މުހިއްމު ސަފުހާތައް

Monday, April 20, 2015

ޕްރޮސްޓޭޓް ދުޅަވެބޮޑުވުން

ޕްރޮސްޓޭޓް ދުޅަވެބޮޑުވުން
ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުން(BPH) ނުވަތަ ޕްރޮސްޓޭޓް ގްލޭންޑް އާދަޔާ ޚިލާފަށް ބޮޑުވުމަކީ ޢުމުރުން ދުވސްވުމުގެ ސަބަބުން ފިރިހެނުންނަށް ދިމާވާ އެންމެ އުނދަގޫ އެއް މައްސަލަ އެވެ.ނުވަތަ މިއީ ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެ ސައިޒުން ބޮޑުވުމުގެ މައްސަލައެވެ.
 
ޕްރޮސްޓޭޓް ގްލޭންޑަކީ ޢުމުރުގެ ދެ ދުވަސްވަރެއްގައި އޭގެ ސައިޒަށް ބޮޑެތި ބަދަލުތަކެއް އަންނަ ގުނަވަނެކެވެ. އެގޮތުން އެންމެ ފުރަތަމަ ބާލިޣުވާ އުމުރަށް އެޅޭ އިރު ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ދެގުނައަށް ބޮޑުވެއެވެ. ދެން ޢުމުރުން 25 އަހަރުގަ އަނެއްކާވެސް ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ބޮޑުވާން ފަށައެވެ. ނަމަވެސް މި ގްލޭންޑް ބޮޑުވުމުން ކުރިމަތިވާ އުނދަގޫތައް ދިމާވަނީ ޢުމުރުން 40 އަހަރު ވުމަށްފަހުގައެވެ. 


ޢުމުރުން 40 އަހަރުން މަތީގެ ފިރިހިނުންގެ ތެރެއިން ކޮންމެ 25 މީހުންގެ ތެރެއިން އެކަކަށް މި މައްސަލަ ކުރިމަތިވުމުގެ ފުރުޞަތު އޮންނަ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އާންމުކޮށް މިމައްސަލަ ދިމާވަނީ އުމުރުން 50-60 އަހަރުން މަތީގެ ފިރިހެނުންނަށެވެ. ދިރާސާތައް ދައްކާގޮތުން އެމެރިކާގައި ޢުމުރުން 60 ގެ އަހަރުތަކުގެ ފިރިހެނުންގެ 50 އިން ސައްތަ މީހުން ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމަށް ފަރުވާ ހޯދައެވެ. އަދި 70 އާއި 80 ގެ އަހަރުތަކުގެ ފިރިހެނުންގެ 90 އިން ސައތަ މީހުންނަށް މިމައްސަލަ ކުރިމަތިވާ ކަމަށް ހަމަ މިދިރާސާތަކުން ދައްކައެވެ. 

ޕްރޮސްޓޭޓް ގްލޭންޑް
ޕްރޮސްޓޭޓް އަކީ ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްގައި މުހިންމު ރޯލެއް ކުޅޭ ކުޑަ ކުޑަ ގުނަވަނެކެވެ. މީގެ ސައިޒުގައި ގާތްގަނޑަކަށް ހުންނަނީ ވޯލްނަޓް ބަދަންފުކެއްގެ ބޮޑުމިނެވެ. ޕްރޮސްޓޭޓް ގްލޭންޑަކީ ދަރިފަނި ތައް ރަހިމާއި ހަމައަށް ދުޅަހެޔޮކަމާއެކު ގެންދިއުމަށް އެހީވެދޭ ފެނެއް ނުވަތަ ދިޔައެއް އުފައްދާ ގުނަވަނެކެވެ. މިގްލޭންޑް އުފެދިފައި އިންނަނީ ކުޑަކަމުދާ ހޮޅީގެ ވަށައިގެންނެވެ. މަސާނާގެ ދަށުގައި ޕްރޮސްޓޭޓް ގްލޭންޑް އުފެދިފައިވީ ނަމަވެސް ސައިޒުން ކުޑަވުމުގެ ސަބަބުން މަސާނާގެ މަސައްކަތަށް އެއްވެސް ބުރުލެއް ނެތި ކުރިއަށް ދެއެވެ. ނަމަވެސް މަސާނާއިން ބޭރުކޮށްލަން ބޭނުންވާ ކުޑަކަމުދާ ތަކެތި، ހަށިގަނޑުން ބޭރުކޮށްލާ، ކުޑަކަމުދާ ހޮޅީގެ ވަށައިގެން ޕްރޮސްޓޭޓް ގްލޭންޑްއުފެދިފައިވުމުގެ ސަބަބުން ޕްރޮސްޓޭޓް ގްލޭންޑްދުޅަވެބޮޑުވުމުގެ އުނދަގޫ އިންތިހާއަށް ބޮޑުވެގެން ދެއެވެ. އެގޮތުން ކުޑަކަމުދާ ހޮޅި ފިތޭގޮތްވެ، ކުޑަކަމުދިއުމަށް އުދަނގޫ ވެއެވެ. 

ސަބަބު އަދި މަގުފަހިކުރާ ކަންތައްތައް
ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެބޮޑުވާ ސީދާ ސަބަބެއް މިހާތަނަކަށް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ފިރިހެނުންގެ ހުންނަ ޚާއްޞަ ހޯރމޯން އެއް ކަމަށްވާ ޓެސްޓެސްޓެރޯން ދަށްވުމާއި ގުޅުމެއްވާކަމަށް ބެލެވިފައި ވެއެވެ. މީގެ އިތުރުން ސެލްތައް ހެދިބޮޑުވުމަށް މަގުފަހިކޮށްދޭ އެސްޓްރަޖަން ހޯރމޯން އިތުރުވުމަކީ ވެސް ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ޔަޤީންވަ ކަމަކީ ޢުމުރުން ދުވަސްވުމާއި ޕްރޮސްޓޭޓް ދުޅަވެބޮޑުވުމާއި، ގުޅިލާމެހިފައިވާކަމެވެ. ބައެއް ސައެންސްވެރިން ހާމަ ކުރާގޮތުގައި ފިރިހެނުންގެ ޢުމުރުގެ ފަހުބައިގައި ޕްރޮސްޓޭޓް ބޮޑުވާން ދިމާވާ ސަބަބަކީ އެސްޓްރަޖަން އޭ ކިޔާ ހޯމޯން އެއް ގިނަވުމެވެ. މީގެ އިތުރުން ބައެއް ފަހަރު ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމަކީ އާއިލާގައި ދައުރުވަމުން އަންނަ ކަމަކަށް ވެސް ވެދާނެ އެވެ. 

ވަރަށް ގިނަ މީހުންނަށް ޕްރޮސްޓޭޓް ދުޅަވެބޮޑުވުން ކުރިމަތި ވިޔަސް އޭގެ އުދަނގޫތައް ނުފެނި ހިގައިދާނެ އެވެ. ޕްރޮސްޓޭޓް ދުޅަވެ ބޮޑުވެފައިވާ މިނަކީ އޭގެ އުދަނގޫތައް ކުރިމަތިވުމުގެ ކުޑަބޮޑުމިނަށް އަސަރުކުރާ ކަމެއް ނޫނެވެ. އެހެނީ ވަރަށް ކުޑަކޮށް ޕްރޮސްޓޭޓް ބޮޑުވެފައި ހުންނަ މީހުންނަށް ވަރަށް ބޮޑަށް އުދަނގޫވެގެން އުޅޭއިރު، ވަރަށް ބޮޑަށް ޕްރޮސްޓޭޓް ބޮޑުވެފައި ތިބޭ މީހުންނަށް މާބޮޑު އުދަނގޫތަކެއް ކުރިމަތިނުވެދާކަން ފާހަގަ ކުރެވެއެވެ. 

ޕްރޮސްޓޭޓް ދުޅަވެބޮޑުވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-
·         އުމުރުން 50-40 އަހަރަށްވުރެ ދޮށިވުން (އުމުރުން ދުވަސްވުން)
·         އާއިލާގައި ބަލި ދައުރުވަމުން އައުން
·         ފިރިހެން ހޯރމޯން "ޓެސްޓޮސްޓަރޯން" މަދުވުން
·         އެސްޓްރަޖަން ހޯރމޯން އިތުރުވުން
·         އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ ފަލަވުން
·         ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވެފައިވުން
·         ހަކުރު ބަލިޖެހުން
·         ހިތުގެ ބަލި ހުރުން
·         ލޭމައްޗަށްދާތީ ދޭ ބީޓާ ބްލޮކަރސް ފަދަ ބޭސް ބޭނުންކުރުން
އަލާމާތްތައް
ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެބޮޑުވުމުގެ ސަބަބުން ތަފާތު އަލާމާތްތަކެއް ފެނިދާނެ އެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ކުޑަކަމުދާން ދަތިވުން
·         ކުޑަކަމުދިއުން ފެށުމަށް އުދަގޫވުން
·         މަދުމަދުން އަވަސް އަވަހަށް ކުޑަކަމުދެވުން (މާގިނައިން ކުޑަކަމުދާން ޖެހުން)
·         ކުޑަކަމުދާ ތަކެތި ތިކިޖެހުން
·         ކުޑަކަމުދާ ތަކެތި މަދުން ބޭރުވުން
·         ރޭގަނޑު އަވަސް އަވަހަށް ކުޑަކަމުދެވުން (ރޭގަނޑުގައި ތަކުރާރުކޮށް ކުޑަކަމުދާން ޖެހުން )
·         ކުޑަކަމުދިއުމަށްފަހު މަސާނާ ރަގަޅަށް ހުސްނުވާހެން ހީވުން
·         ކުޑަކަމުދިއުމަށްފަހު އިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ކުޑަކަމުދާން ބޭނުންވުން
·         ކުޑަކަމުދާއިރު ކަފިވުން
·         ކުޑަކަމުދާއިރު ދިލަނަގައި ތަދުވުން
·         ހިފެހެއްޓުމެއްނެތި ކުއްލިއަކަށް ކުޑަކަމުދާން ޖެހުން

ޕްރޮސްޓޭޓް ދުޅަވެބޮޑުވުމުގެ އުދަނގޫތައް ފިނި ދުވަސްވަރު އިތުރުވުމަކީ ވެދާނެ ގޮތެކެވެ. މިހެން ދިމާވަނީ ފިނި ދުވަސްވަރު ޖިސްމާނީ އަދި ނަފްސާނީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި ފިއްތުންތަކާއި ގުޅިގެންނެވެ. ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ޕްރޮސްޓޭޓް ދުޅަވެބޮޑުވުމުގެ އުދަނގޫތައް އިތުރުވުމަކީ ވެދާނެ ގޮތެކެވެ. އެފަދަ ބޭސްތަކުގެ ތެރޭގައި "ސޫޑޯއެފެޑްރިން"، "ޑައިފެންހައިޑްރަމިން"، އޮކްސީމެޓަޒޯލީން ސްޕްރޭ، ފަދަ ރޯގާ ބޭސްތަކާއި، އެލާޖީގެ ބޭސްތައް، އެންޓިޑިޕްރެސަންޓްތައް، ޑަޔުރެޓިކްސް، ޓެސްޓޮސްޓަރޯން ހޯރމޯން، އަދި ތަދުކަނޑުވާ ބޭސްތައް ހިމެނެއެވެ. 

ހަދާން ބަހައްޓަންވީ މިއުދަނގޫތައް އެހެން ބައެއް ބަލިތަކުގެ ސަބަބުން ވެސް ކުރިމަތިވެދާނެ ކަމެވެ. އެގޮތުން މިފަދަ އެއްގޮތް އުދަނގޫތަކެއް ފެނިދާނެ ބަލިތަކުގެ ތެރޭގައި "ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުން"، "ޕްރޮސްޓޭޓް ދުޅަވުން"، "ޕްރޮސްޓޭޓް ކެންސަރު ޖެހުން"، ހަކުރު ބަލި އަދި ނާރުގެ ބަލިތައް ހިމެނެއެވެ. 

ދިގުލައި ދިއުމުން ކުރިމަތިވެދާނެ ނުރައްކާތައް
ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެބޮޑުވުން ދިގުލައިދެމިދިއުމުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
·         ކުއްލިއަކަށް ކުޑަކަމުދާތަކެތި ބޭރުނުވެ މަސާނާގައި ހިފެހެއްޓިފައި ހުރުމާއެކު އެއްގޮތަކަށް ކުޑަކަމުނުދެވުން
·         ކިޑްނީއަށް ގެއްލުންވެ ކިޑްނީގެ މައްސަލަތައް ފެންމަތިވުން
·         އަވަސް އަވަހަށް ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އެޅުމުގެ މައްސަލަ ދިމާވުން
·         ކުޑަކަމުދާއިރު ގިނަ އަދަދަކަށް ލޭހުރުން
·         މަސާނާގައި ހިލައުފެދުން
·         ކިޑްނީގެ މަސައްކަތް ހުއްޓުން 

ކުރިމަތިވާގޮތް
ޕްރޮސްޓޭޓް ގްލޭންޑަކީ ވެސް އުމުރުން ދުވަސްވާވަރަކަށް ހެދިބޮޑުވަމުންދާ ގުނަވަނަކެވެ. އެގޮތުން މިގްލޭންޑް އެންމެ އަވަހަށް ބޮޑުވަނީ މެދުއުމުރުފުރާގެ ދުވަސްވަރުގައެވެ. އުމުރުން 50 އަހަރުވާއިރު، ކޮންމެ 10 މީހުންގެ ކުރެ 5 މީހުންގެ ކިބައިގައި، ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުގެ މައްސަލަ ހުރެއެވެ. އަދި އުމުރުން 80 އަހަރުވާއިރު، ކޮންމެ 10 މީހުންގެ ތެރެއިން 9 މީހުންގެ ކިބައިގައި ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުގެ މައްސަލަ ހުރެއެވެ. ޕްރޮސްޓޭޓް ދުޅަވެ ބޮޑުވެފައި ހުރުމަކީ ކޮންމެހެން އޭގެ އުދަނގޫތައް ފެނުން ލާޒިމް ކަމެއް ނޫނެވެ. 

ޕްރޮސްޓޭޓް ގްލޭންޑް ވަކިވަރަކަށް ބޮޑުވުމުން އޭގެ ވަށައިގެނވާ ޓިޝޫތައް ބާރުވެ ދެމުން ހުއްޓެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިގްލޭންޑް އެއެއްޗެއްގެ ވަށައިގެން އުފެދިފައިވާ ކުޑަކަމުދާ ހޮޅި ފިތި ބަންދުވާގޮތް މެދުވެރިވެއެވެ. ޕްރޮސްޓޭޓް ދުޅަވެބޮޑުވުމުގެ ސަބަބުން ދިމާވާ އަނެއް މައްސަލައަކީ ހިފެހެއްޓުމެއްނެތި ގިނަ ގިނައިން (އަވަސް އަވަހަށް) ކުޑަކަމުދާން ޖެހުމެވެ. މިހެން ދިމާވަނީ ޕްރޮސްޓޭޓް ދުޅަވެ ކުޑަކަމުދާ ހޮޅި ހިމަވުމުގެ ސަބަބުން މަސާނާ ހުސްކުރުމަށްޓަކައި އަބަދުމެ ކަހަލަ ގޮތަކަށް މަސާނާ މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން އޭގެ އިލާސްޓިސިޓީ ދަށްވެ، ކުޑަކަމުދާ އެއްޗެތި މަސާނާ ގައި ނުހިފެހެއްޓުމުގެ ސަބަބުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަބަދުމެ ކަހަލަ ގޮތަކަށް ކުޑަކަމުދާން ބޭނުން ވުމާއި، އެއްފަހަރާ ރަނގަޅަށް މަސާނާ ހުސްނުކުރެވުން ފަދަ އުނދަގޫތައް ދިމާވެއެވެ. އަދި ރޭނގަޑުގެ އަރާމު ނިދިން މީހާ މަޙްރޫމްވެ އަބަދު ވަރުބަލިކަމެއްގެ ތެރޭގައި އުޅެންޖެހޭގޮތް މެދުވެރިވެއެވެ.
ޕްރޮސްޓޭޓް ދުޅަވެ ބޮޑުވެ، ގިނަ ދުވަސްވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ކުޑަކަމުދާ ހޮޅި ބެދުން، ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އެޅުން، މަސާނާގައި ހިލައުފެދުން، ކުޑަކަމުނަޖިހުގައި ލޭހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމަކީ އެކަމުގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރު ކުރިމަތިކުރުވާ ކަމެއް ނޫނެވެ. ނަމަވެސް ޕްރޮސްޓޭޓް ކެންސަރު ޖެހިއްޖެނަމަ ފެންނަ އަލާމާތްތަކާއި، ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުން ފެނިދާނެ އަލާމާތްތައް ވަރަށް އެއްގޮތެވެ. 

ޕްރޮސްޓޭޓް ދުޅަވެބޮޑުވުމާއި ޖިންސީގުޅުން
ޕްރޮސްޓޭޓް ބޮޑުވުމަކުން ޖިންސީގުނަވަނުގައި ވަރުޖެހުމަށް އަދި ދަރިމައިވުމުގެ ކުޅެދުންތެރިކަމަކަށް ވެސް އަސަރެއް ނުކުރެއެވެ. ނަމަވެސް ބޮޑުވެފައިވާ ޕްރޮސްޓޭޓް ގްލޭންޑް އިން މަސާނާގެ ކަރަށް ފިއްތާތީ ކުޑަކަމުދިއުމުގައި ބައެއް ކަހަލަ އުދަގޫތަކާއި ކުރިމަތި ވެއެވެ. މިސާލަކަށް މާގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދިއުން ފެށުމަށް އުދަގޫވުން، މަސާނާ ރަގަޅަށް ހުސްނުވުން، ރޭގަނޑުގައި ތަކުރާރުކޮށް ކުޑަކަމުދާން ޖެހުން، ކުޑަކަމުދާތަކެތި ބޭރުވާ މިންވަރު މަދުވެ، ކުޑަކަމުދާއިރު ކަފިވުން، ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.
ހަމަމިހެން މަސާނާގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެއީ ކުޑަކަމު ގޮސް ނިމޭއިރު ރަގަޅަށް މަސާނާ ހުސްނުވެ ހުންނާތީ އެވެ. މިއުދަގޫތައް ތަކުރާރުވެ ބޭހުންވެސް އެކަންތައްތައް ރަގަޅު ނުވެއްޖެ ނަމަ އޮޕަރޭޝަންކޮށްގެން ޕްރޮސްޓޭޓް ގްލޭންޑް ނަގަންޖެހެއެވެ.
ޕްރޮސްޓޭޓް ނެގުމަކީ ޖިންސީ ބަލިކަށިކަން ، ނުވަތަ ޖިންސީ ގުނަވަނުގައި ވަރުޖެހުން ކުޑަކޮށްދޭ ކަމެއް ނޫނެވެ. އެއީ ޕްރޮސްޓޭޓް ގްލޭންޑްއާއި މިބުނި ކަންތައްތައް ހިނގުމާއި ގުޅުމެއް ނުވާތީ އެވެ. ނަމަވެސް ބައެއް ފަހަރު އޮޕަރޭޝަން ކުރުމުގައި ބޭނުންކުރެވޭ އުސްލޫބެއްގެ ސަބަބުން ޖިންސީ ނުކުޅެދުން ތެރިކަން ކުރިމަތި ވެދާނެއެވެ. އެއީ އަންނަނިވި އުސޫލުގެ މަތީންނެވެ.
ޖިންސީގުނަވަނަށް ހަރަކާތްގެނައުމަށް ޒިންމާވާ ނާރު އައިސްފައިވަނީ ޕްރޮސްޓޭޓް ގްލޭންޑްގެ ވަށައިގެން ލެވިފައިވާ ފަށަލައިގެ ތިރީކައިރިފަށް ގާތުންނެވެ. އޮޕަރޭޝަންގެ ތެރޭގައި މިނާރަށް ގެއްލުމެއް ވެއްޖެނަމަ ޖިންސީ ނުކުޅެދުންތެރިކަން ނުވަތަ ބަލިކަށިކަން ކުރިމަތިވާނެއެވެ. ޕްރޮސްޓޭޓް ގްލޭންޑް އިން ދަރިފަނި ނުވަތަ މަނި އުފެއްދުމަށް އެހީވެދޭ ދިޔައެއް ބޭރުކުރާތީ، ޕްރޮސްޓޭޓް ގްލޭންޑް ނަގައިފިނަމަ ދަރިން ނުލިބޭގޮތް ވެއެވެ. ނަމަވެސް މިކަމަކީ އެހާ މުހިއްމު ކަމަކަށް ނުވެއެވެ. އެއީ އާންމު ގޮތެއްގައި ޕްރޮސްޓޭޓް ނަގަން ޖެހެނީ އުމުރުން ދުވަސްވާ ފަހުން ކަމަށްވާތީ އެވެ.
މެދުއުމުރަށް އެޅުމަށް ފަހު ޕްރޮސްޓޭޓް ބޮޑުވުން އެކި މިންވަރަށް ފިރިހެނުންނަށް ކުރިމަތި ވެއެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި ހަށިގަނޑަށް ބަލައިގެން އުޅުން، އަދި ދެމަފިރިކަމުގެ ގުޅުން ބަރާބަރަށް ދެމެހެއްޓުމަކީ ޕްރޮސްޓޭޓް ބޮޑުވުން ކުރިމަތިވުން ކުޑަކޮށްދޭ ކަމެކެވެ. ހަމަމިހެން ބަނގުއާވި ނުވަތަ ރާ ބުއިމަކީ ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުން ކުރިމަތިވުމަށް މަގުފަހި ކުރުވާ ކަމެކެވެ.
ދެނެގަތުން
ޕްރޮސްޓޭޓް ދުޅަވެބޮޑުވުން ދެނެގަތުމަށްޓަކައި ހެދިދާނެ ޓެސްޓްތަކުގެ ތެރޭގައި ހިމެނެނީ:-
·         ބަލީގެ މައުލޫމާތު އަހައި އޮޅުން ފިލުވުން އަދި ޖިސްމާނީގޮތުން ހަށިގަނޑުގެ ބޭރުފުށުން ބަލައި ޗެކުކުރުން
·         ފުރަގަސް ފަރާތަށް އިގިލި ލައްވައިގެން ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒުން ބޮޑުވެފައި ހުރިތޯ ބެލުން : މިގޮތަށް ބެލުމުން ޕްރޮސްޓޭޓް ދުޅަވެފައި ހުރުމުގެ އިތުރުން، ޕްރޮސްޓޭޓް ގޮށްލައި، ކެންސަރަށް މަގުފަހިވާފަދަ ގޮތަކަށް ހުރިތޯ ވެސް ދެނެގަނެވިދާނެ އެވެ.
·         ކުޑަކަމު ނަޖިސް ޓެސްޓުކުރުން : ކުޑަކަމު ނަޖިސް ޓެސްޓުކުރާއިރު، ކުޑަކަމުނަޖިހުގައި ޕްރޮޓީން، ހަކުރު، ލޭ، ޖަރާސީމު އަދި ލޭގެ ހުދު ސެލްތައް ހުރިތޯ ދެނެގަނެވޭނެ އެވެ.
·         ކުޑަކަމު ނަޖިހުގެ ކަލްޗަރ ހެދުން : ކުޑަކަމުނަޖިހުގެ ކަލްޗަރ ހަދައިގެން ކުޑަކަމުނަޖިހުގައި ހުރީ ކޮންކަހަލަ ޖަރާސީމެއްތޯ ދެނެގަނެވޭނެ އެވެ. ގިނަ ފަހަރު ކަލްޗަރ ހަދާނީ ކުޑަކަމުނަޖިސް ޓެސްޓުކުރާއިރު، އިންފެކްޝަންގެ އަސަރު ފެންނަން ހުރިނަމަ އެވެ.
·         ޕްރޮސްޓޭޓް ސްޕެސިފިކް އެންޓިޖެން (PSA) ހުރިތޯ ބެލުމަށް ލޭގެ ޓެސްޓު ހެދުން : ޕްރޮސްޓޭޓް ސްޕެސިފިކް އެންޓިޖަން އަކީ ޕްރޮސްޓޭޓް ގްލޭންޑުން އުފައްދައި ދޫކުރާ މާއްދާ އެކެވެ. މިމާއްދާ މަތިވެފައިހުރިނަމަ އެއީ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވުން ކަމަށް ބެލެވިދާނެ އެވެ.  
·         ލޭގައި ކްރިއެޓިނިން ހުރި މިންވަރު ބެލުން : މިއީ ގުރުދާގެ މައްސަލައެއް ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ.
·         ޕޯސްޓް-ވޮއިޑް ރެސިޑުއަލް ޔޫރިން ޓެސްޓު : މިއީ ކުޑަކަމުގޮސް ނިމުމަށް ފަހު ވެސް މަސާނާގައި ކުޑަކަމު ނަޖިސް ހުރި މިންވަރު ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހަދަނީ ސްކޭންކޮށްގެންނެވެ. ނުވަތަ ކުޑަކަމުދާ ހޮޅީތެރެއިން މަސާނާއަށް ކެތީޓަރ އެއް ފަދަ ހޮޅިއެއް ފޯރުކޮށްގެންނެވެ.
·         ޕްރެޝަރ ފްލޯ ސްޓަޑީ ހެދުން : މިއީ ކުޑަކަމުދާ ވަގުތު، މަސާނާގައި ޕްރެޝަރު ހުރިވަރު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.
·         ސިސްޓޮމެޓްރޯގްރާމް ހެދުން : މިއީ ކުޑަކަމު ނަޖިސް މަސާނާގައި ހުންނައިރު، މަސާނާގެ ޕްރެޝަރާއި، މަސާނާގެ އެތެރޭގެ ބޮޑުމިނާއި، ކުޑަކަމު ނަޖިސް ހިފަހައްޓައިދޭ ބަހައްޓައިދޭ މިންވަރު ބެލުމަށް ހެދިދާނެ ޓެސްޓެކެވެ.
·         “ޔޫރިން ފްލޯ ސްޓަޑީ”(urine flow study) ހެދުން : މިއީ މަސާނާއިން ކުޑަކަމު ނަޖިސް ބޭރުވަމުން އަންނަނީ ކިހާ އަވަސްމިނެއްގައި މިންކޮށްދޭ ޓެސްޓެކެވެ.
ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުން ދިގުލައިދިއުމުން ހެދިދާނެ ޓެސްޓުތަކުގެ ތެރޭގައި:-
·         ސްކޭންކުރުން
·         ސިސްޓޮސްކަޕީ ހެދުން
·         އިންޓްރަވީނަސް ޕައިއެލޯގްރާމް ހެދުން
·         ސީޓީ ސްކޭން ހެދުން
ފަރުވާ
ފުރަތަމަ ޓެސްޓުތައްކޮށް ބަލާނީ ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުގެ ސަބަބުން އެހެން އިންފެކްޝަނެއް އުފެދިފައި ހުރިތޯ އެވެ. އެފަދަ ކަމެއް ހުރިނަމަ އިންފެކްޝަނަށް ފަރުވާ ކުރުމަކީ މުހިއްމު ކަމެކެވެ. އެއަށްފަހު ޕްރޮސްޓޭޓް ގްލޭންޑްގެ ދުޅަ ތިރިކުރުމަށް ބޭސް ކުރެވެއެވެ. ބޭހުން ރަގަޅު ނުވެއްޖެނަމަ އޮޕަރޭޝަން ކުރުމަށް ލަފާދެއްވާނެ އެވެ.

ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުގެ އުނދަގޫތަކަށް ފަރުވާ ކުރުމަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ. ނަމަވެސް ފަރުވާ ފެށުމުގައި އުނދަގޫ ވާ މިންވަރަށް ބަލާ ފެށުން އަވަސް ކޮށް ލަސްކޮށް ހެދިދާނެއެވެ. މިބަލީގެ ޢަލާމާތްތައް ފެންނަ ނިސްބަތަކުން ބަލީގެ ފަރުވާ އަވަސް ލަސް ކުރުމުގެ މިންގަނޑެއް ކަނޑައެޅިދާނެއެވެ. 

ބޭހުގެ ފަރުވާ
ޕްރޮސްޓޭޓް ދުޅަވެބޮޑުވުމުގެ އެންމެ ރަނގަޅު ފަރުވާއެއްކަމަށް މިހާތަނަށް ހޯދިފައިވަނީ ބޭސް ބޭނުން ކޮށްގެން ޕްރޮސްޓޭޓް ދުޅަވުން ހުއްޓުވުމާއި ދުޅަވެފައި ހުރި މިންވަރު ރަނގަޅުކުރުމަށް ބޭސް ބޭނުން ކުރުމެވެ. މިކަމަށްޓަކައި ވަރަށް ރަނގަޅު އެކަށިގެންވާ ބޭސްތަކެއް މިއަދު އަޅުގަނޑުމެންގެ ތެރޭގައި ލިބެން ހުރި ކަމީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމަކަށް ނޫނީ ނުވާނެއެވެ. އެންމެ މުހިންމުކަމަކީ ބަލީގެ ޢަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރެއްގެ އިރުޝާދު ހޯދާ ޑޮކްޓަރުގެ ލަފާގެ މަތިން ކަންތައްތައް ކުރުމެވެ. 

ޢާންމު ގޮތެއްގައި މިބަލީގެ ޢަލާމާތްތަށް ފެންނަ ނިސްބަތަކަށް ބެއްލެވުމަށްފަހު 6 މަސް ދުވަހުގެ ބޭސް ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ދިގުމުއްދަތަކަށް ބޭސް ކާން ޖެހެނީ ދުޅަވެފައިވާ ޕްރޮސްޓޭޓް ގްލޭންޑުގެ ދުޅަ ރަނގަޅުވެ އޭގެ އަސްލު ސައިޒަށް ގެނައުމަށްޓަކައި ގިނަދުވަސް ބޭނުންވާތީވެއެވެ. އަދި  މަސާނާ އަށް ލިބިފައި ހުރެދާނެ ގެއްލުމަކަށް ފަރުވާ ދިނުމުގެވެސް ބޭނުމުގައެވެ.

ޕްރޮސްޓޭޓް ބޮޑުވެ ދުޅަވުމުގެ ފަރުވާގައި އާންމުކޮށް ދީއުޅޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.
·         ފިނޮކްސީބެންޒަމިން
·         ޕްރަޒޯސިން، އެލްފިއުޒޯސިން، އިންޑޮރަމިން
·         ޓެރަޒޯސިން، ޑޮކްސަޒޯސިން،
·         ޓެމްސިއުލޯސިން، ސިލޮޑޯސިން
·         ޓެޑަލަފިލް
·         ފިނެސްޓިރައިޑް
·         ޑުޓަސްޓިރައިޑް

އޮޕަރޭޝަންކުރުން
އޮޕަރޭޝަން ކުރެވޭ ދެގޮތެއް އޮވެއެވެ. ފުރަތަމަ ގޮތަކީ "ޓްރާންސް ޔުރިތުރަލް ރިސެކްޝަން އޮފް ދަ ޕްރޮސްޓޭޓް"(TURP) އެވެ. މިއީ ކުރިމަތި ފަރާތުން ހޮޅިއެއް ލައްވައިގެން ކުރެވޭ އޮޕަރޭޝަނެކެވެ. މިއީ ވަކި ހިސާބެއް އައްސިކޮށްގެން، ނުވަތަ ހޭނައްތައިގެން ކުރަންޖެހޭ އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަން ކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ކުޑަކަމު ނަޖިހުގައި ދޭތެރެ ދޭތެރެއިން އާދަޔާ ޚިލާފަށް ގިނައިން ލޭހުރުން، ކައިރިކައިރިން ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އެޅުން، އަދި ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުގެ ސަބަބުން މަސާނާގެ ކަރުބެދި، ކިޑްނީގެ މަސައްކަތަށް ބުރޫއެރުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ދެވަނަ ގޮތަކީ ބަނޑުގެ ތިރިން ކަފާލައިގެން އޮޕަރޭޝަން ކުރުމެވެ. (Open prostatectomy)މިއީ ވެސް ވަކި ހިސާބެއް އައްސިކޮށްގެން ނުވަތަ ހޭނައްތައިގެން ކުރަންޖެހޭ އޮޕަރޭޝަނެކެވެ. މިގޮތަށްކުރާނީ ހޮޅިލައްވައިގެން އޮޕަރޭޝަން ނުކުރެވިއްޖެ ހާލަތެއްގައެވެ. މީގެ އިތުރުން އާދަޔާ ޚިލާފަށް ބޮޑު ޕްރޮސްޓޭޓެއް (75ގްރާމަށްވުރެ ބޮޑު) އިނުމާއި، މަސާނާގައި ހިލައުފެދުން، އަދި މަސާނާގައި ޑައިވާޓިކިޔުލަމް އުފެދުން ފަދަ ހާލަތްތަކުގައި ވެސް މިއޮޕަރޭޝަން ކުރަން ޖެހެއެވެ. މިހާރު މިއޮޕަރޭޝަން ތޮރުފައި ލޯވަޅު އަޅައިގެން ވެސް ކުރެވެއެވެ. 

އޮޕަރޭޝަނަށްފަހު : އޮޕަރޭޝަނަށްފަހު ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި:-
·         ކުޑަކަމުދިއުމުގައި ބާރުނުލުން
·         ބަނޑުހަރުވިޔަނުދިނުން : ހަރުކޮށް ބޮޑުކަމުދިއުމުން ރައްކާތެރިވުމަށް ގިނައިން ފެންބުއިމާއި، ތަރުކާރީ އާއި މޭވާ ކެއުން
އޮޕަރޭޝަނަށްފަހު ދިމާވެދާނެ މައްސަލަތައް
އޮޕަރޭޝަނަށްފަހު ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި:-
·         ކުޑަކަމުދާން ދަތިވުން
·         ކުޑަކަމުދާއިރު ދިލަނަގާގޮތްވުން : ފުރަތަމަ ދުވަސްކޮޅު ކުޑަކަމުދާ ވަގުތު ދިލަ އިހުސާސް ކުރެވޭނެ އެވެ. ނަމަވެސް ފާރުކޮޅު ރަގަޅުވަމުން ދާ ވަރަކަށް މިއުދަނގޫ ކުޑަވަމުން ދާނެ އެވެ.
·         ކުޑަކަމުދާ ތަކެތި ނުހިފެހެއްޓުން : މަސާނާ އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމުގެ ކުރިން ކުޑަކަމުދާ ތަކެތި ހިފެހެއްޓުމުގައި ކޮންމެ ވެސް ކަހަލަ އުދަނގޫތަކަކާއި، ކުރިމަތި ވެދާނެ އެވެ.
ލޭއައުން
އޮޕަރޭޝަން ކުރާތާ ފުރަތަމަ ދެހަފްތާއެއްގެ ތެރޭގައި މަސާނާގައި ހުރި ކުރަމަގާލި ނެއްޓިގެން ދިއުމުން ކުޑަކަމުދާ ތަކެތީގައި ލޭހުރުން އެކަށީގެން ވެއެވެ. ގިނައިން ފެންބުއިމުން މިކަން ހުއްޓެއެވެ. ނަމަވެސް މިކަން ނުހުއްޓި ގަނޑުލޭ ފެނިއްޖެނަމަ ޑޮކްޓަރުން ދެއްކުމަކީ މުހިއްމު ކަމެކެވެ 

އޮޕަރޭޝަނަށްފަހު ޖިންސީގުޅުން ހިންގުން
ޖިންސީގުޅުން ފުރިހަމަ ގޮތުގައި ހިންގުމަށް އަހަރެއްހާ ދުވަސް ނެގުން އެކަށީގެން ވެއެވެ. މިކަމާ ބެހޭގޮތުން ޑޮކްޓަރާއި މަޝްވަރާ ކުރާށެވެ. 

ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުގެ ފަރުވާގައި މަތީގައި ބަޔާންކުރެވުނު ދެގޮތުގެ އިތުރުން ތަފާތު އާ އޮޕަރޭޝަންތަކާއި ގޮތްތައް މިހާރު ބޭނުންކުރެވެއެވެ. އެގޮތުން އަންނަނިވި އޮޕަރޭޝަންތަކާއި، ގޮތްތައް ބޭނުންކުރެވެއެވެ.
·         "ޓްރާންސް ޔުރިތުރަލް އިންސިޝަން އޮފް ދަ ޕްރޮސްޓޭޓް"(TUIP)
·         "ޓްރާންސް ޔުރިތުރަލް މައިކްރޯވޭވް ތާރމޯތެރަޕީ"(TUMT)
·         "ޓްރާންސް ޔުރިތުރަލް ނީޑްލް އެބްލޭޝަން"(TUNA)
·         ލޭޒަރ ތެރަޕީ ދިނުން 

ގޭގައި ކުރެވިދާނެ ކަންތައްތައް
ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުމުގެ އުނދަގޫތައް ކުޑަކުރުމަށް ގޭގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         އިރާކޮޅު މާގިނައިން ދިޔާތަކެތި ބޭނުން ނުކުރުން
·         ސައި، ކޯލާ، ކޮފީ ފަދަ ކެފެއިން ހުންނަ ބުއިންތަކާއި ދުރުހެލިވުން އަދި ބަނގުރާ ނުބުއިން
·         ކުޑަކަމުދިއުމަށް ދަތިވުން ކުރިމަތިވެދާނެ ބޭސްތައް ބޭނުންކުރުމުން ދުރުހެލިވުން : މިސާލަކަށް ބައެއް ކަހަލަ ރޯގާ ބޭސްތަކާއި، އެލާޖީ އަށް ޚާއްޞަކޮށްގެން ނެރެފައި ހުންނަ ބޭސްތައް
·         ކުޑަކަމުދާން ޖެހުމުން ހިފަހައްޓައިގެން ނުހުރުން
·         ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން
·         ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކޮށް ހެލިފެލިވެއުޅުން
·         ކުޑަކަމުދިއުމަށްފަހު، މަޑުކޮށްލާފައި އަނެއްކާ ވެސް ކުޑަކަމުދިއުމަށް އާދަކުރުން (ޑަބަލްވޮއިޑިންގ)
·         މާފިނި ތަންތަނުގައި ގިނައިރު ނުހުރުން (ހަށިގަނޑު ހޫނުކޮށް ބެހެއްޓޭތޯ ބެލުން)
މައުލޫމާތު :
·         ޕްރޮސްޓޭޓް ދުޅަވުން - ބިނައިން ޕްރޮސްޓޭޓް ހައިޕަރޕްލޭސިއާ - ކުލުނު 258 – ޖޫން 2013

No comments:

Post a Comment