މުހިއްމު ސަފުހާތައް

Sunday, January 10, 2016

ދަރިން ތަރުބިއްޔަތުކުރުން : ތިންވަނަ އަހަރުގެ ތެރޭގައި



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : ތިންވަނަ އަހަރުގެ ތެރޭގައި ( ދެއަހަރާއި، ތިންއަހަރާއި ދެމެދުގައި)
ހެދިބޮޑުވަމުން އަންނަގޮތް
ފައިން ބޯޅައިގައި ޖެހުން، ކުޅިވަރުކުޅުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ޙާޞިލްކުރަނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ދުވުމާއި، ފުންމުމާއި، ހަށިގަނޑުގެ ހަމަހިފެހެއްޓުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. 

ހެދިބޮޑުވުމުގެ މިމަރުހަލާގައި ވިސްނުމާއި، އުނގެނުމާއި، ކުއްޖާއަށް އިޖުތިމާޢީ، އަދި އާތިފީ ގޮތުން އަންނަ ބަދަލުތަކުގެ ތެރެއިން އާކަންތައްތައް ދަސްކޮށް، އާކަންތައް ކުރަން ހުންނަ ޝައުގުވެރިކަން އިތުރުވާނެއެވެ. މިމަރުހަލާގައި ކުއްޖާއަށް ކުރަން އަންގާ 3-2 ކަމެއް ޖެހިޖެހިގެން ކުރަން ދަސްވާނެއެވެ. ކުލައާއި، ބައްޓަމަން ބަލައިގެން ތަކެތި ވަކިކޮށް ހަދަން އެނގޭނެ އެވެ. އެހެންމީހުންގެ ހަރަކާތްތައް ކޮޕީކޮށް ހަދާނެ އެވެ. އެކި ކަހަލަ އާތިފީ ޝުޢޫރުތައް ކުއްޖާގެ ފުށުން ފެންނާނެ އެވެ. 

ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ދަރިފުޅާއެކު ފޮތްކިޔުމުގައި ހޭދަކުރުމަށް ވަކިވަގުތެއް ކަނޑައަޅާށެވެ.
·         ދަރިފުޅާއެކުގައި އެކި ކުޅިވަރުތަކުގައި (ކޮންމެ ވެސް މީހަކަށް ހެދިގެންއުޅުންފަދަ ކުޅިވަރުތަކުގައި) ބައިވެރިވާށެވެ.
·         ޕާރކު ފަދަ ތަނަކަށް ދިއުން، ދަތުރުދިއުން ، ހިނގާލުން، ފަދަ ކަންކަމުގެ ތެރެއިން އާކަންކަން ހޯދައި، ބަލައި، ދަސްކުރުމުގައި ދަރިފުޅަށް އެހީތެރިވެދޭށެވެ.
·         ދަރިފުޅުގެ ނަމާއި، އުމުރު ބުނެދިނުމުގައި ދަރިފުޅަށް އެހީތެރިވެ، ބާރުއަޅާށެވެ.
·         ދަރިފުޅުގެ އުމުރާގުޅޭ، އަޑުއަހަން ފަސޭހަ، ރީތި ލަވަތައް ދަރިފުޅަށް ދަސްކޮށްދޭށެވެ.
·         ދަރިފުޅު ކުރާ ކަންތައްތަކަށް ސަމާލުކަން ދޭށެވެ. ކުރާ ރަގަޅު ކަންތައްތައް ބަލައިގަނެ ތައުރީފު ކުރާށެވެ. މާހަލަނިވެގެން އުޅޭނަމަ މާބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލާށެވެ. ހިތްހަމަނުޖެހިފައިކަން ހުރިކަން ހާމަކޮށްދޭނެ ރީތި ގޮތްތައް ބުނެކިޔައިދޭށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         ފެންވަރާ ބިލިގާ، މަސްފެންގަނޑު، ފަތާފެންގަނޑު، އަދި މޫދު ކައިރިއަށް މީހަކާނުލައި، އެކަނި ދޫކޮށްނުލާށެވެ. އެހެނީ މިއިން ކޮންމެ ތަނަކީ އެކަނި ދޫކޮށްލައިފިނަމަ ދަރިފުޅު ގެނބުމުގެ ފުރުޞަތު އޮތްތަންތަނެވެ.
·         އިށީދެގެން އިދެ ކެއުމަށް ބާރުއަޅާށެވެ. އަދި ރަގަޅަށް ހަފައިގެން ކެއުމަށް ލަފާދޭށެވެ.
·         ދަރިފުޅު ގެންގުޅޭ ކުޅޭއެއްޗެހީގެ ނަޓެއް، އިސްކުރެއް، ދޫވެ، ހަލާކުވެފައި ހުރިތޯ ރަގަޅަށް ބަލައި ޗެކުކުރާށެވެ.
·         ކުރަހާ، ކުލަޖައްސާއިރު، ކުލަފަންސުރު، ނުވަތަ ކްރޭޔޮން ފަދަ ތަކެތި އަނގަޔަށް ނުލުމަށް ބުނާށެވެ.
·         އުގުމަތީގައި ދަރިފުޅު އިށީދެގެން އިންނަ ވަގުތު ހޫނު ތަކެތި ނުގެންގުޅޭށެވެ. ކުއްލިއަކަށް ގެނެވޭ ހަރަކާތަކުން ހޫނު އެއްޗެއް ދަރިފުޅުގެ ގަޔަށްއެޅި ފިހުމަކީ ވެސް ވެދާނެ ގޮތެކެވެ.
·         ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވަންވާނީ ބެލްޓުއަޅުއްވައިގެންނެވެ. ދަރިފުޅު ގޮވައިގެން ބާރު ދުވެއްޔެއްގައި ސައިކަލް ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ. ދުއްވާތަކެތި ދުއްވުމުގައި ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރަންޖެހޭނެ އެވެ.
·         ދަރިފުޅު ގޮވައިގެން ފެރީ، ބަސް ފަދަ ތަކެތިން ދަތުރުކުރާއިރު ފެރީ ތެރެއަށް އަތްފޯރާ ހިސާބު މީހަކު ނެތި އެކަނި ދޫކޮށްލައިގެން ނުވާނެ އެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ސުކޫލަށް ފޮނުވާއިރު (ސުކޫލް ގަޑީގައި ކެއުމާއި ބުއިމަށް) އިންޓަވަލް ގަޑީގައި ބޭނުންކުރުމަށް، ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ދީފައި ފޮނުވާށެވެ.
·         ދަރިފުޅު ކާން ބޭނުންވާ އެއްޗެހި އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވުމަކީ ވަރަށް އާންމު ކަމެކެވެ. އެއީ މާބޮޑު މައްސަލައެއް ނޫނެވެ. އެއްޗެހީގެ ރަހަ ދައްކައިގެން އާ ބާވަތްތަކުގެ ކާނާ ދޭން ފެށިދާނެ އެވެ.
·         ދަރިފުޅުގެ ކޮޓަރީގައި ޓީވީ ނުބަހައްޓާށެވެ. ޓީވީ ބެލުމާއި، ވީޑިޔޯ ގޭމް ކުޅުން، ފޯނާއި ކުޅުން، ޓެބްލެޓް، ނުވަތަ އައިޕެޑް ބޭނުންކުރުން، ފަދަ ސްކްރީން މީޑިޔާ ބޭނުންކުރާ ވަގުތު ދުވާލަކު 2-1 ގަޑިއިރަށްވުރެ އިތުރުވިޔަ ނުދޭށެވެ.
·         އަމިއްލައަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ ކުޅެއުޅުމަށް ބާރުއަޅާށެވެ. މިއީ ހީވާގިކަމާއެކު އުޅުމަށް ވާގިވެރިވެދީ، ހަރަކާތްކުރުމުގެ ހުނަރު ތަރައްގީކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މައުލޫމާތު :

No comments:

Post a Comment