ވިޓަމިން ބީ2 (ރައިބޯފްލެވިން)
ވިޓަމިން ބީ2 ނުވަތަ ރައިބޯފްލެވިން އަކީ ރީނދޫ އޮރެންޖް ކުލައިގައި ހުންނަ މާއްދާ އެކެވެ. ރައިބޯފްލެވިންގެ ނަން ނެގިފައިވަނީ ރީނދޫ ކުލައިންނެވެ. މިވިޓަމިނަކީ ރީނދޫ އޮރެންޖު ކުލައިގައި ހުންނަ މާއްދާއެއް ކަމަށްވެފައި، މޫންދުރަ (ފަހަރުވާ/ކުޑަކަމުދާ އެއްޗެހި) އާއި އެކުވެގެން ހަށިގަނޑުން ބޭރުވާއިރު، އެތަކެތީގައި ވެސް އެކުލަ ހުންނާތީ އެވެ (ސާލިހު އަދި ވަހީދު، 2014).
މަޞްދަރު
ރައިބޯފްލެވިން
ގިނައިން ހުންނަނީ އެއްގަމު މަހުން ލިބޭ ޕްރޮޓީންގެ ތެރޭގައެވެ. ޚާއްޞަކޮށް
ކުރަނޑި، މޭގަނޑު، ބިހުގެ ގޮބޮޅި ފަދަ ތަކެތީގައެވެ. ރައިބޮފްލެވިން އެކުލެވޭ
ކާބޯތަކެތީގެ ތެރޭގައި ކަމީރު، އަދި ފެހިކުލަގަދަ ފަތުގެ ބާވަތްތައް ވެސް
ހިމެނެއެވެ. މީ އަލި އެޅުމުންނާއި، ބަނގުރާބުއިމުން އުނިވެގެންދާ ވިޓަމިނެކެވެ
(ސާލިހު އަދި ވަހީދު، 2014). ގޮހޮރުގައި ހުންނަ ބެކްޓީރިޔާ އަކުން ކޮންމެވެސް
މިންވަރަކަށް ރައިބޯފްލެވިން އުފައްދައެވެ. ނަމަވެސް އެއިން އިންސާނާގެ
ހަށިގަނޑަށް ބޭނުންވާ ވަރަކަށް ނުއުފައްދައެވެ (ހާރވަޑް.އެޑިޔު، 2023). މީގެ
އިތުރުން ރައިބޯފްލެވިން ހިމެނޭ ތަކެތީގެ ތެރޭގައި ކިރު، ކިރުގެ އުފެއްދުންތައް،
ޔޯގަޓް، ޗީޒް، އާމަންޑު އަދި ބޯވެލިފަތް ފަދަ ބާވަތްތައް ހިމެނެއެވެ
(ހާރވަޑް.އެޑިޔު، 2023).
ދިވެހިރާއްޖެއިން
ލިބޭ ބައެއް ކާބޯތަކެތީގައި ރައިބޯފްލެވިން ހުންނަ މިންވަރު
100ގ
ގައި |
މިލިގްރާމް |
100ގ
ގައި |
މިލިގްރާމް |
ކުކުޅުބިސް |
0.40 |
ކަންކުންފަތް |
0.13 |
ފަޅޯ |
0.25 |
ބޯވެލިފަތް |
0.20 |
ހިކަނދިފަތް |
0.21 |
ބަށި |
0.11 |
ޖުމުހޫރީމޭވާ |
0.14 |
ކޮޕީފަތް |
0.10 |
ރައިބޯފްލެވިންގެ
ފައިދާ
ޕްރޮޓީން،
ކާބޯސް، އަދި ފެޓްއިން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައި ދިނުމުގައި
އެހީތެރިވެދޭ އެއްޗެކެވެ. ހަށިގަނޑު ހެދި ބޮޑުކޮށްދީ، ދިފާޢީ ނިޒާމް
ހަރުދަނާކޮށްދީ، ހަންގަނޑާއި، އިސްތަށި ރީތިކޮށް ބަހައްޓައި ދިނުމަށް
ރައިބޮފްލެވިން އެހީވެދެއެވެ (ސާލިހު އަދި ވަހީދު، 2014).
ރައިބޯފްލެވިން
(ވިޓަމިންބީ2) އަކީ ޕައިރިޑޮކްސިން (ވިޓަމިން ބީ6)، ފޯލިކް އެސިޑް އަދި ވިޓަމިން ކޭ ގިރިބިންކުރުމަށް ބޭނުންވާ
މާއްދާ އެކެވެ. ރައިބޯފްލެވިން އަކީ ލޭހޮޅިތަކުގައި ލޮނުފުއްޕުން މަދުކޮށް،
އަނގަފާރު އަދި ކާތަކެތިދާހޮޅީގެ ކެންސަރު ޖެހުމުން ދުރުކުރާ އެއްޗެކެވެ. ލޮލުގެ
ދުޅަހެޔޮކަން ވަރަށް ބޮޑަށް ރައިބޯފްލެވިން އަށް ބަރޯސާ ވެއެވެ. ޚާއްޞަކޮށް
އައްޔަށް ލޯހޭނެވުމަށާއި، ފުސް އެރުމުން ދުރުކޮށްދިނުމަށް ރައިބޯފްލެވިން
އެހީތެރިވެދެއެވެ (ސާލިހު އަދި ވަހީދު، 2014).
ރައިބޯފްލެވިން
އަކީ ދިރުތައް ހެދިބޮޑުވުން، ހަކަތަ އުފެއްދުން، ސްޓީރޮއިޑް، ތަފާތު ބޭސްތައް އަދި
ސަރުބީ ހަށިގަނޑަށް އެތެރެވުން އެބައިކޮށް ބޭނުންހިފޭގޮތް ހެދުމުގައި އަމަލީ
ގޮތުން ހަރަކާތްތެރިވާ "ކޯއެންޒައިމް" އެކެވެ. ރައިބޯފްލެވިން އަކީ
ހަށިގަނޑަށް އެތެރެވުމާއެކު ވަގުތުން އޭގެ ބޭނުން ހިފާއެއްޗެކެވެ. އަދި
ހަށިގަނޑުގައި ކޮށާރުކޮށްފައި ބަހައްޓާ އެއްޗެއް ނޫނެވެ. އިތުރުވާ ރައިބޯފްލެވިން
ކުޑަކަމުނަޖިހާއެކު ހަށިގަނޑުން ބޭރުކުރެއެވެ. ގުޅަ ބޭހުގެ ގޮތުގައި މިސާލަކަށް
ވިޓަމިން އެއްގެ ތެރެއިން ވެސް ހަށިގަނޑަށް ރައިބޯފްލެވިން ލިބޭލެއް ގިނަނަމަ،
ކުޑަކަމު ނަޖިހާއެކު ރައިބޯފްލެވިން ބޭރުވެއެވެ. މިހާލަތުގައި ކުޑަކަމު ނަޖިހުގެ
ކުލަ ހުންނާނީ މަޑު ރީނދޫ ކުލައަށެވެ (ހާރވަޑް.އެޑިޔު، 2023).
ކެލަމިން
ވިޓަމިން
ބީ2 (ރައިބޯފްލެވިން) ގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު )
ކަމަށް ބަލަނީ ފިރިހެނަކަށް 1.3 މިލިގްރާމް އެވެ. އަންހެނަކަށް 1.1 މިލިގްރާމް އެވެ.
އެކަމަކު މާބަނޑު އަންހެނުންނާއި ގާތުންދޭ މީހުންގެ ކެލަމިން އަކީ ދުވާލަކު 1.4
އަދި 1.6 މިލިގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014).
ހަށިގަނޑަށް
އެތެރެވާ ރައިބޯފްލެވިން އަކީ އޭގެ އަސަރު ހަށިގަނޑުގެ އެތަން މިތަނަށް ވަރަށް
އަވަހަށް ފޯރުވާ އެއްޗެކެވެ. އަދި ބޭނުންވާ ވަރަށްވުރެ އިތުރުވެފައި ހުންނަ ރައިބޯފްލެވިން
ކުޑަކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެދެއެވެ. މިގޮތުން ދުވާލަކު 25
މިލިގްރާމްގެ ރައިބޯފްލެވިން ކުޑަކަމުދާ ތަކެއްޗާއެކު ބޭރުވެދެއެވެ. ނަމަވެސް މަދު
މިންވަރެއް ފުރަމޭ އަދި ގުރުދާގައި ހަރުލާފައި ހުރެއެވެ. (ސާލިހު އަދި ވަހީދު،
2014).
ރައިބޯފްލެވިން
މަދުވުން
ރައިބޯފްލެވިން
މަދުވުމުގެ ހިރާސް އިތުރު ފަރާތްތަކުގެ ތެރޭގައި ކެއުމުގައި ޖަނަވާރުގެ ކާބޯތަކެތި
ނުކާމީހުން، ކެއުމުގައި އެއްގޮތަކަށް ވެސް އެއްގަމު މަސް ބޭނުންނުކުރާ މީހުން،
އަދި މާބަނޑު މީހުން ފަދަ ފަރާތްތައް ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023). ރައިބޯފްލެވިން
ހަށިގަނޑުން މާމަދުވެއްޖެކަން އެނގޭނެ އަލާމާތްތަކަކީ ހަންގަނޑު ކުރަކިވުން،
ތުންފަތް ދުޅަވުމާއި ކެނޑުން، އަނގަޔާއި ދޫ ކުރަކިވާފަދަ ގޮތްތައްވުން، އަދި
އިސްތަށި މާގިނައިން ފައިބާގޮތްވުން ހިމެނެއެވެ. މީގެ އިތުރުން ތަޔަމިން އާޢި
ޕައިރިޑޮކްސިން މަދުވުމުން ފެންނަ އަލާމާތްތައް ވެސް ފެނިދާނެ އެވެ (ސާލިހު އަދި
ވަހީދު، 2014). މީގެ އިތުރުން ވެސް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ
ހަލާކުވުން، އަނގަޔާ ކަރުތެރެ ދުޅަވުން، ދޫ ދޫޅަވުން، ހަންގަނޑުން ބިހިނެގުން،
ލޭމަދުވުން، ލޯކަހައި ހިރުވުން، އަދި ލޯފުސްވުން ފަދަ ކަންތައްތައް ހިމެނެއެވެ
(ހާރވަޑް.އެޑިޔު، 2023).
ރައިބޯފްލެވިން
އެކުލެވޭ ބޭހަކީ ހަމުގެ ބައްޔަށް ދީއުޅޭ ފަރުވާ އެކެވެ. ނަމަވެސް ބޭނުންކުރަން
ޖެހޭ ވަރަށްވުރެ އިތުރަށް ރައިބޯފްލެވިން ބޭހެއްގެ ގޮތުގައި ބޭނުންކުރުމުން
ހަންގަނޑަށް އަވި އެޅުމާއެކު، ގައިކަހާ ހަންގަނޑު ރަތްވާގޮތްވެއެވެ. އެހެންކަމުން
މިފަދަ ބޭހަކީ ނުވަތަ ރައިބޯފްލެވިން އެކުލެވޭ ބޭހަކީ އަތްވަށް ނޫނީ ހޫނަށް
އާސްތާނަވާ އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2014).
ރައިބޯފްލެވިން
ގިނަވުން
ރައިބޯފްލެވިން
ހަށިގަނޑުގައި ގިނަވުމުން ވާގޮތެއް އަދި ޔަގީންކުރެވިފައެއް ނުވެއެވެ. މިއީ
ގިނައިން ކެޔަސް، ހަށިގަނޑުގައި ގިނައިން ގިރިބިން ކުރެވޭ އެއްޗެއް ނޫނެވެ.
ގިނައިން ކެއި ވަރަކަށް މޫންދުރަ އާއި އެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ.
ދުވާލަކު 2.5 މިލިގްރާމް ކައިފިނަމަ، ހަމަ އެމިންވަރު ހަށިގަނޑުން ބޭރުކޮށްލައެވެ. އެކަމަކު
ވިހަވެދާނޭ ދަރަޖައަށް އިންޖެކްޝަންގެ ގޮތުގައި ދެވިދާނެއެވެ. މައިގްރޭން ބޮލުގައި
ރިހުމަށް ފަރުވާއެއް ހޯދުމަށް 3 މަސް ދުވަސް ވަންދެން ރައިބޯފްލެވިން 400
މިލިގްރާމް ދިނުމުން ވެސް ކުރުމުއްދަތެއްގައި ލިބިދާނެ ގެއްލުމެއް
ފާހަގަކުރެވިފައި ނެތްކަމަށް ދިރާސާތަކުން ދައްކައެވެ (ސާލިހު އަދި ވަހީދު، 2014).
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟
ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/riboflavin-vitamin-b2/
No comments:
Post a Comment