުކަށީގެ ބަދަތައް މިކަފިތަކުގެ ބޭރުފުށަކު ނުހުންނާނެ އެވެ. ފުއްޕާމޭގެ ތެރޭގައި އިތުރު ކުދިކުދި ކަފިތަކަކަށް މިކަފިތައް ބައިބައިވެގެން ގޮސްފައި ހުރެއެވެ.
ފުއްޕާމޭގެ ތެރޭގައި ހުންނަ ވައިނޮޅީގެ ކުދި ކަފި ތަކަކީ، ފުއްޕާމެޔަށް ވާޞިލްވާ ވައި ނުވަތަ އޮކްސިޖަން، ފުއްޕާމޭގެ ތެރޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސްއޫލިއްޔަތު އުފުލައިދޭ ހޮޅިތަކެކެވެ.

ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކުދި ކަފިތައް ކަފިވެ، ބެހިގެންދާގޮތް
އެގޮތުން ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކަފިތައް ބައިވެގެންދާއިރު، ފުރަތަމަ ހުންނާނީ ވައިނޮޅީގެ ކުދި ކަފިތަކުގެ ފެށޭ ކަފި ތައް(Primary bronchioles) އަދި އެއަށްފަހު ވައިނޮޅީގެ ކުދި ކަފިތަކުގެ ނިމޭ ކަފި(Terminal bronchioles) ތައް ހުރެެއެވެ. ފަހުން މިބުނި ކަފިތައް އިތުރަށް ކަފިވެ، ބައިވެގެން ގޮސް ނޭވާލުމުގައި ޝާމިލްވެ، ބައިވެރިވާ ކުދި ކުދިކަފި(Respiratory bronchioles) ތައް އުފެދިގެން ދެއެވެ. ވައިހިނގާ މަގުގެ ތެރޭގައި ގޭސް ބަދަލުކުރުމުގެ މަސައްކަތް ފެށޭ ހިސާބަކީ ފަހުން މިދެންނެވި ނޭވާލުމުގައި ޝާމިލްވެ، ބައިވެރިވާ ކުދިކުދި ކަފިތަކެވެ. އަދި ފަހުން މިބުނެވުނު ކަފިތައް އިތުރަށް ކަފިވެގެން މިކަފިތަކާއި ވައިކޮތަޅުތައް ގުޅުވައިދޭ ހޮޅި(Alveolar ducts) ތައް އުފެދިގެން ދެއެވެ. ފަހުން މިބުނި ހޮޅިތައް ނުވަތަ ކަފިތައް ގޮސް ހުސްވަނީ ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު ނުވަތަ ވައިބޮކި(Alevolus) ތަކަށެވެ.
ނޭވާލުމުގައި ޝާމިލްވެ، ބައިވެރިވާ ކުދިކުދި ކަފި(Respiratory bronchioles) ތަކުގެ ކޮންމެ ކަތްޕެއް ވެސް 5 ނުވަތަ އެއަށްވުރެ ގިނަ ކުދި ކަފި ތަކަށް އިތުރަށް ކަފިވެގެން ދެއެވެ. މިބުނި ކަފިތަކަކީ ނޭވާލުމުގައި ބައިވެރިވެ، ޝާމިލްވާ ކުދިކުދި ކަފިތަކާއި ވައިކޮތަޅު ތައް ގުޅުވައިދޭ ހޮޅި(Alveolar ducts) ނުވަތަ ކަފި ތަކެވެ. 

ވައިނޮޅީގެ ކުދިކަފި ތަކުގެ ވަށަމިން

ވައިނޮޅީގެ ކުދި ކަފިތަކުގެ ތެރެއިން ވައިނޮޅީގެ ކުދިކަފިތަކުގެ ފެށޭ ކަފި ތަކުގެ އެތެރޭގެ ވަށަމިނަކީ 1 މިލިމީޓަރު ނުވަތަ އެއަށްވުރެ ކުޑަ މިންވަރެކެވެ. އަދި ވައިނޮޅީގެ ކުދި ކަފިތަކުގެ ނިމޭ ކަފި ތަކުގެ އެތެރޭގެ ވަށަމިނަކީ 0.5 މިލިމީޓަރު ނުވަތަ އެއަށްވުރެ ކުޑަ މިންވަރެކެވެ. ފުއްޕާމޭގެ ތެރޭގައި ވައިދައުރުވުން އިތުރުކޮށް، މަދުކުރުމަށްޓަކައި، ހާލަތާއި ގުޅޭގޮތަށް، ވައިނޮޅީގެ ކުދިކަފިތަކުގެ ވަށަމިނަށް ބަދަލު އަންނަމުންދާނެ އެވެ. މާނައަކީ ބޭނުންވުމުން ކަފި ހިމަކޮށްލާފައި، އަދި ބޭނުންވުމުން ކަފި ފުޅާކޮށްލާނެ އެވެ.

ވައިނޮޅީގެ ކުދިކަފީގެ ބަތާނަ ނުވަތަ ތެތް ދުލި ފަށަލަ
ވައިނޮޅީގެ ކުދިކަފި ތަކުގެ ތެރެއިން ވައިނޮޅީގެ ކުދިކަފިތަކުގެ ނިމޭ ކަފި(Terminal bronchioles) ތަކުގެ ތެތް ދުލިފަށަލައިގައި ހުންނަނީ "ސިމްޕަލް ސިލިއޭޓެޑް ކިޔުބޮއިޑަލް އެޕިތީލިއަމް"(Simple ciliated cuboidal epithelium) އެވެ. މިތަނުގައި ގޮބްލިޓް ސެލް އެއް ނުހުންނާނެ އެވެ. އޭގެ ބަދަލުގައި ހުންނަނީ "ކްލޭރާ ސެލް" އެވެ. ވައިނޮޅީގެ ކުދި ކަފިތަކުގެ ނިމޭ ކަފި(Terminal bronchioles) ތަކުގެ ތެރެއިން ކޮންމެ ކަތްޕެއްގައި ވެސް ކުރިން ބުނެވުނު "ކްލޭރާ ސެލް" (Clara celles) ސެލްތައް ހުރެއެވެ. މިސެލްތަކަށް ނަންދީފައިވަނީ 1937 ވަނަ އަހަރު މިސެލްތައް ފުރަތަމަ ފަހަރަށް ހޯއްދެވި އެނަޓޮމިސްޓް އެއް ކަމުގައިވާ އޮސްޓްރިޔާގެ މެކްސް ކްލޭރާގެ ނަމަށް ނިސްބަތްކޮށެވެ. މިސެލްތަކުން ޕްރޮޓީން ކަމްޕައުންޑެއް ދޫކުރެއެވެ. މިއީ ފުއްޕާމޭގެ އެތެރޭގައި ހުންނަ ބައެއް ސެލްތަކުން ޚާއްޞަކޮށް ވައިކޮތަޅުގައި ހުންނަ ބައެއް ސެލްތަކުން ދޫކުރާ މާއްދާއެއް ކަމުގައިވާ "ސާރފެކްޓެންޓް"(Surfactant) އާއި އެއްގޮތް ކަމެއް ހުންނަ މާއްދާ އެކެވެ. ސާރފެކްޓެންޓް އަކީ ވައިހިނގާ މަގު، ތެޔޮކަންމަތީ ބަހައްޓައިދީ، ވައިދައުރުވުން އެއްގޮތެއްގައި ހިފަހައްޓައިދީ، ވިހަ މާއްދާތަކުން ފުއްޕާމޭ ހިމާޔަތް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.


ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment