ލޭގެ ގްރޫޕް ނުވަތަ ލޭގެ ވައްތަރުތަކަކީ ކޮބާ ؟
ލޭގެ ގުރޫޕް
ލޭގެ ގުރޫޕް (Blood Group)ކަނޑައަޅަނީ އުފެދުމުގައި ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނަ ''އެންޓިޖަން''(Antigen) ތަކާއި ގުޅުވައިގެންނެވެ. މިގޮތުން ހުންނަ އެންޓިޖަން އަކީ ޕްރޮޓީން، ކާބޯހައިޑްރޭޓް، ގްލައިކޯ ޕްރޮޓީން ނުވަތަ ގްލައިކޯ ލިޕިޑް ކަމަށް ވެސް ވެދާނެއެވެ. ބައެއް ވައްތަރުގެ އެންޓިޖަންތައް ލޭގެ ރަތް ސެލް ނޫން އެހެން ސެލްތަކުގެ ސަތަހަައިގައި ވެސް ހުރެދާނެއެވެ.
ލޭގެ ގުރޫޕްގެ ނިޒާމްތައް
އޭބީއޯ ލޭގެ ގުރޫޕްގެ ނިޒާމް
އޭބީއޯ ލޭގެ ގުރޫޕްގެ ނިޒާމް ބިނާވެފައިވަނީ ލޭގެ ރަތް ސެލްގެ ސަތަހައިގައިވާ ޕްރޮޓީންތަކެއްގެ މައްޗަށެވެ. މިޕްރޮޓީންތަކަށް ''އެންޓިޖަން'' ނުވަތަ ''އެގުލޫޓިނަޖަން''(Agglutinogen) އޭ ކިޔައެވެ. ދެބާވަތެއްގެ އެންޓިޖަން ހުރެއެވެ. އެއީ އޭ އަދި ބީ އެންޓިޖެން އެވެ. އެެގުލޫޓިނަޖަން އޭ ކިޔަނީ މިފަދަ އެންޓިޖަން އެއް ހުރުމުން ސެލްތައް އެއްވެ އެކަތިގަނޑަކަށް ވުމަށް (Aggulutination) ވުމަށް ނުވަތަ ''އެގުލުޓިނޭޓް''ވުމަށް އެހީތެރިވެދޭތީއެވެ. އިންސާނާގެ ހަށިގަނޑުގައި މިއިން އެއް އެންޓިޖަން ނުވަތަ ދެއެންޓިޖަން ވެސް ހުރެދާނެއެވެ. ހަމަ މިހެން އެއްވެސް އެންޓިޖަންއެއް ނުހުރެވެސް ހިގައިދާނެއެވެ.
ލޭގެ ގުރޫޕްގެ ވައްތަރުތައް
މިއެންޓިންޖަންތައް ހަށިގަނޑުގައި ހުންނަ ހުރުމަށް ނިސްބަތްކޮށް ލޭ މައިގަނޑު 4ގްރޫޕަކަށް ބެހިފައިވެއެވެ.
* އޭ ގްރޫޕް( %42): ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނާނީ އޭ އެންޓިޖަން އެވެ. ޕްލާޒްމާގައި ހުންނާނީ އެންޓިބީ ހަށިދަމަނަ ނުވަތަ އެންޓިބީ އެންޓިބޮޑީ އެވެ.
* ބީ ގްރޫޕް(%9): ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނާނީ ބީ އެންޓިޖަން އެވެ. ޕްލާޒްމާގައި ހުންނާނީ އެންޓިއޭ ހަށިދަމަނަ ނުވަތަ އެންޓިއޭ އެންޓިބޮޑީ އެވެ.
* އޭބީ ގްރޫޕް( %3): ލޭގެ ރަތް ސެލްގެ ސަތަހައިގައި އޭ އަދި ބީ އެންޓިޖަން ހުރެއެވެ. ޕްލާޒްމާގައި ހަށިދަމަނަތަކެއް ނުހުރެއެވެ.
* އޯ ގްރޫޕް( %46): ލޭގެ ރަތް ސެލްގެ ސަތަހައިގައި މިއިން އެއްވެސް އެންޓިޖަންއެއް ނުހުންނާނެއެވެ. ޕްލާޒްމާގައި އެންޓިއޭ އަދި އެންޓިބީ ހަށިދަމަނަތައް ހުރެއެވެ.
އޭ އަދި ބީ އެންޓިޖަން ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުގައި ވެސް ހުރެއެވެ. މިގޮތުން ގުރުދާ، ޗިސްމޭ، މޭގަނޑު، ފުއްޕާމޭ، އުރަވަޅި، ކުޅުބޭރުކުރާ ގޮށްތައް ފަދަ ޓިޝޫތަކުގައި ހުރެއެވެ. ލޭގެ ގްރޫޕްތަކަކީ ''އޯޓަސޯމް''(Autosome)ގެ އެހީގައި މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ސިފައެކެެވެ.
ލޭގެ ގުރޫޕް ކަނޑައެޅުން
މިގްރޫޕްތައް ކަނޑައަޅަނީ ޖެހިޖެހިގެން އިންނަ ދެ ''ކްރޯމަސޯމް''(Chromosome)ގައި ހުންނަ ބަހާ(Gene)ތަކަކުންނެވެ. މިބަހާތަކުގެ ތަފާތު 3ވައްތަރެއް ވެއެވެ. އެއީ އޭ، ބީ، އޯ އެވެ. ކޮންމެ މީހެއްގެ ހަށިގަނޑުގައި މިފަދަ ދެބަހާވެއެވެ. އެއް ބަހާ ލިބެނީ މަންމަގެ ފަރާތުންނެވެ. އަނެއް ބަހާ ލިބެނީ ބައްޕަގެ ފަރާތުންނެވެ. މިބަހާތަކަށް ''ޖިނަޓައިޕް''(Genotype)އޭ ކިޔައެވެ. މިއިން އެއްވެސް ބަހާއަކީ އަނެއް ބަހާގެ މައްޗަށް ބާރުފޯރުވޭ ނުވަތަ އަނެއް ބަހާއަށްވުރެ ބޮޑަށް ހަރަކާތްތެރިވެވޭ އެއްޗެއް ނޫނެވެ.
* އޯ ޖީން ނުވަތަ ބަހާއަށް ހަށިގަނޑުގައި ވަޒީފާއެއް ނުވެއެވެ. އޭ އަދި ބީ ޖީން އެގުލުޓިނޭޓްވުމުގައި ބައިވެރިވެއެވެ. އެހެންކަމުން ''އޯއޯ ޖިނަޓައިޕް'' (OO-genotype)(މަންމަ އަދި ބައްޕަގެ ފަރާތުން ވެސް އޯ ޖީން ލިބިފައި) ހުންނަނަމަ ލޭގެ ރަތް ސެލް ތައް އެގުލުޓިނޭޓްއެއް ނުވާނެއެވެ. އަދި އޭނާގެ ލޭގެ ގްރޫޕަކަށްވާނީ އޯ(O)އެވެ.
* ''އޯއޭ ޖިނަޓައިޕް''(OA-genotype) (މަންމައާއި ބައްޕަ ދެމީހުންކުރެ ކޮންމެ މީހަކުގެ ފަރާތުން ވަކި ޖީންއެއް ލިބިފައި) ނުވަތަ ''އޭއޭ ޖިނަޓައިޕް''(AA-genotype) (މަންމަ އަދި ބައްޕަގެ ފަރާތުން ވެސް އޭ ޖީން ލިބިފައި) ލިބިފައި ހުރިނަމަ އޭ އެންޓިޖަން އުފައްދައެވެ. އަދި އޭނާގެ ލޭގެ ގްރޫޕަކަށް ވާނީ އޭ(A)އެވެ
* ''އޯބީ ޖިނަޓައިޕްް''(OB-genotype) ނުވަތަ ''ބީބީ ޖިނަޓައިޕް''(BB-genotype) ލިބިފައި ހުރިނަމަ ބީ އެންޓިޖަން އުފައްދައެވެ. އަދި އޭނާގެ ލޭގެ ގުރޫޕަކަށްވާނީ ބީ(B)ައެވެ.
* ''އޭބީ ޖިނަޓައިޕް''(AB-genotype) ލިބިފައި ހުރިނަމަ އޭނާގެ ލޭގެ ގުރޫޕަކަށް ވާނީ އޭބީ(AB)އެވެ.
* ލޭގެ ރަތް ސެލްގެ ސަތަހައިގައި މިފަދަ އެންޓިޖަންތައް ވާއިރު އެއެންޓިޖަންތަކަށް ހަށިދަމަނަ ތަކެއް ޕްލާޒްމާގައި ހުރެއެވެ. މިހަށިދަމަނަތަކަށް ކިޔަނީ ''ައަގުލޫޓިނިން''(Agglutinin) އެވެ. އެންޓިއޭ އެގުލޫޓިނިން (އޭ އެންޓިޖަންއާއި އިދިކޮޅު ހަށިދަމަނަ) އުފެދެނީ ލޭގެ ރަތް ސެލްގައި އޭ އެންޓިޖަން ނުހުންނަ ހާލަތުގައެވެ. އެންޓިބީ އެގުލޫޓިނިން (ބީ އެންޓިޖެންއާއި އިދިކޮޅު ހަށިދަމަނަ) އުފެދެނީ ލޭގެ ރަތް ސެލްގައި ބީ އެންޓިޖަން ނުހުންނަ ހާލަތުގައެވެ.
* އެހެންކަމުން އޭ(A) ގުރޫޕްގެ ލޭ ހުންނަމީހެއްނަމަ އޭނާގެ ލޭގައި ހުންނާނީ އޭއެންޓިޖަންއާއި، އެންޓިބީ އެގުލޫޓިނިން އެވެ. ބީ(B) ގުރޫޕުގެ ލޭހުންނަމީހެއްނަމަ އޭނާގެ ލޭގައި ހުންނާނީ ބީއެންޓިޖަންއާއި، އެންޓިއޭ އެގުލޫޓިނިން އެވެ. އޭބީ(AB) ގުރޫޕުގެ ލޭހުންނަމީހެއްނަމަ އޭއެންޓިޖަންއާއި، ބީއެންޓިޖަން ހުރެފައި، މިފަދަ އެގުލޫޓިނިންތަކެއް ޕްލާޒްމާ ގައެއް ނުހުންނާނެއެވެ. އޯ(O) ގުރޫޕުގެ ލޭހުންނަމީހުންގެ ލޭގެ ރަތް ސެލްގައި ި މިފަދަ އެންޓިޖަންތައް ( އޭ،ބީ އެންޓިޖަން ) ނުހުރުމުގެ ސަބަބުން ޕްލާޒްމާގައި އެންޓިއޭ އެގުލޫޓިނިން އަދި އެންޓިބީ އެގުލޫޓިނިން ހުރެއެވެ.
* އެންޓިއޭ އެގުލޫޓިނިންތަކަށް ''އަލްފާ އެގުލޫޓިނިން''(Alpha agglutinin)އޭ ކިޔައި އުޅެއެވެ. އަދި އެންޓިބީ އެގުލޫޓިނިންތަކަށް ''ބީޓާ އެގުލޫޓިނިން'' (Beta agglutinin)އޭ ކިޔައި އުޅެއެވެ. ކުއްޖަކު ދުނިޔެއަށް އުފަންވާއިރު މިފަދަ އެގުލޫޓިނިންތައް ނުވަތަ ހަށިދަމަނަތައް (Agglutinin / Antibodies) ހުންނަނީ މަދުއަދަދަކަށެވެ. ނަމަވެސް 3މަހުން ފެށިގެން މިފަދަ ހަށިދަމަނަތައް އޭގެ ޒާތުގައި އުފެދި އިތުރުވަމުން އާދެއެވެ.
ލޭގެ ގުރޫޕު
|
ރަތްހަތާގެ ސަތަހައިގެ ހުންނަ އެންޓިޖެން
|
ޕްލާޒްމާގައި ހުންނަ ހަށިދަމަނަ
|
A
|
އޭ އެންޓިޖެން
|
އެންޓި-ބީ ހަށިދަމަނަ
|
B
|
ބީ އެންޓިޖެން
|
އެންޓި-އޭ ހަށިދަމަނަ
|
AB
|
އޭ އަދި ބީ އެންޓިޖެން
|
އެއްވެސް ހަށިދަމަނައެއް ނުހުންނާނެ
|
O
|
އެއްވެސް އެންޓިޖެން އެއްް ނުހުންނާނެ
|
އެންޓި-އޭ އަދި އެންޓި-ބީ ހަށިދަމަނަ
|
އާބާދީގައި ހިމެނޭ މީހުންގެ ތެރޭގައި ލޭގެ ގުރޫޕު ހިއްސާކުރާގޮތް ތިރީގައި މިވަނީ އެވެ. މިއީ އެވްރެޖްގޮތެއްގައި އެންމެ އާންމުކޮށް ލޭގެ ގުރޫޕު ގެ ގިނަ މަދުމިން ހުންނަ ގޮތެވެ. މިދަރަޖަތައް އެކި ނަސްލުތަކާއި ދަރިފަސްކޮޅުތަކުގައި ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ.
ލޭގެ ގުރޫޕު
|
އިންސައްތަ
|
O+
|
38%
|
A+
|
34%
|
B+
|
9%
|
O-
|
7%
|
A-
|
6%
|
AB+
|
3%
|
B-
|
2%
|
AB-
|
1%
|
ރީސަސް ލޭގެ ގުރޫޕްގެ ނިޒާމް
ރީސަސް ލޭގެ ގުރޫޕްގެ ނިޒާމް އަކީ ވެސް ލޭގައި މުހިއްމު ދައުރެއް އަދާކުރާ ނިޒާމެކެވެ. ލޭގެ ރަތް ސެލްގެ ސަތަހައިގައި ބައިވަރު އާރްއެޗް އެންޓިޖަން(Rh antigen) ތައް ހުރެއެވެ. އެންމެ އާންމުކޮށް ހުންނަ އާރްއެޗް އެންޓިޖަން އަށް ކިޔަނީ ''ޑީ-އެންޓިޖަން''(D-antigen) އެވެ. ޑީ-އެންޓިޖަން ހުރިނަމަ އެމީހަކީ އާރް އެޗް ޕޮޒިޓިވް(Rh+ve)މީހެކެވެ. އަދި ޑީ-އެންޓިޖަން ނެތްނަމަ އެމީހަކީ އާރްއެޗް ނެގެޓިވް(Rh-ve)މީހެކެވެ. އާންމުގޮތެއްގައި 85އިންސައްތަ މީހުންނަކީ އާރްއެޗް ޕޮޒިޓިވް މީހުންނެވެ. ބާކީ 15އިންސައްތަ މީހުންނަކީ އާރްއެޗް ނެގެޓިވް މީހުންނެވެ. އޭބީއޯ ލޭގެ ގުރޫޕުގެ ނިޒާމާއި، ޚިލާފަށް އާރްއެޗް އެންޓިޖަން އަށް ނިސްބަތްވާ ހަށިދަމަނަތައް އޭގެ ޒާތުގައެއް ނުއުފެދެއެވެ. މިފަދަ ހަށިދަމަނަތައް އުފެދެނީ އާރްއެޗް ނެގެޓިވް މީހެއްގެ ގަޔަށް ލޭއެޅުން، ނުވަތަ ވިހެއުމުގެ ތެރޭގައި އާރްއެޗް އެންޓިޖަން އަށް ހުށަހެޅުމުންނެވެ. މާބަނޑުމީހާ އާރްއެޗް ނެގެޓިވް ވެފައި، ބަނޑުގައިވާ ކުޑަދަރިފުޅު އާރްއެޗް ޕޮޒިޓިވް ނަމަ، މައިމީހާގެ ހަށިގަނޑުގައި މިފަދަ ހަށިދަމަނަތައް އުފެދި، މަހުގެތެރެއިން ކުޑަދަރިފުޅުގެ ހަށިގަނޑަށް ވާސިލް ވެއެވެ. މިހާލަތުގައި ކުޑަދަރިފުޅަށް ''އިރިތްރޯބްލާސްޓޯސިސް ފީޓާލިސް''(Erythroblastosis fetalis )އޭ ކިޔާ ބައްޔެއް ޖެހެއެވެ.
ލޭގެ ގުރޫޕް ދެނެގަތުން
ސާފު ސްލައިޑެއްގެ މައްޗަށް ދެ ލޭތިކި ޖައްސާށެވެ. އެއަށްފަހު ފުރަތަމަ ލޭތިއްކަށް އެންޓި އޭ ސީރަމް އަޅާށެވެ. ދެވަނަ ލޭތިއްކަށް އެންޓި ބީ ސީރަމް އަޅާށެވެ. 2ނުވަތަ 3މިނިޓްފަހުން ލޭގެ ރަތް ސެލް ތައް އެއްވެ، އެކަތިގަނޑަކަށްވެފައި ނުވަތަ ''އެގުލުޓިނޭޓް'' ވެފައި(Agglutination) ހުރިތޯ ބަލާށެވެ. އަންނަނިވި ނަތީޖާތަކުން ނަތީޖާއެއް ލިބޭނެއެވެ.
* ފުރަތަމަ ތިކި އެކަނި ''އަގުލުޓިނޭޓް'' ވެފައިވާނަމަ އެއީ އޭ(A)ގުރޫޕުގެ ލެޔެވެ.
* ދެވަނަ ތިކި އެކަނި ''އަގުލުޓިނޭޓް'' ވެފައިވާނަމަ އެއީ ބީ(B)ގުރޫޕުގެ ލެޔެވެ.
* ދެތިކި ވެސް ''އަގުލުޓިނޭޓް'' ވެފައިވާނަމަ އެއީ އޭބީ(AB)ގުރޫޕުގެ ލެޔެވެ.
* އެއްވެސް ތިއްކެއް ''އަގުލުޓިނޭޓް'' ވެފައި ނުވާނަމަ އެއީ އޯ(O)ގުރޫޕުގެ ލެޔެވެ.
truely informative. Keep up the good work. Your works should be appreciated at some levels.. thanks
ReplyDelete