އާދަޔާ
ޚިލާފަށް ބަރުހެލިވެ، ފަލަވުން
އާދަޔާ ޚިލާފަށް ބަރުހެލިވެ ފަލަވުން(obesity) ނިސްބަތްކުރަނީ
ހަށިގަނޑަށް ގެއްލުން ލިބޭ ވަރަކަށް ހަށިގަނޑުގައި ސަރުބީ ޖަމާވުމަށެވެ. ނޫނީ
ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބުރޫއަރަށް ނޫނީ ހަށިގަނޑުގައި ހުންނަންޖެހޭ
މިންވަރަށް ވުރެ އިތުރަށް ހަށިގަނޑުގައި ސަރުބީ ހަރުލުމަށެވެ. އާދަޔާ ޚިލާފަށް
ހަށިގަނޑު ބަރުހެލިވެ ފަލަވުން ނޫނީ ހުންނަށް ޖެހޭ މިންވަރަށްވުރެ ތަންކޮޅެއް
ބަރުދަން އިތުރުވުމަކީ އެކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ހަކުރުބަލި ފަދަ
މައްސަލަތަކަށް މަގުފަހިކުރާ ކަމެކެވެ. ދަރިމައިވުމުގެ ޞިއްޙަތާއި، ކަށީގެ
ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެކެވެ. ބައެއް ބާވަތްތަކުގެ ކެންސަރަށް ވެސް
މަގުފަހިކުރާ ކަމެކެވެ. ނިދުމާއި، ހަރަކާތްތެރިކަން ފަދަ ކަންކަމަށް ބުރޫއަރާ
ކަމެކެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2024).
އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ، ފަލަވުމަކީ ހަށިގަނޑުގައި މާގިނައިން ސަރުބީ ހަރުލާ، ސާސްތާ(complex) ބައްޔެކެވެ. މިއީ ގައިންގަޔަށް ނާރާ ވަރަށް ގިނަ ބަލިތަކާއި، ތަފާތު އެތަކެއް ޞިއްޙީ މައްސަލަތަކެއް މެދުވެރިކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެބަލި، ހަކުރުބަލި، ލޭމައްޗަށްދިއުން، ސަރުބީމަތިވުން، ފުރަމޭގެ ބަލިތައް އަދި ނިދީގައި ނޭވާހުއްޓުމާއި ބައެއް ވައްތަރުގެ ކެންސަރުތައް ހިމެނެއެވެ. އާންމު ގޮތެއްގައި ފަލަވުން ކުރިމަތިވަނީ ވިރާސީ، ނަފްސާނީ، މާހައުލީ ސަބަބުތަކުގެ އިތުރުން ކެއިންބުއިމާއި، ޖިސްމާނީ ހަރަކާތްތެރިކަން ފަދަ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުންނަ އާދަތަކާއި ކަންތައްތަކުގެ ސަބަބުންނެވެ.
(ނޯޓް:
މިލިޔުމުގައި ބޮޑަށް ބަލާލެވިފައިވަނީ ބޮޑެތި މީހުން އާދަޔާ ޚިލާފަށް ބަރުހެލިވެ
ފަލަވުމަށެވެ)
ސަބަބު
އިންސާނެއްގެ ބަރުދަން ހުންނަށްޖެހޭ
މިންވަރަށް ތަންކޮޅެއް އިތުރުވުން އަދި އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ،
ފަލަވުން ކުރިމަތިވަނީ ހަށިގަނޑަށް އެތެރެކުރެވޭ ހަކަތަ(energy intake) އާއި، ބޭރުކުރެވޭ ހަކަތަ(energy expenditure) އާއި ދެމެދުގައި ހުންނަށްޖެހޭ ހަމަހަމަކަން
ގެއްލުމުންނެވެ. ނޫނީ އެހަމަހަމަކަމަށް ބުރޫ އެރުމުންނެވެ (ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާ، 2024).
އާންމު ގޮތެއްގައި ފަލަވުން ކުރިމަތިވަނީ
އިޖުތިމާޢީ، ނަފްސާނީ، ވިރާސީ، އަދި ޖިސްމާނީ ގޮތުން ކުރިމަތިވާ ތަފާތު
ކަންތައްތައް ގުޅި ލާމެހިގެންނެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2024). ނަމަވެސް އާންމުކޮށް އާދަޔާ ޚިލާފަށް ފަލަވުން
ކުރިމަތިވަނީ ދިރިއުޅުމުގެ ހަރަކާތްތަކާއި ކަސްރަތުގެ ތެރެއިން ހަށިގަނޑުން ހަކަތަ
އެންދޭ މިންވަރަށްވުރެ ހަށިގަނޑަށް ހަކަތަ އެތެރެވާ މިންވަރު ގިނަވުމުންނެވެ.
މިގޮތަށް ހަށިގަނޑަށް އެތެރެވާ ހަކަތަ ސަރުބީގެ ގޮތުގައި ހަށިގަނޑުގައި ކޮށާރު
ކުރެއެވެ (މެޔޯކްލިނިކް، 2024).
ހަށިގަނޑަށް ހަކަތަ އެތެރެވާ މިންވަރު
ގިނަވާ ސަބަބުތަކުގެ ތެރޭގައި ކެއުމުގައި ހަކަތަ ގިނަ ކާބޯތަކެތި ބޭނުންކުރުން
ހިމެނެއެވެ. އެގޮތުން އަވަސްކާނާ ގެ ބާވަތްތަކާއި، ހަކުރުއެޅި ބުއިންތަކާއި، ފޮނި
ކާތަކެއްޗަކީ ހަކަތަ ގިނަ ބާވަތްތަކެވެ. އާންމުކޮށް ފަލަކޮށް ތިބޭ މީހުން
ބަނޑުފުރުމަށް ގިނައިން ކައިފާނެއެވެ. ނޫނީ ބަނޑުފުރޭލެއް ލަސްވެދާނެއެވެ. އަދި
ބަނޑުހައިވާލެއް ވެސް އަވަސް ވެދާނެއެވެ. އަދި ހާސްވެ ކަންބޮޑުވުމާއި،
ފިކުރުބޮޑުވުންތަކުގެ ސަބަބުން ކާ މިންވަރު ވެސް އިތުރުވެދާނެ އެވެ (މެޔޯކްލިނިކް،
2024).
ދިރިއުޅުމަށް އައި ފަސޭހަތަކާއެކު
ހަރަކާތްތެރިވެ އުޅުން ނޫނީ ހެލިފެލިވެއުޅުން މަދުވެއްޖެއެވެ. ގޭތެރެއާއި އޮފީސް
މާހައުލު ބައްޓަން ކޮށްފައިވަނީ އިށީދެ އިނދެގެން ނޫނީ އެއްތަނެއްގައި އިނދެ
ހުރިހާ ކަމެއް ކުރެވޭ ގޮތަށެވެ. މީގެ ސަބަބުން އޮފީސް މާހައުލު ފަދަ އިދާރީ
މަސައްކަތް ކުރާ ތަންތަނުގައި ހެދުނު އޮފީހަށް ދާގޮތަށް ގަޑި ދެގަޑިއިރު ، ނޫނީ
އެއަށްވުރެ ވެސް ގިނައިރު އިށީދެ އިނދެއެވެ. އެކަމުގެ ސަބަބުން މީހުންގެ ޖިސްމާނީ
ހަރަކާތްތެރިކަން ދަށްވެ، ފަލަވުން ފަދަ ކަންކަމަށް މަގުފަހިކުރެއެވެ.
ހިރާސްތައް
އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ،
ފަލަވުން ކުރިމަތިވަނީ ވަރަށް ބައިވަރު ކަންތައްތައް ގުޅި ލާމެހިގެންނެވެ.
އެގޮތުން އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ، ފަލަވުމަށް މަގުފަހިކުރާ
ކަންތައްތައް ތިރީގައި މިވަނީ އެވެ.
އާއިލާގެ ތެރޭގައި ފަލަވުން
ދައުރުވަމުން ނޫނީ ވާރުތަވާ ކަމެއްގެ ގޮތުގައި ކުރިމަތިވަމުން އައުން
ހަށިގަނޑުގައި ކޮށާރުކުރާ ސަރުބީގެ
މިންވަރަށް އަސަރުކުރާ އެއްކަމަކީ މައިންބަފައިންގެ ފުށުން އެމީހުންގެ ދަރިންނަށް
ވާރުތަވާ ވިރާސީ ބަހާ އެވެ. މީގެ އިތުރުން ހަށިގަނޑަށް އެތެރެވާ ހަކަތަ، ސަރުބީގެ
ގޮތުގައި ކޮށާރުކޮށް، އަދި އެސަރުބީ ހަށިގަނޑުގައި ބެހިގެން ދާގޮތަށް ވެސް
މިބަޔާންކުރެވުނު ވިރާސީ ބަހާ ބާރުފޯރުވައެވެ. ކާބޯތަކެތީގެ ތެރެއިން އެތެރެވާ
ކާނާ ހަކަތަ އަށް ބަދަލުކުރުން، ކެއުން ނޫނީ ކާހިތްވުން ކޮންޓްރޯލްކޮށް
ތަންޒީމުކުރުން، އަދި ކަސްރަތުކުރުމާއި ހެލިފެލިވެއުޅުމުގެ ތެރެއިން ހަކަތަ
އެންދުން ފަދަ ކަންކަމަށް ވެސް ބަޔާންކުރެވުނު ގޮތަށް މައިންބަފައިންގެ ފުށުން
ވާރުތަވާ ވިރާސީ ބަހާގެ އަސަރު ފޯރުވައެވެ. އެހެންކަމުން އާދަޔާ ޚިލާފަށް
ބަރުހެލިވެ، ފަލަވަމުކީ އާއިލާތަކުގެ ތެރޭގައި ވާރުތަވަމުން ދައުރުވަމުން އަންނަ
ކަމެއްކަން ވެސް ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އާއިލާ ތަކުގެ ތެރޭގައި
ކެއުމުގެ އާދަ އޮންނަގޮތް ވެސް އެއީ މިކަމަށް މަގުފަހިވެދާނެ ކަމެކެވެ. މިސާލަކަށް
އަބަދު ތެޔޮ، ސަރުބީގިނަ ކާނާ ކެއުން، ހަކަތަ ގިނައިން ލިއްބައިދޭ ބާވަތްތައް
ބޭނުންކުރުން ފަދަ ކަންކަމަކީ ބައެއް އާއިލާތަކުގެ ތެރޭގައި އޮންނަ ކެއުމުގައި
ގެންގުޅޭ އާދައަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް، 2024).
ދިރިއުޅުމުގެ ވައްޓަފާޅީގައި
ހުންނަ ނޭދެވޭ އާދަތައް
(ހ) ނުރަނގަޅު ކާނާ
ބޭނުންކުރުން : ހަކަތަ ގިނައިން ލިބޭ
ކާބޯތަކެއްޗާއި، އަވަސްކާނާގެ ބާވަތްތައް، ޖަންކު ފުޑް ގެ ބާވަތްތައް، ހަކުރުއެޅި
ބުއިންތައް، ފިޒީ ޑްރިންކްސް، އެނާޖީ ޑްރިންކްސް، ކާބޮނޭޓަޑް ޑްރިންކްސް ފަދަ
ބާވަތްތަކާ ވައްތަރުތައް ގިނައިން ބޭނުންކުރުމަކީ ފަލަވުމަށް މަގުފަހިވާ ކަމެކެވެ.
މީގެ އިތުރުން ތަރުކާރީ އާއި މޭވާ ކެއުމުގައި އެދެވޭ ވަރަށް ނުހިމެނުމަކީ ވެސް
ފަލަވުމަށް މަގުފަހިވެދާނެ ކަމެކެވެ. ހަމަ އެހެންމެ މާގިނައިން ކެއުމާއި،
އާންމުކޮށް ކާ ކޮންމެ ފަހަރަކު ވެސް މާގިނައިން ކެއުމަކީ ފަލަވުމަށް
މެދުވެރިވެދާނެ ކަމެކެވެ (މެޔޯކްލިނިކް، 2024).
(ށ) ހެލިފެލިވެއުޅުން މަދުވުން
: އާންމުކޮށް ހެލިފެލިވެއުޅުން މަދު މީހެއް
ނަމަ، ކެއިންބުއިމުގެ ތެރެއިން ހަށިގަނޑަށް އެތެރެވާ ހަކަތަ، ކަސްރަތުކުރުމާއި
ހެލިފެލިވެއުޅުމުގެ ތެރެއިން އަންދާ ހަކަތައަށް ވުރެ ގިނަވެގެން ދެއެވެ.
ކޮމްޕިއުޓަރ ބޭނުންކުރުން، ފޯނާއި ކުޅުން، ޓެބްލެޓް ފަދަ އާލަތްތައް
ބޭނުންކުރުމަށް ގިނަ ވަގުތު ހޭދަކުރުމަކީ މީހާގެ ޖިސްމާނީ ހަރަކާތްތެރިކަން
ދަށްވެގެންދާނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މިފަދަ ކަންކަމުގައި ނުވަތަ
ސްކްރީން މީޑިޔާ ބޭނުންކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ފަލަވުމަށް މަގުފަހިވާ
ކަމެކެވެ (މެޔޯކްލިނިކް، 2024).
(ނ) ބައެއް ކަހަލަ ބަލިތަކާއި
ބޭސްތައް : ބައެއް މީހުން ފަލަވަނީ
ހުންނަ ބައްޔެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. އެގޮތުން ފަލަވުމަށް
މެދުވެރިވެދާނެ ބަލިތަކުގެ ތެރޭގައި ތައިރޮއިޑްގެ މަސައްކަތްތައް ދަށްވުން ނުވަތަ
ހައިޕޯތައިރޮއިޑިޒަމް، ކުޝިންގ ސިންޑްރޯމް އަދި ޕްރޭޑަރ ވިލި ސިންޑްރޯމް ފަދަ
ބަލިތައް ހިމެނެއެވެ. ހުޅުތައް ދުޅަވުން ނުވަތަ އާތުރައިޓިސް ފަދަ މައްސަލަތަކަކީ
ޖިސްމާނީ ހަރަކާތްތެރިކަން ދަށްކޮށްލާ ބަލިތަކެކެވެ. މިފަދަ ބަލިތަކުގެ ސަބަބުން
ވެސް ހަރަކާތްތެރިކަން ދަށްވެ، ބަރުދަން އިތުރުވެ، ފަލަވުމަށް މަގުފަހިކުރުވައެވެ
(މެޔޯކްލިނިކް، 2024).
ބައެއް ކަހަލަ ބޭސް ބޭނުންކުރާ
ދުވަސްވަރު ނޫނީ އެފަދަ ބޭސް ކައިއުޅޭ މީހުން، ހެލިފެލިވެއުޅުން މަދުވެ،
ކަސްރަތުކޮށް ހަދައި ނޫޅޭނަމަ، އެފަދަ ބޭސް ތަކުގެ ސަބަބުން ފަލަވުމަށް
މަގުފަހިކުރުވައެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ސްޓީރޮއިޑް، ޑިޕްރެޝަން އަށް ދޭ
ބައެއް ބޭސްތައް، ހަކުރުގެ ބައެއް ބޭސްތައް، ފިޓުޖެހޭތީ ދޭ ބައެއް ބޭސްތައް، ބީޓަރ
ބްލޮކަރގެ ތެރޭގައި ހިމެނޭ ބައެއް ބޭސްތައް އަދި އެންޓި ސައިކޮޓިކް ގެ ގޮތުގައި ދޭ
ބައެއް ބޭސްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2024).
(ރ) އިޖުތިމާޢީ އަދި
އިގުތިޞާދީ މައްސަލަތައް : ބައެއް
ފަހަރު ފަލަވުމާއި، އިޖުތިމާޢީ އަދި އިގުތިޞާދީ މައްސަލަތަކާ ގުޅިފައި ހުރެއެވެ.
މިސާލަކަށް އެމީހަކު ދިރިއުޅޭ މުޖުތަމައުގައި ހިނގައި، ދުވެ، ކަސްރަތުކޮށްލާނެ
ރައްކާތެރި ތަނެއް ނެތްނަމަ، ފަލަކޮށް ހުންނަ މީހަކު ހިކުމަކީ ނޫނީ
ފަލަވިޔަނުދިނުމަށް މަސައްކަތް ކުރުމަކީ އުދަނގޫ ކަމަކަށް ވެދާނެއެވެ. ހަށިގަނޑަށް
ފައިދާހުރި ގޮތަށް ކާތަކެތި ތައްޔާރުކުރަން ނޭނގުން، އުޅޭ މުޖުތަމައަކުން
ފައިދާހުރި ކާބޯތަކެތި ލިބޭނެ ގޮތް ފަހިވެފައިނެތުން، އަދި އެކުގައި އުޅޭ ބައެއް
(އެކުގައި އުޅޭ މީހުންނަކީ ފަލަވުން ފަދަ ކަންކަމަށް މާބޮޑަށް ނުބަލާ ނޫނީ
އަޅާނުލާ ބަޔަކަށްވުން) ގެ އާދަތަކުގެ ސަބަބުން ވެސް ފަލަވުމަށް މަގުފަހިވެދާނެ
އެވެ. ރަހުމަތްތެރިންނާއި، އާއިލާ މެންބަރުންގެ ތެރޭގައި ފަލަމީހުން ގިނަ ނަމަ،
އެމީހުންނާއި އެކުގައި އަބަދު ވަގުތު ހޭދަކުރުމުން (އެމީހުން ކާ ކާބޯތަކެތި ކެވި،
އެމީހުންނެކޭ އެއްފަދައިން ކަސްރަތު ނުކޮށް އުޅުން ) އެމީހުންނެކޭ އެއްގޮތަށް
ފަލަވެގެން ދިއުމަށް މަގުފަހިވެއެވެ (މެޔޯކްލިނިކް، 2024).
(ބ) އުމުރު : ކޮންމެ އުމުރެއްގައި ވެސް ހުންނަށްޖެހޭ މިންވަރަށް ވުރެ
ބަރުދަން އިތުރުވެ. ފަލަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އުމުރުން ދުވަސްވާ
ވަރަކަށް ހޯރމޯން އަށް އަންނަ ބަދަލުތަކާއި، ޖިސްމާނީ ހަރަކާތްތެރިކަން ދަށްވުމުން
ފަލަވުމުގެ ހިރާސް އިތުރުވެގެން ދެއެވެ. މީގެ އިތުރުން އުމުރުން ދުވަސްވާ ވަރަކަށް
ހަށިގަނޑުގައި ހުންނަ މަސްތަކުގެ މިންވަރު ވެސް މަދުވެއެވެ. އާންމު ގޮތެއްގައި
ހަށިގަނޑުގައި ހުންނަ މަސްތަކުގެ މާސް ނޫނީ ނިސްބަތް މަދުވުމަކީ ހަށިގަނޑުގައި
ހިނގާ ގިރިބިންކުރުމުގެ މަސައްކަތް(metabolism) ދަށްވާނެ ކަމެކެވެ. މިބަދަލުތަކުގެ ސަބަބުން
ހަށިގަނޑުން އިތުރުވާ ހަކަތައާއި، ބަރުދަން ދުއްވާލަން އުދަނގޫވެއެވެ. އުމުރުން
ދުވަސްވާ ވަރަކަށް ކެއުމުގައި ބަލައިގެން ނޫޅުމާއި، ހެލިފެލިވެ، ކަސްރަތުކޮށް
ނޫޅޭނަމަ، ބަރުދަން އިތުރުވެ، އާދަޔާ ޚިލާފަށް ފަލަވެގެންދިއުމަކީ އެކަށީގެންވާ
ކަމެކެވެ (މެޔޯކްލިނިކް، 2024).
(ޅ) އެހެނިހެން ކަންތައްތައް :
ފަލަވުމަށް މަގުފަހިވެދާނެ އެހެނިހެން ކަންތައްތަކުގެ
ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) މާބަނޑުވުން : މާބަނޑު ދުވަސްވަރު ބަރުދަން އިތުރުވުމަކީ އާންމު
ކަމެކެވެ. އަދި ދިމާވާނެ ކަމެކެވެ. ނަމަވެސް ބައެއް މީހުންނަށް ވިހެއުމަށްފަހު،
މާބަނޑު ދުވަސްވަރު އިތުރުވެގެންދިޔަ ބަރުދަން ދުއްވާލުމަށް ނޫނީ ލުއިކޮށްލުމަށް
އުދަނގޫވެއެވެ. މިގޮތަށް މާބަނޑުވުމާއި ގުޅިގެން އިތުރުވެގެންދާ ބަރުދަން
އިތުރުވުމަކީ އަންހެނުން ފަލަވެގެން ދިއުމަށް ނޫނީ އާދަޔާ ޚިލާފަށް
ފަލަވެގެންދިއުމަށް މެދުވެރިވާ ސަބަބަކަށް ވެއެވެ (މެޔޯކްލިނިކް، 2024).
(ށ) ދުންފަތުގެ
އިސްތިއުމާލުކުރުން ހުއްޓާލުން : ދުންފަތުގެ
އިސްތިއުމާލުކުރާ މީހަކު އެކަން ހުއްޓާލުމަކީ ބަރުދަން އިތުރުވެ، ފަލަވެގެން
ހިނގައިދާނެ ކަމެކެވެ. ގިނަ ފަހަރު މިހެން ދިމާވަނީ ދުންފަތުގެ އިސްތިއުމާލުކުރުން
ހުއްޓާލުމުން ރަހައާއި ވަސް ރަނގަޅުވެ، ކާހިތްވެ، މާގިނައިން ކެވި އަދި
ކަސްރަތުކުރުން ފަދަ ކަންތައްތައް ކުރިޔަށް ނުގެންދެވޭތީ އެވެ. އެހެންކަމުން
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ދުވަސްވަރު ކެއުމުގެ އާދަތައް
މިންހެޔޮކޮށް ބެހެއްޓުމާއި، ކަސްރަތުކޮށް ހެލިފެލިވެއުޅުން އިތުރުކުރުމަކީ މިފަދަ
ބީދައިން ކުރިމަތިވާ ފަލަވުން ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ (މެޔޯކްލިނިކް،
2024).
(ނ) ނިދިމަދުވުން : ނިދިމަދުވުން ނޫނީ އެކަށޭނަ ވަރަށް ނިދި ނުލިބުމަކީ ވެސް
ފަލަވުމަށް މަގުފަހިވާ ކަމެކެވެ. އެކަށޭނަ ވަރަށް ނިދި ނުލިބުމަކީ ހޯރމޯންތަކަށް
ބަދަލު އައިސް، ކާހިތްވުން އިތުރުކުރާނެ ކަމެކެވެ. އަދި ނިދި މަދުވުމަކީ ހަކަތަ
ގިނަ ކާބޯތަކެއްޗާއި، ކާބޯހައިޑްރޭޓް ގެ ބާވަތްތައް ކެއުމަށް މަގުފަހިކުރުވާ
ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަރުދަން އިތުރުވެގެން ދެއެވެ (މެޔޯކްލިނިކް،
2024).
(ރ) ފިކުރުބޮޑުވުން : މީހާގެ އުޅުމާއި، މިޒާޖާއި، ދުޅަހެޔޮކަމަށް އަސަރުކުރާ
ވަރަށް ގިނަ ކަންތައްތަކުގެ ސަބަބުން ފަލަވުމަށް މަގުފަހި ކުރެއެވެ. ޚާއްޞަކޮށް
ފިކުރުބޮޑުވުން ނޫނީ ހާސްވެ ކަންބޮޑުވުމާއި ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުގެ
ތެރޭގައި އުޅޭ ދުވަސްވަރު ހަކަތަ ގިނަ ކާބޯތަކެތި ކެއުމަށް އިސްކަންދޭކަން ފާހަގަ
ކުރެވެއެވެ. އަދި އެކަމުގެ ސަބަބުން ފަލަވުމަށް މެދުވެރި ވެއެވެ (މެޔޯކްލިނިކް،
2024).
(ބ) މައިކްރޯބަޔޯމް : މައިކްރޯބަޔޯމް ގެ މާނައަކީ ވަކި މާހައުލެއްގައި ޖަރާސީމު
އެކުލެވޭ ގޮތެވެ. އެގޮތުން މައިދާގައި ޖަރާސީމު އެކުލެވިގެންވާ ގޮތަކީ ކެއުމުން
ނުފޫޒު ފޯރެވޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ފަހަރުގައި ފަލަވުމަށް
މަގުފަހިކޮށްފާނެ ކަމެކެވެ (މެޔޯކްލިނިކް، 2024).
އަލާމާތްތައް
އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވުން
ފަލަވުން ދެނެގަތުމަށް ބޭނުންކުރެވޭ މިންގަނޑަކީ ބޮޑީ މާސް އިންޑެކްސް ނުވަތަ
ބީއެމްއައި އެވެ. އާންމު ގޮތެއްގައި ހުންނަށްޖެހޭ ވަރަށްވުރެ ތަންކޮޅެއް ބަރުދަން
އިތުރުވުން(overweight)، އަދި އާދަޔާ ޚިލާފަށް ހަށިގަނޑު
ބަރުހެލިވެ، ފަލަވުން(obesity) މިންކުރަނީ ބޮޑީ މާސް އިންޑެކްސް(Body Mass Index) ނުވަތަ ބީއެމްއައި(BMI) ހޯދައިގެންނެވެ. ބޮޑީ މާސް އިންޑެކްސް އަކީ
އިސްކޮޅާއި ބަރުދަން އަޅާ ކިޔައިގެން ހަށިގަނޑުގައި ސަރުބީ ހުންނަށްޖެހޭ މިންވަރު
ކަނޑައަޅާ މިންގަނޑެކެވެ. މީގެ އިތުރުން އުނަގަނޑުގެ ވަށަމިން ހޯދުމަކީ ވެސް
އާދަޔާ ޚިލާފަށް ބަރުހެލިވެ، ފަލަވުން ހުރިތޯ ބެލުމަށް ބޭނުންކުރެވޭ މިންގަނޑެކެވެ
(ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2024).
ބޮޑީ މާސް އިންޑެކްސް ނުވަތަ
ބީއެމްއައި
އިންސާނާގެ ހަށިގަނޑުގެ ބޮޑީ މާސް
އިންޑެކްސް ހުންނަށްޖެހޭ އެންމެ އެދެވޭ މިންވަރަކީ 24.9-18.5 އާއި ދެމެދެވެ. 30-25
އާއި ދެމެދު ހުރެއްޖެނަމަ އެއީ ހުންނަށްޖެހޭ މިންވަރަށްވުރެ ތަންކޮޅެއް ބަރުދަން
އިތުރުވުން ކަމުގައި ބެލެވެއެވެ. އަދި 30 އަށްވުރެ މަތިވެއްޖެނަމަ އެއީ އާދަޔާ
ޚިލާފަށް ބަރުހެލިވެ ފަލަވުން ކަމުގައި ބެލެވެއެވެ. އިންސާނެއްގެ ބީއެމްއައި 18.5
އަށްވުރެ ދަށްނަމަ އެއީ ހުންނަށްޖެހޭ މިންވަރަށްވުރެ ބަރުދަން ލުއިވުން ކަމުގައި
ބެލެވޭނެ އެވެ. ތަބީޢީ ގޮތެއްގައި އިންސާނެއްގެ ބީއެމްއައި ހުންނަށްޖެހޭ އެންމެ
އެދެވޭ މިންވަރަކީ 24.9 – 18.5 އާއި ދެމެދެވެ. އެހެންކަމުން އާންމު ގޮތެއްގައި
ބޮޑު މީހެއްގެ ބީއެމްއައި 25 އަށްވުރެ މަތިވެއްޖެނަމަ ބެލެވޭނީ ހުންނަށްޖެހޭ
މިންވަރަށްވުރެ ތަންކޮޅެއް ބަރުދަން އިތުރުވުން ކަމުގައެވެ. އަދި ބޮޑު މީހެއްގެ
ބީއެމްއައި 30 އަށްވުރެ މަތިވެއްޖެނަމަ ބެލެވޭނީ އާދަޔާ ޚިލާފަށް ބަރުހެލިވެ،
ފަލަވުން ކަމުގައެވެ. އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން ބެހިފައިވާ
ބައިތަކުގެ ތެރޭގައި ދަރަޖަ 1 މާނަކުރެވެނީ ބީއެމްއައި 34-30 އާއި ދޭތެރޭގައި
ހުރިނަމަ އެވެ. އަދި ދަރަޖަ 2 ނިސްބަތް ކުރެވެނީ 39-35 އާއި ދޭތެރޭގައި ބީއެމްއައި
ހުރިނަމަ އެވެ. އަދި 40 އަށްވުރެ މަތިނަމަ މާނަކުރެވެނީ ނުރައްކާތެރި ދަރަޖައަކަށް
ހަށިގަނޑު ބުރަހެލިވެ ފަލަވުން ނުވަތަ ދަރަޖަ 3 ކަމުގައެވެ (ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާ، 2024).
ބީއެމްއައި |
ބީއެމްއައި
ދޭހަވާ މާނަ |
18.5އަށް
ވުރެ ދަށް |
ހުންނަށްޖެހޭ
މިންވަރަށްވުރެ ބަރުދަން ލުއި |
24.9-18.5
އާއި ދެމެދު |
ބަރުދަން
ހުންނަށްޖެހޭ އެންމެ އެދެވޭ މިންވަރު |
29.9 – 25
އާއި ދެމެދު |
ބަރުދަން
ހުންނަށްޖެހޭ ވަރަށްވުރެ ތަންކޮޅެއް ބަރު |
30 އަށްވުރެ
މަތި |
ބަރުދަން
ހުންނަށްޖެހޭ ވަރަށްވުރެ މާ ބަރު |
މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ
އަމަލުކުރާ އުސޫލު ކަމުގައި ވިޔަސް އޭޝިޔާގެ ގައުމުތަކުގެ މީހުންގެ ބީއެމްއައި 23
އަށްވުރެ މަތިނަމަ އެކަމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ހިރާސް
އިތުރުވާކަމަށް ބެލެވިފައި ވެއެވެ (މެޔޯކްލިނިކް، 2024).
ގިނަ މީހުންނަށް ބީއެމްއައި ހެދުމުން
ގަބޫލުކުރެވޭ މިންގަނޑެއްގެ ސަރުބީ ހުރިކަމަށް ދައްކައިދެއެވެ. ނަމަވެސް
ހަގީގަތުގައި ބީއެމްއައި އަކީ ހަށިގަނޑުގެ ސަރުބީ ސީދާ މިންކޮށްދޭ މިންގަނޑެއް
ނޫނެވެ. ބައެއް މީހުން މިސާލަކަށް ބޮޑީ ބިލްޑްކުރާ މީހުން (މަސްކިޔުލަރ އެތުލީޓުން)
ގެ ހަށިގަނޑުގައި ބައިވަރު ސަރުބީތައް ޖަހާފައި ނެތަސް، އެމީހުންގެ ބީއެމްއައި
އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ ފަލަވުމޭ ބުނެވޭ ދަރަޖައިގައި ހުރެދާނެއެވެ
(މެޔޯކްލިނިކް، 2024).
ބީއެމްއައި ބެލުމާއެކުގައި އުނަގަނޑު ގެ
ވަށަމިން ބެލުމަކީ ވެސް މުހިއްމު ކަމެކެވެ. އަދި އާދަޔާ ޚިލާފަށް ފަލަވުން
ކުރިމަތިވެފައިވޭތޯ ޔަގީންކުރުމަށް މިއީ ކުރުން ވަރަށް މުހިއްމު ކަމެކެވެ. އުނަގަނޑުގެ ވަށަމިން 40 އިންޗިއަށްވުރެ ބޮޑު
ފިރިހެނުން އަދި 35 އިންޗިއަށް ވުރެ ބޮޑު އަންހެނުންނަށް ބަރުދަނާ ގުޅުންހުރި
ޞިއްހީ މައްސަލަތައް ދިމާވުން އާންމުކަން ފާހަގަ ކުރެވިފައި ވެއެވެ. ބަރުދަން
ލުއިކުރުމަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުމަށް ބޭނުންކުރެވޭ އަނެއް
މިންގަނޑަކީ ހަށިގަނޑުގެ ސަރުބީގެ މިންވަރު ބެލުމެވެ (މެޔޯކްލިނިކް، 2024).
ބީއެމްއައި ހަދާނެގޮތް
ބީއެމްއައި ބަލަނީ މީހެއްގެ ބަރުދަން
ހުންނަވަރުން އެމީހެއްގެ އިސްކޮޅު ހުންނަ މިންވަރު މީޓަރު2 ކަލްކިޔުލޭޓް
ކޮށްގެންނެވެ. މިސާލަކަށް މީހެއްގެ ބަރުދަނަކީ 85 ކިލޯ ކަމަށް ބަލަމާ ހިނގާށެވެ.
އަދި އެމީހެއްގެ އިސްކޮޅަކީ 170ސމ ކަމަށް ބަލަމާ ހިނގާށެވެ. މިހާލަތުގައި ފުރަތަމަ
170ސމ މީޓަރަށް ބަދަލުކުރުމުން އަންނަނީ 1.7 މީޓަރެވެ. ދެން ބަރުދަނުގައި ހުރި
ކިލޯގްރާމްގެ އަދަދު (85) ، އިސްކޮޅު މީޓަރުން ހުރިވަރު ދެފަހަރަށް ގެއްލާށެވެ.
ލިބޭ އަދަދަކީ މި މިސާލުގައިވާ މީހާގެ ބީއެމްއައި އެވެ. އެގޮތުން ބީއެމްއައި
ހަދާފައިވާގޮތް ތިރީގައި މިވަނީ އެވެ.
ބަރުދަން |
85 |
އިސްކޮޅު
(މީޓަރުން) |
1.7 |
ބަރުދަން
/ އިސްކޮޅު މީޓަރުން |
85/1.7× 1.7 = 85/2.89 |
ބީއެމްއައި |
29.4 |
މިފަދަ މީހެއްގެ ބަރުދަން އެންމެ އެދެވޭ
މިންވަރު ވެސް ބަލާލެވިދާނެ އެވެ. އެގޮތުން މީހެއްގެ ބަރުދަން ހުންނަށްޖެހޭ އެންމެ
އެދެވޭ މިންވަރު ބަލާނެ ގޮތަކީ މީހެއްގެ އިސްކޮޅު މީޓަރުން ހުންނަ ވަރު
ގުނަކުރާށެވެ. މިސާލަކަށް 1.7 × 1.7 = 2.89 އެވެ.
ފުރަތަމަ މި އިސްކޮޅުގެ މީހަކު ގެ ބަރުދަން އެންމެ ދަށްވެގެން ހުންނަށްޖެހޭ
މިންވަރު ބަލަމާ ހިނގާށެވެ. މިފަދަ މީހެއްގެ އެންމެ ދަށްވެގެން ބަރުދަން
ހުންނަށްޖެހޭ މިންވަރު ބެލުމަށް މީޓަރު2 ހެދުމުން އައިވަރު 2.89 އާއި 18.5
(ބީއެމްއައި ތަބީޢީ ގޮތުން އެންމެ ދަށްވެގެން ހުންނަށްޖެހޭ މިންވަރު) އާއި
ގުނަކުރާށެވެ. މިސާލަކަށް 2.89 × 18.5 = 53.46 ކިލޯގްރާމް
އެވެ. މިއީ މިއިސްކޮޅު ހުންނަ މީހެއްގެ ބަރުދަން އެންމެ ދަށްވެގެން ހުންނަށްޖެހޭ
މިންވަރެވެ. ހަމަ މިގޮތަށް އެންމެ މަތިވެގެން ހުންނަ މިންވަރު ބެލުމަށް 2.89 އާއި
24.9 (ބީއެމްއައި ތަބީއީ ގޮތުން އެންމެ މަތިވެގެން ހުންނަށްޖެހޭ މިންވަރު) އާއި
ގުނަކުރާށެވެ. މިސާލަކަށް 2.89 × 24.9 = 71.96 އެވެ.
މިއީ މި އިސްކޮޅު ހުންނަ މީހެއްގެ ބަރުދަން އެންމެ މަތިވެގެން ހުންނަށްޖެހޭ
މިންވަރެވެ. އެހެންކަމުން މި އިސްކޮޅު ހުންނަ މީހެއްގެ ބަރުދަން އެންމެ އެދެވޭ
މިންގަނޑަކީ ނޫނީ މިންވަރަކީ 53.46 – 71.96 ކިލޯ އާއި ދެމެދެވެ. އެހެންކަމުން
މަތީގައި ދެވިފައިވާ މިސާލަކަށް ރިޢާޔަތްކޮށް ބަލާއިރު މި އިސްކޮޅު ހުރި މީހެއްގެ
85 ކިލޯ ބަރުދަނުގައި ހުރިނަމަ، ބަރުދަން ހުންނަށްޖެހޭ އެންމެ އެދެވޭ މިންގަނޑަށް
ދަށްކުރުމަށްޓަކައި ގާތްގަނޑަކަށް 14 ކިލޯވަރު ބަރުދަނުން ދުއްވާލަން ނޫނީ
ވިރުވާލަން ޖެހޭނެ އެވެ.
ދިމާވެދާނެ ނުރައްކާތައް
އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ،
ފަލަވުމަކީ އެކަމުގެ ސަބަބުން ތަފާތު ޞިއްޙީ މައްސަލަތައް ފެންމަތިވެގެންދާނެ
ކަމެކެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.
·
ހިތުގެ ބަލިތަކާއި ސްޓްރޯކްޖެހުން : ފަލަވުމަކީ ލޭގެ ޕްރެޝަރު މައްޗަށް ގެންގޮސް، ނުރަނގަޅު
ސަރުބީގެ މިންވަރު ލޭގައި މަތި ކުރާ ކަމެކެވެ. ލޭމައްޗަށް ދިއުމާއި، ސަރުބީ
މަތިވުމަކީ ހިތުގެ ބަލިތައް ޚާއްޞަ ކޮށް ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ
ހިރާސް އިތުރުކުރާ ކަމެކެވެ.
·
ހަކުރުބަލި ޖެހުން : ފަލަވުމަކީ ހަށިގަނޑުގައި އިންސިއުލިން އިން ހަކުރު
ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ބުރޫއަރުވާ ކަމެކެވެ. އެހެންކަމުން ފަލަވުމަކީ
އިންސިއުލިން ހަށިގަނޑަށް ބޭނުންހިފޭގޮތް ހެދުމަށް ހުރަސްއަޅައި ނޫނީ އެދެވޭ
ގޮތެއްގައި އިންސިއުލިން މަސައްކަތް ކުރުމަށް ބުރޫއަރުވައި، ހަކުރު ބަލި ޖެހުމުގެ
ހިރާސް އިތުރުކުރުވާ ކަމެކެވެ.
·
ބައެއް ވައްތަރުގެ ކެންސަރުތައް ޖެހުން : ފަލަވުމަކީ ބައެއް ވައްތަރުގެ ކެންސަރުތައް ޖެހުމުގެ
ހިރާސް އިތުރުކުރާ ކަމެކެވެ. އެގޮތުން ފަލަވުމުގެ ސަބަބުން ކުރިމަތިވުމުގެ ހިރާސް
އިތުރުވާ ކެންސަރުތަކުގެ ތެރޭގައި ރަހިމުގެ ކެންސަރު، ރަހިމުގެ ދޮރުގެ ކެންސަރު،
ބިސްރަވައިގެ ކެންސަރު، ރަހިމުގެ މަސްފަށަލައިގެ ކެންސަރު، އުރަމަތީގެ ކެންސަރު،
ފުރަގަސް ފަރާތުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، ކާތަކެތި ހިނގާހޮޅީގެ ކެންސަރު،
ފިތުގެ ކެންސަރު، ގުރުދާގެ ކެންސަރު، ޗިސްމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު
ފަދަ ކެންސަރުގެ ތަފާތު ވައްތަރުތައް ހިމެނެއެވެ.
·
ހަޖަމުކުރާ ނިޒާމުގެ މައްސަލަތައް : ފަލަވުމަކީ ހަޖަމުކުރާ ނިޒާމާއި ގުޅުންހުރި މައްސަލަތައް
ކަމުގައިވާ މޭއެންދުން، ފިތުގެ ބަލިތައް އަދި ފުރަމޭގެ ބަލިތައް ކުރިމަތިވުމުގެ
ހިރާސް އިތުރުކުރާ ކަމެކެވެ.
·
ނިދީގައި ނޭވާހުއްޓުން : ފަލަ މީހުންނަށް ނިދީގައި ނޭވާހުއްޓުމުގެ ހިރާސް އިތުރު
ކަން ފާހަގަ ކުރެވެއެވެ.
·
އޮސްޓީއޯ އާތުރައިޓިސް : ފަލަވުމަކީ ހަށިގަނޑު ބަރު ހިފަހައްޓާ ހުޅުތަކަށް
ބާރުކުރުން އިތުރުކުރާނެ ކަމެކެވެ. މީގެ އިތުރުން ފަލަވުމަކީ ހަށިގަނޑުގައި
ދުޅައާއި ރިހުން އިތުރުކުރުވައި، ހަށިގަނޑުގައި ހޫނުކަން އުފައްދާ ކަމެކެވެ.
މިކަންކަމުގެ ސަބަބުން ހުޅުތައް ދުޅަވުމުގެ ވައްތަރެއް ކަމުގައިވާ
އޮސްޓީއޯއާތުރައިޓިސް ކުރިމަތި ކުރުވައެވެ.
·
ފުރަމޭގައި ސަރުބީ ހަރުލާ ބަލި : ފަލަވުމަކީ ފުރަމޭގައި ސަރުބީ ހަރުލުމުގެ ހިރާސް
އިތުރުކުރާ ކަމެކެވެ. ފުރަމޭގައި ސަރުބީ ހަރުލުމަކީ އެކަމުގެ ސަބަބުން ފުރަމެޔަށް
ގެއްލުންވެ، ފުރަމޭގައި ލަކުނުލައިފާނެ ކަމެކެވެ.
·
ކޮވިޑް 19 ގައި އުނދަގޫތައް ގިނައިން
ކުރިމަތިވެ، ބޮޑުވަރުވުން : ފަލަކޮށް
ތިބޭ މީޙުންނަށް ކޮވިޑް 19 ޖެހިއްޖެނަމަ ބޮޑުވަރު ވުމުގެ ހިރާސް އިތުރުކަން ފާހަގަ
ކުރެވިފައި ވެއެވެ.
ދެނެގަތުން
އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ
ފަލަވުން ދެނެގަތުމަށް ތަފާތު ޓެސްޓުތައް އަދި ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި
ޗެކުކުރެވެއެވެ. އާންމުކޮށް ހަދައިއުޅޭ ޓެސްޓުތައް ތިރީގައި މިވަނީ އެވެ.
·
ބަލިމީހާގެ ހާލަތު ދެނެގަތުން : އެގޮތުން އެމީހެއްގެ ބަރުދަން ހުރިވަރު، ބަރުދަން
އިތުރުވުން، ބަރުދަން ލުއިވުން ކުރީގައި ހުރިނެތްގޮތް، ޖިސްމާނީ
ހަރަކާތްތެރިކަމާއި، ހެލިފެލިވެއުޅުން އަދި ކަސްރަތުކުރުމުގެ އާދަ ގެންގުޅޭގޮތް
އަހައި އޮޅުން ފިލުވާނެއެވެ. ކެއުމުގެ އާދަކާދަ ހުރިނެތްގޮތް ވެސް ބަލާނެއެވެ.
އެއްވެސް ކަހަލަ ބައްޔެއް ހުރިތޯ އާއި، އެއްވެސް ކަހަލަ ބޭހެއް ގަވާޢިދުން
ބޭނުންކުރޭތޯ ވެސް ބަލައި ޗެކުކުރާނެ އެވެ. އަދި މީހާގެ ސްޓްރެސް ލެވެލް ވެސް
ޗެކުކުރާނެ އެވެ. އާއިލާގެ ތެރޭގައި ފަލަވުން ދައުރުވަމުން އާދޭތޯ ވެސް އަހައި
އޮޅުން ފިލުވާނެއެވެ.
·
ޖިސްމާނީ ގޮތުން ހަށިގަނޑު ޗެކުކުރުން : އެގޮތުން އަސާސީ ނިޝާންތައް ކަމުގައިވާ ލޭގެ ޕްރެޝަރު،
ހިތުގެ ވިންދު، ހަށިގަނޑުގެ ފިނިހޫނުމިން، އިސްކޮޅު، ބަރުދަން، ބީއެމްއައި ހޯދުން،
އަދި ހިތާއި، ފުއްޕާމޭ ކަށިގަނޑު އަޅައިގެން ބެލުމުގެ އިތުރުން ބަނޑު ވެސް
ޗެކުކޮށް ހަދާނެއެވެ.
·
ބޮޑީ މާސް އިންޑެކްސް ނުވަތަ ބީއެމްއައި ހޯދުން
: ފަލަކަން ދެނެގަތުމަށް ބޮޑީ މާސް
އިންޑެކްސް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މީހެއްގެ ބީއެމްއައި 30
އަށްވުރެ މަތިނަމަ ބެލެވޭނީ އެމީހަކު އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ،
ފަލަވުން ކުރިމަތިވެފައިވާ ކަމަށެވެ. ބީއެމްއައި 30 އަށްވުރެ މަތިވުމަކީ ތަފާތު
ޞިއްޙީ ނުރައްކާތަކަށް ހުށަހެޅޭނެ ކަމެކެވެ. ކޮންމެ އަހަރަކު 1 ފަހަރު ނޫނީ ދޭތެރެ
ދޭތެރެއިން ބީއެމްއައި ޗެކުކޮށް ބަލަމުން ގެންދިއުމަކީ ދިމާވެދާނެ ޞިއްޙީ
ނުރައްކާތަކުން ދުރާލާ ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·
އުނަގަނޑުގެ ވަށަމިން ބެލުން : އާންމު ގޮތެއްގައި ފިރިހެނުންގެ އުނަގަނޑުގެ ވަށަމިން
ހުރުން އެދެވިގެންވަނީ 40 އިންޗިއަށްވުރެ ދަށުގައެވެ. އަދި އަންހެނުންގެ
އުނަގަނޑުގެ ވަށަމިން ހުރުން އެދެވިގެންވަނީ 35 އިންޗިއަށް ވުރެ ދަށުގައެވެ.
މަދުވެގެން އަހަރަކު 1 ފަހަރު އުނަގަނޑުގެ ވަށަމިން ވެސް ބަލައި ޗެކުކޮށްލުމަކީ
މުހިއްމު ކަމެކެވެ.
·
އެހެނިހެން ޞިއްހީ މައްސަލައެއް ހުރިތޯ
ކަށަވަރުކުރުން : އާދަޔާ ޚިލާފަށް
ފަލަވުން ކުރިމަތިވެފައިވާނަމަ، އެހެނިހެން ޞީއްހީ މައްސަލަތައް މިސާލަކަށް
ލޭމައްޗަށްދިއުން، ސަރުބީ މަތިވުން، ހަކުރުބަލި ފަދަ ކަމެއް ހުރިތޯ ޓެސްޓުކޮށް
ޔަގީންކުރާނެއެވެ.
ފަރުވާ
އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ
ފަލަވުމަށް ފަރުވާކުރުމުގައި މައިގަނޑު އަމާޒަކީ ބަރުދަން އެކަށޭނަ ވަރަކަށް
ތިރިކުރުމަށްފަހު، އެގޮތުގައި ބަރުދަން ހިފެހެއްޓުމެވެ. މިކަމުގެ ސަބަބުން އާންމު
ދުޅަހެޔޮކަން ރަނގަޅުވެ، ފަލަވުމާއި ގުޅިގެން ކުރިމަތިވާ ނުރައްކާތައް
ކުރިމަތިވުމުގެ ހިރާސް ކުޑަކޮށް ދެއެވެ.
އެންމެ ފުރަތަމަ އަމާޒަކީ ބަރުދަނުން
%10-%5 ނޫނީ މެދު މިންވަރަކަށް ލުއިކޮށްލުން ނޫނީ ދުއްވާލުމެވެ. މީގެ މާނައަކީ
ތިބާގެ ބަރުދަނުގައި ހުރީ 91 ކިލޯ ކަމުގައިވާނަމަ ގާތްގަނޑަކަށް 9-4.5 ކިލޯގްރާމް
ދުއްވާލުމެވެ. ނަމަވެސް ބަރުދަން ލުއިކޮށްލެވޭ މިންވަރު އިތުރުވާ ވަރަކަށް ލިބޭ
ފައިދާ އިތުރުވެއެވެ. ބަރުދަން ލުއިކުރުމަށް ހުންނަ ޕްރޮގްރާމުތައް އާންމު
ގޮތެއްގައި ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުމާއި، މިންހެޔޮކެއުމަށް
ލަފާދެއެވެ. ފަރުވާ ކުރިޔަށް ގެންދާނެ ގޮތް ބަރޯސާނީ ވަނީ ބަރުދަން ހުރި މިންވަރު،
އާންމު ދުޅަހެޔޮކަން އަދި ބަރުދަން ލުއިކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގައި
ބަލިމީހާގެ ރުހުމާއި އެއްބާރުން ހުންނަ މިންވަރެއްގެ މައްޗަށެވެ.
ކެއުމަށް ބަދަލުގެނައުން
ހަށިގަނޑަށް އެތެރެކުރެވޭ ހަކަތައިގެ
މިންވަރު މަދުކުރުމާއި، މިންހެޔޮ ކާނާގެ އުސޫލުތަކަށް ތަބާވުމަކީ އާދަޔާ ޚިލާފަށް
ބަރުހެލިވެ ފަލަވެފައިވާ ހަށިގަނޑު ލުއިކޮށްލުމުގައި އަމަލުކުރަންޖެހޭ އެންމެ
އަސާސީ ކަންތައްތަކެވެ. ކުރީކޮޅުގައި ބަރުދަން ކުއްލިއަކަށް ތަންކޮޅެއް ބޮޑަށް
ލުއިވިޔަސް، އަމާޒަކަށް ވާންވާނީ ދިގުމުއްދަތަކަށް މަޑުމަޑުން ބަރުދަން
ލުއިކުރަމުން ގެންދިއުމަށް މަސައްކަތް ކުރުމެވެ. އެއީ މިފަދަ ހާލަތުގައި ހުންނަ
މީހަކަށް ބަރުދަން ލުއިކުރުމުގައި އަމަލުކުރުމަށް އެންމެ ރައްކާތެރި ގޮތް ވެސް
މެއެވެ.
ބަރުދަން ލުއިކުރުމަށް ކެއުމުގައި
އަމަލުކުރަންޖެހޭ ވަކި ޚާއްޞަ އުކުޅުތަކެއް ނުވެއެވެ. ނަމަވެސް މިންހެޔޮކާނާ ގެ
އުސޫލަށް ތަބާވެ، ކެއުމުގައި އެމީހަކަށް ރަނގަޅުހެން ހީވާ ފައިދާހުރި ބާވަތްތައް
ހިމަނައިގެން ކެއުން ތައްޔާރުކޮށް ކުރިޔަށް ގެންދެވިދާނެ އެވެ. އާދަޔާ ޚިލާފަށް
ބަރުހެލިވެ، ފަލަވުމަށް ފަރުވާކުރުމުގައި ކެއުމަށް ގެންނަށް ޖެހޭ ބަދަލުތައް
ތިރީގައި މިވަނީ އެވެ.
·
ހަށިގަނޑަށް އެތެރެވޭ ހަކަތައިގެ މިންވަރު
މަދުކުރުން : ބަރުދަން ލުއިކުރުމުގައި
ބަލަންޖެހޭ އަސާސީ އެއް ކަމަކީ ހަށިގަނޑަށް އެތެރެވާ ހަކަތައިގެ މިންވަރު
މަދުކުރުމެވެ. އެގޮތުން އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ މިހާރު ކެއުން
ހުރިނެތްގޮތް މުރާޖަޢާ ކޮށްލުމެވެ. މިހާރު ބޭނުންކުރެވޭ ކާބޯތަކެތިން ހަކަތަ
އެތެރެވާ މިންވަރު އަންދާޒާކޮށް، ހަކަތަ މަދުކުރެވެން ހުރިގޮތްތައް މުރާޖައާ
ކުރެވިދާނެ އެވެ. ޑޮކްޓަރާއި ވާހަކަ ދެއްކުމަށްފަހު، ބަރުދަން ލުއިކުރުމަށް
ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ މިންވަރު ކަނޑައެޅިދާނެ އެވެ. އެންމެ
އެދެވޭ މިންވަރަކީ އަންހެނަކަށް ދުވާލަކަށް 1500-1200 ކިލޯ ކެލަރީ، އަދި
ފިރިހެނަކަށް 1800-1500 ކިލޯ ކެލަރީ ހަށިގަނޑަށް އެތެރެވުމެވެ.
·
މަދުއެތިކޮޅަކުން ބަނޑުފުރުމަށް
މަސައްކަތްކުރުން : ބައެއް ވައްތަރުގެ
ކާބޯތަކެތި މިސާލަކަށް ފޮނިތަކެތި، މެޓާ، ފެޓް، ޕްރޮސެސްޑް ފުޑްގެ ބާވްތަކުގެ ކުޑަ
މިންވަރެއްގައި ވެސް ވަރަށް ބައިވަރު ހަކަތަ ހުރެއެވެ. އެއާއި ޚިލާފަށް ތަރުކާރީ
މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތަކުގައި ވަރަށް ބޮޑު މިންވަރެއްގައި ހިމެނެނީ މަދު
މިންވަރެއްގެ ހަކަތަ އެވެ. އެހެންކަމުން ހަކަތަ މަދުން ހުންނަ ބާވަތްތައް ގިނައިން
ކެއުމުން ބަނޑުފުރުމާއެކު، ހަށިގަނޑަށް އެތެރެވާ ހަކަތައިގެ މިންވަރު މަދުކުރެވޭނެ
އެވެ. މިހެންވުމުން އެމީހަކަށް ވެސް ލިބޭ ހިތްހަމަޖެހުން އިތުރުވެގެން ދެއެވެ.
·
ދުޅަހެޔޮ އަދި މިންހެޔޮ ކާބޯތަކެއްޗަށް
އިސްކަންދިނުން : ޖުމުލަކޮށް މިންހެޔޮ
ކެއުމަކަށް ދާއިރު ބޮޑަށް ބަލަންވީ ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތި ބޮޑަށް
ޚިޔާރުކުރުމަށެވެ. ނޫނީ ގިނައިން ކެއުމަށެވެ. މީގެ ތެރޭގައި މޭވާ، ތަރުކާރީ، އަދި
ހޯލް ގްރެއިން ގެ ނޫނީ ގޮވާމުގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ޕްރޮޓީން
ބޭނުންކުރާއިރު ސެޗުރޭޓަޑް ފެޓް (ނުރަނގަޅު ސަރުބީ) އަދި ހަކަތަ މަދުން އެކުލެވޭ
ޕްރޮޓީންގެ ބާވަތްތައް މިސާލަކަށް ތޮޅި، މުގު، ސޯޔާ، އަދި ލީން މީޓް ނުވަތަ ސަރުބީ
މަދުން ހުންނަ އެއްގަމު މަހުގެ ބާވަތްތައް ފަދަ ބާވަތްތައް ޚިޔާރުކުރެވިދާނެ އެވެ.
ކަނޑު މަސް ކާހިތްވާނަމަ ކެއުމުގައި ހަފްތާއަކު ދެފަހަރު ކަނޑުމަހުގެ ބާވަތްތައް
ހިމެނިދާނެއެވެ. ލޮނާއި، ހަކުރު އެކުލެވޭ ބާވަތްތައް ބޭނުންކުރުން މަދުކުރެވިދާނެ
އެވެ. ސަރުބީ އެކުލެވޭ ކާބޯތަކެތި މަދު މިންވަރަކަށް ބޭނުންކުރެވިދާނެ އެވެ.
ނަމަވެސް ސަރުބީ މަދު މިންވަރަކަށް ވެސް ހަށިގަނޑަށް އެތެރެކުރެވެންޖެހޭނީ
ޒައިތޫނިތެޔޮ، ކެނޯލާ އަދި ނަޓް އޮއިލް ފަދަ ހިތުގެ ދުޅަހެޔޮކަމަށް ފަހި މަސްދަރު
ތަކުންނެވެ.
·
ބައެއް ކަހަލަ ކާބޯތަކެއްޗާއި ދުރުހެލިވުން : ބައެއް ކަހަލަ ކެއުންތަކާ ދުރުހެލިވުމުން ކާބޯތަކެތީގެ
ބައެއް ކަހަލަ ބާވަތްތަކާ މިސާލަކަށް ކާބޯހައިޑްރޭޓް ގިނަ ބާވަތްތައް، ސަރުބީ ގިނަ
ބާވަތްތައް ފަދަ ކާބޯތަކެތީގެ ބާވަތްތަކާ ދުރުހެލިވެވެއެވެ. އެހެންކަމުން ކެއުން
ބައްޓަން ކުރަންވީގޮތް، ކެއުމުގައި އެދެވިގެންވާ ބާވަތްތައް، މަދުކުރަންވީ
ބާވަތްތައް، ދުރުހެލިވާންވީ ބާވަތްތައް ފަދަ ކަންކަމުގެ މައުލޫމާތު ކާނާގެ
މާޙިރުން ނޫނީ ޞިއްހީ އެހީތެރިންގެ ފުށުން އަހައި އޮޅުންފިލުވުން މުހިއްމެވެ.
ހަކުރުއެޅި ބުއިންތައް ކަމުގައިވާ ފިޒީ ޑްރިންކްސް ، އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާ
ދުރުހެލިވުން މުހިއްމެވެ. ހަށިގަނޑަށް ހަކަތަ އެތެރެވާ މިންވަރު މަދުކުރުމަށް
މިފަދަ ބުއިންތަކާއި، ޖަންކު ފުޑް ގެ ބާވަތްތައް އަދި ކާބޯހައިޑްރޭޓް ގިނައިން
ހިމެނޭ ކާބޯތަކެތި ބޭނުންކުރުން މަދުކޮށްލުން މުހިއްމެވެ.
ބަރުދަން ލުއިކުރުމަށް ކެއުމަށް ބަދަލު
ގެނައުމަށް ވަރަށް ގިނަ އިރުޝާދުތައް އެކި ސިފަސިފައިގައި ދީފައި ހުރެއެވެ،
ނަމަވެސް ކުއްލިއަކަށް ކުރުމުއްދަތެއްގެ ތެރޭގައި ހަށިގަނޑުގެ ބަރުދަން
ލުއިކޮށްލުމުގެ ބަދަލުގައި ރަނގަޅީ ކެއުމަށް ބަދަލު ގެނެސް، ކަސްރަތުކުރުމާއި،
ހެލިފެލިވެއުޅުން އިތުރުކޮށް، މަޑުމަޑުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް
މަސައްކަތް ކުރުމެވެ. ބައެއް ފަހަރު އަމަލުކުރެވޭ ވަކި ޚާއްޞަ ކެއުން ތަކާއެކު
ހަށިގަނޑުގެ ބަރުދަން ކުރު މުއްދަތެއްގެ ތެރޭގައި ލުއިވިޔަސް، އެގޮތަށް
ފަރިތަކުރަމުން އައި ކެއުން ނޫނީ ކެއުމަށް ގެނައި ބަދަލު ނިމުމާއެކު، އަނެއްކާވެސް
ފަލަވެގެން ދިއުމުގެ ފުރުޞަތު އޮވެއެވެ.
ކަސްރަތުކުރުމާއި ޖިސްމާނީ
ހަރަކާތްތެރިކަން
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށްޓަކައި
ގަވާއިދުން ކަސްރަތުކުރުމާއި، ހެލިފެލިވެއުޅުން އިތުރުކޮށް ޖިސްމާނީ ގޮތުން
ހަރަކާތްތެރިވެ އުޅުމަކީ މުހިއްމު ކަމެކެވެ.
·
ކަސްރަތުކުރުން : އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލި ފަލަމީހުން މެދުމިނުގެ
ބާރުމިނުގެ ކަސްރަތު ހަފްތާއަކު 150 މިނިޓް ވަންދެން ކުރުން އެދެވިގެން ވެއެވެ.
މީގެ މާނައަކީ ހަފްތާއަކު 5 ދުވަހު ދުވާލަކު މަދުވެގެން 30 މިނިޓް ކަސްރަތު
ކުރުމެވެ. މިގޮތަށް ކަސްރަތުކުރާނަމަ ބަރުދަން އިތުރުވުމުން ސަލާމަތްކޮށްދީ،
މަޑުމަޑުން ބަރުދަން ލުއިވެގެން ދިއުމަށް އެހީތެރިކަން ލިބިގެން ދެއެވެ.
ކަސްރަތުކުރަން ފަށައި، ގިނަ ދުވަސްވާވަރަކަށް މަޑު މަޑުން ބުންވަރު ރަނގަޅުވެ،
ކަސްރަތުކުރަން އިތުރު ވަގުތު ހޭދަކުރަން ފަސޭހަވެގެން ދެއެވެ.
·
ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން : ގަވާޢިދުން ކަސްރަތުކުރުމަކީ ބަރުދަން ލުއިކުރުމަށް އެންމެ
ރަނގަޅު ގޮތް ކަމުގައި ވި ނަމަވެސް ގަވާޢިދުން ކަސްރަތުކުރުމާއެކު ހެލިފެލިވެ
އުޅުން މުހިއްމެވެ. ނޫނީ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކޮށް ދެމެހެއްޓުން
މުހިއްމެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ފިހާރައަށް، ނޫނީ
ގެއަކަށް ތަނަކަށް ދާއިރު، އެދާ ތަނަކާއި ތަންކޮޅެއް ދުރުގައި އުޅަނދު
ޕާކުކޮށްލުމަށްފަހު އެތަނަކަށް ހިނގާފައި ދިއުމަށް އާދަކުރުން، އިމާރާތަށް
އެރުމަށް ލިފްޓްގެ ބަދަލުގައި ސިޑި ބޭނުންކުރުން، ފަދަ ކަންތައްތައް
ކުރެވިދާނެއެވެ. ދުވާލެއްގެ މައްޗަށް ފިޔަވަޅު އެޅޭ މިންވަރު ވެސް އެޕް އެއް
ބޭނުން ކޮށްގެން ބަލާލެވިދާނެ އެވެ. ގިނަ މީހުން ދުވާލަކު 10 ހާސް ފިޔަވަޅު
އެޅުމަށް މަސައްކަތް ކުރެއެވެ. ހިނގާފައި އުޅުން އިތުރުކޮށް، ދުވާލެއްގެ މައްޗަށް
އެޅޭ ފިވަޔަޅުގެ އަދަދު ނިސްބަތުން އިތުރުކޮށް ހެދުމަކީ ހަރަކާތްތެރިކަން
އިތުރުވެ، އެކަމުގެ ސަބަބުން ބަރުދަން ލުއިވެ، އަދި ދުޅަހެޔޮކަމަށް މަގުފަހިވާނެ
ކަމެކެވެ.
ބަރުދަން
ލުއިކުރުމަށް ބޭނުންކުރެވޭ ބޭސްތައް
ބަރުދަން
ލުއިކުރުމަށް ތައްޔާރުކުރެވިފައި ހުންނަ ބޭސްތައް ބޭނުންކުރަންވާނީ
މިންހެޔޮކެއުމާއި، ކަސްރަތުކުރުން ފަދަ ބަރުދަން ލުއިކުރުމަށް ކުރެވޭ
މަސައްކަތްތަކާ ނޫނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުތަކާ އެކުގައެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ އެދެވޭ ބަދަލުތައް ނުގެނެސް ހަމައެކަނި
ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގެ ނިޔަތުގައި މިފަދަ ބޭސްތައް ބޭނުންކުރުމަކީ
ރަނގަޅު ގޮތެއް ނޫނެވެ. ބައެއް ގައުމުތަކުގައި މިފަދަ ބޭސްތައް ހުއްދަ ދީގެން
ބޭނުންކުރިޔަސް، އަމިއްލައަށް ޞިއްހީ އެހީތެރިއެއްގެ އިރުޝާދާ ލަފަޔާ ނުލައި
ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ބަރުދަން
ލުއިކުރުމަށް ހެދޭ ސާޖަރީ
ބަރުދަން
ލުއިކުރުމަށް ހެދޭ ސާޖަރީ އަށް ކިޔަނީ "ބޭރިއެޓްރިކް ސާޖަރީ" އެވެ.
މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން އެމީހަކަށް ކެވޭ މިންވަރު ނޫނީ ނިސްބަތް ކަނޑައަޅައިދެއެވެ.
ބައެއް ސާޖަރީތަކުގެ ސަބަބުން ހަށިގަނޑަށް އެތެރެވާ ހަކަތަ އަދި ކާނާގެ މިންވަރު
ވެސް ހުދޫދު ކަނޑައަޅައިދެއެވެ. ނޫނީ ކުޑަކޮށްދެއެވެ. އެހެންކަމުން ބައެއް ފަހަރު
މިފަދަ ސާޖަރީ ތަކުގެ ސަބަބުން ކާނާގެ ތަފާތު ވައްތަރުތައް މިސާލަކަށް ވިޓަމިން މަދުވުން
ނޫނީ ވަކި ކަހަލަ މައުދަނެއް ހަށިގަނޑުގައި މަދުވުން ފަދަ މައްސަލަތައް
ފެންމަތިވެއެވެ.
ބަރުދަން
ލުއިކުރުމަށް އާންމުކޮށް ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި އަންނަނިވި
އޮޕަރޭޝަންތައް ހިމެނެއެވެ.
(ހ)
އެޖަސްޓްކުރެވޭ ގެސްޓްރިކް ބޭންޑެއް އެޅުވުން (adjustable gastric banding): މިސާޖަރީގައި
މައިދާ (ބަނޑުގެ ގޮތުގައި ބަލާ އެތެރެހަށީގައި ހިމެނޭ ބައި) ގެ ބޭރުން ބޭންޑެއް
(ފުފޭ) އެޅުވެއެވެ. އަދި މިބޭންޑުގެ އެހީގައި މައިދާ ނުވަތަ ބަނޑު ދެބަޔަކަށް ނޫނީ
ދެކޮތަޅަކަށް ނުވަތަ 2 ޕައުޗަކަށް ބަހާލެވެއެވެ. އަދި އުފެއްދުނު ދެބައިގެ
ދެމެދުގައި ހަނި މަގެއް އިންނަ ވަރަށް ބޭންޑަށް ހިފައި ދަމައި (ބެލްޓު ބާރު ކުރާ
އުސޫލުން) ވާން ކުރެވެއެވެ.
(ށ)
ގެސްޓްރިކް ބައިޕާސް ސާޖަރީ ހެދުން (gastric
bypass surgery): ގެސްޓްރިކް ބައިޕާސް ސާޖަރީ ގައި ބަނޑުގެ މަތީގައި ކުޑަ
ޕައުޗެއް ނޫނީ ކޮތަޅެއް އުފެއްދެއެވެ. އެއަށްފަހު ބަނޑުގެ ތިރިން ކުޑަގޮހޮރު
ބުރިކޮށްލެވެއެވެ. އަދި ބުރިކޮށްލެވުނު ބައި މަތީގައި އުފެއްދުނު ޕައުޗު ނޫނީ
ކޮތަޅާއި ގުޅުވާލެވެއެވެ. މިހެން ހެދުމުން ބަނޑަށް އަންނަ ކާތަކެތި މިކޮތަޅަށް
އައުމަށްފަހު (ބަނޑުގެ ބޮޑު ބައެއް ބައިޕާސް ކޮށް ނޫނީ ބަނޑުގައި މަޑުނޫނީ ނޫނީ
ބަނޑުން ބޮޑުބައެއް ދޫކޮށް ނުވަތަކަނޑަތުކޮށް) ދަނީ ސީދާ ކުޑަ ގޮހޮރަށެވެ.
(ނ)
ގެސްޓްރިކް ސްލީވް ހެދުން (gastric
sleeve): މިސާޖަރީ ގައި އޮޕަރޭޝަންކޮށްގެން ބަނޑުން ބައެއް ކަފައި
ނަގައި ވަކިކުރެވެއެވެ. މިކަމުގެ ސަބަބުން ބަނޑުގައި ކާއެއްޗިއްސަށް ހުންނަ ޖާގަ
ކުޑަވެގެން ދެއެވެ. މިއީ ގެސްޓްރިކް ބައިޕާސް ސާޖަރީއަށްވުރެ ނުރައްކާ ކުޑަ
އޮޕަރޭޝަނެކެވެ.
ރައްކާތެރިވުން
އާދަޔާ ޚިލާފަށް ފަލަވުން އަދި
މެޓަބޮލިކް ސިންޑްރޯމް ކުރިމަތިވުމުން ދުރާލާ ރައްކާތެރިވެ ހުރުމަށް ދިރިއުޅުމުގެ
ވައްޓަފާޅިއަށް ބަދަލުތައް ގެނެސް އަންނަނިވި ކަންތައްތަކަށް އިސްކަން ދެވިދާނެ
އެވެ.
·
ކޮންމެ ދުވަހަކު މަދުވެގެން 30 މިނިޓްވަރު ކަސްރަތުކުރުން
·
ހެލިފެލިވެއުޅުން އަދި ޖިސްމާނީ ހަރަކާތްތެރިކަން
އިތުރުކުރުން
·
މިންހެޔޮ ކާނާ އިޚްތިޔާރުކުރުން : އެގޮތުން ކެއުމުގައި
ޕްރޮޓީން، ހޯލް ގްރެއިން، ތަރުކާރީ އަދި މޭވާގެ ބާވަތްތައް ހިމެނުން
·
ތެޔޮ، ލޮނު އަދި ހަކުރު ގިނަ ކާބޯތަކެތި ކެއުމުގައި
ހިމެނުން މަދުކުރުން
·
ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް
މަސައްކަތްކުރުން
·
ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތަކާ
ދުރުހެލިވުން (މެޔޯކްލިނިކް، 2021).
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.who.int/health-topics/obesity#tab=tab_1
·
https://www.mayoclinic.org/diseases-conditions/obesity/symptoms-causes/syc-20375742
No comments:
Post a Comment