މުހިއްމު ސަފުހާތައް

Monday, December 25, 2023

ނާރުގެ ބަލިތަކުގެ ތެރެއިން - ގީލަންބަރ ސިންޑްރޯމް

 

ނާރުގެ ބަލިތަކުގެ ތެރެއިން - ގީލަންބަރ ސިންޑްރޯމް

ގީލަންބަރ ސިންޑްރޯމް(Guillain Barre Syndrome)  ނުވަތަ ގީޔަންބަރޭ ސިންޑްރޯމްއަކީ އަރިމަތީ ފަތިނާރު(peripheral nerve)  ތަކަށް ދިފާޢީ ނިޒާމުން ހަމަލާ ދިނުމުން ކުރިމަތިވާ ވަރަށް ނާދިރު ހާލަތެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް މިބަލި ޖެހިދާނެ އެވެ. އާންމުކޮށް ކުރިމަތިވަނީ ބޮޑެތި މީހުންނަށެވެ. އަދި ބޮޑަށް ފިރިހެނުންނަށެވެ. ގިނަ މީހުންނަށް އެއްކޮށް ބަލިން ފަސޭހަ ވެއެވެ. ގީލަންބަރ ސިންޑްރޯމްގެ އެންމެ ނުރައްކާތެރި ހާލަތުގައި ހަށިގަނޑުން ވާގިނެތި، ނޭވާލާން އުދަނގޫވާގޮތް ވެއެވެ (ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، 2023).


ގީލަންބަރ ސިންޑްރޯމް އަކީ ދިފާޢީ ނިޒާމުން ފަތިނާރުތަކަށް ހަމަލާދިނުމުން މެދުވެރިވާ ވަރަށް ނާދިރު ބައްޔެކެވެ. ގީލަންބަރ ސިންޑްރޯމް ގައި އެންމެ ފުރަތަމަ ފެންނާނެ އަލާމާތަކީ އަތްތިލަ، އަދި ފައިތިލައިގައި ބާރުދަށްވެ، ކަށިހަރާހެން ހީވުމެވެ. މިއިހުސާސްތައް ވަރަށް ހަލުވިކޮށް ހަށިގަނޑަށް ފެތުރި، އޭގެ ފަހުން މުޅި ހަށިގަނޑުން ވާގިނެތޭހެން ހީވެދެއެވެ. ނުވަތަ ވާގިނެތޭގޮތް ވެއެވެ. އޭގެ އެންމެ ނުރައްކާތެރި ހާލަތުގައި ގީލަންބަރ ސިންޑްރޯމް އަކީ ޞިއްހީ އަވަސްފަރުވާ ބޭނުންވާ ހާލަތެކެވެ. އެހެންކަމުން ބަލިޖެހޭ ގިނަ މީހުންނަށް ފަރުވާކުރުމަށް ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ކުރިޔަށް ގެންދަން ޖެހެއެވެ (މެޔޯކްލިނިކް، 2023).  

ގީލަންބަރ ސިންޑްރޯމް އަކީ ފުރާނައަކަށް ނުރައްކާވެދާނެ ހާލަތެކެވެ. ގީލަންބަރ ސިންޑްރޯމް އަކީ ވީ އެންމެ އަވަހަށް ފަރުވާ ބޭނުންވާ ބައްޔެކެވެ. ގީލަންބަރ ސިންޑްރޯމް ގައި ދިފާޢީ ނިޒާމުން އަރިމަތީ ނާރުތަކުގެ ނިޒާމުގެ ބަޔަކަށް ހަމަލާދެއެވެ. މިބަލީގެ ސަބަބުން އަސަރުކުރާ ފަތިނާރުތަކުގެ ތެރޭގައި މަސްތަކުގެ ހަރަކާތް ކޮންޓްރޯލްކުރާ ފަތިނާރުތަކާއި، ރިހުމާއި، ފިނިހޫނުމިން އަދި ބީހުމުގެ އިހުސާސް އުފުލާ ފަތިނާރު ތައް ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަސްތަކުގެ ބާރުދަށްވުން، އަތްފައިގެ އިހުސާސް ކުޑަވުން، އަދި ކާތަކެތި ދިރުވަން އުދަނގޫވުމާއި، ނޭވާލާން ދަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ (ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، 2023). ގީލަންބަރ ސިންޑްރޯމް ޖެހޭ މީހުންގެ ތެރެއިން ކޮންމެ 20 މީހުންގެ ތެރެއިން 1 މަރުވާކަން ފާހަގަ ކުރެވެއެވެ (އެންއެޗްއެސް.ޔޫކޭ، 2023).   

ސަބަބު

ގީލަންބަރ ސިންޑްރޯމް އަކީ ވަރަށް ނާދިރު ބައްޔެކެވެ. މިބަލި ޖެހޭ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު މިބަލިޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ގެ ސަބަބުން ޖެހޭ އިންފެކްޝަނަކަށް ފަހުގައެވެ. މިކަމުގެ ސަބަބުން ދިފާޢީ ނިޒާމުން އަމިއްލަ ހަށިގަނޑަށް ހަމަލާދިނުން މެދުވެރި ކުރުވައެވެ. ބޭރަށްހިންގުން ކުރިމަތިކުރުވާ ބެކްޓީރިޔާއެއް ކަމުގައިވާ ކަމްޕައިލޯބެކްޓަރ ޖެޖުނި އިން ބޭރަށްހިންގުން (މޭނުބައިކުރުން، ހޮޑުލެވުން އަދި ބޭރަށްހިންގުން) ޖެހުމަކީ ގީލަންބަރ ސިންޑްރޯމް ޖެހުމުގެ ހިރާސް އެންމެ އާންމުކޮށް ކުރިމަތިކުރުވާ އެއް އިންފެކްޝަނެވެ. ވައިރަސްގެ ސަބަބުންޖެހޭ ތަފާތު ރޯގާތައް މިސާލަކަށް ސައިޓޯމެގާލޯވައިރަސް، އެޕްސްޓެންބަރ ވައިރަސް އަދި ޒިކާ ވައިރަސް އިންޖެހޭ ވައިރަލް އިންފެކްޝަން އަށް ފަހު ގީލަންބަރ ސިންޑްރޯމް ޖެހުމުގެ ނޫނީ ކުރިމަތިވުމުގެ ހިރާސް އިތުރުވެގެން ދެއެވެ (ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، 2023).  

ކުރިން ބަޔާންކުރެވުނު ފަދައިން ގީލަންބަރ ސިންޑްރޯމް ކުރިމަތިކުރުވާ ސީދާ ސަބަބެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ތެރެއިން 3/2 ބައި މީޙުން ހައެއްކަ ހަފްތާކުރިން ކޯވިޑް 19، ނޭވާލާ ނިޒާމަށްޖެހޭ އިންފެކްޝަންތައް، ބޭރަށްހިންގުން ފަދަ ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ އިންފެކްޝަންތައް ނޫނީ ޒިކާ ވައިރަސް ޑިޒީޒް ފަދަ އިންފެކްޝަންތައް ޖެހިގެން ރިޕޯޓްކުރާކަން ފާހަގަ ކުރެވިފައި ވެއެވެ (މެޔޯކްލިނިކް، 2023).

ގީލަންބަރ ސިންޑްރޯމް އާންމުކޮށް ފެންމަތިވަނީ ނޭވާލާ ނިޒާމު ނޫނީ ހަޖަމުކުރާ ނިޒާމުގެ އިންފެކްޝަނެއް ޖެހޭތާ ދުވަސްކޮޅެއް ފަހުން ނޫނީ ދެތިން ހަފްތާ ފަހުންނެވެ (މެޔޯކްލިނިކް، 2023).ވަރަށް މަދު ހާލަތްތަކެއްގައި، ނޫނީ ބައެއް ފަހަރު އޮޕަރޭޝަނަކަށް ފަހު ގީލަންބަރ ސިންޑްރޯމް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2023). މީގެ އިތުރުން ޒިކާ ވައިރަސް އިންޖެހޭ އިންފެކްޝަނަށް ފަހު ވެސް ގީލަންބަރ ސިންޑްރޯމްގެ ކޭސްތައް ރިޕޯޓްކޮށްފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ކޯވިޑް 19 އިންފެކްޝަން އަށް ފަހު ވެސް ފަހަރުގައި ގީލަންބަރ ސިންޑްރޯމް ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް، 2023).

ގީލަންބަރ ސިންޑްރޯމްގެ ވައްތަރުތަކުގެ ތެރެއިން އެކިޔުޓް އިންފްލެމޭޓަރީ ޑިމައިއެލިނޭޓިންގ ޕޮލީރެޑިކިޔުލޯޕަތީ ގައި ނާރުތަކުގެ ނިޒާމަށް ދިފާޢީ ނިޒާމުން ހަމަލާދިނުމުން ފަތިނާރުގެ ވަށައިގެންވާ ރައްކާތެރިފަށަލަ މައެލިން ޝީތު ހަލާކުކޮށްލައެވެ. މީގެ ސަބަބުން ފަތިނާރުން ސިކުނޑިއަށް ފޮނުވައިދާ ނާރު ސިގުނަލްތަކަށް ހުރަސްއަޅައެވެ. އޭގެ ސަބަބުން ބާރުދަށްވުން، އައްސިވުން އަދި ވާގިނެތުން ފަދަ ކަންކަން ކުރިމަތި ކުރުވައެވެ (މެޔޯކްލިނިކް، 2023).

މަގުފަހިކުރާ ކަންތައްތައް

ގީލަންބަރ ސިންޑްރޯމް އަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދިމާވެދާނެ ބައްޔެކެވެ. ނަމަވެސް އުމުރުން ދުވަސްވާ ވަރަކަށް މިބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވައެވެ. އަދި އަންހެނުންނަށް ފިރިހެނުންނަށް ބަލިޖެހުން ތަންކޮޅެއް އާންމުކަން ފާހަގަ ކުރެވިފައި ވެއެވެ. ގީލަންބަރ ސިންޑްރޯމް އަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކަމްޕައިލޮބެކްޓަރ ޖެޖުނި ކިޔާ ބެކްޓީރިޔަލް އިންފެކްޝަން އެއް ޖެހުން

·         އިންފުލުއެންޒާ ވައިރަސް އިން ފުލޫޖެހުން

·         އެޕްސްޓެންބަރ ވައިރަސްގެ ސަބަބުން ރޯގާޖެހުން

·         ޒިކާ ވައިރަސް ޑިޒީޒް ކުރިމަތިވުން

·         ހެޕަޓައިޓިސް އޭ، ބީ، ސީ، ނުވަތަ އީގެ ސަބަބުން އިންފެކްޝަން ކުރިމަތިވުން

·         އެޗްއައިވީ ވައިރަސްގެ ސަބަބުން އޭޑްސްޖެހުން

·         މައިކޯޕްލާޒްމާ ގެ ސަބަބުން ނިއުމޯނިޔާޖެހުން

·         އޮޕަރޭޝަނެއްކުރުން

·         އަނިޔާއެއް ލިބުން

·         ހޮޖްކިންސް ލިމްފޯމާ ކިޔާ ލޭގެ ކެންސަރުޖެހުން

·         ކޯވިޑް 19 އިންފެކްޝަން ޖެހުން (މެޔޯކްލިނިކް، 2023).

އަލާމާތްތައް

ގީލަންބަރ ސިންޑްރޯމް ފުރަތަމަ ފެށިގެން އަންނަނީ ފައިތިލަ އަދި ފައިގައި ކަށިހަރާހެންހީވުން، އަދި ބާރުދޫވުން ނޫނީ ބާރުދަށްވުން ފަދަ ކަމެއްގެ ގޮތުގައެވެ، ނޫނީ ސިފައިގައެވެ. އެއަށްފަހު މިކަންތައްތައް (އުދަނގޫތައް) ހަށިގަނޑުގެ މަތީބައިތަކާއި، އަތަށް ފެތުރިގެން ދެއެވެ. ބައެއް މީހުންނަށް ފުރަތަމަ މިއުދަނގޫތައް ފައިގެ ބަދަލުގައި އަތާއި، އަތްތިލައިން ފާހަގަ ކުރެވެއެވެ. ނޫނީ މޫނުން ފާހަގަ ކުރެވެއެވެ. ގީލަންބަރ ސިންޑްރޯމް ކުރިއަރައި، ތަރައްގީވެ، ބަލިބޮޑުވަމުން އަންނައިރު، މަސްތަކުގެ ބާރުދޫވަމުން ގޮސް، އެއްކޮށް ވާގިނެތޭގޮތް ވެއެވެ (މެޔޯކްލިނިކް، 2023).

ގީލަންބަރ ސިންޑްރޯމްގައި އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އަތްފައިގެ އިގިލިތައް، އަތުގެ ކުޑަހުޅު، ފައިގެ ތަބިކަށީގައި ކަށިހަރާހެން (ޕިން އަދި ސިރިންޖުކަށި) ހީވުން

·         ފައިގެ ބާރުދޫވުން ނުވަތަ ދަށްވުން – އަދި ހަށިގަނޑުގެ ފަޔަށްވުރެ މަތީ ހިސާބުތަކުން ވެސް ބާރުދޫވުން ނޫނީ ބާރުދިއުން

·         ހިނގާބިނގާވެ އުޅެން ދަތިވުން – ސިނޑި ފަދަ ތަންތަނުން އެރުމަށް އުދަނގޫވުން

·         މޫނުމަތީގެ ހަރަކާތްތައް ކުރަން މިސާލަކަށް ވާހަކަދެއްކުން، ކާތަކެތި ދިރުވުން، ކާތަކެތި ހެފުން ފަދަ ކަންކަން ކުރަން އުދަނގޫވުން

·         ލޯހަރަކާތްކުރަން އުދަނގޫވުން ނުވަތަ އެއްޗެހި ތަކުރާރުކޮށް (ދޭއްޗެއް ގޮތަށް) ފެނުން

·         މުޅި ހަށިގަނޑުގައި ރިހުމެއް ހުރުން – އެރިހުން ރޭގަނޑަށް ފަހަރުގައި ގޯސްވުން

·         ކުޑަކަމުދިއުމާއި، ބޮޑުކަމުދިއުން ކޮންޓްރޯލްކުރަން ދަތިވުން – ބޮޑުކަމު އަދި ކުޑަކަމު ގަޔަށްދެވުން

·         ހިތުގެ ވިންދު އަވަސްވުން

·         ލޭގެ ޕްރެޝަރު ދަށްވުން ނޫނީ ލޭގެ ޕްރެޝަރު މަތިވުން

·         ނޭވާލާން އުދަނގޫވުން

އާންމު ގޮތެއްގައި ގީލަންބަރ ސިންޑްރޯމް ކުރިމަތިވުމުން އަލާމާތްތައް ފެންނަށް ފަށާތާ 2 ހަފްތާގެ ތެރޭގައި އެމީހަކަށް ހަށިގަނޑުގެ ބާރުދަށްވުން ނޫނީ ބާރުދޫވުން އެންމެ ބޮޑަކަށް އިހުސާސް ކުރެވޭނެ ނޫނީ ތަޖުރިބާ ކުރެވޭނެ އެވެ (މެޔޯކްލިނިކް، 2023).

ވައްތަރުތައް

ގީލަންބަރ ސިންޑްރޯމްގެ މައިގަނޑު 3 ވައްތަރެއް ހުރެއެވެ.

(ހ) އެކިޔުޓް އިންފްލެމޭޓަރީ ޑިމައިއެލިނޭޓިންގ ޕޮލިރެޑިކިޔުލޯނިއުރޯޕަތީ (AIPD): މިއީ އުތުރު އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުގައި އެންމެ އާންމު ފެންނަ ގީލަންބަރ ސިންޑްރޯމްގެ ވައްތަރެވެ. މިވައްތަރުގެ އެންމެ ފާހަގަކުރެވޭ ކަމަކީ ހަށިގަނޑުގެ ތިރީބައިން ބާރުދޫވެ، ނޫނީ ބާރުދަށްވެ، އެބާރުދަށްކަން ނޫނީ ބާރުދޫވުން ހަށިގަނޑުގެ މަތީ ހިސާބުތަކުން ވެސް ފާހަގަވެގެން ދިއުމެވެ. ނޫނީ ހަށިގަނޑުގެ މަތީ ހިސާބުތަކަށް ހަށިގަނޑުގެ ތިރީ ހިސާބުތަކުން ފާހަގަވި ބާރުދޫވުން ފެތުރިގެންދިއުމެވެ.

(ށ) މިލަރ ފިޝަރ ސިންޑްރޯމް (MFS): މިއީ ގީލަންބަރ ސިންޑްރޯމް ގައި ލޮލުން ފެށިގެން އަންނަ ވާގިނެތުމެވެ. މީގެ އިތުރުން މިވައްތަރުގައި ހިނގާއިރު ކޮރުޖެހުމެއް ހުންނާނެ އެވެ. މިއީ އެމެރިކާގައި އެހާ އާންމު ނޫން، އޭޝިޔާ ހިސާބުގައި އާންމު ވައްތަރެވެ.

(ނ) އެކިޔުޓް މޮޓޯރ އެގްޒޯނަލް ނިއުރޯޕަތީ އަދި އެކިޔު މޮޓޯ-ސެންސަރީ އެގްޒޯނަލް ނިއުރޯޕަތީ (AMAN & AMSAN): މިއީ ޗައިނާ އަދި ޖަޕާން ހިސާބުގައި އެންމެ އާންމު ގީލަންބަރ ސިންޑްރޯމްގެ ވައްތަރެވެ (މެޔޯކްލިނިކް، 2023).

ނުރައްކާތައް

ގީލަންބަރ ސިންޑްރޯމް އަކީ ނާރުތަކަށް އަސަރުކުރުވާ ބައްޔެކެވެ. ހަށިގަނޑުގެ ހަރަކާތްތަކާއި، ތަފާތު މަސައްކަތްތައް ނާރުތަކުން ކޮންޓްރޯލްކުރާތީ ، ގީލަންބަރ ސިންޑްރޯމް ޖެހުމުން އަންނަނިވި ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.

(ހ) ނޭވާލުމުގެ މައްސަލަތައް : ބާރުދޫވުން ނޫނީ ވާގިނެތުމުގެ އަސަރު ނޭވާލާ ނިޒާމުގެ މަސައްކަތުގައި ބައިވެރިވާ މަސްތަކަށް ކުރެއެވެ. ގީލަންބަރ ސިންޑްރޯމް ކުރިމަތިވާ މީހުންގެ ތެރެއިން %22 މީހުންނަށް ބަލީގައި ހަސްފަތާލުގައި އެދުމަތިކުރާތާ ފުރަތަމަ ހަފްތާގެ ތެރޭގައި ނޭވާލުމަށް މެޝިނުގެ އެހީ ހޯދަން ފަށަން ޖެހެއެވެ.

(ށ) ހިތާއި ލޭގެ ޕްރެޝަރުގެ މައްސަލަތައް : ލޭގެ ޕްރެޝަރަށް ބަދަލުއައުމާއި، ހިތުގެ ވިންދުގެ ތަރުތީބު ގެއްލުމަކީ ގީލަންބަރ ސިންޑްރޯމް އާއި ގުޅިގެން ކުރިމަތިވެދާނެ ނޭދެވޭ އަސަރު ތަކެވެ.

(ނ) ރިހުން (pain): ގީލަންބަރ ސިންޑްރޯމް ކުރިމަތިވާ މީހުންގެ ތެރެއިން 3/1 މީހުންނަށް ނާރުގައި ރިހުން ތަޖުރިބާ ކުރެއެވެ. އަދި މިރިހުން ތަދުގެ ބޭސް ބޭނުންކުރުމުން ފިލައިދެއެވެ.

(ރ) ކުޑަކަމުދިއުމާއި، ބޮޑުކަމުދިއުމުގެ މައްސަލަތައް : ގީލަންބަރ ސިންޑްރޯމް އާއި ގުޅިގެން ކުޑަކަމުދިއުމަށް ދަތިވެ، ކުޑަކަމު ނަޖިސް ބޭރުނުވެ، ހަށިގަނޑުގައި ޖަމާވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބޮޑުކަމުދިއުމަށް ހުރަސްއެޅި އުދަނގޫވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(ބ) ގަނޑު ލޭކޮޅު އުފެދުން (blood clots): ގީލަންބަރ ސިންޑްރޯމް އާއި ގުޅިގެން އެދުމަތިވެ، ހަރަކާތް ނުކުރެވޭ މީހުންނަށް ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. އެކަނި ހިނގާބިނގާވެ އުޅެންދެން، ލޭދިޔާކުރާ ބޭސް، އަދި ސަޕޯޓް ސްޓޮކިންގ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ.

(ޅ) ތަންފާރު ހެދުން (pressure ulcer): އެދުމަތިވެ، ހަރަކާތްނުކުރެވިފައި އޮތުމަކީ ތަންފާރު ހެދުމަށް މަގުފަހިވާ ކަމެކެވެ. މިކަން ކުޑަކުރުމަށް އެދުމަތިވެފައި އޮންނައިރު ދޭތެރެ ދޭތެރެއިން އިރުއިރުކޮޅާ އޮންނަގޮތް ބަދަލުކުރުމަކީ މުހިއްމު ކަމެކެވެ.

(ކ) އަލުން އުދަނގޫތައް ކުރިމަތިވުން (Relapse): ގީލަންބަރ ސިންޑްރޯމް ކުރިމަތިވާ މީހުންނަށް އަހަރުތަކެއް ފަހުން (ރަނގަޅުވާތާ އަހަރުތަކެއް ފަހުން) އަނެއްކާވެސް މަސްތަކުގެ ބާރުދޫވެ، ވާގިނެތުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ގީލަންބަރ ސިންޑްރޯމްގެ ސަބަބުން ބައެއް ފަހަރު ހާޓް އެޓޭކް ޖެހުން، އަދި ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް، 2023).

ދެނެގަތުން

ގީލަންބަރ ސިންޑްރޯމް ދެނެގަތުން ބަރޯސާވަނީ ކުރިމަތިވެފައިވާ އުދަނގޫތަކާއި ނިއުރޮލޮޖިކަލް އެގްޒަމިނޭޝަން އިން ފާހަގަވާ "ޑީޕް ޓެންޑަން ރިފްލަކްސް" ނެތުން ނޫނީ ރިފްލަކްސް ދަށްވުން ފަދަ ކަންކަމުގެ މައްޗަށެވެ. ލަމްބަރ ޕަންކްޗަރ ހެދުން، އަދި އިލެކްޓްރޯމަޔޯގްރަފީ ފަދަ ޓެސްޓުތައް ވެސް ހަދައިފާނެއެވެ. މީގެ އިތުރުން ބައެއް ފަހަރު ލޭގެ ޓެސްޓު ހަދައިގެން ވެސް ބައެއް ކަހަލަ ގުޅުންހުރި ކަންކަން ދެނެގަނެދާނެއެވެ. ގީލަންބަރ ސިންޑްރޯމް އަށް ތުހުމަތުކުރެވޭނަމަ، ނޭވާލާން ދަތިވުން ފަދަ ކަމެއް ކުރިމަތިވޭތޯ ގާތުން ބަލަމުން ގެންދަން ޖެހޭނެ އެވެ (ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، 2023).

ބަލީގެ ކުރީކޮޅު ގީލަންބަރ ސިންޑްރޯމް ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ އެކަކަށް ދިމާވާ އުދަނގޫތައް އަނެކަކާއި ތަފާތު ވެދާނެތީ އެވެ. އަދި ނާރުތަކުގެ އެހެން ބަލިތަކުގައި ވެސް ގީލަންބަރ ސިންޑްރޯމްގައި ހުންނަ އަލާމާތްތައް ފެންނާތީ އެވެ. ގީލަންބަރ ސިންޑްރޯމް އާއި ގުޅިގެން ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ (މެޔޯކްލިނިކް، 2023).

(ހ) ލަންބަރ ޕަންކްޗަރ / ސްޕައިނަލް ޓެޕް (lumber puncture / spinal tap): މިއީ މައިބަދައިން ފެން ނަގައިގެން ޓެސްޓުކުރުމެވެ. އެގޮތުން މައިބަދައިގެ އުނަގަނޑާއި ކައިރިން މައިބަދައިގެ ހޮއިގެ ތެރެއިން ފެންކޮޅެއް ނެގެއެވެ. އަދި ގީލަންބަރ ސިންޑްރޯމް އާއި ގުޅިގެން އަންނަ ބަދަލުތައް މިފެން ޓެސްޓުކޮށްގެން ފެންނަށް ހުރޭތޯ ބަލައެވެ (މެޔޯކްލިނިކް، 2023).

(ށ) އިލެކްޓްރޯމެޔޯގްރަފީ (electromyography): މިއީ މަސްތަކުގައި ކަރަންޓްގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުމެވެ. މިޓެސްޓު ހެދުމަށް ވަރަށް ހިމަ ކައްޓެއް އިންނަ އިލެކްޓްރޯޑް އެއް މަސްގަނޑުގެތެރެއަށް ކޮށްޕާލެވެއެވެ. މިއިލެކްޓްރޯޑް ގެ އެހީގައި މަސްގަނޑުގައި ފަތިނާރުގެ ހަރަކާތް ހުރިގޮތް ދެނެގަނެވެއެވެ (މެޔޯކްލިނިކް، 2023).

(ނ) ނާރވް ކޮންޑަކްޝަން ސްޓަޑީޒް (nerve conduction studies): ފަތިނާރު އާއި ދިމާވާގޮތަށް ހަމުގައި އިލެކްޓްރޯޑް ތަކެއް މިޓެސްޓު ހެދުމަށް ހަރުކުރެވެއެވެ. އެއަށްފަހު ނާރު ސިގުނަލްގެ ހަލުވިމިން ބެލުމަށް ކަރަންޓް ޝޮކެއް ދައުރުކުރުވެއެވެ (މެޔޯކްލިނިކް، 2023).  

ފަރުވާ

ގީލަންބަރ ސިންޑްރޯމް އަކީ ފުރާނަޔަށް ނުރައްކާހުރި ބައްޔަކަށްވުމުން އެންމެ އެދެވޭގޮތަކީ ފަރުވާކުރުމަށް ހަސްފަތާލުގައި އެދުމަތި ކުރުމެވެ. އެއީ ބަލިމީހާގެ ހާލަތު ގާތުން ބަލައި މޮނީޓަރު ކުރުމަށް ވެސް އެންމެ ފަސޭހަ ގޮތަކީ އެދުމަތިކުރުން ކަމަށްވާތީ އެވެ. އެދުމަތިކުރުމަށް ފަހު، ނޭވާލުން، ހިތުގެވިންދު، ލޭގެ ޕްރެޝަރު ގާތުން ބަލަމުން ގެންދަން ޖެހޭނެ އެވެ. ނޭވާލާން ދަތިވާ ހާލަތްތަކުގައި ބަލިމީހާ ވެންޓިލޭޓަރަށް ލާންޖެހިދާނެއެވެ. އެދުމަތިކޮށްފައި އޮންނަ އިރު ވެސް، ހިތުގެވިންދުގެ ތަރުތީބުއޮޅުން، އިންފެކްޝަންއެއްޖެހުން، ގަނޑުލޭކޮޅު އުފެދުން، ލޭމަތިވުން ނޫނީ ލޭދަށްވުން ފަދަ ކަމެއް މެދުވެރިވޭތޯ ބަލަމުން ގެންދަން ވާނެއެވެ (ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، 2023).  

ގީލަންބަރ ސިންޑްރޯމް އަށް ސީދާ ފަރުވާޢެއް ނޯވެއެވެ. ނަމަވެސް ފަރުވާގެ އެހީގައި ބަލީގެ އުދަނގޫތައް ލުއިކޮށްދީ، އަދި ބަލީގެ މުއްދަތު ކުރުކޮށްދެއެވެ. ގީލަންބަރ ސިންޑްރޯމް އަކީ އުޓޯއިމިޔޫން ތަބީޢަތުގައި(autoimmune nature) ހުންނަ ބައްޔަކަށް ވުމުން، ބަލީގެ ކުރީކޮޅު ފަރުވާގެ ގޮތުގައި "ޕްލާޒްމާ ބަދަލުކުރުން"(plasma exchange)  އަދި "އިމިޔުނޯގްލޯބިޔުލިން"(immunoglobulin) ފޯރުކޮށްދެވެއެވެ. އިމިޔުނޯތެރަޕީގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ބަލިޖެހޭތާ 14-7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފަރުވާ ފެށިއްޖެނަމަ އެވެ. ބަލީގެ އެންމެ ކުރީކޮޅު ނިމިދާއިރު ވެސް، މަސްތަކުގެ ބާރުދަށްވުން ފަދަ ކަމެއް ނުފިލާ ހުރެއްޖެނަމަ، މަސްތައް ވަރުގަދަކޮށް، މަސްތަކުގެ ހަރަކާތްތައް އަނބުރާ އިއާދަކުރުމަށްޓަކައި، ރިހެބިލިޓޭޝަންގެ ޚިދުމަތް (ފިޒިއޮތެރަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ ފަދަ ފަރުވާތައް) ކުރިޔަށް ގެންދަން ޖެހިދާނެއެވެ (ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، 2023). ބަލިން އެއްކޮށް ފަސޭހަވެ ރަނގަޅުވުމަށް އަހަރުތަކެއް ނަގާއިރު، ގިނަ މީހުންނަށް ބަލީގެ އުދަނގޫތައް ފުރަތަމަ ފެންނަތާ، 6 މަސް ދުވަހުގެ ތެރޭގައި ހިނގާބިނގާވެ، އުޅެވޭގޮތް ވެއެވެ. ބައެއް މީހުންނަށް ގައިގެބާރުދޫވުން ނޫނީ މަސްތަކުގެ ބާރުދަށްވުން، އައްސިވުން، ވާޅުވުން ފަދަ ކަންތައްތައް އެއްކޮށް ރަނގަޅުނުވެ، ދާއިމަށް ދެމިހުރެއެވެ (މެޔޯކްލިނިކް، 2023).  

ގީލަންބަރ ސިންޑްރޯމް އަށް ސީދާ ފަރުވާޢެއް ނޯވެއެވެ. ނަމަވެސް ދެވައްތަރެއްގެ ފަރުވާ އެއްގެ ސަބަބުން ބަލިން ފަސޭހަވުމުގެ ދުވެލި، ހަލުވިކޮށްދީ، އަދި ބަލީގެ ނުރައްކާތައް ކުޑަވެގެން ދިއުމުގެ ފުރުޞަތު ބޮޑުވެއެވެ. މިގޮތުން ދެވޭ 2 ފަރުވާ ތިރީގައި މިވަނީ އެވެ.

(ހ) ޕްލާޒްމާ ބަދަލުކުރުން (plasmapheresis): މިއީ ލޭގެ ދިޔާބައި ނުވަތަ ލޭގެ ޕްލާޒްމާ ލޭގެ ސެލްތަކާއި ވަކިކުރުމެވެ. އެއަށްފަހު ލޭގެ ސެލްތައް އަނބުރާ ލޭގެ ތެރެއަށް ފޮނުވެއެވެ. އަދި މިގޮތަށް އަނބުރާ އެތެރެކުރެވޭ ލޭގެ ސެލްތަކުން ބޭރުކުރެވުނު ޕްލާޒްމާ ގެ ބަދަލުގައި އިތުރު ޕްލާޒްމާ އުފައްދައެވެ. ޕްލާޒްމާ ބަދަލުކުރުމުގެ ތެރެއިން ދިފާޢީ ނިޒާމުން އަރިމަތީ ނާރުތަކަށް ހަމަލާދޭ ބައެއް ހަށިދަމަނަތައް ވަކިކުރުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ (މެޔޯކްލިނިކް، 2023).

(ށ) އިމިޔުނޯތެރަޕީ (immunotherapy): މިފަރުވާގައި ހަދިޔާކުރެވުނު ލެއިން އިމިޔުނޯގްލޯބިޔުލިން ލޭގެ ޒަރީޢާއިން އިންޖެކްޝަންގެ ސިފައިގައި ބަލިމީހާގެ ހަށިގަނޑަށް ފޯރުކޮށްދެވެއެވެ. މަތީ މިންވަރެއްގެ އިމިޔުނޯގްލޯބިޔުލިން ދިނުމުން، ގީލަންބަރ ސިންޑްރޯމް ކުރިމަތިވުމަށް މެދުވެރިވާ ގެއްލުންދެނިވި، ހަށިދަމަނަތަކަށް ހުރަސް އަޅައެވެ (މެޔޯކްލިނިކް، 2023).  

މިދެފަރުވާ އަކީ ވެސް އެކަށޭނަ އޭގެ ފައިދާ ލިބިދޭ ފަރުވާ ތަކެކެވެ. ދޭތި އެއްކޮށްދިނުމުން، ނޫނީ އެއް ފަރުވާ ދިނުމަށްފަހު، އަނެއްފަރުވާ ދިނުމުން ވަކި ފައިދާ ތަކެއް ލިބޭކަން އެނގިފައެއް ނުވެއެވެ. ނޫނީ ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން އަންނަނިވި ކަންކަމަށް ވެސް ބޭސް ދީފާނެ އެވެ (މެޔޯކްލިނިކް، 2023). 

·         ރިހުންތަކަށް : ތަދުކެނޑުވުމަށް ބޭސް ބޭނުންކުރުން

·         ގަނޑުލޭކޮޅު އުފެދުން ހުއްޓުވުމަށް : ލޭދިޔާކުރާ ބޭސް ދިނުން

ގީލަންބަރ ސިންޑްރޯމް ހުންނަ މީހުންނަށް ބަލިން އަރައިގަތުމަށް ފިޒިކަލް ތެރަޕީ އަދި އެހެންމީހުންގެ އެހީތެރިކަން ބޭނުންވާނެ އެވެ. އެގޮތުން ބޭނުންވާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2023).

·         މަސްތައް ވަރުގަދަކޮށް، ފަހެލިކޮށް ބެހެއްޓުމަށްޓަކައި ގަވާޢިދުން ބަލިމީހާގެ އަތްފައި ހަރަކާތްކުރުވުން

·         ބަލި ފަސޭހަވަމުން އަންނަ ދުވަސްވަރު ވާޅުވުން ކުޑަކޮށްދީ، ހަށިގަނޑުގެ ބާރުޖައްސައިދީ، އެކަށޭނަ ގޮތެއްގައި ހަރަކާތްތެރިވެ އުޅުމަށް އެހީތެރިވުމަށް ފިޒިކަލް ތެރަޕީ ލިބިގަތުން ނޫނީ ހޯދުން

·         އަމިއްލަ ނަފުސަށް ކަންކަންކުރަން ފަސޭހަކޮށްދީ، ހަރަކާތްތެރިވެ އުޅުމަށް އެހީތެރިވުމުގެ ގޮތުން ފުރޮޅުލީގޮނޑި، އަތްގަނޑު، ބުރޭސް ފަދަ ތަކެތި ބޭނުންކުރުން

ބަލިން ފަސޭހަވުން

ގީލަންބަރ ސިންޑްރޯމް ކުރިމަތިވާ ގިނަ މީހުން ރަނގަޅުވުމަށް ނޫނީ ބަލިން ފަސޭހަވުމަށް މަސްތަކުން ފެށިގެން ގޮސް އަހަރުތައް ނެގިޔަސް، ގިނަ މީހުންނަށް ފަސޭހަވަމުން އަންނައިރު އާންމުކޮށް އަންނަނިވި ކަންތައްތައް ގަވާޢިދުން ތަޖުރިބާކުރާކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް، 2023).

·         ބަލީގެ ފުރަތަމަ އަލާމާތްތަކަށް ފަހު އާންމު ގޮތެއްގައި ބަލީގެ ހާލަތު ޖެހިގެން އަންނަ 2 ހަފްތާއެއް ހާ ދުވަހަށް ގޯސްވެގެން ދިއުން

·         ބަލީގެ އެންމެ މަތީ މިންވަރަށް ގާތްގަނޑަކަށް 4 ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ފޯރުން

·         ބަލިން ފަސޭހަވުން ފެށުމަށްފަހު ގާތްގަނޑަކަށް 12-6 މަސް ދުވަހާއި ދެމެދުގެ މުއްދަތަށް ދެމިހުރެއެވެ. ބަލިން ރަނގަޅުވާން ބައެއް މީހުންނަށް 3 އަހަރު ވަރު ވެސް ނަގައިފާނެ އެވެ. ނޫނީ ހޭދަވެދާނެ އެވެ.

ގީލަންބަރ ސިންޑްރޯމް ޖެހުމަށްފަހު ރަނގަޅުވާ މީހުންނަށް:

·         ގާތްގަނޑަކަށް %80 މީހުންނަށް ބަލިޖެހޭތާ 6 މަސްވަރު ފަހުން އެކަނި ހިނގޭ ވަރުވުން

·         ގާތްގަނޑަކަށް %60 މީހުންނަށް ބަލިޖެހޭތާ 1 އަހަރު ވާއިރު ހަށިގަނޑުގައި އެއްކޮށް ބާރުޖެހި ރަނގަޅުވުން

·         ގާތްގަނޑަކަށް %10-5 މީހުންނަށް ބަލިން ރަނގަޅުވުން ލަސްވެ، އެއްކޮށް ބަލިން ފަސޭހަނުވެ ހުރުން

ކުޑަކުދިންނަށް ގީލަންބަރ ސިންޑްރޯމް ޖެހުމުން ބޮޑެތި މީހުންނަށް ވުރެ އަވަހަށް ފަސޭހަވެ، ރަނގަޅުވާކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް، 2023).  

ގީލަންބަރ ސިންޑްރޯމް ޖެހޭ މީހުންގެ ތެރެއިން ކޮންމެ 5 މީހުންގެ ތެރެއިން 1 އަކަށް ދިގުމުއްދަތަކަށް ދެމިހުންނަ މައްސަލަތައް ދިމާވެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (އެންއެޗްއެސް.ޔޫކޭ، 2023).

·         އެހީތެރިކަމަކާ ނުލައި ހިނގާބިނގާވެ އުޅެން ދަތިވުން

·         އަތްފައި އަދި މޫނުގެ މަސްތަކުގެ ބާރުދަށްވުން

·         އައްސިވުމާއި، ކަށިހަރާހެންހީވުން

·         ހަށިގަނޑުގެ ހަމަ ހިފެހެއްޓުމާއި، ވިލަރެސްކުރުމުގެ މައްސަލަތައް ދިމާޥުން

·         އާދަޔާ ޚިލާފަށް ވަރުބަލިވެ ވާޅުވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

 

·         https://www.hopkinsmedicine.org/health/conditions-and-diseases/guillainbarr-syndrome

·         https://www.who.int/news-room/fact-sheets/detail/guillain-barr%C3%A9-syndrome#:~:text=Guillain%2DBarr%C3%A9%20syndrome%20(GBS),cases%20of%20Guillain%2DBarr%C3%A9%20syndrome.

·         https://www.nhs.uk/conditions/guillain-barre-syndrome/

·         https://www.cdc.gov/campylobacter/guillain-barre.html

No comments:

Post a Comment