މުހިއްމު ސަފުހާތައް

Saturday, November 12, 2011

ލޭއެޅުން


ލޭއެޅުން
ލޭއެޅުން (Blood transfusion)  އަކީ އެކެއްގެ ހަށިގަނޑުގައި ހިމެނޭ ލޭ ނުވަތަ ލޭގެ ވަކި ބަޔެއް އަނެކާގެ ހަށިގަނޑަށް އެޅުމެވެ. ބައެއް ކަހަލަ ޙާލަތްތަކުގައި އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލޭއަޅަން މަޖުބޫރު ވެއެވެ. މީގެ އިތުރުން ބައެއް ކަހަލަ ޙާލަތްތަކާއި ބައެއް ބަލިތަކުގެ ފަރުވާގެ ގޮތުގައި ވެސް ލޭއަޅަންޖެހެއެވެ.

ލޭއެޅުމާއި ލޭހަދިޔާކުރުމުގައި ބަލަންޖެހޭ ކަންތައްތައް
* ލޭގެ ޔުނިޓެއްކަމުގައި ބަލަނީ 450މިލިލިޓަރ ވާނަމައެވެ. ގަނޑުވިޔަނުދިނުމަށް މިފަދަ ލޭ ކެމިކަލްތަކާއި، އެއްކުރެވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އަހަރަކު ގާތްގަނޑަކަށް 15މިލިއަން ޔުނިޓްގެ ލޭ ހަދިޔާ ކުރެވެއެވެ.

* ލޭ ހަދިޔާކުރާ މީހާއަކީ އުމުރުން 17ވެފައިވާ ބަރުދަނުގައި މަދުވެގެން 44ކިލޯ ހުރި މީހަކަށް ވާންޖެހެއެވެ.

* ލޭއެޅުމުގެ ކުރިން ލޭހަދިޔާކުރާ މީހާގެ ހަށިގަނޑުގައި ލޭގެ ޒަރީޢާއިން ވާސިލްވާ ބައްޔެއް ހުރިތޯ ވެސް ބަލަންޖެހެއެވެ. އަދި އެކަމުގެ ސަބަބުން ލޭހަދިޔާކުރާމީހާގެ ހަށިގަނޑަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެދާނޭތޯ ވެސް ބަލަންޖެހެއެވެ.

* ލޭ ހަދިޔާކުރުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން، ހިތުގެ ވިންދު ޖަހާމިންވަރު، ބަރުދަން، އަދި ލޭގެ ޕްރެޝަރ ހުރިމިންވަރު ދެނެގަންނަށް ޖެހެއެވެ.

* ލޭހަދިޔާކުރާ މީހަކީ ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހެއްތޯ ވެސް ބަލަންވާނެއެވެ.

* ލޭނެގުމަށް ( ހަދިޔާކުރުމަށް ) ގާތްގަނޑަކަށް 10 ނުވަތަ 20ވަރަކަށް މިނިޓް ނަގައެވެ.

* ލޭހަދިޔާކުރާމީހާ ލޭހަދިޔާކުރާ ދުވަހު، ކަސްރަތު ކުރުމާއި، ދުރުވާން ޖެހެއެވެ. އަދި ވީހާވެސް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އާންމުގޮތެއްގައި ގެއްލިގެންދާ ދިޔާތަކެތީގެ ބައި 24ގަޑިއިރުގެ ތެރޭގައި އަބުރާ ހަށިގަނޑަށް ލިއްބައިދެއެވެ.

* ކޮންމެ 8ހަފްތާއަކުން 1ފަހަރު ލޭހަދިޔާކުރެވިދާނެއެވެ. އެއީ ލޭހަދިޔާކުރުމުގެ ސަބަބުން ހަށިގަނޑުން އުނިވެގެންދާބައި އަބުރާހޯދުމަށް ދެމަސްދުވަހުގެ މުއްދަތެއް ބޭނުންވާތީ އެވެ. ނަމަވެސް ބޮޑަށް އެދެވިގެންވަނީ ކޮންމެ 3 މަހަކުން އެއްފަހަރު ލޭހަދިޔާކުރުމެވެ.

އެފެރީސިސް
އެފެރީސިސް(Apheresis)  އަކީ  ހަދިޔާކުރެވުނު ލެއިން ވަކި ބައެއް ނެގުން ނުވަތަ ވަކިކުރުމެވެ. އެފެރީސިސް ހެދެނީ ކޮންމެ 4މަހުން އެއް ފަހަރުއެވެ. މިބީދައިން ލޭނެގުމަށް ނުވަތަ ހަދިޔާކުރުމަށް އެކެއް ނުވަތަ ދެގަޑިއިރު ހޭދަވެއެވެ. މިގޮތުން އެންމެ އާންމުކޮށް ވަކިކުރެވެނީ ލޭގެ ޕްލާޒްމާ، ޕްލޭޓްލިޓް، އަދި ލޭގެ ހުދު ސެލް ތަކެވެ. މިގޮތަށް ލޭ ނެގުމަށްފަހު ލޭގެ ކޮންމެ ޔުނިޓެއް ތަފާތު ބައިތަކަށް ވަކިކުރެވެއެވެ. އަދި މިއިން ކޮންމެ ބައެއްމެ، އެބައެއް ބޭނުންވެފައިވާ މީހުންނަށް ފޯރުކޮށް ދެވެއެވެ. އެހެން ކަމުން ލޭގެ އެންމެ ޔުނިޓަކުން ވެސް އެތައް ބަޔަކަށް މަންފާ ލިއްބައިދެއެވެ.

ވަކިކުރެވޭ މާއްދާތައް
ލޭގެ ރަތް ސެލް
ލޭބޭރުވުމާއި، ލޭމަދުވުމުގެ މައްސަލަ ދިމާވެފައިވާ މީހުންގެ ހަށިގަނޑުގައި އޮކްސިޖަން ގެންގޮސްދޭ މިންވަރު މަތިކުރުމަށްޓަކައި އެފަދަމީހުންގެ ހަށިގަނޑަށް ލޭގެ ރަތް ސެލް ތައް ވާސިލްކޮށް ދެވެއެވެ. ލޭގެ އެންމެ ޔުނިޓަކުން ކޮންމެ ޑެސިލިޓަރެއްގައި 1ގްރާމްގެ ހިމަގްލޯބިން އިތުރުކޮށް، 2 ނުވަތަ 3އިންސައްތަ ''ހީމަޓަކްރައިޓް'' މައްޗަށް ޖައްސައެވެ. ލޭގެ ރަތް ސެލްތައް ރެފްރިޖެރޭޓަރ ފަދަ އެއްޗެއްގައި 42ދުވަސްވަރު ވަންދެން ރައްކާކޮށްފައި ބެހެއްޓިދާނެ އެވެ. ގަނޑުކޮށްފައި 10އަހަރު ދުވަހުގެ މުއްދަތަށް ވެސް ބެހެއްޓިދާނެ އެވެ.  

ލޭގެ ޕްލާޒްމާ
ލޭގަނޑުވުމަށް އެހީތެރިވެދޭ މާއްދާތައް މަދުވުމާއި އެކު، ލޭބޭރުވުމުގެ މައްސަލަ ކުރިމަތިކުރުވާ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި ޕްލާޒްމާ އެފަދަމީހުންގެ ހަށިގަނޑަށް ފޯރުކޮށްދެވެއެވެ. މިފަދަ ޕްލާޒްމާ ގަނޑުކޮށްފައި އަހަރެއްހާ ދުވަހުގެ މުއްދަތަށް ވެސް ބެހެއްޓިދާނެ އެވެ. އާދައިގެ ފިނިހޫނުމިނެއްގައި ނަމަ އެންމެ ގިނަވެގެން ރައްކާކޮށްފައި ބެހެއްޓޭނީ 5ދުވަހުގެ މުއްދަތަށެވެ.

ޕްލޭޓްލިޓް
ޕްލޭޓްލިޓް ފޯރުކޮށްދެވެނީ ފުރިހަމަގޮތުގައި ޕްލޭޓްލިޓްތައް މަސައްކަތްނުކުރުމާއި، ޕްލޭޓްލިޓްގެ އަދަދު މަދުވުން(Thrombocytopenia) ފަދަ ހާލަތް ތަކުގައެވެ. ލޭގެ ކޮންމެ ޔުނިޓަކުން ޕްލޭޓްލިޓްތަކުގެ އަދަދު ކޮންމެ މައިކްރޯލިޓަރެއްގައި 5،000ހާސް ވަރު އިތުރުކޮށްދެއެވެ.

އަލްބިޔޫމިން
ޕްލާޒްމާގައި ހިމެނޭ ޕްރޮޓީންގެ 60އިންސައްތަ އަކީ އަލްބިއުމިން އެވެ. މޭގަނޑު(Liver)އިން އުފައްދާ އަލްބިޔުމިން ބޭނުންކުރެވެނީ ލޭގެ މިންވަރު އިތުރުކުރަށް ބޭނުންވާ ހާލަތްތަކުގައެވެ. މިސާލަކަށް މޭގަނޑު ނުވަތަ މޭ ހަލާކުވުން(Liver failure)، ފިހުން، އަދި މާބޮޑަށް ލޭފޭބުން ފަދަ ހާލަތްތަކުގައެވެ.

އިމިޔުނަގްލޯބިޔުލިން : ރޭބީޒް، އިދިފުށަށް ދަމާބަލި، އަދި ފުރަމޭ ދުޅަވުން ފަދަ ބަލިތަކުން ސަލާމަތްވުމަށް އިމިޔުނަގްލޯބިޔުލިން ތަކުގެ ބޭނުން ހިފައެވެ.

ލޭގެ ހުދު ސެލް : ލޭހަދިޔާކުރާތާ 24ގަޑިއިރުގެ ތެރޭގައި އަނެކާގެ ހަށިގަނޑަށް ފޯރުކޮށްދޭން ޖެހެއެވެ.

ކްރިޔޯ ޕްރެސިޕިޓޭޓް އެންޓި ހީމަފިލިކް ފެކްޓަރ : މީގައި ކްލޮޓިން ފެކްޓަރތައް ހިމެނޭލެއް މަދެވެ. މިއުފައްދަނީ ގަނޑުކޮށްފައި ހުރި ތާޒާ ޕްލާޒްމާ އިންނެވެ.

ފެކްޓަރ8 ކޮންސެންޓްރޭޓް: ހީމަފީލިއާ-އޭ ކިޔާބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. ހީމަފީލިއާ-އޭ ޖެހެނީ ކްލޮޓިންގ ފެކްޓަރ-8 މަދުވުމުގެ ސަބަބުންނެވެ.

ފެކްޓަރ9 ކޮންސެންޓްރޭޓް: ހީމަފީލިއާ-ބީ ނުވަތަ ''ކްރިސްމަސް ބަލި''(Christmas disease)އަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވެއެވެ. ހީމަފީލިއާ-ބީ ޖެހެނޭ ކްލޮޓިންގ ފެކްޓަރ-9މަދުވުމުގެ ސަބަބުންނެވެ.

ލޭއެޅުމާއި ލޭގެ ގުރޫޕްތައް
* އޭބީ-ގުރޫޕު(AB): ކޮންމެ ގުރޫޕެއްގެ ލޭވެސް އެޅިދާނެއެވެ. ހަދިޔާކުރެވޭނީ ހަމައެކަނި އޭބީ-ގުރޫޕުގެ މީހުންނަށެވެ.

* އޯ ގުރޫޕް(O): ލޭއެޅޭނީ ހަމައެކަނި އޯގުރޫޕުގެ މީހެއްގެ ހަށިގަނޑުންނެވެ. ކޮންމެ ގުރޫޕެއްގެ މީހަކަށް ވެސް ލޭހަދިޔާ ކުރެވިދާނެ އެވެ.

* އޭ ގުރޫޕު(A): އޭ އަދި އޯ ގުރޫޕުގެ ލޭއެޅިދާނެ އެވެ. އޭ އަދި އޭބީ ގުރޫޕުގެ މީހުންނަށް ލޭ ހަދިޔާ ކުރެވިދާނެއެވެ.

* ބީ ގުރޫޕު(B): ބީ އަދި އޯ ގުރޫޕުގެ ލޭއެޅިދާނެއެވެ. ބީ އަދި އޭބީ ގުރޫޕުގެ މީހުންނަށް ލޭ ހަދިޔާ ކުރެވިދާނެއެވެ.

ލޭއަޅަންޖެހޭ ޙާލަތްތައް
އާންމުގޮތެއްގައި ލޭއަޅަންޖެހެނީ އަންނަނިވި ހާލަތްތައް ކުރިމަތިވެފައިވާ މީހުންގެ ހަށިގަނޑަށެވެ.
* ފިހުން ، އެކްސިޑެންޓެއް ނުވަތަ އެހެނިހެން އަނިޔާއެއްގެ ސަބަބުން މާބޮޑަށް ހަށިގަނޑުން ލޭބޭރުވުން
* އޮޕަރޭޝަނެއްގެ ސަބަބުން މާގިނައިން ހަށިގަނޑުން ލޭބޭރުވުން
* ގުނަވަނެއް ބަދަލު ކުރަންޖެހިފައިވުން
* ލޭއަޅާބަލި ވާރުތަކޮށްފައި ވުން ނުވަތަ ހުރުން
* ލޭގެ ކެންސަރު ޖެހިފައިވުން  
* ލޭގެ ބައެއް އެހެނިހެން ބަލިތައް
* ބައެއް ކަހަލަ އިންފެކްޝަންތައް

ލޭއެޅުމުގެ ކުރިން ސަމާލުވާންޖެހޭ ކަންތައްތައް
* ލޭގެ ގުރޫޕު ގުޅޭތޯ ނުވަތަ ދިމާވޭތޯ ބެލުން
* ހަށިގަނޑަށް އެޅޭ ލޭގައި ހިމަގްލޯބިން (Hb)ހިމެނޭ މިންވަރު 90އިންސައްތަ އަށްވުރެ ދަށްނުވުން
* ހަށިގަނޑަށް އެޅޭ ލެޔަކީ ބަލިތަކުން ސަލާމަތްވެފައިވާ ( ޖަރާސީމެއް، ވައިރަހެއް، ނުވަތަ އެހެން ވެސް ބަލި ފަތުރުވާ އޯގަނިޒަމް އަކާއި ތަޣައްޔަރުވެފައިނުވާ) އެއްޗެއް ކަމުގައިވުން
* ހަށިގަނޑަށް އެޅޭ ލޭ ވާންޖެހޭނީ ގަނޑުނުވެ، ތާޒާކަން މަތީ ހުރި ލެޔަކަށެވެ.
* ލޭއެޅުމުގެ ކުރިން ''ޑައިރެކްޓް ކްރޮސް މެޗިންގ ޓެސްޓް'' ހެދުން

ލޭހަދިޔާކުރުން މެދުކަނޑާލުން
ބައެއްމީހުން ވަގުތީ ގޮތުން ނުވަތަ ދާއިމީގޮތެއްގައި ލޭހަދިޔާކުރުމުން މަނާވެގަންނަށް ޖެހެއެވެ.

- ވަގުތީގޮތުން ލޭހަދިޔާކުރުމުން މަނާވެ ނުވަތަ ދުރުވަން ޖެހެނީ އަންނަނިވި ހާލަތްތައް ކުރިމަތިވެފައިވާނަމަ އެވެ.
* ފާއިތުވި 12-6ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވުން ނުވަތަ ހާރޓް އެޓޭކެއް ޖެހިފައިވުން
* ފާއިތުވި 3އަހަރުގެ ތެރޭގައި މެލޭރިޔާ ޖެހިފައިވުން، ނުވަތަ ފާއިތުވެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދާއިމީގޮތެއްގައި މެލޭރިޔާ ބަލި ފެތުރިފައިވާ ހިސާބަކަށް ދަތުރުކޮށްފައިވުން
* ލޭ ނުވަތަ ލޭގެ ވަކިބައެއް ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި އެޅުން
* ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ''ޓެޓޫ'' މާރކް ފަދަ އެއްޗެއް ޖަހައިފައިވުން
* ލޭހަދިޔާކުރުމުގެ 72ގަޑިއިރުގެ ކުރިން އެންޓިބަޔޮޓިކެއް ބޭނުންކޮށްފައިވުން

- ދާއިމީގޮތެއްގައި ލޭހަދިޔާކުރުމުން މަނާވެ، ނުވަތަ ދުރުވަން ޖެހެނީ އަންނަނިވި ހާލަތްތަކުގައެވެ.
* ބައެއް ވައްތަރުގެ ކެންސަރަށް ފަރުވާއެއްގެ ގޮތުގައި ރޭޑިއޭޝަން ނުވަތަ ކީމަތެރަޕީ ހަދަމުން ގެންދިއުން
* އުމުރުން 11އަހަރު ފުރުނު ފަހުން ''ފުރަމޭ ދުޅަވުން''(Hepatitis) ޖެހިފައިވުން
* އޭޑްސް ބަލި ޖެހިފައިވުން ނުވަތަ އެއިޑްސް ޖެހުމުގެ ފުރުސަތު އޮތުން


ލޭނުގުޅުން
ލޭނުގުޅުން ކުރިމަތިވަނީ އޭ އެންޓިޖަން ހުރި ލޭގެ ރަތް ސެލް ތަކާއި، އެންޓި-އޭ އަގުލޫޓިނިން ތައް އެއްވުން، ނުވަތަ ބީ އެންޓިޖަން ހުރި ލޭގެ ރަތް ސެލް ތަކާއި، އެންޓި-ބީ އަގުލޫޓިނިން ތައް އެއްވާގޮތް ދިމާވެެއްޖެ ނަމަ އެވެ. އެހެންގޮތަކަށް ބުނާނަމަ އޭ ގުރޫޕުގެ ލޭ ހުރިމީހެއްގެ ގަޔަށް ބީގުރޫޕުގެ ލޭ ހުރި މީހެއްގެ ހަށިގަނޑުން ލޭ އަޅާނަމަ އެވެ.

އޭ ގުރޫޕު ހުންނަ މީހުންގެ ލޭގެ ރަތް ސެލްގައި އޭ އެންޓިޖަން ހުރެފައި، ޕްލާޒްމާ ގައި އެންޓި-ބީ ހަށިދަމަނަ ހުރެއެވެ. ބީ ގުރޫޕު ހުންނަމީހުންގެ ލޭގެ ރަތް ސެލް ގައި ބީ އެންޓިޖަން ހުރެފައި، ޕްލާޒްމާގައި އެންޓި-އޭ ހަށިދަމަނަ ހުރެއެެވެ. އެހެން ކަމުން އޭ ގުރޫޕު ހުންނަ މީހެއްގެ ގަޔަށް ބީ ގުރޫޕުގެ ލޭއަޅައިފިނަމަ އޭ އެންޓިޖަންއާއި، އެންޓި-އޭ ހަށިދަމަނަ ބައްދަލުވެ، އެއްވާގޮތް ވެއެވެ. މިފަދަ ހާލަތުގައި އަގުލޫޓިނިން( އެންޓިއޭ)ތައް އޭގެ ޒާތުގައި ލޭގެ ރަތް ސެލްތަކާއި ތަތްވެއެވެ. މިއަގުލޫޓިނިންތަކުގެ ''ވެލެންސީ''(Valency)ގިނަވުމުގެ ސަބަބުން ނުވަތަ އެއާއި އެއްވާނެ ބައިވަރު ތަންތަން ހުރުމުގެ ސަބަބުން، އެއް ވަގުތެއްގައި އެއް ސެލްއަށްވުރެ ގިނަ ސެލްތަކާއި، ތަތްވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ ސެލްތައް ލާމެހި، އެކަތިގަނޑަކަށް ވެއެވެ. މިގޮތަށް ލޭގެ ރަތް ސެލްތައް ލާމެހި އެކަތިގަނޑަކަށް ވުމަށް ކިޔަނީ'' ރެޑްސެލް އަގުލޫޓިނޭޝަން'' (Red cell agglutination)އެވެ. މިގޮތަށް ވުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ލޭގެ ހުދު ސެލްތަކުގެ ތެރޭގައި ހިމެނޭ ''ފާގަސައިޓިކް ސެލް''(Phagocytic cell)ތަކާއި، ''ރެޓިކިއުލޯ އިންޑޯތީލިއަލް ސިސްޓަމް''(RES)ގައި ހިމެނޭ ސެލްތައް ގުޅިގެން ކުރިން ބުނިގޮތަށް އެއްވެއެކަތިގަނޑަކަށްވެފައިވާ ލޭގެ ރަތް ސެލްތައް ހަލާކުކޮށްލައެވެ. މިބީދައިން ހަލާކުވާ ހަލާކުވުމަށް ( ކުދިކުދި ނުވަތަ ފުނޑުފުނޑުވެގެން ދިއުން ) ކިޔަނީ ''ހިމޮލިސިސް''(Hemolysis)އެވެ. ހިމޮލިސިސް އާއި،ގުޅިގެން، ހިމަގްލޯބިން ޕްލާޒްމާގެ ތެރެއަށް ވާސިލްވެ،''ބިލިރޫބިން''(Bilirubin)އަށް ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން ރީދޫވުން (Jaundice) ކުރިމަތިވާގޮތް ވެއެވެ. ބިލިރޫބިންގެ ކުލައަކީ ރީދޫ ކުލައެވެ.

ލޭނުގުޅުމުން ކުރިމަތިވެދާނެ ކަންތައްތައް
ނުގުޅޭ ލެޔެއް ހަށިގަނޑަށް އެޅުމުން އެންމެ ފުރަތަމަ ލޭގެ ރަތް ސެލްތައް އެކަތިގަނޑަކަށްވެ، ލާމެހިވެއެވެ. އެއަށްފަހު ހަލާކުވެ، ކުދިކުދިބައިތަކަށް ބައިވެގެން ދެއެވެ. މިއީ ލޭގެ ރަތް ސެލްތަކުގައިވާ އެންޓިޖަން އާއި، ޕްލާޒްމާގައިވާ ހަށިދަމަނަތަކާއި ދެމެދު ( އޭ ގުރޫޕުގެ މީހެއްގެ ގަޔަށް ބީގުރޫޕުގެ ލޭއެޅުމުން އޭ އެންޓިޖަން އާއި، އޭ އެންޓިޖަން އާއި އިދިކޮޅު ހަށިދަމަނަ ( އެންޓިއޭ އަގުލިޓިނިން ) އާއި ދެމެދު ) ''އެންޓިޖަން- އެންޓިބޮޑީ ރިއެކްޝަން''(Antigen-antibody reaction)ހިގުމުން ކުރިމަތިވާ ކަންކަމެވެ. މިއާއި ގުޅިގެން އަންނަނިވި އަލާމާތްތައް ފެނުމަކީ ގާތްކަމެކެވެ.

* އާދަޔާއި، ޚިލާފަށް ގައިގައި ރިހުން: މިއީ ލާމެހި އެކަތިގަނޑަކަށް ވެފައިވާ ލޭގެ ރަތް ސެލްތައް ކުދިލޭހޮޅިތައް ބައްދާލުމުން ކުރިމަތިވާ ކަމެކެވެ.
* ހިމޮލިޓިކް ޖޮންޑިސް ނުވަތަ ރީދޫވުން(Hemolytic jaundice): މިއީ ހަލާކުވެފައިވާ ލޭގެ ރަތް ސެލްތަކުން ބޭރުވާ ހިމަގްލޯބިން އިން ''ބިލިރޫބިން'' އުފައްދާ މިންވަރު އިތުރުވުމާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ.
* ލޭގެ ޕްރެޝަރ ދަށްވުން(hypotension): މިއީ ހަލާކުވެފައިވާ ލޭގެ ރަތް ސެލްތަކުން ބޭރުކުރާ''ހިސްޓަމީން''ގެ ސަބަބުން ލޭހޮޅިތައް ފުޅާވުމުން ކުރިމަތިވާ ކަމެކެވެ.
* ލޭގައި ޕޮޓޭސިއަމް ގިނަވުން(Hyperkalemia): މިއީ ހަލާކުވެފައިވާ ލޭގެ ރަތް ސެލްތަކުން ޕަޓޭސިއަމް ބޭރުވުމާއި، ގުރުދާ ފޭލްވުމުގެ ސަބަބުން ޕަޓޭސިއަމް ހަށިގަނޑުގައި ޖަމާވުމުން ކުރިމަތިވާ ކަމެކެވެ.
* ކުޑަކަމުދާ ތަކެތި ބޭރުވާ މިންވަރު ދަށްވުން(Oliguria): މިއީ ލޭގެ ޕްރެޝަރ ދަށްވުމާއި، ގުރުދާގެ ހޮޅިތަކުގައި ހިމަގްލޯބިން ހަރުލުމުން، ހޮޅިތައް ބެދި، ކުޑަކަމުދާތަކެތި ބޭރުވުމަށް ހުރަސްއެޅުމުން ކުރިމަތިވާ ކަމެކެވެ.
* ގުރުދާ ފޭލްވުން(Kidney failure): ގުރުދާ ފޭލްވުމުން ލޭގައި ޔޫރިއާ(Urea)، ކްރިއަޓިނިން (Creatinine)، އަދި ޕަޓޭސިއަމްގެ މިންވަރު އިތުރުވެގެން ދެއެވެ. މިހާލަތުގައި ޕަޓޭސިއަމް މިންވަރު ލޭގައި އިތުރުވުމުގެ ސަބަބުން 10-8ދުވަހުގެ ތެރޭގައި މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ހާލަތްތަކުގެ ގުރުދާ ފޭލްނުވެ، ސަލާމަތްވެއެވެ. ނަމަވެސް ގުރުދާގެ ތިރީބައިގެ ނެފްރޯން (Nephron)ތައް ހަލާކުވާގޮތް ވެއެވެ. މިފަދަ ހާލަތުގައި ''ގްލޯމެރޫލައި''(Glomeruli)ތަކުން ފުރާނާ ޕަޓޭސިއަމް ގުރުދާގެ ހޮޅިތަކުން އެތެރެއަކަށް ނުދަމައެވެ. އެއާއި ވިދިގެން ލޭގައި ޕަޓޭސިއަމްގެ މިންވަރު ދަށްވެ، މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.
* ނޭވާލުމަށް އުދަގޫވުމާއި، މޭގައި ރިހުން
* ހީކެރުވުމާއި، ހުންއައުން

ލޭއެޅުމުގެ ތެރޭގައި ދިމާވެދާނެ ކަންތައްތަކަކީ ކޮބާ؟
1-      ލޭނުގުޅުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް
2-      ހުންއައުން
3-      ބެކްޓީރިއާ ނުވަތަ ޖަރާސީމެއްގެ ސަބަބުން އިންފެކްޝަން އަށަގަތުން: މަދުން ނަމަވެސް ލޭ ބެކްޓީރިއާއާއި، ތަޣައްޔަރުވާގޮތް ވެއެވެ. 4ޑިގްރީ ސެލްޒިއެސްގައި ބޮޑުވުމުގެ ގާބިލިއްޔަތުކަން ހުރި ބެކްޓީރިއާއެއް ނަމަ ''ބެކްޓިރިމިކް ޝޮކް''(Bacterimic shock)އެއް ކުރިމަތިކުރުވުމަކީ ގާތްކަމެކެވެ. އެއިޑްސް، އަދި ފުރަމޭދުޅަވުން ކުރިމަތިކުރުވާ ވައިރަސް ފަދަ އެތައް ވައިރަހެއް ލޭގެ ޒަރީއާއިން ހަށިގަނޑަށް ވާސިލްވެއެވެ.
4-      އެއް ލިޓަރަށްވުރެ ގިނައިން އެއްފަހަރާ ލޭއަޅައިފިނަމަ، އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ ގާތްކަމެކެވެ.
(ހ) ހަށިގަނޑުގެ ފިނިހޫނުމިން ދަށްވުން(Hypothermia)
(ށ) ލޭގައި ޕޮޓޭޝިއަމް ގިނަވުން(Hyperkalemia)
(ނ) ހިތުގެ ބަލިތައް ހުންނަ މީހުންނަށް ''ސާކިއުލޭޝަން އޯވަރލޯޑް'' ވުން
(ރ) ސައިޓްރޭޓް ވިހަވުން(Citrate toxicity): ސައިޓްރޭޓަކީ ހަށިގަނޑަށް ފޯރުކޮށްދޭ ލޭ ގަނޑުވިޔަ ނުދިނުމަށް ބޭނުންކުރެވޭ މާއްދާ އެކެވެ. އާންމުގޮތެއްގައި ޓިޝޫތަކުގެ ހަތާތަކުގެ އެހީގައި ސައިޓްރޭޓް ބައިކާބޮނޭޓް އަށް ބަދަލުވެއެވެ. ނަމަވެސް މާގިނައިން ލޭއެޅުމުން، މިގޮތަށް ބަދަލުވާ މިންވަރު ދަށްވެ، ލޭގައި ސައިޓްރޭޓްގެ މިންވަރު އިތުރުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ''އެސިޑޯސިސް''(Acidosis) ، އަދި ލޭގައި ކެލްސިއަމް މަދުވުން(Hypocalcemia) ފަދަ މައްސަލަތައް ކުރިމަތި ކުރުވައެވެ.





No comments:

Post a Comment