ނެފްރޯޓިކް ސިންޑްރޯމް
ނެފްރޯޓިކް ސިންޑްރޯމް (Nephrotic syndrome)އަކީ ގުރުދާއަށް ޖެހޭ ބައްޔެކެވެ. މިއީ ކުޑަކަމު ނަޖިހާއެކު އާދަޔާ ޚިލާފަށް ގިނައިން ޕްރޮޓީން ލީކުވުން ކުރިމަތިވާ ގުރުދާ ބައްޔެކެވެ. މިއީ ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޭކާރު މާއްދާތަކާއި، ހަށިގަނޑުގައި އިތުރުވާ ފެން ފުރޭނުމަށް ގުރުދާގައި ހުންނަ ކުދިކުދި ލޭހޮޅިތަކަށް ނޫނީ މިފަދަ މާއްދާތައް ފުރާނައިލައިދޭ ޔުނިޓް(glomerulus / glomeruli) އަށް ގެއްލުންވުމުން ކުރިމަތިވާ ބައްޔެކެވެ. މިއީ ފައިތިލައާއި ތަބިކަށި ދުޅަވެ، ފޮއްސިވެ، އިތުރު ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ ބައްޔެކެވެ.
ނެފްރޯޓިކް ސިންޑްރޯމް(nephrotic syndrome) އަކީ ގުރުދާގެ އެތައް
ވައްތަރެއްގެ ބަލިތައް ޖެހުމުން މީހުން ގައިން ފެންނާނެ އަލާމާތްތަކަށް، އަދި
ޓެސްޓުތަކުން ވަކި ގޮތަކަށް ހުރުމުން ކިޔާ ނަމެކެވެ (ކިޑްނީގެ ދުޅަހެޔޮކަން
އެންމެނަށް.ފޭސްބުކް ޕޭޖް، 2022).
ކޮންމެ
އުމުރެއްގެ އަދި ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ނެފްރޯޓިކް ސިންޑްރޯމް
ޖެހިދާނެއެވެ. ނަމަވެސް ފިރިހެނުންނަށް ޖެހޭ މިންވަރު ތަންކޮޅެއް އިތުރުކަން
ފާހަގަ ކުރެވެއެވެ. ކުޑަކުދިންގެ ތެރެއިން މިމައްސަލަ ބޮޑަށް ކުރިމަތިވަނީ
އުމުރުން 6-2 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށެވެ (ކިޑްނީފަންޑް.އޯރގް،
2022).
ނެފްރޯޓިކް ސިންޑްރޯމް އަކީ ގުރުދާ ރަނގަޅަށް މަސައްކަތްނުކުރާކަން އަންގައިދޭ އަލާމާތްތަކެކެވެ. މިއަލާމާތްތަކުގެ ތެރޭގައި ކުޑަކަމު ނަޖިހުގައި ޕްރޮޓީން ގިނަވުން(proteinuria)، ލޭގައި ޕްރޮޓީން (އަލްބިޔުމިން) މަދުވުން(hypoalbuminemia)، ލޭގައި ސަރުބީ ގިނަވުން(hyperlipidemia) އަދި ދުޅަވެ ފޮއްސިވުން(odema) ހިމެނެއެވެ (ކިޑްނީފަންޑް.އޯރގް، 2022).
ކުރިމަތިވާގޮތް
ގުރުދާގައި ލޭފުރާނާލައިދޭ އެތައް މިލިޔަން ފިލްޓަރ ޔުނިޓްތަކެއް ވެއެވެ. މިޔުނިޓްތަކަށް ކިޔަނީ ނެފްރޯން(nephron) އެވެ، ކޮންމެ ނެފްރޯން އެއްގައި "ގްލޯމެރިޔޫލަސް"(glomerulus) ކިޔާ ފިލްޓަރެއް އަދި ހިމަހޮޅި(tubule)އެއް ވެއެވެ. ގްލޯމެރިޔޫލަސް އިން ލޭފުރާނާއިރު، ބޭނުންވާ ބައި ހިމަހޮޅިން އަނބުރާ ލޭގެ ތެރެއަށް ފޮނުވައި ބޭނުންވާ، ބޭނުންނުވާ ބައިތަކާއި ބޭކާރު ބައިތައް ކުޑަކަމު ނަޖިހުގެ ގޮތުގައި ހަށިގަނޑުން ބޭރުކުރެއެވެ. ނެފްރޯޓިކް ސިންޑްރޯމް ކުރިމަތިވަނީ ގްލޯމެރިޔޫލަސް ދުޅަވެ، ކުޑަކަމު ނަޖިހުގެ ތެރެއަށް މާގިނައިން ޕްރޮޓީން ލީކުވެ، ބޭރުވުމުންނެވެ (ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓީސް، ޑައިޖެސްޓިވް، އެންޑް ކިޑްނީ ޑިޒީޒް،ޔޫކޭ، 2022).
ސަބަބުތައް
ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޭކާރު މާއްދާތަކާއި، ހަށިގަނޑުގައި އިތުރުވާ ފެން ފުރޭނުމަށް ގުރުދާގައި ހުންނަ ކުދިކުދި ލޭހޮޅިތަކަށް ނޫނީ މިފަދަ މާއްދާތައް ފުރާނާ ޔުނިޓް ، ނޫނީ ފިލްޓަރުތައް ނުވަތަ ގްލޯމެރިޔޫލައި (glomerulus / glomeruli) އަށް ގެއްލުންވުމުންނެވެ. ގުރުދާގައި ލޭދައުރުވުމުގެ ތެރޭގައި ގްލޯމެރިޔޫލަސް އިން ލޭތައް ފުރާނާލައެވެ. ދުޅަހެޔޮ ގްލޯމެރިޔޫލަސް ތަކުން ލޭގެ ޕްރޮޓީން (މައިގަނޑު ގޮތެއްގައި އަލްބިޔުމިން) ކުޑަކަމުނަޖިހުގެ ތެރެއަށް ލީކުވިޔަނުދީ ހިފަހައްޓައިދެއެވެ. ނަމަވެސް ގްލޯމެރިޔޫލަސްތަކަށް ގެއްލުންވުމުން ކުޑަކަމު ނަޖިހާއެކު އާދަޔާ ޚިލާފަށް ގިނައިން ޕްރޮޓީން ލީކުވާގޮތް ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނެފްރޯޓިކް ސިންޑްރޯމް ކުރިމަތިވެއެވެ.
ވަރަށް
ގިނަ ކަންތައްތަކުގެ ސަބަބުން ގްލޯމެރިޔޫލަސް ތަކަށް ގެއްލުންވެ، ނެފްރޯޓިކް
ސިންޑްރޯމް ފެންމަތިވުމަށް މެދުވެރި ކުރުވައެވެ.
(ހ) ހަކުރު ބަލީގެ ސަބަބުން ކުރިމަތިވާ ގުރުދާގެ ބަލިތައް (diabetic kidney disease): ހަކުރު ބަލީގެ ސަބަބުން ގުރުދާއަށް ގެއްލުންވެ، ޚާއްޞަކޮށް ގުރުދާގައި
ލޭފުރާނަލޭ ޔުނިޓް ނުވަތަ ގްލޯމެރިޔޫލަސް ތަކަށް ގެއްލުންވުމަކީ އެކަށީގެންވާ
ކަމެކެވެ.
(ށ) މިނިމަލް ޗޭންޖް ޑިޒީޒް (minimal change disease): މިއީ
ގުރުދާގައިވާ ލޭފުރާނައިލައިދޭ ޔުނިޓް ތައް ނުވަތަ ގްލޯމެރިޔޫލަސް ތަކަށް ގެއްލުން
ކުރިމަތިކުރުވާ ހާލަތެކެވެ. ކުޑަކުދިންނަށް ނެފްރޯޓިކް ސިންޑްރޯމް ކުރިމަތިކުރުވާ
އެންމެ އާންމު ސަބަބަކީ މިއީ އެވެ. މިބަލީގައި ގުރުދާގެ މަސައްކަތަށް ހުރަސް އެޅި
ނަމަވެސް، ގުރުދާގެ ސެލޯށިތައް މައކްރޮސްކޯޕް އިން ބަލާއިރު ފެންނާނީ ތަބީއީ
ކޮށެވެ. ނޫނީ ރަނގަޅަށް ހުއްޓައެވެ. ސީދާ ގުރުދާގެ މަސައްކަތަށް ހުރަސް އަޅައި
ބުރޫއަރަނީ ކީއްވެގެންކަން ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ. މިއަލާމާތްތައް
ފެނިދާނެ ގުރުދާގެ ބަލިތަކުގެ ތެރެއިން ކުޑަކުދިންނަށް އެންމެ ގިނައިން ޖެހެނީ
"މިނިމަލް ޗޭންޖު ޑިޒީޒް" އެވެ. މިނިމަލް ޗޭންޖު ޑިޒީޒް ގައި ގުރުދާއަށް
އައިސްފައި ހުންނަނީ ވަރަށް ކުޑަ ބަދަލެކެވެ (ކިޑްނީގެ ދުޅަހެޔޮކަން
އެންމެނަށް.ފޭސްބުކް ޕޭޖް، 2022).
(ނ) ފޯކަލް ސެގްމެންޓަލް ގްލޯމެރިޔޫލޯސްކެލިރޯސިސް (focal
segmental glomerulonephritis): މިއީ ގުރުދާގައިވާ ލޭފުރާނައިލައިދޭ ޔުނިޓް ތައް ނުވަތަ ގްލޯމެރިޔޫލަސް
ތަކުގައި ލަކުނުލުން މެދުވެރިވާ ހާލަތެކެވެ. އެހެން ބައްޔެއް، ބޭހެއް، ނޫނީ
ވާރުތަވީ ކަމެއްގެ ސަބަބުން ،ނޫނީ ސަބަބެއް ނޭނގި ވެސް މިހާލަތް ކުރިމަތިވުމަކީ
އެކަށީގެންވާ ކަމެކެވެ. މިއީ ބޮޑެތި މީހުންނަށް ނެފްރޯޓިކް ސިންޑްރޯމް
މެދުވެރިކުރުވާ މައިގަނޑު ސަބަބެވެ.
(ރ) މެންބްރޭނަސް ނެފްރޯޕަތީ (membranous
nephropathy): މިއީ
ގްލޯމެރިޔޫލަސްތަކުގެ އެތެރޭގެ ތުނާލި (ދުލިފަށަލަ) ބޯވުމުން ދިމާވާ ގުރުދާގެ
ބައްޔެކެވެ. މިގޮތަށް ގްލޯމެރިޔޫލަސްތަކުގެ ތުނާލި ބޯވަނީ ދިފާޢީ ނިޒާމުން
ޖަމާކުރުވާ މާއްދާ ތަކުގެ ސަބަބުންނެވެ. ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް،
ހެޕަޓައިޓިސް ބީ، ބައެއް ކަހަލަ ކެންސަރުތައް ފަދަ ބަލިތަކުގެ ސަބަބުން އަދި ވަކި
ސަބަބެއް ނޭނގި ވެސް މިހާލަތް ކުރިމަތިވެދާނެ އެވެ.
(ބ) ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް (SLE): މިއީ ގުރުދާ އަށް ނުރައްކާކުރުވާ ދާޢިމީ ސިފައެއްގައި
އިންފްލެމޭޝަން ކުރިމަތި ކުރުވާ ބައްޔެކެވެ.
(ޅ) އަމައިލޮއިޑޯސިސް (Amyloidosis): މިއީ އަމައިލޮއިޑް ޕްރޮޓީން ހަށިގަނޑުގެ ގުނަވަންތަކުގައި ޖަމާވުމުން ދިމާވާ ހާލަތެކެވެ. މިޕްރޮޓީން ގުރުދާގައި ޖަމާވެއްޖެނަމަ ނޫނީ މިޕްރޮޓީންގެ ސަބަބުން ގުރުދާގެ ފުރާނާ ނިޒާމަށް ގެއްލުންދީ ހަލާކުކޮށްލައެވެ.
މަގުފަހިކުރާ ކަންތައްތައް
ނެފްރޯޓިކް
ސިންޑްރޯމް އަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
(ހ) ގުރުދާއަށް ގެއްލުންދޭ ޞިއްހީ ހާލަތްތައް :
ބައެއް ކަހަލަ ބަލިތަކަކީ ނެފްރޯޓިކް ސިންޑްރޯމް ކުރިމަތިވުމަށް މަގުފަހިކުރާ
ބަލިތަކެކެވެ. މިފަދަ ބަލިތަކުގެ ތެރޭގައި ހަކުރުބަލި، ސިސްޓެމިކް ލޫޕަސް
އެރިތުމަޓޯސަސް، އަމައިލޮއިޑޯސިސް، ރިފްލަކްސް ނެފްރޯޕަތީ އަދި އެހެނިހެން
ގުރުދާއަށް ގެއްލުންދެނިވި ބަލިތަކާއި ހާލަތްތައް ހިމެނެއެވެ.
(ށ) ބައެއް ކަހަލަ ބޭސްތައް :ބައެއް ކަހަލަ ބޭސްތަކުގެ
ސަބަބުން ނެފްރޯޓިކް ސިންޑްރޯމް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. މިފަދަ
ބޭސްތަކުގެ ތެރޭގައި ބާރުގަދަ ތަދުކަނޑުވާ ބޭސްތަކާއި، އިންފެކްޝަންތަކުން
ރައްކާތެރިވުމަށްދީ އުޅޭ ބައެއް ކަހަލަ އެންޓިބަޔޮޓިކްތައް ހިމެނެ އެވެ.
(ނ) ބައެއް ކަހަލަ އިންފެކްޝަންތައް :ބައެއް ކަހަލަ އިންފެކްޝަންތަކުގެ ސަބަބުން ނެފްރޯޓިކް ސިންޑްރޯމް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. މިފަދަ އިންފެކްޝަންތަކުގެ ތެރޭގައި އޭޑްސްބަލި، ފުރަމޭ ދުޅަވުމުގެ ވައްތަރުތައް ކަމުގައިވާ ހެޕަޓައިޓިސް ބީ، ހެޕަޓައިޓިސް ސީ އަދި މެލޭރިޔާ ފަދަ ބަލިތައް ހިމެނެއެވެ.
އަލާމާތްތައް
ޓެސްޓެއް
ނުހަދަނީސް ފަހަރުގައި ނެފްރޯޓިކް ސިންޑްރޯމް ހުރިކަން ނޭނގި ހިނގައިދާނެ އެވެ.
ޓެސްޓުތަކުން ފާޙަގަވެދާނެ ކަންތައްތަކުގެ ތެރޭގައި ކުޑަކަމު ނަޖިހުގައި ޕްރޮޓީން
ގިނަވުން، ލޭގައި ޕްރޮޓީން މަދުވުން، ލޭގައި ސަރުބީ ގިނަވުން ފަދަ ކަންތައްތައް
ހިމެނެއެވެ (ކިޑްނީފަންޑް.އޯރގް، 2022).
ނެފްރޯޓިކް
ސިންޑްރޯމްގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ވަރަށް ބޮޑަށް ފޮއްސިވެ ދުޅަވުން : ޚާއްޞަކޮށް ފައިތިލަ، ތަބިކަށި ، އަތް،
އަތްތިލަ، އަދި ލޮލުގެ ވަށައިގެން ދުޅަވެ ފޮއްސިވުން ނުވަތަ މޫނު، ލޯވަށައިގެންވީ
ހިސާބު، ފައި، ފައިތިލަ ނޫނީ މުޅި ހަށިގަނޑު ދުޅަވުން
·
ކުޑަކަމުނަޖިހާއެކު މާގިނައިން ޕްރޮޓީން ބޭރުވުމުން ކުޑަކަމުނަޖިހުން
ފޮނުއެރުން ނޫނީ ކުޑަކަމު ނަޖިހުގައި ފޮނުހުރުން / ކުޑަކަމުދާ އެއްޗެހީގައި އާދަޔާ
ޚިލާފަށް ފޮނުހުރުން
·
ހަށިގަނޑުގައި ފެންހަރުލުމުން ދުޅަވެގެން ގޮސް ބަރުދަން އިތުރުވުން
·
ހަށިގަނޑުގެ ބަރުދަން އިތުރުވުން
·
ވަރަށް
ބޮޑަށް ވަރުބަލިވެ، ވާޅުވުން
·
ކާހިތްނުވުން
ނުވަތަ ބަނޑުހައިނުވުން
·
ކުޑަކަމުދާ އެއްޗެހީގައި (ޓެސްޓުކުރުމުން) ޕްރޮޓީންހުރުން
· ކޮލެސްޓްރޯލް މަތިވުން
ހަށިގަނޑު ފޮއްސިވެ ދުޅަވުން
ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ހަށިގަނޑު ފޮއްސިވެ ދުޅަވަމުން އަންނާނީ މަޑުމަޑުންނެވެ. ބައެއް ފަހަރު ފޮއްސިވުން، ކުޑަވެފައި، އަނެއްކާ އިތުރުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގޮތުން ފުރަތަމަ ފޮއްސިވާން ފަށަނީ ލޮލުގެ ވަށައިގެންވާ ހިސާބު އެވެ. އެއަށްފަހު މޫނެވެ. އަދި އޭގެ ފަހުން ޖިންސީ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދު، ދެފަޔާއި ދެއަތް އަދި ފިދުމަސްގަނޑު ހިމެނޭ ހިސާބު ފޮއްސިވާގޮތް ވެއެވެ. އަދި ބައެއް ފަހަރު މުޅި ހަށިގަނޑު އެއްކޮށް ފޮއްސިވެ ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިހާލަތުގައި ބަނޑު ފުފޭގޮތް ވެއެވެ. ބަނޑު ފުފެނީ އެތެރޭ ހަށީގެ ގުނަވަންތަކުގެ ވަށައިގެންލެވިފައިވާ ދުލިފަށަލަ ޕެރިޓޯނިއަމް ގައި ފެން ޖަމާވާގޮތް ވުމުންނެވެ. އަދި މިހާލަތުގައި ފުއްޕާމޭގެ ވަށައިގެންލެވިފައިވާ ދުލިފަށަލަ ޕްލޫރާ އަދި ހިތުގެ ވަށައިގެލެވިފައިވާ ދުލިފަށަލަ ޕެރިކާޑިއަމް ގައި ވެސް ފެންޖަމާވާގޮތް ވެއެވެ.
ހަންގަނޑު ކުލަ މަޑުވެ، ދޮންފޫޑުވުން
ހަންގަނޑުގެ
ކުލަ މަޑުވެ ދޮންފޫޑުވާ ގޮތް ވެފައި ހުންނަނީ ހަށިގަނޑު ފޮއްސިވެ ދުޅަވުމުންނާއި، އަދި ލޭމަދުވުން
ކުރިމަތިވެފައިވާ ތީއެވެ.
ހަޖަމުކުރާ ނިޒާމްއާއި ގުޅުންހުރި އުދަގޫތައް
ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ހަޖަމުކުރާ ނިޒާމް އާއި ގުޅުންހުރި އުދަގޫތަކުގެ ގޮތުގައި ކުރިމަތިވާ ކަންތައްތަކުގެ ތެރޭގައި ކާހިތްނުވުން، މޭނުބައިކުރުން، ހޮނޑުލުން، އަދި ބޭރަށް ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ.
އެހެނިހެން ބައެއް އަލާމާތްތައް
ނެފްރޮޓިކް ސިންޑްރޯމް އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން ބައެއް އުދަގޫ ތަކުގެ ތެރޭގައި ޕެރޮޓިޑް ގްލޭންޑް ބޮޑުވުން، ނިޔަފަތި ހުދުވުން، ކަށިފީވުން، އަދި މަސްތަކުގެ ބާރުދެރަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ދިމާވެދާނެ ނުރައްކާތައް
ނެފްރޯޓިކް
ސިންޑްރޯމް ކުރިމަތިވުމުން އާންމުކޮށް ގުރުދާއިން ލޭފުރާނާއިރު ހިފެހައްޓައި
ހައްޔަރުކުރުމުގެ ބަދަލުގައި ކުޑަކަމު ނަޖިހުގައި އަލްބިޔުމިން ލީކުވުން
އިތުރުވެއެވެ. ނޫނީ އަލްބިޔުމިން ލީކުވެ ބޭރުވާގޮތް ވެއެވެ. އަލްބިޔުމިން
ހަށިގަނޑުގައި އިތުރުވާ ފެނުގެ ބައި ހަށިގަނޑުން ބޭރުކުރުމުގައި އެހީތެރިވެދޭ
ޕްރޮޓީން އެކެވެ. ލޭގައި އެކަށޭނަ ވަރަށް އަލްބިޔުމިން ނުހުންނަ ނަމަ،
ހަށިގަނޑުގައި ދިޔާތަކެތި ނޫނީ ފެނުގެ ބައި ހިފެހެއްޓި ހަރުލާގޮތް ވާނެއެވެ. އޭގެ
ސަބަބުން ފައި، ފައިތިލަ އަދި ތަބިކަށި ދުޅަވެ، ފޮއްސިވާގޮތް ވެއެވެ. ނެފްރޯޓިކް
ސިންޑްރޯމްގެ ސަބަބުން ލޭގައި ސަރުބީ މަތިވެ، ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދި،
ހާޓް އެޓޭކް ޖެހުން އަދި ސްޓްރޯކް ޖެހުމުގެ ހިރާސް އިތުރު ކުރުވައެވެ
(ކިޑްނީފަންޑް.އޯރގް، 2022).
ނެފްރޯޓިކް
ސިންޑްރޯމްގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
(ހ) ގަނޑުލޭކޮޅު އުފެދުން : ގުރުދާގައިވާ
ލޭފުރާނައިލައިދޭ ޔުނިޓް ތައް ނުވަތަ ގްލޯމެރިޔޫލަސް ތަކަށް ގެއްލުންވެ،
ލޭފުރާނައިލާން ނުކުޅެދުމުން ކުޑަކަމުނަޖިހާއެކު މާގިނައިން ޕްރޮޓީން ބޭރުވާގޮތް
ވެއެވެ. މިޕްރޮޓީން ތަކަކީ ލޭގައި ގަނޑުލޭކޮޅު އުފެދުމުން ރައްކާތެރިވުމަށް
އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން މިގޮތަށް ޕްރޮޓީން ބޭރުވުން އިތުރުވުން
ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދުމުގެ ނުރައްކާ ބޮޑުވެއެވެ.
(ށ) ސަރުބީ މަތިވުން :ލޭގައި ޕްރޮޓީން
(އަލްބިޔުމިން) ގެ މިންވަރު ދަށްވުމުން، ފުރަމޭ އިން އިތުރު އަލްބިޔުމިން
އުފައްދައެވެ. އެއާއެކު ކޮލެސްޓްރޯލް އަދި ކޮލެސްޓްރޯލްގެ ޚާއްޞަ ވައްތަރެއް
ކަމުގައިވާ ޓްރައިގްލިސެރައިޑް ފުރަމެއިން ދޫކުރުން ވެސް އިތުރުވެގެން ދެއެވެ.
(ނ) ރަނގަޅުކާނާ ނުލިބުން : ކުޑަކަމު ނަޖިހާއެކު
މާގިނައިން ޕްރޮޓީން ބޭރުވާނަމަ، ހަށިގަނޑަށް ބޭނުންވާ ވަރަށް ހަށިގަނޑުގައި
ޕްރޮޓީން ނުހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ހަށިގަނޑުގެ ބަރުދަން
ލުއިވެދާނެ އެވެ. ނަމަވެސް ފޮއްސިވެ، ދުޅައިގެ ސަބަބުން ބަރުދަން ލުއިވާކަން
ފާހަގަ ނުކުރެވިދާނެ އެވެ. މީގެ އިތުރުން ލޭގެ ރަތް ދިރުތަކުގެ މިންވަރު މަދުވެ،
ލޭމަދުވުން ވެސް ކުރިމަތިވެދާނެ އެވެ. ލޭގައި ހުންނަންޖެހޭ ޕްރޮޓީން އަދި ވިޓަމިން
ޑީ ގެ ނިސްބަތް ވެސް ދަށްވެގެން ދެއެވެ.
(ރ) ލޭމައްޗަށްދިއުން : ގުރުދާގައިވާ
ލޭފުރާނައިލައިދޭ ޔުނިޓް ތައް ނުވަތަ ގްލޯމެރިޔޫލަސް ތަކަށް ގެއްލުންވެ، އޭގެ
ސަބަބުން ހަށިގަނޑުގައި ފެނާއި ދިޔާތަކެތި ޖަމާވުން އިތުރުވެއްޖެނަމަ، ލޭގެ
ޕްރެޝަރު މައްޗަށްދިއުމާއި، ހިތުގެ ބަލިތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
(ބ) އެކިޔުޓް ކިޑްނީ އިންޖަރީ : ގުރުދާގައިވާ
ލޭފުރާނައިލައިދޭ ޔުނިޓް ތައް ނުވަތަ ގްލޯމެރިޔޫލަސް ތަކަށް ގެއްލުންވެ. މިގޮތަށް
ލޭ ސާފުކޮށް ފުރޭނުމުގެ މަސައްކަތް ކުރުމަށް ނުކުޅެދިއްޖެނަމަ، ލޭގައި ބޭކާރު ވިހަ
މާއްދާތައް ޖަމާވުން އެކަށީގެންވެއެވެ. މިގޮތަށް ދިމާވެއްޖެ ނަމަ ފަހަރުގައި
އެވިހަ މާއްދާތައް ބޭރުކުރުމަށް ވީއެންމެ އަވަހަށް ޑަޔަލިސިސް ހަދަންޖެހުމަކީ
އެކަށީގެންވާ ކަމެކެވެ.
(ޅ) ދާއިމީ ސިފައެއްގައި ގުރުދާ މައްސަލަޖެހި ހަލާކުވުން ނުވަތަ ކްރޯނިކް
ކިޑްނީ ޑިޒީޒް ކުރިމަތިވުން : ނެފްރޯޓިކް ސިންޑްރޯމް ގައި
ގިނަ ދުވަސްވާވަރަކަށް ގުރުދާގެ މަސައްކަތަށް ބުރޫއަރައެވެ. އަދި ގުރުދާގެ
މަސައްކަތްތައް ފޭލްވެ، ޑަޔަލިސިސް ހަދަންޖެހޭ ހިސާބަށް ދިއުމަކީ އެކަށީގެންވާ
ކަމެކެވެ.
(ކ) އިންފެކްޝަންތައް ޖެހުން : ނެފްރޯޓިކް ސިންޑްރޯމް ހުރެ، ރަނގަޅުނުވެ ދިގުލައި ދިއުމަކީ އެކަމުގެ ސަބަބުން ތަފާތު އިންފެކްޝަން ތައް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.
ދެނެގަތުން
ނެފްރޯޓިކް
ސިންޑްރޯމް ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
(ހ) ކުޑަކަމުދާ ތަކެތި ތަޙްލީލްކުރުން :
ކުޑަކަމު ނަޖިސް ތަހުލީލުކުރާއިރު އޭގައި ގިނަ އަދަދަކަށް ޕްރޮޓީން ހުރިކަން
ފާހަގަ ކުރެވޭނެ އެވެ. ނެފްރޮޓިކް ސިންޑްރޯމް ގައި އެންމެ ފުރަތަމަ ފާހަގަކުރެވޭނެ
ކަމަކީ ލެބޯޓްރީ ޓެސްޓްތަކުން ކުޑަކަމުދާ ތަކެތީގައި އާދަޔާ ޚިލާފަށް ޕްރޮޓީން
އިތުރުވެފައި ވުމެވެ.
(ށ) ލޭގެ ޓެސްޓްތައް :
ü ލޭގައި ޕްރޮޓީން އެކުލެވޭ މިންވަރު ބެލުން: މިގޮތުން ބަލާ
ބެލުމުގައި އަލްބިޔުމިން ގެ މިންވަރު ދަށްކަން ފާޙަގަ ކުރެވޭނެއެވެ.
ü ލޭގައި ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ބެލުން: މިގޮތުން
ބަލާ ބެލުމުގައި ކޮލެސްޓްރޯލްގެ ވައްތަރުތައް ގިނަކަމަށް ފާހަގަ ކުރެވޭނެ އެވެ.
ü ލޭގައި މަޢުދަންތައް އެކުލެވޭ މިންވަރު ބެލުން: މިގޮތުން
ބަލާ ބެލުމުގައި ޕޮޓޭސިއަމް އަދި ކެލްސިއަމް ގެ މިންވަރު ދަށްކަން ފާހަގަ
ކުރެވޭނެއެވެ.
ü ލޭގެ ރަތްސެލްތަކުގެ މިންވަރު ބެލުން : ލޭމަދުވުން
ކުރިމަތިވެފައިވާކަން ފާހަގަ ކުރެވޭނެއެވެ.
ü ގުރުދާގެ މަސައްކަތް ހިނގާނުހިގާ ގޮތް ބެލުމަށް ޓެސްޓް
ކުރުން : އެގޮތުން ކްރިއެޓިނިން، ޔޫރިއާ އަދި ނައިޓްރޯޖަންގެ މިންވަރު ބެލޭނެ
އެވެ.
(ނ) ގުރުދާގެ ބަޔޮޕްސީ ހެދުން : ގުރުދާގެ ސެލޯށިން ކުޑަ އެތިކޮޅެއް ނަގައިގެން ބަޔޮޕްސީ ހަދައިފާނެއެވެ. ބަޔޮޕްސީ ގެ އެހީގައި ގުރުދާއަށް އެއްވެސް ކަހަލަ ގެއްލުމެއް ވެފައިވޭތޯ ނޫނީ އެއްވެސް ކަހަލަ ބަދަލެއް އައިސްފައިވާކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ އެވެ.
ފަރުވާ
ނެފްރޯޓިކް ސިންޑްރޯމް އަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ބޮޑަށް މަސައްކަތްކުރަނީ ކުރިމަތިވެފައިވާ އުދަނގޫތަކަށް ލުއިކަން ހޯދައިދީ، އިތުރަށް ގުރުދާއަށް ގެއްލުން ކުރިމަތި ވިޔަނުދިނުމަށެވެ. ނެފްރޯޓިކް ސިންޑްރޯމްގެ ފަރުވާގައި ނެފްރޯޓިކް ސިންޑްރޯމް ކުރިމަތިވުމަށް މެދުވެރިވި ސަބަބު ހޯދައި އެކަން ރަނގަޅުކުރުމަށް ނޫނީ އެކަމަށް ފަރުވާކުރުން ހިމެނެއެވެ. ނެފްރޯޓިކް ސިންޑްރޯމްގެ އަލާމާތްތައް ކުޑަކުރުމަށް ބޭސް ބޭނުންކުރުމާއި، ކެއުމަށް ބަދަލުގެނައުމަށް ވެސް އިރުޝާދު ދީފާނެއެވެ. މީގެ އިތުރުން ނެފްރޯޓިކް ސިންޑްރޯމްގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން މިންޖުވުމަށް ނޫނީ އެނުރައްކާތައް ކުޑަކުރުމަށް މަސައްކަތްކުރުމަކީ ވެސް ފަރުވާގެ ބައެކެވެ.
ނެފްރޯޓިކް
ސިންޑްރޯމްގެ ފަރުވާގެ ގޮތުގައި ދޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް
ހިމެނެއެވެ.
·
ލޭގެ
ޕްރެޝަރު ދަށްކުރާ ބޭސްތައް
·
ހަށިގަނޑުގައި
އިތުރުވާ ފެނުގެ ބައި ބޭރުކުރުމަށް ޑަޔުރެޓިކްސް
·
ލޭގެ
ސަރުބީ ދަށްކުރާ ބޭސްތައް
·
ލޭދިޔާކުރާ
ބޭސްތައް
·
ދިފާޢީ
ނިޒާމު ކޮންޓްރޯލްކުރާ ބޭސްތައް
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://www.niddk.nih.gov/health-information/kidney-disease/nephrotic-syndrome-adults
No comments:
Post a Comment