މަލްޓިސިސްޓަމް
އިންފްލެމޭޓަރީ ސިންޑްރޯމް
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް(multisystem inflammatory syndrome) އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް
ޖެހިދާނެ ބައްޔެކެވެ. މިއީ ކޮވިޑް 19 އާއި ގުޅިގެން ވަރަށް މަދުން ނަމަވެސް
ކުރިމަތިވެދާނެ ނުރައްކާތެރި ބައްޔެކެވެ. މިބަލީގެ ސަބަބުން އިންސާނާގެ
ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ، ހިތް، ފުއްޕާމޭ، ސިކުނޑި، ގުރުދާ، ލޯ، ހަން،
އަދި އެތެރެހަށީގެ(ހަޖަމުކުރާ ނިޒާމު)ގެ ގުނަވަންތަކަށް ދުޅަވުން (އިންފްލެމޭޝަން)
ކުރިމަތިކުރުވައެވެ. (ސީޑީސީ،2020). ދިވެހި ރާއްޖެއިން ވެސް މަދުން ނަމަވެސް
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވާ ކުދިން ފެނިފައިވާކަން
ފާހަގަ ކުރެވެއެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)
އިން ހާމަކުރާގޮތުންނަމަ، މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް
ކުޑަކުއްޖަކަށް ޖެހުން (MIS-C)
ކަމުގައި ބަލަނީ އުމުރުން 21 އަހަރުން ދަށުގެ ފަރާތަކަށް މިބަލި ޖެހިއްޖެނަމަ
އެވެ. އަދި އުމުރުން 21 އަހަރުން މަތީގެ ފަރާތަކަށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ
ސިންޑްރޯމް ޖެހިއްޖެނަމަ ބަލަނީ އެއީ ބޮޑު މީހަކަށް މިބަލިޖެހުން(MIS-A) ކަމުގައެވެ. (ސީޑީސީ،2020).
ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންނަށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހުން އިތުރުކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބަލީގައި އިތުރަށް ފުރާނައަށް ނުރައްކާވެ، ގޯސްވާ މިންވަރު ބޮޑެތި މީހުންގެ މެދުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ދިމާވަނީ ބޮޑެތި މީހުންގެ ތެރޭގައި ދާއިމަށް ނުވަތަ ދިގުމުއްދަތަކަށް ބޭސްކާންޖެހޭ ބަލިތައް ހުރުމުގެ ފުރުޞަތު ބޮޑުވުމާއި، ދިފާޢީ ބާރު ދަށްވާތީ އެވެ. (ސީޑީސީ،2020).
މަލްޓިސިސްޓަމް އިންފްލެމޭޓަރީ
ސިންޑްރޯމް އިން ޗިލްޑްރަން (MIS-C)
ކުޑަކުދިންނަށް ކުރިމަތިވާ މަލްޓިސިސްޓަމް
އިންފްލެމޭޓަރީ ސިންޑްރޯމް (މިސްކް) އަކީ ހަށިގަނޑުގެ ބައިތަކުގެ ތެރޭގައި ނޫނީ
ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ، ހިތް، ފުއްޕާމޭ، ސިކުނޑި، ގުރުދާ، ލޯ، ހަން،
އަދި އެތެރެހަށީގެ(ހަޖަމުކުރާ ނިޒާމު)ގެ ގުނަވަންތަކަށް ދުޅަވުން (އިންފްލެމޭޝަން)
ކުރިމަތިކުރުވާ ޞިއްޙީ ޙާލަތެކެވެ. މިސްކް ކުރިމަތިވާ ވަކި ސަބަބެއް އަދި
ހޯދިފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް 19 ޖެހިފައިވާ ދުވަސްވަރު، ނޫނީ ކޮވިޑް 19
ޖެހި ރަނގަޅުވުމަށްފަހު ވެސް ކުޑަކުދިންގެ ފުށުން މަލްޓިސިސްޓަމް އިންފްލެމޭޓަރީ
ސިންޑްރޯމްގެ އަލާމާތްތައް ފެންނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މިއީ
ކުޑަކުދިންނަށް ކޮވިޑް 19 ޖެހުމާއި ގުޅިގެން މަދުން ނަމަވެސް ދިމާވެދާނެ
ނުރައްކާތެރި ހާލަތެކެވެ. (ސީޑީސީ،2020).
ހަދާންކުރަންވީ "މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް
އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫންކަމެވެ. ނަމަވެސް ގައިންގަޔަށްއަރާ ބައްޔަކީ
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހުމަށް މެދުވެރިވެދާ ކޮވިޑް 19
ކަމެވެ. އެހެންކަމުން މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހޭ މިންވަރު
މަދުކުރަން ބޭނުންނަމަ ، ހަގީގަތުގައި މަދުކުރަންޖެހެނީ ކޮވިޑް 19 ޖެހޭ
މިންވަރެވެ. އަދި ކޮވިޑް 19 ޖެހި ރަނގަޅުވުމަށް ފަހު 4 ހަފްތާވަރު ވަންދެން
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްގެ އަލާމާތްތައް ފެންނަމުންދޭތޯ ބަލަމުން
ގެންދަންވާނެއެވެ. ޚާއްޞަކޮށް ކޮވިޑް 19 ޖެހި ރަނގަޅުވުމަށްފަހު ހުންގަދަވެ،
އިތުރު އަލާމާތްތައް ފެންނަ ކަމުގައިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް
ދައްކަންވާނެއެވެ" (ޑރ އަހުމަދު ފައިޞަލް،ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ
ޑޮކްޓަރ، އައިޖީއެމްއެޗް)
މަލްޓިސިސްޓަމް އިންފްލެމޭޓަރީ
ސިންޑްރޯމް އިން އެޑަލްޓްސް (MIS-A)
ކުޑަކުދިންނެކޭ އެއްފަދައިން ބޮޑެތި މީހުންނަށް
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހުމުން ހަށިގަނޑުގެ ތަފާތު
ގުނަވަންތަކަށް އަސަރުކުރުމަކީ ދިމާވާ ގޮތެކެވެ. އެގޮތުން ކުޑަކުދިންނެކޭ
އެއްފަދައިން ބޮޑެތި މީހުންނަށް ވެސް ހަށިގަނޑުގެ ބައިތަކުގެ ތެރޭގައި ނޫނީ
ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ، ހިތް، ފުއްޕާމޭ، ސިކުނޑި، ގުރުދާ، ލޯ، ހަން،
އަދި އެތެރެހަށީގެ(ހަޖަމުކުރާ ނިޒާމު)ގެ ގުނަވަންތަކަށް ދުޅަވުން (އިންފްލެމޭޝަން)
މިބަލީގެ ސަބަބުން ކުރިމަތިކުރުވައެވެ. ބޮޑެތި މީހުންނަށް ވެސް ކޮވިޑް 19
ޖެހުމަށްފަހު މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ކުރިމަތިވުމަކީ
އެކަށީގެންވާ ކަމެކެވެ.
ސަބަބު
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް
ކުރިމަތިވާ ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް 19
ޖެހުމަށްފަހު ކުރިމަތިވާ އިތުރު ނުރައްކަލެއްގެ ގޮތުގައި ބޮޑެތި މީހުންނާއި،
ކުޑަކުދިންގެ ފުށުން މިބަލީގެ އަލާމާތްތައް ފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހޭ ގިނަ ކުޑަކުދިންގެ ކިބައިން ޓެސްޓު
ހަދާއިރު ކޮވިޑް 19 އެންޓިބޮޑީޒް ޓެސްޓު ޕޮޒިޓިވްކަމަށް ދައްކައެވެ.
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަށް
މަގުފަހިކުރާ ވަކި ކަންތައްތަކެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް
އެމެރިކާގައި އެއްކުރެވިފައިވާ މައުލޫމާތު ތަކަށް ބަލާއިރު އެހެން
ނަސްލުތަކަށްވުރެ ބޮޑަށް ކަޅު ނަސްލުގެ ކުޑަކުދިންނަށް މަލްޓިސިސްޓަމް
އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. އަދި އެންމެ
އާންމުކޮށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވަނީ އުމުރުން 12- 3
އަހަރާއި ދެމެދުގެ ކުދިންނަށްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ވަރަށް ތުއްތު
ކުދިންގެ ފުށުން އަދި އުމުރުން 12 އަހަރަށްވުރެ ދޮށީ ކުދިންނަށް ވެސް
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ.
އަލާމާތްތައް
ބޮޑުމީހަކަށް ނުވަތަ ކުޑަކުއްޖަކަށް ވިޔަސް، މަލްޓިސިސްޓަމް
އިންފްލެމޭޓަރީ ސިންޑްރޯމް ކުރިމަތިވެއްޖެނަމަ ގަދަޔަށް ހުން އައުމުގެ (ހުން
40-39ޑިގްރީ ސެލްޒިޔަސް) އިތުރުން ( އާންމު ގޮތެއްގައި ހުން 24 ގަޑިއިރަށް ނޫނީ 3
ދުވަހަށްވުރެ ދިގުލައިދިއުން) ތިރީގައިވާ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް،
ނޫނީ އަލާމާތްތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
·
ބަނޑުގައި ރިހުން
·
ލޮލަށް ލޭއެރުން ނުވަތަ ލޯރަތްވުން
·
މޭގައި ރިހުން / މެޔަށްބާރުވެ ވާންވުން
·
ބޭރަށް ހިންގުން
·
އާދަޔާ ޚިލާފަށް ވަރުބަލިކަން އިހުސާސްވުން ނޫނީ ވަރަށް ބޮޑަށް ވަރުބަލިވުން
·
ބޮލުގައި ރިހުން ، ބޯއެނބުރުން
·
ކަދުރާގައި ރިހުން
·
ކަރުގައި ރިއްސާ ގުޑާ ނުލެވޭ ވަރަށް ތަދުވުން
·
އުކުޅުވަޅުގައި ރިހުން ، އުރަވަޅީގައި ރިހުން
·
ގައިން ބިހިނެގުން
·
ހޮޑުލުން
·
ލޭގެ ޕްރެޝަރު ދަށްވުން
·
ހިތުގެ ވިންދު އަވަސްވުން
·
ފުންކޮށް އަވަސްއަވަހަށް ނޭވާލުން
·
ތުންފަތާއި، ދޫ ރަތްވުން ނޫނީ ދުޅަވުން
·
އަތް، ފައި ރަތްވުން ނޫނީ ދުޅަވުން
·
ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުން
ކޮވިޑް ޖެހިގެން ނޫނީ އެހެން ގޮތަކުން ނަމަވެސް މަލްޓިސިސްޓަމް
އިންފްލެމޭޓަރީ ސިންޑްރޯމް ކުރިމަތިވާ ހުރިހާ ކުދިންނަށް މިހުރިހާ އަލާމާތްތަކެއް
ނޫނީ އެއްގޮތް އަލާމާތްތަކެއް ނުފެނުމަކީ ވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި
ގިނައިން މިއަލާމާތްތައް ފެންނަނީ ކޮވިޑް ޖެހި ރަނގަޅުވާތާ 2 ހަފްތާއެއް ހާ ދުވަސް
ފަހުންނެވެ. ނަމަވެސް ކޮވިޑް 19 ޖެހިގެން އުޅޭ ދުވަސްވަރު ވެސް މިބަލީގެ
އަލާމާތްތައް ފެނިގެން ދިއުމަކީ ގާތް ކަމެކެވެ.
ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ
(އަވަސް ފަރުވާ ހޯދަންޖެހޭ) ހާލަތްތައް
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހުމުގެ
ސަބަބުން އަންނަނިވި އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަކީ
މުހިއްމު ކަމެކެވެ.
·
ވަރަށް ބޮޑަށް (ކެތްނުވާވަރަށް ) ބަނޑުގައި ރިހުން
·
ނޭވާކުރުވެ، ނޭވާލާން އުދަނގޫވުން
·
މެދުކެނޑުމެއްނެތި މޭގައި ރިއްސައި މެޔަށް ބާރުވެ، ވާންވެ ފިތުން
·
ކުއްލިއަކަށް ހޭވެރިކަމަށް ބަދަލުއައިސް ވާނުވާ ނުވަތަ ތަންދޮރު ވަކިކުރަން
ނޭނގުން
·
ނިދިބުރަކައި ތާއްޔަށްޖެހުން އަދި ހޭވެރިކަންމަތީ ދެމިހުރުމަށް (ހޭލާ
ސަމާލުވެހުރުމަށް) އުނދަގޫވުން
·
ހަމުގެ ކުލަ، ނިޔަފަތީގެ ދަށް ، ހުދުވުން، ނޫނީ އަޅިކުލަ ނުވަތަ ދަބުކުލައަށް ބަދަލުވުން
ދެނެގަތުން
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހޭ
ކުދިންނާއި، މީހުންގެ ކޮވިޑް 19 ގެ އެންޓި ބޮޑީޒް ޓެސްޓު ހަދާއިރު ކޮވިޑް 19
އެންޓި ބޮޑީޒް ޓެސްޓު ޕޮޒިޓިވްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބައެއް ފަހަރު
ކަރަންޓް އިންފެކްޝަން އަށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް
ނެގެޓިވްވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ކޮވިޑް 19 އެންޓި ބޮޑީޒް ޓެސްޓު ޕޮޒިޓިވްވުމުގެ
މާނައަކީ ކޮވިޑް 19 އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ހަށިދަނަމަ
ނުވަތަ އެންޓި ބޮޑީޒް ބަލިޖެހުނު (ކޮވިޑް 19 ޖެހުނު) މީހާގެ ހަށިގަނޑުގައި
އުފެދިފައިވުމެވެ. އެހެން ކަމުން ބަލީގެ އަލާމާތެއް ނުފެނި، ނޭނގި ނަމަވެސް ކޮވިޑް
19 ކުރިން ޖެހި ރަނގަޅުވެފައިވާނަމަ، އެންޓި ބޮޑީޒް ޓެސްޓު ޕޮޒިޓިވް ކަމަށް
ދައްކާނެ އެވެ.
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް
ޖެހިފައިވާކަން ދެނެގަތުމަށްޓަކައި މަތީގައި ބަޔާންކުރެވުނު އެންޓި ބޮޑީޒް
ޓެސްޓުގެ އިތުރުން އަންނަނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.
·
ލެބޯޓަރީ ޓެސްޓުތައް : ލޭގެ ޓެސްޓުހެދުން / ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން
·
އިމޭޖިންގ ޓެސްޓުތައް ހެދުން :
o މޭގެ އެކްސްރޭ ނެގުން
o ހިތުގެ ސްކޭން (އީކޯކާޑިއޯގްރާމް)
ހެދުން
o ބަނޑުގެ ސްކޭން ހެދުން
o ސީޓީ ސްކޭން ހެދުން
·
އެހެނިހެން ޓެސްޓުތައް
ފަރުވާ
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަށް
ފަރުވާކުރުމުގެ ގޮތުން އެމީހަކަށް ނޫނީ އެކުއްޖަކަށް ކުރިމަތިވެފައިވާ
އުނދަގޫތަކަށް ރިއާޔަތްކޮށް ފަރުވާ ކުރުމަކީ (މިސާލަކަށް ތަފާތު ބޭސްތައް/ އައިވީ
ފުލުއިޑް ބޭނުންކުރުން ) އެކަށީގެންވާ ކަމެކެވެ. އަދި އިންފްލެމޭޝަން އަށް
ފަރުވާކުރުމަށް ތަފާތު ބޭސްތައް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މަލްޓިސިސްޓަމް
އިންފްލެމޭޓަރީ ސިންޑްރޯމް ޖެހޭ ގިނަ ކުދިންނަށް ފަރުވާ ކުރަންޖެހެނީ ހަސްފަތާލުގައި
އެދުމަތިކޮށްގެންނެވެ. އަދި ބައެއް ކުދިންނަށް އައިސީޔޫގައި ފަރުވާދޭންޖެހުމަކީ
ވެސް އެކަށީގެންވާ ކަމެކެވެ.
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަށް
ފަރުވާކުރުމުގައި މައިގަނޑު ގޮތެއްގައި ފޯރުކޮށްދެވެނީ "ސަޕޯޓިވް ކެއަރ"
އަދި ބައްޔާއި ގުޅިގެން އުފެދޭ ދުޅަ ނޫނީ އިންފްލެމޭޝަން ކުޑަކުރުމަށް ދެވޭ ފަރުވާ
އެވެ.
"ސަޕޯޓިވް ކެއަރ" ގެ ގޮތުގައި ކުރެވޭ
ކަންތައްތައް ތިރީގައި މިވަނީ އެވެ.
·
ދިޔާތަކެތި ދިނުން ނުވަތަ އައިވީ ފުލުއިޑް ދިނުން
·
އޮކްސިޖަން ފޯރުކޮށްދިނުން
·
ލޭގެ ޕްރެޝަރ ރަނގަޅުކުރުމަށް ( މާބޮޑަށް ދަށްވެފައިވާނަމަ) ބޭސް ދިނުން
·
ވެންޓިލޭޓަރަށްލުން
·
ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު ކުޑަކުރުމަށް ލޭދިޔާކުރާ ބޭސް ދިނުން
ބައްޔާއި ގުޅިގެން އުފެދޭ ދުޅައާއި އިންފްލެމޭޝަން
ކުޑަކުރުމަށް ދީއުޅޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
އެންޓިބަޔޮޓިކް ދިނުން
·
ސްޓީރޮއިޑް ދިނުން
·
އައިވީ އިމިޔުނޯގްލޯބިޔުލިން ދިނުން
ރައްކާތެރިވުން
މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަކީ
ކޮވިޑް 19 ޖެހުމަށްފަހު ކުރިމަތިވެދާނެ ޞިއްޙީ މައްސަލައަކަށްވުމުން މިވަގުތު
މިބަލިން ރައްކާތެރިވުމަށްޓަކައި، ކޮވިޑް 19 ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ
ފިޔަވަޅުތައް އަޅައި، އަމަލުކުރަންޖެހޭ އުސޫލުތަކަށް ތަބާވެ، އެގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން
ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.
·
މާސްކުއެޅުން
·
ގިނަގިނައިން އަތްދޮވުމާއި، އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުން
·
ގައިދުރުކަން ބެހެއްޓުން
·
އަނގަޔާއި، ނޭފަތާއި، ލޮލަށް އަތްލުމުން ދުރުހެލިވުން
·
ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެނޫޅުން
·
ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި، ނޭފަތް ނިވާކުރުން
·
ގޭތެރޭގައި ގިނައިން އަތްލާންޖެހޭ ތަންތަނާއި، ހިފައިގެންގުޅޭ ތަކެތި ކޮންމެ
ދުވަހަކު ސާފުކުރުން
·
ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިންޖެހުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ރިފަރެންސް
·
https://www.cdc.gov/mis/mis-c.html
·
https://www.cdc.gov/mis/about.html
·
https://www.mayoclinic.org/diseases-conditions/mis-c-in-kids-covid-19/symptoms-causes/syc-20502550
No comments:
Post a Comment