މުހިއްމު ސަފުހާތައް

Sunday, September 19, 2021

ހިއެޓަސް ހާނިއާ

ހިއެޓަސް ހާނިއާ

ހިއެޓަސް ހާނިއާ(Hiatal hernia)  އަކީ މެޔާއި ބަނޑު ވަކިކޮށްދޭ ހުރަސްފާރު ނުވަތަ "ޑައަފްރަމް"(diaphragm) ގައި ހިމެނޭ ލޯވަޅަކުން ނުވަތަ ހުޅުވުމަކުން(hiatus)، (ކާތަކެތިހިނގާ ހޮޅި ނިކުމެފައިވާ މަގުން) މައިދާ އިން ބައެއް މައްޗަށް އުފުލި، މޭގެ ތެރެއަށް (chest cavity) ނުވަތަ މޭމައްޗާއި ދިމާލަށް ޖެހި މައްޗަށް އުފުލޭގޮތް ނޫނީ ނިކުންނަގޮތް ވުމެވެ. ނުވަތަ ނިކުތުމެވެ. ޑައަފްރަމް އަކީ މެޔާއި ބަނޑު ވަކިކޮށްދޭ ތުނި މަސްފަށަލައެކެވެ. ޑައަފްރަމްގައި ވާ ހުޅުވުމަކީ މައިދާއާއި، ކާތަކެތިހިނގާހޮޅި ގުޅޭ ތަނެވެ. ނުވަތަ މިއީ މައިދާގެ ތެރެއަށް ކާތަކެތިހިނގާ ހޮޅި ގޮސް ވަންނަ ދޮރެވެ.


ކޮންމެ އުމުރެއްގެ އަދި ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ހިއެޓަސް ހާނިއާ ކުރިމަތިވެދާނެ އެވެ. އާންމު ގޮތެއްގައި ގިނައިން ކުރިމަތިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އާދަޔާ ޚިލާފަށް ބަރުހެލި މީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ހިއެޓަސް ހާނިއާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

ހިއެޓަސް ހާނިއާގެ ސަބަބުން ފާހަގަކުރެވޭ މާބޮޑު އަލާމާތްތަކެއް ނުފެނިދާނެ އެވެ. ނަމަވެސް މެއިން ދިލަނެގުން މިވައްތަރުގެ ހާނިއާ ކުރިމަތިވުމުން ދިމާވާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު ނޭނގި ވެސް ހިއެޓަސް ހާނިއާ އުފެދިފައި ހުރެދާނެ އެވެ.

ސަބަބު

ހިއެޓަލް ހާނިއާ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އުމުރުން ދުވަސްވުމުން ޑައަފްރަމްގެ ބާރު ދެރަވުމާއި، ތަކުރާރުކޮށް ބަނޑަށް ކުރިމަތިވާ ޕްރެޝަރުގެ ސަބަބުން މިވައްތަރުގެ ހާނިއާ މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ހިއެޓަސް ހާނިއާ ކުރިމަތިކުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ބަނޑުތެރޭގެ ޕްރެޝަރު މަތިވުމެވެ. ނުވަތަ ބަނޑަށް ބާރުބޮޑުވުމެވެ. އެތެރެހަށި ނުވަތަ ބަނޑުތެރެއަކީ އިންސާނާގެ މުހިއްމު ގުނަވަންތަކެއް އެކުލެވޭ ތަނެކެވެ. އެގޮތުން މިހިސާބުގައި ހިމެނޭ ގުނަވަންތަކުގެ ތެރޭގައި ކާތަކެތިހިނގާހޮޅީގެ ތިރީބައި، މައިދާ، ކުޑަ ގޮހޮރު، ބޮޑު ގޮހޮރު، ސީކަމް، ފުރަގަސްފަރާތް، ފުރަމޭ، ފިތް، ޗިސްމޭ، ހުންކޮށި، ގުރުދާ، އަދި މަސާނާ ފަދަ ގުނަވަންތައް ހިމެނެއެވެ. ބަނޑަށް ޕްރެޝަރު އިތުރުވެދާނެ ކޮންމެ ކަމެއްގެ ސަބަބުން ހާނިއާ ކުރިމަތިވުމަށް މަގުފަހިކުރުވައެވެވެ. އެފަދަ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަރުތަކެތި އުފުލައިހެދުން

·         ބަނޑުހިކުން

·         ބަނޑުދިޔާވެ ބޭރަށްހިންގުން

·         މެދުކެނޑި ގިނައިރުތަކެއް ވަންދެން ހޮޑުލެވުން

·         މެދުނުކެނޑި ނުފިލާ ކެއްސުމެއްހުރުން ނުވަތަ ކިނބިހިއެޅުން

·         ބޮޑުކަމުދާއިރު ހިފުން ނޫނީ ހިފާލަންޖެހުން

·         މާބަނޑުވުން

·         އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ، ފަލަވުން

·         ބަނޑުގައި ފެންޖަމާވުން

·         ކާތަކެތި ހިނގާ ހޮޅި އާއި މައިދާ ގުޅޭ ހިސާބުން ޑައަފްރަމް އަށް އަނިޔާއެއް ލިބިފައިހުރުން

·         ކުރިން ޑައަފްރަމްގައި ކާތަކެތިހިނގާ ހޮޅި ގޮސްފައިވާ ހުޅުވުން ކައިރީގައި އޮޕަރޭޝަނެއްކޮށްފައިވުން

·         އުފެދުމުގައި ޑައަފްރަމްގައި އިންނަ ހުޅުވުން އާދަޔާ ޚިލާފަށް ބޮޑުވުން

·         އުމުރުން 50 އަހަރަށްވުރެ މަތިވުން

ބަނޑުގެ މަސްތައް ދެރަވެ، ބާރުހިގައިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހަށިގަނޑު ބަރުހެލިވެ ފަލަވުން

·         ރަނގަޅުކާނާ ނުލިބުން

·         ދުންފަތުގެ އިސްތިއުމާލުކުރުން

އަލާމާތްތައް

ހިއެޓަސް ހާނިއާ ހުންނަ ގިނަ މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފާހަގަ އެއް ނުކުރެވޭނެ އެވެ. ހިއެޓަސް ހާނިއާ ހުރި ކަމުގައި ވިޔަސް ބޭރު ފުށަށް ދުޅެއް ނޫނީ ފުއްޕުމެއް ނިކުމެފައި ނުހުރެދާނެ އެވެ. ހިއެޓަސް ހާނިއާ ހުންނަ ބައެއް މީހުންގެ ފުށުން މަތިންއަރާ ބަލީގެ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މަތިންއަރާ ބަލީގެ އަލާމާތްތައް ފެންނަނީ މައިދާގައި ހުންނަ ހަޖަމީ ދިޔަ ފަދަ ތަކެތި މައިދާ އިން މައްޗަށް ކާތަކެތިހިނގާ ހޮޅިއަށް ދާގޮތް ވުމުންނެވެ. އެގޮތުން ފެނިދާނެ (މަތިންއަރާ ބަލީގެ) އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         މެއިން ދިލަނެގުން، މޭއެންދުން

·         މޭގައި ރިހުން

·         މަތިންއެރުން،

·         އެއްޗެއް ކެއުމާއެކު ފުރިފައި ހުންނަހެން ހީވުން

·         ކާތަކެތި ދިރުވަން އުދަނގޫވުން

·         ނޭވާކުރުވުން

·         ނޭވާލާއިރު ނުބައިވަސްދުވުން  

·         އަރުތެރެއިން ހިތި ނޫނީ ހުތް ރަހައެއް ލުން

·         ބަނޑުފުއްޕުން

·         އަނގައިން ވައިލުން

·         ބަނޑަށް އުދަނގޫވުން / ބަނޑުގައި ރިހުން

·         ހޮޑުގައި ލޭހުރުން

·         ބޮޑުކަމު ނަޖިހުގައި ލޭހުރުން

ހިއެޓަސް ހާނިއާ އާއި، މަތިންއަރާ ބައްޔާއި ގުޅުމެއް އޮތް ކަމުގައި ބެލެވުނަސް، އެއް ހާލަތުގެ ސަބަބުން އަނެއް ހާލަތު ކުރިމަތިކުރުވާ ކަމެއް (މިސާލަކަށް ހިއެޓަސް ހާނިއާގެ ސަބަބުން މަތިންއަރާ ބަލި ޖެހޭ ކަމެއް) ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ. ވަރަށް ގިނަ މީހުންނަށް މަތިންއަރާ ބަލީގެ އުދަނގޫތަކާ ނުލައި ވެސް ހިއެޓަސް ހާނިއާ ކުރިމަތި ވެއެވެ. އަދި އަނެއްބައި މީހުންނަށް ހިއެޓަސް ހާނިއާ ކުރިމަތިވުމަކާ ނުލައި ވެސް މަތިންއަރާ ބަލި ކުރިމަތިވެއެވެ.

ދެނެގަތުން

ހިއެޓަސް ހާނިއާ ހުރިކަން ދެނެގަނެ ޔަގީންކުރުމަށްޓަކައި ވަރަށް ގިނަ ޓެސްޓުތައް ހަދަން ޖެހިދާނެ އެވެ. އެގޮތުން ހަދަންޖެހިދާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

(ހ) – ބޭރިއަމް ސްވެލޯވް (barium swallow): މި ޓެސްޓު ހެދުމަށްޓަކައި ވަކި ޚާއްޞަ ބުއިމެއް ބޯންދިނުމަށްފަހު އެކްސްރޭ ތަކެއް ނެގެއެވެ. މިއެކްސްރޭ ތަކުގެ އެހީގައި ކާތަކެތިހިނގާ ހޮޅީގައި ހުންނަ މައްސަލަ (ކާތަކެތި ދިރުވަން އުދަނގޫވުމުގެ މައްސަލަތައް ފަދަ ) ތަކާއި މައިދާގެ މައްސަލަތައް ( މައިދާގައި ފާރުހެދުން، މައިދާގައި ޓިއުމަރެއް އުފެދުން ފަދަ) ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ހިއެޓަސް ހާނިއާ ގެ ކުޑަ ބޮޑު މިނާއި، އަދި ހާނިއާގެ ސަބަބުން މައިދާ އެނބުރި އޮޅިފައިވޭތޯ ވެސް ދެނެގަނެވޭނެ އެވެ.

(ށ) – އިންޑޮސްކަޕީ ހެދުން (endoscopy): އެންޑޮސްކަޕީގެ އެހީގައި ހަޖަމުކުރާ ނިޒާމުގެ މަތީބައި ހާލަތު ދެނެގަނެވޭނެ އެވެ. އެގޮތުން ހަޖަމަކުރާ ނިޒާމުގެ މަތީބައިގައި ހިމެނޭ ކާތަކެތިހިނގާ ހޮޅީގެ އެތެރެ ހުރިނެތްގޮތް އަދި ހިއެޓަސް ހާނިއާ ހުރިކަން ދެނެގަނެވޭނެ އެވެ.

(ނ) – އީސަފޭޖިއަލް މެނޯމެޓްރީ (esophageal manometry): މިޓެސްޓުގެ އެހީގައި ކާތަކެތި ދިރުވާއިރު، ކާތަކެތިހިނގާހޮޅީގެ މަސްތަކުގައި ހުންނަ ބާރާއި، މަސްތަކުގެ ވިލަރެސްކުރުން ހުރިނެތްގޮތް ދެނެގަނެވޭނެ އެވެ.

(ބ) – ޕީއެޗް ޓެސްޓު  (ph test): މިޓެސްޓުގެ އެހީގައި ކާތަކެތިހިނގާ ހޮޅީގެ އެތެރޭގައި އެސިޑްގެ ލެވެލް ހުރި މިންވަރު ދެނެގަނެވޭނެ އެވެ. އަދި ކާތަކެތިހިނގާ ހޮޅީގެ އެތެރޭގައި ހުރި އެސިޑާއި ގުޅިގެން ކުރިމަތިވީ ކޮން އަލާމާތްތަކެއްތޯ ދެނެގަތުމަށް އެހީތެރިވެދޭނެ އެވެ.

(ޅ) – ގެސްޓްރިކް އެމްޕްޓީންގ ސްޓަޑީޒް (gastric emptying studies): މިޓެސްޓުގެ އެހީގައި ކާތަކެތި މައިދާ އިން ދޫކޮށްދަނީ ކިހާ އަވަހަށްކަން ދެނެގަނެވޭނެ އެވެ. މިޓެސްޓު މުހިއްމު ވަނީ މޭނުބައިކުރުމާއި ހޮޑުލެވުން ކުރިމަތިވެފައިވާ މީހުންނަށެވެ.

ފަރުވާ

ގިނަ ފަހަރު ހިއެޓަސް ހާނިއާގެ ސަބަބުން އެއްވެސް ކަހަލަ އުދަނގޫތަކެއް ކުރިމައްޗެއް ނުވާނެއެވެ. އަދި ފަރުވާ ބޭނުންވާނީ ވަރަށް މަދު ފަހަރެއްގައެވެ. ނަމަވެސް ހިއެޓަސް ހާނިއާ ހުންނަ ބައެއް މީހުންގެ ކިބައިގައި މަތިންއަރާ ބަލީގެ އުދަނގޫތައް ހުންނާތީ، ފަރުވާ ވެސް ފެށިގެން އަންނަނީ މަތިންއަރާ ބަލީގެ އުދަނގޫތައް ލުއިކުރުމަށް އަމާޒު ކުރެވިގެންނެވެ. އެގޮތުން ދިރިއުޅުމަށް އަންނަނިވި ބަދަލުތައް ގެންނަށް ޖެހޭނެއެވެ.

·         ހަށިގަނޑުގެ ބުރަހެލިވެ، ފަލަނަމަ ބަރުދަން ލުއިކުރުން

·         ކޮންމެ ފަހަރަކު ކާމިންވަރު މަދުކޮށްލުން ނޫނީ މަދުކުރުން

·         ހުތް މޭވާއިން ތައްޔާރުކޮށްފައި ހުންނަ ޖޫސް، ޓޮމާޓޮ ސޯސް ފަދަ  އެސިޑް އެކުލެވޭ ކާބޯތަކެއްޗާއި ދުރުހެލިވުން

·         ތެޔޮ އެކުލެވޭ އަދި ތެލުލި ކާނާގެ ބާވަތްތަކާއި ދުރުހެލިވުން

·         ކެފޭއިން އެކުލެވޭ ބުއިންތަކާއި ދުރުހެލިވުން

·         ނިދަން އޮށޯތުމުގެ 4-3 ގަޑިއިރު ކުރިން ކެއުން

·         އޮށޯވެގެން އޮންނައިރު ބޯލާކޮޅަށް އުސްކޮށް ލައިގެން އޮތުން

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         ބަނޑުމައްޗަށް މާބާރުކޮށް ހުންނަ އަންނައުނު ބޭނުންނުކުރުން، އަދި ބަނޑަށް ބާރުވާގޮތަށް ބެލްޓް ފަދަ ތަކެތި ނޭޅުން

·         ބަނޑުގައި އުފެދޭ ގޭސް ނުވަތަ އެސިޑް މަދުކޮށްދިނުމަށް އެހީތެރިވެދޭ ބޭސް ބޭނުންކުރުން

ބޭސް ބޭނުންކުރުން

ބައެއް ފަހަރު ހިއެޓަސް ހާނިއާ އަށް ފަރުވާކުރުމަށްޓަކައި ޕްރޮޓޯން ޕަމްޕް އިންހިބިޓަރ ބޭނުންކޮށްދާނެއެވެ. މިއީ ވެސް ބަނޑުގައި އުފެދޭ އެސިޑްގެ މިންވަރު ކުޑަކޮށްދިނުމަށް އެހީތެރިވެދޭނެ ބޭހެކެވެ. އަދި މަތިންއެރުން ކުޑަކޮށްދޭނެ ބޭހެކެވެ. ބައެއް ފަހަރު ޑޮކްޓަރުން މަތިންއަރާ ބައްޔާއި، ގެސްޓްރައިޓިސް ފަދަ ހާލަތްތަކުގައި ދޭ ބޭސް ތައް ލިޔެދީފާނެ އެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ޕެންޓޯޕްރަޒޯލް، ރެބިޕްރަޒޯލް، އޮމެޕްރަޒޯލް، ލެންސޯޕްރަޒޯލް، އަދި އިސޮމެޕްރަޒޯލް ފަދަ ބޭސްތައް ހިމެނެއެވެ.

ޕްރޮޓޯން ޕަމްޕް އިންހިބިޓަރސް ގެ އިތުރުން ބައެއް ފަހަރު ބަނޑުގައި އެސިޑް އުފެއްދުން ކުޑަކޮށްދޭ އެޗް2 ބްލޮކަރސް ގެ ތެރޭގައި ހިމެނޭ ސިމެޓިޑިން، ފެމޮޓިޑިން އަދި ނިޒަޓިޑިން ފަދަ ބޭސްތައް ވެސް ދީއުޅެއެވެ.

އެންޓަސިޑް އަކީ ވެސް ހިއެޓަސް ހާނިއާގެ އުދަނގޫތަކަށް ލުއިކަން ހޯދުމަށް ބޭނުންކުރެވިދާނެ ބޭހެކެވެ. ނަމަވެސް މިފަދަ ބޭސްތައް ބޭނުންކުރަންވާނީ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއި އެކުގައެވެ.

 

އޮޕަރޭޝަންކުރުން

މައިދާ އިން މައްޗަށް ކާތަކެތިހިނގާހޮޅިގެ ތެރެއަށް ޖެހިފައިވާ ބައި ފިތި ބާރުވެ، އެކަމުގެ ސަބަބުން މައިދާގެ އެބަޔަށް ލޭފޯރުކޮށް ދިނުމަށް ހުރަސްއެޅޭނަމަ، އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ދިގުމުއްދަތަކަށް މަތިންއަރާ ބަލިހުރެމެ، ބޭސް ބޭނުންކުރިޔަސް ލުއިނުވެ، އަދި އެފަދަ މީހުންގެ ކިބައިގައި ހިއެޓަސް ހާނިއާ ހުރިކަމުގައި ވާނަމަ ވެސް އޮޕަރޭޝަން ކުރަން ޖެހިދާނެ އެވެ. މިގޮތުން ކުރެވޭ އޮޕަރޭޝަނުގެ ބޭނުމަކީ ކާތަކެތިހިނގާހޮޅި އާއި މައިދާއާއި ގުޅޭ ހިސާބުގައިވާ ވޭލް ތައް ރަނގަޅުކޮށް، މަތިންއެރުވުން ހުއްޓުވައިދިނުމެވެ.

މައިދާ އާއި ކާތަކެތިހިނގާ ހޮޅި އާއި ދެމެދުގައިވާ ވޭލް އަކީ ހުޅުވާ ލެއްޕޭ ދޮރެއް ފަދަ ތަނެކެވެ. އެގޮތުން ކާތަކެތި ހިނގާ ހޮޅިން ތިރިއަށް ކާތަކެތި ފޮނުވާލުމަށްޓަކައި މިވޭލް ހުޅުވޭއިރު، މައިދާގައި ހުރި ތަކެތި އަނބުރާ ކާތަކެތިހިނގާ ހޮޅިއަށް އަޔަ ނުދިނުމަށްޓަކައި މިވޭލް ބަންދުކޮށްލާނެ އެވެ.

ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، ދިގުމުއްދަތަކަށް ހުންނަ މަތިންއަރާ ބަލީގެ ސަބަބުން ކާތަކެތި ހިނގާ ހޮޅި ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ކާތަކެތިހިނގާ ހޮޅީގައި ފާރުހެދުމާއި، ލަކުނުލުމަކީ ވެސް ވެދާނެ ގޮތެކެވެ.

އޮޕަރޭޝަންކުރެވޭގޮތް

ހިއެޓަސް ހާނިއާ ހުރެގެން އެކަން ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަން ގައި ހިމެނެނީ އަންނަނިވި ކަންތައްތަކެވެ.

·         ހިއެޓަސް ހާނިއާގެ ސިފައިގައި ކާތަކެތިހިނގާހޮޅީގެ ތެރެއަށް ގޮސްފައިވާ ބައި، ދަމައި ތިރިއަށް ބަނޑުގެ ތެރެއަށް ޖެއްސުން ނުވަތަ ދަމައި ބަނޑުގެ ތެރެއަށް ގެނައުން ނޫނީ ގެންދިޔުން

·         ކާތަކެތިހިނގާ ހޮޅި އާއި މައިދާއާއި ދެމެދުގައިވާ ވޭލް ރަނގަޅުކުރުން

·         ޑައަފްރަމްގައި ފޭވެފައި އިން ލޯވަޅު ކައިރިކޮށް ރަނގަޅަށް ބެއްދުން

އޮޕަރޭޝަނުގެ ތެރޭގައި މައިދާގެ މަތީބައި ނުވަތަ ފަންޑަސް އިން ކާތަކެތިހިނގާ ހޮޅީގެ ތިރީބައި ރަނގަޅަށް ފޮރުވޭނެހެން ނިވާކޮށްލާނެއެވެ. މިގޮތަށް ހެދުމުން މި ސްފިންކްޓަރ (ނުވަތަ ވޭލް) ރަނގަޅަށް ބާރުވެގެންދެއެވެ. މިހެންވުމުން މައިދާގައި ހުންނަ ކާތަކެތި މައްޗަށް ކާތަކެތިހިނގާ ހޮޅީގެ ތެރެއަކަށް ނުދާނެއެވެ. ނުވަތަ އެގޮތަށް ދިއުމުން މިންޖުކޮށްދޭނެ އެވެ. މިއީ ހުޅުވައިގެންނާއި، ލޯވަޅު ތޮރުފައިގެން ވެސް ކުރެވިދާނެ އޮޕަރޭޝަނެކެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް

·         އެއްފަހަރާ ބައިވަރު ކެއުމުގެ ބަދަލުގައި އިރުއިރުކޮޅާ އެތިކޮޅުކޮޅުން ކެއުން

·         ތެޔޮ ނުވަތަ ތެލުލި ބާވަތްތަކާއި ދުރުހެލިވުން

·         ކައިނިމޭގޮތަށް ނުއޮށޯތުން

·         އެކަށޭނަ ބަރުދަނެއްގައި ހުރެވޭތޯ މަސައްކަތްކުރުން

·         ނިދާއިރު ބޯލާކޮޅު އުފުލާލުން

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ  

·         https://my.clevelandclinic.org/health/diseases/15757-hernia

·         https://my.clevelandclinic.org/health/diseases/8098-hiatal-hernia  

·         https://www.nhs.uk/conditions/hiatus-hernia/

·         https://www.mayoclinic.org/diseases-conditions/hiatal-hernia/symptoms-causes/syc-20373379 

No comments:

Post a Comment