މުހިއްމު ސަފުހާތައް

Wednesday, October 21, 2020

ލޮލުގެ ލެންސް

ލޮލުގެ ލެންސް

ލޮލުގެ ލެންސް(lens)އަކީ އެތެރެ ފެންނަގޮތަށް ދެފަރާތުން ވަށްބުރެއްގެ ސިފަޔަށް(biconvex) ލޮލުގެ ކަޅުކަޅީގެ ފަހަތުގައިވާ ޖިސްމެކެވެ. ނުވަތަ ބައެކެވެ. ލޮލުގެ ލެންސް ގެ މަސައްކަތަކީ ލޮލަށް އެޅޭ އަލީގެ ދޯދިތައް ނުވަތަ ލޮލަށް ފެންނަ މަންޒަރު (ތަސްވީރު) ތައް ލޮލުގެ ފަހަތުގައިވާ ލޮލުގެ އަލިދުއްޔަށް ފޯކަސް ކުރުވުމެވެ. ނުވަތަ އަމާޒުކުރުވުމެވެ. މިއީ ތަބީއީ ލެންސް އެކެވެ. ލޮލުގެ ފެނުމުގެ 1/3 ބައި އުފެދިގެން ދިއުމުގައި ނުވަތަ ފުރިހަމަވުމުގައި ލެންސް ހިއްސާ ވެއެވެ. ކެމިކަލް ގޮތުން ބަލާއިރު ލެންސްގެ %70 އަކީ ފެނެވެ. %30 އަކީ ޕްރޮޓީން އެވެ.


ލެންސްގެ އެތެރެ ސާފުކޮށް ފެންނަންހުރުން

ލެންސް އަކީ އެެތެރެ ސާފުކޮށް ފެންނަން ހުންނަ(transparent) އެއްޗެކެވެ. މިކަން މިގޮތަށް ދިމާވަނީ ތަފާތު ސަބަބުތަކާ ހުރެއެވެ. ފުރަތަމަ ކަމަކީ ލެންސްގައި އެއްވެސް ވަރަކަށް ލޭހޮޅިތައް އަދި ފަތިނާރުތަކެއް ނުހުރެއެވެ. ލެންސްގައި ލޭ އެކުނުލެވޭތީ އެއަށް ބޭނުންވާ އޮކްސިޖަން އާއި ކާނާ ހޯދަނީ އެކޫއިއަސް ހިޔުމަރ އިންނެވެ. ދެވަނަ ކަމަކީ ލެންސްގެ ފައިބަރުތައް އެތުރި ތަރުތީބު ކުރެވިފައިވާ ޚާއްޞަ ގޮތެވެ. މިއީ ވެސް ލެންސްގެ އެތެރެ ސާފުކޮށް ހާމައަށް ފެންނަށް ހުރުމަށް އެހީތެރިވެދޭ ކަމެކެވެ. ފަހުކަމަކަށް ލެންސްގެ ހުރިހާ ހިސާބެއްގައި ވެސް ރިފެރިކުރުމުގެ ބާރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަކީ ވެސް ލެންސްގެ އެތެރެ ސާފުކޮށް ހާމަކޮށް ފެންނަށް ހުރުމަށް ބާރުއަޅާ ކަމެކެވެ.

ލެންސް އޭގެ މަގާމުގައި ހިފެހެއްޓުން އަދި ލެންސްގެ ސަބަބުން ލޯބެހިގެންދާ ބައިތައް

ލޮލުގެ ލެންސް އަކީ ކުރިމަތީ ފަހަތު ސަތަހައަށްވުރެ ކުރިމަތީ ސަތަހަ ފަތާކޮށް ނުވަތަ ފަތިކޮށް އިންނަ ޖިސްމެކެވެ. ލެންސް އިންނަނީ ކަޅުކަޅީގެ ފުރަގަހުން ވިޓްރީއަސް ބޮޑީގެ ކުރިމައްޗަށް ވާގޮތަށެވެ. ލެންސް އޭގެ މަގާމުގައި ހިފެހެއްޓިފައި ހުންނަނީ ނޫނީ ސިލިއަރީ ބޮޑީ(ciliary body)ގައި ތަތްލާފައި އިންނަނީ "ސަސްޕެންސަަރީ ލިގަމެނެްޓް"(suspensory ligament) ނުވަތަ "ޒޮނިޔޫލް ފައިބަރު"(zonule fibers)ތަކުގެ އެހީގައެވެ. މިއީ ސިލިއަރީ ބޮޑީއާއި ލެންސް ތަތްކޮށްދޭ، ނޫނީ ހަރުލައްވައިދޭ ވަރުގަދަ އެއްސުމެއް ނޫނީ ހިފެހެއްޓުމެކެވެ. އެހެން ގޮތަކަށް ބުނާނަމަ ލެންސް ލޮލުގެ ތެރޭގައި ހިފެހެއްޓިފައިވަނީ ލެންސް އާއި "ސިލިއަރީ ބޮޑީ"(ciliary body) ގުޅުވައިދޭ "ޒޮނިޔޫލް ފައިބަރު'' ތައް ނުވަތަ "ޒިންސް މެންބްރޭން"(Zinn’s membrane / Zonule fibers)  ގެ އެހީގައެވެ. އެހެންގޮތަކަށް ބުނާނަމަ ލެންސް ސިލިއަރީ ބޮޑީގައި ޖެހި ހިފެހެއްޓިފައިވަނީ "ސަސްޕެންސަރީ ލިގަމެންޓް"(suspensory ligament) ގެ އެހީގައެވެ. ލެންސްގެ ކުރިމަތިން ލެންސް ގެނބިފައިވަނީ "އެކޫއިއަސް ހިޔުމަރ"(aqueous humor) އޭ ކިޔާ ދިޔައިގެ ތެރެއަށެވެ. އަދި ފަހަތުން ލެންސްގެ ޖެހިފައިވަނީ "ވިޓްރީއަސް ބޮޑީ"(vitreous body) ގައެވެ

ލޮލުގެ ލެންސް އަކީ ލޮލުބޯޅަ ނުވަތަ ލޯ ދެބަޔަކަށް ބަހާލަދިނުމަށް ނުވަތަ ވަކިކުރުމަށް ބޭނުންކުރާ ސިލޯއްޓެކެވެ. އެގޮތުން ލެންސްގެ ފަހަތުގައި ވާ ބަޔަކީ "ވިޓްރީއަސް ބޮޑީ"(vitreous body) ނުވަތަ "ވިޓްރީއަސް ހިޔުމަރ"(vitreous humor) އެވެ. މިއީ ޖިލަޓިން ފަދަ މާސް އެކެވެ. އަދި މިގޮތަށް ލެންސްގެ ކުރިމަތިވާ ބަޔަކީ ދިޔަ އެކުލެވޭ "އެކޫއިއަސް ހިޔުމަރ"(aqueous humor) އެވެ. ކަޅުކަޅިން މިބައި ބަހާލެވިފައިވަނީ "އެންޓީރިއާ ޗެމްބަރ"(anterior chamber) އަދި "ޕޯސްޓީރިއާ ޗެމްބަރ"(posterior chamber) އަށެވެ.

ލެންސް އަށް ކާނާ ފޯރުކޮށްދިނުން

ތުއްތު ދަރިފުޅު ބަނޑުގައި ހެދިބޮޑުވެ ފުރިހަމަވުމަށްފަހު، ލެންސް އަށް ލޭ ފޯރުކޮށެއް ނުދޭނެ އެވެ. އަދި ފަތިނާރެއް ވެސް ލެންސް އާއި ގުޅިފައެއް ނުވާނެއެވެ. އެހެންކަމުން ލެންސް ކާނާ ހޯދައި، އެއިން ބޭކާރު މާއްދާތައް ބޭރުކޮށް ހަދާނީ "އެކޫއަސް ހިޔުމަރ" މެދުވެރިވެގެންނެވެ.

މައިގަނޑު ގޮތެއްގައި ލެންސް ކާނާ ހޯދަނީ ލެންސްގެ ކުރިމަތި ފަރާތުން އެއެއްޗަކަށް ލެންސް ގެބިފައިވާ "އެކޫއިއަސް ހިޔުމަރ"(aqueous humour) އިންނެވެ.ހަމައެގޮތަށް ލޮލުން ބޭނުންނުވާ ބޭކާރު މާއްދާތަކާއި ބައިތައް ވެސް ބޭރުކުރަނީ މިދިޔައިގެ ޒަރީޢާއިންނެވެ.

ލެންސްގެ މިންތައް  

އިންސާނާގެ ހަޔާތުގެ ހުރިހާ ދުވަސްވަރެއްގައި ލެންސްގެ ހެދިބޮޑުވުން ކުރިޔަށް ދާނެއެވެ. އުފަންވާއިރު ލެންސްގެ ބޮޑުމިނަކީ މެދުތެރެއިން 6.4 މިލިމީޓަރު އަދި ކުރިމަތިން ފުރަގަހަށް 3.5 މިލިމީޓަރެވެ. ބަރުދަނަކީ ގާތްގަނޑަކަށް 90 މިލިގްރާމެވެ. ފުރާފުރިހަމަވެފައިވާ ބޮޑުމީހެއްގެ ލެންސްގެ ބޮޑުމިނަކީ މެދުތެރެއިން 9 މިލިމީޓަރު އަދި ކުރިމަތިން ފުރަގަހަށް 5 މިލިމީޓަރެވެ. އަދި ބަރުދަނީ 255 މިލިގްރާމެވެ

ލެންސްގެ ރިފެރިކުރުމުގެ ބާރު

ލެންސް އަށް އަލި  ރިފެރިވުން ނުވަތަ ރިފެރިކުރުމުގެ ބާރު ލިބިފައި ވެއެވެ. ލެންސްގެ ރިފެރިކުރުމުގެ އިންޑެކްސް އަކީ މެދުގައި 1.4 އަދި އަރިމަތީގައި 1.36 އެކެވެ. ލެންސްގެ ދެފަރާތުންވާ އެކޫއަސް ހިޔުމަރ އާއި، ވިޓްރީއަސް ބޮޑީގެ ރިފެރިކުރުމުގެ އިންޑެކްސް އާއި ލެންސްގެ ރިފެރިކުރުމުގެ އިންޑެކްސް ތަފާތުވާނެ އެވެ. އާންމު ގޮތެއްގައި އިންސާނާގެ ލޮލުގެ "ކޮންވާރޖެންޓް ރިފްރެކްޓިވް ޕަވަރ"(convergent refractive power)ގެ 60 ޑައޮޕްޓަރ ގެ ތެރެއިން ލެންސްގެ ރިފެރިކުރުމުގެ ބާރު އުޅެނީ 20-15 ޑައޮޕްޓަރ (ރިފެރިކުރުމުގެބާރު މިންކުރާ ޔުނިޓް / ލެންސްގެ ބާރުމިން މިންކުރާ ޔުނިޓް) ގައެވެ. ބާކީ 40 ކޮންވާޖެންޓް ރިފްރެކްޓިވް ޕަވަރ (ރިފެރިކުރުމުގެ ބާރު) އުފުލަނީ ނޫނީ ހިއްސާކުރަނީ ލޮލުގެ ހާމަ ދުއްޔާއި ދެމެދުގައިވާ ބައިންނެވެ.

ލެންސް އަކީ އިލާސްޓިކް (އެކި ފަރާތަށް ދެމުމުގެ ގާބިލިއްޔަތު ލިބިފައިވާ) ސެލޯއްޓެކެވެ. މާނައަކީ އޭގެ ބައްޓަން ބަދަލުކުރުމުގެ ކުޅަދާނަކަން ލެންސް އަށް ލިބިގެން ވުމެވެ. އުފަންވާއިރު ލެންސް ގައި ހުންނަނީ ދިގުކޮށް ހުންނަ ދިރުތަކެވެ. މިދިރުތައް ވައްތަރުވާނީ ފައިބަރު ތަކަކާ އެވެ. މިދިރު ފައިބަރުތަކާއި އެހެނިހެން ޕްރޮޓީން ތަކާއި، ކެމިކަލްތައް އެތުރިފައިވާލެން ފުރިހަމަކަމުން ލެންސް ފެންނަނީ އެތެރެ ފެންނަ ސާފު އެއްޗެއްގެ ސިފައިގައެވެ.

ލެންސް އެކުލެވިގެންވަނީ އާދަޔާ ޚިލާފަށް ދިގުކޮށް ހުންނަ، އެއަށް ލޭފޯރުވައިނުދޭ، ނަމަވެސް އޭގެ ވަށައިގެންވާ ދިޔައިން ކާނާ ހޯދާ ސެލްތަކެއްގެ މައްޗަށެވެ. އެހެންކަމުން ލެންސް އަކީ ގާތްގާތުގައި ޖަމާވެފައިވާ އެތެރެ ފެންނަ ފައިބަރީ ދިރުތަކުގެ ފުނިވަރެކެވެ.ލެންސްގެ ފައިބަރުތައް އެތުރިފައި ހުންނަނީ ނުވަތަ ތަރުތީބު ކުރެވިފައިވަނީ ޖެހިޖެހިގެން ހުންނަ ފަށަލަތައް އުފެދޭގޮތަށް ހެދިފައިވާ ޝީޓުތަކެއްގެ މައްޗަށެވެ. މިފައިބަރުތައް ގޮސްފައި ހުންނަނީ ލެންސްގެ އެއްކޮޅުން އަނެއްކޮޅަށް ވާގޮތަށެވެ. ލެންސްގެ ފައިބަރުތައް ވަށައިގެން "އިލާސްޓިކް ކޮލަޖަން ކެޕްސޫލް"(elastic collagenous capsule) އެއް ލެވިފައިވެއެވެ.

ލެންސްގެ ބައްޓަން ބަދަލުކުރުން ނުވަތަ ބަދަލުވުން

ލޮލުގެ ލެންސްގެ ބައްޓަމަކީ ބަދަލުވާނެ އެއްޗެކެވެ. މިކަން ބަރޯސާވަނީ ލޮލުގެ ލެންސްގެ ވަށައިގެންވާ "ސިލިއަރީ މަސް"(ciliary muscles)ތައް، ކުރުގެޅުމާއި(contraction)، ހަމައަކަށް އެޅުން(relaxation)ފަދަ ކަންކަމުގެ މައްޗަށެވެ. މާނައަކީ މިބުނި މަސްތައް ފިތި ކުރުގެޅިފައިވާ ހާލަތްތަކުގައި ލެންސް ގެ ބައްޓަން ހުންނަ ގޮތާއި، އޭގެ ސައިޒު، އަދި އެމަސްތައް ކުރުގެޅުމަށްފަހު ހަމައަކަށް އެޅޭ ހާލަތުގައި ލެންސްގެ ބައްޓަން ހުންނަ ގޮތާއި، ސައިޒު ބަދަލުވުމަކީ ނޫނީ ތަފާތު ވުމަކީ ވަރަށް ގާތް ކަމެކެވެ. މިގޮތަށް ލެންސްގެ ވަށައިގެން ހުންނަ މަސްތައް ފިތިކުރުގެޅުމާއި. ހަމައަކަށް އެޅުން ފަދަ ކަންކަމަކީ އެކަމުގެ ސަބަބުން އެކި ދުރުމިނުގައި ހުންނަ ތަކެތި ސާފުކަމާއެކު ފެނުމަށް ލޮލަށް އެހީތެރިކަން ލިބިގެންދާނެ ކަމެކެވެ.

ލޮލުގެ ލެންސް އުފެދިގެންއައުން

ފުރިހަމަވެފައިވާ ލެންސް އުފެދިގެން އަންނަނީ "އެކްޓޯޑާރމް"(Ectoderm) އިންނެވެ. އެކްޓޯޑާރމް އަކީ އިންސާނާ މައިމީހާގެ ބަނޑުގައި އަށަގަތުމަށްފަހު ހަށިގަނޑުގެ ގުނަވަންތައް އުފެދިގެން ފަށަލަ ތަކުގެ ތެރެއިން އެންމެ ބޭރުގައިވާ ފަށަލަ އެވެ. މިމަރުހަލާގައި ދެން އިންނަ ދެފަށަލައަކީ  މެދުގައިވާ "މީސޯޑާރމް"(Mesoderm) ފަށަލަ އާއި އެންމެ އެތެރޭގައިވާ "އެންޑޯޑާރމް"(Endoderm) ފަށަލަ އެވެ. ލެންސް އުފެދިގެން އަންނަނީ ނާރީ ސެލޯށިތައް ނުވަތަ ނާރުތަކުގެ ނިޒާމު އުފެދުމުގެ ފުރަތަމަ ފިޔަވަޅުގައި އުފެދޭ "ނިއުރޯއެކްޓޯޑާރމް"(Neuroectoderm) އާއި ގުޅިގެންނެވެ. މައިމީހާގެ ބަނޑުގައި ތުއްތު ދަރިފުޅު އަށަގަނެ ގުނަވަންތައް އުފެދެން ފަށާއިރު ނިއުރޯއެކްޓޯޑާރމް އިން އުފެދޭ "ޑާއިއެންކެފަލޯން"(Diencephalon) އިން ބޭރަށް ނިކުމެފައިވާ ދެ ފުއްޕުމެއް ނުވަތަ ނުކުތުމެއް(outpouchings) އުފެދެއެވެ. މިފުއްޕުމަށް ނުވަތަ ނުކުމެފައިވާ ނުކުތުމަށް ކިޔަނީ "އޮޕްޓިކް ވެސިކްލް"(Optic vesicles) އެވެ. އޮޕްޓިކް ވެސިކްލް  ސަތުހީ އެކްޓޯޑާރމްގައި ޖެހުމުން ލެންސްގެ ޅަ ސެލްތައް ނުވަތަ ފުރިހަމަނުވާ ދިރުތައް (immature lenticular cells)  އުފެދުމަށް މަގުފަހި ވެއެވެ. ލެންސްގެ ޅަ ސެލްތައް ނުވަތަ ފުރިހަމަ ނުވާ ސެލްތައް ބޯވެ، "ލެންސް ޕްލަކޯޑް"(lens placode) އުފެދޭގޮތް ވެއެވެ. ލެންސް ޕްލަކޯޑް އަކީ އެކްޓޯޑާރމް އިން ބޯވެގެންދާ ބައެކެވެ. އަދި މިއީ ލެންސްގެ "ޕްރިކާރސަރ"(Precursor) އެކެވެ.

އެއަށްފަހު އޮޕްޓިކް ވެސިކްލް އެތެރެއަށް ޖެހި، ފުންވަޅުކޮޅެއް ފަދަ ތަނެއް، ލެންސް ޕްލަކޯޑް ގެ މައްޗަށްވާގޮތަށް އުފެދެއެވެ. މިތަނަށް ކިޔަނީ "ލެންސް ޕިޓް" އެވެ. މިޕޮއިންޓްގައި ލެންސް ވެސިކްލް އެކުލެވިގެންވާނީ  ބޭރުން ލެވިފައިވާ ތުނި ދުލިފަށަލައަކުން(basement membrane) ނިވާކުރެވިފައިވާ ނުވަތަ ފޮރުވިފައިވާ(enveloped) ހަމަ އެންމެ ދިރު ފަށަލަ އެއްގެ މައްޗަށެވެ. މިބުނި ތުނި ދުލިފަށަލައިން މަޑުމަޑުން "ލެންސް ކެޕްސޫލް"(lens capsule) އުފެދިގެން އަންނާނެ އެވެ. ލެންސް ވެސިކްލް ގެ ސެލްތައް ދުލިފަށަލައަިން ނިވާކުރެވިފައިވާ ހާލަތުގައި ލެންސް ވެސިކްލްގެ ފަހަތު ކޮޅުގައި ހުންނަ ދިރުތައް ކުރިމައްޗަށްޖެހި ނުވަތަ ދެމިގޮސް، ''އިބްތިދާއީ ލެންސް ފައިބަރު"ތައް(primary lens fibers) އުފެދިގެން ދެއެވެ.

ލެންސް ވެސިކްލް ގެ ކުރިމަތީ ބައިގައިވާ ދިރުތައް ލެންސްގެ ބަތާނައިގެ ސެލްތަކަށް ބަދަލުވާއިރު، އިބްތިދާއީ ލެންސް ފައިބަރުތައް ގުޅިގެން ''އެމްބްރިޔޯނިކް ނިއުކްލިއަސް(embryonic neucleus) އުފެދެއެވެ. އެއާއި ވިދިގެން "ސާނަވީ ލެންސް ފައިބަރުތައް"(secondary lens fibers) ލެންސްގެ ބަތާނައިގެ ދިރުތަކުން(epithelial cells) ނިކުމެ ދެމިގޮސް، "ފީޓަލް ނިއުކްލިއަސް"(fetal neucleus) އުފެދެއެވެ. އެއަށްފަހު ބައިވަރު ފަށަލަތަކެއް އުފެދިގެންދާގޮތް ވެއެވެ.

ބަނޑުގައި ކުޑަދަރިފުޅު ހެދިބޮޑުވަމުންދާ ދިއުމުގެ ތެރޭގައި ސާނަވީ ލެންސް ފައިބަރުތައް މެދުން ފެށިގެން ދެއަތަށް ދެމިގޮސް ފަހަތުންނާއި، ކުރިމަތިން އައިސް ބައްދަލުވެ، "Y    " ބައްޓަމަށް އިންނަ "ސޫޗަރ"(suture) އެއް އުފެދެއެވެ. އޭގެ ފަހުން ސާނަވީ ލެންސް ފައިބަރުތައް ހެދިބޮޑުވެ،އާ ލެންސް ފައިބަރު ފަށަލަތަކާއެކު "އެޑަލްޓް ނިއުކްލިއަސް"(adult nucleus) އުފެދި، އާޚިރުގައި ލެންސްގެ ކޯޓެކްސް އުފެދިގެންދެއެވެ.

ލެންސް ހެދިބޮޑުވަމުން އަންނަ އައުމުގައި ލެންސްގެ ނިއުކްލިއަސްގެ ވަށައިގެންވާ ލޭއެކުލެވޭ "ޓިއުނިކާ ވެސްކިޔުލޯސާ ލެންޓިސް" (tunica vasculosa lentis)އިން "ގުރޯތު ފެކްޓަރ"ތައް(growth factors) ފޯރުވައިދޭއިރު، "ހައިއެލޮއިޑް އާޓަރީ"(Hyaloid artery) އިން ލެންސް އަށް ބޭނުންވާ ކާނާ ފޯރުކޮށްދެއެވެ. ނަމަވެސް އުފަންވުމުގެ ކުރިން މިދެންނެވި ލޭއެކުލެވޭ އޮނިގަނޑު ފޭދިގޮސް، ލޭއެކުނުލެވޭ އެއްޗެއްގެ ސިފަޔަށް ނުވަތަ ލެންސް އަކަށް  ބަދަލުވެއެވެ.

ލެންސްގެ ހިސްޓޮލޮޖީ

ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު ލެންސް އުފެދިފައިވަނީ މައިގަނޑު 4 އޮނިގަނޑެއްގެ މައްޗަށެވެ. އެއީ ކެޕްސޫލް، ބަތާނަ ނުވަތަ ބަތާނަފަށް، ކޯޓެކްސް، އަދި ނިއުކްލިއަސް އެވެ. ކެޕްސޫލް އަކީ ޓައިޕް VI ކޮލަޖަން ފައިބަރު އެކުލެވިގެންވާ ބޭސްމެންޓް މެންބްރޭން އެކެވެ. މިއީ ސާފުކޮށް އިންނަ، ސެލް އެއް އެކުނުލެވޭ ބައެކެވެ. ލެންސް އޭގެ މަގާމުގައި ހިފެހެއްޓިފައިވަނީ "ޒޮނިޔޫލް ފައިބަރު"(Zonule fibers) ތަކުންނެވެ. މިއިލާސްޓިކް ފައިބަރުތައް އުފެދިގެން ނުވަތަ ފެށިގެން އަންނަނީ "ސިލިއަރީ ބޮޑީ"ގެ ބަތާނަ ފަށަލަ އިންނެވެ. އަދި މި ޒޮނިޔޫލް ފައިބަރުތައް ކެޕްސޫލްގެ ބޭރު ފަށަލައާއި ގުޅިފައިވެއެވެ.

ލެންސްގެ ބަތާނަ ފަށުގައި ނުވަތަ ބަތާނައިގައި ހަރަކާތްތެރި ދިރުތައް ހުރެއެވެ. މިދިރުތައް ދެމިގޮސް ތަފާތު ބަދަލުތައް (މިސާލަކަށް ދިރުތަކުގެ އެތެރޭގެ ޕްރޮޓީން އިތުރުވުން، ދިރުތަކުގެ އެތެރޭގައި ހުންނަ ކުދިކުދި ދިރުންތައް ނެތިދިއުން) އާދެއެވެ. މިދިރުތައް ތަރުތީބުކުރެވިފައިވަނީ ކުރިމަތީ ކެޕްސޫލް (ކެފްސޫލްގެ ކުރިމަތީބައިގެ)ގެ ފަހަތުބައިގައި އެއް ފަށަލައަކަށް ވާގޮތަށެވެ. ބަތާނަަފަށަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ލެންސްގެ ކޯޓެކްސް އަދި ނިއުކްލިއަސް ގެ ފައިބަރު ފަށަލަތައް އުފެދިގެން ދެއެވެ.

ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު ކޯޓެކްސް އާއި ނިއުކްލިއަސްގެ މާބޮޑު ފަރަގެއް ނުހުރެއެވެ. ފާހަގަކުރެވޭ މައިގަނޑު އެއް ފަރަގަކީ ކުރީގެ ފައިބަރުތައް ކޯޓެކްސް އަދި ނިއުކްލިއަސް ގައި ވެސް އޭގެ މެދުގައި ޖަމާވެފައި ހުރުމެވެ. ކޯޓެކްސް އަދި ނިއުކްލިއަސް ގައި ވެސް އެއްވެސް ކަހަލަ "އޯގަނެލްސް"(organelles) އެއް ނުހުރުމުގެ ސަބަބުން އެދެބަޔަކީ އަލިފޮނުވުމަށް ނުވަތަ އަލިހުރަސްކޮށް ދިއުމަށް ރަނގަޅު ނުވަތަ އެކަށޭނަ ވަޞީލަތަކަށް ވެގެންދެއެވެ.

ލެންސްގެ ވަޒީފާ ނުވަތަ ލެންސް އިން ފުރިހަމަކޮށްދޭ މަސައްކަތްތައް

·         ލެންސްގެ ސާފުކަން ދެމެހެއްޓުން

·         ލޮލަށްއެޅޭ އަލީގެ ދޯދިތައް ރިފެރިކުރުން (Refraction) : ލޮލަށް ލިބިފައިވާ ރިފެރިކުރުމުުގެ ބާރުގެ 1/3 ފޯރުކޮށްދެނީ ލޮލުގެ ލެންސް އިންނެވެ. ލޮލުގެ ލެންސް ގެ މަސައްކަތަކީ ލޮލަށް އެޅޭ އަލީގެ ދޯދިތައް ނުވަތަ ލޮލަށް ފެންނަ މަންޒަރު (ތަސްވީރު) ތައް ލޮލުގެ ފަހަތުގައިވާ ލޮލުގެ އަލިދުއްޔަށް ފޯކަސް ކުރުވުމެވެ. ނުވަތަ އަމާޒުކުރުވުމެވެ. ނުވަތަ ރިފެރިކުރުވުމެވެ.

·         ލޮލަށް ފެންނަ މަންޒަރާއި ދިމާވާ ޙާލަތަށް ރިޢާޔަތްކޮށް ލެންސްގެ ބައްޓަން ބަދަލުކުރުވުން : މިގޮތަށް ބައްޓަން ބަދަލުކުރެވެނީ އެޔަށް ލިބިފައިވާ އެކި ފަރާތަށް ލެނބިހެދުމުގެ ގާބިލިއްޔަތު(elasticity) ގެ ސަބަބުންނެވެ.

·         ލޮލުގެ ލެންސް އަކީ ލޮލަށް ވަންނަ އިރުގެ އަލީގެ ދޯދިތަކުން ލޮލުގެ އެތެރޭގައިވާ ލޮލުގެ އަލިދުލި ރައްކާތެރިކޮށްދޭ އެއްޗެކެވެ. ސަބަބަކީ ލޮލަށް ވަންނަ އިރުގެ އަލީގެ ދޯދިތައް ލޮލުގެ ލެންސް އަށް ދަމާތީ އެވެ. އަދި މިގޮތަށް ލެންސް އަށް މިދޯދިތައް ދެމުމުން، އެދޯދިތަކުން ލިބޭ ގެއްލުމުން އެތެރޭގައި ލޮލުގެ އަލިދުލި ފަދަ ބައިތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދެއެވެ.

ހަވާލާ

·         https://www.britannica.com/science/human-eye/The-retina

·         https://www.britannica.com/science/lens-eye-structure

·         https://webvision.med.utah.edu/book/part-xvi-anterior-segment/crystalline-lens-and-cataract/

·         https://www.aao.org/bcscsnippetdetail.aspx?id=f38d473f-c836-4fe6-8555-20d34ce19816

·         https://www.bartleby.com/107/226.html

ނޯޓް : މިލިޔުމަކީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

 

 

 

  

No comments:

Post a Comment