މުހިއްމު ސަފުހާތައް

Thursday, September 28, 2023

ވިޓަމިން އޭ

 

ވިޓަމިން އޭ

ވިޓަމިން އޭ(Vitamin A) އަކީ ތެލާއި، އެކުވެގެންދާ ވިޓަމިން އެކެވެ. ހަށިގަނޑުގައި ވިޓަމިން އޭ ކޮށާރު ކޮށްފައި ބަހައްޓަނީ ފުރަމޭ ގައެވެ. ކާނާގެ ބާވަތްތަކުން ދެވައްތަރެއްގެ ވިޓަމިން އޭ ފާހަގަ ކުރެވެއެވެ. އެއީ އެއްގަމު މަސް، ކަނޑުމަސް، ކިރުގެ އުފެއްދުން ފަދަ ހައިވާނުން ނޫނީ ޖަނަވާރުގެ އުފެއްދުންތަކުން ލިބޭ ރެޓިނޮލް(retinol) ގެ ބައި، އަދި މޭވާ އާއި ތަރުކާރީ ފަދަ ގަސްގަހާގެހީގެ އުފެއްދުންތަކުން ލިބޭ ކެރޮޓީން(carotene) ގެ ބައެވެ. އެގޮތުން އެންމެ އާންމު ކެރޮޓީންގެ އެއް ވައްތަރަކީ "ބީޓާ ކެރޮޓީން"(beta carotene) އެވެ. އެހެންވައްތަރުތަކުގެ ތެރޭގައި "އަލްފާ ކެރޮޓީން"(alpha carotene) އަދި "ބީޓާ ކްރިޕްޓޯޒެންތިން"(beta cryptoxanthin) ހިމެނެއެވެ. މިޒަމާނުގައި ބަލިތަކުން ދިފާޢުވުމަށްދޭ ވެކްސިނެއްގެ ގޮތުގައި ވެސް ވިޓަމިން އޭ ބޭނުން ކުރެވެއެވެ.


ރެޓިނޯލް އަކީ ފުރަތަމަ ވަކިކުރެވުނު ވިޓަމިނެވެ. އެއީ 1920 ވަނަ އަހަރުގައެވެ. އެހެންކަމުން އެމާއްދާއަށް އާންމު ނަމެއްގެ ގޮތުގައި އޭރު ދިނީ އިގިރޭސި އަލިފުބާގެ ފުރަތަމަ އަކުރު "އޭ" އެވެ. ވިޓަމިން އޭ އަކީ ތެލަށްގިރޭ ވިޓަމިނެކެވެ. އެހެންކަމުން މިކޮށާރު ކުރެވެނީ މޭގަނޑުގައެވެ. ވިޓަމިން އޭ ހަށިގަނޑަށް ލިބެނީ މައިގަނޑު ދެގޮތަކަށެވެ. އެއީ ހައިވާނުން ރެޓިނޯލް ގެ ގޮތުގައި ލިބޭ ބަޔާއި، ތަރުކާރީ އާއި މޭވާއިން ކެރޮޓީން ގެ ގޮތުގައި ލިބޭ ބައެވެ. ރީނދޫ ކުލަ ހުންނަ ތަރުކާރީގައި މިބައި ހިމެނޭލެން ގިނައެވެ (ސާލިހު އަދި ވަހީދު، 2014).

ވިޓަމިން އޭ އެކުލެވިގެންވާ ގޮތް

ވިޓަމިން އޭ ދެ ފޯރމް އަކަށް ހުރެއެވެ. އެއީ ޕްރިފޯރމްޑް ވިޓަމިން (ރެޓިނޯލް އަދި ރެޓިނައިލް އެސްޓަރސް) އަދި ޕްރޯވިޓަމިން އޭ މިސާލަކަށް ބީޓާ ކެރޮޓީން(beta carotene) ފަދަ ކެރޮޓިނޮއިޑް(carotenoid) އެވެ. ބީޓާ ކެރޮޓީން އަކީ ރެޓިނޯލް(retinol) އަށް ބަދަލުވާ އެއްޗެކެވެ. ޕްރިފޯރމްޑް ވިޓަމިން އޭ(preformed vitamin A)  ހުންނަނީ ހައިވާނުންގެ އުފެއްދުންތަކާއި، ފޯރޓިފައިޑް ކާނާގެ ބާވަތްތަކާއި ނޫނީ އުފެއްދުންތަކާއި އަދި ވިޓަމިން ސަޕްލިމެންޓް ތަކުގައެވެ. ކެރޮޓިނޮއިޑް ތަކަކީ ގަސްގަހާ ގެހިން ލިބޭ ވިޓަމިން އޭ އެވެ. ކާބޯތަކެތީގައި ވިޓަމިން އޭ ބަދަލުނުވާ ކެރޮޓިނޮއިޑްގެ ވައްތަރުތަކެއް ހުރެއެވެ. އެވައްތަރު ތަކުގެ ތެރޭގައި ލައިކޯޕީން، ލިޔޫޓިން، އަދި ޒިއެޒެންތިން ހިމެނެއެވެ.

މަސްދަރު

ވިޓަމިން އޭ ހަށިގަނޑަށް ލިބެނީ މައިގަނޑު ދެގޮތަކުންނެވެ. އެއީ ހައިވާނުންގެ ރެޓިނޯލްގެ ގޮތުގައި ލިބޭ ބަޔާއި، ތަރުކާރީ އާއި މޭވާއިން ކެރޮޓީންގެ ގޮތުގައި ލިބިދޭ ބައެކެވެ. ރީނދޫ ކުލަ ހުންނަ ތަރުކާރީގައި މިބައި ހިމެނޭލެން ގިނަވާނެއެވެ. އެގޮތުން ވިޓަމިން އޭ ލިއްބައިދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ބޮޑުމަހުތެޔޮ، މަހުގެ މޭގަނޑު، މޭގަނޑުގެ ތެޔޮ، މުއްސަދިކޮށްފައި ހުންނަ ކިރު، ކުކުޅު ބިހުގެ ގޮބޮޅި، ކިރުގެ އުފެއްދުންތައް، އެއްގަމު މަސް، ކަނޑުމަސް، އޮރެންޖު، ކެރެޓް، ކައްޓަލަ، އެކި ބާވަތުގެ ބަރަބޯ، ޓޮމާޓޯ، ރަތް ކުލައިގެ ބޮޑު މިރުސް ނުވަތަ ބެލްޕެޕަރ، ކެންޓަލޫޕް މެލަން، ބޮޑުކެކުރި، ބްރޮކޮލީ، ބޯވެލި، ކޮޕީ ފަތް ފަދަ ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަތްތައް ހިމެނެއެވެ. ރީނދޫ ކުލައަށް ހުންނަ މޭވާތައް ކަމުގައިވާ ފަޅޯ، އަނބު، ފަދަ މޭވާގައި ވެސް ވިޓަމިން އޭ އުފައްދާ ކެރޮޓީން ގިނައިން ހުރެއެވެ.

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ވިޓަމިން އޭ ހުންނަ މިންވަރު

 

100ގ ގައި

މިލިގްރާމް

100ގ ގައި

މިލިގްރާމް

މުރަނގަފަތް

339

އެޕްރިކޮޓް

108

ހިކަނދިފަތް

288

ޖުމުހޫރީމޭވާ

98

ދޮށިމޭނާފަތް

99

ދޮންއަބު

17

ކަންކުންފަތް

99

ކެރެޓް

94

ކުދީނާފަތް

81

ނާރިނގު

55

ފަޅޯ

33

ކައްޓަލަ

28

ފިޔާ

29

 

 

 

ވިޓަމިން އޭގެ ފައިދާ / މަސައްކަތްތައް

ވިޓަމިން އޭ ބޭނުންވަނީ ހަށިގަނޑު ބިނާކުރުމުގައްޔާއި، ހަށިގަނޑުގެ އެތަންމިތާގައިވާ ސެލޯށި ތައް، މަދަނަކޮށް (ސިއްހަތު ރަނގަޅުކޮށް ދުޅަހެޔޮކަންމަތީ) ދެމެހެއްޓުމަށެވެ. ޚާއްޞަކޮށް ލޯ، ހަންގަނޑު، އަނގަތެރޭގެ ހަން، ދަތްތައް، ކަށިތައް، ތެތް ދުލިފަށަލަތައް ނުވަތަ ތުނާލި ތައް، ނޭވާލާ ނިޒާމް،  ގޮހޮރު، ހަޖަމުކުރާ ނިޒާމް ގެ ބައިތަކަށް  އަދި އުފަންވަނިވުމަށް ( ފިރިހެނުންގެ މަނި އުފެއްދުން އަދި އަންހެނުންގެ ބިސް އުފެއްދުމަށް) މިވިޓަމިން ކޮންމެހެން ބޭނުންވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ވިޓަމިން އޭ އަކީ ބަލިތަކުން ދިފާޢުވުމަށް ވަރަށް މުހިއްމު މާއްދާ އެކެވެ. އެހެން ކަމުން މިޒަމާނުގައި ބަލިތަކުން ދިފާޢުވުމަށްދޭ ވެކްސިނެއްގެ ގޮތުގައި ވެސް ވިޓަމިން އޭ ބޭނުން ކުރެވެއެވެ. ވިޓަމިން އޭ އަކީ މާބަނޑު ދުވަސްވަރު ބޭނުންކުރުމުން ކުޑަ ދަރިފުޅު ހެދިބޮޑުވުމުގައި އެހީވެދޭ އެއްޗެކެވެ. މީގެ އިތުރުން ގާތުންދޭ ދުވަސްވަރު ވެސް އޭގެ ސަބަބުން އެތައް ފައިދާތަކެއް ލިއްބައިދޭ ވިޓަމިނެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ލޮނދިކަން ހިފެހެއްޓުމަށް މިސާލަކަށް ނޭވާލާ ނިޒާމުގެ ދުލިފަށް ތަކާއި، ގޮހޮރުގެ އެތެރޭގެ ދުލިފަށް، ކުޑަކަމުދާ ނިޒާމުގެ ދުލިފަށް، އަދި އަނގައިގެ އެތެރޭގެ ދުލިފަށުގެ ލޮނދިކަން ހިފެހެއްޓުމަށް ވިޓަމިން އޭ ބޭނުން ވެއެވެ. ހަމައެފަދައިން ހަށިގަނޑުގެ ބޭރު ބައެއް ގުނަވަންތަކުގެ ލޮނދިކަން މިސާލަކަށް ކަންފަތާއި، ނޭފަތުގެ ދުލިފަށްތަކުގެ ލޮނދިކަން ހިފެހެއްޓުމަށް ވެސް ވިޓަމިން އޭ ބޭނުންވެއެވެ (ސާލިހު އަދި ވަހީދު، 2014).

ވިޓަމިން އޭ އަށް "ރެޓިނޮލް"(retinol) އޭ ކިޔަނީ "ލޮލުގެ އަލިދުލީ"(retina) ގައި ހިމެނޭ "ޕިގްމެންޓް" ތައް އުފައްދައިދެނީ ވިޓަމިން އޭ އިން ކަމަށްވާތީ އެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން (ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި) ރަނގަޅުކޮށްދޭ މާއްދާ އެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ އަލި ދުލީގެ ރިސެޕްޓަރު ތަކުން ހަށިގަނޑަށް އަލި ދަމައިދޭ ޕްރޮޓީން "ރޮޑޮޕްސިން"(rhodopsin) ގެ މުހިއްމު ބައެކެވެ.

ވިޓަމިން އޭގެ ވައްތަރެއް ކަމުގައިވާ "ބީޓާ ކެރޮޓީން" އަކީ އެންޓިއޮކްސިޑެންޓް އެކެވެ. އެންޓިއޮކްސިޑެންޓް ތަކަކީ "ފްރީ ރެޑިކަލްސް"(free radicals) ކިޔާ މާއްދާތަކަކުން ހަށިގަނޑުގެ ސެލްތައް ހިމާޔަތްކޮށްދޭ އެއްޗެކެވެ. ބެލެވިފައިވާ ގޮތުގައި ފްރީ ރެޑިކަލް ތަކަކީ ދާއިމީ ބަލިތަކާއި، އުމުރުން ދުވަސްވުން ކުރިމަތިވުމުގައި ދައުރެއް އަދާކޮށްދޭ އެއްޗެކެވެ.

 

ވިޓަމިން އޭ ލޭގެ ހުދުސެލްތައް އުފައްދައި އޭގެ މަސައްކަތަށް ބާރުއަޅައެވެ. ކަށިތައް ވަރުގަދަކޮށްދީ، ހަށިގަނޑުގެ ބައިތަކުގެ އެތެރޭގައިވާ ތެތްދުލިފަށަލަތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހަށިގަނޑުގައިވާ ދިރުތައް އުފެދި، ހެދިބޮޑުވެ، ފުރިހަމަވުން ތަންޒީމުކޮށްދެއެވެ.  

ވިޓަމިން އޭ މިންކުރުން

ވިޓަމިން އޭ މިނެހަދަނީ ރެޓިނޯލް އިކުއިވަލަންޓް ނުވަތަ (އާރުއީ) އިންނެވެ. މިގޮތުން 1 ރެޓިނޯލް އިކުއިވަލަންޓް އަކީ 1 މައިކްރޯގްރާމް ރެޓިނޯލް ނުވަތަ 6 މައިކްރޯގްރާމް ބީޓާކެރޮޓީން އެވެ. ހަމައެހެންމެ ވިޓަމިން އޭ މިނަން އިންޓަނޭޝަނަލް ޔުނިޓް މިހާރު ބޭނުންކޮށް އުޅެއެވެ. 1 ރެޓިނޯލް އީކުއިވަލަންޓް އަކީ 3.33 އިންޓަނޭޝަނަލް ޔުނިޓް އެވެ (ސާލިހު އަދި ވަހީދު، 2014).   

ކެއުމަށް ލަފާދޭ މިންވަރު

ވިޓަމިން އޭގެ ކެލަމިން ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަކަށް ނަމަ 900 މައިކްރޯގްރާމް އާރުއީ، އަދި އަންހެނަކަށް ނަމަ 700 މައިކްރޯގްރާމް އާރުއީ ގެ ވިޓަމިން އޭ އެވެ. ވިޓަމިން އޭ ގިރިބިން ކުރެވެނީ ނުވަތަ ހަށިގަނޑަށް ބޭނުން ހިފޭގޮތް ހެދެނީ ވިޓަމިން އޭ އާއި، ކަނީޒުންގެ ތެރޭގައި ހިމެނޭ ޒިންކު ހަށިގަނޑުގައި ފުދޭ ވަރަކަށް ހުރުމުންނެވެ (ސާލިހު އަދި ވަހީދު، 2014).

ފަހުގެ ހޯދުންތަކުގައި ކެއުމުގައި ވިޓަމިން އޭ ލިބިދޭންޖެހޭ މިންވަރުތައް  އުމުރު ފުރާ އަށް ރިއާޔަތްކޮށްގެން ބަޔާންކޮށްފައިވާގޮތް ތިރީގައި މިވަނީ އެވެ.

އުމުރު

ފިރިހެން : mcg RAE އިން

އަންހެން: mcg RAE  އިން

6-0 މަހާއި ދެމެދު

400mcg RAE

400mcg RAE

12-7 މަހާއި ދެމެދު

500mcg RAE

500mcg RAE

3-1 އަހަރާއި ދެމެދު

300mcg RAE

300mcg RAE

8 - 4 އަހަރާއި ދެމެދު

400mcg RAE

400mcg RAE

13 - 9 އަހަރާއި ދެމެދު

600mcg RAE

600mcg RAE

18 - 14 އަހަރާއި ދެމެދު

900mcg RAE

700mcg RAE

50 - 19 އަހަރާއި ދެމެދު

900mcg RAE

700mcg RAE

50 އަހަރުން މަތި

900mcg RAE

700mcg RAE

 

މާބަނޑު އަންހެނާ

ގާތުންދޭ މައިން

18 - 14 އަހަރާއި ދެމެދު

750mcg RAE

1200mcg RAE

50 - 19 އަހަރާއި ދެމެދު

770mcg RAE

1300mcg RAE

ރައްކާތެރި މިންވަރު

ހަށިގަނޑަށް ވިޓަމިން އޭ  ތަހައްމަލުކުރެވޭ ގިނަމިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވާލަކު 3000 މައިކްރޯގްރާމް އެވެ. ވިޓަމިން އޭ އިން ވިހަވާވަރު އެކިމީހުންނަށް ތަފާތެވެ. ބައެއް މީހުންނަށް ވިހަވަނީ ދުވާލަކު 1 މިލިޔަން އައިޔޫ 5 އަހަރުވަންދެން ޖެހިޖެހިގެން ބޭނުންކުރެވުމުންނެވެ. އެކަމަކު ދުވާލަކަށް 10 ހާސް އައިޔޫ އަށްވުރެ ގިނައިން ކެއުން ރަނގަޅެއް ނޫނެވެ.  މާބަނޑު އަންހެނުން ދުވާލަކު 8000 އައިޔޫއަށްވުރެ ގިނައިން ވިޓަމިން އޭ ބޭނުންކުރުމަކީ ބަނޑުގައިވާ ދަރިފުޅު ޢައިބު ވެދާނެ ކަމެކެވެ. ބައެއް ފޮތްތަކުގައި ލަފާދީފައިވަނީ ދުވާލަކު 10000 އައިޔޫއަށްވުރެ ގިނައިން މާބަނޑުމީހުން ބޭނުން ނުކުރުމަށެވެ (ސާލިހު އަދި ވަހީދު، 2014).

 

ވިޓަމިން އޭ ގިނަވުން

ވިޓަމިން އޭ ގިނަވުމުގެ އަލާމާތްތަކުގެ ތެރޭގައި ދަށްބަނޑުގައި ރިހުން، ވަރުބަލިވުން، ކަންނެތްވުން އަދި ރޭގަނޑު ދާހިއްލުން ފަދަ ކަންތައްތައް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2014).   

ވިޓަމިން އޭ މަދުވުން

ވިޓަމިން އޭ މަދުވާކަން ފާހަގަކުރެވެނީ ބޮޑަށް 5 އަހަރުން ދަށުގެ ކުދިންނަށެވެ. ވިޓަމިން އޭ މަދުވުމުން އެންމެ ބޮޑަށް ގެއްލުން ލިބެނީ ލޮލުގެ ފެނުމަށެވެ. ވިޓަމިން އޭ މަދުވުމުން ލޮލުގެ ފެނުމަށް މައްސަލަ ޖެހި، އަދި ބައެއް ޙާލަތްތަކުގައި އަނދިރިވެ، ރޭގަނޑު ރޯނާވުމަކީ ވެދާނެ ގޮތެކެވެ. އަދި ބައެއް ފަހަރު ކަނުވުން ވެސް ކުރިމަތިވެއެވެ(ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ވިޓަމިން އޭ ހަށިގަނޑުގައި މަދުވެއްޖެކަން އެނގޭ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ ފެނުން ކޮށިވުން، ލޯހިރުވުން، އޮށާޅަނެގުން، އިސްތަށި ގަނޑުގެ އޮފުކަން ފަނޑުވުން، މޭގެ ބަލިތައް ޖެހުން، އަދި ހަމުގައި ތޮށިލައި،  ހުދުހަންބޯވެ، އަވަސް އަވަހަށް ބަލިތައް ޖެހުމާއި، އަދި ހަމުގެ ބަލިތައް ޖެހުން ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ރޭކަނުވުމަކީ ވިޓަމިން އޭ މަދުވުމުން ޖެހޭ ބައްޔެކެވެ. މިކަމުގެ ފަރުވާއެއްގެ ގޮތުގައި ކަލަންޑަރު ހަދަން ފެށުމުގެ 1500 އަހަރު ކުރިން، ގެރީގެ މޭގަނޑު ކެއުމަށް މިޞްރުގެ ފަތްފުށްތަކުގައި އިރުޝާދު ދީފައި ވެއެވެ. ދިވެހިރާއްޖޭގައި ވެސް އަންޒަމާނުއްސުރެ، މަހުގެ މޭގަނޑު ރޯނާވާ މީހުންނަށާޢި، ރޭކަނުވާ މީހުންނަށް ކާންދީ އުޅުނެވެ. މަހު މޭގަނޑަކީ ވިޓަމިން އޭ އެންމެ ގިނައިން ހުންނަ އެއްޗެވެ(ސާލިހު އަދި ވަހީދު، 2014).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         http://www.cdc.gov/immpact/micronutrients 

·         https://medlineplus.gov/ency/article/002400.htm

·         https://ods.od.nih.gov/factsheets/VitaminA-HealthProfessional/

·         https://www.nhs.uk/conditions/vitamins-and-minerals/vitamin-a/

·         https://www.hsph.harvard.edu/nutritionsource/vitamin-a/

 

No comments:

Post a Comment