ގުލަކޯމާ
ގުލަކޯމާ(Glaucoma) އަކީ ވަރަށް އާންމު ލޮލުގެ ބައްޔެކެވެ. މިއީ
ސިކުނޑިއާއި ލޯ ގުޅުވައިދޭ ލޮލުގެ މައިނާރު(optic nerve) ހަލާކުވާ ލޮލުގެ ބައްޔެކެވެ. މިއީ އާންމު
ގޮތެއްގައި ލޮލުގެ ކުރިމަތީ ބައިގައި ދިޔާތަކެތި ޖަމާވުމުގެ ސަބަބުން ލޮލުގެ
އެތެރޭގެ ޕްރެޝަރު މަތިކުރާ ބައްޔެކެވެ. ލޮލުގެ މައިނާރު ހަލާކުވަނީ ލޮލުގެ
ޕްރެޝަރު މަތިވުމުގެ ސަބަބުންނެވެ. މިއީ ދުރާލާ ދެނެގަނެ ފަރުވާނުކުރެވިއްޖެނަމަ
ލޮލުގެ ފެނުން ގެއްލިގެން ހިނގައިދާނެ ބައްޔެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް
ވެސް ގުލަކޯމާ ޖެހިދާނެއެވެ. ނަމަވެސް އެންމެ އާންމުކޮށް ގުލަކޯމާ ކުރިމަތިވަނީ
އުމުރުން ދުވަސްވީ މީހުންނަށެވެ. އުމުރުން 60 އަހަރުން މަތީގެ މީހުންނަށް
ލޯއަނދިރިވުން ކުރިމަތިކުރުވާ މައިގަނޑު ސަބަބަކީ ގުލަކޯމާ ކަން ފާހަގަ
ކުރެވެއެވެ.
ގިނަ ވައްތަރުތަކުގެ
ގުލަކޯމާގައި ދުރާލާ ދެނެގަނެވޭނެ އިންޒާރުގެ ނިޝާންތަކެއް ފާހަގަވާކަން
ނުހުރެއެވެ. ގިނަ ފަހަރު އަލާމާތްތައް މަޑުމަޑުން އިތުރުވަމުން އައިސް، ނުވަތަ
ލޮލަށް މަޑުމަޑުން ބަދަލު އައިސް އެނގޭއިރު ނުވަތަ ދެނެގަނެވޭއިރު ހުންނަނީ ލޮލުގެ
ހާލަތު ވަރަށް ބޮޑަށް ގޯސްވެފައެވެ.
ގުލަކޯމާ އާއި ގުޅިގެން ކުރިމަތިވެދާނެ ލޯއަނދިރިވުމަކީ ރަނގަޅުނުކުރެވޭނެ ކަމަކަށްވުމުން، ދުރާލާ ގަވާޢިދުން ލޮލުގެ ޑޮކްޓަރަށް ދައްކައިގެން ލޮލުގެ ޕްރެޝަރު ބަލައި، ލޮލުގެ ހާލަތު ބަލަމުން ގެންދިއުމަކީ ރަނގަޅު ގޮތެކެވެ. ދުރާލާ ދެނެގަނެވިއްޖެނަމަ، ގުލަކޯމާ އާއި ގުޅިގެން ކުރިމަތިވެދާނެ ލޯއަނދިރިވުން ކުރިމަތިވުން ލަސްކުރެވިދާނެ ނޫނީ އެއިން ރައްކާތެރިކުރެވިދާނެ އެވެ. ގުލަކޯމާ ހުރެއްޖެނަމަ މުޅި އުމުރަށް ވެސް ފަރުވާ ކުރަންޖެހިދާނެ އެވެ.
ސަބަބު
ގުލަކޯމާ
ކުރިމަތިވަނީ ލޮލުގެ މައިނާރަށް ގެއްލުންވުމުންނެވެ. ލޮލުގެ މައިނާރަށް
ގެއްލުންވެ، ބަދަލުތައް އަންނަ ވަރަކަށް ލޮލަށް ފެންނަ އިމު(visual field)ގެ ތެރޭގައި "ލޮލަށް ނުފެންނަ
ތަންކޮޅެއް"(blind
spot) އުފެދެން ފަށައެވެ. ލޮލުގެ މައިނާރަށް
ގެއްލުންވަނީ ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެގެންނެވެ.
ލޮލުން އަބަދު ވެސް
ވަކި އުސޫލަކުން ސާފު ދިޔަ އުފައްދައި ލޮލުގެ ތެރޭގައި ދައުރުކުރުވާނެ އެވެ.
މިގޮތަށް ދިޔަ އުފައްދާ ވަރަކަށް ލޮލުން ދިޔަ ބޭރުވެސް ވާންޖެހޭނެ އެވެ. ލޮލުގެ
ތެރޭގައި ހުންނަ ދިޔަ ދައުރުވެ، ބޭރުވަނީ ނޫނީ ހުސްވަނީ ލޮލުގެ ކަޅުކަޅިއާއި،
ލޮލުގެ ހާމަދުލި ގުޅޭ ކަނު(angle)ގައިވާ "ޓްރެބެކިޔުލަރ
މެޝްވޯކް"(trabecular
meshwork) ކިޔާ
ސެލޯއްޓެއް މެދުވެރިކޮށެވެ. ނުވަތަ މިބުނި ކަނަށެވެ. މިގޮތަށް ލޮލުން ސާފު ދިޔަ
އުފައްދައި ދައުރުކުރާ ވަރަކަށް ލޮލުން ދިޔަ ބޭރުވެ ހުސްވެ ދިއުމަކީ ލޮލުގެ
އެތެރޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭނެ ކަމެކެވެ.
ލޮލުގެ ޕްރެޝަރު
މަތިވަނީ ލޮލުގެ ތެރޭގައި ދައުރުވެ ހުންނަ ސާފުދިޔަ ތައް ލޮލުން ބޭރުކުރުމަށް
ބުރޫއަރައި އެދިޔަތައް އެއްތާކަށް ޖަމާވާގޮތް ވުމުންނެވެ. ލޮލުގެ ތެރޭގައި ހުންނަ
ދިޔަ ދައުރުވެ، ބޭރުވަނީ ނޫނީ ހުސްވަނީ ލޮލުގެ ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭ
ކަނު(angle)ގައިވާ "ޓްރެބެކިޔުލަރ
މެޝްވޯކް"(trabecular
meshwork) ކިޔާ
ސެލޯއްޓެއް މެދުވެރިކޮށެވެ. ލޮލުގެ ތެރޭގައި މާގިނައިން ދިޔަ އުފެއްދުމުން ނޫނީ
ލޮލުގެ ތެރޭގައި ދައުރުވެ ހުންނަ ދިޔަ، އޭގެ އާންމު މިނުގައި ލޮލުން ބޭރުކުރުމަށް
ދަތިވުމުން، ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެގެން ދެއެވެ. ލޮލުގެ ޕްރެޝަރު
މަތިވުމުން ލޮލުގެ މައިނާރަށް ގެއްލުންވެއެވެ.
ލޮލުގެ މައިނާރަކީ
އެތައް މިލިޔަން ކުދި ނާރު ފައިބަރުތަކުން އުފެދިފައިވާ އެއްޗެކެވެ. އެއީ ބައިވަރު
ކަރަންޓް ނަރުތަކުން އުފެދިފައިވާ ކަރަންޓް ކޭބަލް އެއް ފަދަ އެއްޗެކެވެ. ލޮލުގެ
މައިނާރަށް ގެއްލުންވެ، ލޮލުގެ މައިނާރުގެ ތެރޭގައި ހިމެނޭ ކުދިކުދި ނާރުފައިބަރުތަކަށް
ގެއްލުންވުމުން ނުފެންނަ ތަންކޮޅެއް(blind
spot) ލޮލަށް
ފެންނަ އިމުގެ ތެރޭގައި އުފެދެއެވެ. ލޮލުގެ މައިނާރުގެ ތެރޭގައި ހިމެނޭ ގިނަ
ނާރުފައިބަރުތައް މަރުވެ ނުދަނީސް މިގޮތަށް އުފެދޭ ނުފެންނަ ތަންކޮޅެއް ފާހަގަނުވެ
ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތަށް ލޮލުގެ މައިނާރުގައި ހުންނަ ކުދިކުދި
ހުރިހާ ނާރު ފައިބަރުތައް މަރުވެއްޖެނަމަ ލޯއަނދިރިވުމަކީ އެކަށީގެންވާ ކަމެކެވެ.
ވަރަށް ގިނަ
ސަބަބުތަކާހުރެ ގުލަކޯމާ ކުރިމަތިވެދާނެ އެވެ. ނޫނީ ގުލަކޯމާއަށް މަގުފަހިކުރާ
ވަރަށް ގިނަ ކަންތައްތައް ހުރެދާނެ އެވެ.
(ހ) ލޮލުގެ
އެތެރޭގައި ޕްރެޝަރު މަތިވުން : މިގޮތަށް ދިމާވަނީ ލޮލުން ފެނާއި އެހެނިހެން މާއްދާތައް ބޭރުކުރުމަށް
ނުކުޅެދުމުންނެވެ. މިހެންވުމުން ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ލޮލުގެ
މައިނާރަށް ގެއްލުން ވެއެވެ.
(ށ) އުމުރު
: އުމުރުން
ދުވަސްވާވަރަކަށް ގުލަކޯމާ ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެއެވެ. ޚާއްޞަކޮށް
އުމުރުން 60- 40 އަހަރުވުމަށްފަހު ގުލަކޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ.
(ނ) ނަސްލު
: އެފްރިކާ، އޭޝިޔާ،
އަދި ކެރީބިއަން ގައުމުތަކުގެ މީހުންނަށް ގުލަކޯމާ ކުރިމަތިވުމުގެ ހިރާސް
އިތުރެވެ.
(ރ)
އާއިލާގެ ތެރޭގައި ދައުރުވަމުން އައުން : ޢާއިލާގެ މެންބަރަކަށް ގުލަކޯމާ ޖެހިފައިވުމަކީ އެއާއިލާގެ
އެހެން މެންބަރުންނަށް ގުލަކޯމާ ޖެހުމުގެ ހިރާސް އިތުރުކޮށްފާނެ ކަމެކެވެ. ލޮލުގެ
ޕްރެޝަރު މަތިވުމާއި، ލޮލުގެ މައިނާރަށް ގެއްލުންވުމަށް މަގުފަހިކުރާ ވިރާސީ
ބަހާއެއް ބައެއް މީހުންގެ ހަށިގަނޑުން ހޯދިފައި ވެއެވެ.
(ބ) ބައެއް
ކަހަލަ ބަލިތައް : މިސާލަކަށް
ހަކުރުބަލި، ހިތުގެބަލި، ލޭމައްޗަށްދިއުން، މައިގްރޭން، ސިކްލް ސެލް އެނީމިޔާ ފަދަ
ބަލިތައް ހުންނަ މީހުންނަށް ގުލަކޯމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
(ޅ)
އުފެދުމުގައި ލޮލުގެ ހާމަދުލީގެ މެދު ތުނިކޮށް ހުރުން
(ކ)
ލޮލުގެ ބައެއް ބަލިތައް : ކައިރި ރަނގަޅަށް ނުފެނުން، ދުރު ރަނގަޅަށް ނުފެނުން ފަދަ ލޮލުގެ މައްސަލަތަކުގެ ސަބަބުން ވެސް ގުލަކޯމާ
ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
(އ) ލޮލުގެ
އޮޕަރޭޝަނެއްކޮށްފައިވުން : ކުރިން ލޮލުގެ އޮޕަރޭޝަނެއް ކޮށްފައިވުން، ނުވަތަ ލޮލަށް އަނިޔާއެއް
ލިބިފައިވުމަކީ ގުލަކޯމާ އުފެދުމަށް މަގުފަހިވެދާނެ ކަމެކެވެ.
(ވ) ދިގުމުއްދަތަކަށް
ސްޓީރޮއިޑް ބޭނުންކުރުން : ސްޓީރޮއިޑް އެކުލެވޭ ލޮލަށް ޖައްސާ ތިކި ދިގުމުއްދަތަކަށް ބޭނުންކުރުމަކީ
ވެސް ގުލަކޯމާ ކުރިމަތިވުމަށް މަގުފަހިވެދާނެ ކަމެކެވެ.
ގުލަކޯމާގެ
ވައްތަރުތައް
ގުލަކޯމާގެ ވަރަށް
ގިނަ ވައްތަރުތައް ހުރެއެވެ.
(ހ)
ޕްރައިމަރީ (އޯޕަން) އޭންގަލް ގުލަކޯމާ (Primary (Open) Angle Glaucoma): މިއީ ގުލަކޯމާގެ އެންމެ
އާންމު ވައްތަރެވެ. މިއީ ވަރަށް ލަސްލަހުން، ކުރިމަތިވުމަށް އެތައް އަހަރެއް ވެސް
ނަގައިފާނެ ވައްތަރެކެވެ. މިއީ ލޮލުން ފެނާއި އެހެނިހެން މާއްދާތައް ބޭރުކޮށްދޭ
މަގު މަޑުމަޑުން ބެދެމުން ބެދެމުން ގޮސް ބެދުމުން ކުރިމަތިވެދާނެ ވައްތަރެކެވެ.
މިވައްތަރުގެ
ގުލަކޯމާގައި ލޮލުން ދިޔަ ބޭރުކޮށްދޭ ކަން (ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި
ގުޅޭކަން) އިންނާނީ ހުޅުވިފައެވެ. އެކަމަކު އެއެއްޗެއް މެދުވެރިވެގެން ލޮލުން
ދިޔަބޭރުކޮށްދޭ ސެލޯށި (ޓްރެބެކިޔުލަރ މެޝްވޯކް) ކޮންމެވެސް ވަރަކަށް ބެދޭގޮތް
ވެއެވެ. މިގޮތަށްވުމުން ލޮލުތެރޭގައި ދިޔަތައް ބޭރުނުވެ ހިފެހެއްޓޭގޮތް ވެއެވެ.
އަދި ލޮލުގެ ޕްރެޝަރު މަޑުމަޑުން މައްޗަށްދާ ގޮތް ވެއެވެ. މިގޮތަށް ލޮލުގެ
އެތެރޭގެ ޕްރެޝަރު މައްޗަށް ދިއުމުން ލޮލުގެ މައިނާރަށް ގެއްލުންވެއެވެ.
މިވައްތަރުގެ
ގުލަކޯމާގެ ސަބަބުން ލޮލުގައި ރިހުން ނުވަތަ ތަދު އިހުސާސެއް ނުވާނެ އެވެ. އަދި
ކުރީކޮޅު ލޮލުގެ ފެނުމަށް ބަދަލެއް ނާންނާނެ އެވެ. ބައެއް މީހުންގެ ލޮލުގެ
މައިނާރަކީ އާންމު ގޮތެއްގައި ލޮލުގެ ތެރޭގައި ހުންނަ ޕްރެޝަރަށް ވެސް ނާޒުކު
އެއްޗެކެވެ. އެހެންކަމުން މިފަދަ މީހުންނަށް ގުލަކޯމާ ކުރިމަތިވުމުގެ ހިރާސް
އިތުރުވެއެވެ.
(ށ)
އެކިޔުޓް އޭންގަލް ކްލޯޝަރ ގުލަކޯމާ (Acute
Angle Closure Glaucoma): މިވައްތަރަށް
"ކްލޯޒްޑް އޭންގަލް ގުލަކޯމާ"(Closed Angle Glaucoma) މިހެން ވެސް ކިޔައި އުޅެއެވެ. މިއީ
ލޮލުން ފެނާއި އެހެނިހެން މާއްދާތައް ބޭރުކޮށްދޭ މަގު ކުއްލިއަކަށް ބެދުމުން
ކުރިމަތިވެދާނެ ވައްތަރެކެވެ. އެކަމުގެ ސަބަބުން ކުއްލިއަކަށް ލޮލުގެ އެތެރޭގެ
ޕްރެޝަރު މަތިވުމަކީ ވެދާނެ ގޮތެކެވެ. މިއީ އެހާ ޢާންމު ވައްތަރެއް ނޫނެވެ.
މިވައްތަރުގެ
ގުލަކޯމާ ކުރިމަތިވަނީ ލޮލުގެ ކަޅުކަޅި، ކަނާއި ދިމާލުން ފުއްޕައި، ލޮލުން ދިޔަ
ބޭރުކޮށްދޭ ކަން (ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭކަން) ހަނިކޮށްލުމުންނެވެ.
ނުވަތަ ބައްދާލުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ތެރޭގައި ހުންނަ
ދިޔަތައް ބޭރުނުވެ، ލޮލުގެ ތެރޭގައި ހިފެހެއްޓި، ލޮލުގެ އެތެރޭގެ ޕްރެޝަރު
މައްޗަށްދާގޮތް ވެއެވެ. ބައެއް މީހުންގެ ގުދުރަތީގޮތުން ލޮލުން ދިޔަ ބޭރުކޮށްދޭ
ކަން ހަނިކޮށް ނޫނީ ހިމަކޮށް އުފެދިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ
ލޮލުގެ ކަޅުކަޅި ބަޔާންކުރެވުނު ލޮލުގެ އެތެރޭގެ ސާފުދިޔަތައް ބޭރުކޮށްދޭ ކަނާއި
މާގާތުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ކަޅުކަޅި އެކަނާއި
ކައިރީގައި ހުރިނަމަ ކަޅުކަޅިން، ކުރިން ބުނެވުނު ދިޔަ ބޭރުކޮށްދޭ ބައްދާލުމަކީ
ވެދާނެ ގޮތެކެވެ. މިފަދަ ހާލަތުގައި އެމީހަކަށް ކްލޯޒްޑް އޭންގަލް ގުލަކޯމާ
ކުރިމަތިވުމަކީ ގާތް ކަމެކެވެ. ލޮލުން ދިޔަ ބޭރުކޮށްދޭ ކަން އެއްކޮށް ބެދުމުން
ލޮލުގެ ޕްރެޝަރު ކުއްލިއަކަށް މަތިވެގެން ދެއެވެ. މިހާލަތަށް ކިޔަނީ
"އެކިޔުޓް އެޓޭކް"(acute
attack) އެވެ. އެކިޔުޓް
އެޓޭކް އަކީ އަވަސް ފަރުވާ ބޭނުންވާނެ ހާލަތެކެވެ.
ވަރަށް ގިނަ
މީހުންނަށް އޭންގަލް ކްލޯޝަރ ގުލަކޯމާ ކުރިމަތިވަނީ މަޑު މަޑުންނެވެ.
ލަސްލަހުންނެވެ. މިއީ ކްރޯނިކް އޭންގަލް ކްލޯޝަރ ގްލަކޯމާ(chronic angle closure glaucoma) އެވެ. މިހާލަތުގައި ކުރީކޮޅު އެއްވެސް
އަލާމާތެއް ނުފެންނާނެ އެވެ. ހުންނަކަން ފާހަގަވާނީ ވެސް އެކިޔުޓް އެޓޭކް އެއް
ކުރިމަތިވުމުންނެވެ. ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ މިއީ ލޯއަނދިރިވެދާނެ
ހާލަތެކެވެ.
(ނ)
ސެކަންޑަރީ ގުލަކޯމާ (Secondary
Glaucoma):
މިއީ ލޯދުޅަވުން ފަދަ
ލޮލުގެ މައްސަލައަކާއި ގުޅިގެން ކުރިމަތިވެދާނެ ގުލަކޯމާ އެވެ.
(ރ)
ކޮންޖެނިޓަލް ގުލަކޯމާ (Congenital
Glaucoma):
މިއީ އުފަންވާއިރު
ނޫނީ އުފެދުމުގައި ގުލަކޯމާ ކުރިމަތިވެފައި ވުމެވެ. މިއީ ޅަފަތުގައި ވަރަށް މަދުން
ނަމަވެސް ދިމާވެދާނެ ވައްތަރެކެވެ. މިވައްތަރުގެ ގުލަކޯމާ ކުރިމަތިވަނީ ލޮލުގައި
އުފެދުމުގައި ހުންނަ ޢައިބެއް ފަދަ ކަމެއްގެ ސަބަބުން ލޮލުން ދިޔަ ބޭރުކޮށްދޭ މަގު
ބެދުމުން ނޫނީ އެކަމަށް ހުރަސްއަޅާގޮތް ވުމުންނެވެ.
(ބ) ނޯމަލް
ޓެންޝަން ގުލަކޯމާ (Normal-Tension Glaucoma): މިވައްތަރުގެ ގުލަކޯމާގައި އާންމު ގޮތެއްގައި
ލޮލުގެ އެތެރޭގެ ޕްރެޝަރު ހުންނަނީ ހުންނަށްޖެހޭ މިންގަނޑުގެ ތެރޭގައެވެ. މިގޮތަށް
ހުރިނަމަވެސް މިވައްތަރުގެ ގުލަކޯމާގައި ލޮލުގެ މައިނާރަށް ގެއްލުންވާގޮތް ވެއެވެ.
މިގޮތަށް ދިމާވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ގުދުރަތީ ގޮތުން
އެމީހެއްގެ ލޮލުގެ މައިނާރަކީ ނާޒުކު އެއްޗަކަށްވުން، ލޮލުގެ މައިނާރަށް އެކަށޭނަ
ވަރަށް ލޭ ފޯރުވައިނުދެވުން ފަދަ ކަންކަމަކީ ލޮލުގެ މައިނާރަށް މިހާލަތުގައި
ގެއްލުން ކުރިމަތިކުރުވާ ކަންކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ލޮލުގެ
މައިނާރަށް އެކަށޭނަ ވަރަށް ލޭނުލިބެނީ ލޭހޮޅިތަކުގައި ނުވަތަ ލޭނާރުތަކުގައި ސަރުބީ ޖަމާވެ،ލޭގަނޑުވުން ކުރިމަތިވެގެން
ކަމަށް ވެދާނެ އެވެ.
(ޅ)
ޕިގްމެންޓަރީ ގުލަކޯމާ (Pigmentary
Glaucoma): މިވައްތަރުގެ ގުލަކޯމާގައި
ލޮލުގެ ކަޅުކަޅީގައި ހުންނަ "ޕިގްމެންޓަރީ ގްރެނިޔޫލްތައް"(pigmentary granules) ލޮލުން ދިޔަ ބޭރުކޮށްދޭ މަގުގައި
ޖަމާވެ، ލޮލުން ދިޔަތައް ބޭރުކުރުން ލަސްކޮށް،ނޫނީ ދިޔަތައް ބޭރުކުރުމަށް
ހުރަސްއަޅައެވެ. ދުވުން ފަދަ ކަންތައްތައް ކުރުމުން ބައެއް ފަހަރު މި ޕިގްމެންޓަރީ
ގްރެނިޔޫލްތައް ލޮލުގެ ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭ ކަނު(angle)ގައިވާ "ޓްރެބެކިޔުލަރ މެޝްވޯކް"(trabecular meshwork) ގައި ޖަމާވެ، ދޭތެރެ ދޭތެރެއިން
(އެގޮތަށް ޕިގްމެންޓަރީ ގްރެނިޔޫލްތައް ޓްރެބެކިޔުލަރ މެޝްވޯކްގައި ޖަމާވާ
ހާލަތްތަކުގައި) ލޮލުގެ ޕްރެޝަރު މައްޗަށްދާގޮތް މެދުވެރި ކުރުވައެވެ.
އަލާމާތްތައް
ގުލަކޯމާ
ކުރިމަތިވުމަށްފަހު ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުވަތަ އުދަނގުލެއް
ނުފެނިދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގުލަކޯމާ ކުރިމަތިވަމުން އަންނަނީ
މަޑުމަޑުން ލަސްލަހުންނެވެ. އެގޮތުން އެންމެ ފުރަތަމަ ލޮލުގެ ފެނުން
ގެއްލިގެންދަނީ ލޮލުގެ އަރިމަތިންނެވެ. މިހެންވުމުން ވަރަށް ގިނަ މީހުންނަށް
އެމީހުންގެ ކިބައިގައި ގުލަކޯމާ ހުއްޓަސް އެކަން ނޭނގި ދާގޮތް ވެއެވެ. އަދި ގިނަ
ފަހަރު ގުލަކޯމާ ހުރިކަން ފާހަގަ ކުރެވެނީ ލޮލުގެ ހާލަތު ހުރިނެތްގޮތް ބެލުމަށް
އާންމުކޮށް ހެދޭ ޓެސްޓުތަކުގެ ތެރެއިންނެވެ.
ގުލަކޯމާ
އަލާމާތްތައް ފެންނަށް ފެށުމުން ކުރިމަތިވެދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ
ފެނުން ފުސްވުން ނުވަތަ އަނދިރިވުން، މަޑުއަލި ހުންނަ ހޮޅިބުރި ނުވަތަ ބޮކީގެ
ވަށައިގެން ވިއްސާރުދުނި ކުލައިގެ ވިދުވަރު ބުރުތަކެއް ހުންނަހެން ހީވުން ނުވަތަ
ފާހަގަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ގުލަކޯމާ ދެލޮލަށް
އެއްފަހަރާ ވެސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އާންމު ގޮތެއްގައި ކޮންމެ ވެސް
އެއް ލޮލެއްގެ ހާލަތު އަނެއް ލޮލަށްވުރެ ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް
ފަހަރު ކުއްލިއަކަށް ގުލަކޯމާ ކުރިމަތިވެ، އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ
އެކަށީގެންވާ ކަމެކެވެ.
·
ވަރަށް ބޮޑަށް ލޮލުގައި ރިހުން
·
މޭނުބައިކުރުން ، ހޮޑުލެވުން
·
ލޯރަތްވުން
·
ބޮލުގައި ރިހުން
·
ލޮލުގައި ވަށައިގެންވާ ހިސާބުގައި ބީހިލުމުން
ރިއްސުން
·
ހޮޅިބުރި ނުވަތަ ބޮކީގެ ވަށައިގެން ވަށްބުރުތަކެއް
ސިފަވުން
·
ލޮލުގެ ފެނުން ފުސްވުން / ލޮލުގެ ފެނުން ދަށްވުން
ގުލަކޯމާގެ
އަލާމާތްތަކާއި، ނިޝާންތައް އޭގެ ވައްތަރާއި، ބަލީގެ ޙާލަތަށް ރިޢާޔަތްކޮށް
ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ބައެއް ވައްތަރުތަކުގައި ފެނިދާނެ
އަލާމާތްތައް ތިރީގައި މިވަނީ އެވެ.
އޯޕަން އޭންގަލް
ގުލަކޯމާ
·
އެއްލޮލުގެ ނުވަތަ ދެލޮލުގެ އަރިމަތިން ނުވަތަ
މެދުން ވިޔަސް ވަކި ތަންކޮޅަކުން ރަނގަޅަށް ނުފެނުން
·
ޓަނެލް ވިޝަން ހުރުން : މީގެ މާނައަކީ ވިޝުއަލް
ފީލްޑް ހަނިވެ، ހިމަވެ، ލޮލުގެ އަރިމަތިން ފެނުން ގެއްލުން ނުވަތަ ނުފެނުން
އެކިޔުޓް
އޭންގަލް ކްލޯޝަރ ގުލަކޯމާ
·
ވަރަށް ބޮޑަށް ބޮލުގައި ރިހުން
·
ނިއްކުރިމަތީގައި ރިހުން
·
ލޮލުގައި ރިހުން
·
މޭނުބައިކޮށް ހޮޑުލުން
·
ލޮލުގެ ފެނުން ކުއްލިއަކަށް ދަށްވުން ނުވަތަ ފުސްވުން
·
ހޮޅިބުރި ނުވަތަ ބޮކީގެ ވަށައިގެން ވަށްބުރުތަކެއް
ސިފަވުން ނުވަތަ ވިއްސާރަ ދުނި ސިފަވުން
·
ލޯ ރަތްވުން
ގުލަކޯމާ އަށް
ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ލޯއަނދިރިވުމަކީ އެކަށީގެންވާ ކަމެކެވެ. ފަރުވާކުރި
ނަމަވެސް ގުލަކޯމާ ކުރިމަތިވާ މީހުންގެ ތެރެއިން 15 އިންސައްތަ މީހުންނަށް 20
އަހަރުގެ ތެރޭގައި ކޮންމެވެސް އެއް ލޮލެއް އަނދިރިވުމަކީ އެކަށީގެންވާ ކަމެކެވެ.
ދެނެގަތުން
ގިނަ ފަހަރު ގުލަކޯމާ
ދެނެގަނެވެނީ އާންމުކޮށް ލޮލުގެ ޑޮކްޓަރަށް ދައްކައިގެން ހަދާ ޓެސްޓުތަކުގެ
ތެރެއިން ނުވަތަ ބަލާބެލުންތަކުގެ ތެރެއިންނެވެ. ގުލަކޯމާ ހުރިނަމަ ހަދާ
ޓެސްޓުތަކުގެ ތެރޭގައި ލޮލުގެ ފެނުން ހުރިނެތްގޮތް ބެލުމަށް ހަދާ "ވިޝަން
ޓެސްޓު" އަދި ލޮލުގެ އެތެރޭގެ ޕްރެޝަރު ހުރިމިންވަރު ދެނެގަތުމަށް ހަދާ
ޓެސްޓު ހިމެނެއެވެ.
ގުލަކޯމާ ހުރިކަން
ދެނެގަތުމަށްޓަކައި އާންމު ގޮތެއްގައި ހަދައިފާނެ ޓެސްޓުތައް ތިރީގައި މިވަނީ
އެވެ.
·
ޓޮނޯމެޓްރީ (Tonometry): މީގެ މާނައަކީ ލޮލުގެ އެތެރޭގެ ޕްރެޝަރު
މިންކުރުމެވެ. ނުވަތަ ބެލުމެވެ.
·
ލޮލުގެ މައިނާރަށް ގެއްލުން ވެފައި ހުރިތޯ ބެލުމަށް
ހެދޭ ޓެސްޓުތައް އަދި އިމޭޖިންގ ޓެސްޓުތައް
·
ލޮލުން ފެނުން ހުރި މިންވަރު ދެނެގަތުމަށް
ޓެސްޓުކުރުން
·
ޕެޗީމެޓްރީ (Pachymetry): މިއީ ލޮލުގެ ހާމަދުލީގެ
ބޯމިން ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.
·
ގޯނިއޯސްކަޕީ (gonioscopy): މިއީ ލޮލުން ދިޔަ
ބޭރުކޮށްދޭ ކަން ނުވަތަ އޭންގަލްގެ ހާލަތު ބެލުމަށް ހެދޭ ޓެސްޓެކެވެ.
ފަރުވާ
ގުލަކޯމާ
ދެނެގަނެވުމުގެ ކުރިން ލޮލުގެ ފެނުމުން ގެއްލިފައިވާނަމަ ނުވަތަ ލޮލުގެ ފެނުން
ބީވެދިޔަނަމަ، އަނބުރާ އިޢާދަކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ފަރުވާގެ
އެހީގައި އިތުރަށް ލޮލުގެ ފެނުން ގޯސްވިޔަނުދީ ހިފެހެއްޓިދާނެ އެވެ. ގުލަކޯމާއަށް
ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ކުރެވޭ އެއްކަމަކީ ލޮލުގެ އެތެރޭގެ
ޕްރެޝަރު ދަށްކުރުމެވެ. ގުލަކޯމާގެ ފަރުވާ ބަރޯސާވަނީ ކުރިމަތިވެފައިވާ ގުލަކޯމާގެ
ވައްތަރަކަށެވެ. އާންމު ގޮތެއްގައި ގުލަކޯމާގެ ފަރުވާގެ ގޮތުގައި އަންނަނިވި
ކަންތައްތައް ކުރެވެއެވެ.
ލޮލަށް ޖައްސާ
ތިކި
ގުލަކޯމާގެ ފަރުވާ
ފެށިގެން އަންނަނީ ލޮލަށް ޖައްސާ ތިކީގެ ސިފައިގައެވެ. ލޮލަށް ޖައްސާ ތިކި
ބޭނުންކޮށްގެން ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކުރެވެއެވެ. ލޮލުގެ ޕްރެޝަރު
ދަށްކުރެވެނީ ލޮލުން ދިޔާތަކެތި ބޭރުކުރުން ހަރުދަނާކޮށް ރަނގަޅުކޮށްގެން، ނުވަތަަ
ލޮލުގައި އުފެދޭ ދިޔާތަކެތި ނުވަތަ ފެނުގެ މިންވަރު މަދުކޮށް ދަށްކޮށްގެންނެވެ.
ގުލަކޯމާއަށް ފަރުވާ ކުރުމުގައި ލޮލަށް ޖެއްސުމަށް ބޭނުންކުރެވޭ ތިކީގެ
ބާވަތްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނޭ ލޮލަށްޖައްސާ ތިކީގެ ބާވަތްތައް
ހިމެނެއެވެ.
·
ޕްރޮސްޓަގްލޭންޑިން (Prostaglandins): މިވައްތަރުގެ ލޮލަށް ޖައްސާ
ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ) ބޭރުކުރާ
މިންވަރު އިތުރުކޮށް، ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.
·
ބީޓާ ބްލޮކަރ (Beta Blocker): މިވައްތަރުގެ ލޮލަށް ޖައްސާ
ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ) ބައި
އުފެއްދުން މަދުކޮށް، ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކުރުވައެވެ.
·
އަލްފާ އެޑްރީނަޖިކް އެގޮނިސްޓް (Alpha
Adrenergic agonist): މިވައްތަރުގެ
ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް
ހިޔުމަރ) އުފައްދާ މިންވަރު ދަށްކޮށް، ލޮލުން އެދިޔަ ބޭރުކުރުން ދަށްކޮށްދީ،
ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.
·
ކާބޮނިޑް އެންހައިޑްރޭޒް އިންހިބިޓަރސް (Carbonic
Anhydrase Inhibitors): މިވައްތަރުގެ
ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް
ހިޔުމަރ) އުފައްދާ މިންވަރު ދަށްކޮށް، ލޮލުގެ ޕްރެޝަރު ދަށްކޮށް ދެއެވެ.
·
އާރްއެޗްއޯ ކައިނޭޒް އިންހިބިޓަރ (Rho Kinase
Inhibitors):
މިވައްތަރުގެ ލޮލަށް
ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ)
އުފެއްދުމުގައި ޒިންމާވާ އާރުއެޗްއޯ ކައިނޭޒް އުފެއްދުން ދަށްކޮށް، ލޮލުގެ
ޕްރެޝަރު ދަށްކޮށް ދެއެވެ.
·
މައޯޓިކް ނުވަތަ ކޮލިނަޖިކް އެޖެންޓްސް (Miotic or
cholinergic agents): މިވައްތަރުގެ
ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް
ހިޔުމަރ) ލޮލުން ބޭރުކުރާ މިންވަރު އިތުރުކޮށް، ލޮލުގެ ޕްރެޝަރު ދަށްކޮށް ދެއެވެ.
މިވައްތަރުތަކުގެ
ތެރެއިން ބައެއް ވައްތަރުތަކުގެ ލޮލަށް ޖައްސާ ތިކީގައި ހުންނަ ބޭސްތައް ލޭގެ
ތެރެއަށް ދެއެވެ. އަދި އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރިމަތިވުމަކީ ވެދާނެ
ގޮތެކެވެ. ލެޔަށް ބޭސް ދިޔުން ކުޑަކުރުމަށްޓަކައި ލޮލަށް ތިކި ޖެއްސުމަށްފަހު 2-1
މިނިޓް ވަންދެން ލޯމަރާލައިގެން އޮތުން ބުއްދިވެރި އެވެ. މީގެ އިތުރުން ލޮލުގެ
ނޭފަތާ ކައިރި ކަނުން ކަރުނަބޭރުކުރާ މަގު ހުންނަ ހިސާބަށް 2-1 މިނިޓް ވަންދެން
މަޑުމަޑުން ފިތާލާށެވެ. ލޮލަށް ޖެއްސުމަށްޓަކައި ދެތިން ވައްތަރެއްގެ ތިކި
ބޭނުންކުރުމަށް އިރުޝާދު ދީފައިވާނަމަ، އެއްވައްތަރު ގެ ތިކި ލޮލަށް
ޖެއްސުމަށްފަހު، ދެވަނަ ތިކި ޖައްސަންވާނީ 5 ވަރަކަށް މިނިޓް މަޑުކޮށްފައެވެ.
ކާބޭސް
ލޮލަށް
ޖެއްސުމަށްޓަކައި ދޭ އެކި ބާވަތުގެ ތިކިތައް ލޮލަށް ޖައްސައިގެން ވެސް ލޮލުގެ
އެތެރޭގެ ޕްރެޝަރު ދަށްނުކުރެވޭނަމަ، ބައެއް ފަހަރު ކެއުމަށްޓަކައި ވެސް ބޭސް
ދީފާނެއެވެ. އެގޮތުން އެންމެ އާންމުކޮށްދީ އުޅެނީ ކާބޮނިކް އެންހައިޑްރޭޒް ގެ
ގޮތުގައި ބެލެވޭ ބޭސްތަކެވެ.
ލޭޒަރގެ
ފަރުވާ
ލޭޒަރ ފަރުވާގެ
އެހީގައި ލޮލުން ދިޔާތަކެއްޗާއި އެހެނިހެން މާއްދާތައް ބޭރުކޮށްދޭ މަގުން
ބެދިފައިވާ ތަން ހުޅުވައިދެއެވެ. ނުވަތަ ލޮލުގެ އެތެރޭގައި ދިޔާތަކެތި އުފެދި
ޖަމާވުން ކުޑަކޮށްދެއެވެ. ނުވަތަ ލޮލުން ސާފުދިޔަތައް ދައުރުވެ ބޭރުކުރުމަށް
އެހީތެރިވެދެއެވެ.
އާންމު ގޮތެއްގައި
ލޭޒަރ ގެ އެހީގައި ހެދޭ ޕްރޮސީޖަރ އަކީ "ލޭޒަރ ޓްރެބެކިޔުލޯޕްލާސްޓީ"(Laser Trabeculoplasty) އެވެ. މިއީ އޯޕަން އޭންގަލް
ގުލަކޯމާ ހުރިނަމަ ދެވޭ ފަރުވާ އެކެވެ. މި ޕްރޮސީޖަރ އެހީގައި ލޮލުތެރޭގައި
ދައުރުވާ ދިޔަތައް ލޮލުން ބޭރުކުރުމަށް އެހީތެރިވެދެއެވެ.
މީގެ އިތުރުން ލޭޒަރގެ
އެހީގައި ކުރެވޭ އަނެއް އޮޕަރޭޝަނަކީ "ކަޅުކަޅި އޮޕަރޭޝަންކޮށް ކުޑަ ލޯވަޅެއް
ތޮރުފުން"(iridotomy) މިއެވެ. މިއީ އޭންގަލް ކްލޯޝަރ
ގުލަކޯމާގެ ފަރުވާގައި ކުރެވިދާނެ އޮޕަރޭޝަނެކެވެ. މިލޯވަޅުގެ ތެރެއިން ދިޔަތައް
ލޮލުން ދިޔަތައް ބޭރުކޮށްދޭ ކަނާއި ދިމާލަށް ގެންގޮސްދޭނެ އެވެ.
އޮޕަރޭޝަންކުރުން
މިއީ ލޮލުން
ދިޔާތަކެއްޗާއި އެހެން މާއްދާތައް ބޭރުކުރުމަށް އެހީތެރިވުމަށް ކުރެވޭ ކަމެކެވެ. އާންމު
ގޮތެއްގައި އެގޮތުން ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
·
ފިލްޓަރިންގ ސާޖަރީ (Filtering
Surgery):
މިއޮޕަރޭޝަނުގެ
ތެރޭގައި ލޮލުގެ ހުދުކަޅީގައި ލޯވަޅެއް ތޮރުފައިގެން ޓްރެބެކިޔުލަރ މެޝްވޯކު
ކަފައި ވަކިކޮށް ނެގެއެވެ.
·
ޑްރެއިނޭޖް ޓިއުބު ލެއްވުން (Drainage
tubes):
މިއޮޕަރޭޝަނުގައި
ކުޑަކުޑަ ޑްރެއިނޭޓް ޓިއުބެއް ލޮލަށް ލެއްވެއެވެ. މި ހޮޅީގެ އެހީގައި ލޮލުން ދިޔަ
ބޭރުކޮށްދީ ލޮލުގެ ޕްރެޝަރު ދަށްކޮށް ދޭނެ އެވެ.
·
މިނިމަލް އިންވޭސިވް ގުލަކޯމާ ސާޖަރީ (MIGS): މިއީ ވެސް ލޮލުގެ އެތެރޭގެ
ޕްރެޝަރު ދަށްކުރުމަށް ކުރެވޭ އޮޕަރޭޝަނެކެވެ.
ރައްކާތެރިވުން
·
ގަވާއިދުން ލޮލުގެ ޑޮކްޓަރަށް ދައްކައި
ލޯޗެކުކުރަމުން ގެންދިއުން
·
އާއިލާގެ ތެރޭގައި ގުލަކޯމާ ދައުރުވަމުން އާދޭތޯ
ބެލުން
·
ގަވާއިދުން ކަސްރަތުކުރުން
·
ގުލަކޯމާ ހުރިކަން ޔަގީންވުމަށްފަހު ޑޮކްޓަރުން ދޭ
ލޮލަށް ޖައްސާ ތިކި ގަވާއިދުން ލޮލަށް ޖެއްސުން
·
ލޮލަށް އަނިޔާއެއް ލިބޭފަދަ ކުޅިވަރެއް ކުޅުން
ނުވަތަ ކަމެއްކުރާނަމަ ލޯ ރައްކާތެރިކުރުމަށް އާލާތެއް ބޭނުންކުރުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://www.nhs.uk/conditions/glaucoma/
·
https://www.mayoclinic.org/diseases-conditions/glaucoma/symptoms-causes/syc-20372839
·
https://www.aao.org/eye-health/diseases/what-is-glaucoma
No comments:
Post a Comment