މުހިއްމު ސަފުހާތައް

Wednesday, November 18, 2015

މާބަނޑުދުވަސްވަރު ނާރުފުއްޕުން



މާބަނޑު ދުވަސްވަރު - ފައިގެ ލޭނާރުތައް ފުއްޕުން
މާބަނޑު ދުވަސްވަރު ފައިގެ ލޭނާރުތައް ފުއްޕުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ލޭނާރު ފުއްޕުމަކީ ކޮންމެ 3 އަންހެނުންގެ ތެރެއިން އެކަކަށް ދިމާވާ ކަމެކެވެ. ލޭނާރު ފުއްޕުމަކީ ހަމުގެ ދަށުގައި ދަނބު ނޫނީ ނޫކުލައަކަށް ފުއްޕާފައި ހުންނަ ލޭހޮޅިތައް ފެންނަން ހުރުމެވެ. ލޭނާރުތައް އެންމެ އާންމުކޮށް ފުއްޕާފައި ހުންނަނީ ފައިގައެވެ. އެގޮތުން ލޭނާރުތައް އެންމެ އާންމުކޮށް ފުއްޕަނީ ފައިގެ ކުޑަކަޅުވާ ހިމެނޭ ހިސާބުގައެވެ. ނަމަވެސް އުކުޅުވަޅުން ފެށިގެން ތަބިކައްޓާއި، ދޭތެރޭގެ ކޮންމެ ހިސާބެއްގައި ވެސް މިގޮތަށް ލޭނާރުތައް ފުއްޕާފައި ހުރެދާނެއެވެ. ނޫނީ ހަށިގަނޑުގެ އެހެން ހިސާބެއްގައި ވެސް ލޭނާރު ފުއްޕާފައި ހުރެދާނެ އެވެ. މިސާލަކަށް ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ފުޅާވެ، ފުއްޕާގޮތްވެއެވެ. ފުރަގަސްފަރާތު ބައްޔަކީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ފުޅާވެ، ފުއްޕާގޮތްވުމެވެ. ހަމައެކަނި މާބަނޑު ދުވަސްވަރު ލޭނާރުތައް ފުއްޕުން ކުރިމަތިވިނަމަ، ވިހެއުމަށްފަހު މަޑުމަޑުން ރަނގަޅުވެދެއެވެ. 

މަގުފަހިކުރާ ކަންތައްތައް
·        މާބޮޑަށް ހަށިގަނޑު ބަރުލެހިވެ ފަލަވުން
·        އާއިލާގެ ތެރޭގައި ލޭނާރު ފުއްޕުން ދައުރުވަމުން އައުން
·        އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް ބަލިވެއިނުން
·        ގިނައިރުތަކެއް ވަންދެން ކޮށްޅަށްހުރުން
ސަބަބު
މާބަނޑު ދުވަސްވަރު މައިމީހާގެ ރަހިމުގެ ފަހަތުގައިވާ ބޮޑެތި ''ވެއިން''(ހަށިގަނޑުގެ އެކިއެކި ޓިޝޫތަކުން ހިތަށް ލޭގެންގޮސްދޭ ލޭހޮޅިތައް ނުވަތަ ލޭނާރުތައް) ތަކުގައި ނުވަތަ ހަށިގަނޑުގެ ކަނާތް ފަރާތުގައި ހުންނަ ބޮޑެތި ލޭނާރު ތަކުގައި (ޚާއްޞަކޮށް އިންފީރިއާ ވީނާ ކޭވާ ނުވަތަ ހަށިގަނޑުގެ ތިރީގެ ބައިތަކުން ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދޭ މައިލޭހޮޅީގައި) ޕްރެޝަރު އިތުރުވުމުން އެލޭނާރުތަކުން ހިތަށް ލޭގެންގޮސްދިނުން ކުޑަވާގޮތްވެއެވެ. މިހެން ދިމާވަނީ ބޮޑުވަމުން އަންނަ ދަރިފުޅާއި، މަހާއި، ރަހިމުން މިލޭނާރުތަކަށް ފިއްތާތީއެވެ. މިގޮތަށް ލޭނާރުތަކަށް ފިއްތާ ފިއްތުމުގައި ޅިނދު ހިމެނޭ ހިސާބުގައި ހިމެނޭ ލޭނާރުތައް ފިތޭގޮތް ވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ހަށިގަނޑުގެ ތިރީގެ ހިސާބުތަކުން ހިތާއި ދިމާލަށް ލޭގެންގޮސްދޭ މައި ލޭނާރަށް(Inferior vena cava)  ފިއްތާގޮތް ވެސް ވެއެވެ. މިއާއި ގުޅިގެން ފައިގެ ހަމުގެ ދަށުގަޔާއި، ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ފުޅާވެ، ފުއްޕާގޮތްވެއެވެ. މިގޮތަށް ދުޅަވެ،ފުއްޕާފައި ހުންނަ ލޭނާރުތައް ހަންގަނޑުން ބޭރަށް ފާހަގަވެ، އެނގެން ހުރެއެވެ. ބައެއް ފަހަރު މިފަދަ ލޭނާރުތައް ހުންނަނީ ބޮޑިވަރެއްހެން އޮޅިފައެވެ. މިފަދަ ލޭނާރުތައް ހުންނަނީ ގަދަ ދަނބު ނުވަތަ ނޫކުލައަށެވެ. އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. ނަމަވެސް ކެހުމާއިއެކު ފާރު އުފެދޭގޮތް ބައެއް ފަހަރު ދިމާވެއެވެ.

އަލާމާތްތައް
ލޭނާރު ފުއްޕުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·        ލޭނާރު ފުއްޕާފައިވާ ހިސާބުގައި ހިރުވައި ކެހުން {ކުޑަކަޅުވާ މަހާއި، ފައިގެ ފަލަމަސްގަނޑުގެ ނާރުތައް ފުއްޕުން)  
·        ފައިތިލަ އާއި، ފައި ފޮއްސިވެ ދުޅަވުން
·        ރޭގަނޑު އަކުނިވަޔަށް ދެމުން
·        ފަޔަށް ބަރުވެ، ފައިގައި ރިހުން
·        ލޭނާރު ފުއްޕާފައިވާ ހިސާބުގައި ބައެއް ފަހަރު ދިލަނެގުން
މާބަނޑު ދުވަސްވަރު ލޭނާރު ފުއްޕުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
ބަލިވެއިންނަ ދުވަސްވަރު ކުރިމަތިވާ ލޭނާރު ފުއްޕުމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·        އަރާމުކުރުމަށް އެދުގައި އެއްއަރިއަކަށް ވާތްފަރާތަށް ބުރަވާގޮތަށް އޮތުން : ވާތް ފަރާތަށް އޮތުމަށް ބާރުއަޅަނީ ހަށިގަނޑުގެ ތިރީ ބައިތަކުން ހިތާއި ދިމާލަށް ލޭގެންގޮސްދޭ މައިލޭހޮޅި "އިންފީރިއާ ވީނާކޭވާ" އިންނަނީ ހަށިގަނޑުގެ ކަނާތްފަރާތުގައި ކަމަށްވާތީ، ވާތް ފަރާތަށް ބުރަވެ، އޮތުމުން އެލޭނާރަށް ފިއްތުން ކުޑަކުރެވޭނެތީ އެވެ.
·        އެއްތަނެއްގައި މާގިނައިރު އިށީދެގެން ނޫނީ ކޮށްޅަށް ނުހުރުން : މިގޮތަށް ހުންނަށް ޖެހިއްޖެނަމަ ހަރަކާތްކޮށްލާ ކޮށްލާ ހުރުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ކޮންމެ ½ އިރަކުން ކޮންމެވެސް ހަރަކާތެއް ކޮށްލައި ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިސާލަކަށް ކޮށްޅަން ހުންނަމަ، ހިނގާލެވިދާނެއެވެ. އިށީދެ އިންނަނަމަ ތެދުވެ، ހަށިގަނޑު ދަމާލައި، ލެނބި ހަދާލެވިދާނެއެވެ. އަދި ހިނގާލައި ހަދާލެވިދާނެއެވެ.
·        ތަނެއްގައި އިށީދެ އިންނައިރު ދެފަޔާއި،ފައިތިލަ މައްޗަށް ނަގައިގެން ފައި އުސްކޮށްލައިގެން އިންނަށް އާދަކުރާށެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އިނުމަކީ ރަގަޅުކަމެއް ނޫނެވެ. އޮފީހެއްގައި މަސައްކަތްކުރާނަމަ މޭޒުދަށުގައި ކުޑަގޮނޑިއެއް ނުވަތަ ފޮށިގަނޑެއް ފަދަ އެއްޗެއް ބެހެއްޓުމަށްފަހު އެއެއްޗެއްގެ މަތީގައި ފައިބަހައްޓައިގެން އިންނަށް އާދަކުރާށެވެ. ގޭތެރޭގައި އުޅޭއިރުވެސް ތަނެއްގައި އިށީދެއިންނައިރު ކުޑަގޮނޑިއެއް ނުވަތަ ބާލީހެއް ފަދަ އެއްޗެއް ފައިދަށަށް ލެވިދާނެއެވެ.
·        ގަވާޢިދުން ކަސްރަތުކުރުން : އެގޮތުން ހަފްތާއަކު 5 ދުވަހު ދުވާލަކު ½ ހާއިރު ނުވަތަ ހަފްތާއަކު 3 ދުވަހު ދުވާލަކު ގަޑިއެއްހާއިރު ކަސްރަތު ކުރެވިދާނެ އެވެ. ނޫނީ ހަފްތާއަކު މަދުވެގެން 150 މިނިޓް ވަންދެން ބަހާލައިގެން ކަސްރަތުކުރެވިދާނެ އެވެ. ފައިތިލައިން ކުދިކުދި ކަސްރަތުތައް ކުރެވިދާނެ އެވެ.
·        ފަޔަށް ބާރު އިސްޓާކީން، ސްޓޮކިން،ރަބަރު ބެލްޓް ފަދަ ތަކެތި ބޭނުންނުކުރުން : މިފަދަ ތަކެތި ބޭނުންކުރުމުން ލޭނާރު ފުއްޕުމުން ކުރިމަތިވާ އުނދަގޫތައް ލުއިކޮށްދޭކަން ފާހަގަ ކުރެވެއެވެ.
·        މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ބަރުދަން ހުރުން އެދެވިގެންވާ މިންގަނޑުގައި ހިފެހެއްޓޭތޯ ބެލުން : މާބަނޑު ދުވަސްވަރު އާންމު ގޮތެއްގައި ބަރުދަން އިތުރުވާންޖެހޭނީ ގާތްގަނޑަކަށް 15.8 – 11.3 ކިލޯ ގްރާމާއި، ދެމެދުގެ މިންވަރަކަށެވެ.
·        މާބޮޑަށް ހަށިގަނޑު ފަލަވިޔަނުދިނުން
·        އުނދަގޫވާނަމަ ޞިއްޙީ އެހީތެރިއަކަށް ދެއްކުން
މައުލޫމާތު :
·        ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}

No comments:

Post a Comment