މުހިއްމު ސަފުހާތައް

Monday, July 4, 2022

ސްކިޓްސަފްރީނިއާ

ސްކިޓްސަފްރީނިއާ

ސްކިޓްސަފްރީނިއާ(schizophrenia)  އަކީ ނަފްސާނީ ބަލިމަޑު ކަމެކެވެ. މިއީ ވަރަށް ސީރިއަސް ނަފްސާނީ ބަލިމަޑުކަމެކެވެ. އަދި ސިކުނޑީގެ ބައްޔެއް ވެސް މެއެވެ. މިބަލިމަޑުކަން ހުންނަ މީހުން ހަގީގަތް މާނަކުރަނީ ދިމާ އިދިކޮޅަށެވެ. ނޫނީ ޣައިރު ތަބީޢީކޮށް ހަގީގަތް މާނަކުރެއެވެ. މިބަލީގައި ހުވަފެންދެއްކުން، ވަހުމާއި ކުށްހީތައް ކުރެވުން، އާދަޔާ ޚިލާފަށް ވިސްނުމާއި، އުޅުމަށް ބަދަލުއައިސް، އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ދަތިތަކާ ކުރިމަތި ވެއެވެ.

ސްކިޓްސްފްރީނިއާ ހުންނަ މީހުންނަށް މުޅިއުމުރަށް ފަރުވާ ކުރަންޖެހެއެވެ. ކުރީކޮޅުގައި ފަރުވާ ފެށިއްޖެނަމަ ނުރައްކާތެރި މައްސަލަތައް ފެންމަތިވުމުގެ ކުރިން ބަލީގެ އުދަނގޫތައް ކޮންޓްރޯލް ކުރެވިދާނެ އެވެ.


ދުނިޔޭގެ އާބަދީގެ ކޮންމެ 300 މީހުންކުރެ 1 އަކީ ސްކިޓްސްފްރީނިއާ ތަހައްމަލުކުރަމުން ގެންދާ މީހެކެވެ. އާންމު ކޮށް އެއްވެސް ބައްޔެއް ނެތް މީހުންނަށްވުރެ ސްކިޓްސަފްރީނިއާ ހުންނަ މީހުން 3-2 ގުނަ އަވަހަށް މަރުވާކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިފަދަ ބަލިމީހުންނަށް ތަފާތުކުރުމާއި، މަލާމަތްކުރުމާއި، ފުރައްސާރަކުރުމާއި، ނިކަމެތިކޮށް ހިތުމުގެ މައްސަލަތައް އޮވެއެވެ. މިފަދަ ސަބަބުތަކާހުރެ މިފަދަ ބަލިމީހުންނަށް ބަލިން އަރައިގަތުމަށް އުދަނގޫތަކާއި ކުރިމަތި ވެއެވެ.

ސަބަބު

ސްކިޓްސަފްރީނިއާ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ދިރާސާވެރިން ގަބޫލުކުރާގޮތުގައި ވާރުތަވުން، ދިރިއުޅޭ ވެށިން ހުށަހެޅޭ ތަކެއްޗާއި، ކަންތައްތައް އަދި ސިކުނޑީގެ ކެމިސްޓްރީ އަށް އަންނަ ބަދަލުތައް ސްކިޓްސްފްރީނިއާ ކުރިމަތިވުމުގައި ދައުރެއް އަދާކުރުމަކީ އެކަށީގެންވާ ކަމެކެވެ.

 ތަބީއީ ގޮތުން ސިކުނޑީގައި ހިމެނޭ ނިއުރޯޓްރާންސްމިޓަރު ތައް ކަމުގައިވާ ޑޮޕަމިން އަދި ގުލޫޓަމޭޓް އަށް ދިމާވާ މައްސަލަތައް ސްކިޓްސްފްރީނިއާ ކުރިމަތިވުމުގައި ދައުރެއް ފަހަރުގައި އަދާކޮށްފާނެ އެވެ. ސްކިޓްސްފްރީނިއާ ހުންނަ މީހުންގެ ސިކުނޑީގެ އިމޭޖިންގ ޓެސްޓުތަކުން ފާހަގަވެފައިވާ ގޮތުގައި މިފަދަ މީހުންގެ ސިކުނޑީގެ އޮނިގަނޑާއި، މަރުކަޒީ ނާރުތަކުގެ ނިޒާމުގައި ތަފާތެއް ހުރެއެވެ. މިތަފާތު ތަކުގެ މުހިއްމުކަން އިލްމުވެރިންނަށް އަދި ހޯދިފައި ނުވި ނަމަވެސް، އިލްމުވެރިން ސްކިޓްސްފްރީނިއާ ފާހަގަ ކުރަނީ ސިކުނޑީގެ ބައްޔެއްގެ ގޮތުގައެވެ.

ހިރާސްތައް

ސްކިޓްސްފްރީނިއާ ކުރިމަތިވާ ސީދާ ސަބަބެއް ހޯދިފައި ނުވި ނަމަވެސް ސްކިޓްސްފްރީނިއާ އަށް މަގުފަހިކުރާ ހިރާސްތަކެއް ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން ފާހަގަކުރެވިފައިވާ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         އާއިލާގެ މެންބަރުންގެ ތެރޭގައި ސްކިޓްސްފްރީނިއާ ދައުރުވަމުން އައުން

·         މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައި ދިމާވާ ބައެއް މައްސަލަތައް : މިސާލަކަށް ރަނގަޅުކާނާ ނުލިބުން، ސިކުނޑީގެ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވައިރަސް އަކަށް ނޫނީ ވިހައަކަށް ހުށަހެޅުން

·         ފުރާވަރާއި، ޒުވާންއުމުރުގެ ކުރީކޮޅު ވިސްނުމަށް ނޫނީ ބުއްދިއަށް އަސަރުކުރާ ފަދަ ބޭސްތައް ނެގުން

އަލާމާތްތައް

ސްކިޓްސަފްރީނިއާ ގައި ވިސްނުން، އުޅުން އަދި އިހުސާސް ތަކާ ގުޅޭ މައްސަލަތަކުގެ ރާޖީ އެއް ހިމެނެއެވެ. މިބަލީގެ އަލާމާތްތަކާއި ނިޝާންތައް އެކި މީހުންނަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ދޭތެރެއަކުން އަލާމާތްތަކަށް ލުއިކަން ލިބިފައި ދޭތެރެއަކުން ގޯސްވެގެން ވެސް ހިނގައިދާނެ އެވެ. ބައެއް އުދަނގޫތައް ނޫނީ އަލާމަތްތައް އަބަދު ވެސް ނުފިލާ  ނޫނީ ނުގޮސް ހުރެފާނެ އެވެ.

އާންމުކޮށް ފެނިދާނެ އަލާމާތްތައް

ސްކިޓްސަފްރީނިއާ އާއި ގުޅިގެން އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

އީޖާބީ އަލާމާތްތައް : މިއަލާމާތްތަކަށް "ސައިކޮޓިކް އަލާމާތްތައް" މިހެން ވެސް ކިޔައި އުޅެއެވެ. އެގަދަ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ވަހުމުތަކާއި ކުށްހީތައް ކުރެވުން : މިއީ ހަގީގަތެއް ނެތް ވަހުމުތަކެވެ. ނޫނީ ކުށްހީ ތަކެވެ. މިސާލަކަށް ތިބާއަށް މީހަކު އަނިޔާއެއް ދޭން އުޅޭކަން ނޫނީ އަނިޔާކުރަން އުޅޭކަން ތިބާއަށް ހީވެދާނެ އެވެ. އެހެންމީހަކު ވަކިކަމެއް ކުރީ، ނޫނީ ވަކިއެއްޗެކޭ ބުނީ ތިބާއަށް ރައްދުކޮށް ކަމަށް ހީވެދާނެ އެވެ. އެހެންމީހަކު ތިބާދެކެ ލޯބިވެގެން އުޅޭކަމަށް ހީކުރެވިދާނެ އެވެ. ނޫނީ ކޮންމެވެސް ބޮޑުކަމެއް ވާންއުޅޭކަމަށް ހީކުރެވިދާނެ އެވެ. މިފަދަ ކުށްހީތައް ސްކިޓްސަފްރީނިއާ ހުންނަ ގިނަ މީހުންނަށް ކުރެވޭކަން ފާހަގަ ކުރެވެއެވެ.

·         ހުވަފެން ދެއްކުން :މީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ނެތްތަކެތި ފެނުމާއި، ނުއިވޭ އަޑުތައް އިވުމެވެ. ސްކިޓްސަފްރީނިއާ ގައި އެންމެ އާންމުކޮށް ފާހަގަވާ ކަމަކީ ވުޖޫދުނުވާ އަޑުތައް އިވުމެވެ. ނޫނީ އަސްލުގައި ނުއިވޭ އަޑުތައް އިވުމެވެ.

·         ކެޓަޓޯނިއާ : މި ހާލަތުގައި މީހާ އެއްވެސް ވާހަކަ އެއް ނުދައްކާނެ އެވެ. އަދި ގިނައިރުތަކެއް ވަންދެން އެއްގޮތަކަށް ހަށިގަނޑު ބަހައްޓައިގެން ހުރެފާނެ އެވެ.

ރޭވުންތެރިކަމެއް ނެތް އަލާމާތްތައް ނޫނީ މަސްހުނިކަމެއްނެތް، ނޫނީ އިންތިޒާމެއް ނެތް، ނޫނީ ރޭވުންތެރި ކަމެއް ނެތް ވިސްނުން : ރޭވުންތެރިކަމެއްނެތް ވިސްނުން ފެށިގެން އަންނަނީ ރޭވުންތެރިކަމެއްނެތް ބަސްމޮށުންތެރިކަމުންނެވެ. މިފަދަ މީހުންނަށް ރަނގަޅަށް މުއާމަލާތްކުރަން އުދަނގޫވެދާނެ އެވެ. ކުރާ ސުވާލަކަށް އެކަށޭނަ ޖަވާބު ނުދެވިދާނެ އެވެ. ނޫނީ އެއާއި ގުޅޭ ޖަވާބު ނުދެވިދާނެއެވެ. ބަސްމޮށުންތެރިކަމަށް އަސަރުކުރާއިރު ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި މާނައެއްނެތް ވާހަކަ ދެއްކުމާއި، ދައްކާވާހަކަ ހަމަނުޖެހުމާއި، ދައްކާވާހަކަ އެހެން މީހުންނަށް ދޭހަނުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ރޭވުންތެރިކަމެއްނެތް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ރަނގަޅަށް ނުވިސްނުމާއި، އިޖާބަދާން ރަނގަޅަށް ނޭނގުމުން ދިމާވާ މައްސަލަތަކެވެ. މިފަދަ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         މާނައެއްނެތް ވާހަކަ ދެއްކުން / ބޭކާރު އަނގަތެޅުން

·         ވާހަކަ އެއް ދައްކަ ދައްކައި ހުރެފައި ކުއްލިއަކަށް މުޅިން އެހެން ވާހަކަ އެއް (ނުވެސްގުޅޭ) ދެއްކުން

·         ވަރަށް ލަސްލަހުން ހަރަކާތްކުރުން

·         ކަންކަމުގައި ގޮތެއް ނިންމަން ނޭނގުން

·         އެއްވެސް މާނައެއް ދޭހަނުވާ އެއްޗެހި ހުއްޓިނެތި ލިޔުން

·         ކަންކަމާއި ތަކެތި ހަދާންނެތުން

·         ތަކުރާރުކޮށް އެއްކަމެއް ކުރުން : މިސާލަކަށް އެނބުރިއެނބުރިހުރުން

·         ފެންނަ ތަކެއްޗާއި އިވޭއަޑުތައް ދެނެގަންނަށް ދަތިވުން

އާދަޔާ ޚިލާފު ކަންކަން އުޅުމުން ފާހަގަވުން : އެގޮތުން ވަރަށް ކުޑަކުދިންކުރާ ކަންތައްތައް ކުރުމާއި، އުމުރާއި ނުގުޅޭ ކަންތައްތައް ކުރުމާއި، ވަރަށް ބޮޑަށް ހާސްވެ ނުތަނަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުރާ ކަންތައްތަކުގައި ނޫނީ އުޅުމުގައި އެއްވެސް ލަނޑުދަނޑި އެއް ނެތުމުން ކަންކަން ހާޞިލްކުރަން ނޫނީ ފުރިހަމަކުރަން ދަތިވެއެވެ. އެގޮތުން އުޅުމުން ފާހަގަކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ބުނާ ކަންތައްތައް ކުރަން ދެކޮޅުހެދުން، ނުގޮތަކަށް ހުއްޓިހުރުން، އަދި ބޭނުމެއްނެތް ހަރަކާތްތައްކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ވިސްނުމާއި ދޭހަވުމާއި ގުޅުންހުރި އަލާމާތްތައް : ސްކިޓްސަފްރީނިއާ ހުންނަ މީހަކަށް ވިސްނުމާއި ދޭހަވުމާއި ގުޅުންހުރި މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ފާހަގަވެދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         މައުލޫމާތު ދޭހަވެ، އެމައުލޫމާތަށް ބަލައި ކަމެއް ނިންމަން އުދަނގޫވުން

·         ސަމާލުކަން ދޭން ދަތިވުން

·         ހަދާންނުހުރުން (ކަމެއް ދަސްކުރުމަށްފަހު އިރުކޮޅަކުން އެކަމެއް ހަދާންނެތުން)

·         މިފަދަ މައްސަލަތައް ހުރިކަން ބަލިމީހާއަށް ފާހަގަނުކުރެވުން

ސަލަބީ (ނައްސި) އަލާމާތްތައް : މީގެ މާނައަކީ ތަބީޢީ ގޮތެއްގައި މަސައްކަތްކުރުމުގެ ގާބިލިއްޔަތު ދަށްވުން ނޫނީ ކުޑަވުމެވެ. ނޫނީ އާންމުކޮށް އެމީހަކު ކުރަމުން އައިގޮތަށް ކަންކަން ނުކުރެވުމެވެ. ސަލަބީ މިލަފުޒު އޮތަސް އޭގެ މާނައަކީ ކަމެއް ގޯސްވުމެއް ނޫނެވެ. ސަލަބީ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އެއްވެސް ވަރަކަށް ޖަޒުބާތީ އިހުސާސެއް ނުހުރުން / ނޫނީ އެފަދަ ޝުއޫރުތައް ފާޅުކުރުން މަދުވުން

·         އެހެންމީހުންނާއި ވަކިން އެކަހެރިކަން ޚިޔާރުކުރުން

·         ހަކަތަ ނުހުރުން

·         ވާހަކަދެއްކުން މަދުވުން

·         ހިތްވަރުއެލުން / ޝައުގުވެރިކަން ނެތުން

·         ދިރިއުޅުން މަތިން ފޫހިވެ، އާންމުކޮށް ކުރަމުން އައި ކަންތައްތައް ކުރަން ވެސް ފޫހިވެ، އެކަންކަމަށް ހުންނަ ޝައުގުވެރިކަން ގެއްލިދިއުން

·         އެމީހެއްގެ އަމިއްލަ ސާފުތާހިރުކަމަށް ފަރުވާކުޑަކުރުން

އެހެންގޮތަކަށް ބުނާނަމަ އެއްވެސް ވަރަކަށް ޖަޒުބާތީ އިހުސާސެއް ނުހުރެދާނެ އެވެ. އެގޮތުން ކަޅިހަމަނުކުރުން، މޫނުމަތީގެ އިހުސާސް ބަދަލެއްނުވެ އެއްގޮތަކަށް ހުރުން، އެއްގޮތަކަށް އެއްއަޑަކުން އެއްވަރަކަށް ވާހަކަ ދައްކާ ދައްކާހުރުން ހިމެނެއެވެ. ދިރިއުޅުން މަތިން ފޫހިވެ، އާންމުކޮށް ކުރަމުން އައި ކަންތައްތައް ކުރަން ވެސް ފޫހިވެ، އެކަންކަމަށް ހުންނަ ޝައުގުވެރިކަން ގެއްލިދާނެ އެވެ. އެހެންމީހުންނާއި ވަކިން އެކަހެރިކަމަށް ލޯބިކޮށްފާނެ އެވެ.

ފިރިހެނުންނަށް ސްކިޓްސަފްރީނިއާގެ އަލާމާތްތައް ފާހަގަވާން ފަށަނީ އުމުރުން 20 ގެ އަހަރުތަކުގެ މެދު ތެރޭގައެވެ. އަންހެނުންނަށް ސްކިޓްސަފްރީނިއާގެ އަލާމާތްތައް ފާހަގަވާން ފަށަނީ އުމުރުން 20 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ކުޑަކުދިންނާއި ، އުމުރުން 45 އަހަރުން މަތީ މީހުންނަށް ސްކިޓްސްފްރީނިއާ ޖެހުމަކީ ނޫނީ ކުރިމަތިވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ފުރާވަރުގެ ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތައް

ފުރާވަރުގެ ކުދިންގެ ފުށުން ވެސް ފާހަގަވާނީ ހަމަ ބޮޑެތި މީހުންގެ ފުށުން ފާހަގަވާ އަލާމާތްތަކެވެ. ނަމަވެސް މިފަދަ ކަމެއް ފުރާވަރުގެ ކުއްޖަކަށް ކުރިމަތިވިޔަސް ދެނެގަންނަށް ތަންކޮޅެއް ދަތިވެއެވެ. ސަބަބަކީ ސްކިޓްސަފްރީނިއާގެ ބައެއް އަލާމާތްތަކަކީ ފުރާވަރުގައި އަންނަ ބަދަލުތަކުގެ ތެރެއިން ބައެއް ކުދިންގެ ފުށުން ތަބީޢީ ގޮތެއްގައި ފެނިދާނެ އަލާމާތްތަކެއް ކަމަށްވާތީ އެވެ. ސްކިޓްސްފްރީނިއާ އާއި ގުޅިގެން ފުރާވަރު ކުދިންގެ ކިބައިން ފާހަގަވާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އާއިލާއާޢި ރަހުމަތްތެރިންނާޢި ވަކިވެ އެކަހެރި ދިރިއުޅުމެއް ޚިޔާރުކުރުން

·         ސުކޫލްގައި ކިޔެވުމަށް ދަށްވުން

·         ނިދަން އުދަނގޫވުން

·         މޮޅިވެރިވެ މާޔޫސްވެ ދެރަވުން

·         އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނުހުރުން / ހިތްވަރެއް ނުހުރުން

·         ސަމާލުކަން ދޭން ދަތިވުން

މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ވެސް މިފަދަ އަލާމާތްތައް ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ފުރާވަރަކީ މަސްތުވާތަކެތި ބޭނުންކުރުން ފަދަ ނޭދެވޭ އާދަތައް ފުރާވަރު ކުދިންގެ ކިބައިން ފެންނަށް ފަށާ އުމުރެވެ. ބޮޑެތި މީހުންނާއި އަޅާބަލާއިރު ފުރާވަރުކުދިންގެ ފުށުން އެކި ކަހަލަ ހުވަފެންދެއްކުން މާނައަކީ ނުއިވޭ އަޑުތައް އިވުމާއި، ނެތްތަކެތި ފެނުން ފަދަ ކަންކަން ފާހަގަވާލެން ބޮޑެވެ. އަދި ކުށްހީތަކާއި ވަހުމުތައް ކުރުން ކުޑަކުދިންގެ ފުށުން ފެންނަލެން މަދުކަން ފާހަގަ ކުރެވެއެވެ.

ނުރައްކާތައް

އެކަށޭނަ ގޮތުގައި ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ސްކިޓްސަފްރީނިއާ ހުންނަ މީހުންނަށް ތަފާތު މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ދިމާވެދާނެ މައްސަލަތައް ތިރީގައި މިވަނީ އެވެ.

·         އަމިއްލައަށް މަރުވުން / އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރުން

·         ހާސްވެ ކަންބޮޑުވުން / އޯސީޑީ ކުރިމަތިވުން

·         މާޔޫސްވެ މޮޅިވެރިވެ ހިތާމަކުރުމުގެ ބަލި ކުރިމަތިވުން

·         ބަނގުރާ ބުއިން / މަސްތުވާތަކެތި ބޭނުންކުރުން

·         މަސައްކަތްކުރަން ނުކުޅެދުން / ސުކޫލަށް ދާން ނުކުޅެދުން

·         ފައިސާގެ ގޮތުން ބިކަވެ، މަގުމަތިވުން

·         އިޖުތިމާޢީ ގޮތުން އެކަހެރިވުން

·         ސިއްޙީ މައްސަލަތައް ފާހަގަވުން

·         އެހެންމީހުން ބަލިމީހާ އަކީ ކުށްވެރިއެއްގެ ގޮތުގައި ދެކުން

ދެނެގަތުން

ސްކިޓްސްފްރީނިއާ ދެނެގަތުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި އެހެން ނަފްސާނީ ބަލިމަޑުކަމެއްގެ އުދަނގޫތަކެއްތޯ ދެނެގަތުން، އުދަނގޫތަކަކީ މަސްތުވާތަކެތި ބޭނުންކުރުން، އެހެން ބޭހެއް ބޭނުންކުރުން ނޫނީ އެހެން ޞިއްހީ މައްސަލައެއް ހުރިގެން ދިމާވާ ކަންތައްތަކެއްތޯ ޔަގީންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. އެގޮތުން ސްކިޓްސްފްރީނިއާ ހުރިކަން ދެނެގަތުމަށްޓަކައި އަންނަނިވި ކަންތައްތައް ފަހަރުގައި ކުރަންޖެހިދާނެ އެވެ.

(ހ) ޖިސްމާނީގޮތުން ބެލުން : މިއީ ބަލީގެ އުދަނގޫތައް މެދުވެރިކޮށްފާނެ އެހެން މައްސަލަތައް ދެނެގަތުމަށާއި، ބަލީގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ދެނެގަތުމަށް ކުރެވޭ ކަމެކެވެ.

(ށ) ޓެސްޓުތަކާއި ސްކްރީންކުރުންތައް : މީގެ ތެރޭގައި ވެސް އެހެން ބައްޔެއް ހުރިތޯ ދެނެގަތުމަށް ހެދޭ ޓެސްޓުތަކާއި، މަސްތުވާތަކެތި ބޭނުންކުރުން، އަދި ބަނގުރާ ބޮއިތޯ ބެލުމަށް ސްކްރީންކުރުން، ފަދަ ކަންތައްތައް ހިމެނެއެވެ. ފަހަރުގައި އެމްއާރުއައި، ނޫނީ ސީޓީ ސްކޭން ފަދަ ޓެސްޓެއް ހެދުމަށް ވެސް ލަފާދީފާނެ އެވެ.

(ނ) ސައިކިއެޓްރިކް އިވެލުއޭޝަން : މިއީ ނަފްސާނީ ބަލިމަޑުކަން ހުންނަ މީހުންގެ ބަލީގެ ހާލަތު ދެނެގަތުމަށް ހެދޭ އިވެލުއޭޝަނެކެވެ. އެގޮތުން މިއިވެލުއޭޝަން ގައި ބަލިމީހާގެ ވިސްނުން، ބަލިމީހާއަށް ކުރިމަތިވާ ވަހުމުތައް، ކުށްހީތައް، ހުވަފެންދެއްކުން، އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތައްތައް ހުރިނެތްގޮތުގެ ހާލަތު ދެނެގަންނާނެ އެވެ.

(ރ) ސްކިޓްސްފްރީނިއާ ޑައިގްނޯސްކުރުމަށް ބޭނުންކުރާ ކްރައިޓީރިއާ : ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރ (DSM-5)އަކީ ނަފްސާނީ ބަލިތައް ދެނެގަތުމަށް އެމެރިކާގެ ސައިކިއެޓްރިކް އެސޯސިއޭޝަން އިން ތައްޔާރުކޮށް ބައިނަލް އަގްވާމީ ފެންވަރެއްގައި ބޭނުންކުރަމުންގެންދާ ޓޫލް އެކެވެ.

 

ފަރުވާ

ސްކިޓްސްފްރީނިއާ އަކީ މުޅިއުމުރަށް ފަރުވާކުރަންޖެހޭނެ ބައްޔެކެވެ. އަދި މިއީ އެއްކޮށް ބަލި ރަނގަޅުކުރެވޭނެ ފަދަ ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ. ބަލީގެ އުދަނގޫތައް ލުއިވާ ދުވަސްވަރު ވެސް ބަލީގެ ފަރުވާ މެދުކަނޑާނުލައި ކުރިޔަށް ގެންދަން ޖެހޭނެ އެވެ. އާންމު ގޮތެއްގައި ބޭހުގެ ފަރުވާ އާއި، ސައިކޯސޯޝަލް ތެރަޕީގެ އެހީގައި ބަލީގެ އުދަނގޫތަކަށް ލުއިކަން ހޯދައިދެއެވެ. ބައެއް ފަހަރު ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާދޭން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އާންމު ގޮތެއްގައި ސްކިޓްސްފްރީނިއާ އަށް ފަރުވާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ނަފްސާނީ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުން ނުވަތަ ސައިކިއެޓްރިސްޓް އެވެ. ފަރުވާކުރާ ޓީމުގައި ދެން ހިމެނޭނީ ސައިކޮލޮޖިސްޓުން، ސައިކިއެޓްރިކް ނަރުހުން، ސޯޝަލް ވޯކަރުން އަދި ފަރުވާ ވިލަރެސްކޮށް ބެލެހެއްޓުމަށް ކޭސް މެނޭޖަރުންނެވެ.

ބޭހުގެ ފަރުވާ

ސްކިޓްސަފްރީނިއާގެ އަސާސީ ފަރުވާ އަކީ ބޭހެވެ. އެންމެ އާންމުކޮށް ދެވޭ ބޭސް ތަކަކީ އެންޓި ސައިކޮޓިކް ގެ ގޮތުގައި ދެވޭ ބޭސްތަކެވެ. ބެލެވިފައިވާ ގޮތުގައި އެންޓި ސައިކޮޓިކް ގެ އެހީގައި ބަލީގެ އުދަނގޫތައް ކޮންޓްރޯލްކޮށް ހަމައަކަށް އަޅުވަނީ ސިކުނޑީގައި ހިމެނޭ ނިއުރޯޓްރާންސްމިޓަރު ޑޮޕަމިން އަށް ބާރު ފޯރުވައިގެންނެވެ.

އެންޓި ސައިކޮޓިކް ބޭސްތައް ބޭނުންކޮށްގެން ދޭ ފަރުވާގެ އަމާޒަކީ ބޭހުގެ އެންމެ މަދު މިންވަރެއް ދީގެން ބަލީގެ އުދަނގޫތައް އެކަށޭނަ މިންވަރަކަށް ކޮންޓްރޯލްކޮށް ހަމައަކަށް އެޅުވުމެވެ. އެންމެ އެކަށޭނަ ނަތީޖާއެއް ނެރުމަށްޓަކައި ނޫނީ އެންމެ އެކަށޭނަ ނަތީޖާއެއް ފެންނަށްދެން، ސައިކިއެޓްރިސްޓުން ތަފާތު ބޭސްތައް، ތަފާތު ޑޯޒުގައި ނޫނީ ދެބޭހެއް އެއްކޮށް އެއްފަހަރާ ވެސް ދީފާނެ އެވެ. އެންޓި ސައިކޮޓިކް ބޭސްތަކުގެ އިތުރުން އެންޓި ޑިޕްރެސަންޓް ބޭސްތަކާއި، އެންޓި އެންޒައެޓީ ބޭސްތައް ވެސް ބޭނުންކޮށްފާނެ އެވެ. އުދަނގޫތަކަށް ލުއިކަން ލިބެން ދެތިން ހަފްތާއެއްވަރު ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ.

ސްކިޓްސަފްރީނިއާ އަށް ދޭ ބޭސްތަކުން ވަރަށް ސީރިއަސް ނޭދެވޭ އަސަރުތައް ކުރިމަތިވާތީ، ސްކިޓްސަފްރީނިއާ ހުންނަ ވަރަށް ގިނަ މީހުން ފަރުވާ ކުރިޔަށް ގެންދިއުމަށް ދެކޮޅު ހަދައެވެ. ނޫނީ ފަސްޖެހެއެވެ. ނަމަވެސް ފަރުވާ ކުރިޔަށް ގެންދިއުމަށް ޑޮކްޓަރުންނަށް ބަލިމީހުންގެ ފަރާތުން އެއްބާރުލުން ލިބުމަކީ ޑޮކްޓަރުންނަށް ބަލިމީހާއަށް ބޭނުންވާ އެންމެ އެކަށޭނަ ފަރުވާ ޚިޔާރުކުރަން އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް ފަރުވާ ކުރިޔަށް ގެންދަން ދެކޮޅުހަދާ މީހަކަށް ފަހަރުގައި ގުޅަ ބޭހުގެ ބަދަލުގައި އިންޖެކްޝަން ވެސް ޖަހަން ޖެހިދާނެ އެވެ.

ދެވަނަ ނަސްލުގެ އެންޓި ސައިކޮޓިކްސް ބޭސްތައް

މިއީ އަލަށް ތައްޔާރުކުރެވުނު، އޭގެ ނޭދެވޭ އަސަރުތައް ފުރަތަމަ ނަސްލުގެ އެންޓި ސައިކޮޓިކް ބޭސްތަކަށްވުރެ ކުޑަ ބޭސް ތަކެކެވެ. މިގުރޫޕްގެ ބޭސްތަކުގެ ތެރޭގައި "އެރިޕިޕްރަޒޯލް"،"އެސިނެޕައިން"، "ބްރެކްސްޕިޕްރަޒޯލް"، "ކެރިޕްރަޒޯލް"، "ކްލޯޒެޕިން"، "އިލޯޕެރިޑޯން"، "ލުރަސިޑޯން"، "އޮލަންޒެޕިން"، "ރިސްޕެރިޑޯން"، "ކްއެޓިއެޕައިން"، "ޕެލިޕެރިޑޯން"، " އަދި "ޒިޕްރަސިޑޯން" ފަދަ ބޭސްތައް ހިމެނެއެވެ.

ފުރަތަމަ ނަސްލުގެ އެންޓި ސައިކޮޓިކް ބޭސްތައް

ފުރަތަމަ ނަސްލުގެ އެންޓި ސައިކޮޓިކް ބޭސްތަކުން ވަރަށް ސީރިއަސް ނޭދެވޭ އަސަރުތައް ފެންމަތި ކުރުވައެވެ. އެގޮތުން ދިމާވެދާނެ އެންމެ ފާހަގަކުރެވޭ ނޭދެވޭ އަސަރަކީ "މޫވްމަންތް ޑިސްއޯޑަރ" ކުރިމަތިވުމެވެ. މިއީ ފަހަރުގައި ކުރިމަތިވުމަށް ފަހު ރަނގަޅު ވެދާނެ ނޫނީ ފަހަރުގައި ރަނގަޅުނުވެދާނެ ވެސް ހާލަތެކެވެ. ފުރަތަމަ ނަސްލުގެ އެންޓި ސައިކޮޓިކް ބޭސްތަކުގެ ތެރޭގައި "ކްލޯރްޕްރަމެޒިން"، "ފްލުފެނަޒިން"، "ހެލޯޕެރިޑޯލް" އަދި "ޕާރފެނެޒިން" ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް އާންމު ގޮތެއްގައި ދެވަނަ ނަސްލުގެ އެންޓި ސައިކޮޓިކް ބޭސްތަކަށްވުރެ ނިސްބަތުން އަގުހެޔޮވާނެ އެވެ.

ދިގުމުއްދަތަށް އަސަރު ހުންނަ އިންޖެކްޝަންގެ ގޮތުގައި ބޭނުންކުރެވޭ އެންޓި ސައިކޮޓިކް ބޭސްތައް

ބައެއް އެންޓި ސައިކޮޓިކް ބޭސް ތައް މަސްގަނޑަށް ނޫނީ ހަމުގެ ދަށަށް ޖަހާ އިންޖެކްޝަންގެ ގޮތުގައި ފޯރުކޮށް ދެވެއެވެ. މިފަދަ އިންޖެކްޝަންތައް އާންމު ގޮތެއްގައި ޖަހަނީ ކޮންމެ 4-2 ހަފްތާ އާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ބޭސް ތަންކޮޅެއް މަދު ކާން އިސްކަން ދޭ މީހުންނަށް މިއީ ރަނގަޅު ޚިޔާރެކެވެ. އިންޖެކްޝަންގެ ގޮތުގައި ހުންނަ އެންޓި ސައިކޮޓިކް ބޭސްތަކުގެ ތެރޭގައި "އެރިޕިޕްރަޒޯލް"، "ފުލުފެނެޒިން ޑިކެނޯޓް"، "ހެލޯޕެރިޑޯލް ޑެކެނޯޓް"، "ޕެލިޕެރިޑޯން"، އަދި "ރިސްޕެރިޑޯން" ހިމެނެއެވެ.

ސައިކޯސޯޝަލް ތެރަޕީ

ސްކިޓްސްފްރީނިއާ ހުންނަ މީހުންނަށް ބޭހުގެ އިތުރުން ސައިކޯސޯޝަލް ތެރަޕީ ދީއުޅެއެވެ. ސައިކޯސޯޝަލް ތެރަޕީގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އިންޑިވިޖުއަލް ތެރަޕީ (individual therapy): މިފަރުވާގެ އެހީގައި ބަލިމީހާގެ ވިސްނުން ބަދަލުކުރުމަށް ނޫނީ ވިސްނާ ގޮތް ރަނގަޅުކުރުމަށް އެހީތެރި ވެދެއެވެ. މީގެ އިތުރުން ދިމާވާ ފިކުރުތައް ކުޑަކޮށްދީ، ބަލީގެ ހާލަތު އަލުން ގޯސްވާން ފަށައިފިނަމަ އެކަން އަވަހަށް ދެނެގަތުމަށް ވެސް އެހީތެރިވެދެއެވެ.

(ށ) އިޖުތިމާޢީ ހުނަރުތަކަށް ތަމްރީނުކުރުވުން (social skills training): މިއީ އެހެން މީހުންނާއި މުއާމަލާތްކުރުމާއި، އޮންނަ ގުޅުން ރަނގަޅުކޮށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ދެވޭ ފަރުވާ އެކެވެ. މީގެ އިތުރުން އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރިމަތިލާންޖެހޭ ކަންކަމުގައި ބައިވެރިވުމުގެ ގާބިލިއްޔަތު އިތުރުކޮށް ރަނގަޅުކުރުމަށް ވެސް މިފަރުވާ އެހީތެރި ވެދެއެވެ.

(ނ) އާޢިލީ ފަރުވާ (family therapy): މިއީ ސްކިޓްސަފްރީނިއާގެ ބަލިމީހުންގެ އާޢިލާގެ މެންބަރުންނަށް އެފަދަ ބަލިމީހުންނާއި މުއާމަލާތްކޮށް ގެންގުޅުމުގައި ބަލަންޖެހޭ ކަންތައްތަކާއި، އަމަލުކުރަންޖެހޭގޮތް އުގަންނައިދީ އޮޅުން ފިލުވައިދިނުމަށް އެފަދަ ބަލިމީހުންގެ އާއިލާގެ މެންބަރުންނަށް އަމާޒުކޮށްގެން ދެވޭ ފަރުވާ އެކެވެ.

(ރ) މަސައްކަތަށް އަހުލުވެރިކުރުވުން : މިއީ ސްކިޓްސަފްރީނިއާ ހުންނަ މީހުން ކުރާނެ މަސައްކަތަކަށް ނޫނީ އަދާކުރާނެ ވަޒީފާއަކަށް ތައްޔާރުކޮށްދީ، ވަޒީފާއެއް ހޯދައި، ނޫނީ ވަޒީފާގައި ދެމިހުރުމަށް ބާރުއެޅުމުގެ ގޮތުން ކޮށްދެވޭ ކަންތައްތަކެކެވެ.

ނޯޓް : މިއީ މައުލޫމަތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

·         https://www.mayoclinic.org/diseases-conditions/schizophrenia/symptoms-causes/syc-20354443#

·         https://www.who.int/news-room/fact-sheets/detail/schizophrenia

·         https://www.webmd.com/schizophrenia/mental-health-schizophrenia

https://addictionrehabtreatment.com/mental-health/schizophrenia/

No comments:

Post a Comment