ސޮރައިއަސިސް
ސޮރައިއަސިސް(Psoriasis)
އަކީ ހަމުގެ ދިރުތައް މާއަވަހަށް ހެދިބޮޑުވުމުން
ކުރިމަތިވާ ހަމުގެ ބައްޔެކެވެ. ސޮރައިއަސިސް އަކީ ހުޅުބުހެން ތޮށިލާ ހިރުވައިކަހާ،
ހަންފޮޅޭ، ހަމުގެ ބައްޔެކެވެ.
ހަށިގަނޑުގެ ހަމުގެ ކޮންމެ ހިސާބެއްގައި ވެސް
ސޮރައިއަސިސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އެންމެ އާންމު ގޮތެއްގައި
ސޮރައިއަސިސްގެ އަސަރު ފެންނަނީ ކަކޫ، އޮޅަބޮށި، ބޮލާއި، އުނަގަނޑު މަތިންނެވެ. ކޮންމެ
އުމުރެއްގެ ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ސޮރައިއަސިސް ޖެހިދާނެ އެވެ. މިއީ
ގައިންގަޔަށްއަރާ ބައްޔެއް ނޫނެވެ. ސޮރައިއަސިސް ގެ އުދަނގޫތައް އާންމުކޮށް
ފެންނަނީ ފުރާވަރުގެ ފަހުކޮޅުގައެވެ. ނުވަތަ އުމުރުން 60-50 އަހަރާއި ދެމެދުގެ
އުމުރުފުރާ ގައެވެ.
ސޮރައިއަސިސް އަކީ އާއިލާގެ ތެރޭގައި ދައުރުވާ ބައްޔެއްކަމަށް ފާހަގަ ކުރެވެއެވެ. އެހެންކަމުން މައިންބަފައިންގެ ފުށުން ދަރިންނަށް ބަލި ވާރުތަވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ އާއިލާގެ މެންބަރުންގެ ތެރޭގައި ސޮރައިއަސިސް ދައުރުވަމުން ދިއުމަކީ ގާތް ކަމެކެވެ. ސޮރައިއަސިސް އަކީ ދޭތެރެ އަކުން ރަނގަޅުވެފައި، ދޭތެރެ އަކުން ގޯސްވާ ބައްޔެއްކަން ފާހަގަ ކުރެވެއެވެ. ސޮރައިއަސިސް ޖެހޭ ބައެއް މީހުންނަށް ހުޅުތައް ދުޅަވުމުގެ ވައްތަރެއް ކުރިމަތި ވެއެވެ.
ސަބަބު
(ހ) އުޓޯއިމިޔޫން ރެންސްޕޮންސް
ސޮރައިއަސިސް އަކީ އުޓޯއިމިޔޫން ޑިސްއޯޑަރ އެކެވެ.
މާނައަކީ ދިފާޢީ ނިޒާމަށް އަރާ ބުރޫއެއްގެ ސަބަބުން އަމިއްލަ ހަށިގަނޑުގެ ހަމުގެ
ދުޅަހެޔޮ ދިރުތަކަށް ހަމަލާ ދިނުމުން ކުރިމަތިވާ ބައްޔެކެވެ. ސޮރައިއަސިސް
ކުރިމަތިވަނީ ލޭގެ ހުދުސެލް ތަކުން ހަމަށް ގެއްލުންދޭ ކެމިކަލްތައް ގިނަ
އަދަދަކަށް އުފެއްދުމުންނެވެ. މިއާއި ގުޅިގެން ދިފާޢީ ނިޒާމަށް އަންނަ
ބަދަލުތަކާއި ގުޅިގެން ހަމުގެ ދިރުތައް ނުވަތަ ސެލްތައް އާދަޔާ ޚިލާފު
ބާރުމިނެއްގައި އުފެދި އިތުރުވާގޮތް ވެއެވެ.
އާންމު ގޮތެއްގައި ހަމުގެ އާދިރުތައް އުފެދި،
ހެދިބޮޑުވެ، ފުރިހަމަވެ، އޭގެ ޒާތުގައި ހަމުގެ ސަތަހައާއި ދިމާލަށް ދަތުރު
ކުރެއެވެ. އަދި ހަމުގެ ސަތަހައިން ނެއްޓި، ހަށިގަނޑުން ބޭރުވެގެންދެއެވެ.
ދުޅަހެޔޮކަން ހަންގަނޑެއްގައި މިގޮތަށް އާދިރުތައް އުފެދި، ފުރިހަމަ ހަށިގަނޑުން
ނެއްޓިގެން ދިއުމަށް (ބުރު ފުރިހަމަކުރުމަށް) 4-3 ހަފްތާގެ މުއްދަތެއް ހޭދަވެއެވެ.
ނަމަވެސް ސޮރައިއަސިސްގެ އަސަރު ހުރި ހަންގަނޑެއްގައި މިގޮތަށް ދިރުތައް އުފެދި
ފުރިހަމަވުމުގެ ބުރުހަމަކުރަން ނަގަނީ އެންމެ 6-2 ދުވަހާއި ދެމެދުގެ މުއްދަތެކެވެ.
މިހެންވުމުން ދުވަސްވީ ހަމުގެ ސެލްތަކަށް ހަށިގަނޑުން ނެއްޓި ވަކިވުމަށް ނުކުޅެދެއެވެ.
އަދި ސެލްތައް ޖަމާވެ، ހަން ބޯވެ، ހުޅުބުތަކެއްހެން ބޯކޮށް ހުންނަ ޕެޗްތައް
އުފެދެއެވެ.
(ށ) ވިރާސީ ބަހާތައް
ތަފާތު 4 ވިރާސީ ބަހާއަކާއި، ސޮރައިއަސިސް ކުރިމަތިވުމާއި
ގުޅުން އޮންނަކަން ފާހަގަ ކުރެވެއެވެ. އެ 4 ވިރާސީ ބަހާ އަކީ
PSOR1, PSOR2, PSOR3, PSOR4 މިއެވެ. ހަކުރު ބަލި، ގްރޭވްސް ޑިޒީޒް، ރާއްޖެ
ބަލި އަދި ސިލިއެކް ޑިޒީޒް ފަދަ އެހެން ބައެއް އުޓޯއިމިޔޫން ޑިޒީޒް ތައް
ކުރިމަތިވުމާއި މިވިރާސީ ބަހާތަކަށް ބަދަލުއައުމާއި ގުޅުން އޮންނަކަމަށް ފާހަގަ
ކުރެވިފައި ވެއެވެ. ސޮރައިއަސިސް އަކީ އާއިލާތަކުގެ ތެރޭގައި ދައުރުވުމުގެ
ފުރުޞަތު އޮންނަ ބައްޔަކަށްވަނީ މިވިރާސީ ބަހާތަކުން ކުރެ ބަހާއެއް
މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވެގެންކަމަށްވުމަކީ އެކަށީގެންވާ
ކަމެކެވެ.
(ނ) ދިރިއުޅޭ މާހައުލުގައި ހުންނަ
ކަންތައްތައް
ދިރިއުޅޭ މާހައުލުގައި ހުންނަ ބައެއް ކަހަލަ
ކަންތައްތަކުގެ ސަބަބުން ސީދާ ސޮރައިއަސިސް ޖެހުނު ކަމުގައި ނުވިޔަސް، އެފަދަ
ބައެއް ކަންތައްތަކުގެ ސަބަބުން ސޮރައިއަސިސްގެ އުދަނގޫތައް ފެށިގެން އައުމަށް
ނޫނީ ސޮރައިއަސިސްގެ އުދަނގޫތައް އިތުރަށް ގޯސްވެގެން ދިއުން މެދުވެރިވާ
ގޮތްވެއެވެ. މިފަދަ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
·
ހަމަށް އަނިޔާ ނުވަތަ ގެއްލުންވުން
·
ބައެއް ކަހަލަ އިންފެކްޝަންތައް ކުރިމަތިވުން
·
ދުންފަތުގެ އިސްތިއުމާލުކުރުން
·
ފިނިމޫސުން ކުރިމަތިވުން / ނުވަތަ ފިނި ދުވަސްވަރެއް ކުރިމަތިވުން
·
ބަނގުއާވި ބޭނުންކުރުން
·
ފިކުރުބޮޑުވުން
މަގުފަހިކުރާ ކަންތައްތައް
ސޮރައިއަސިސް އަށް މަގުފަހިކުރާ ކަންތައްތަކުގެ
ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) އުމުރުން 20 އަހަރަށްވުރެ ހަނގުވުން
: ސޮރައިއަސިސް ކުރިމަތިވާ ½ މީހުންނަށް ސޮރައިއަސިސްގެ މައްސަލަ ފެންމަތިވެގެން ފުރަތަމަ އަންނަނީ
އުމުރުން 20 އަހަރުވުމުގެ ކުރިންކަން ފާހަގަ ކުރެވެއެވެ.
(ށ) އާއިލާގެ ތެރޭގައި ބަލި ދައުރުވުން :
މައިންބަފައިންގެ ތެރެއިން މީހެއްގެ ކިބައިގައި
ސޮރައިއަސިސް ހުރިނަމަ، އެމީހެއްގެ ދަރިންނަށް ސޮރައިއަސިސް ކުރިމަތިވުމުގެ
ފުރުޞަތު ބޮޑެވެ. އެގޮތުން މިފަދަ މީހުންގެ (މައިންބަފައިންގެ ކިބައިގައި
ސޮރައިއަސިސް ހުރި މީހުންގެ) ތެރެއިން ކޮންމެ 4 މީހުންކުރެ 1 އަކަށ ސޮރައިއަސިސް
ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. މަންމައާއި ބައްޕަގެ ކިބައިގައި ވެސް ސޮރައިއަސިސް
ހުރިނަމަ މިފުރުޞަތު އިތުރަށް ބޮޑުވެގެން ދެއެވެ.
(ނ) ފިކުރުބޮޑުވުން : ފިކުރު ބޮޑުވުމަކީ ސޮރައިއަސިސްގެ އުދަނގޫތައް ފެށިގެން
އައުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. މިގޮތަށް ދިމާވަނީ ފިކުރުބޮޑުވުމުން ދިފާޢީ
ބާރު ދަށްވާތީ ކަމަށް ބެލެވެއެވެ.
(ރ) ހަށިގަނޑު ބަރުހެލިވެ ފަލަވުން : ހަށިގަނޑު މާބޮޑަށް ފަލަވެ، ބަރުހެލިވުމަކީ ސޮރައިއަސިސް
ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ.
(ބ) ބައެއް ކަހަލަ އިންފެކްޝަންތައް : ބައެއް ކަހަލަ ބެކްޓީރިޔަލް ނުވަތަ ވައިރަލް އިންފެކްޝަން
ތަކުގެ ސަބަބުން ދިފާޢީ ނިޒާމު ހަރަކާތްތެރިކުރުވައި، ހީވާގި ކުރުވައި،
ސޮރައިއަސިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކުރެއެވެ. މިސާލަކަށް އެއިޑްސް ބަލި
ހުންނަ މީހުންނަށް ސޮރައިއަސިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ކަރުތެރޭގައި
ސްޓްރެޕްޓޯކޯކަލް އިންފެކްޝަން ކުރިމަތިވެއްޖެނަމަ ސޮރައިއަސިސްގެ ވައްތަރެއް
ކަމުގައިވާ "ގައްޓޭޓް ސޮރައިއަސިސް"(guttate
psoriasis) ކުރިމަތިވުމުގެ ފުރުޞަތު
އިތުރުކުރެއެވެ.
(ޅ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސޮރައިއަސިސް
ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާނަމަ
ޚާއްޞަކޮށް ސޮރައިއަސިސްގެ ވައްތަރެއް ކަމުގައިވާ "ޕަސްޓިޔުލަރ
ސޮރައިއަސިސް" (pustular psoriasis) ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ. މީގެ އިތުރުން ދުންފަތުގެ
އިސްތިއުމާލުކުރުމަކީ ސޮރައިއަސިސްގެ އުދަނގޫތައް ވެސް އިތުރަށް ގޯސްކުރާ ކަމެކެވެ.
(ކ) ބައެއް ކަހަލަ ބޭސްތައް : ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީ ސޮރައިއަސިސް
ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކުރާ ކަމެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބޭސްތަކުގެ
ތެރޭގައި ލިތިއަމް، ބީޓަރ ބްލޮކަރސް، އަދި ތަދުކަނޑުވާ ބޭސްތައް ހިމެނެއެވެ.
(އ) ބަނގުއާވި ބޭނުންކުރުން : ބަނގުއާވި ނުވަތަ ބަނގުރާ ބުއިމަކީ ސޮރައިއަސިސް
ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.
ވައްތަރުތައް
ސޮރައިއަސިސްގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.
ފާހަގަކޮށްލެވޭ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ.
(ހ) ޕްލޭކް ސޮރައިއަސިސް (plaque psoriasis): މިވައްތަރަށް ''ސޮރައިއަސިސް
ވަލްގަރިސް" ވެސް ކިޔައެވެ. މިއީ ސޮރައިއަސިސް ގެ އެންމެ އާންމު ވައްތަރެވެ.
ސޮރައިއަސިސްގެ ކުރިމަތިވާ %80 މީހުންނަށް ކުރިމަތިވަނީ މިވައްތަރެވެ. ޕްލޭކް
ސޮރައިއަސިސް ފެށިގެން އަންނަނީ އުފުލިފައި، ދުޅަވެފައި ރަތްކޮށް ހުންނަ
ޕެޗްތަކެއް ގޮތަށެވެ. މިޕެޗްތަކަށް ކިޔަނީ "ޕްލޭކް" އެވެ. މިޕެޗްތައް
ނިވާކުރެވިފައި ހުންނަނީ ރިހި-ހުދުކުލައިގެ ހުޅުބުތަކުންނެވެ. މިޕެޗްތައް
އާންމުކޮށް އުފެދެނީ ބޮލުގެ ހަންގަނޑު، އުޅަބޮށި، ކަކޫ އަދި އުނަގަނޑު މަތީގައެވެ.
(ށ) ގަޓޭޓް ސޮރައިއަސިސް (guttate psoriasis): މިވައްތަރުގެ ސޮރައިއަސިސް އާންމު
ކުރިމަތިވަނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. ނުވަތަ އުމުރުން 30 އަހަރުން ދަށުގެ
މީހުންނަށެވެ. މިވައްތަރުގެ ސޮރައިއަސިސް ފެށިގެން އަންނަނީ ބަނޑު ނުވަތަ އަތް
ފައިގައި ނަގާ ރަތްކުލައިގެ ކުޑަ ތިއްކެއް ، ސްޕޮޓް ނުވަތަ ލައްކޮޅެއްގެ
ސިފައިގައެވެ. މިވައްތަރުގައި ސޮރައިއަސިސް ގައި ހަމުގައި އުފެދޭ ސްޕޮޓްގެ ހަން
އެހާ ބޮލެއް ނުވާނެ އެވެ. ދެވަނަ އަށް އެންމެ ގިނައިން ފެންނަނީ މިވައްތަރުގެ
ސޮރައިއަސިސް އެވެ. މިވައްތަރުގެ ސޮރައިއަސިސް ބައެއް ކަހަލަ އިންފެކްޝަން
އަށްފަހު މިސާލަކަށް ބެކްޓީރިޔާ ކަރަށްޖެހޭ އިންޖެހޭ އިންފެކްޝަނެއް ކަމުގައިވާ
ސްޓްރެޕްޓޮކޯކަލް ތްރޯޓް އިންފެކްޝަން އަށްފަހު ޖެހިދާނެ ނުވަތަ ކުރިމަތިވެދާނެ
އެވެ. މިވައްތަރުގެ ސޮރައިއަސިސް ދޭތެރެ އަކުން ރަނގަޅުވެލާފައި އަލުން ގޯސްވެދާނެ
އެވެ. ނޫނީ އައިސްފައި ގޮސްދާނެ އެވެ.
(ނ) ނިޔަފަތީގައި އުފެދޭ ސޮރައިއަސިސް (nail psoriasis): އަތްފައިގެ ނިޔަފަތި ތަކަށް
ސޮރައިއަސިސް ކުރިމަތިވުމުން ނިޔަފަތި ތަކުގެ ކުލަ ބަދަލުވެ، ނިޔަފަތި ރަނގަޅަށް
ހެދިބޮޑުނުވުން، އަދި ނިޔަފަތި ތަކުގައި އަޑިކޮޅު ނޫނީ ވަޅުކޮޅުތަކެއް އުފެދޭގޮތް
ވެއެވެ. ނިޔަފަތި ދޫވެ، ލުހި، ނެއްޓި ނުވަތަ ވަކިވުމަކީ އެކަށީގެންވާ ކަމެކެވެ.
(ރ) ބޮލުގެ ހަމުގައި އުފެދޭ ސޮރައިއަސިސް
(scalp
psoriasis): ބޮލުގެ ހަމުގައި ސޮރައިގެ އަސަރު ފާޅުވެ ފެންނަށް ހުންނަނީ
ރަތްކުލައިގައި ހިރުވައި ކަހާ، ރިހިކުލައިގެ ތޮށިތަކެއްގެ ސިފަޔަށެވެ، ބޮލުގައި
ފުނާއެޅުމުން މިތޮށިތައް މަޑުތަކެއްގެ ސިފައިގައި ބޮލުން ފައިބާނެ އެވެ.
(ބ) އިންވާރސް ސޮރައިއަސިސް (inverse psoriasis): އިންވާރސް ސޮރައިއަސިސްގައި ތޮށިލީ
ނުވަތަ ހުޅުބުޖެހި ޕްލޭކްތައް ނުހުންނަ، ރަތްކުލައިގެ އޮމާން ޕެޗްތަކެއް ހަމުގައި
ނަގައެވެ. ނުވަތަ އުފެދެއެވެ. މިވައްތަރުގެ ސޮރައިއަސިސް ދެހަން ޖެހިހޭކުން ނުވަތަ
ކޭތުން، އަދި ދާހިއްލުން ފަދަ ކަންކަމުގެ ސަބަބުން އިތުރަށް ގޯސްވެއެވެ. އެހެން
ކަމުން މިވައްތަރުގެ ސޮރައިއަސިސް ބޮޑަށް އުފެދެނީ ހަށިގަނޑުގައި ދެހަންޖެހި
ހޭކިދާނެ ފަދަ ހިސާބުތަކުގައެވެ. އެހެންކަމުން މިވައްތަރުގެ ސޮރައިއަސިސް ބޮޑަށް
އުފެދެނީ ނުވަތަ ނަގަނީ އުކުޅުވަޅު، ކިހިލިފަތް، ދޯނގި، ކުރިމަތި ފަރާތް، އަދި ދެހަންޖެހި
ހޭކިދާނެ ފަދަ ކޮންމެ ތަނެއްގައެވެ. މީގެ އިތުރުން ހަށިގަނޑުގެ ބަރުދަން އިތުރު ،
ފަލަ މީހުންގެ ހަންގަނޑު އެލިފައި ހުންނަ ކޮންމެ ތަނެއްގައި ވެސް މިވައްތަރުގެ
ސޮރައިއަސިސް އުފެދިދާނެ އެވެ. މިވައްތަރުގެ ސޮރައިއަސިސް އަށް "ފްލެކްޝަރަލް
ސޮރައިއަސިސް"(flexura psoriasis) އަދި "އިންޓަޓްރިޖިނަސް ސޮރައިއަސިސް"(intertriginous psoriasis)
މިހެން ވެސް ކިޔައި އުޅެއެވެ.
(ޅ) ޕަސްޓިޔުލަރ ސޮރައިއަސިސް (pustular psoriasis): ބޮޑެތި މީހުންނަށް އާންމުކޮށް
ކުރިމަތިވާ މިވައްތަރުގެ ސޮރައިއަސިސް އަކީ ވަރަށް މަދުން ނޫނީ ކުރިމަތިނުވާ
ސޮރައިއަސިސްގެ ވައްތަރެކެވެ. މިވައްތަރުގެ ސޮރައިއަސިސް ގައި ހަމުގައި
ދޮސްއެރިފައި ހުންނަ ހުދު ކުލައިގެ ފޮޅުތަކެއް ނަގައެވެ. ފޮޅުތަކުގެ ވަށައިގެން
ހަން ހުންނަނީ ރަތްކުލައިގައެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ސޮރައިއަސިސްގެ
އަސަރު ފާޅުވަނީ އަތްތިލައާއި ފައިތިލައިގެ ހުދުހަމުންނެވެ. ނޫނީ އަތްތިލައިގެ
ބަނޑުފުށާއި، ފައިގެ ދަށްފުށުންނެވެ. ނަމަވެސް ބައެއްފަހަރު ހަށިގަނޑުގެ އެހެން
ހިސާބުތަކުން ވެސް މިވައްތަރުގެ ސޮރައިއަސިސްގެ އަސަރު ފާޅުވުމަކީ އެކަށީގެންވާ
ކަމެކެވެ.
(ކ) އެރިތްރޯޑާރމިކް ސޮރައިއަސިސް (Erythrodermic psoriasis): މިއީ ވަރަށް
މަދުން ނޫނީ ނުފެންނަ ސޮރައިއަސިސް ގެ ވައްތަރެކެވެ. މިވައްތަރުގެ ސޮރައިއަސިސް
އަށް "އެކްސްފޯލިއޭޓިވް ސޮރައިއަސިސް" އޭ ވެސް ކިޔައެވެ. މިއީ އަވަސް
ފަރުވާ ބޭނުންވާނެ، ނުރައްކާތެރި ހާލަތެކެވެ. މިވައްތަރުގައި މުޅި ހަށިގަނޑުގެ
ހަންފޮޅި ނެއްޓޭގޮތަށް ބިހިގަނޑެއް ނަގައެވެ. އަދި މިބިހިތަކުގައި ވަރަށް ބޮޑަށް
ހިރުވައި، ކަހައި، ދިލަނަގާނެއެވެ. ބައެއް ފަހަރު މާބޮޑަށް އަވިން އެދުން، ނުވަތަ
ބައެއް ކަހަލަ ބޭސް ބޭނުންކުރުމުން (މިސާލަކަށް ސްޓީރޮއިޑް ގުޅަ ބޭސް
ބޭނުންކުރުން) އޭގެ ނޭދެވޭ އަސަރެއްގެ ގޮތުގައި މިވައްތަރުގެ ސޮރައިއަސިސް
ކުރިމަތިވެދާނެ އެވެ. ބައެއް ފަހަރު އެހެން ވައްތަރެއްގެ ސޮރައިއަސިސް ހުރެމެ،
އެވައްތަރު ރަނގަޅަށް ކޮންޓްރޯލް ނުކުރެވޭނަމަ ވެސް މިވައްތަރުގެ ސޮރައިއަސިސް
ފެށިގެން ހިނގައިދާނެ އެވެ.
(އ) ޖެނެރަލައިޒްޑް ޕަސްޓިޔުލަރ
ސޮރައިއަސިސް (generalized
pustular psoriasis): މިއީ މުޅިގައިގައި ޕަސްޓިޔުލަރ ސޮރައިއަސިސް
ކުރިމަތިވުމެވެ. މިއީ ވަރަށް ނާދިރު ހާލަތެކެވެ. މިވައްތަރުގެ ސޮރައިއަސިސް
ކުރިމަތިވުމުން ހަންގަނޑުން ބޮޑުބައެއް ރަތް، ހަމުގައި ރިހި، ބީހިލުމުން ރިއްސައި
ތަދުވާގޮތް ވެއެވެ. އެއަށްފަހު 2-3 ގަޑިއިރުތެރޭ ހަމުން ފޮޅުތަކެއް ނަގައި،
ޖެހިގެން އަންނަ 2 ދުވަހުގެ ތެރޭގައި ފޮޅުތައް ފޮޅި ހިކޭގޮތް ވެއެވެ. މީގެ އިތުރުން
ހުންއައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
(ވ) ފޮޓޯސެންސިޓިވް ސޮރައިއަސިސް (Photosensitive psoriasis): މިއީ އަވީގެ
ތެރޭގައި އުޅުމުން ނޫނީ އިރުގެ އައްޔަށް ހުށަހެޅުމުން ސޮރައިއަސިސްގެ އުދަނގޫތައް
ކުރިމަތިވުމެވެ. އާންމު ގޮތެއްގައި ފިނިމޫސުމުގައި މިވައްތަރުގެ ސޮރައިއަސިސްގެ
އަސަރު ފިލައިދާނެ އެވެ. އަދި ހޫނު މޫސުމުގައި ބަލީގެ އުދަނގޫތައް އިތުރުވެ،
ތަހައްމަލުކުރަން ދަތިވާނެ އެވެ.
އަލާމާތްތައް
ސޮރައިއަސިސްގެ އަލާމާތްތަކާއި އުދަނގޫތައް
ކުރިމަތިވާ މިންވަރު އެކި މީހުންނަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް
މީހުންނަށް ވަރަށް އާދައިގެ މިންވަރަކަށް އުދަނގޫތައް ކުރިމަތިވާއިރު، އަނެއްބައި
ފަހަރު ވަރަށް ބޮޑަށް ވެސް ބަލީގެ އުދަނގޫތައް ކުރިމަތިވެދާނެ އެވެ. އަލާމާތްތައް
އޭގެ ޒާތުގައި ފެނިފައި، ފިލައިހިނގައިދާނެއެވެ. އަލާމާތްތައް ފެނުމަށްފަހު،
ދެތިން ހަފްތާއިން ފެށިގެން ގޮސް، ދެތިން މަސްވަންދެން ވެސް ނުފިލާ
ދެމިހުރެދާނެއެވެ. ދެން މަޑުމަޑުން ރަނގަޅު ވަމުން ގޮސް، އެވަގުތަށް އެއްކޮށް
އަލާމާތްތައް ފިލައި، ރަނގަޅު ވެސް ވެދާނެ އެވެ.
ކުރިން ވެސް ބަޔާންކުރެވުނު ފަދައިން
ސޮރައިއަސިސްގެ އަލާމާތްތަކާއި އުދަނގޫތައް ކުރިމަތިވާ މިންވަރު އެކި މީހުންނަށް
ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އާންމު ގޮތެއްގައި ފެނިދާނެ
އަލާމާތްތައް ތިރީގައި މިވަނީ އެވެ.
·
ރިހިކުލައިގެ ހުޅުބު ނުވަތަ ތޮށިން ނިވާކުރެވިފައިވާ ރަތްކުލައިގެ ޕެޗްތަކެއް
ހަމުގައި ނެގުން ނުވަތަ އުފެދުން
·
ހަމުގައި މައްސަލަ ހުރި ހިސާބު ހިރުވައި، ކަހައި، ދިލަނަގައި، ތަދުވެ، ފާރުވުން
·
ހަންގަޑު ހިކި، ފަޅައިގެންގޮސް، ފަހަރުގައި ލޭއައުން
·
ރަތްކުލައިގެ ކުޑަ ތޮށިލީ ސްޕޮޓެއް ނެގުން ނުވަތަ އުފެދުން
·
ނިޔަފަތި ތައް ބޯވެ، ކުލަ ބަދަލުވެ، އަޑިކޮޅުތަކެއް އުފެދުން
·
ހުޅުތައް ދުޅަވެ، ހަރުއެރުން
·
ލޮލުގެ ބޮޑި ދުޅަވެ، ލޮލުރޯގާ ޖެހުން
·
ހަމުގައި ސޮރައިއަސިސްގެ މައްސަލަ ހުރި ހިސާބަށް ރިއްސައި ތަދުވުން
ނުރައްކާތައް
ކުރިމަތިވެފައިވާ ސޮރައިއަސިސްގެ ވައްތަރާއި،
ކުރިމަތިވެފައިވާ މިންވަރާއި، ކުރިމަތިވެފައިވާ ހިސާބަށް ރިޢާޔަތްކޮށް ތަފާތު
ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އާންމުކޮށް
ސޮރައިއަސިސްގެ ސަބަބުން ދިމާވެދާނެ ބައެއް ނުރައްކާތައް ތިރީގައި މިވަނީ އެވެ.
(ހ) ހިތުގެ ބަލި : ހާޓް އެޓޭކްޖެހުން، ސްޓްރޯކްޖެހުން، ލޭމައްޗަށްދިއުން،
ހަކުރުބަލި، ލޭހޮޅިތައް ހަރުއެރުން ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި
ބަލިތަކާއި، ސޮރައިއަސިސް އާއި ގުޅުން ހުންނަކަމަށް ހޯދިފައި ވެއެވެ.
(ށ) ފޮލިކް އެސިޑް މަދުވުން : ސޮރައިއަސިސް ގެ ސަބަބުން ހަށިގަނޑުގައި ފޮލިކް އެސިޑްގެ
މިންވަރު ދަށްވެއެވެ. ފޮލިކް އެސިޑަކީ ވިޓަމިން ބީ ގެ ވައްތަރެކެވެ. މާބަނޑު
ދުވަސްވަރު ފޮލިކް އެސިޑް ނަގާނަމަ ބަނޑުގައިވާ ދަރިފުޅު ޢައިބުވުމުގެ ފުރުޞަތު
ކުޑަކޮށް ދެއެވެ.
(ނ) ކެންސަރު : ދިގު މުއްދަތަކަށް ރަނގަޅުނުވެ ދިގުދެމިގެންދާ ސޮރައިއަސިސްގެ ސަބަބުން
ކެންސަރު ޖެހުމުގެ ހިރާސް އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. ބައެއް ފަހަރު
ސޮރައިއަސިސްގެ ފަރުވާގައި ބޭނުންކުރެވޭ އިމިޔުނޯމޮޑިޔުލޭޓަރސް ކިޔާ ބޭހުގެ
ސަބަބުން ވެސް ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރެއެވެ.
(ރ) ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްނުކުރެވުން
: އެރިތްރޯޑާރމިކް ސޮރައިއަސިސް ގައި ކުރިމަތިވާ
ހަންނޮޅުން ފަދަ ކަންކަމުގެ ސަބަބުން ހަމުން ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް
ކުރުމަށް ކުރާ މަސައްކަތަށް ބުރޫއަރައެވެ.
(ބ) ނަފްސާނީ ގޮތުން އަސަރުކުރުން : ދިގުމުއްދަތަކަށް ރަނގަޅުނުވެ ސޮރައިއަސިސް ހުރުމަކީ
ބައެއް މީހުންނަށް އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ
ކަމެކެވެ. އަދި ނަފްސާނީ މައްސަލަތަކަށް މަގުފަހިކުރާ ކަމެކެވެ. އެގޮތުން
ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި މާޔޫސްވެ ދެރަވުން، ނުތަނަވަސްވުން، އަމިއްލަ
ނަފުސަށް އިހުތިރާމު ކުޑަކުރުމާއި، އިތުބާރުކުޑަވުން ފަދަ ކަންތައްތައް
ހިމެނެއެވެ.
(ޅ) ސޮރައިއެޓިކް އާތުރައިޓިސް (Psoriatic Arthritis): މިއީ ސޮރައިއަސިސްގެ ސަބަބުން
ދިފާޢީ ނިޒާމުން ހަށިގަނޑާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ހުޅުތަކުގެ
ބަތާނަފަށް ނުވަތަ ހުޅުތައް ދުޅަވެ،
ރިއްސުމެވެ. ބައެއް އަންދާޒާކުރުންތައް ލަފާދޭގޮތުގައި ސޮރައިއަސިސް ކުރިމަތިވާ
ކޮންމެ 5 މީހުންގެ ތެރެއިން 1 އަކަށް މިގޮތަށް ހުޅުތައް ދުޅަވުން ކުރިމަތި ވެއެވެ.
ހުޅުތައް ދުޅަވުން ކުރިމަތިވާ މިންވަރު އެކި މީހުންނަށް ތަފާތެވެ. އާދައިގެ
ވަރަކަށް ރިހުމާއި، ދުޅަވުމުން ފެށިގެން ގޮސް، ވަރަށް ބޮޑަށް ހުޅުތައް ދުޅަވެ،
ރިއްސައި، ހިނގާބިނގާވެ ނޫޅޭ ވަރަށް ހާލަތު ގޯސްވެގެން ދެއެވެ. ސޮރައިއަސިސްގައި
ހަމުން ފެންނަ ނުވަތަ ފާހަގަވާ ކަންކަމުގެ އިތުރުން އެއް ހުޅަށްވުރެ ގިނަ ހުޅުގައި
ރިއްސައި، ދުޅަވެ، ހުޅުތައް ހަރުއަރައި ގުޑުވާލަން އުދަނގޫވުމަކީ ވެދާނެ ގޮތެކެވެ.
މީގެ އިތުރުން ލޯރަތްވެ، ދުޅަވުން، ނިޔަފަތިތަކުގެ ކުލަ ބަދަލުވެ، ބޯވެ، ނިޔަފަތި
ފޭބުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
(ކ) ލޮލުގެ މައްސަލަތައް ކުރިމަތިވުން : ސޮރައިއަސިސް ހުރުމަކީ އެކަމުގެ ސަބަބުން ލޮލުގެ
މައްސަލަތައް ކުރިމަތިވުމަށް މެދުވެރިވެދާނެ ކަމެކެވެ. އެގޮތުން ދިމާވެދާނެ
މައްސަލަތަކުގެ ތެރޭގައި ލޮލުރޯގާ ޖެހުން، ލޮލުގެ ޔުވެއާ ދުޅަވުން، އަދި ލޮލުގެ
ބޮޑި ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
(އ) އެހެނިހެން އުޓޯއިމިޔޫން ބަލިތައް
ކުރިމަތިވުން : ސޮރައިއަސިސް ހުރުމަކީ އެހެނިހެން
އުޓޯއިމިޔޫން ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ. އެގޮތުން
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ބަލިތަކުގެ ތެރޭގައި ސިލިއެކް ޑިޒީޒް، ކްރޯންސް
ޑިޒީޒް އަދި ސްކެލީރޯސިސް ފަދަ ބަލިތައް ހިމެނެއެވެ.
ދެނެގަތުން
އާންމު ގޮތެއްގައި ސޮރައިއަސިސް ދެނެގަންނަނީ ބޮލުގެ
ހަމާއި، އަތްފައިގެ ނިޔަފަތިތަކާއި، އަދި މުޅި ހަށިގަނޑުގެ ހަންގަނޑު ބޭރުފުށުން
ބަލައި ޗެކުކޮށް ފާހަގަވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެންނެވެ. ބައެއް ފަހަރު
ބަޔޮޕްސީ ހެދުމަށްޓަކައި ހަމުން ކުޑަ ތަންކޮޅެއް ވަކިކޮށް ނަގައިގެން
ޓެސްޓުކޮށްދާނެ އެވެ. ސޮރައިއެޓިކް އާތުރައިޓިސް އަށް ޝައްކުކުރެވޭނަމަ ހުޅުތަކުގެ
އެކްސްރޭ އެއް ނަގައިފާނެ އެވެ. ގަޓޭޓް ސޮރައިއަސިސް އަށް ޝައްކުކުރެވޭނަމަ،
ސްޓްރެޕްޓޮކޯކަލް އިންފެކްޝަން ހުރިތޯ ބެލުމަށް ޓެސްޓުކޮށްފާނެ އެވެ.
ފަރުވާ
ސޮރައިއަސިސް އަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ.
އަދި މިއީ އެއްކޮށް ރަނގަޅުކުރެވޭ ބައްޔަކަށް ނުވުމުން ފަރުވާ ބޮޑަށް ބަރޯސާވަނީ
އަލާމާތްތަކާއި ކުރިމަތިވެފައިވާ އުދަނގޫތައް ލުއިކޮށް ކުޑަކުރުމަށް މަސައްކަތް
ކުރުމަށެވެ. ފަރުވާ ބޮޑަށް ބަރޯސާވަނީ ބަލިކުރިމަތިވެފައިވާ ކުޑަ ބޮޑުމިނަކާއި،
އެކި ބޭސްތަކަށް ބަލިމީހާގެ ހަންގަނޑު އިޖާބަދޭ ގޮތެއްގެ މައްޗަށެވެ.
ސޮރައިއަސިސްގެ ފަރުވާގައި އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަންތައްތަކެއް
ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.
ސޮރައިއަސިސްގެ ފަރުވާގެ އަމާޒަކީ ހަމުގެ ސެލްތައް
މާއަވަހަށް ހެދިބޮޑުވުން ހުއްޓުވުމާއި، ހަމުގައި އުފެދޭ ތޮށިތަކާ ހުޅުބުތައް
ހަމުން ވަކިކޮށް ނައްތާލުމެވެ. ފަރުވާގެ ތެރޭގައި އަމިއްލަ ނަފުސަށް އަޅާލުމަށް
ކުރެވޭނެ ކަންތައްތައް(Self-care) ،
އުގުޅާ ބޭސްތަކުގެ ގޮތުގައިދޭ ކްރީމް، ލޯޝަން، އޮއިންޓްމަންޓް (topical therapy)، އަލި ބޭނުންކޮށްގެން ދޭ ފަރުވާ(Light therapy)، ލޭޒަރ ތެރަޕީ(Laser
therapy)، ގުޅަބޭސް(Oral
medication)، އަދި މީގެ އިތުރުން އިންޖެކްޝަން ޖަހައިގެން ދޭ
ބޭސްތައް(injected medication) ހިމެނެއެވެ.
އަމިއްލަ ނަފުސަށް އަޅާލުމަށް ކުރެވިދާނެ
ކަންތައްތައް
ބަލީގެ އުދަނގޫތައް ގޯސްކުރާ
ކަންތައްތަކާ ދުރުހެލިވުން
ޑޮކްޓަރާއި ވާހަކަ ދައްކައިގެން ބަލީގެ އުދަނގޫތައް
ގޯސްކުރުވައިފާނެ ކަންތައްތައް ހޯދައި ދެނެގަތުމަކީ މުހިއްމު ކަމެކެވެ. މިސާލަކަށް
ދުންފަތުގެ އިސްތިއުމާލުކުރުމުން ބަލީގެ ހާލަތު އިތުރަށް ގޯސްވާނަމަ ދުންފަތުގެ
އިސްތިއުމާލުކުރުމުން ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.
އަމިއްލަ ހަށިގަނޑަށް އަޅާލުން
އަމިއްލަ ހަށިގަނޑަށް އަޅާލުމުގެ ގޮތުން ކޮންމެ
ދުވަހަކު ތާފަނާ ފެނުން އާދައިގެ ސައިބޯންޏެއް ބޭނުންކޮށްގެން ފެންވަރައި
ސާފުތާހިރުވުމަކީ ހަމުގައި ހުންނަ ތޮށިތައް ވަކިކޮށްދީ، އިންފްލެމޭޝަން
ކުޑަކޮށްދޭނެ ކަމެކެވެ. ފެންވަރައި ފެންހިއްކުމަށްފަހު ރަނގަޅު މޮއިސްޓަރ ކްރީމެއް
ބޭނުންކުރުން މުހިއްމެވެ. ގަޔަށްދޫ ފަސޭހަ ހެދުމެއް ލުމަކީ ހެދުން ބާރުވެ،
ގައިގައި ހޭކި ހަންގަނޑު އިތުރަށް ގޯސްވުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ބައެއް ފަހަރު ރޭގަނޑު ނިދާއިރު، ތެޔޮ
މޮއިސްޗަރައިޒަރ އެއް ސޮރައިއަސިސްގެ އަސަރު ހުރި ހިސާބުގައި އުގުޅައި އޭގެ މަތިން
ޕްލާސްޓިކް ރެޕެއް އަޅައިގެން އޮތުމަށް ލަފާދީފާނެއެވެ. މިއީ ހަމުގައި
ސޮރައިއަސިސްގެ ސަބަބުން ހުންނަ ރަތްކަމާއި، ހަންފޮޅުން ކުޑަކޮށްދޭނެ ކަމެކެވެ.
އަމިއްލަ ނަފްސަށް އަޅާލުމަށް ކުރެވިދާނެ ބައެއް އެހެން ކަންތައްތަކުގެ ތެރޭގައި
ނިޔަފަތިތައް އަބަދުވެސް ކަނޑައި ކުރުކޮށް ބެހެއްޓުން، ރޭގަނޑު ކަފައިން
ތައްޔާރުކޮށްފައި ހުންނަ އިސްޓާކީނަށް އެރުން، އަދި ސޮރައިއަސިސްގެ އަސަރު ހުރި
ހިސާބުގެ ޑްރެސިންގ އެއް ހެދުން ފަދަ ކަންތައްތައް ހިމެނެއެވެ.
ދިރިއުޅުމަށް ބަދަލުތައް ގެނައުން
ސޮރައިއަސިސް ކުރިމަތިވުމުން ކެއުމަށް ވެސް ބައެއް
ކަހަލަ ބަދަލުތައް ގެނެވިދާނެ އެވެ. އެގޮތުން މޭވާއާއި ތަރުކާރީ ގިނައިން
ބޭނުންކުރުން ރަނގަޅެވެ. ހޯލްގްރޭއިން ހިމެނުން މުހިއްމެވެ. ބަނގުރާ
ބޭނުންކުރުމުން ދުރުހެލިވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
ބުއްދިވެރި އެވެ.
އަވީގައި ހޭދަކުރުމުން ބައެއް މީހުންނަށް ބަލީގެ
އަލާމާތްތަކަށް ލުއިކަން ލިބުނަސް، އަނެއްބައި މީހުންނަށް ބަލީގެ އުދަނގޫތައް
އިތުރަށް ގޯސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ބޭސް ބޭނުންކުރުން
ކްރީމް، ލޯޝަން އަދި އޮއިންޓްމެންޓް ތައް
ސޮރައިއަސިސްގެ ފަރުވާގައި އެމޯލިއެންޓް ތަކުގެ
ގޮތުގައި ބެލެވޭ ކްރީމް، ލޯޝަން، އަދި އޮއިންމަންޓް ފަދަ ތަކެތި ބޭނުންކުރުން
ބަރޯސާވަނީ ސޮރައިއަސިސް ގެ އަސަރު ހުރި ހިސާބާއި، އަސަރު ހުރި މިންވަރެއްގެ
ނުވަތަ ބޮޑުމިނެއްގެ މައްޗަށެވެ. މިއީ ހަންގަނޑު މަޑުކޮށް، ތެތްކަންމަތީ
ބަހައްޓައިދޭ ބާވަތްތަކެކެވެ. އާންމު ގޮތެއްގައި ބޭނުންކުރެވޭ އެމޯލިއެންޓް ތަކުގެ
ތެރޭގައި ޕެރެފިން އެކުލެވޭ އުފެއްދުންތައް، ބާތު އޮއިލް، އެކޫއިއަސް ކްރީމް، އަދި
ސޯރބޮލީން ފަދަ ބާވަތްތައް ހިމެނެއެވެ.
ކޯޓިކޯސްޓީރޮއިޑް
ހަންގަނޑު ދުޅަވެ ހަލާކުވެފައިވާނަމަ،
ކޯޓިކޯސްޓީރޮއިޑް ހަމުން ދުޅަވެފައިވާ ހިސާބުގައި އުގުޅުމަށް ދީއުޅެއެވެ. އާދައިގެ
އަދި މެދުމިންވަރަކަށް ކުރިމަތިވެފައިވާ ސޮރައިއަސިސްގެ ހާލަތްތަކުގައި
ހައިޑްރޯކޯޓިޒޯން، އަދި ކްލޮބިޓަޒޯން ބިޔުޓައިރޭޓް ފަދަ ބޭސްތައް ދީއުޅެއެވެ. ތަންކޮޅެއް
ބޮޑެތި ނޫނީ ނުރައްކާތެރި މިންވަރަކަށް ސޮރައިއަސިސްގެ އަސަރު ހުރިނަމަ
ސްޓީރޮއިޑްގެ ބާރުގަދަ ފޯމެއް ބޭނުންކުރަންޖެހިދާނެ އެވެ. ބޮލުގައި ނަގާ
ސޮރައިއަސިސް އަށް ފަރުވާ ކުރުމުގައި ކޯޓިކޯސްޓީރޮއިޑް ފޯމް، އަދި ސޮލިޔުޝަން
ބޭނުންކުރެއެވެ.
ކޯޓިކޯސްޓީރޮއިޑް ބޭނުންކުރަނީ ހަންގަނޑު ދުޅަވުން
އަވަހަށް ކުޑަކޮށްދީ، ހަމުގެ އާ ސެލްތައް އުފެއްދުން ހުއްޓުވައި، ހަންގަނޑު
ހިރުވައި ކެހުން ކުޑަކުރުމަށްޓަކައެވެ. ސްޓީރޮއިޑް ކްރީމް ގެ ގޮތުގައި ހަމުގައި
އުގުޅުމުން ނޭދެވޭ އަސަރުގެ ގޮތުގައި ހަންގަނޑު ތުނިވުން، އޮށާޅަނެގުން، އަދި
ހަންގަނޑު ފާރުވުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
ބައެއް ހާލަތްތަކުގައި ސްޓީރޮއިޑް ކްރީމް
އުގުޅައިގެން އެކަށޭނަ ނަތީޖާއެއް ނުލިބިއްޖެނަމަ، ޓްރައިއެމްސިނޯލޯން
އެސިޓޮނައިޑް ފަދަ ބޭހެއް އިންޖެކްޝަންގެ ގޮތުގައި ސޮރައިއަސިސް އާއިގުޅިގެން
އުފެދިފައިވާ ޕްލޭކްގެ ތެރެއަށް ޖަހައެވެ.
އެހެނިހެން ބޭސްތައް
ސޮރައިއަސިސް ކުރިމަތިވާތާ ކުރީކޮޅު ފެށުމެއްގެ
ގޮތުން އެހެން ބައެއް ބޭސްތައް ލިޔެދީ އުޅެއެވެ. އެގޮތުން ކޯލް ޓަރ، ޑިތްރަނޯލް،
ވިޓަމިން އޭ، އަދި ވިޓަމިން ޑީ އެކުލެވޭ ކްރީމް، އަދި އޮއިންޓްމަންޓް ފަދަ
ބާވަތްތައް އާންމު ގޮތުގައި ދީއުޅޭކަން ފާހަގަ ކުރެވެއެވެ. މިފަދަ ހާލަތްތަކުގައި
ދީއުޅޭ ވިޓަމިން އޭ ޑެރައިވޭޓިވް ތެރޭގައި "ޓެޒަރޮޓިން"، ވިޓަމިން ޑީ
ޑިރައިވޭޓިވްގެ ތެރޭގައި "ކެލްސިޕޮޓްރިއިން"، ކެލްސިޓްރިއޯލް، އަދި
ޓެކެލްސިޓޯލް ފަދަ ބޭސްތައް ހިމެނެއެވެ. ހަމުގައި އުފެދިފައި ހުންނަ ތޮށިލީ ނުވަތަ
ހުޅުބުލީ ތަންތަން ރަނގަޅު ކުރުމަށްޓަކައި ސެލިސައިލިކް އެސިޑް ނުވަތަ ލެކްޓިކް
އެސިޑް ހިމެނޭ ކްރީމް ލިޔެދީ އުޅެއެވެ.
އަލި ބޭނުންކޮށްގެން ދީއުޅޭ ފަރުވާތައް
އަލި ބޭނުންކޮށްގެން ސޮރައިއަސިސް އަށް ދޭ
ފަރުވާތަކުގެ ތެރޭގައި އަންނަނިވި ފަރުވާތައް ހިމެނެއެވެ.
އިރުގެ އައްޔަށް ހުށަހެޅުން
ކޮންމެ ދުވަހަކު ކުޑަކުޑަކޮށް އަވީގެ ތެރެއަށް
ނިކުމެއުޅުމަކީ ފަހަރުގައި ސޮރައިއަސިސްގެ އުދަނގޫތަކަށް ލުއިކަން ލިބިދާނެ
ކަމެކެވެ. ނަމަވެސް މިފަދަ ކަމެއް އަމިއްލައަށް ކުރަން ފެށުމުގެ ކުރިން
ޑޮކްޓަރުންގެ ލަފަޔާ މަޝްވަރާ ހޯދުން މުހިއްމެވެ.
އަލްޓްރާ ވައިލެޓް ބީގެ ފަރުވާ
އަލްޓްރާ ވައިލެޓް ބީ(UVB
therapy) ފޮޓޯތެރަޕީގެ ތެރޭގައި ހިމެނޭ އެންމެ
ކުރިން ދީއުޅުނު ފަރުވާ އަކީ ބްރޯޑްބޭންޑް އަލްޓްރާވައިލެޓް ބީ ތެރަޕީ(UVB broadband) އެވެ. މިފަރުވާގައި މަޞްނޫއީ އަލީގެ
މަސްދަރެއްގެ އެހީގައި ހަންގަނޑަށް ވަކި އުސޫލަކުން އަލްޓްރާ ވައިލެޓް ބީ ދޯދިތައް
ފޮނުވެއެވެ. މިފަރުވާގެ ސަބަބުން ހަންގަނޑު ހިކި، ރަތްވެ، ދިލަނަގައި، ކަހައި
ހިރުވުމަކީ ވެދާނެ ގޮތެކެވެ.
އަލްޓްރާ ވައިލެޓް ބީ ފޮޓޯތެރަޕީގެ ތެރޭގައި ހިމެނޭ
ފަރުވާތަކުގެ ތެރެއިން ފަހުން ދޭން ފެށުނު ފަރުވާ އަކީ ނެރޯބޭންޑް
އަލްޓްރާވައިލެޓް ބީ ތެރަޕީ(UVB narrowband) އެވެ. މިއީ އޭގެ ނަތީޖާ މާރަނގަޅު ފަރުވާއެއްކަން ފާހަގަ
ކުރެވެއެވެ. ނަމަވެސް މިފަރުވާގެ ސަބަބުން ހަންގަނޑުން ދިލަނެގުން މާބޮޑަށް
ކުރިމަތި ކުރުވައެވެ. މިއީ ސޮރައިއަސިސްގެ ފަރުވާގައި އެންމެ އާންމުކޮށް
ބޭނުންކުރެވޭ އަލީގެ އެހީގައި ދެވޭ ފަރުވާއެވެ.
ފޮޓޯޑައިނަމިކް ތެރަޕީ
ފޮޓޯޑައިނަމިކް ތެރަޕީ(photodynamic
therapy) އަށް
"ސޮރަލީން ޕްލަސް އަލްޓްރާވައިލެޓް އޭ"(PUVA) މިހެން ކިޔައި އުޅެއެވެ. މިފަރުވާގައި އަލްޓްރާވައިލެޓް އޭ
ދޯދިތައް ހަމަށް ފޮނުވުމުގެ ކުރިން ލައިޓް ސެންސިޓައިޒިންގ ބޭހެއް ކަމުގައިވާ
"ސޮރަލީން" (Psoralene)ބޭނުންކުރަން ޖެހެއެވެ. އާންމު ގޮތެއްގައި މިފަރުވާ
ހަފްތާއަކު 3-2 ފަހަރު ނަގަންޖެހެއެވެ. އަލްޓްރާވައިލެޓް އޭ ގެ ދޯދިތައް
އަލްޓްރާވައިލެޓް ބީ ގެ ދޯދިތަކަށް ވުރެ ބޮޑަށް ހަމުގެ އެތެރެއަށް ނުވަތަ ފުނަށް
ވާޞިލްވާނެއެވެ. މިއީ މާއެކަށޭނަ ފަރުވާއަކަށް ވިޔަސް، މިފަރުވާގެ ސަބަބުން
ކެންސަރަށް މަގުފަހިވާތީ މިފަރުވާދެނީ ވަރަށް މަދުންނެވެ.
ލޭޒަރ ތެރަޕީތައް
ލޭޒަރ ތެރަޕީ(laser
therapy)ގެ އެހީގައި ހަމުން ސީދާ
ފަރުވާދޭންޖެހޭ ތަންކޮޅަށް އަމާޒުކޮށްގެން ފަރުވާ ދެވެއެވެ. ނެރޯބޭންޑް
އަލްޓްރާވައިލެޓް ބީ ތެރަޕީއަށްވުރެ
އާދައިގެ-މެދުމިންވަރަކަށް ސޮރައިއަސިސްގެ އަސަރު ހުންނަ ބައެއް މީހުންނަށް
ލޭޒަރ ތެރަޕީ މާކާމިޔާބުކަން ފާހަގަ ކުރެވެއެވެ.
ގުޅަ ބޭސްތަކާއި، އިންޖެކްޝަންގެ
ސިފައިގައި ދެވޭ ބޭސްތައް
·
ސްޓީރޮއިޑް : ދިގުމުއްދަތަށް
ހުންނަ ކުދި މަދު ޕެޗްތަކެއް ސޮރައިއަސިސްގެ ސަބަބުން އުފެދިފައިވާނަމަ އެޕެޗަށް
ސްޓީރޮއިޑް (ޓްރައިއެމްސިނޮލޯން އެސިޓޮނައިޑް) އިންޖެކްޝަން ޖަހައިގެން
ރަނގަޅުކުރެވޭތޯ ބަލައެވެ.
·
ރެޓިނޮއިޑް : މިއީ ހަމުގެ
ސެލްތައް އުފެއްދުން މަދުކުރުމަށް ދީއުޅޭ ގުޅަބޭހެކެވެ. މާބަނޑު ދުވަސްވަރު،
ގާތުންދޭއިރު އަދި ކައިރި މުސްތަގުބަލެއްގައި މާބަނޑުވުމަށް ވިސްނާނަމަ ވެސް މި
ބޭސް ބޭނުން ނުކުރެވޭނެ އެވެ. ބައެއް ފަހަރު ބޭހުގެ ނޭދެވޭ އަސަރުގެ ގޮތުގައި
ހަންގަނޑު ހިކުން، މަސްގަނޑު ފާރުވުން ފަދަ ކަންތައްތައް ކުރިމަތިވެދާނެ އެވެ.
·
މިތޮޓްރެކްސޭޓް : މިއީ އާންމު
ގޮތެއްގައި ހަފްތާއަކު އެއްފަހަރު ގުޅަބޭހުގެ ގޮތުގައި ދޭ ބޭހެކެވެ. މިއީ ހަމުގެ
ސެލްތައް އުފެއްދުން ދަށްކޮށްދީ، ދުޅަ ތިރިކޮށްދޭނެ ކަމެކެވެ. ކާހިތްނުވުމާއި،
ވާޅުވުމާއި، ބަނޑަށް އުދަނގޫވުމަކީ ދިމާވެދާނެ ނޭދެވޭ އަސަރުތަކެވެ.
ދިގުމުއްދަތަކަށް މިބޭސް ބޭނުންކުރާނަމަ ފުރަމޭގެ ޓެސްޓުތަކާއި، ލޭގެ ސެލްތަކުގެ
މިންވަރު ބަލަމުން ގެންދިއުން މުހިއްމެވެ.
·
ސައިކްލޯސްޕޯރިން : ވަރަށް ބޮޑަށް ނޫނީ ވަރަށް ނުރައްކާތެރި މިންވަރަކަށް ސޮރައިއަސިސް
ހުރެއްޖެނަމަ ގުޅަބޭހުގެ ގޮތުގައި ދީއުޅޭ ބޭހެކެވެ. ނަމަވެސް މިއީ ދިފާޢީ ބާރު
ދަށްކޮށްލާ ބޭހެކެވެ. އެއް އަހަރަށްވުރެ ދިގުމުއްދަތަކަށް މެދުކަނޑާ ނުލައި މިބޭސް
ބޭނުންކުރުން އެދެވިގެން ނުވެއެވެ. މިއީ ދިފާޢީ ބާރު ދަށްކޮށްލާ ބޭހެއްކަމުން
ދިގުމުއްދަތަކަށް ބޭނުންކުރުން ތަފާތު އިންފެކްޝަންތައް ޖެހުމާއި، ކެންސަރުޖެހުމުގެ
ހިރާސް އިތުރުވެއެވެ. މިބޭސް ބޭނުންކުރަމުންދާއިރު ގުރުދާގެ ޓެސްޓުތަކާއި، ލޭގެ
ޕްރެޝަރު ބަލަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ.
·
ބަޔޮލޮޖިކްސް : މިއީ އިންޖެކްޝަންގެ ގޮތުގައި ދެވޭ ބޭސްތަކެކެވެ.
އެންމެ ފުރަތަމަ ދޭ ބޭސްތަކުން އެކަށޭނަ ނަތީޖާއެއް ނުލިބިއްޖެނަމަ މިވައްތަރުގެ
ބޭސްތައް ދީއުޅެއެވެ. މިއީ ވަރަށް އަގުބޮޑު ބޭސްތަކެއް ކަން ފާހަގަ ކުރެވެއެވެ. މާބަނޑު ދުވަސްވަރު، ގާތުންދޭއިރު އަދި ކައިރި
މުސްތަގުބަލެއްގައި މާބަނޑުވުމަށް ވިސްނާނަމަ ވެސް މި ބޭސް ބޭނުން ނުކުރެވޭނެ
އެވެ.
ގޭގައި ކުރެވިދާނެ ކަންތައްތައް
·
ހަންގަނޑު ހިކުނަނުދީ، ތެތްކަންމަތީ ބެހެއްޓުމަށް މަސައްކަތްކުރުން
·
ޑޮކްޓަރުން ދީފައިވާ އިރުޝާދާ އެއްގޮތަށް ބޭސް ބޭނުންކުރުން
·
ޝޭމްޕޫ ބޭނުންކުރާއިރު ކީޓޯކޮނަޒޯލް، ސަލިސައިލިކް އެސިޑް، ޓަރ، ސިލެނިއަމް
ސަލްފައިޑް، އަދި ޕައިރިތިއޯން ޒިންކު ފަދަ ބޭސްތައް އެކުލަވައިގެން
ތައްޔާރުކޮށްފައިވާ ޝޭމްޕޫއެއް ބޭނުންކުރުން
·
ގަވާޢިދުން ކަސްރަތުކުރުން
·
ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް މަސައްކަތްކުރުން
·
ސޮރައިއަސިސްގެ އަސަރު ހުރި ހިސާބު އިރުގެ އައްޔަށް މަދުމަދުން ހުށަހެޅުން
·
ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުޑަކުރުމަށް މަސައްކަތްކުރުން
·
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·
ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުން
·
ނިޔަފަތިތައް ކުރުކޮށް ކަނޑާފައި ބެހެއްޓުން
·
އަންނަނިވި ކަންތައްތަކުން ދުރުހެލިވުން
o ގިނައިރު އަވީގައި ނޫޅުން
o ސޮރައިއަސިސްގެ އުދަނގޫތައް ގޯސްވެދާނެ
ބޭސްތަކާ ދުރުހެލިވުން
o ފިނި މާހައުލުގައި ގިނަ ވަގުތު/ ދުވަސް
ހޭދަނުކުރުން
o ހަންގަނޑު ކަހައި، ތޮށިތައް ނޮޅައި،
ނައްޓައި، ނިޔަފަތިން ކޮށްޓައި ނުހެދުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://doctorsaustralia.com.au/mv/topic/general-report/psoriasis
· https://www.mayoclinic.org/diseases-conditions/psoriasis/symptoms-causes/syc-20355840
No comments:
Post a Comment