މުހިއްމު ސަފުހާތައް

Saturday, December 16, 2023

ސްކޯލިއޯސިސް - ގުދުލުން

 

ސްކޯލިއޯސިސް - ގުދުލުން

ގުދުލުން (scoliosis) ނިސްބަތް ކުރެވެނީ މައިބަދަ އެއްފަރާތަކަށް ޖެހުމަށެވެ. އާންމުގޮތެއްގައި މައިބަދަ އަކީ ކަރުގެ ބަދަތަކުން ފެށިގެން ތިރިއަށް ގޮސް ފޫކުޅާއި ހަމައަށް ދާއިރު ވެސް ސީދަލަށް އިންނަ އެއްޗެކެވެ (މެޔޯކްލިނިކް، 2023). މައިބަދައިގެ ކަށިތަކަކީ ފަހަތުން ބަލާއިރު ސީދަށް ފެންނަން ހުންނަ އެއްޗެހި ތަކެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023). ގުދުލުން ކުރިމަތިވަނީ ސީދަލަކަށް އިންނަންޖެހޭ ނޫނީ ސީދަލަށް ހުންނަށްޖެހޭ މައިބަދަ، އެއް ފަރާތަކަށް ޖެހި އަރިޔަށް ހުރުމުންނެވެ. ސެރެބްރަލް ޕަލްސީ އަދި މަސްކިޔުލަރ ޑިސްޓްރޮފީ ފަދަ ބަލިތަކުގައި ގުދުލުން ކުރިމަތިވި ނަމަވެސް، ގުދުލުން ކުރިމަތިވާ ސަބަބެއް ހޯދިފައެއް ނުވެއެވެ (މެޔޯކްލިނިކް، 2023). ގުދުލުމުގެ އަސަރުކުރާ މައިބަދައިގެ ކަށި އިންނާނީ ލެބިފައެވެ. ފެންނަ ފެނުމަށް މައިބަދަ އެނބުރި، އިގިރޭސި އަކުރުތަކުގެ ތެރެއިން "ސީ" ނޫނީ "އެސް" އަކުރުގެ ބައްޓަމަން އިނދެފާނެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).


އާންމު ގޮތެއްގައި ގުދުލުން ކުރިމަތިވަނީ ވަރަށް އާދައިގެ ވަރަކަށެވެ. ނަމަވެސް ކުއްޖާބޮޑުވެ، ގިނަ ދުވަސްވާވަރަކަށް ގުދުލުން އިތުރަށް ގޯސްވެ، ބޮޑުވަރުވެގެންދެއެވެ. މާބޮޑަށް ގުދުލުމަކީ އެކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ދިމާވެދާނެ ކަމެކެވެ. ޚާއްޞަކޮށް ބުރަކައްޓާއި ހަމައިން މައިބަދަ ކުރިޔަށް ލެނބި، ގުދުލުމުން، މޭމަތީގައި ފުއްޕާމެޔަށް އޮންނަ ޖާގަ ކުޑަވެ، ހަނިވެގެން ދެއެވެ. އެކަމުގެ ސަބަބުން ފުއްޕާމޭގެ މަސައްކަތަށް ހުރަސްއެޅުމުގެ ހިރާސް އިތުރުވެއެވެ. އާދައިގެ ވަރަކަށް ގުދުލުން ހުންނަ ކުދިންގެ ހާލަތު އެކްސްރޭ ނަގައިގެން ގުދުލުން އިތުރަށް ގޯސްވަމުންދޭތޯ ބަލަމުން ގެންދަންވާނެއެވެ (މެޔޯކްލިނިކް، 2023). ގުދުލުން ހުރިކަން ކަނޑައަޅަނީ އެކްސް ރޭގައި މައިބަދައިގެ ލެނބުން ނޫނީ ކަރވޭޗަރ 10 ޑިގްރީގެ މިނަށްވުރެ ބޮޑަށް ލެބިފައިވާނަމަ އެވެ. މައިބަދަ ލެނބުން ކޮންމެ ފަރާތަކަށް ވެސް ކުރިމަތިވެދާނެއެވެ. ނޫނީ މައިބަދައިގެ އެކި ހިސާބުތަކުގައި އެކި ފަރާތަށް ވެސް ލެނބުން އިނދެފާނެއެވެ. ނޫނީ ހުރެފާނެ އެވެ. މޭމަތީގެ މައިބަދައިގެ ކަށިތަކާއި، އަދި އުނަގަނޑާއި ދިމާލުގެ މައިބައިދައިގެ ކަށިތަކަށް ވެސް ގުދުލުމުގެ އަސަރު ކޮށްފާނެއެވެ. ގުދުލުމަކީ މައިބަދައަށް ދިމާވާ އުނިކަމެކެވެ. ނޫނީ ޢައިބެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

ސަބަބު

އާންމު ގޮތެއްގައި ގުދުލުމުގެ ގިނަ ވައްތަރުތައް ކުރިމަތިވަނީ ކީއްވެގެންކަން ސީދާ ބުނެދޭކަން ނޭނގެއެވެ. މަދުން ނަމަވެސް ދިމާވާ ބައެއް ވައްތަރުގެ ގުދުލުން ކުރިމަތިކުރުވުމަށް މެދުވެރިވާ ސަބަބުތައް ތިރީގައި މިވަނީ އެވެ.

·         ސެރެބްރަލް ޕަލްސީ، އަދި މަސްކިޔުލަރ ޑިސްޓްރޮފީ ފަދަ މަސްތަކާއި ނާރުތަކާ ގުޅޭ މައްސަލައެއްހުރުން

·         މައިބަދައާއި ކަށިތަކުގެ ހެދިބޮޑުވުމަށް އަސަރުކުރުވާ ޢައިބުކަމެއް އުފަންވާއިރު ވެސް ހުރުން

·         ތުއްތުއިރު މޭމަތީގެ ސާޖަރީ އެއް ނޫނީ އޮޕަރޭޝަނެއްކޮށްފައިވުން

·         މައިބަދައިގައި އިންފެކްޝަނެއް އުފެދުން

·         މައިބަދައަށް އަނިޔާއެއްވުން

·         ސިކުނޑީގެ ތެރެއިން މޫލައި މައިބަދައިގެ ތެރެއަށް ފައިބައިފައިވާ "މައިނާރުފަށު"(spinal cord) ގައި ޣައިރުތަބީއީ ކަމެއްހުރުން

މަގުފަހިކުރާ ކަންތައްތައް

ގުދުލުން މެދުވެރިވުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         އުމުރު : ގުދުލުމުގެ އަލާމާތްތަކާއި ނިޝާންތައް އާންމުކޮށް ފެންނަށް ފަށަނީ ފުރާވަރުގައެވެ.

·         ޖިންސް : އާންމު ގޮތެއްގައި ގުދުލުން ކުރިމަތިވުން ނިސްބަތުން އަންހެންކުދިންނާއި، ފިރިހެން ކުދިން އެއްވަރުވި ކަމުގައި ވިޔަސް، ގުދުލުން ގޯސްވެގެން ދިއުމުގެ ފުރުޞަތު އަންހެންކުދިންނަށް އިތުރުކަން ފާހަގަ ކުރެވެއެވެ.

·         އާއިލާގެ ތެރޭގައި ބަލި ދައުރުވުން : ގުދުލުމަކީ އާއިލާގެ ތެރޭގައި ވެސް ބައެއް ފަހަރު ދައުރުވަމުން އަންނާތީ ކުރިމަތިވާ ބައްޔެކެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު އާއިލާގެ ތެރޭގައި ދައުރުވަމުން އައިސްފައި ނުވިޔަސް، ގުދުލުން ކުރިމަތިވެދާނެއެވެ (މެޔޯކްލިނިކް، 2023).  

ގުދުލުމުގެ ވައްތަރުތައް

(ހ) ކޮންޖެނިޓަލް ސްކޯލިއޯސިސް (congenital scoliosis): ކޮންޖެނިޓަލް ސްކޯލިއޯސިސް ކުރިމަތިވަނީ އުފެދުމުގައި މައިބަދައިގެ ކަށިގަނޑެއް ހުންނަންޖެހޭ ތަބީޢީ ގޮތަށް ނުހުރުމުންނެވެ. ފެންނަށް ފެނުމަށް ބޮޑަށް ގުދުލުމުގެ ސިފަ ފާޅުވާން ހުރިނަމަ، ކޮންޖެނިޓަލް ސްކޯލިއޯސިސް ޅަފަތުގައި ދެނެގަނެވުނަސް އާންމުގޮތެއްގައި ކޮންޖެނިޓަލް ސްކޯލިއޯސިސް ދެނެގަނެވެނީ ކުޑައިރު އުމުރުން ތަންކޮޅެއް ބޮޑުވާ ފަހުންނެވެ. މިވައްތަރުގައި ކުޑަކުއްޖާ ހެދިބޮޑުވާ ވަރަކަށް ގުދުލުން ގޯސްވަމުން އާދެއެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ގުދުލުމުގެ ފަރުވާގައި ބޭނުންކުރެވެނީ "ބަލަމުން، މަޑުކުރަމުން ގެންދިއުމުގެ އުސޫލު" އެވެ. އޭގެ މާނައަކީ ގުދުލުމުގެ ހާލަތު ސީދާ ގޯސްވަމުން ދާނަމަ ނޫނީ ގުދުލުމުގެ ސަބަބުން އައިބު އިތުރަށް ބޮޑުވެ، ގޯސްވަމުން ދާނަމަ މަޑުނުކޮށް އޮޕަރޭޝަން ކުރުމެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).   

(ށ) އިޑިއޯޕެތިކް ސްކޯލިއޯސިސް (idiopathic scoliosis): ބައެއް ފަހަރު ގުދުލުން ކުރިމަތިވާ ސީދާ ސަބަބު ނުހޯދެއެވެ. އެއީ މިވައްތަރުގެ ސްކޯލިއޯސިސް އެވެ. ސީދާ ސަބަބު ނޭނގޭ ސްކޯލިއޯސިސް އެންމެ އާންމުކޮށް ކުރިމަތިވަނީ އުމުރުން 10 އަހަރު ހާ ތާގައެވެ. ނޫނީ ފުރާވަރުގެ ތެރޭގައެވެ. މިވައްތަރުގައި ވެސް ކުއްޖާ ހެދިބޮޑުވާ ވަރަކަށް ސްކޯލިއޯސިސް ގޯސްވަމުންދާކަން ފާހަގަ ކުރެވެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

(ނ) ނިއުރޯމަސްކިޔުލަރ ސްކޯލިއޯސިސް (neuromuscular scoliosis): ސެރެބްރަލް ޕަލްސީ ނޫނީ މަސްކިޔުލަރ ޑިސްޓްރޮފީ ފަދަ ނިއުރޯމަސްކިޔުލަރ ހާލަތެއް ނޫނީ ބައްޔެއް ހުންނަ މީހުންނަށް ގުދުލުން ކުރިމަތިވުމުގެ ހިރާސް އިތުރެވެ. އެއީ މިފަދަ ހާލަތުގައި މަސްތައް ދެރަވެ، ހަމަ ނުހިފެހެއްޓި، އޭގެ ސަބަބުން މައިބަދަ ލެނބިގެން ދިއުމަށް މަގުފަހިވާތީ އެވެ. ނިއުރޯމަސްކިޔުލަރ ސްކޯލިއޯސިސް ހުންނަ ކުދިންނަށް ގުދުލުން ގޯސްވެގެން ދިއުމުގެ ފުރުޞަތު ކުޑަކުރުމަށް "ބްރޭސް" އެޅުވުމަށް ލަފާދެއެވެ. މައިބަދައިގެ ކަށިތަކުގެ ލެނބުން 50 ޑިގްރީއަށް ވުރެ ބޮޑުވެއްޖެނަމަ، އޮޕަރޭޝަން ކުރުމަށް ލަފާދެއެވެ. މައިބަދައިގެ ކަށީގެ ލެނބުމުގެ މިން 80 އަށްވުރެ މަތިވެއްޖެނަމަ، ނޭވާލާން އުދަނގޫވެއެވެ. އެއީ ފުއްޕާމެޔަށް އޮންނަ ޖާގަ ކުޑަވެ ފުއްޕާމޭ ފިތޭގޮތްވާތީ އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023).

އަލާމާތްތައް

ގުދުލުމުގެ ސަބަބުން ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ދެފަރާތުގެ ކޮނޑު އެއްވަރުނުވުން

·         އެއްފަރާތުގެ ބޮނބިފަޅި މާބޮޑަށް އުފުލި ހާމަވެ ފެންނަށް ހުރުން

·         އުނގަނޑުގެ ދެފަރާތް އެއްވަރުނުވުން

·         އެއްފަރާތުގެ އުކުޅު ނޫނީ އުކުޅުވަޅު މާބޮޑަށް މައްޗަށް ޖެހިފައިހުރުން

·         އެއްފަރާތުގެ އަރިކަށިތައް ކުރިޔަށް ލެނބުން

·         ކުރިޔަށް ލެނބިލުމުން ބުރިކަށިމަތިން އެއްފަރާތް މާބޮޑަށް އުފުލި، ފާޅުވެ ފެންނަށްހުރުން (މެޔޯކްލިނިކް، 2023).

·         ބޯ އެއްފަޅިއަކަށް އިންނަހެން ހީވުން

·         އުނަގަނޑު އެއްފަރާތަށް އުފުލިފައި އިންނަހެން ހީވުން

·         ކޮއްޅަށް ހުންނައިރު ދެފަރާތުގެ އަތުގެ މިނުގައި ތަފާތުހުރުން

·         ކުރިޔަށް ލެނބިލާއިރު ފަހަތުން ފެންނައިރު ދެފަރާތް އެއްވަރު ނުވުން

ނުރައްކާތައް

ގިނަ މީހުންނަށް އާދައިގެ ވަރަކަށް ގުދުލުން ކުރިމަތިވި ނަމަވެސް ބައެއް މީހުންނަށް ގުދުލުން އިތުރަށް ގޯސްވެ، ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ދިމާވެދާނެ ބައެއް ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ނޭވާލުމަށް ދިމާވާ މައްސަލަތައް : މާބޮޑަށް ގުދުލުމުން އަރިކަށި ކުރިޔަށް ލެބި، ފުއްޕާމެޔަށް ލެނބިފައިވާ އަރިކަށީގެ ކަށިތަކުން ފިއްތުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން ނޭވާލުމަށް ދަތިވެ، އުދަނގޫވުމަކީ ގާތް ކަމެކެވެ.

·         ބުރަކަށީގެ މައްސަލަތައް : ކުޑައިރު ގުދުލުން ހުންނަ މީހުން، ބޮޑުވުމުން ވަރަށް ގިނައިން ބުރަކަށީގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް ކުޑައިރު ގުދުލުމަށް ފަރުވާކޮށްފައި ނުވާނަމަ، މިމައްސަލަ ދިމާވުމުގެ ހިރާސް އިތުރެވެ.

·         ޖިސްމާނީގޮތުން ބޭރުފުށުން ޢައިބުވުން : މާބޮޑަށް ގުދުލުމުގެ މައްސަލަ ގޯސްވުމުން ފެންނަ ފެނުމަށް ހަށިގަނޑު ކުރިޔަށް ލެނބި، ގުދުލައި، އެއްފަރާތުގެ ކޮނޑު އުފުލި، ބޮނބިފަޅި މާބޮޑަށް ހާމަވެ، އުނަގަނޑުގެ އެއްފަރާތުން މައްޗަށް އުފުލި، އަރިކަށީގެ ކަށިތައް ވެސް ބޭރަށް ހާމަވެ، ފެންނަށް ހުރެދާނެއެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީގޮތުން ވެސް އަސަރުކުރުން ގާތެވެ (މެޔޯކްލިނިކް، 2023).  

ދެނެގަތުން

ގުދުލުން ހުރިކަން ދެނެގަތުމަށްޓަކައި ޑޮކްޓަރުން ވަރަށް ގިނަ މައުލޫމާތު ބަލިމީހާގެ ފުށުން އޮޅުން ފިލުވައި ސާފުކުރާނެއެވެ. އެގޮތުން ބަލިމީހާގެ ނޫނީ ބަލިކުއްޖާގެ ދުޅަހެޔޮކަން ކުރިން ހުރިނެތްގޮތް، ހެދިބޮޑުވުން ހުރިގޮތް، ދިމާވެފައިވާ އެހެނިހެން ޞިއްޙީ މައްސަލަތައް ފަދަ ކަންތައްތައް އަހައި އޮޅުން ފިލުވައި ސާފުކުރާނެއެވެ، ބަލިމީހާގެ ހަށިގަނޑުގެ ބެލުންތަކުގެ ތެރެއިން އުނަގަނޑާއި ހަމައިން ބަލިމީހާގެ ހަށިގަނޑު ލަންބާލުމަށް އެދޭނެއެވެ. މިގޮތަށް ހަށިގަނޑު ގުދުކޮށް ލަންބާލާއިރު، ދެއަތް އޮންނަންވާނީ ވާގިދޫކޮށްލެވި، ތިރިއަށް ދޫކޮށްލެވިފައެވެ. މީގެ ބޭނުމަކީ އަރިކައްޓާއި، ބޮނބިފަޅި މަތިން ތަފާތެއް ހުރިތޯ ޔަގީންކުރުމެވެ (މެޔޯކްލިނިކް، 2023).  

މީގެ އިތުރުން އަންނަނިވި ކަންތައްތައް ބެލުމަށް ޓެސްޓުކޮށްދާނެއެވެ.

-          މަސްތަކުގެ ބާރުދެރަވުން ނޫނީ ދަށްވުން

-          އައްސިވުން

-          ތަފާތު ރިފްލަކްސްތައް ހުރިނެތްގޮތް

ގުދުލުން ދެނެގަތުމަށް އެންމެ އާންމުކޮށް ހެދޭ އިމޭޖިންގ ޓެސްޓަކީ އެކްސްރޭ ނެގުމެވެ. އެކްސްރޭގެ އެހީގައި ގުދުލާފައި ހުރިކަން، އަދި ގުދުލާފައިވާ މިންވަރު ވެސް ދެނެގެނެވޭނެ އެވެ (މެޔޯކްލިނިކް، 2023). ގުދުލުން ހުރިކަން ކަނޑައަޅަނީ އެކްސް ރޭގައި މައިބަދައިގެ ލެނބުން ނޫނީ ކަރވޭޗަރ 10 ޑިގްރީގެ މިނަށްވުރެ ބޮޑަށް ލެބިފައިވާނަމަ އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2023). ގުދުލުން ގޯސްވަމުން ދޭތޯ ބަލަމުން ދިއުމަށް ވެސް އެކްސްރޭ ތަކުރާރުކޮށް ނަގަން ޖެހިދާނެ އެވެ. ނަމަވެސް ތަކުރާރުކޮށް އެކްސްރޭ ނެގުމުގައި ރޭޑިއޭޝަނަށް ހުށަހެޅުމުގެ ހިރާސް ވެސް އޮވެއެވެ. މިފަހުގެ ފަންނިއްޔާތުގައި ރޭޑިއޭޝަން މަދު މިންވަރެއް ބޭނުންކޮށްގެން ނެގޭ އެކްސްރޭ ނިޒާމް ތަޢާރަފުކުރެވިފައި ވެއެވެ. މީގެ އިތުރުން ބައެއް ފަހަރު އަލްޓްރާ ސައުންޑް ސްކޭން ހެދުމަށް ވެސް ލަފާދެއެވެ. ގުދުލުން ކުރިމަތިވި ސަބަބު ހޯދުމަށް ބައެއް ފަހަރު މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ނުވަތަ އެމްއާރުއައި އިމޭޖިންގ އަދި ސީޓީ ސްކޭން ވެސް ޓެސްޓެއްގެ ގޮތުގައި ވެސް ހެދުމަށް ލަފާދީފާނެ އެވެ (މެޔޯކްލިނިކް، 2023).  

ފަރުވާ

ގުދުލުމާއި ގުޅިގެން މައިބައިދައިގައި ލައިފައިވާ ގުދަށް ރިއާޔަތްކޮށް ގުދުލުމަށް ދެވޭ ފަރުވާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ކުޑަކުދިންގެ ތެރެއިން އާދައިގެ ވަރަކަށް ގުދުލާފައިވާ ކުދިންނަށް އެއްވެސް ފަރުވާއެއް ބޭނުމެއް ނުވެދާނެއެވެ. ނަމަވެސް މިފަދަ ކުދިން ވެސް ބޮޑުވަމުްނދާ ވަރަކަށް ދޭތެރެ ދޭތެރެއިން ނޫނީ ގަވާއިދުން ޑޮކްޓަރަށް ދައްކައި، ގުދުލުން އިތުރަށް ގޯސްވަމުންދޭތޯ ބަލަމުން ގެންދަން ވާނެއެވެ (މެޔޯކްލިނިކް، 2023).  

މެދުމިންވަރަކަށް ނޫނީ ވަރަށް ބޮޑަށް ގުދުލާފައިވާނަމަ، ފަހަރުގައި ބްރޭސް ބޭނުންކުރަންޖެހުން ނޫނީ އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. މިފަދަ ހާލަތުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރުމަކީ މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2023).  

·         ކަށިތައް އުފެދި ފުރިހަމަވުން : ކަށިތައް އުފެދި ފުރިހަމަވެފައިވާނަމަ، އިތުރަށް ގުދުލުން ގޯސްވެގެން ދިއުމުގެ ފުރުޞަތު ކުޑައެވެ. އޭގެ މާނައަކީ ގުދުލުމުގެ ފަރުވާގެ ގޮތުގައި ބޭނުންކުރެވޭ ބްރޭސް ފަދަ އާލަތްތަކުގެ ފައިދާ، ކަށިތައް ހެދިބޮޑުވެ، އުފެދެމުންދާއިރު، ކުރާ މިންވަރު އިތުރުކަމެވެ. ކަށިތައް ފުރާ ފުރިހަމަވުން އެކްސްރޭ ގެ އެހީގައި ދެނެގަނެވޭނެ އެވެ.

·         ގުދުގެ ސައިޒް: ފެށުމުގައި ބޮޑަށް ލާފައި ހުންނަ ގުދު، އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުޞަތު ބޮޑެވެ.

·         ޖިންސް : ފިރިހެންކުދިންނަށްވުރެ އަންހެންކުދިންނަށް ގުދުލުން ގޯސްވެގެން ދިއުމުގެ ފުރުޞަތު ބޮޑެވެ.

ބްރޭސް ބޭނުންކުރުން

ކުޑަކުދިންނަށް މެދު މިންވަރަކަށް ގުދުލުން ކުރިމަތިވެ، އަދި ކަށިތައް އަދިވެސް އުފެދި ހެދިބޮޑުވަމުން ދާނަމަ، ގުދުލުމުގެ ފަރުވާގެ ގޮތުގައި ބްރޭސް(brace) ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. ބްރޭސް ބޭނުންކުރުމަކުން ގުދުލުން ރަނގަޅެއް ނުކުރެވެއެވެ. ނަމަވެސް ބްރޭސް ބޭނުންކުރުމުން ގުދުލުން އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުޞަތު ކުޑަކުރެވެއެވެ (މެޔޯކްލިނިކް، 2023).  

އާންމު ގޮތެއްގައި ގިނަ ވައްތަރުގެ ބްރޭސް ހަދާފައި ހުންނަނީ ޕްލާސްޓިކުންނެވެ. އަދި މީހާގެ ހަށިގަނޑަށް ރަނގަޅަށް ފެތި، ފައްތަރުކުރެވި، ފިޓުވާގޮތަށެވެ. އަދި ލައިގެން ހުންނައިރު (ލައިގެން ހުންނަ ހެދުމުން) ބޭރަށް ބްރޭސް ފެންނާކަށް ނުހުންނާނެ އެވެ. އެއީ ބްރޭސް ލައިގެން ހުންނައިރު ، ބުރަކަށި، އުނަގަނޑު، އަދި އަރިކަށްޓާއި، މުލައްދަނޑި ފަދަ ހިސާބުތަކަށް ފިޓުވާގޮތަށް ބްރޭސް ތައްޔާރުކުރެވިފައި ހުންނާތީ އެވެ (މެޔޯކްލިނިކް، 2023).  

އާންމު ގޮތެއްގައި ގިނަ ބްރޭސް ބޭނުންކުރަންޖެހެނީ ދުވާލަކު 16-13 ގަޑިއިރާއި ދެމެދުގެ މުއްދަތަކަށެވެ. ދުވާލަކު ބްރޭސް ބޭނުންކުރާ މިންވަރު ނޫނީ ވަގުތު އިތުރުވާ ވަރަކަށް ބްރޭސްގެ ފައިދާ ބޮޑުވާކަން ފާހަގަ ކުރެވެއެވެ. ބްރޭސް ބޭނުންކުރާ ކުޑަކުދިންނަށް އާންމު ގޮތެއްގައި ކުދިކުދި ކަންކަމަށް ބެލުމާއެކު، ގިނަ ހަރަކާތްތަކުގައި ބައިވެރިވެ، އުޅެވޭނެ އެވެ. ބޭނުންވެއްޖެ ހާލަތެއްގައި، ކުޑަކުދިންނަށް ބްރޭސް ނަގައި، ކުޅިވަރުތަކާއި، ތަފާތު ޖިސްމާނީ ހަރަކާތްތަކުގައި ވެސް ބައިވެރިވެވިދާނެ އެވެ (މެޔޯކްލިނިކް، 2023).  

އޮޕަރޭޝަންކުރުން

ގުދުލުމާއި ގުޅިގެން ގުދުވެފައިވާ މައިބަދަ ސީދާކުރުމަށް ބައެއް ހާލަތްތަކުގައި އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. ކުރެވިދާނެ އޮޕަރޭޝަންތަކުގެ ތެރޭގައި އަންނަނިވި އޮޕަރޭޝަންތައް ހިމެނެއެވެ (މެޔޯކްލިނިކް، 2023).  

(ހ) ސްޕައިނަލް ފިއުޝަން (spinal fusion): މީގެ މާނައަކީ އޮޕަރޭޝަންކޮށްގެން މައިބަދައިގައި ޖެހިގެން ޖެހިގެން އިންނަ ދެކަށިގަނޑު އެއްކޮށްލުމެވެ. ނޫނީ ގުޅުވާލުމެވެ. މިގޮތަށް ހެދުމުން ގުޅުވާލެވުނު ދެކަށިގަނޑަށް ކޮންމެ ކަށިގަނޑަކަށް އޭގެ ޒާތުގައި އަމިއްލައަށް ނޫނީ ވަކިން ހަރަކާތެއް ނުކުރެވޭނެ އެވެ. މިކަން ކުރުމަށް ކަށީގެ އެތިކޮޅެއް ނުވަތަ ކަށިކޮޅެއް ނުވަތަ ކަށިކޮޅެއް ކަހަލަ މާއްދާއެއް މައިބަދައިގެ ދެކަށިގަނޑުގެ ދޭތެރެއަށް ލެއްވެއެވެ. އަދި ލެއްވުނު ކަށިކޮޅެއް ފަދަ މާއްދާ އާއި، މައިބަދައިގެ ކަށިގަނޑު ގުޅުވައި ހިފަހައްޓައިދެނީ މެޓަލް ރޮޑު، ހޫކް، އިސްކުރު، އަދި ނަރު ފަދަ ތަކެތި ބޭނުންކޮށްގެންނެވެ (މެޔޯކްލިނިކް، 2023).  

(ށ) އެކްސްޕެންޑިންގ ރޮޑް (expanding rod): ޅައުމުރުގައި ގުދުލުން ވަރަށް އަވަހަށް ގޯސްވަމުން ދާނަމަ އޮޕަރޭޝަންކޮށްގެން މައިބަދައިގައި އެކްސްޕެންޑިންގ ރޮޑް އެއް ނުވަތަ ދެފަރާތަށް ދެ ރޮޑު ނުވަތަ ދެމޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ފަހެލި ދެދޮށި ދެފަރާތަށް ވާގޮތަށް ހަރުކުރެވެއެވެ. މިއީ ކުއްޖާ ހެދިބޮޑުވާވަރަކަށް އިސްކޮޅުން އެއްވަރެއްގައި ބެހެއްޓުމަށް ނޫނީ އެކަށޭނަ ވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިގޮތަށް ލެއްވޭ ދޮށި ނުވަތަ ރޮޑު ކޮންމެ 6-3 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އޮޕަރޭޝަންކޮށްގެން ނޫނީ ރިމޯޓް ކޮންޓްރޯލެއްގެ އެހީގައި ދަމައި ދިގުކުރެވެއެވެ (މެޔޯކްލިނިކް، 2023).  

(ނ) ވާޓެބްރަލް ބޮޑީ ޓިތަރިންގ (vertebral body tethering): މިކަންކުރަނީ ކުޑަ ތަންކޮޅެއް ކަފާލައިގެންނެވެ. އެއަށްފަހު މައިބަދައިން ގުދުލާފައި ފުށުގައި ނުވަތަ ބޭރުފުށުގައި ނުވަތަ މައިބަދައިގެ ކަށިތަކުގެ ބޭރުފުށުގައި އިސްކުރުތަކެއް ހަރުކުރެވެއެވެ. އަދި މިއިސްކުރުތަކުގެ ހޮއިގެ ތެރެއަށް ފަހެލި ނަރު ރޮއްޖެއް އެމުނެއެވެ. އަދި ލެއްވުނު ފަހެލި ނަރު ރޮއްޖަށް ދަމާ ވާންކޮށް ބާރުކޮށްލުމުން ގުދުވެފައިވާ މައިބަދައިގެ ކަށިތައް ވެސް ސީދާވެގެންދާނެއެވެ. އަދި ކުއްޖާ ބޮޑުވަމުންދާ ވަރަކަށް މައިބަދަ ވެސް ސީދާ ވަމުން ގޮސްފާނެއެވެ(މެޔޯކްލިނިކް، 2023).  

ނޯޓް: މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.hopkinsmedicine.org/health/conditions-and-diseases/scoliosis

·         https://www.mayoclinic.org/diseases-conditions/scoliosis/symptoms-causes/syc-20350716

 

No comments:

Post a Comment