ލެކްޓޯސް އިންޓޮލަރެންސް
ލެކްޓޯސް އަށް ތަހައްމަލުނުކުރެވުން (Lactose intolerance) ނުވަތަ ލެކްޓޯސް
އިންޓޮލަރެންސް އަކީ ކިރުގައި ހުންނަ ހަކުރު (ލެކްޓޯސް) ރަނގަޅަށް
ހަޖަމުނުކުރެވުމުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަ އެކެވެ. އޭގެ ނަތީޖާ އެއްގެ
ގޮތުން ކިރާއި ކިރުގެ އުފެއްދުންތައް ބޭނުންކުރުމުން މިމައްސަލަ ހުންނަ މީހުންނަށް
ބޭރަށްހިންގުން، ބަނޑުގައި ވައިހެދުން ފަދަ މައްސަލަތައް ދިމާވެއެވެ. މިއީ އެހާ
ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ދިމާވާ އުދަނގޫތައް ބައެއް ފަހަރު
ތަހައްމަލުކުރަން ދަތިވެއެވެ. މިއީ ވަރަށް އާންމު މައްސަލަ އެކެވެ.
ލެކްޓޯސް އިންޓޮލަރެންސް އާންމު ގޮތެއްގައި ދިމާވަނީ ލެކްޓޯސް ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމް ލެކްޓޭސް ކުޑަގޮހޮރުން އުފައްދާ މިންވަރު މަދުވުމުންނެވެ. ލެކްޓޭސް ގެ މިންވަރު ދަށް ނަމަވެސް ކިރުގެ އުފެއްދުންތައް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް މާބޮޑަށް ލެކްޓޭސް ގެ މިންވަރު ދަށްވެއްޖެނަމަ ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވާގޮތްވެއެވެ. އަދި ކިރުގެ އުފެއްދުންތައް ބޭނުންކުރުމަށްފަހު ތަފާތު އުދަނގޫތައް ކުރިމަތިވާ ގޮތް ވެއެވެ.
ސަބަބުތައް
ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވަނީ ކިރުގައި ހުންނަ
ހަކުރުގެ މާއްދާ ލެކްޓޯސް(Lactose)
ހަޖަމުކުރުމަށް ބޭނުންވާ
އެންޒައިމް ލެކްޓޭސް(Lactase)
ކުޑަގޮހޮރުން އެކަށޭނަ
ވަރަށް އުފައްދައިނުދޭތީ އެވެ. އާންމު ގޮތެއްގައި ކިރުގައި ހުންނަ ހަކުރު
ލެކްޓޯސް، ކުޑަގޮހޮރުން ދޫކުރާ ލެކްޓޭސް އެންޒައިމްގެ އެހީގައި ސާދާ
ދެވައްތަރެއްގެ ހަކުރަށް ބަދަލުކުރެއެވެ. އެއީ ގުލްކޯޒު(glucose) އަދި ގެލެކްޓޯޒް(galactose) އެވެ. މިދެވައްތަރުގެ
ހަކުރަކީ ކުޑަގޮހޮރުގެ ބަތާނަ ފަށް ހުރަސްކޮށް ހަށިގަނޑަށް ނޫނީ ލޭގެ
ތެރެއަށްފަސޭހަކަމާއެކު ނަގައިދޭ ދެވައްތަރެވެ.
ކުޑަ ގޮހޮރުން އެކަށޭނަ ވަރަށް ލެކްޓޭސް އެންޒައިމް
ނުއުފައްދާނަމަ، ނުވަތަ ހަށިގަނޑުގައި އެކަށޭނަ ވަރަށް ލެކްޓޭސް އެންޒައިމް
ނުހުންނަނަމަ، ލެކްޓޯސް ތައް ހަޖަމުނުވާތީ ބޮޑުގޮހޮރަށް ދެއެވެ. ބޮޑު ގޮހޮރުގެ
ތެރޭގައި ތަބީޢީ ބެކްޓީރިޔާ ތަކާއި، ހަޖަމުނުވެ ހުންނަ ލެކްޓޯސް އާއި ފުށުއަރައި،
ބެކްޓީރިޔާތަކުގެ ސަބަބުން ލެކްޓޯސްތައް ފާމެންޓްވެ (ރާމާވެ)،ތަފާތު ގޭސްތައް
އުފައްދައި، ލެކްޓޯސް އިންޓޮލަރެންސްގެ އުދަނގޫތައް އެމީހަކަށް ކުރިމަތި
ކުރުވައެވެ.
އެކަށޭނަ ވަރަށް ލެކްޓޭސް އެންޒައިމް އުފައްދައިނުދޭ
ސަބަބަށް ރިޢާޔަތްކޮށް، ލެކްޓޯސް އިންޓޮލަރެންސް ކުޑަ ދުވަސްކޮޅަކަށް ނޫނީ ދާއިމީ
ސިފައެއްގައި ވެސް ކުރިމަތި ކުރުވައިފާނެ އެވެ. ބޮޑެތި މީހުންނަށް ގިނައިން
ދިމާވަނީ އާއިލާގެ ތެރެއިން ވާރުތަވާ ކަމެއްގެ ގޮތުގައެވެ. މިފަދަ ހާލަތުގައި މުޅި
އުމުރަށް އެކަން ދެމިހުރެއެވެ. ކުޑަކުދިންނަށް ގިނައިން މިކަން ކުރިމަތިވަނީ
އިންފެކްޝަން އެއް ކަހަލަ ކަމެއްގެ ސަބަބުންނެވެ. މިފަދަ ހާލަތުގައި ލެކްޓޯސް
އިންޓޮލަރެންސް ދެމިހުންނަނީ މަދު ދުވަސްކޮޅަކަށެވެ.
ވައްތަރުތައް
ލެކްޓޯސް އިންޓޮލަރެންސްގެ 3 ވައްތަރެއް ހުރެއެވެ. ކޮންމެ
ވައްތަރެއް މެދުވެރިވުމަށް ވެސް ތަފާތު ކަންތައްތައް މެދުވެރި ކުރުވައެވެ.
(ހ) ޕްރައިމަރީ ލެކްޓޯސް އިންޓޮލަރެންސް(primary
lactose intolerance): ޕްރައިމަރީ ލެކްޓޯސް އިންޓޮލަރެންސް އަކީ ލެކްޓޯސް
އިންޓޮލަރެންސް ގެ އެންމެ އާންމު ވައްތަރެވެ. މިވައްތަރު ކުރިމަތިވަނީ ވިރާސީ
ގޮތުން ވާރުތަވާ ވިރާސީ ބަހާއެއްގެ ސަބަބުންނެވެ. މިވައްތަރު ހުންނަ ފަރާތްތަކުގެ
ކުޑަ ގޮހޮރުން ކުރީކޮޅު އެކަށޭނަ ވަރަށް ލެކްޓޭސް އެންޒައިމް އުފައްދައެވެ. ކިރުން
ބޭނުންވާ ކާނާ ހޯދުމަށް ލެކްޓޭސްގެ އެހީ ހޯދަންޖެހެއެވެ. އެއީ ހަކުރުގެ ބައި
ހަޖަމުކޮށް ހަށިގަނޑަށް ބޭނުންހިފޭ ގޮތަށް ބަދަލުކުރުމަށްޓަކައެވެ. ކުޑައިރު
ކިރުން ހަށިގަނޑަށް ބޭނުންވާ ވަރަށް ކާނާގެ ބައިތައް ވެސް ލިބެއެވެ. އެއީ އެކަށޭނަ
ވަރަށް އެއުމުރުގައި ކުޑަ ގޮހޮރުން ލެކްޓޭސް އުފައްދައިދޭތީ އެވެ. ނަމަވެސް
ބޮޑުވަމުން އަންނަ ވަރަކަށް ކިރުގެ ބަދަލުގައި އެހެން ވައްތަރުތައް ބޭނުންކުރަން
ފެށުމުން، ކުޑަގޮހޮރުން ލެކްޓޭސް އުފައްދާ މިންވަރު ތަބީޢީ ގޮތުން ވެސް
ދަށްވެއެވެ. ނަމަވެސް އާންމު ގޮތެއްގައި ކިރުން ލިބޭ ހަކުރުގެ ބައި ހަޖަމުކުރަން
ބޭނުންވާ ވަރަށް ލެކްޓޭސް އުފައްދައިދޭނެ އެވެ. ޕްރައިމަރީ ލެކްޓޯސް
އިންޓޮލަރެންސް ގައި ލެކްޓޭސް ގެ މިންވަރު ދަށްވެގެންދަނީ ބޮޑުމީހެއްގެ އުމުރަށް
އަޅާ ފަހުންނެވެ. ނަތީޖާއެއްގެ ގޮތުން ކިރާއި ކިރުގެ އުފެއްދުންތައް ހަޖަމުކުރަން
އުނދަގޫވެ، މައްސަލަތަކާ ކުރިމަތިވާގޮތް ވެއެވެ.
(ށ) ސެކަންޑަރީ ލެކްޓޯސް އިންޓޮލަރެންސް (Secondary
lactose intolerance): ސެކަންޑަރީ ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވަނީ ކުޑަ
ގޮހޮރުގެ އޮޕަރޭޝަނެއް، ނޫނީ ބައްޔެއް، ނޫނީ ލިބޭ އަނިޔާއަކަށް ފަހު، ކުޑަ ގޮހޮރުން
ލެކްޓޭސް އެންޒައިމް އުފެއްދުން ދަށްކޮށްލުމުންނެވެ. ނޫނީ މަދުކޮށްލުމުންނެވެ.
ސެކަންޑަރީ ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިކުރުވައިފާނެ ބަލިތަކުގެ ތެރޭގައި
ކުޑަ ގޮހޮރުގެ އިންފެކްޝަން މިސާލަކަށް ބޭރަށްހިންގުން، އަލްސެރޭޓިވް ކޮލައިޓިސް،
ސިލީއެކް ޑިޒީޒް، ކްރޯންސް ބަލި، އަދި ކުޑަ ގޮހޮރުގައި އާދަޔާ ޚިލާފަށް ޖަރާސީމު
ހެދިބޮޑުވުން ފަދަ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ދިގުމުއްދަތަކަށް
އެންޓިބަޔޮޓިކް ބޭނުންކުރުމާއި، ކެންސަރުގެ ފަރުވާގައި ދޭ ކީމޯތެރަޕީގެ ސަބަބުން
ވެސް ސެކަންޑަރީ ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.ކުޑަ
ގޮހޮރަށް ކުރިމަތިވި ބައްޔަށް ފަރުވާކޮށް ރަނގަޅުވުމުން ލެކްޓޭސް އުފައްދާ
މިންވަރު ހަމައަކަށް އެޅި ބަލީގެ އުދަނގޫތައް ލުއިވެ ދިއުމަކީ އެކަށީގެންވާ
ކަމެކެވެ.
(ނ) ކޮންޖެނިޓަލް ލެކްޓޯސް އިންޓޮލަރެންސް (congenital
lactose intolerance): މިއީ އުފަންވާއިރު ވެސް ލެކްޓޭސް އުފެއްދުން މަދުވެ
،ދަށްވުމެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެކެވެ. މިއީ އޮޓޯސޯމަލް
ރިސެސިވް (މަންމަ އާއި ބައްޕަގެ ފުށުން ވެސް މައްސަލަ ހުރި ހަމަ އެއް ވިރާސީ ބަހާއެއް ނޫނީ
އެއްގޮތް ވިރާސީ ބަހާއެއް ދަރިފުޅަށް ވާރުތަވުން) އެއްގެ ގޮތުގައި
މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަ ކޮށްފާނެ ހާލަތެކެވެ. މިއީ އަލަށް
އުފަންވާ ތުއްތު ކުދިންނަށް ދިމާވާ ވައްތަރެކެވެ. މިހާލަތުގައި ވަރަށް މަދުން
ލެކްޓޭސް އެންޒައިމް އުފައްދައި ދެއެވެ. ނޫނީ އެއްވެސް ވަރަކަށް ކުޑަ ގޮހޮރުން
ލެކްޓޭސް އެންޒައިމް އުފައްދައި ނުދެއެވެ.
(ރ) ޑިވެލޮޕްމެންޓަލް ލެކްޓޯސް އިންޓޮލަރެންސް (Developmental
Lactose Intolerance): މައިމީހާގެ ބަނޑަށް 37 ހަފްތާ ނުވަނީސް އުފަންވާ ނުވަތަ ދުވަސް
ނުފުރާ ވިހާ ކުދިންނަށް ވެސް ފަހަރުގައި ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވެދާނެ
އެވެ. މިގޮތަށް ދިމާވަނީ އެކަށޭނަ ވަރަށް ލެކްޓޭސް ކުޑަ ގޮހޮރުން އުފަންވުމަށްފަހު
(ރަނގަޅަށް ފުރިހަމަނުވާތީ، ނޫނީ ދުވަސްނުފުރޭތީ) ވެސް ލެކްޓޭސް އެކަށޭނަ ވަރަށް
އުފައްދައި ނުދޭތީ އެވެ. މިވައްތަރު އާންމު ގޮތެއްގައި ތުއްތު ދަރިފުޅު
ހެދިބޮޑުވުމުން ރަނގަޅުވެގެން ދެއެވެ.
މަގުފަހިކުރާ ކަންތައްތައް
ލެކްޓޯސް އިންޓޮލަރެންސް އަށް މަގުފަހިކުރާ ކަންތައްތަކުގެ
ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) - އުމުރުން ދުވަސްވުން ނޫނީ އުމުރުން
މަތިވުން : އާންމު ގޮތެއްގައި ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވަނީ
ބޮޑެތި މީހުންނަށެވެ. ތުއްތު ކުދިންނާއި ކުޑަކުދިންނަށް ލެކްޓޯސް އިންޓޮލަރެންސް
ކުރިމަތިވުމަކީ އެހާ އާންމު ކަމެއް ނޫނެވެ.
(ށ) - ދަރިފަސްކޮޅު : އެފްރިކާ، އޭޝިޔާ، ހިސްޕެނިކް، އަދި އެމެރިކަން އިންޑިޔަން
ދަރިފަސްކޮޅުތަކުގެ މީހުންގެ މެދުގައި ލެކްޓޯސް އިންޓޮލަރެންސް އެހެން
ދަރިފަސްކޮޅުތަކުގެ މީހުންނަށްވުރެ އާންމުކަން ފާހަގަ ކުރެވެއެވެ.
(ނ) - ދުވަސްނުފުރާ ވިހެއުން : ދުވަސްނުފުރާ އުފަންވާ ކުދިންގެ ކުޑަ ގޮހޮރުން އެކަށޭނަ
ވަރަށް ލެކްޓޭސް އެންޒައިމް އުފައްދައި ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ
އާންމު ގޮތެއްގައި ލެކްޓޭސް އުފައްދައިދޭ ސެލްތައް ކުޑަ ގޮހޮރުގައި އުފެދެނީ
މާބަނޑު ދުވަސްވަރު ފަހު 3 މަހުގެ ވެސް ފަހުކޮޅުގައި ކަމަށްވާތީ އެވެ.
(ރ) - ކުޑަ ގޮހޮރަށް ޖެހޭ ބަލިތައް : ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިކުރުވައިފާނެ ބަލިތަކުގެ
ތެރޭގައި ކުޑަ ގޮހޮރުގެ އިންފެކްޝަން، ސިލީއެކް ޑިޒީޒް، ކްރޯންސް ބަލި، އަދި ކުޑަ
ގޮހޮރުގައި އާދަޔާ ޚިލާފަށް ޖަރާސީމު ހެދިބޮޑުވުން ފަދަ މައްސަލަތައް ހިމެނެއެވެ.
(ބ) - ކެންސަރަށް ދެވޭ ބައެއް ކަހަލަ ފަރުވާތައް
: ކެންސަރަށް ދެވޭ ރޭޑިއޭޝަންގެ ފަރުވާ އާއި ކީމޯތެރަޕީގެ
ފަރުވާގެ ސަބަބުން ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވުމުގެ ހިރާސް
އިތުރުކުރުވައެވެ. އެއީ މިފަދަ ފަރުވާތަކުގެ ސަބަބުން ކުޑަ ގޮހޮރު ފަދަ
ގުނަވަންތަކަށް ގެއްލުންލިބި، ލެކްޓޭސް އެންޒައިމް އުފެއްދުމަށް
ހުރަސްއަޅައިފާނެތީ އެވެ.
އަލާމާތްތައް
ލެކްޓޯސް ހުންނަ އުފެއްދުމެއް ނޫނީ ބާވަތެއް
ބޭނުންކުރުމަށްފަހު ލެކްޓޯސް އިންޓޮލަރެންސްގެ އަލާމާތް ފެނުމަށް ގާތްގަނޑަކަށް ½ ގަޑިއިރާއި 2 ގަޑިއިރާއި
ދެމެދުގެ ވަގުތެއް ހޭދަވެއެވެ. އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ބޭރަށްހިންގުން
·
މޭނުބައިކުރުން
·
ހޮޑުލެވުން (ބައެއް
ފަހަރު)
·
ބަނޑުގައި ރިހުން
·
ބަނޑުގައި ވައިހެދުން
·
ބަނޑު ފުއްޕުން
·
ފޮޑިޖެހުން ނޫނީ
ވައިބޭރުވުން
ކުރިމަތިވެދާނެ އުދަނގޫތަކުގެ ކުޑަ ބޮޑު މިނާއި އޭގެ
މިންވަރު ބަރޯސާވަނީ ހަށިގަނޑަށް އެތެރެކުރެވޭ ލެކްޓޯސްގެ މިންވަރެއްގެ
މައްޗަށެވެ. ކުޑަ މިންވަރެއް ބޭނުންކުރެވިއްޖެނަމަ ދިމާވާ އުދަނގޫތައް ވެސް
ނިސްބަތުން ކުޑަވާނެ އެވެ. ބައެއް މީހުންނަށް ކުޑަ މިންވަރެއް ބޭނުންކުރި ކަމުގައި
ވިޔަސް މާބޮޑެތި އުދަނގޫތަކެއް ކުރިމަތިނުވެދާނެ އެވެ. ނަމަވެސް އަނެއް ބައި
މީހުންނަށް ސައި ނޫނީ ކޮފީ ތައްޓަށް ކިރުކޮޅެއް އަޅާލި ކަމުގައި ވިޔަސް އެކަމުގެ
އުދަނގޫ އިހުސާސްކުރެވިދާނެ އެވެ.
ދިމާވެދާނެ ނުރައްކާތައް
ކިރާއި ކިރުގެ އުފެއްދުންތަކުގައި ކެލްސިއަމް، ޕްރޮޓީން
އަދި ވިޓަމިންގެ ވައްތަރުތަކުގެ ތެރެއިން ވިޓަމިން ޑީ، ވިޓަމިން ބީ12، އަދި
ވިޓަމިން އޭ ފަދަ ހަށިގަނޑަށް ބޭނުންތެރި މާއްދާތައް ހުރެއެވެ. މީގެ އިތުރުން
ލެކްޓޯސް އަކީ ހަށިގަނޑަށް މެގްނީޒިއަމް އަދި ޒިންކު ފަދަ މައުދަންތައް ނެގުމަށް
އެހީތެރިވެދޭ މާއްދާ އެކެވެ. ވިޓަމިން ތަކާއި މައުދަން ތަކަކީ ކަށިތަކުގެ
ހެދިބޮޑުވުމާއި، ދުޅަހެޔޮކަމަށް މުހިއްމު މާއްދާ ތަކެކެވެ. ލެކްޓޯސް
އިންޓޮލަރެންސް ހުރިކަމުގައިވާނަމަ ހަށިގަނޑަށް އެންމެ ބޭނުންވާ މިންވަރަށް
ވިޓަމިންތަކާއި މައުދަންތައް ކާބޯތަކެތީގެ ތެރެއިން ހަށިގަނޑަށް ލިބުމަކީ އުދަނގޫ
ކަމަކަށް ވެދާނެ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިވެ، އަންނަނިވި
ހާލަތްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
·
ކަށިތައް
ދެރަވުން : ކަށިތަކަށް ބޭނުންވާ މައުދަންތައް ނުލިބުމުން ކަށިތައް
ދެރަވެ، ނިކަމެތި ވެއެވެ. އަދި ކަށިފީވުން ކުރިމަތި ކުރުވައެވެ.
·
ކަށިފީވުން : ކަށިތައް ދެރަވެ، ތުނިވެ، ކަށިތަކުގައި ފަސޭހަ ކަމާއެކު
ރެނދުލައި، ކަށިތައް ބިއްދައިގެން ދިއުމުގެ ހިރާސް އިތުރު ވެއެވެ.
·
ރަނގަޅުކާނާ
ނުލިބުން : ކާނާގެ ތެރެއިން ހަށިގަނޑަށް ބޭނުންވާ ކާނާ މުހިއްމު
ބައިތައް ޚާއްޞަކޮށް ވިޓަމިންތަކާއި، މައުދަންތައް ނުލިބުމުން، ހަށިގަނޑު
ބަލިކަށިވެ، ދިފާޢީ ބާރު ދަށްވެ،
ފަސޭހައިން އިންފެކްޝަންތަކަށް ހުށަހެޅި، ފާރު ފަސޭހަވުން ލަސްވެ، ވަރުބަލިކަން
އިތުރުވެ، މާޔޫސްކަމާ މޮޅިވެރިކަން ދިމާވާގޮތް ވެއެވެ.
ދެނެގަތުން
ބަލިމީހާއަށް ދިމާވެފައިވާ އުނދަގޫތަކަށް ބަލައި،
ޑޮކްޓަރުން ލެކްޓޯސް އިންޓޮލަރެންސް އަށް ޝައްކުކުރެވޭނަމަ އިތުރު ޓެސްޓުތައް
ހެދުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. އެގޮތުން އަންނަނިވި ޓެސްޓުތައް ހެދުމަށް
ޑޮކްޓަރުން ލަފާދޭނެ އެވެ.
(ހ) - ހައިޑްރޯޖަން ބްރެތު ޓެސްޓު :މިއީ ލެކްޓޯސް އިންޓޮލަރެންސް ހުންނަނަމަ ވަރަށް
ފަސޭހައިން އެކަން ދެނެގަނެވޭނެ ޓެސްޓެކެވެ. ޓެސްޓުހެދުމުގެ ކުރީ ރެއިން ފެށިގެން
ހައިބަނޑާ ހުރުމަށް ލަފާދޭނެ އެވެ. ޓެސްޓު ހަދަން އައުމުން ފުރަތަމަ ފުއްޕާ ހަމެއް
ފަދަ ބޭގެއް ފުއްޕުމަށް ބުނާނެއެވެ. މީގެ ބޭނުމަކީ ނޭވާލުމުގެ ތެރެއިން ހައިޑްރޯޖަން ބޭރުވީ ނޫނޫ
ހައިޑްރޯޖަން ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަތުމެވެ. އެއަށްފަހު މިޓެސްޓު
ހެދުމަށްޓަކައި ލެކްޓޯސް މަތީ މިންވަރަކަށް ހުންނަ ބުއިމެއް ބޯން ދިނުމަށްފަހު
ވަކި ދުރުމިނެއްގައި (ކޮންމެ 15 މިނިޓަކުން) ދެތިން ގަޑިއިރު ވަންދެން ނޭވާލާއިރު
ނޭވާގައި ހައިޑްރޯޖަން ހުންނަ މިންވަރު މިންކުރަމުން ގެންދާނެ އެވެ. ނޭވާލާއިރު
ހައިޑްރޯޖަން މާގިނައިން ބޭރުވުމަކީ (ކޮންމެ މިލިއަންގައި 20 ޕާޓްސް އަށްވުރެ
ގިނަވުން، ހައިޑްރޯޖަން މިންކުރަނީ ޕާޓްސް ޕާރ މިލިޔަން ppm އިން) ކިރުގައި
އެކުލެވޭ ހަކުރުގެ ބައި ރަނގަޅަށް ހަޖަމުނުވެ، ހަށިގަނޑަށް ނަގައިނުދޭކަން
ދޭހަކޮށްދޭ ކަމެކެވެ. މާނައަކީ އެމީހެއްގެ ކިބައިގައި ލެކްޓޯސް އިންޓޮލަރެންސް
ހުރިކަން ދޭހަކޮށްދޭނެ ކަމެކެވެ. އާންމު ގޮތެއްގައި ކިރު އެކުލެވޭ ބުއިމެއް
ބޭނުންކުރުމަށްފަހު ނޭވާލާއިރު ހައިޑްރޯޖަންގެ މިންވަރު މަތިވަނީ ލެކްޓޯސް
އިންޓޮލަރެންސްގެ ސަބަބުން ބޮޑު ގޮހޮރުގައި ހުންނަ ބެކްޓީރިޔާ ތަކުން ތަބީޢީ
ގޮތެއްގައި އުފައްދާ މިންވަރަށްވުރެ ގިނައިން ހައިޑްރޯޖަން އުފައްދާތީ އެވެ.
(ށ) - ލެކްޓޯސް ޓޮލަރެންސް ޓެސްޓު :މިޓެސްޓު ހެދުމަށްޓަކައި ލެކްޓޯސް މަތީ މިންވަރަކަށް ހުންނަ
ބުއިމެއް ބޯން ދޭތާ 2 ގަޑިއިރުފަހުން ލޭގައި ގުލްކޯޒު ހުރި މިންވަރު ބެލުމަށް ލޭގެ
ޓެސްޓެއް ހަދާނެ އެވެ. ލޭގައި ގުލްކޯޒުގެ މިންވަރު މަތިނުވާނަމަ، ނޫނީ މަތިވަނީ
ވަރަށް ލަހުން ކަމުގައިވާނަމަ، އޭގެ މާނައަކީ ހަށިގަނޑުގައި ލެކްޓޯސް ރަނގަޅަށް
ހަޖަމުނުވާ ކަމެވެ. މީގެ މާނައަކީ ކުޑަ ގޮހޮރުގައި ލެކްޓޯސް، ގުލްކޯޒު އާއި
ގެލެކްޓޯސް އަށް ބައިވެގެން ދިއުމަށް ނުކުޅެދިގެންވުމެވެ.
(ނ) - މިލްކް ޓޮލަރެންސް ޓެސްޓް : މި ޓެސްޓު ހެދުމަށްޓަކައި 500 އެމްއެލްގެ ކިރު ތަށްޓެއް
ބޯންދިނުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު ބެލޭނެ އެވެ. ކިރު ތަށި
ބުއިމަށްފަހު ލޭގައި ހަކުރުގެ މިންވަރު މަތިނުވާނަމަ، އެއީ އެމީހެއްގެ ކިބައިގައި
ލެކްޓޯސް އިންޓޮލަރެންސް ހުރުން ކަމުގައި ބެލެވިދާނެ އެވެ.
(ރ) - ކުޑަ ގޮހޮރުގެ ބަޔޮޕްސީ އެއް ހެދުން : ކުޑަ ގޮހޮރުން އެތިކޮޅެއް ނަގައިގެން ބަޔޮޕްސީ އެއް
ހެދުމަކީ ލެކްޓޯސް އިންޓޮލަރެންސް ހުރިތޯ ދެނެގަތުމަށް ވަރަށް މަދުން ނުނީ ހެދޭ
ޓެސްޓެއް ނޫނެވެ. އެކަމަކު މިޓެސްޓު ހަދަނީ ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވާ
ގޮހޮރުގެ ބައްޔެއް ކަމުގައިވާ ސިލީއެކް ޑިޒީޒް ހުރިކަން ދެނެގަތުން ކަމުގައި
ވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ފަރުވާ
ލެކްޓޯސް އިންޓޮލަރެންސް އަށް ވަކި ޚާއްޞަ ފަރުވާއެއް
ނޯވެއެވެ. ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވީ ޞިއްޙީ މައްސަލައަކާ ހެދިނަމަ
އެމައްސަލައަކަށް ފަރުވާކުރުމުން ލެކްޓޯސް ހަޖަމުކުރުން ރަނގަޅުވެގެންދިއުމަކީ
އެކަށީގެންވާ ކަމެކެވެ.
ކެއިންބުއިމަށް ބަދަލުގެނައުން
ލެކްޓޯސް އިންޓޮލަރެންސްގެ އުދަނގޫތައް ކުރިމަތިވުން
ކުޑަކުރުމަށްޓަކައި ކެއުމުގައި ލެކްޓޯސް މަދުން ހިމެނޭ ކެއުމެއް ޚިޔާރުކުރުން
މުހިއްމެވެ. ނޫނީ ލެކްޓޯސް އެއްގޮތަކަށް ވެސް ނުހުންނަ ކާބޯތަކެތި ބޭނުންކުރުން
މުހިއްމެވެ. ކެއުމުގައި ލެކްޓޯސް ހިމެނޭ މިންވަރު މަދުކުރުމަށްޓަކައި އަންނަނިވި
ކަންތައްތައް ކުރެވިދާނެ އެވެ.
·
ކިރާއި ކިރުގެ
އުފެއްދުންތައް ބޭނުންކުރުން މަދުކުރުން
·
އާންމު ކެއުމުގައި ކިރު ބޭނުންކުރާއިރު
އެތިކޮޅުކޮޅުން ބޭނުންކުރުން (އެއްފަހަރާ ބޮޑުމިންވަރެއްގެ ކިރު ބޭނުންނުކުރުން)
·
ލެކްޓޯސް މަދުން ހުންނަ
ކިރާއި، އައިސްކްރީމް ފަދަ ބާވަތްތައް ބޭނުންކުރުން
·
ޕައުޑަރު ނޫނީ ދިޔާކޮށް
ހުންނަ ލެކްޓޭސް އެންޒައިމް ކިރުތަށްޓަށް އަޅައިގެން ބޭނުންކުރުން
ލެކްޓޯސް ނުހުންނަ ކިރާއި ކިރުގެ އުފެއްދުންތައް
ބޭނުންކުރުން
·
ލެކްޓޯސް ފްރީ ގެރިކިރު
(ކަވް މިލްކް) ބޭނުންކުރުން
·
ސޯޔާ މިލްކް، ސޯޔާ ޔޯގަޓް،
އަދި ބައެއް ކަހަލަ ސޯޔާ ޗީޒްގެ ވައްތަރުތައް
·
ހަނޑޫ، އޯޓް، އާމަންޑް،
ހޭޒަލްނަޓް، ކާށި، ކްއިނޯއާ، އަދި އަލުވި ފަދަ ތަކެތީގެ ކިރު
·
ކާށިން ހަދާފައި ހުންނަ
ޔޯގަޓް އަދި ޗީޒް
·
އާމަންޑް މިލްކް، ޔޯގަޓް
އަދި ޗީޒް
ލެކްޓޯސް އިންޓޮލަރެންސްގެ ފަރުވާގައި ވިޓަމިން ޑީ އަދި
ކެލްސިއަމް ސަޕްލިމެންޓް ޑޮކްޓަރުން ލިޔެދީފާނެއެވެ. މިއީ ހަށިގަނޑަށް އެކަށޭނަ
ވަރަށް ކިރު ނުލިބޭތީ، އެކަމުގެ ސަބަބުން ވިޑަމިން ޑީ އަދި ކެލްސިއަމް ލިބުން
ދަށްވާނެތީ އެކަން ރަނގަޅުކުރުމަށްދޭ ސަޕްލިމެންޓް ތަކެކެވެ.
ލެކްޓޯސް ހަށިގަނޑަށް ލިއްބައިދޭ މަޞްދަރުތައް
ކިރު
ކެއުން ބުއިމުގައި ލެކްޓޯސް ހަށިގަނޑަށް ލިއްބައިދޭ
މައިގަނޑު މަޞްދަރަކީ ކިރެވެ. މީގެ ތެރޭގައި ގެރީގެ ކިރު، ކަންބަޅީގެ ކިރު އަދި
ބަކަރީގެ ކިރު ހިމެނެއެވެ. ލެކްޓޯސް އިންޓޮލަރެންސް ކުރިމަތިވެފައިވާ މިންވަރަށް
ބަލައި، ކެއުމުގައި ކިރު ހިމަނަންޖެހޭ މިންގަނޑަށް ބަދަލުގެނެވިދާނެ އެވެ.
މިސާލަކަށް
·
ކޮފީ، ނޫނީ ސަޔަށް ކިރު އެޅިދާނެ އެވެ. ނަމަވެސް ސީރިޔަލް އަށް
ކިރު ނޭޅިދާނެ އެވެ.
·
ކިރު ހުންނަ ބައެއް
އުފެއްދުންތައް މިސާލަކަށް ކިރު ޗޮކްލެޓް ފަދަ ތަކެތި މަދު މިންވަރަކަށް
ބޭނުންކުރެވިދާނެ އެވެ.
·
ވަކިން ހަމައެކަނި ކިރު
ބުއިމުގެ ބަދަލުގައި އެހެން ކާތަކެއްޗާއެކު ކިރު ބޮވިދާނެއެވެ. މިއީ ލެކްޓޯސް
ހަށިގަނޑަށް ނެގުން ރަނގަޅުކޮށްދޭނެ ކަމެކެވެ.
ކިރުގެ އުފެއްދުންތައް
ކިރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ކާތަކެތީގެ
ތެރޭގައި ހިމެނޭ ކްރީމް، ޗީޒް، ޔޯގަޓް، އައިސްކްރީމް އަދި ބަޓަރު ފަދަ ތަކެތީގައި
ވެސް ލެކްޓޯސް ހުރެއެވެ. ލެކްޓޯސް އިންޓޮލަރެންސް ހުންނަ ކަމުގައިވާނަމަ މިތަކެތި
ބޭނުންކުރުމުން ދުރުހެލިވާން ޖެހެއެވެ.
ނަމަވެސް އެކި ބާވަތްތަކުގައި ލެކްޓޯސް ހުންނަ މިންވަރު
ތަފާތެވެ. ބައެއް ފަހަރު ވަރަށް މަދުން ވެސް ހުރެއެވެ. ވީމާ މިފަދަ ބާވަތްތައް
ލެކްޓޯސް އިންޓޮލަރެންސް ހުރި ކަމުގައި ވިޔަސް ބޭނުންކުރެވިދާނެ އެވެ. އަދި
އެކަމުގެ ސަބަބުން މާބޮޑު އުދަނގޫތަކެއް ކުރިމަތި ނުވެދާނެ އެވެ. އެހެންކަމުން
ތަފާތު ބާވަތްތައް ބޭނުންކޮށް، ލެކްޓޯސް އިންޓޮލަރެންސް ހުރި ކަމުގައި ވިޔަސް
ތިބާއަށް ބޭނުންކުރެވިދާނެ ވައްތަރެއް ނޫނީ ބާވަތެއް ހުރިތޯ ބޭނުންކޮށް ބަލައި
ހެދުމަކީ ވެސް މުހިއްމު ކަމެކެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ފަދަ މުހިއްމު މާއްދާތައް މިފަދަ ބާވަތްތައް
ބޭނުންކުރުމުން ހަށިގަނޑަށް ލިބިގެންދާތީ އެވެ.
އެހެނިހެން ކާބޯތަކެތި
ކިރާއި ކިރުގެ އުފެއްދުންތަކުގެ އިތުރުން އެހެން ބައެއް
ބާވަތްތަކުގައި ވެސް ލެކްޓޯސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން
އަންނަނިވި ބާވަތްތަކުގައި ލެކްޓޯސް ހުރެދާނެ އެވެ.
·
ބިސްކޯދު
·
ސަލަޑް ކްރީމް، ސަލަޑް
ޑްރެސިންގ އަދި މަޔޮނައިސް
·
ޗޮކްލެޓް
·
ބޮއިލްޑް ސްވީޓްސް
(ކައްކައިގެން ބޭނުންކުރެވޭ ފޮނިތަކެތި މިސާލަކަށް ހަލުވިދާ)
·
ކޭކު
·
ބައެއް ވައްތަރުގެ ޕާނާއި
ފިހެފައި ހުންނަ ތަކެތި
·
ސައިބުއިމަށް ބޭނުންކުރާ
ސީރިޔަލް ގެ ވައްތަރުތައް
·
ޕާން ކޭކު އަދި ބިސްކޯދު
ފަދަ ތަކެތި ހެދުމަށް ބޭނުންކުރެވޭ މިކްސް ޕެކެޓްތައް
·
އިންސްޓަންޓް ސޫޕް އަދި
އިންސްޓަންޓް ޕޮޓޭޓޯ ޕެކެޓްތައް
·
ފޮތިކޮށްފައި ހުންނަ ހެމް
ޕެކެޓް ( ޕްރޮސެސްޑް މީޓް)
ގޭގައި ކުރެވިދާނެ ކަންތައްތައް
ލެކްޓޯސް އިންޓޮލަރެންސް ހުންނަ މީހުން އަންނަނިވި
ކަންތައްތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.
ފައިދާހުރި ކާނާ ބޭނުންކުރުން
ކިރާއި ކިރުގެ އުފެއްދުންތައް ކެއުމުގައި ހިމެނުން
މަދުކޮށްލުމުގެ މާނައަކީ އެކަށޭނަ ވަރަށް ހަށިގަނޑަށް ކެލްސިއަމް ނުލިބޭނެއެކޭ
ނޫނެވެ. އަންނަނިވި ކާބޯތަކެތީގައި ކެލްސިއަމް ހުންނަކަން ފާހަގަ ކުރެވެއެވެ.
·
ބްރޮކޮލީ އަދި
ފެހިކަންގަދަ ފަތްޕިލާވެލީގެ ބާވަތްތައް
·
ކެލްސިއަމް ފޯރޓިފައިޑް
އުފެއްދުންތައް : ސީރިއަލް، އެކި ވައްތަރުގެ ޖޫސް
·
ދަޅުގައި
ބަންދުކޮށްފައިވާ ސާރޑިން ނުވަތަ ސެލްމަން
·
ސޯޔާ މިލްކް، ނޫނީ ރައިސް
މިލްކް
·
އޮރެންޖު / ނިޔަދުރު /
ނާރިނގު ފަދަ ބާވަތްތައް
·
އާމަންޑް، ބްރެޒިލް ނަޓް
އަދި ހިއްކާފައި ހުންނަ ތޮޅީގެ ވައްތަރުތައް
މީގެ އިތުރުން ވިޓަމިން ޑީ ލިބޭ ކާނާގެ ބާވަތްތައް ވެސް
ކެއުމުގައި ހިމެނުމަށް ސަމާލުވާން ޖެހޭނެ އެވެ. އެގޮތުން ބިހުގެ ގޮބޮޅި، ކުކުޅު
ނުވަތަ މަހުމޭ، އަދި ޔޯގަޓް ފަދަ ތަކެތީގައި ވިޓަމިން ޑީ ހުރެއެވެ. މީގެ އިތުރުން
އިރުގެ އަލީގައި ހޭދަކުރުމަކީ ވެސް ވިޓަމިން ޑީ ހަށިގަނޑުގައި އުފެއްދުމަށް
އެހީތެރިވެދޭނެ ކަމެކެވެ. ޑޮކްޓަރުންނާއި ވާހަކަ ދައްކައިގެން ވިޓަމިން ޑީ ގުޅަ
ބޭހުގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ.
ކިރާއި،ކިރުގެ އުފެއްދުންތައް މަދުކުރުން
ލެކްޓޯސް އިންޓޮލަރެންސް ހުންނަ ގިނަ މީހުންނަށް ކޮންމެ
ވެސް މިންވަރަކަށް ކިރުގެ އުފެއްދުންތައް އުނދަގޫތައް ކުރިމަތިވުމަކާ ނުލައި
ބޭނުންކުރެވިދާނެ އެވެ. ޚާއްޞަކޮށް ލޯ ފެޓް ކިރުގެ އުފެއްދުންތަައް ބޭނުންކުރުމުން
ތަހަމައްމަލުކުރެވިދާނެ އެވެ. މިސާލަކަށް ސްކިމްޑް މިލްކް، ހޯލް މިލްކް އަށްވުރެ
ލެކްޓޯސް އިންޓޮލަރެންސް ހުންނަ މީހަކަށް ބޭނުންކުރަން ރަނގަޅުވާނެ އެވެ. މީގެ
އިތުރުން ކިރުގެ އުފެއްދުންތައް މަޑުމަޑުން ބޭނުންކުރުން އިތުރުކުރުން
ގެންދާނަމަވެސް ބައެއް ފަހަރު ލެކްޓޯސް އަށް ތަހައްމަލުނުކުރެވުން ކުޑަކުރެވެއެވެ.
ލެކްޓޯސް އިންޓޮލަރެންސް ގެ އުދަނގޫތައް
ކުޑަކުރުމަށްޓަކައި ކެއުމަށް ބަދަލު ގެނައުމުގައި އަންނަނިވި ކަންތައްތަކަށް
ސަމާލުކަން ދޭށެވެ.
·
ކިރުގެ އުފެއްދުންތައް
އެތިކޮޅުކޮޅުން ބޭނުންކުރުން : މިސާލަކަށް ކިރު ބޭނުންކުރާއިރު ފަހަރަކު 4
އައުންސްގެ ކިރު ބޭނުންކުރުމެވެ. މިގޮތަށް މަދުއެތިކޮޅެއް ބޭނުންކުރުމުން ލެކްޓޯސް
އިންޓޮލަރެންސް އުދަނގޫތައް ކުރިމަތިވުން ކުޑަ ކުރެވެއެވެ.
·
ކާގަޑީގައި ކިރު ބުއިން :
އެހެން ކާތަކެއްޗާއި ކިރުގެ އުފެއްދުންތައް ބޭނުންކުރުމުން ހަޖަމުވާލެން ލަސްވެ،
ލެކްޓޯސް އިންޓޮލަރެންސްގެ އުނދަގޫތައް ކުޑަ ކުރެވެއެވެ.
·
ލެކްޓޯސް މަދުން ހުންނަ
ކިރުގެ އުފެއްދުންތައް ބޭނުންކުރުން : މިސާލަކަށް ހަރުކޮށް ހުންނަ ޗެޑަރ ޗީޒް
ނުވަތަ ސްވިސް ޗީޒް ފަދަ ބާވަތްތަކުގައި ނިސްބަތުން ލެކްޓޯސްު ހުންނަ މިންވަރު
މަދެވެ.
·
ލެކްޓޯސް ނުހުންނަ ކިރުގެ
އުފެއްދުންތައް ގަނެގެން ބޭނުންކުރުން
·
ލެކްޓޭސް އެންޒައިމް ގުޅަ
ނޫނީ ތިކި ބޭނުންކުރުން : މިއީ ކިރުގެ އުފެއްދުންތައް ބޭނުންކުރުމަށްފަހު، އޭގައި
އެކުލެވޭ ލެކްޓޯސް ހަޖަމުކުރުމަށް އެހީތެރިވެދޭނެ ބޭހެކެވެ.
ހަވާލާ
·
https://www.mayoclinic.org/diseases-conditions/lactose-intolerance/symptoms-causes/syc-20374232
·
https://www.nhs.uk/conditions/lactose-intolerance/
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ
ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
No comments:
Post a Comment