މުހިއްމު ސަފުހާތައް

Thursday, May 31, 2012

ދުންފަތުގެ ޞިނާއަތުން ދުންފަތްކޮންޓްރޯކުރުމަށް އަޅާ ހުރަސްތައް

ދުންފަތުގެ ޞިނާޢަތުން ދުންފަތް ކޮންޓްރޯލްކުރުމަށް އަޅާ ހުރަސްތައް
މިއަދަކީ ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން މިއަހަރު މިދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ " ދުންފަތުގެ ޞިނާޢަތުން ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ ހުރަސްތައް" މިއެވެ. އެގޮތުން ތިރީގައި މިބަލާލަނީ ދުންފަތުގެ ޞިނާޢަތުގެ ނުފޫޒު ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ފޯރަމުންދާ ގޮތުގެ މައްޗަށެވެ. ނުވަތަ ދުންފަތުގެ ޞިނާޢަތުން ދުންފަތް ކޮންޓްރޯލްކުރުން ހުއްޓުވުމަށް ބޭނުންކުރާ އުކުޅުތަކުގެ މައްޗަށެވެ. އެގޮތުން ދުންފަތުގެ ޞިނާޢަތުން ކުރިމަތިކުރުވާ ބައެއް ގޮށްޖެހުންތަކާއި، ދުންފަތް ކޮންޓްރޯލްކުރުމަށް އަޅަމުންގެންދާ ހުރަސްތަކާއި ހަދަމުންގެންދާ ދެކޮޅު ހެދުންތައް ތިރީގައި މިވަނީ އެވެ.

(1)- ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތަށް ގާނޫނީ އަދި ސިޔާސީ ގޮތުން އަޅަމުން ގެންދާ ހުރަސްތައް
ދުންފަތް އުފައްދާ ކުންފުނިތަކުން ދަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާ ތަންފީޒުކުރުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި އެކު މަޝްވަރާކޮށް ނެގޯޝިއޭޓް ކުރާއިރު އެކި ގައުމުތަކުގެ ހެލްތު މިނިސްޓްރީގެ ބާރު ކަނޑުވާލަން މަސައްކަތްކުރަމުންނެވެ. މިމަސައްކަތް ކުރަނީ ގިނަ ފަހަރު ސިޔާސީ ފަރާތްތަކަށް ރިޝްވަތާއި ފައިސާ ދީގެން އެމީހުން ލޮބީ ކޮށްގެންނެވެ.

ދުންފަތާއި ގުޅުންހުރި ދޭދޭ މުއައްސަސާތަކުގެ މެދުގައި އަރައިރުން އުފެއްދުމަށް ވެސް ދުންފަތުގެ ޞިނާޢަތުން މަސައްކަތް ކުރަމުންދެއެވެ. މިސާލަކަށް ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގައި ޝާމިލްވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ މިނިސްޓްރީ ތަކާއި، ޑިޕާޓްމަންޓް ތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގައި ޝާމިލްވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުގައި ދެބަސްވުން އުފައްދައި އަރައިރުންތައް އުފެއްދުމުގެ މަގުފަހިކުރުން ފަދަ ކަންތައްތައް ދުންފަތުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތައް އަޑީގައި ތިބެގެން ހިންގައެވެ.

ދުންފަތް އުފައްދާ ފަރާތްތަކުން ވަރަށް ގިނަ ގައުމުތަކުގައި ސިޔާސީ ފަރާތްތަކާއި ޕާޓީތަކަށް ލޮބީކުރުމަކީ ވެސް ދުންފަތުގެ ވިޔަފާރި ފުޅާކުރުމަށް ދުންފަތުގެ ޞިނާޢަތުން ބޭނުންކުރާ ހީލަތްތެރި އުކުޅެކެވެ. މިގޮތަށް ހަދަނީ ދުންފަތް ކޮންޓްރޯލްކުރުމަށް ހަރުދަނާ ގާނޫނުތައް ހެދިޔަނުދިނުމަށާއި، ހަދާ ގާނޫނުތަކުގައި އުނިކަން އުފެއްދުމަށެވެ. ނުވަތަ ދުންފަތާއި ދެކޮޅަށް ހަދާ ގާނޫނުތައް ވީހާ ވެސް ދުންފަތުގެ ޞިނާޢަތަށް ގެއްލުން ކުޑަވާނޭ ގޮތަކަށް ބައްޓަން ކުރުމަށްޓަކައެވެ. އަދި ދުންފަތުގެ ގާނޫނު ތަކުގައި ހުރި އުނިކަމުގެ ވާހަކަ ސިޔާސީ ފަރާތްތައް ލައްވައި ހާމަކުރުވުމަކީ ވެސް މިމަސައްކަތަށް އިތުރުވާ ބޮޅެކެވެ. މިހެން ހެދުމުން ދުންފަތުގެ ވިޔަފާރި އެ އުފައްދާ ކުންފުނިތަކަށް ހުއްޓިނެތި ކުރިއަށް ގެންދިއުމަށް މަގުފަހި ވެއެވެ.

ދުންފަތް އުފައްދާ ފަރާތްތަކުން ސިޔާސީ ޕާޓީ، ސިޔާސީ ފަރާތްތަކާއެކު ފައިސާގެ މުޢާމަލާތްތައް ހަދައި، ރިޝްވަތުދީ، ކެމްޕޭން ތަކަށް ޚަރަދުކުރެއެވެ. އަދި ދުންފަތާއި ދެކޮޅު ގާނޫނުތައް ހެދުމުގައި ގައުމުތަކަށް އެހީވުމުގައި ފޭކް ތަޖުރިބާކާރުން ގާނޫނީ ލަފާދިނުމަށް ފޮނުވައި ހަދައެވެ. އެގޮތުން ފޮނުވާ ގާނޫނީ ތަޖުރިބާކާރު ބާރުއަޅާނީ ދުންފަތް އުފައްދާ ކުންފުނިތަކަށް ގެއްލުން ކުޑަވާނޭ ގޮތަށް ގާނޫނު ބައްޓަށްކުރުމުގެ މައްޗަށެވެ. މިގޮތަށް ހެދުމުން ދުންފަތުން ލިބޭ ޞިއްޙީ ގެއްލުމަށްވުރެ ބޮޑަށް އެމީހުން އިސްކަން ދެނީ ދުންފަތުގެ  ވިޔަފާރި ހީނަރުވިޔަނުދީ ފުޅާކުރުމަށްކަން ދޭހަ ވެއެވެ.

ދުންފަތުގެ ޞިނާޢަތުން ދުންފަތާއި ދެކޮޅު ގާނޫނު ތަކުގެ ބާރު ކަނޑުވާލައި، ގާނޫނުތައް ނިކަމެތިވާނޭގޮތްތައް ހޯދަމުން ގެންދެއެވެ. އެގޮތުން ގާނޫނު ތަކުގައި ލޫޕްހޯލްތައް (ބާގަނޑުތައް) ނުވަތަ އުނިކަންތަކާއި ފުށުއަރާ ކަންތައްތައް ހުރިތޯ ބަލައި ހޯދައި އެކަންކަން އާންމުންނަށް ހާމަކުރެއެވެ. އަދި ދުންފަތާއި ބެހޭ ސިޔާސަތުތައް ސަރުކާރުން ނިންމުމުގައި ދުންފަތް އުފައްދާ ކުންފުނިތަކުގެ ބަސް ހޯދުމަށް ނުވަތަ ހިމެނުމަށް ބާރުއަޅައެވެ. މިހެން ހެދުމުގެ ބޭނުމަކީ އެމީހުންގެ ނުފޫޒު ހަދާ ގާނޫނުތަކުގެ މައްޗަށް ފޯރުވުމަށް މަސައްކަތް ކުރުމެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ދުންފަތުގެ ޞިނާޢަތުން ސަރުކާރުން ހަދާފައި ހުންނަ ގާނޫނު ތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ދުންފަތުގެ ޞިނާޢަތުން ގަވާޢިދުތައް ހަދައި (އެމީހުންނަށް ފައިދާވާނޭގޮތަށް) ، އެސަރުކާރަށް ހުށަހަޅައި އެޕްރޮމޯޓްކުރުމަށް މަސައްކަތްކުރަމުން ވެސް ގެންދެއެވެ. އަދި ދުންފަތް އުފައްދާ ފަރާތްތަކަށް ފައިދާވާނޭގޮތަށް ގާނޫނުތައް ޑްރާފްޓްކޮށް ބަހަމުން ގެންދެއެވެ. ބައެއް ގައުމުތަކުގައި ދުންފަތުގެ ގާނޫނު އެކުލަވާލާއިރު ދުންފަތުގެ ޞިނާޢަތް ތަމްސީލުކުރާނެ މަންދޫބުން ޝާމިލްކުރުމަށް ވެސް ބާރުއަޅައެވެ. އަދި ހަމަ މިހެން މަދުން ނަމަވެސް ސަރުކާރުގެ ކުންފުނިތަކާއެކު ޖޮއިންޓް ކުންފުނިތަކުގެ ގޮތުގައި އެކި އެކި ޕްރޮޖެކްޓް ތަކުގައި ދުންފަތް އުފައްދާ ކުންފުނިތަކުން ބައިވެރިވެ، ނުސީދާ ގޮތެއްގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ހުރަސް އަޅައެވެ.

މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ހިނގަމުންދާކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. ދުންފަތް އުފައްދާ ކުންފުނިތަކުން ގާނޫނީ ވަކީލުންގެ އެހީގައި، އަޑިއަޑިން ރާއްޖޭގައި ވެސް އެމީހުންގެ ޞިނާޢަތު ފުޅާކުރެވޭނެ ދޮރުތައް ހުޅުވުމަށް މަސައްކަތް ކުރެއެވެ. ސިޔާސީ ފަރާތްތައް ލޮބީކުރުން ވެސް ކޮންމެ ވެސް ސިފައެއްގައި އެބައޮތެވެ.

ދުންފަތުގެ ޞިނާޢަތުން ދަނީ ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެ ސަރުކާރުތަކަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލުތަކެއް ވެސް ހިންގަމުންނެވެ. އެގޮތުން ވަކި ސިޔާސަތެއް ނުވަތަ ސިޔާސަތުތަކެއް ތަންފީޒުކޮށްފިނަމަ ގާނޫނީ ފިޔަވަޅުއަޅާނެކަމަށް ބުނެ އިންޒާރުދީ ހަދައެވެ. މިސާލަކަށް ދުންފަތުގެ ވިޔަފާރިއަށް ހުރަސްއެޅޭ ގާނޫނުތަކާ ދެކޮޅަށް ދުންފަތް އެންމެ ގިނައިން އުފައްދާ އެއްގައުމު ކަމުގައިވާ އިންޑިޔާގެ ދުންފަތް އުފައްދާ ޞިނާޢަތުން އެގައުމުގެ ކޯޓެއްގައި މައްސަލަ ޖައްސާފައި ވެއެވެ.
(2)- ދުންފަތުގެ ޞިނާޢަތަކީ އިގްތިޞާދީ ގޮތުން ގައުމަށް ބޭނުންތެރި މުހިއްމު ޞިނާޢަތެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރުން
ދުންފަތުގެ ޞިނާޢަތަކީ ވަރަށް ބޮޑު އަދި ނުފޫޒު ގަދަ ޞިނާޢަތެކެވެ. މިޞިނާޢަތުން ދަނީ އެމީހުންނަކީ ވެސް ގައުމުގެ އިގްތިޞާދުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށް ދައުވާކުރަމުންނެވެ. މިކަމަށް އެމީހުން ދައްކާ ގަރީނާ އަކީ ދުންފަތުގެ ޞިނާޢަތުގައި ޝާމިލްވާ މަސައްކަތު މީހުންގެ އަދަދު އިތުރުވުމާއި، ދުންފަތުގައި ޞިނާޢަތުގައި އުފެދޭ ވަޒީފާ ތަކާއި، ދުންފަތުން ސަރުކާރަށް ދައްކާ ޓެކްސް ފަދަ ކަންކަމުން ގައުމަށް ފައިދާވުން ފަދަ ކަންކަމެވެ. ނަމަވެސް ވިސްނާލަންވީ ދުންފަތުގެ ޞިނާޢަތުން ޓެކްސްގެ ގޮތުގައި ސަރުކާރަށް ފައިދާވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ޞިއްޙީ ގޮތުން ލިބޭ ގެއްލުމަށް ފަރުވާކުރުމަށްދާ ޚަރަދު އަޅާކިޔާލުމެވެ. އަނެއްކަމަކީ ވިޔަފާރީގެ ފައިދާއަށްވުރެ މިފަދަ ކަންކަމުގައި އަހައްމިއްޔަތު ދޭންޖެހޭނީ އިންސާނީ ދަރިފަސްކޮޅު ދުޅަހެޔޮކަންމަތީ ތިބޭނެ ގޮތެއް ހެދުމެވެ. މީގެ އިތުރުން ދުންފަތުގެ ޞިނާޢަތުގައި ގިނަ އަދަދެއްގެ މީހުން ވަޒީފާ އަދާކުރާއިރު، ދުންފަތް ކޮންޓްރޯލްކުރުމުން ވަޒީފާގެ ބާޒާރަށް ނުރަގަޅު އަސަރުކުރާކަމަށް ހާމަކޮށް ދައްކަން މަސައްކަތް ކުރެއެވެ. އަދި މިކަމުން އިގްތިޞާދަށް ނޭދެވޭ އަސަރު ކުރާކަމަށްބުނެ އަޑު އުފުލަމުން ގެންދެއެވެ.

ރާއްޖެ އަކީ ދުންފަތުގެ ބާވަތްތަކުން ޓެކްސް ނަގާ ގައުމަކަށް ވުމުން ދުންފަތް އެތެރެކުރާ ފަރާތްތަކުން އެމީހުންގެ ވިޔަފާރި ހީނަރުވެދާނެތީ ދުންފަތުގެ ގާނޫނާއި ދެކޮޅަށް އެކި ސިފަސިފައިގައި ހަރަކާތްތެރިވާކަން ފާހަގަ ކުރެވެއެވެ. ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފިނަމަ އެމީހުންގެ ވިޔަފާރި ހީނަރުވާނެ ކަމުގެ ޝަކުވާ ކުރެއެވެ.

(3)- ދުންފަތަކީ މުޖުތަމަޢުގައި އިހްތިރާމާއި ގަދަރު ލިބިގެންވާ އެއްޗެއްކަން ހެދުމާއި ދުންފަތުގެ ޞިނާޢަތަކީ އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ޞިނާޢަތެއްކަން އާންމުންނަށް ވިސްނައިދިނުމަށް މަސައްކަތްކުރުން
ދުންފަތުގެ ޞިނާޢަތުން ދަނީ އިޖުތިމާޢީ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، އެޞިނާޢަތަކީ ވެސް މުޖުތަމަޢަށް އަޅާލާ ހެޔޮއެދޭ ބައެއް ކަމަށް ދައްކަން މަސައްކަތްކުރަމުންނެވެ. މިއީ އެމީހުންގެ ވިޔަފާރި ފުޅާކޮށް، އެއިން ލިބޭ ޞިއްޙީ ގެއްލުމުގެ ވާހަކަ ދެއްކުން އޮއްބާލުމަށް ކުރެވޭ މަސައްކަތެކެވެ. އެގޮތުން ބައެއް ގައުމުތަކުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ދުންފަތާއި ދެކޮޅު ކެމްޕޭންތައް ސްޕަންސަރ ކުރެއެވެ. އަދި ދުންފަތް އުފައްދާ ދަނޑުވެރިންނާއި އެމީހުންގެ ދަރިންނަށް އަމާޒުކޮށްގެން އިޖުތިމާޢީ ތައުލީމީ ޕްރޮގްރާމްތައް ރާވައި ހިންގައެވެ.

އެހެނިހެން އިޖުތިމާޢީ ކަންކަމުގައި ވެސް ދުންފަތުގެ ޞިނާޢަތުން ބައިވެރިވަމުން ދެއެވެ. އެގޮތުން އަންހެނުންނާއި ދެކޮޅަށް ހިންގޭ ނޭދެވޭ އަމަލުތައް ހުއްޓުވުމުގަޔާއި، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރާ ޕްރޮގްރާމް ތަކުގައާއި، ބޮޑެތި ކާރިސާގެ ވަގުތުތަކުގައި އެހީތެރިވުމުގައާއި، އަދި ހިލޭ އެހީތެރިވުމުގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެއެވެ. ބައެއް ކަހަލަ ކުޅިވަރު އިވެންޓްތައް ވެސް ސްޕަންސަރ ކުރެއެވެ. މިގޮތަށް ހަދަނީ ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުގައި އެތައް ބަޔަކު މަރުވާއިރު ވެސް އާންމުންނަށް ދުންފަތުގެ ޞިނާޢަތަކީ ވެސް ރަގަޅުކަންތައްތައް މުޖުތަމަޢަށް ކޮށްދޭ ބައެއްކަމަށް ދެއްކުމުގެ ގޮތުންނެވެ. އަދި އެފަދަ ކަންކަން ކޮށްގެން ޢާންމުން އޭގެ ޞިއްޙީ ގެއްލުމާއި މެދު ނުވިސްނާނޭ ގޮތެއް ހެދުމެވެ.

ދުންފަތުގެ ޞިނާޢަތުން މަތީގައި ބުނެވުނު ކަންކަމާއި ހަރަކާތްތަކުގައި ބައިވެރިވެ، ދުންފަތުގެ ޞިނާޢަތަކީ ވެސް ގައުމަށް ބޭނުންހުރި، ޒިންމާދާރު ބައެއްކަމަށް ދައްކަން ކެނޑިނޭޅި މަސައްކަތް ކުރެއެވެ. މިކަންކަމުގެ ސަބަބުން ދުންފަތާއި ދެކޮޅު ސިޔާސަތުތައް ކަނޑައެޅުމުގައި ހުރަސްއެޅޭ ފަހަރު ވެސް މަދުން ނަމަވެސް އާދެއެވެ. މާނައަކީ ދުންފަތް އުފައްދާ ފަރާތްތައް ބޭނުންވާ ގޮތަށް ކަނޑައެޅޭ ސިޔާސަތު ބައްޓަންވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިދިވެހިރާއްޖެއިން ދުންފަތް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކުން މިފަދަ ކަންކަމުގައި މަދުން ނަމަވެސް ޝާމިލްވެ އުޅެއެވެ.

(4)- ފޭކް ފްރަންޓް ގުރޫޕްތަކުގެ އެހީގައި ދުންފަތުގެ ޞިނާޢަތަށް ސަޕޯޓް ނުވަތަ އެއްބާރުލުން ހޯދުން
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ދުންފަތުގެ ޞިނާޢަތު ކުރިއަރުވައި ދިރުވުމަށް މޫނުމަތީ ގުރޫޕް ތަކެއް ނުވަތަ ފްރަންޓް ގުރޫޕްތަކެއް ހަދައިގެން، ދުންފަތުގެ ޞިނާޢަތް އެގުރޫޕުތަކުގެ އަޑީގައި ތިބެގެން މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ފްރަންޓް ގުރޫޕް ތަކަކީ މުޖުތަމައަށް ފައިދާ ހުރި ބައެއް ކަމުގައި ބޭރުފުށުން ދައްކަމުން ހަގީގަތުގައި އެހެން (3 ވަނަ) ބައެއްގެ ފައިދާއަށް މަސައްކަތްކުރާ ބައެއް ނުވަތަ ޖަމާޢަތް ތަކެވެ. އެގޮތުން ފްރަންޓް ގުރޫޕްތަކުގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ގުރޫޕް، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ ގުރޫޕް، ދުންފަތުގެ ބާވަތް އުފައްދާ ދަނޑުވެރިންގެ ޖަމްޢިއްޔާ، އަދި ދުންފަތުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޖަމްޢިއްޔާ އާއި، ރެސްޓޯރަންޓް ތަކުގެ ޖަމްޢިއްޔާ ފަދަ ވިޔަފާރި ގުރޫޕް ތައް ވެސް ހިމެނެއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއިން ގުރޫޕަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެގުރޫޕް ޖަމްއިއްޔާ ޖަމާޢަތުގެ ދިފާޢުގައި ދުންފަތުގެ ޞިނާޢަތުން އަޑުއުފުލާ ކަމެވެ. މިކަމަކީ ހަގީގަތުގައި އަޑީގައި ތިބެގެން ދުންފަތުގެ ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް ކުރާ ކަމެކެވެ. އަދި މިކަންކަމަށް އެއްބާރުލުންދިނުމުން އެމީހުންގެ ވިޔަފާރި ހީނަރުވުމުގެ ފުރުޞަތު ހަނިވެއެވެ.

(5)- ދުންފަތުގެ ސަބަބުން ގެއްލުންވާކަމަށް ހޯދިފައިވާ ޢިލްމީ ހެކިތަކަށް ދުންފަތުގެ ޞިނާޢަތުން ގޮށްޖެހުން
ދުންފަތުގެ ޞިނާޢަތުން ދަނީ އެތައް ދުވަހެއް ކުރިން ސައިންސް ވެރިން ހޯދާފައިވާ ޢިލްމީ ހެކިތަކަށް ގޮށްޖަހަމުންނެވެ. އެގޮތުން ދުންފަތުގެ ދުމަށް ހުށަހެޅުމުން (އެނުބޯމީހާއަށް) ނޭދެވޭ އަސަރުކުރާކަމަށް ދުންފަތުގެ ޞިނާޢަތުން ދެކޮޅު ހަދައެވެ. ނުވަތަ އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް އެއްބަހެއް ނުވެއެވެ. މީގެ އިތުރުން ދުންފަތުގެ ދުމަށް ހުށަހެޅުމުން ލިބޭ ގެއްލުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުމާއި، ނިކޮޓީން އަށް ދެވިހިފުމުން ލިބޭ ގެއްލުމާއި މެދު އާންމުންގެ ހިތުގައި ޝައްކު އުފެއްދުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރެވެމުން ދެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތަފާތު ޞިއްޙީ ނުރައްކާތައް ކުރިމަތިވާކަމަށް ޢިލްމީ ގޮތުން ވަނީ ހޯދި ސާބިތުވެފައެވެ. ދުންފަތް އުފައްދާ ކުންފުނިތަކުން ބައެއް ސައިންސްވެރިންނަށް ރިޝްވަތުދީ ފައިސާ ޚަރަދުކޮށްގެން ހެދިފައިވާ ދިރާސާތަކާމެދު ޝައްކުވާނޭގޮތަށް ސުވާލުތައް އުފައްދައި، ދުންފަތުން ގެއްލުންވާކަމަށް ހޯދިފައިވާ ކަންކަމަކީ ޔަގީންނޫން ކަންކަންކަމަށް ހާމަކުރުމަށް ދިރާސާތަކާއި ރިޕޯޓްތަކުގެ އަލީގައި މަސައްކަތްކުރެއެވެ. މިއީ ދުންފަތުގެ ވިޔަފާރި ދެމެހެއްޓުމަށް ކުރާ ކަމެކެވެ.  ސަބަބަކީ ދުންފަތުން ލިބޭ ގެއްލުން ޔަގީންނުވާނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާ ނުލައި ކުރިޔަށް ގެންދަން ބައެއް ފަރާތްތަކުން ބޭނުންވާނެތީއެވެ. ދުންފަތުން ޖެހޭ ވަރަށް ގިނަ ބަލިތައް ޖެހުމުގެ ސަބަބަކީ ދުންފަތްކަން ދިރާސާތަކުން ވަނީ ސާބިތުވެފައެވެ.

ދިވެހިރާއްޖޭގައި ވެސް ބައެއް މީހުން މިކަހަލަ އުޒުރުތައް ދައްކައެވެ. މިސާލަކަށް ދުންފަތުން ގެއްލުންވާއިރު ޞިއްޙީ ދާއިރާގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރަނީ ކީއްވެތޯ ސުވާލު އުފައްދައެވެ. އަދި ޞިއްހީ ދާއިރާގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރަނީ އެއިން ގެއްލުންނުވާތީ ކަމަށް ބުނެ ޝަކުވާ އުފައްދައެވެ.

(6)- ދުންފަތުގެ ޞިނާޢަތުގެ ވިޔަފާރި ފަގީރު އަދި މެދުފަންތީގެ ގައުމުތަކަށް އަމާޒުކުރުން
ތަރައްގީވެފައިވާ ގައުމުތަކުގައި ވަނީ ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށާއި، ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރުމަށާއި، ދުންފަތުގެ ބާވަތްތައް އުފެއްދުން ކޮންޓްރޯލްކުރުމަށާއި، ދުންފަތް އެތެރެކޮށް، ވިއްކުން ކޮންޓްރޯލް ކުރުމަށާއި، ދުންފަތުގެ ވިޔަފާރިން ޓެކްސް ނެގުން ފަދަ ކަންކަމަށް ހަރުދަނާ ގާނޫނުތަކާއި ގަވާޢިދުތައް އުފައްދާފައެވެ. މިއީ ދުންފަތް ކޮންޓްރޯލްކޮށް އެއިން ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކެވެ. ދުންފަތް އުފައްދާ ފަރާތްތަކަށް މިގައުމުތަކުގައި އެމީހުންގެ ވިޔަފާރި ހިންގައި ފުޅާކުރުން އުދަނގޫވުމުން، އެމީހުންގެ ވިޔަފާރި މިހާރު އަމާޒުކޮށްފައިވަނީ ފަގީރު އަދި މެދުފަންތީގެ ގައުމުތަކަށެވެ. ފަގީރު ގައުމުތަކުގައި ދުންފަތް ކޮންޓްރޯލްކުރުމަށް މާ ހަރުދަނާ ގާނޫނު ނުވަތަ ގަވާޢިދުތަކެއް ހެދިފައެއް ނުހުރެއެވެ. އަދި ފަގީރު އާބާދީ ތަކަކީ ނިސްބަތުން ހޭލުންތެރިކަން ކުޑަ މީހުން ގިނަ ގައުމުތަކެކެވެ. މިހެން ވުމުން ވަރަށް ފަސޭހަ ކަމާއެކު އެމީހުންގެ ޞިނާއަތް ފަގީރު ގައުމުތަކުގައި ފުޅާކުރެވޭގޮތް ވެއެވެ.

(7)- ދުންފަތުގެ ޞިނާޢަތުގެ  ވިޔަފާރި ކުޑަކުދިންނަށް އަމާޒުކުރުން
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ޅަ އުމުރުގައި މަރުވާ ކަމެއްކަން ދުންފަތް އުފައްދާ ފަރާތްތަކަށް އެނގެއެވެ. އެހެން ކަމުން މަރުވާ މީހުންގެ ސަބަބުން ވިޔަފާރިއަށް އަންނަ ހީނަރުކަން ފޫބެއްދުމަށް އެމީހުންގެ ވިޔަފާރި ކުޑަކުދިންނަށް އަމާޒުކުރެއެވެ. އެގޮތުން ދުންފަތް އުފައްދާ ފަރާތްތަކުން ހިންގަމުންގެންދާ ޢަމަލުތަކުގެ ތެރޭގައި، ހެދިފައިވާ ގާނޫނުތަކަށް ދެކޮޅު ހަދައި، (މިސާލަކަށް ކުޑަކުދިންނަށް ވެސް ދުންފަތް ވިއްކުމަށް ބާރުއެޅުން)، ކުޑަކުދިން ދުންފަތާއި ދޯޅުކުރުވުމަށް ތަފާތު އިޝްތިހާރުތައް ހެދުން، އަދި ކުޑަކުދިންގެ ފިލްމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ ތަން ދެއްކުން ފަދަ ކަންތައްތައް ހިމެނެއެވެ. ވަރަށް ހަނގު ކުދިންނަށް ވެސް ދުންފަތުގެ ވިޔަފާރި އަމާޒުކުރެއެވެ. އަދި އެކުދިން ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި ދޯޅުކުރުމަށް މަސައްކަތްތަކެއް ކުރެވެއެވެ. ކުޑަ ކުއްޖާގެ އުމުރުން ހަނގުވި ވަރަކަށް ދުންފަތަށް ހުންނަ ޝައުގުވެރިވުން ބޮޑުކަން ދިރާސާތަކުން ދައްކައެވެ. އަދި ގިނަ ދުވަހު އެކަންކުރުން މަތީ ދެމިހުންނަގޮތް ވެއެވެ. ސަބަބަކީ ކުޑައިރު ކުރާ ކަންކަމާއި ދަސްވާ ކަންތައްތައް ގިނަ ދުވަހަށް ހަދާނުގައި ނުފިލައި ދެމިހުންނާނެތީ އެވެ.

ދިވެހިރާއްޖޭގައި ހެދިފައިވާ ދުންފަތުގެ ގާނޫނުގައި ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކޮށްފައި ވިޔަސް ބައެއް ފަރާތްތަކުން މިޢަމަލުގައި ކުޑަކުދިން ބައިވެރިކުރުވައެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ޓީވީ ތަކުން ދުންފަތުގެ އިސްތިޢުމާލުކުރާ މަންޒަރު ފެނުމަކީ ވެސް ބައެއް ފަހަރު ކުއްޖާގެ ޝައުގުވެރިކަން އެކަމަށް ގެންގޮސްފާނެ ކަމެކެވެ. ޓީވީ ސްކްރީންތަކުގައި ޢާންމު ކުޑަކުދިންގެ ކާޓޫނު "ޓޮމް އެންޑް ޖެރީ"ގެ އެޕިސޯޑެއްގައި ދުންފަތުގެ އިސްތިޢުމާލުކުރާ ތަން ދައްކައެވެ. އެ މަންޒަރުން ދައްކައިދެނީ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އެހެން މީހުންގެ މެދުގައި މީހާ މަގުބޫލުވާ ކަމެއްގެ ގޮތުގައެވެ. ނުވަތަ އެހެން މީހުން އެމީހަކާ ގަޔާވާނެ ކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން ކޭބަލް ޓީވީގެ ތަފާތު ޗެނަލް ތަކުގައި ވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މަންޒަރުތައް ދައްކައެވެ. އަދި މިމަންޒަރުތައް ކުޑަކުދިންނަށް ފެނި، އެކަންކަން ކޮޕީ ކުރުމުގެ ފުރުޞަތު މިމުޖުތަމަޢުގައި ވެސް ވަރަށް ބޮޑެވެ.

(8)- ދުންފަތުގެ ޞިނާޢަތުގެ ވިޔަފާރި އަންހެނުންނަށް އަމާޒުކުރުން
ދުންފަތުގެ ޞިނާޢަތުގައި ހީވާގިވެ އުޅޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި "އަންހެނުންނަކީ ދުންފަތުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު" ބައެކެވެ. ދުންފަތުގެ ވިޔަފާރި އަންހެނުންނަށް އަމާޒު ކުރެވުނީ އިއްޔެއަކު މިއަދަކު ނޫނެވެ. ފުރަތަމަ ބޮޑު ހަނގުރާމަ އިން ފެށިގެން ވެސް ދުންފަތް އުފައްދާ ފަރާތްތަކުން އަންނަނީ އަންހެނުންނަށް އަމާޒުކޮށްގެން ދުންފަތް އިޝްތިހާރު ކުރަމުންނެވެ. 1929ވަނަ އަހަރު ގައި ނިއުޔޯކްގައި އެޑްވާރޑް ބާނޭ ބޭއްވި ސްޓޭޖް ޝޯއެއްގައި އަންހެނަކު ލަކީ ސްޓްރައިކް ސިގިރޭޓެއް ރޯކޮށްގެން ސްޓޭޖްގައި ދައްކާލުމެއް ހުށަހެޅިއެވެ. އަދި އެއަންހެން މީހާ ހިފައިގެން ހުރި ސިގިރޭޓަށް "މިނިވަންކަމުގެ ދަންމަރު ނުވަތަ ބައްތި"ގެ ނަމުން ނަންދީފައި ވެއެވެ. އަދި މިކަމަކީ އަންހެނުންގެ މިނިވަންކަމުގެ ދަށުން ކުރެވިދާނެ ކަމެއްކަމަށް އެދުވަސްވަރު އަޑުއުފުލުނެވެ. ނަތީޖާއެއްގެ ގޮތުން އެތައް އަންހެނުންނެއް އެދުވަސްވަރު ސިގިރޭޓް ބޯންފެށި އެވެ. މިއަދު ވެސް ގިނަ އަންހެނުން ގަބޫލުކުރަނީ ސިގިރޭޓް ބުއިމަކީ އެމީހުންގެ އަމިއްލަ މިނިވަންކަމުގެ ދަށުން ކުރެވިދާނެ ކަމެއްކަމަށެވެ.

މިޒަމާނުގައި ދުންފަތް އުފައްދާ ކުންފުނިތަކުން ދަނީ ސިގިރޭޓަކީ ބަރުދަން ލުއިކޮށްދީ ހަށިގަނޑުގެ ބައްޓަށް ރަގަޅުކޮށްދޭ އެއްޗެއްގެ ގޮތުގައި އިޝްތިހާރު ކުރަމުންނެވެ. އެހެންކަމުން ހިކިކޮށް ހުރުމަށް ބައެއް އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާތަން ފެނެއެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ.

ދުންފަތް އުފައްދާ ކުންފުނިތަކުން އަންހެނުންނަށް އަމާޒުކޮށްގެން ޚާއްޞަ ސިގިރޭޓް އުފައްދާފައި ހުރެއެވެ. މިސާލަކަށް ލައިޓް ސިގިރޭޓްގެ ބާވަތްތައް،އަލްޓްރާ ލައިޓް ސިގިރޭޓްގެ ބާވަތްތަކާއި، ކަރަންފޫ، ސްޓޯބެރީ، ކުދީނާ ފަދަ އެކިއެކި ރަހަތައް ހިމަނައިގެން ހަދާފައިވާ ސިގިރޭޓް ތަކަކީ ފުރާވަރުގެ އުމުރުގެ އަންހެން ކުދިންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ސިގިރޭޓްގެ ބާވަތްތައްކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހިރާއްޖޭގައި ވެސް އަންހެނުން ދުންފަތުގެ އިސްތިޢުމާލުކުރާ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. ސައި ހޮޓާ ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނުގައި ހާމަކަން ބޮޑު ގޮތެއްގައި އަންހެނުން ދުންފަތުގެ އިސްތިޢުމާލުކުރާ މަންޒަރު ފެނެއެވެ. މިކަން ފެޝަނެއް ނުވަތަ ސްޓައިލެއްގެ ގޮތުގައި ބައެއް އަންހެންކުދިން ކުރާއިރު އަނެއް ބަޔަކު މިކަން ކުރަނީ "އަމިއްލަ މިނިވަންކަމޭ" ބުނެއެވެ. ފަހަރުގައި ވެސް އެއިން އެމީހާއަށާއި އަނެކާއަށް ލިބިދާނެ ޞިއްޙީ ގެއްލުމަކަށް ވިސްނައެއް ނުލައެވެ.

(9)- ދުންފަތުގެ ޞިނާޢަތުން ހީލަތްތެރިކަމާއެކު ނުސީދާކޮށް ދުންފަތް އިޝްތިހާރުކުރުން
ދުންފަތުގެ ޞިނާޢަތުން ދަނީ ނުސީދާކޮށް ވެސް ދުންފަތުގެ ވިޔަފާރި އިޝްތިހާރު ކުރަމުންނެވެ. އެގޮތުން "ޕްރޮޑަކްޓް ޕްލޭސްމެންޓް" ގެ ނަމުގައި ފިލްމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރުތައް ހިމެނައެވެ. މިގޮތަށް ހެދުމުން މިއީ އިޝްތިހާރެއްކަމަށް ފާހަގަ އެއް ނުވާނެ އެވެ. ފިލްމް ކުޅޭ އަދި އުފައްދާ ފަރާތްތަކުކަށް ދުންފަތުގެ ޞިނާޢަތުގެ ވެރިން ފައިސާދީ ޚަރަދުކުރެއެވެ. އެއީ އެމީހުންގެ ފިލްމުތަކުގައި ދުންފަތުގެ ބޭނުންކުރާ މަންޒަރުތައް ހިމަނައި، ދުންފަތުގެ އުފެއްދުން ކުރިއަރުވައި އިޝްތިހާރުކުރުމަށެވެ.  

މީގެ އިތުރުން ދުންފަތުގެ ޞިނާޢަތުން ދަނީ ދުންފަތް އިޝްތިހާރު ކުރުމަށް ޒުވާނުންނަށް ދުންފަތް އިސްތިއުމާލުކުރުމަށް ބާރުއެޅުމަށް ފައިސާދީގެން ރޯލް މޮޑެލުން ބޭނުންކުރަމުންނެވެ. އެގޮތުން ބޮޑެތި ސައި ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގައާއި، ޝޮޕިންގ މޯލް ފަދަ ތަންތަނުގައި ލާރި ދީގެން ޒުވާން އަންހެންކުދިން ލައްވައި ދުންފަތުގެ އިސްތިޢުމާލުކުރުވައެވެ.  ދުންފަތުގެ އިސްތިއުމާލުކުރުން ވަކި ގޮތަކަށް މަނާކޮށްފައި ހުންނަ ގައުމުތަކުގައި ސިފައިންނަށް ސިގިރޭޓް ހިލޭ ދީގެން ކުޑަކުދިން ސިގިރޭޓް ބުއިމަށް މަގުފަހިކުރުވައެވެ.

(10)- ބައިނަލް އަގްވާމީ މުއާހަދާތައް
ދުންފަތުގެ ޞިނާއަތުން ދަނީ ބައިނަލް އަގްވާމީ ގޮތުން ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުން ތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އެމީހުންގެ ވިޔަފާރި ހިންގުމަށް މަސައްކަތްކުރަމުންނެވެ. ނުވަތަ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އަޅަމުންނެވެ. އަދި ދުންފަތުގެ ބާވަތްތަކުން ޓެކްސް ނެގުން އިތުރުވިޔަ ނުދިނުމަށް ވެސް މަސައްކަތްކުރާކަން ފާހަގަ ކުރެވެއެވެ.

ދުންފަތުގެ ޞިނާޢަތުން އަޅާ ހުރަސްތަކާމެދު ހަދާން ބަހައްޓަންވީ 3 ކަމެއް
·         ދުންފަތުގެ ޞިނާޢަތުން އަޅާ ހުރަސްތައް ހާމަކަމާއެކު ފެންނަން ނުހުރުން
·         ދުންފަތުގެ ޞިނާޢަތުން ހުރަސްއަޅަނީ ހަމައެކަނި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ ކަންތައްތަކުގައި އެއްނޫން
·         ދުންފަތުގެ ޞިނާޢަތުން ހުރަސްއަޅަނީ ހަމައެކަނި ޞިއްޙަތާއި ގުޅުންހުރި ކަންކަމުގައެއް ނޫން

No comments:

Post a Comment