މުހިއްމު ސަފުހާތައް

Saturday, January 7, 2023

ކޮޕަރ

ކޮޕަރ

ރަތުލޮއި(copper) ނުވަތަ ކޮޕަރ އަކީ ސާފުކޮށްލުމުން ރަތް އޮރެންޖު ކުލައިގައި ފެންނަ މައުދަނެކެވެ. މިއީ އައްޒަމާނުއްސުރެ އިންސާނުން ހިފާ ގެންގުޅޭ ތަކެތި ހަދަން ބޭނުންކޮށް އުޅޭ މައުދަނެކެވެ. އޭގެ ފަހުން ގިނަ ބާވަތްތައް ހަދާއުޅެނީ ރަންވަންލޮއި އިންނެވެ. ރަންވަން ލޮއި އަކީ ކޮޕަރ އާއި ޓިން އާއި އެކުވެގެން އުފައްދާ މައުދަނެކެވެ. ކޮޕަރ އަކީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާންޖެހޭ 21 މައުދަނުގެ ތެރެއިން ކާނާގައި ހިމަނަންޖެހޭ ޒާރީ ވަށްތި އެކެވެ. މިކަން ހޯދުނީ 1966 ވަނަ އަހަރުގައެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ކޮޕަރ އަކީ އާންމު ގޮތެއްގައި ފެން، ވެލި އަދި ހިލައިގައި ތަބީޢީ ގޮތުން ހުންނަ މައުދަނެކެވެ


މަސްދަރު

ކޮޕަރ ލިބޭ ކާނާގެ ތެރޭގައި، ކަނޑުމަސް، އެއްގަމުމަސް، އަދި އެކި ވައްތަރުގެ މަދާއި، ގޮވާމުގެ ބާވަތްތައް ހިމެނެއެވެ. މަހުގެ ބާވަތްތަކުގައި ކޮޕަރ އެންމެ ގިނައީ މޭގަނޑު ފަދަ އެތެރޭ ގުނަވަންތަކުގައެވެ. ހަރުތޮށި ގަނޑެއް ހުންނަ އިހި، ހަންދާ، ގޮޅާ ފަދަ ބޮލި މަސްތަކަކީ ކޮޕަރ ގިނަ އެއްޗިއްސެވެ. ބިލެތަކީ ވެސް ކޮޕަރ ލިބޭ މަޞްދަރެކެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން ގެރިމޭ، ކެށޫމަދު، ސަނާމުގު، ކަޅު ޗޮކްލެޓް، ބިންބި، ބޯވެލިފަތް، އަދި އަލުވި ފަދަ ބާވަތްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022). 

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ކޮޕަރ ހުންނަ މިންވަރު

100ގ ގައި

މިލިގްރާމް

100ގ ގައި

މިލިގްރާމް

ކެށޫމަދު

2.20

ދޮންކެޔޮ

0.21

އިހިމަސް

1.70

ފޭރު

0.14

ބަރަބޯ

1.40

އަލަ

0.12

ކާށި

0.40

ފާގަ

0.10

އަންނާރު

0.34

ކޮތަރުމަސް

0.60

ހަށިގަނޑުގައި ކޮޕަރ

ބޮޑު މީހެއްގެ ހަށިގަނޑުގައި 150-75 މިލިގްރާމް އާއި ދެމެދުގެ އަދަދަކަށް  ކޮޕަރ ހުރެއެވެ. މީގެތެރެއިން ½ ހުންނަނީ ކަށިތަކާއި މަސްތަކުގައެވެ. މިމާއްދާ ނިސްބަތުން އެންމެ ގިނައީ ސިކުނޑި އާއި ފުރަމޭ ގައެވެ. ކޮޕަރ ޖަމާވާނީ ނުވަތަ ކޮށާރުކުރެވެނީ ބަނޑާއި ކުޑަ ގޮހޮރުގައެވެ.

ކޮޕަރގެ ވަޒީފާ

ރަތުލޮއި ނުވަތަ ކޮޕަރ އަކީ އިންސާނުންނާއި، ޖަނަވާރުންނާއި، އަދި ގަސްގަހާއި ގެއްސަށްވެސް ވަރަށް ބޭނުންތެރި މަޢުދަނެކެވެ. ކޮޕަރ ބޭނުންވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި، މީހާ ހެދި ބޮޑުވުމާއި، ކަށިތަކާއި، ހުޅުތަކާއި، ހަންގަނޑާއި، ލޭނާރުތަކާއި، ނޭވާލާ ނިޒާމް އާއި، އަދި ލޭގައި ހުންނަ ދިރުތައް ރައްކާތެރިކޮށްދިނުން ހިމެނެއެވެ. އަދި މިބައިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުން ހިމެނެއެވެ.  ބޮޑުމީހެއްގެ ދުވަހެއްގެ ކެއުމުގައި 1.5 – 3.0 މިލިގްރާމް އާއި ދޭތެރޭގެ އަދަދަކަށް ކޮޕަރ ލިބޭ ކާނާ ހިމަނަން ޖެހެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ކޮޕަރ މަސައްކަތްކުރަނީ ދަގަނޑާއި އެކުގައެވެ. ދަގަނޑު ހިމަގްލޯބިން އަށް ބަދަލުކޮށްލަނީ ކޮޕަރ އެވެ. ހިމަގްލޯބިން އަކީ ލެޔަށް ރަތްކުލަ ގެނެސްދީ، އަދި އޮކްސިޖަން ހަށިގަނޑުގެ އެތަން މިތަނަށް ގެންގޮސްދޭ މާއްދާ އެކެވެ. ހަކުރު މާގިނައިން ކާނަމަ ކޮޕަރ ގިރިބިން ކުރަން، ނުވަތަ ހަށިގަނޑަށް ބޭނުން ހިފޭގޮތް ހެދުމަށް ދަތިވެއެވެ. އަދި ކުކުޅު ބިހުގެ ގޮބޮޅި އާއި އެކު ހަށިގަނޑަށް އެތެރެވާ ކޮޕަރ ގިރިބިން ވިޔަނުދީ، ގޮހޮރުގައި ހިފަހައްޓާލައެވެ. ކެންސަރާއި، އާތުރައިޓިސް ފަދަ ބައްޔަށް ފަރުވާގެ ގޮތުގައި ވެސް ކޮޕަރ ހުންނަ ބޭސްތައް ބޭނުން ކުރެވެއެވެ. ކޮޕަރ އަކީ ލޭހޮޅިތަކުގައި ދޯޅަޖެހުމުން ދުރުކޮށްދޭ މާއްދާ އެކެވެ (ސާލިހު އަދި ވަހީދު، 2014).

ހަށިގަނޑަށް ބޭނުންވާ މިންވަރު

އުމުރުން 13-9 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ދުވަހެއްގެ ކާނާގައި 700 މައިކްރޯގްރާމް އަދި ބޮޑު މީހެއްގެ ދުވަހެއްގެ ކެއުމުގައި 900 މައިކްރޯގްރާމްގެ ކޮޕަރ ލިބޭ ކާނާ ހިމަނަންޖެހެއެވެ. ކިރުމައިން އަދި މާގަމައިންނަށް ދުވާލަކު 1300މައިކްރޯގްރާމްގެ ކޮޕަރ ދުވާލަކަށް ބޭނުންވާނެ އެވެ. ބޮޑެތި މީހުންނާއި، ކިރުމައިން އަދި މާގަމައިންނަށް ރައްކާތެރި މަތީ މިނަކީ ދުވާލަކަށް 10،000 މައިކްރޯގްރާމް އެވެ (ހާވަރޑް.އެޑިޔު، 2022).  

ކޮޕަރ މަދުވުން

އިންސާނާގެ ހަށިގަނޑުގައި ކޮޕަރ މަދުވެއްޖެނަމަ ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި ހިތުގެ ބަލިތައް، ނާރުގެ ބަލިތައް ޖެހޭގޮތްވުމާއި، އަދި ސެލޯށިތައް ރަގަޅަށް އުފެދޭގޮތްނުވުން ހިމެނެއެވެ. ކެންސަރު އަދި ހުޅުތައް ދުޅަވުން އަށް ފަރުވާގެ ގޮތުގައި ކޮޕަރ ހުންނަ ބޭސް ބޭނުން ކުރެވެއެވެ (ސާލިހު އަދި ވަހީދު، 2003).

ބަނޑަށް ޖެހުން ފަދަ ނިކަމެތި ހާލަތެއް މެދުވެރިވެގެން މެނުވީ ކޮޕަރ ހަށިގަނޑުން މާ މަދުވެގެން ނުދާނެ އެވެ. ކޮޕަރ މަދުވުމުގެ އަލާމާތްތަކުގެ ތެރޭގައި ބޮނޑިބޮނޑިއަށް އިސްތަށި ފޭބުން، ދަދުޖެހުން، ލޭފަނޑުވުން، ވަރުނެތުން، މޮޅިވުން، ހިތުގެ މަސްތައް އަނަރޫފަވުން، ހަމުގެ ކުލަ ބަދަލުވުން، އިންފެކްޝަން ހެދުން، ލޭފަނޑުވުން، އަދި ކަށިގިރޭބަލީގެ އުދަނގޫތައް ފެށުން (ކަށިފީވުން، ފަސޭހައިން ރެނދުލުން) ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014).

ކޮޕަރ މަދުވުން އާންމުކޮށް ކުރިމަތިވަނީ ވާރުތި ބަލިތަކާއި، ކާނާ ހަށިގަނޑަށް ނެގުމުގައި މައްސަލަތައް ކުރިމަތިވާ ބަލިތައް (މިސާލަކަށް ކްރޯންސް ބަލި، ސިލިއެކް ބަލި ފަދަ ބަލިތައް)، ހުންނަ މީހުންނަށެވެ. މީގެ އިތުރުން ވާރުތި ބައްޔެއް ކަމުގައިވާ މެންކެޒް ބަލީގައި ހަށިގަނޑަށް ކޮޕަރ ނެގުމަށް ހުރަސް އަޅައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރާނައަށް ނުރައްކާވެ، ކޮޕަރ އިންޖެކްޝަންގެ ޒަރީޢާޢިން ހަށިގަނޑަށް ފޯރުކޮށްދޭންޖެހެއެވެ. މީގެ އިތުރުން މަތީ މިންވަރަކަށް ޒިންކު ބޭހުގެ ގޮތުގައި ބޭނުންކުރުމުން ވެސް ހަށިގަނޑަށް ކުޑަގޮހޮރުގެ ތެރެއިން ކޮޕަރ ނެގުމަށް ހުރަސް އަޅައެވެ (ހާވަރޑް.އެޑިޔު، 2022).

ކޮޕަރ ގިނަވުން

ކޮޕަރ ހަށިގަނޑުގައި ގިނަވެއްޖެނަމަ އަކުނިވަޔަށްދެމުން، ބޭރަށްހިންގުން، ހޮޑުލެވުން، ހުޅުހުޅުގައި ރިއްސުން، އަދި މޮޅިވުން ހިމެނެއެވެ. މޮޅިވުމަކީ ކޮޕަރ ގިނަ ވިޔަސް ނުވަތަ މަދުވިޔަސް ވެދާނެ ގޮތެކެވެ. އެހެންކަމުން ރަނގަޅު މޫޑެއްގައި ހުރުމަށް ކޮޕަރ ހުންނަވަރު މީޒާންވުމަކީ ބޭނުންތެރި ކަމެކެވެ. ހަނުހުރެވޭގޮތް ކުޑަވުމަކީ ވެސް ކޮޕަރ މަދުވުމުން ދިމާވެދާނެ ގޮތެކެވެ (ސާލިހު އަދި ވަހީދު، 2014).

ކޮޕަރ ކާނާގައި ގިނަވެގެން ވިހަވުމަކީ ވަރަށް ދުރުކަމެކެވެ. ވިލްސަން ޑިޒީޒް(wilson’s disease) ފަދަ ވާރުތަވާ މަދު ބައްޔެއްގެ ސަބަބުން މޭގަނޑާއި ސިކުނޑީގައި ކޮޕަރ ގިނަވެ، ވިހަވެދާނެ އެވެ(ސާލިހު އަދި ވަހީދު، 2014).މިގޮތަށް ދިމާވަނީ މިބަލީގައި ހަށިގަނޑުން ކޮޕަރ ބޭރުވުމަށް ހުރަސްއަޅައި، ލޭގައި ކޮޕަރ ގިނަވާތީ އެވެ (ހާރވަޑް. އެޑިޔު، 2022). ކޮޕަރ މަދަނުގެ ގޮތުގައި ވިހަވާ ވަރަށް ކެވިއްޖެނަމަ، ހޮޑުލެވުމާއި، ހޮޑުގައި ލޭހުރުން، ބަނޑަށް އުދަނގޫވުން އަދި ކޯމާއަކަށް ދިއުން ނުވަތަ ހުވާސްނެތުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014). 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/copper/

  

No comments:

Post a Comment