މުހިއްމު ސަފުހާތައް

Friday, June 8, 2012

ޕައިނީއަލް ގްލޭންޑް


ޕައިނީއަލް ގްލޭންޑް


ޕައިނީއަލް ގްލޭންޑް(Pineal gland) އަކީ ސިކުނޑީގެ ތެރޭގައި އިންނަ ކުޑަ އިންޑަކްރިން ގްލޭންޑް އެކެވެ. ކުޑަ ފެހި އޮށެއް ނުވަތަ ހަނޑޫފުކެއްގެ މިންވަރުގެ މިގްލޭންޑް އިންނަނީ ސިކުނޑީގެ ދެފަޅީގެ މެދުން، މެދުތެރެއާއި ކައިރީގައެވެ. މިގްލޭންޑް އިން ބޭރުކުރާ ހޯރމޯން އަކީ މެލަޓޯނިންއެވެ. ޕައިނިއަލް ގްލޭންޑަކީ އެންމެފަހުން ހޯދުނު އެންޑަކްރިން ގްލޭންޑެވެ. މިގްލޭންޑަށް ކިޔާ އެހެނިހެން ނަންތަކުގެ ތެރޭގައި "އެޕިފީސިސް"(Epiphysis)، "ޕައިނިއަލް ބޮޑީ"(Pineal body) ، "ކޮނޭރިއަމް"(Conarium) ، "ތިންވަނަ ލޯ" (third eye)ފަދަ ނަންތައް ހިމެނެއެވެ.

އިންނަ ތަން
ޕައިނީއަލް ގްލޭންޑަކީ ފެހިއޮށެއްވަރުގެ ސައިޒަށް އިންނަ ރަތް އަޅިކުލައިގެ ޖިސްމެކެވެ. މި ގްލޭންޑް އިންނަނީ ''ސްޓްރިއާ މެޑުލާރިސް''(Stria medularis)ގެ ތިރިން، ''ސްޕީރިއޯ ކޮލިކިއުލަސް''(Superior colliculus)ގެ ކުރިމަތިން ''ތަލަމިކް ބޮޑީޒް''(Thalamic bodies)ގެ އެއް އަރިމައްޗެއްގައެވެ. މިގްލޭންޑް އަކީ ''އެޕިތަލަމަސް''(Epithalamus) ގެ ބައެކެވެ. ނުވަތަ ސިކުނޑީގައިވާ "ޑައިއެންސެފަލޯން"(Diencephalon) ގެ ބައެކެވެ. މިގްލޭންޑް އިންނަނީ "ތާރޑް ވެންޓްރިކަލް"(Third ventricle) ގެ މަތީ ފަހަތު ކަނުގައި ތަތްވެފައެވެ.  ޕައިނިއަލް ގްލޭންޑްގެ ބޮޑުމިނުގައި ހުންނަނީ ގާތްގަނޑަކަށް 8-5 މިލިމީޓަރު ނުވަތަ 1 ސެންޓިމީޓަރެވެ.

އެކުލެވިގެންވާގޮތް
ޕައިނީއަލް ގްލޭންޑްގައި އެންމެ ގިނައިން ހުންނަނީ ''ޕައިނިއެލޯސައިޓް''(Pinealocyte) ކިޔާ ސެލްތަކެކެވެ. މިސެލްތަކުގެ ވަށައިގެން ކަނެކްޓިވް ޓިޝޫ އެކުލެވޭ ތަންތަން ވެއެވެ.މިގްލޭންޑްގެ ބޭރު ސަތަހަ އިންނަނީ ތުނި ފަށަލަ އެއްކަމަށްވާ ''ޕައިނިއަލް ކެޕްސޫލް''(Pineal capsule) އިން ނިވާކުރެވިފައެވެ. ކުރިން ބުނި ސެލްގެ އިތުރުން ޕައިނިއަލް ގްލޭންޑްގައި ހުންނަ ސެލްތަކުގެ ތެރޭގައި ''އިންޓަސްޓިޝަލް ސެލް''(Interstitial cell)  "ގްލިއަލް ސެލް"(Glial cells) އަދި ''ފޭގޯސައިޓް''(Phagocyte)  ފަދަ ސެލްތައް ހިމެނެއެވެ. ޕައިނިއަލް ގްލޭންޑަކީ ނާރުތަކުގެ ނިޒާމާއި، ހޯރމޯންތައް އުފައްދައި ދޫކުރާ ނިޒާމް ގުޅުވައިދޭ ފާލަމެކެވެ. އިންޓަސްޓިޝަލް ސެލް ތައް ހުންނަނީ ޕައިނިއެލޯސައިޓް ތަކުގެ ދޭތެރޭގައެވެ.

ސިމްޕެތެޓިކް ނާރވަސް ސިސްޓަމް އިން ޕައިނީއަލް ގްލޭންޑަށް ނާރު އައިސްފައިވަނީ "ސްޕީރިއަރ ސަރވައިކަލް ގެންގްލިއޯން"(Superior cervical ganglion) މެދުވެރިކޮށެވެ. އަދި ޕެރަސިމްޕެތެޓިކް ނާރވަސް ސިސްޓަމް އިން ޕައިނީއަލް ގްލޭންޑަށް ނާރު އައިސްފައިވަނީ " ސްފީނޯޕަލަޓައިން ގެންގްލިއޯން"(Sphenopalatine ganglion) އަދި "އޯޓިކް ގެންގްލިއޯން"(Otic ganglion) އިންނެވެ. މީގެ އިތުރުން "ޕައިނިއަލް ސްޓޯކް"(Pineal stalk) ގެ ތެރެއިން ވެސް ޕައިނީއަލް ގްލޭންޑަށް ނާރުފައިބަރުތައް އައިސްފައި ހުރެއެވެ. "ޓްރައިޖެމިނަލް ގެންގްލިއޯން"(trigeminal ganglion) އިން ނިކުމެފައިވާ ނިއުރޯންތަކުން ނިއުރޯޕެޕްޓައިޑް(Neuropeptide)  "ޕިޓޫއިޓަރީ އެޑިނައިލޭޓް ސައިކްލޭޒް – އެކްޓިވޭޓިންގ ޕޮލީޕެޕްޓައިޑް"(pituitary adenylate cyclase – activating polypeptide) އެކުލެވޭ ނާރު ފައިބަރު ތައް ހުރެއެވެ.
ޕައިނީއަލް ގްލޭންޑްގެ ތެރޭގައި "ސިކުނޑީގެ ވެލި" ކިޔާ ވެލިފަދަ މާއްދާ އެއް ހުރެއެވެ، މިމާއްދާ އެކުލެވިގެންވަނީ "ކެލްސިއަމް ފޮސްފޭޓް"(Ca phosphate)، "ކެލްސިއަމް ކާބޮނޭޓް"(Ca carbonate) ، "މެގްނީޒިއަމް ފޮސްފޭޓް"(Mg phosphate)، "އެމޯނިއަމް ފޮސްފޭޓް"(Ammonium phosphate) ގެ މައްޗަށެވެ.

އުފައްދައި ދޫކުރާ ހޯރމޯންތައް
މެލަޓޯނިން
މެލަޓޯނިން (Melatonin)އަކީ ސިކުނޑީގެ ތެރޭގައިވާ ޕައިނިއަލް ގްލޭންޑްގައި ހުންނަ ''ޕައިނިއެލޯސައިޓް''(Pinealocyte) އިން އުފައްދައި ދޫކުރާ ހޯރމޯން އެކެވެ. އާންމު ގޮތެއްގައި މިހޯރމޯން ދޫކުރަނީ ޕައިނިއަލް ގްލޭންޑް އިން ކަމަށް ވިޔަސް ބައެއް ފަހަރު ލޮލުގެ "އަލިދުލި"(Retina) އަދި ހަޖަމުކުރާ ނިޒާމް ގެ ބައިތަކުން ވެސް މިހޯރމޯން ދޫކުރެއެވެ.

މެލަޓޯނިން އަކީ ޖިންސީ ގުނަވަންތައް ހެދިބޮޑުވުމަށް ބާރުއަޅާ، ހޭލުމާއި ނިދުމުގެ މަސައްކަތް ހިންގުމުގައި ބައިވެރިވާ ހޯރމޯން އެކެވެ. މެލަޓޯނިންގެ ޕްރިކޯސަރ އަކީ "ސިރަޓޯނިން"(Serotonin) އެވެ. މާނައަކީ މެލަޓޯނިން އުފެދިގެން އަންނަނީ ސިރަޓޯނިން އެވެ.

ޕައިނީއަލް ގްލޭންޑްގެ ވަޒީފާ
·         މެލަޓޯނިން ހޯރމޯން އުފައްދައި ދޫކުރުން
·         މެލަޓޯނިން އިން އަދާކުރާ ބައެއް ކަހަލަ މަސައްކަތްތައް ތަންޒީމުކުރުން
·         ނާރުތަކުގެ ނިޒާމުން ފޮނުވާ ސިގުނަލްތައް ހޯރމޯން އުފައްދައި ދޫކުރާ ނިޒާމުން އުފައްދާ ސިގްނަލްތަކަށް ބަދަލުކުރުން
·         ނިދުމުގެ އިހްސާސް އުފެއްދުން / ނިދިލަކި ޖެއްސުވުން
·         ޖިންސީ ގޮތުން ފުރިހަމަވުމަށް ބާރުއެޅުން

ޕައިނީއަލް ގްލޭންޑަށްޖެހޭ ބައެއް ބަލިތައް
ޕައިނީއަލް ގްލޭންޑްގެ ޓިއުމަރު (Pineal tumor): މިއީ މަދުން ނަމަވެސް ޕައިނީއަލް ގްލޭންޑަށް ދިމާވާ ބަލީގެ ޙާލަތެވެ. އެގޮތުން ޕައިނީއަލް ގްލޭންޑްގެ ޓިއުމަރު ދެބަޔަކަށް ބެހިފައިވެއެވެ. އެއީ ޕައިނީއޯބުލާސްޓޯމާ(Pineoblastoma) އަދި ޕައިނީއޯސައިޓޯމާ(Pineocytoma) އެވެ. ޓިއުމަރުގެ ސަބަބުން ސިކުނޑީގެ ބައިތަކަށް ފިއްތައި ޕްރެޝަރު ކުރުމުގެ ސަބަބުން ތަފާތު އުދަނގޫތައް ކުރިމަތި ކުރުވައެވެ. އެގޮތުން ބޮލުގައި ރިހުން، ވިސްނުމަށް ބަދަލުއައުން، ހަދާނަށް ބަދަލުއައުން، ފަދަ ކަންތައްތައް ހިމެނެއެވެ.

No comments:

Post a Comment