ބޯރޯން
ބޯރޯން(boron) އަކީ ވަރަށް ހަރު ކަޅުކުލައިގެ މައުދަނެކެވެ. ބޯރޯން އަކީ
ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާބޯތަކެތީގައި ހިމަނަންޖެހޭ 21 ވައްތަރުގެ
ކަނީޒުގެ ތެރެއިން މާމަދުން ބޭނުންވާ ޒާރީ ވަށްތި ނުވަތަ އުންސުރެކެވެ. ބޯރޯންގެ
ރަމްޒަކީ B އެވެ. އަދި
އެޓޮމިކް ނަންބަރަކީ 5 އެކެވެ. ބޯރޯން އަކީ ގަސްގަހާއި ގެއްސަށް ބޭނުންވާ އަސާސީ
މާއްދާ އެކެވެ. މިކަން ހޯދުނީ 1923 ވަނަ އަހަރުގައެވެ. ނަމަވެސް އިންސާނުންނަށް
ވެސް މިމާއްދާގެ ބޭނުން ބޮޑުކަން ހޯދުނީ 1985 ވަނަ އަހަރުގައެވެ. އަދި
ކަށިތަކުގައި ބޯރޯން އެކުލެވިގެންވާ ކަން ހޯދުނީ 1987 ވަނަ އަހަރުގައެވެ (ސާލިހު
އަދި ވަހީދު، 2014).
ކާބޯތަކެތީގައި
ބޯރޯން ހުންނަނީ އިންއޯގެނިކް ބޯރޭޓް ގެ ގޮތުގައެވެ. މިސާލަކަށް ކެލްސިއަމް
ފްރަކްޓޯބޯރޭޓް ގެ ގޮތުގައެވެ. ހަށިގަނޑަށް އެތެރެވާ ބޯރޯން ހަޖަމުކުރާ ނިޒާމުގައި
ބޯރިކް އެސިޑަށް ބަދަލުވެއެވެ. ހަށިގަނޑަށް އެތެރެވާ ބޯރޯންގެ %90-85 ހަށިގަނޑަށް
ނަގައެވެ. ނަމަވެސް ހަށިގަނޑަށް ނެގޭގޮތް މާބޮޑަކަށް އަދި ހޯދިފައެއް ނުވެއެވެ
(ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު، 2022).
ބޯރޯން
ހަށިގަނޑުގެ ގިނަ ސެލޯށިތަކުގައި ހަރެއް ނުލައެވެ. ނަމަވެސް ކަށި، ދަތްތައް، ހަން،
އަދި އިސްތަށީގައި ހަށިގަނޑުގެ އެހެން ސެލޯށި ތަކަށްވުރެ ގިނައިން ބޯރޯން
ހުންނަކަން ފާހަގަ ކުރެވެއެވެ. ލޭ، ކުޑަކަމު ނަޖިސް އަދި ހަށިގަނޑުގެ އެހެން
ދިޔަވަރު ތަކުގައި ބޯރޯން މައިގަނޑު ގޮތެއްގައި ހުންނަނީ ބޯރިކް އެސިޑްގެ
ގޮތުގައެވެ. ބޯރޯން މައިގަނޑު ގޮތެއްގައި ހަށިގަނޑުން ބޭރުކުރަނީ ކުޑަކަމުނަޖިހުގެ
ތެރެއިންނެވެ. ނަމަވެސް މަދު މިންވަރަކަށް ބޮޑުކަމުނަޖިސް، ނޭވާ، ދާ އަދި ބައިލްގެ
ތެރެއިން ބޭރުވެއެވެ (ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު، 2022).
މަސްދަރު
ބޯރޯން
ލިބެނީ ގަސްގަހާ ގެހިންނެވެ. މިމާއްދާ ވަކިކުރެވުނީ 1910 ގައެވެ. ބޯރޯން ގިނަ އަދަދަކަށް ހުންނަ
ކާނާގެ ބާވަތްތަކުގެ ތެރޭގައި، މޭވާ، ތަރުކާރީ، ސޯޔާތޮޅި، އަދި އެކިވައްތަރުގެ މަދު ހިމެނެއެވެ. މިތަކެތީގައި
މިމާއްދާ ހުންނަވަރު ބިނާވެގެންވަނީ ހައްދާ ބިމުގެ ގޮތުންނެވެ (ސާލިހު އަދި
ވަހީދު، 2014). މީގެ އިތުރުން ބޯރޯން އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ކޮފީ، ކިރު،
ތޮޅި، އަލުވި، މޭވާ، މޭވާ ޖޫސް، ކިރު، ޗީޒް ފަދަ ބާވަތްތައް ހިމެނެއެވެ.
ދިވެހިރާއްޖެއިން
ލިބެން ހުންނަ ބައެއް ކާބޯތަކެތީގައި ބޯރޯން ހުންނަ މިންވަރު
100ގ ގައި |
މިލިގްރާމް |
100ގ ގައި |
މިލިގްރާމް |
ހިކިމޭބިސްކަދުރު |
4.51 |
ކަދުރު |
1.08 |
ބަދަންމަދު |
2.82 |
މުގު |
0.74 |
ހިކިއެޕްރިކޮޓް |
2.11 |
ކެރެޓް |
0.30 |
އެވޮކާޑޯ |
2.06 |
ފިޔާ |
0.20 |
ޕީނަޓް ބަޓަރު |
1.94 |
ދޮންކެޔޮ |
0.16 |
ބޯރޯންގެ
ވަޒީފާ
ބޯރޯން
ހަށިގަނޑުގައި މަސައްކަތްކުރަނީ ހަށިގަނޑުގައިވާ ސެލޯށި ތަކާއި އެކުއެކީގައެވެ. ބޯރޯން
އަކީ ކަށިތައް އުފައްދައި، ދުޅަހެޔޮކޮށް ބެހެއްޓުމަށާއި، ހުޅުތައް ހަރަކާތްތެރިވާ
ގޮތަށް ވިލާކޮށް ބެހެއްޓުމަށް ބޭނުންވާ މާއްދާ އެކެވެ. ޚާއްޞަކޮށް ދަތުގެ ބޭރުފަށަލަ
ހަރުކޮށް، އޮފްކޮށް ބެހެއްޓުމަށް މުހިއްމު އެއްޗެކެވެ. ބޯރޯންގެ އެންމެ މުހިއްމު
ވަޒީފާ އަކީ ދިރު ތައް ބައިބައިވެ، އިތުރުވަމުން ދާއިރު ދިރުތަކުގެ ތުނާލި (ބޭރު
ދުލިފަށް) އުފައްދާ ބެލެހެއްޓުމެވެ. އެހެންކަމުން ހަށިގަނޑުގެ ހުރިހާ ސެލޯށި
ތަކެއްގައި ބޯރޯން ކޮންމެވެސް މިންވަރަކަށް ހުރެއެވެ (ސާލިހު އަދި ވަހީދު، 2014).
ކާބޯތަކެތީގެ
ތެރެއިން ހަށިގަނޑަށް އެތެރެވާ ކެލްސިއަމް، ފޮސްފަރަސް، އަދި މެގްނީޒިއަމް
ގިރިބިންކުރެވެނީ ބޯރޯންގެ އެހީގައެވެ. އަދި ތަފާތު ޅިންތާ (އެންޒައިމް) ތައް
އުފެއްދުމަށް ވެސް މިމާއްދާ ބޭނުންވެއެވެ. ބޯރޯން އަކީ ހަށިގަނޑުގެ ކަށިތަކާއި
ހުޅުތަކުގެ ހަރަކާތްތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ޚާއްޞަކޮށް ދަތުގެ ބޭރު
ފަށަލަ އަށް ވަރަށް މުހިއްމު އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2014).
ހަށިގަނޑަށް
ބޭނުންވާ މިންވަރު
ބޯރޯންގެ
ކެލަމިން (ކެއުމަށް ލަފާދޭ މިންވަރު) އެއް ނޯވެއެވެ. މީހަކަށް ދުވަހަކަށް 2-7
މިލިގްރާމް އާއި ދެމެދުގެ ބޯރޯން ބޭނުންވާނޭ ކަމަށް ބެލެވެއެވެ. ހަށިގަނޑަށް
ބޯރޯން ތަހައްމަލުކުރެވޭ ގިނަމިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ނުވަތަ
ރައްކާތެރި ގިނަ މިނަކީ ދުވާލަކު 20 މިލިގްރާމް އެވެ(ސާލިހު އަދި ވަހީދު، 2014).
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ބޮޑުމީހަކަށް
ދުވާލެއްގެ މައްޗަށް ބޯރޯން ހަށިގަނޑަށް އެތެރެވާންޖެހޭ ރައްކާތެރި މަމިން އަކީ
13-1 މިލިގްރާމް އާއި ދެމެދެވެ (ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު، 2022).
ބޯރޯން މަދުވުން
ބޯރޯން
ހަށިގަނޑުގައި މަދުވާކަން އެނގޭ އަލާމާތްތަކެއް ނުހުރެއެވެ. ބޭނުންވާ ވަރަށް ވުރެ
މަދުވެއްޖެނަމަ ހަށިގަނޑަށް ބޭނުންވާ އެހެން ބައެއް މައުދަންތަކާ ވިޓަމިންތައް
ގިރިބިން ކުރުމަށް ދަތިވެއެވެ. އަދި ސިކުނޑީގެ ވިސްނުމުގެ ހާލަތު ދަށްވެއެވެ. މީގެ
އިތުރުން ބޭނުންވާ ވަރަށް ވުރެ މަދުވެއްޖެނަމަ ހުޅުތައް ދުޅަވުން އަދި ކަށި ފީވުން
އޭ ކިޔާ ބަލީގެ އުދަގޫތައް ދިމާވާގޮތް ވެއެވެ (ސާލިހު އަދި ވަހީދު، 2014).
ބޯރޯން އިތުރުވުން
މިމާއްދާ ހަށިގަނޑުގައި ބޭނުންވަރަށްވުރެ
އިތުރުނަމަ ކުޑަކަމުދާ ތަކެއްޗާއި އެކު ބޭރުވާނެއެވެ. ބޭނުންވާ މިންވަރަށްވުރެ
އިތުރަށް ކެވިއްޖެނަމަ، ފަހަރުވާ (މޫންދުރަ/ކުޑަކަމުދާ އެއްޗެހި) އާއި އެކުވެގެން
ހަށިގަނޑުން ބޭރުވެދެއެވެ. އިތުރުކާނާގެ ގޮތުގައި ބޭނުންކުރާ ބޯރޯންގެ %85
މޫންދުރައިގައި ހުރެއެވެ. ބޯރޯން އަކީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމުގައި
ބޭނުންކޮށް އުޅޭ އެއްޗެކެވެ. މިމާއްދާއިން ވިހަވެދާނެ ކަމަށް ބެލެވެނީ ދުވަހަކަށް
100 މިލިގްރާމް އަށްވުރެ އިތުރަށް ކެއުމުންނެވެ (ސާލިހު އަދި ވަހީދު، 2014).
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
ހަވާލާ
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.healthline.com/health/brains-bones-boron#safety
No comments:
Post a Comment