ޕްލޭޓްލިޓް
ޕްލޭޓްލިޓް(Platelet) އަކީ ކަށީގެމަދުގައި ހުންނަ އާދަޔާޚިލާފަށް ބޮޑު ސެލްއެއް ކަމުގައިވާ ''މެގަކެރީއަސައިޓް''(Megakaryocyte) އިން އުފެދޭ ކުދިކުދިބައިތަކެކެވެ. މެގަކެރީއަސައިޓަކީ ކަށީގެމަދުގެ ތެރޭގައި ''ސްޓެމް ސެލް''(Stem cell) އިން އުފެދި ފުރިހަމަވުމަށްފަހު އޭގެތެރޭގައި ދެމިހުންނަ ސެލްތަކެކެވެ. ޕްލޭޓްލިޓް ތަކުގައި ނިއުކްލިއަސްއެއް ނުހުރެއެވެ. އަދި އޭގެ ޒާތުގައި އަލުންއުފެދުމުގެ ގާބިލިއްޔަތުކަން ވެސް ލިބިފައެއްނުވެއެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް ޕްލޭޓްލިޓް ބޭނުންވާ ކޮންމެ ފަހަރަކު ''މެގަކެރީއަސައިޓް''ތަކުން ޕްލޭޓްލިޓް އުފައްދައެވެ.ހުރަސް ދިގުމިނުގައި 3މައިކްރޯން ހުރެއެވެ. ޕްލޭޓްލިޓް އަށް ''ތްރޮމްބަސައިޓް''(Thrombocyte) އޭ ވެސް ކިޔައެވެ.
އާދައިގެ ގޮތެއްގައި ޕްލޭޓްލިޓްގެ %75-60 ހުންނަނީ ހަށިގަނޑުގައި ދައުރުވެ،ދައުރުވެ ހުންނަ ލޭގައެވެ.ބާކީވާ ބައިގެ ތެރެއިން ބޮޑުބައެއް ހުންނަނީ ހުންކޮށީގެ ތެރޭގައެވެ. ޕްލޭޓްލިޓްތައް އުފެދުން ކޮންޓްރޯލްކުރަނީ ''ސްޕެސިފިކް-ކޮލަނީ ސްޓިމިއުލޭޓިންގ ފެކްޓަރ''(Specific colony stimulating factor) ކިޔާ މާއްދާއަކުންނެވެ. މިއީ ''އިންޑޯތީލިއަމް''ގެ ސެލްތަކުންނާއި، ފައިބްރަބްލާސްޓްތަކުންނާއި، އަދި ބައެއް ހުދު ސެލްތަކުން ބޭރުކުރާ މާއްދާއެކެވެ. މިމާއްދާއަށް ކުރިން ''ތްރޮމްބަޕޮއިއިޓީން ހޯރމޯން''އޭވެސް ކިޔައި އުޅުނެވެ.
ޕްލޭޓްލިޓް އެކުލެވިގެންވާ ނިސްބަތް
ލޭގެ ކޮންމެ މައިކްރޯލިޓަރ އެއްގައި ގާތްގަނޑަކަށް 150,000-400,000ދެމެދުގެ އަދަދަކަށް ޕްލޭޓްލިޓް ހުރެއެވެ. މިއަދަދު އެވްރެޖްގޮތެއްގައި ހުންނަނީ 250,000ގައެވެ. އާންމުކޮށް ޕްލޭޓްލިޓް ދިރިދެމިހުންނަނީ 10ދުވަހުގެ މުއްދަތަށެވެ.
ޕްލޭޓްލިޓްގެ އޮނިގަނޑު
ލައިޓް މައިކްރަސްކޯޕަކުން ބަލައިފިނަމަ ޕްލޭޓްލިޓްތައް ހުންނާނީ ވަށް ނުވަތަ ކުކުޅު ބިސް ބުރުގެ ބައްޓަމަށެވެ. ޕްލޭޓްލިޓް އުފެދިފައިވަނީ ސާފު ހުދުކުލައިގެ އަރިމަތީ ބަޔަކާއި، ކުލަ އެކުލެވޭ މެދު ބައެއްގެ މަައްޗަށެވެ. މިބުނި ސާފު ހުދުކުލައިގެ އަރިމަތީބަޔަށް ކިޔަނީ''ހައިއެލޯމީރް''(Hyalomere) އެވެ.ކުލަ އެކުލެވޭ މެދުގައިވާ ބަޔަށް ކިޔަނީ ''ގްރެނިއޫލޯމީރް''(Granulomere) ނުވަތަ ''ކްރޯމަމީރް''(Chromomere) އެވެ.
އިލެކްޓްރޯން މައިކްރޯސްކޯޕަކުން ބަލައިފިނަމަ ޕްލޭޓްލިޓްގެ ބޭރުފަށަލަ(Cell membrane) އުފެދިފައި ހުންނަނީ އެއްވެސް ކަހަލަ ނިޒާމެއްނެތި އެވެ. އަދި މިފަށަލަ ވަނީ ''ގްލައިކޯޕްރޮޓީން''(Glycoprotein)ގެ ކޯޓަކުން ނިވާކުރެވިފައެވެ. މިކޯޓް ހަލާކުވެފައިވާނަމަ ''އިންޑޯތީލިއަމް''ގައި ޕްލޭޓްލިޓްތައް ތަތްވުމަށް އެހީވެދެއެވެ.
ޕްލޭޓްލިޓް އެކުލެވިގެންވަނީ ''ސައިޓަޕްލާޒަމް''(Cytoplasm) އާއި، އޭގެ ބޭރުން ވަށައިގެން ލެވިފައިވާ ފަށަލަ
(Cell membrane)ގެ މައްޗަށެވެ. ޕްލޭޓްލިޓްތަކުގެ އަރިމަތީބައިގައި ނުވަތަ މިބުނި ބޭރު ފަށަލަ ވަށައިގެން ކުދިކުދިހޮޅިތައް(Microtubules) އަދި ކުދިކުދި ފިލަމެންޓްތައް(Microfilaments) އެއްވެގެން އުފެދިފައިވާ ''ބަންޑަޅި''(Bundle)ތަކެއް ވެއެވެ. މިބަންޑަޅިތަކަށް ލިބިފައިވާ ވާންވެ ކުރުގެޅުމުގެ ބާރުގެ ސަބަބުން ލޭގަނޑުވުމުގެ ތެރޭގައި ޕްލޭޓްލިޓްގެ ބައްޓަން ބަދަލުކޮށްލައެވެ. ބޭރުފަށަލައިގައި ހިމެނޭ ''ފޮސްފޯލިޕިޑްސް''ގެ ބައިގައި ''ޕްލޭޓްލިޓް ފެކްޓަރ-3'' ހިމެނެއެވެ. މިއީ ލޭގަނޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ.
ޕްލޭޓްލިޓްތަކުގެ މެދުބައި ނުވަތަ ސައިޓޯޕްލާޒަމްގައި އެކްޓިން (Actin)، މައިއަސިން(Myosin)، ގްލައިކަޖަން
(Glycogen)، ލައިސަސޯމް(Lysosome) ، އަދި 3ބާވަތެއްގެ ''ގްރެނިއޫލް''(Granule) ހުރެއެވެ. އެއީ ''ޑެންސް ގްރެނިއޫލްސް''(Dense granules)އާއި، ''ބީޓާ ގްރެނިއޫލްސް''(Beta granules)އާއި، އަދި ''އަލްފާ ގްރެނިއޫލްސް''(Alpha granules) އެވެ.
ޑެންސް ގްރެނިއޫލްތައް މުއްސަދިވެފައިވަނީ ޕްރޮޓީން ނޫން މާއްދާތައްކަމުގައިވާ ''އެޑިނަސީން ޓްރައިފޮސްފޭޓް''( ATP)އާއި، ''އެޑިނަސީން ޑައިފޮސްފޭޓް''(ADP) އާއި، ކެލްސިއަމްއާއި، ''ސިރަޓަނިން''(Serotonin) އިންނެވެ.ބީޓާ ގްރެނިއޫލްސްގެ ތެރޭގައި ހިމެނެނީ މައިޓަކަންޑްރިޔާ (Mitochondria)އެވެ.އަލްފާ ގްރެނިއޫލްތަކުގެ ތެރޭގައި ''ފައިބްރިނަޖަން''(Fibrinogen)އާއ,''ޕްލޭޓްލެޓް-ޑިރައިވްޑް ގްރޯތު ފެކްޓަރ''(PDGF)އާއި، ލޭގަނޑުވުމަށް ބޭނުންވާ މާއްދާތަކުގެ ތެރެއިން މާއްދާ5 އާއި، މާއްދާ8 އަދި ބައެއް އެހެނިހެން މާއްދާތައް ހުރެއެވެ.
ޕްލޭޓްލިޓްގެ ވަޒީފާ
ޕްލޭޓްލިޓްތައް ކަށީގެމަދު ދޫކޮށް ބޭރަށްނިކުމެ ލޭގެ އާރުގައި ދައުރުވެ ހުރެއެވެ. ލޭމަނާކުރުމަށް ޕްލޭޓްލިޓްތައް ''ޕްލޭޓްލެޓް ޕްލަގް''(Platelet plug) ކިޔާ އެއްޗެއް އުފައްދައެވެ. މި ''ޕްލަގް'' އުފެދުމަށް އެހީތެރިވެދޭ ދެ ޚާއްޞިއްޔަތު ތަކެއް ޕްލޭޓްލިޓްތަކަށް އަށް ލިބިގެންވެއެވެ. އެއީ އަންނަނިވި ކަންތައްތަކެވެ.
* ހަލާކުވެފައިވާ ލޭހޮޅީގެ އެތެރޭ ކައިރިފަށުގެ ދަށުގައިވާ ކޮލަޖަން ފައިބާރތަކާއި، ޕްލޭޓްލިޓްތައް ތަތްވުން
* ޕްލޭޓްލިޓްތައް މަސްހުނިވެ، އެކަތިގަނޑަކަށްވުން (Aggregation)
ޕްލޭޓްލިޓްތައް ލޭމަނާކުރުމަށް އޭގައި ހިމެނޭ އެކަމަށް ޚާއްޞަ މާއްދާއެއްކަމުގައިވާ ''ޕްލޭޓްލެޓް ފެކްޓަރ--3'' ގެ ބޭނުންހިފައެވެ. ހަލާކުވެފައިވާ ގުނަވަނަކުން ނުވަތަ ޓިޝޫއަކުން ބޭރުކުރާ މާއްދާތައް ބާރުއަޅަންފެށުމުން ޕްލޭޓްލިޓްތައް އޭގައި ހިމެނޭ ލޭމަނާކުރުމަށް ބޭނުންވާ މާއްދާތައް ބޭރުކުރަން ފަށައެވެ. މިކަން ލޭމަނާވުން ފެށުމަށް އެހީވެ، ލޭހޮޅިތަކުގެ ފުރިހަމަކަން ދަމަހައްޓައެވެ.
* ޕްލޭޓްލިޓްތަކުގައި އެކުލެވޭ ލޭމަނާވުމަށް އެހީވެދޭ މާއްދާތަކުގެ ތެރޭގައި އަންނަނިވި މާއްދާތައް ހިމެނެއެވެ.
- އެކްޓިން (Actin)، އަދި މައިއަސިން (Myosin)
- ލޭމަނާކުރުމުގެ މަސައްކަތް ފެށުމަށް އެހީވެދޭ ކެމިކަލްތައް: މީގެތެރޭގައި ހިމެނެނީ ''ސެރަޓޮނިން''(Serotonin )އާއި، ''ތްރޮމްބަކްސޭން''(Thromboxane) ފަދަ މާއްދާތަކެވެ.
- އެހެނިހެން ޕްލޭޓްލިޓްތައް ގާތަށް ގެނައުމަށް އެހީވެދޭ ކެމިކަލްތައް: މިސާލަކަށް: ވަން ވިލެބްރެންޑް ފެކްޓަރ
(Von-willebrand factor)
- ހަލާކުވެފައިވާ ލޭހޮޅިތައް ރަގަޅުވުމަށް ބާރުއަޅާ ކެމިކަލްތައް: މިސާލަކަށް: ޕްލޭޓްލެޓް-ޑެރައިވްޑް ގްރޯތް ފެކްޓަރ (Platelet-derived growth factor)
- ލޭމަނާވުން ސާބިތުކަންމަތީ ދަމަހައްޓާ ކެމިކަލްތައް: މިސާލަކަށް: ފައިބްރިން-ސްޓެބިލައިޒިންގ ފެކްޓަރ
(Fibrin-stabilizing factor)
No comments:
Post a Comment