ސެލެނިއަމް
ސެލެނިއަމް އަކީ ހަށިގަނޑަށް ބޭނުންވާ ޓްރޭސް އެލިމެންޓެއްކަމަށް ހޯދުނީ 1960ގެ އަހަރު ތަކުގެ ތެރޭގައެވެ. ސެލެނިއަމް އަކީ ސާފުނުކުރާ ސަލްފައިޑްގައި ހުންނަ ތޮބީޢީ ގޮތުން މުޅިން މައުދަނަކަށްނުވާ ނުމައުދަނެކެވެ. މިއީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބެހެއްޓުމަށް ކާންޖެހޭ 21 މައުދަނުގެ ތެރޭގައި ހިމެނޭ ޒާރީ ވަށްތިއެކެވެ. ކާބޯތަކެތީގެ އޮށްޓަރުގެ ތެރޭގައި ސެލެނިއަމް ހުންނަކަން އެނގުނީ 1930 ވަނަ އަހަރުގައެވެ. އޭރު އެނގިފައި އޮތީ ސެލެނިއަމް ގިނައިން ހުންނަ ވައްތަރުތަކުގެ ވިނައާއި، ފަތް ގެރިބަކަރި ކާނަމަ، އެތަކެތި ވިހަވެގެން ބަލިވާ ކަމެވެ. އެކަމަކު މީގެ ފައިދާ އިންސާނުންނަށް ހުރިކަމަށް ހޯދީ 1970 ވަނަ އަހަރު ޗައިނާގެ ސައިންސްވެރިންނެވެ. ޗައިނާގެ ބިމުގައި ސެލެނިއަމް މަދުކަމުން އެގައުމުގެ މީހުންގެ ކިބައިން ސެލެނިއަމް މަދުވުމުގެ އަލާމާތްތައް ފެނެއެވެ. ނަމަވެސް އެމެރިކާގެ ބިމުގައި ސެލެނިއަމް ގިނަކަމުން އެގަމުގެ މީހުން ކެއުމުގައި ކެލަމިން އަށްވުރެ އިތުރަށް ކައެވެ (ސާލިހު އަދި ވަހީދު، 2014).
ސެލެނިއަމް
އަކީ ހަށިގަނޑުގައިވާ ޅިންތާ (އެންޒައިމް) ތަކާއި، ޕްރޮޓީންތަކުގެ މުހިއްމު
ބައެކެވެ. މިފަދަ ޕްރޮޓީންތަކަށް ސެލެނޯޕްރޮޓީން އޭ ކިޔައެވެ. މިޕްރޮޓީންތައް
ދިރުތަކުގެ ވާރުތީ ސިފަތައް އަށަގެންނެވުމަށް އެހީތެރިވެދީ، ދިރުތަކަށް ލިބޭ
ގެއްލުންތަކުން ހިމާޔަތްކޮށްދީ، އިންފެކްޝަންތަކުން ރައްކާތެރި ކޮށްދެއެވެ. މީގެ
އިތުރުން ދަރިމައިވުމުގެ މަސައްކަތާއި، ތައިރޮއިޑް ހޯރމޯން ގިރިބިންކުރުމުގައި ވެސް
ބައިވެރިވެއެވެ(ހާވަރޑް.އެޑިޔު، 2022).
މަސްދަރު
ސެލެނިއަމް
ލިބޭ ކާނާގެ ތެރޭގައި ކަނޑުފަޅުގައި އުޅޭ ބާވަތްތަކާއި، ގެރިބަކަރީގެ އެތެރޭގެ
ގުނަވަންތައް، ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
ރަތްމަހާއި، ހަނޑުލަކީ އާންމުކޮށް ސެލެނިއަމް ލިބޭ ދެބާވަތްކަމަށް ބެލެވެއެވެ.
(ސާލިހު އަދި ވަހީދު، 2014). ސެލެނިއަމް އެކުލެވޭ އެހެން ކާބޯތަކެތީގެ ތެރޭގައި
ބްރެޒިލް ނަޓް، ބޮލިމަސް، ފިން ފިޝް، ގެރިމަސް، ކުކުޅު މަސް، ޓާރކީ، ތޮޅިއާއި،
މުގުގެ ވައްތަރުތައް، ފޯޓިފައިޑް ސީރިއަލް އަދި ހޯލްވީޓް ބްރެޑް ހިމެނެއެވެ
(ހާވަރޑް.އެޑިޔު، 2022).
ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ސެލެނިއަމް ހުންނަ މިންވަރު
100ގ ގައި |
މައިކްރޯގްރާމް |
100ގ ގައި |
މައިކްރޯގްރާމް |
ބޯވަ |
44.9 |
އަކުރޯދުމަދު |
17.0 |
އިހި |
41.4 |
ގެރި މަސް |
15.9 |
ފަރުމަސް |
38.8 |
އަސްދޫނި މަސް |
13.9 |
ކަންނެލި |
36.5 |
ކުކުޅު މަސް |
12.1 |
ހަނޑޫ |
23.4 |
ބަކަރި މަސް |
4.0 |
ސެލެނިއަމްގެ
ވަޒީފާ
ސެލެނިއަމް
އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަ ކުރުމަށާއި، ހަށިގަނޑަށް ބޭނުންވާ
ހޯރމޯން އުފެއްދުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. މިމައުދަންގެ
ސަބަބުން ހިތުގެ ބަލިތަކާއި، ޕްރޮސްޓޭޓް ކެންސަރު، އަދި ރާއްޖެ ބަލި ފަދަ
ބަލިތަކުން ދިފާޢުކޮށްދެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
ސެލެނިއަމް
މަސައްކަތްކުރަނި ވިޓަމިން ސީ އަދި ވިޓަމިން އީ އާއެކު ހަށިގަނޑުގައި އުޅޭ މިނިވަން
ނޭއްދާރުން(free
radicals) ގެ ކިބައިން ހަށިގަނޑު ސަލާމަތް ކުރުމަށެވެ. އެހެންކަމުން
މިއީ ލޭހޮޅިތަކުގައި ދޯޅަޖެހުމުން ދުރުކޮށްދޭ(Antioxidants) އެއްޗެއް ވެސް
މެއެވެ.
ހަށިގަނޑަށް
ބޭނުންވާ މިންވަރު
ސެލެނިއަމް
ގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އަކީ ފިރިހެނުންނަށް 70
މައިކްރޯގްރާމް، އަދި އަންހެނުންނަށް 55 މައިކްރޯގްރާމް އެވެ. ހާވަރޑް ޔުނިވަސިޓީގެ
ވެބްސައިޓުގައި ވާގޮތުން ދެޖިންސުގެ އުމުރުން 19 އަހަރުން މަތީގެ މީހުންނަށް
ސެލެނިއަމް ބޭނުންވާ މިންވަރަކީ ދުވާލަކަށް 55 މައިކްރޯގްރާމް އެވެ (ހާވަރޑް.އެޑިޔު،
2022). ސެލެނިއަމް ގިނަވެގެން ދުވަހެއްގެ ކެއުމުގައި ކެއުމަށް ލަފާދޭ ރައްކާތެރި
މަތީ މިންވަރަކީ 400 މައިކްރޯގްރާމް އެވެ. (ސާލިހު އަދި ވަހީދު، 2014، ހާވަރޑް.
އެޑިޔު، 2022). ކިރުމައިންނަށް 70 މައިކްރޯގްރާމްގެ ސެލެނިއަމް ކެއުމަށް
ލަފާދެއެވެ. އަދި މާބަނޑު މީހުންނަށް ދުވާލަކަށް 60 މައިކްރޯގްރާމްގެ ސެލެނިއަމް
ބޭނުންވެއެވެ (ހާވަރޑް.އެޑިޔު، 2022). އެމެރިކާ މީހުން ކެއުމުގައި ދުވާލަކު 125 މައިކްރޯގްރާމްގެ
ސެލެނިއަމް ހިމަނާއިރު، ޗައިނާ އަދި ކޮރެޔާ ފަދަ ގައުމުތަކުގެ މީހުން ކެއުމުގައި
ދުވާލަކު 90-60 މައިކްރޯގްރާމް އާއި ދެމެދުގެ މިންވަރެއް ހިމަނައެވެ. ނަމަވެސް
މިމީހުންގެ ކިބައިން ވެސް ސެލެނިއަމް މާގިނަވެ، އިތުރުވި ކަމުގެ އަލާމާތްތަކެއް
ނުފެނެއެވެ (ސާލިހު އަދި ވަހީދު، 2014).
އިންސާނާގެ
ހަށިގަނޑުގައި ސެލެނިއަމް
ބޮޑުމީހެއްގެ
ހަށިގަނޑުގައި 20 މިލިގްރާމްގެ ސެލެނިއަމް ހުރެއެވެ. ގިނައިން ހުންނަނީ ގުރުދާ،
މޭގަނޑު، ހިތް އަދި އުރަވަޅީގެ ތެރޭގައިވާ ދެއޮށުގައެވެ (ސާލިހު އަދި ވަހީދު،
2014). މީގެ އިތުރުން މަސްތަކުގައި ވެސް ސެލެނިއަމް ހުރެއެވެ. އަދި ތައިރޮއިޑް
ގްލޭންޑްގައި ވެސް ހުރެއެވެ (ހާވަރޑް.އެޑިޔު، 2022).
ސެލެނިއަމް
މަދުވުން
ސެލެނިއަމް
މަދުވުމުން ކުދިން ހެދިބޮޑުވުމުން ގުރުޑުވުމާއި، ކުއްޖާ އުފެދުމުގައި އައިބުވުން
ފަދަ ކަންތައްތައް ކުރިމަތިވެއެވެ. ޚާއްޞަކޮށް ކެޝާން ޑިޒީޒް(keshan disease) ކިޔާ ހިތްބޮޑުވާ ބައްޔެއް ކުޑަކުދިންނަށް ޖެހެއެވެ. މީގެ އިތުރުން ހުޅުގެ ބައްޔެއް ކަމުގައިވާ
"ކެޝިން-ބެކް ޑިޒީޒް(kashin-beck
disease) ޖެހުމުން ވެސް ސެލެނިއަމްގެ މިންވަރު
ދަށްވެގެންދެއެވެ. ބޮޑެތި މީޙުންނަށް ކެންސަރު، ހިތުގެ ބަލިތައް ޖެހުން، ކޮލެސްޓްރޯލް
މަތިވުން، އަވަސްއަވަހަށް ބަލިޖެހުން، މޭގަނޑާއި، ހުންކޮށީގެ މަސައްކަތް
ހީނަރުވުން، މަސްތަކުގެ ވާގި ކުޑަވުން ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014). ސެލެނިއަމް މަދުވުމުން
ކެންސަރު، ހިތުގެ ބަލިތައް ޖެހުން އަދި ކުއްޖާގެ އުފެދުމުގައި ޢައިބުވުން
ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003). ފިރިހެނުންނަށް ދަރިން ނުލިބުމުގައި
ސެލެނިއަމް ހަށިގަނޑުގައި މަދުވުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014). އޭޑްސް
ޖެހިފައިވާ މީހުންގެ ގައިގައި ސެލެނިއަމް ހުންނަލެއް މަދެވެ. އަދި އޭޑްސް ބަލީގައި
ގިނަ ދުވަސްވެ، ބަލި ބޮޑުވާވަރަކަށް ސެލެނިއަމްގެ މިންވަރު ދަށްވެއެވެ (ސާލިހު
އަދި ވަހީދު. 2014). ގުރުދާގެ ބަލި ތަހައްމަލުކުރާ މީހުންނާއި، ޑަޔަލިސިސް ހަދާ
މީހުންނަށް ވެސް ސެލެނިއަމް މަދުވުމުގެ މައްސަލަ ދިމާވުމުގެ ހިރާސް އިތުރެވެ
(ހާވަރޑް.އެޑިޔު، 20122).
ފެނިދާނެ
އަލާމާތްތައް
·
މޭނުބައިކުރުން
·
ހޮޑުލެވުން
·
ބޮލުގައި ރިހުން
·
ވާނުވާނޭނގުން
·
ވަރުބަލިވުން
·
ފިޓުޖެހުން
·
ޚަބަރުހުސްވުން
ސެލެނިއަމް
ގިނަވުން
ސެލެނިއަމް
މާގިނަވެއްޖެނަމަ، އިސްތަށި ފައިބާ، ނިޔަފަތި ހަލާކުވުން ފަދަ ކަންތައް ދިމާވުން
ހިމެނެއެވެ. އަނގައިން ވަސް ދުވުމާއި، ނާރުތަކުގެ މައްސަލަ ޖެހުމަކީ ވެސް ސެލެނިއަމް
ގިނަވުމުން ދިމާވާ ކަމެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
އިތުރު ކާނާއެއްގެ ގޮތުގައި ސެލެނިއަމް ކެއުމުގައި ސަމާލުވާންޖެހެއެވެ. އެއީ
ސެލެނިއަމް މާގިނަވެއްޖެނަމަ މަނީގައި ހުންނަ ދަރިފަނިތައް މަރުވާލެއް އަވަސްވާތީ
އެވެ (ސާލިހު އަދި ވަހީދު، 2014).
ސެލެނިއަމް
ހަށިގަނޑުގައި މާގިނަވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ތުރުތުރުއެޅުން،
އިސްތަށި ފޭބުން، ބަނޑުގައި ރިހުން، ބޮލުގައި ރިހުން ފަދަ އާދައިގެ ކަންކަމާއި،
ހާޓް އެޓޭކްޖެހުން، ނޭވާލާ ނިޒާމުގެ މައްސަލަތައް އަދި ގުރުދާ ފޭލްވުން ފަދަ
ނުރައްކާތެރި ޞިއްޙީ މައްސަލަތައް ހިމެނެއެވެ (ހާވަރޑް. އެޑިޔު2022)، ބްރެޒިލް
ނަޓްގައި ގިނަ އަދަދަކަށް ސެލެނިއަމް ހުރެއެވެ. މިވައްތަރުގެ ނަޓު މާގިނައިން ކެއުމުން
ސެލެނިއަމް އަށް ވިހަވުމަކީ އެކަށީގެންވާ ކަމެކެވެ (ހާވަރޑް. އެޑިޔު2022)،
ފެނިދާނެ
އަލާމާތްތައް
·
އަނގައިން ނުބައި
ވަސްދުވުން
·
އިސްތަށި ފޭބުން
·
މޭނުބައިކުރުން
·
ބޭރަށްހިންގުން
·
ނިޔަފަތިތައް ބިދުން
·
ނިޔަފަތިތަކުގެ ކުލަ
ބަދަލުވުން
·
ހަންގަނޑު ރަތްވުން
·
ހަންގަނޑުގައި
ބިހިނެގުން
·
ވަރުބަލިވެ، ވާޅުވުން
·
ނުތަނަވަސްވުން
·
މަސްތަކުގައި ރިހުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/selenium/
No comments:
Post a Comment