އޮށުގެ ވަށައިގެން
ފެންއުފެދި އޮށް ދުޅަވުން
އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި
އޮށް ދުޅަވު(Hydrocele)މަކީ އެއް އޮށް ނުވަތަ ދެއޮށުގެ ވަށައިގެން ފެންއުފެދި،
އޮށާއި، އުރަވަޅި ދުޅަވެ، ފުއްޕުމެވެ. އާންމު ގޮތެއްގައި މިއީ އެހާ ތަދު
އިހުސާސްވާ ކަމެއް ނޫނެވެ. އަދި އެހާ ނުރައްކާތެރި ކަމެއް ވެސް ނޫނެވެ. މިއީ ބައެއް
މީހުންނަށް ކުރިމަތިވާ ޞިއްޙީ ޙާލަތެކެވެ. ބައެއް ކުދިންނަށް އުފަންވާއިރު ވެސް
މިމައްސަލަ ދިމާވެފައިވާކަން ފާހަގަ ކުރެވެއެވެ. އޮށުގެ ވަށައިގެން ފެންއުފެދި
އޮށް ދުޅަވުމަކީ އަލަށް އުފަންވާ ތުއްތު ކުދިންނަށް އާންމުކޮށް ދިމާވާ ހާލަތަކަށް
ވިޔަސް، އުމުރުގެ ކޮންމެ ހިސާބެއްގައި ކޮންމެ މީހަކަށް ވެސް މިކަން ކުރިމަތިވެދާނެ
އެވެ.
ފިރިހެން ކުދިންގެ އޮށް އުފެދެނީ ކުއްޖާގެ ބަނޑުގެ
ތެރޭގައެވެ. އުރަވަޅި ގެ ތެރެއަށް އޮށް ފައިބަނީ ކުއްޖާ އުފަންވާތާ ދުވަސްކޮޅެއް
ކުރިންނެވެ. އޮށުގެ ވަށައިގެންވާ ދުލިފަށް ތަކަކީ ބަނޑުގެ އެތެރެއާއި ގުޅިފައިވާ
ދުލިފަށްތަކަކަށް ވުމާއެކު، ބަނޑުގެ އެތެރޭގައި ވާ ފެން އުރަވަޅީގެ ތެރެއަށް
އެއްވުމަކީ ވެދާނެ ގޮތެކެވެ.
ނަމަވެސް އޮށް އުރަވަޅީގެ ތެރެއަށް ފޭބުމާއެކު،
އޭގެ ވަށައިގެންވާ ދުލިފަށްތައް ބަންދުވުމުގެ މަސައްކަތް ފެށެއެވެ. މިމަސައްކަތް
ނިމުމަކަށް އަންނަނީ އުމުރުން 18 މަސްވާ ފަހުންނެވެ. މިދުލިފަށްތައް ބަންދުވުމަށްފަހު
ބަނޑުގެތެރެއާއި، އޮށް އޮންނަ އުރަވަޅި
އާއި ދެމެދުގައިވާ ހަމައެކަނި ގުޅުމަކީ އޮށަށް ބޭނުންވާ ލޭ ފޯރުކޮށްދޭ
ލޭހޮޅިތަކާއި، މަނީގެ ފަނި ދަތުރުކުރާ ނާރުފަދަ ހޮޅިތައް އެކުލެވޭ މަނި ވައުފަށް(spermatic cord) އެކަންޏެވެ.
ވުމާއެކު އޮށުގެ ވަށައިގެންވާ ދުލިފަށްތަކުގައި ފެން އުފެދުމުގެ ޖާގަ ތަބީޢީގޮތުން
ހަނިވެ ބަންދުވެއެވެ.
ބައެއް ފިރިހެންކުދިން އުފަންވާއިރު ކުރިން މިބުނި
ދުލިފަށްތައް ބަންދުނުވުމުގެ ސަބަބުން އުފަންވާއިރު އުރަވަޅީގެ ތެރޭގައި އޮށުގެ
ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތި ވެއެވެ. މިއީ ކޮންމެ 100 ކުދިންގެ
ތެރެއިން އެއްކުއްޖަކަށް ނުވަތަ 2 ކުއްޖަކަށް ދިމާވެދާނެ ކަމެއްކަމަށް
ދިރާސާތަކުން ދައްކައެވެ.
ފިރިހެންކުދިންގެ އޮށް ދުޅަވެފައިވާނަމަ އެކަން
އާންމުގޮތެއްގައި އުފަންވުމަށްފަހު ފާހަގަކުރެވޭނެ އެވެ. އަދި ޞިއްޙީ ޚިދުމަތްދޭ
ތަނެއްގައި އުފަންވާ ކުދިންގެ މިފަދަ މައްސަލައެއް ހުރިތޯ ކުޑަކުދިންގެ ޑޮކްޓަރު
ބަލާނެއެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަން މައިންބަފައިންގެ
ސަމާލުކަމަށް ޑޮކްޓަރުން ގެންނާނެއެވެ.
އާންމު ގޮތެއްގައި އުރަވަޅީގެ ތެރޭގައި އޮށުގެ
ވަށައިގެން ފެންއުފެދި ދުޅަވުން ކުރިމަތި ވުމަކީ ތަދު އިހްސާސްވާ ކަމެއް ނޫނެވެ.
ވުމާއެކު ތުއްތު ދަރިފުޅު އެކަމުގައި އެއްވެސް އުނދަގުލެއް އިހްސާސެއް
ނުކުރާނެއެވެ. ބައެއް ފަހަރު ރޯން ފެށުމުން، ނުވަތަ ބަނޑަށް ބާރުލައި ހެދުމުން
އެދުޅައިގެ ސައިޒު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޮށޯވެ އޮންނައިރު އޭގެ
( އުރަވަޅީގެ ) ސައިޒު ކުޑަވުމަކީ ވެދާނެ ގޮތެކެވެ.
ތުއްތު ކުދިންގެ އުރަވަޅީގެ ތެރޭގައި އޮށުގެ
ވަށައިގެން ފެންއުފެދި ދުޅަވުން އަކީ ވަގުތުން އޮޕަރޭޝަން ކުރަންޖެހޭ ކަމެއް
ނޫނެވެ. ކުރިންވެސް ބުނެވުނުހެން އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި
ދުޅަވުމަކީ ބަނޑު ތެރޭގައިވާ ފެން އޮށުގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރެއަށް
ޖަމާވުން ކަމަށްވުމާއެކު އެދުލިފަށް ބެނދި އޮށް އޮންނަ އުރަވަޅި އާއި،
ބަނޑުތެރެއާއި ދެމެދުގައިވާ ގުޅުން ކެނޑުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ. ކުއްޖާގެ
އުމުރުން 18 މަސް ވަންދެން އޮޕަރޭޝަން ނުކޮށް މަޑުކުރަން ޖެހެނީ އޮޕަރޭޝަން އަކާއި
ނުލައި މިމައްސަލަ ހައްލުވުމުގެ ފުރުޞަތު ބޮޑުވީމައެވެ.
އޮށުގެ ވަށައިގެން ފެންހެދި އޮށް ދުޅަވާ
ސަބަބުތައް
އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި
އޮށްދުޅަވާ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. އަލަށް އުފަންވާ ތުއްތު
ކުދިންގެ އުރަވަޅީގެ ތެރޭގައިވާ އޮށުގެ ވަށައިގެން ފެންހެދި އޮށްދުޅަވުމުގެ
މާނައަކީ ބަނޑާއި އުރަވަޅި އާއި ދެމެދު ގުޅުމެއް (ހުޅުވުމެއް) ހުރުމެވެ. އޮށް
އޮންނަ އުރަވަޅި އާއި، ބަނޑުތެރެ އާއި ދެމެދުގައިވާ ގުޅުން އާންމު ގޮތެއްގައި
އުފަންވުމުގެ ކުރިން، ނޫނީ އުފަންވާތާ ދުވަސްކޮޅެއްގެ (ކުރު މުއްދަތެއްގެ)
ތެރޭގައި ކެނޑޭނެ އެވެ.
އުމުރުގެ ފަހުކޮޅުގައި އޮށުގެ ވަށައިގެން ފެންހެދި،
އޮށްދުޅަވުން އޮޕަރޭޝަނެއްގެ ސަބަބުން، ނޫނީ އެހިސާބަށް ލިބޭ އަނިޔާއެއްގެ
ސަބަބުން ވެސް ކުރިމަތިވެދާނެ އެވެ. މަނި ރައްކާކުރާ ގުދަން ނޫނީ އޮށުގައި
ދުޅައެއް އުފެދުން، ނޫނީ އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ނޫނީ ޖިންސީ ގޮތުން
އަރާ ބައްޔެއް ޖެހުމުގެ ސަބަބުން ވެސް އޮށުގެ ވަށައިގެން ފެންހެދި، އޮށްދުޅަވެދާނެ
އެވެ. އޮށުގެ ކެންސަރާއި، ވާތު ގުރުދާ އަށް ކެންސަރު ޖެހުން ފަދަ ކަންކަމުގެ
ސަބަބުން ވެސް މަދުންނަމަވެސް އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުމަކީ ވެދާނެ
ގޮތެކެވެ. އާންމު ގޮތެއްގައި ފަހުން މިދެންނެވި ކަންކަމުގެ ސަބަބުން އޮށުގެ
ވަށައިގެން ފެންހެދި، އޮށް ދުޅަވުން ކުރިމަތިވަނީ އުމުރުން 40 އަހަރުން މަތީގެ
ފިރިހެނުންނަށެވެ.
އޮށުގެ ވަށައިގެން ފެންއުފެދި،
އޮށްދުޅަވުމުގެ ވައްތަރުތައް
އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި
އޮށް ދުޅަވުން ގެ ދެވައްތަރެއް ވެއެވެ.
(ހ)ފުރަތަމަ ވައްތަރަކީ ބަނޑުގެ
ތެރޭގައިވާ ފެން އުރަވަޅީގެ ތެރެއަށް ފައިބައިފައި ވަނިކޮށް މިދުލިފަށް ބަންދުވެ،
ބަނޑުތެރެއާއި އުރަވަޅި އާއި ދެމެދުގައިވާ ގުޅުންކެނޑި އުރަވަޅީގައި ފެން އުފެދި ދުޅަވުން ނުވަތަ އެތާގައި
ފެންހަރުލާގޮތްވުމެވެ.
(ށ)ދެވަނަ ވައްތަރަކީ
ބަނޑުތެރެއާއި އުރަވަޅިއާއި ދެމެދު ގުޅުންހުރުމުގެ ސަބަބުން އުރަވަޅީގައި ފެން
އުފެދި ދުޅަވުމެވެ.
އޮށުގެ ވަށައިގެން ފެންއުފެދި،
އޮށްދުޅަވުމުގެ އަލާމާތްތައް
އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުމަކީ އާންމު
ގޮތެއްގައި އޭގެ ސަބަބުން އެއްވެސް ކަހަލަ އަލާމާތްތަކެއް ނޫނީ އުނދަގޫތަކެއް
ކުރިމަތިވާނޭ ކަމެއް ނޫނެވެ. އުރަވަޅި ދުޅަވެ، ފުއްޕައި، ސައިޒުން ތަންކޮޅެއް
ބޮޑުކަމަށް ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް މަދުން ނަމަވެސް ފެނިދާނެ
އަލާމާތްތަކުގެ ތެރޭގައި އުރަވަޅީގައި ރިހުން، އުރަވަޅި ދުޅަވުން، އުރަވަޅީގެ ކުލަ
ބަދަލުވެ ރަތްވުން، އަދި ފިރިހެން ހަށީގެ ބުޑަށް ވާންވެ ފިތިފައި ހުރުން ފަދަ
ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ބޮޑެތި ފިރިހެނުންނަށް އޮށުގެ
ވަށައިގެން ފެންހެދި އޮށް ދުޅަވުމުން، އުރަވަޅިއަށް ބަރު ކަމެއް އިހުސާސް ކުރެވޭނެ
އެވެ. ބައެއް ފަހަރު އުރަވަޅީގެ ދުޅަ، ހެދުނުކޮޅު ތިރިކޮށް ހުރެފައި، ހަވީރު
އަތަށް އަޅާއިރު، ދުޅަ އިތުރުވެފައި ހުރެދާނެ އެވެ.
އޮށުގެ ވަށައިގެން ފެންއުފެދި،
އޮށްދުޅަވުމުން ދިމާވެދާނެ ނުރައްކާތައް
އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުމަކީ
އާންމު ގޮތެއްގައި އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު
އޮށުގައި އިންފެކްޝަން އަށަގަތުން، އޮށުގައި ޓިއުމަރެއް އުފެދުން ފަދަ ކަމެއް
ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. މިއިން ކަމެއް މެދުވެރިވެއްޖެނަމަ، ދަރިފަނީގެ
މިންވަރު މަދުވެ، އޭގެ މަސައްކަތް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް
ފަހަރު އުކުޅު ވަޅުގައި ހާނިޔާ އުފެދުމަކީ ވެސް ވެދާނެ ގޮތެކެވެ.
އޮށުގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރޭގައި ފެން ޖަމާވުމުގެ
ސަބަބުން އޮށަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.
ނަމަވެސް އެފެނުގައި ޖަރާސީމް އަޅައި ދޮސް ގަނެފިނަމަ އެއީ ނުރައްކާތެރި ކަމެކެވެ.
އެފަދަ ކަމެއް ވެއްޖެނަމަ ދަރިފުޅު ހުންއައުމާއެކު، އެތަނަށް ތަދުވުމާއި ކުލަ
ބަދަލުވެ ރަތްވުން ފަދަ އަލާމާތްތައް ފާހަގަކުރެވޭނެ އެވެ.
އޮށުގެ ވަށައިގެން ފެންއުފެދި،
އޮށްދުޅަވެފައިވާކަން ދެނެގަތުން
އޮށުގެ ވަށައިގެން ފެންހެދި އޮށް ދުޅަވެފައިވާކަން
އާންމު ގޮތެއްގައި ދެނެގަނެވެނީ އުރަވަޅި ބަލައި ހަދައިގެންނެވެ. އެގޮތުން
އުރަވަޅި ބަލާބެލުމަށް ބޮޑުކަމަށް ފާހަގަ ކުރެވޭނެ އެވެ. އުރަވަޅީގައި އަތްލުމުން
ނޫނީ ބީހިލުމުން ތަދު ހުންނަކަން ފާހަގަ ކުރެވޭނެ އެވެ. މިގޮތަށް އުރަވަޅި ބަލައި
ހަދާއިރު، ކޮންމެ އޮށެއްގެ ފަހަތުން ބައްތި އަކުން އަލިކޮށް ބަލައި ހަދައިފާނެއެވެ.
މިއީ އޮށުގެ ތެރޭގައި ހަރު ގަނޑެއް ފަދަ އެއްޗެއް މިސާލަކަށް ކެންސަރު ފަދަ
ކަމެއްގެ ސަބަބުން އުފެދިފައިވޭތޯ ބެލުމަށް ކުރާ ކަމެކެވެ. ބައްތިން އަލިކުރާއިރު
ފެންއުފެދިފައިވާ އަލީގެ ވިދުވަރު ފެންތައް ހުރަސްކޮށްދާނެ އެވެ. ނޫނީ ފެންނަން
ހުންނާނެ އެވެ. ނަމަވެސް ހަރުގަނޑެއް އޮށުގެ ތެރޭގައި ހުރިނަމަ، އަލީގެ ވިދުވަރު
އެގަނޑު ހުރަސްކޮށެއް ކަނޑަތެއް ނުކުރާނެއެވެ. އޮށުގެ ވަށައިގެން ފެންހެދި އޮށް
ދުޅަވެފައިވޭތޯ ޔަގީންކުރުމަށް އޮށުގެ ސްކޭނެއް ހަދަންޖެހިދާނެ އެވެ. މީގެ
އިތުރުން ދަށްބަނޑުގެ ތިރިން ދެފަރާތުން އުކުޅު ވަޅު ހިސާބުގައި ހާނިޔާ އުފެދިފައި
ހުރިތޯ ވެސް ބަލާނެއެވެ. މީގެ އިތުރުން ކުޑަކަމު ނަޖިހާއި، ލޭގެ ޓެސްޓުތައް
ހަދައިގެން އެއްވެސް ކަހަލަ އިންފެކްޝަނެއްގެ އަސަރު ހުރިތޯ ވެސް ބަލާނެއެވެ.
ޑޮކްޓަރަށް ދައްކައި އެއީ ކޮންކަމެއްކަން
ދެނެގަންނަން ވާނެއެވެ. ފިރިހެން ކުދިންގެ އުރަވަޅި އަށް އަންނާނެ އެފަދަ
ދުޅަތަކުގެ ތެރޭގައި ވައިފޭބުން (އޮށް ތިރިއަށް ފައިބާ މަގުން ގޮހޮރުގެ ބައެއް
ތިރިއަށް އައިސްފައިއޮތުން)، އޮށް ދުޅަވެ އެއަށް ލޭފޮނުވައިދޭ ލޭހޮޅިތައް ބެދުން(testicular torsion) ފަދަ
މައްސަލަތައް ހިމެނެއެވެ. ވުމާއެކު ކުރިމަތި ފަރާތުގައިވާ ދުޅަ އަކީ އެފަދަ
ނުރައްކާތެރި ކަމެއް ނޫންކަން ދެނެގަތުން މުހިއްމު އެވެ.އޮށުގެ އަލްޓްރާ ސައުންޑް ސްކޭނެއް
ހަދައިގެ އޮށުގެ ވަށައިގެން އުރަވަޅީގެ ތެރޭގައި ޖަމާވެފައިވަނީ ފެންތޯ ނުވަތަ އެހެން
އެއްޗެއްތޯ ބަލައި ދެނެގަންނަންވާނެއެވެ.
އޮށުގެ ވަށައިގެން ފެންއުފެދި،
އޮށްދުޅަވެފައިވުމަށް ފަރުވާކުރުން
އުރަވަޅީގެ ތެރޭގައި އޮންނަ އޮށުގެ ވަށައިގެން
ފެންހެދި، އޮށް ދުޅަވުމަކީ އާންމު ގޮތެއްގައި އެހާ ނުރައްކާ ކަމެއް ނޫނެވެ. ކުރިމަތި
ފަރާތުގައިވާ ދުޅައަކީ އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން
ކަމަށްވާނަމަ ކޮންމެ 6 މަހުން އެއްފަހަރު ޑޮކްޓަރަށް ދައްކައި އެކަން ބަލަމުން
ގެންދަންވާނެއެވެ. ދުޅަ އިތުރުވުމާއި ތަދުވާން ފެށުމާއެކު ތަނުގެ ކުލަ ބަދަލުވާން
ފަށާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން
ވާނެއެވެ. ކުއްޖާގެ އުމުރުން ދޮޅު އަހަރުގެ ތެރޭގައި ދުޅަ ތިރިވެ، އާދައިގެ ޙާލަތަށް
ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދޮޅު އަހަރުވެ ދިޔައިރުވެސް އެކަން
ރަގަޅު ނުވިނަމަ ދެން ޑޮކްޓަރު އިރުޝާދު ދޭނީ އޮޕަރޭޝަން ކުރާށެވެ. އުރަވަޅީގެ ތެރޭގައި
އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތިވެގެން އޮޕަރޭޝަން ކުރާނަމަ އެންމެ
ރަގަޅުވާނީ ކުއްޖާގެ އުމުރުން 2 އަހަރުވުމުން އޮޕަރޭޝަން ކުރާށެވެ. އުރަވަޅީގެ ތެރޭގައި
އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތިވެގެން އޮޕަރޭޝަން ކުރަނީ ހޭނައްތައިގެން
ކަމަށް ވިޔަސް މިއީ ވަރަށް ކުޑަ އޮޕަރޭޝަނެކެވެ. އަދި އޮޕަރޭޝަނަށްފަހު އަލުން އެމައްސަލަ
ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ވައިފޭބުން، އަދި އޮށް ދުޅަވުން ފަދަ
މައްސަލަތަކަކީ ފަހުން ވެސް ދިމާވެދާނެ ކަންތައްތަކެވެ.
އުރަވަޅީގެ ތެރޭގައި އޮންނަ އޮށުގެ ވަށައިގެން
ފެންހެދި، އޮށް ދުޅަވުމަށް ގިނަ ފަހަރު ފަރުވާކުރަނީ ވެސް އެހިސާބުގައި ތަދާއި
ރިހުން ހުރެ، އޭގެ ސަބަބުން އުނދަގޫވާން ފެށުމުންނެވެ. ނޫނީ މަދު ހާލަތެއްގައި
ނަމަވެސް އޭގެ ސަބަބުން ފިރިހެން ހައްޓަށް ލޭ ފޯރުވުމުގައި ހުރަސްތަކާ
ދިމާވުމުންނެވެ. ހަރުލާފައިވާ ފެންތައް ހަށިގަނޑަށް ދަމައި، އުރަވަޅީގެ ސައިޒު
އާދައިގެ ވަރަކަށް އައުމުން ފަރުވާކުރާކަން ނުޖެހޭނެ އެވެ. ނޫނީ އުރަވަޅީގެ ސައިޒު
އާދައިގެ ވަރަކަށް ހުރެ، އޭގެ ސައިޒު ބޮޑުވެ ގޯސްނުވާނަމަ ވެސް ފަރުވާކުރާކަން
ނުޖެހޭނެ އެވެ. އުމުރުން 65 އަހަރުން ދަށުގެ މީހުންގެ މިގޮތަށް އުރަވަޅީގެ
ތެރޭގައިވާ އޮށުގައި ފެންހެދި ދުޅަވުމުން، އޭގެ ޒާތުގައި ރަނގަޅުވެ ދިއުމަކީ ގާތް
ކަމެކެވެ. ނަމަވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިގޮތަށް ދިމާވުމުން،
އޭގެ ޒާތުގައި އެކަން ފިލައި ނުދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އުރަވަޅިއާއި އޮށުގައި ހަރުލާފައި ހުންނަ ފެން،
ކުޑަ ސިރިންޖު ކަށްޓަކުން ވެސް ނެގިދާނެއެވެ. ނަމަވެސް މިގޮތަށް ފެން ނެގިޔަސް
އަނބުރާ ފެންހެދި، ހަރުލުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ފަހަރުގައި
މިހާލަތުގައި އޮޕަރޭޝަން ކުރަންޖެހިދާނެއެވެ. ސިރިންޖު ކަށްޓަކުން ހަރުލާފައިވާ ފެން
ނެގުން އެދެވިގެންވަނީ އޮޕަރޭޝަން ކުރުމަށް ޞިއްޙީ ހާލަތު ތަން ނުދޭ މީހުންނަށެވެ.
އޮށުގެ ވަށައިގެން ފެންހެދި، ދުޅަވެ، އޭގެ ސަބަބުން ރިހުމާއި، ތަދު ފަދަ
އުނދަގޫތައް ދިމާވެ، ސައިޒުން ބޮޑުވާނަމަ، އޮޕަރޭޝަން ކުރުން އެދެވިގެން ވެއެވެ.
މައުލޫމާތު :
·
ޑރ ޢަބުދުﷲ ޢުބައިދު، 2010 – އޮށުގެވަށައިގެން ފެންއުފެދި އޮށްދުޅަވުން.
ހަވީރު ނޫސް، މާރޗް، 2010
No comments:
Post a Comment