ޕިޓޫއިޓަރީ ގްލޭންޑް
ޕިޓޫއިޓަރީ ގްލޭންޑް(Pituitary gland) އަކީ ސިކުނޑީގެ ބުނޑުގައި ނުވަތަ ދަށުގައި
އިންނަ ފެހި އޮށެއްގެ ވަރުވާ ކުޑަ އިންޑަކްރިން ގްލޭންޑް އެކެވެ. މިގްލޭންޑް
އިންނަނީ ''ސެލާ ޓާސިކާ''(Sella turcica) ކިޔާ ކަށިން އުފެދިފައިވާ
ހުސްތަނެއްގެ ތެރޭގައިވާ "ޕިޓޫއިޓަރީ ފޮއްސާ"(Pituitary fossa) އޭ ކިޔާ އަޑިކޮޅުގެ ތެރޭގައެވެ.
މިބުނި ކަށީގެ ހޮހަޅަ އިންނަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައި އެތެރެން ހުންނަ
ކަށިގަނޑުތަކުގެ ތެރޭގައި ހިމެނޭ ''ސްފީނޮއިޑް ކަށިގަނޑު''(Sphenoid bone) ގެ ތެރޭގައެވެ. ޕިޓޫއިޓަރީ ގްލޭންޑް އިން އެހެން
އިންޑަކްރިން ގްލޭންޑްތައް ހީވާގިކޮށް މުރާލިކުރާވާ ހޯރމޯންތައް ދޫކުރެއެވެ. ޕިޓޫއިޓަރީ
ގްލޭންޑް އިންނަނީ ސިކުނޑިން މޫލައިގެން ނިކުމެފައިވާ ލޮލުގެ ނާރު (Optic nerve)ތަކުގެ ދެމެދުގައެވެ.
އިންސާނާގެ ހަށިގަނޑުގައި ޕިޓޫއިޓަރީ ގްލޭންޑް އުފެދިފައިވާ
ގޮތުން މައިގަނޑު ގޮތެއްގައި ބަހާލެވިފައިވަނީ 2 ބަޔަކަށެވެ. އެއީ ޕިޓޫއިޓަރީ ގްލޭންޑް
ގެ ކުރިމަތީ ބައި(Adenohypophysis/ Anterior lobe) އަދި ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތުބައި(Neurohypophysis/ posterior lobe)
އެވެ. ޕިޓޫއިޓަރީ ގްލޭންޑްގެ
ކުރިމަތީ ބައިގައި ވަކިވަކި ވަޒީފީ ޔުނިޓް ތަކެއްގެ ގޮތުގައި މަސައްކަތްކުރާ
ސެލްތަކެއް ހުރެއެވެ. މިދެންނެވި ސެލްތަކަކީ ވަކިވަކި މަސައްކަތްތަކެއް ހިންގާ
ނުވަތަ ވަކިވަކި މާއްދާ ތަކެއް އުފައްދާ (ހޯރމޯން އުފައްދައި ދޫކުރާ) ފެކްޓަރީ
ތަކެކޭ ބުނެވިދާނެ އެވެ. އެގޮތުން މިދެންނެވި މާއްދާތައް އުފައްދަނީ ހަށިގަނޑު
ހުށަހެޅޭ މާޙައުލަކާއި ގުޅިގެން ހަށިގަނޑަށް އަންނަ ނުވަތަ ގެންނަ ބަދަލުތަކަށް
އިޖާބަ ދިނުމުގެ ގޮތުންނެވެ. އެއަށްފަހު އުފައްދައި ދޫކުރެވުނު މާއްދާތައް
(ހޯރމޯންތައް) ލޭގެ އާރަށް ވާޞިލްވެ، ލޭގެ ތެރޭގައި ދައުރުވަމުން ގޮސް، އެމާއްދާ
އަމާޒު ކުރެވިފައިވާ ޚާއްޞަ ގުނަވަނަށް ނުވަތަ ޓިޝޫ އަށް ވާޞިލް ވެއެވެ. ދެން
އެގުނަވަނަކުން ބޭނުންވަރަކަށް ބޭނުންވާ ވައްތަރެއްގެ ހޯރމޯން އުފައްދައި ދޫކުރާނެ
އެވެ. އެއީ ކުރިން ބުނިހެން މާހައުލަށް އައި ބަދަލަށް ހަށިގަނޑު އިޖާބަ
ދިނުމަށްޓަކައެވެ.
ޕިޓޫއިޓަރީ ގްލޭންޑަކީ ހޯރމޯން އުފައްދައި، ދޫކުރާ
ނިޒާމްގައި ހިމެނޭ އެންމެ މުހިއްމު ބައި ކަމުގައި ބެލެވިދާނެ އެވެ. ސަބަބަކީ
މިނިޒާމްގައި ހިމެނޭ އެހެނިހެން ގްލޭންޑްތަކުގެ ވަރަށް ގިނަ މަސައްކަތްތަކެއް
ކޮންޓްރޯލްކުރާ ހޯރމޯންތައް މިގްލޭންޑުން އުފައްދައި ދޫކުރާތީ އެވެ. އަހަރެމެންނަށް
އެނގުމާއި ނުލައި، މާޙައުލުގައި ހިނގާ ކަންތައްތަކާއި ގުޅިގެން ހަށިގަނޑަށް އަންނަ
ބަދަލުތަކަށް އިޖާބަދީ ހެދުމުގައި މިއީ ވަރަށް މުހިއްމު ގޮށެކެވެ. ތަފާތު އެތައް
ހޯރމޯން ތަކެއް އުފައްދައި ފުރިހަމަ ކުރުމުގެ މަސައްކަތުގައި މިގްލޭންޑް ޝާމިލްވާތީ
ވަރަށް ގިނަ ފަހަރު ޕިޓޫއިޓަރީ ގްލޭންޑް އަކީ "މާސްޓަރ ގްލޭންޑް"(Master gland) އެއްގެ ގޮތުގައި ބެލެވެއެވެ.
ޕިޓޫއިޓަރީ ގްލޭންޑް ބެހިފައިވާ ބައިތައް
·
ޕިޓޫއިޓަރީ ގްލޭންޑްގެ
ކުރިމަތީބައި (Anterior pituitary lobe)
·
ޕިޓޫއިޓަރީ ގްލޭންޑްގެ
މެދުބައި (Intermediate pituitary lobe)
·
ޕިޓޫއިޓަރީ ގްލޭންޑްގެ
ފަހަތުބައި (Posterior pituitary lobe)
ޕިޓޫއިޓަރީ ގްލޭންޑްގެ ވަޒީފާ
ޕިޓޫއިޓަރީ ގްލޭންޑް އަންނަނިވި ކަންތައްތައް ކޮންޓްރޯލް
ކުރުމުގައި ބައިވެރިވެ، އެހީތެރިވެދެއެވެ.
·
ތުއްތު ދަރިފުޅުގެ
ހަށިގަނޑުގެ ހެދިބޮޑުވުން ކޮންޓްރޯލްކުރުން
·
ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން
·
މައިމީހާގެ އުރަމަތީގައި
ކިރު އުފެދުން ކޮންޓްރޯލްކުރުން
·
ފިރިހެނުންގެ ޖިންސީ
ހޯރމޯން "ޓެސްޓޮސްޓަރޯން" ހޯރމޯން އުފެއްދުން ކޮންޓްރޯލްކުރުން
·
އަންހެނުންގެ
ހަށިގަނޑުގައި "އެސްޓްރަޖަން" ހޯރމޯން އުފެއްދުން ކޮންޓްރޯލްކުރުން
·
އަންހެނުންގެ
ބިސްރަވައިން ބިސްދޫކުރުން ކޮންޓްރޯލްކުރުން
·
ތައިރޮއިޑް ގްލޭންޑް ގެ
މަސައްކަތް ތައް ހިންގައި ކޮންޓްރޯލްކުރުން
·
ފެނާއި މަޢުދަންތައް
ހަށިގަނޑުގައި ހަމަހަމަކަންމަތީ ބެހެއްޓުން
·
މާބަނޑުވުމާއި ވިހެއުމުގެ
ތެރޭގައި ކުރިމަތިވާ ބައެއްކަންތައްތައް ކޮންޓްރޯލްކުރުން
·
ހަށިގަނޑުގެ ފިނިހޫނުމިން
ކޮންޓްރޯލްކޮށް ހަމަ ހިފެހެއްޓުން
·
ކުޑަކަމުދާ ތަކެތި
އުފެއްދުން ކޮންޓްރޯލްކުރުން
ޕިޓޫއިޓަރީ ގްލޭންޑްގެ ބައިތަކުން ދޫކުރާ
ހޯރމޯންތައް
ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން ދޫކުރާ
ހޯރމޯންތައް
(1) - ގްރޯތު ހޯރމޯން (Growth hormone): ގްރޯތު ހޯރމޯން އަކީ އިންސާނާގެ
ހަށިގަނޑު ބޮޑުވުމަށް ބާރުއަޅައި، ސެލްތައް އުފެއްދުމުގައި އެހީތެރިވެދޭ ޕްރޮޓީން
ހޯރމޯން އެކެވެ. 191 އެމިނޯ އެސިޑް އެކުލެވޭ ސިންގަލް ޗެއިން ޕޮލިޕެޕްޓައިޑް
ހޯރމޯން އެއްކަމުގައި ބެލެވޭ ގްރޯތު ހޯރމޯން އުފައްދައި، ރައްކާކޮށް ދޫކުރަނީ
ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގެ އަރިމަތީ ފިޔައިގައި ހުންނަ
''ސޯމެޓަޓްރޯޕް''(Somatotrope)ކިޔާ ސެލްތަކުންނެވެ.
މިހޯރމޯން އަށް ކިޔައިއުޅޭ އެހެން ނަންތަކުގެ ތެރޭގައި ''ސޯމެޓަޓްރޯޕިން''(Somatotropin/STH) ހިމެނެއެވެ. މިއީ ހަށިގަނޑުގެ
ޓިޝޫތަކާއި، ކަށިތައް އުފެދި ބޮޑުވުމަށް ބާރުއަޅާ ހޯރމޯން އެކެވެ.
(2) – ޕްރޯލެކްޓިން (Prolactin): ޕްރޯލެކްޓިން އަކީ ގާތުންދޭ ދުވަސްވަރު
ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ
ބައިގައި ހުންނަ ''ލެކްޓޯޓްރޯޕް''(Lactotrope) ސެލްތަކުން އުފައްދައި ދޫކުރެއެވެ.
މީގެ އިތުރުން އުރަމަތި އަދި މާބަނޑު ދުވަސްވަރު ރަހިމުގެ ފާރުން ވެސް މިހޯރމޯން
އުފައްދައި ދޫކުރެއެވެ. ގާތުން ކިރުދިނުމުގެ ތެރޭގައި ކުޑަ ދަރިފުޅު މައިމީހާގެ
އުރަމަތީގައި އަނގަޖަހައި ދަމާލުމުން، ޕްރޯލެކްޓިން އުފެއްދުމަށް ބާރުއަޅައެވެ.
ނަތީޖާއެއްގެ ގޮތުން އުރަމައްޗަށް ކިރުއެރި، ފުރެއެވެ. އެއީ ޖެހިގެން އަންނަ
ފަހަރު ގާތުންދޭން ވާއިރު ކިރު އުރަމަތީގައި ޖަމާވެފައި ބެހެއްޓުމަށްޓަކައެވެ.
އެހެންކަމުން މިއީ އަންހެނާގެ އުރަމަތިން ކިރު އުފައްދައި ބޭރުކުރުމަށް ބާރުއަޅާ
ހޯރމޯން އެކެވެ.
(3) - އެޑްރީނޯ ކޯޓިކޯ
ޓްރޮޕިކް ހޯރމޯން (Corticotropin): އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް
ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގައި
ހުންނަ ''ކޯޓިކޯޓްރޯޕް''(Corticotrope) ސެލްތަކުން އުފައްދައި ދޫކުރާ
ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން ދޫކުރަން ފަށަނީ ހައިޕޯތަލަމަސް އިން
ކޯޓިކޯޓްރޮޕިން ރިލީސިންގ ހޯރމޯން ދޫކުރަން ފެށުމުން އެއަށް އިޖާބަ ދިނުމުގެ
ގޮތުންނެވެ. މިހޯރމޯން އަށް ''ކޯޓިކޯޓްރޮޕިން''(Corticotropin) އޭވެސް ކިޔައި އުޅެއެވެ. އެޑްރީނޯ
ކޯޓިކޯ ޓްރޮޕިކް ހޯރމޯން އުފެދިގެން އަންނަނީ ''ޕްރީ އޮޕިއޯމިލެނޯކޯޓިން''(POMC)
އިންނެވެ. މިމާއްދާ ބައިވެގެންދަނީ އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން އަދި ބީޓާ
ލައިޕޯޓްރޮޕިން އަށެވެ. މިއީ އެޑްރީނަލް ގްލޭންޑް އިން ތަފާތު ސްޓީރޮއިޑް ހޯރމޯން
ތައް އުފެއްދުމަށް ބާރުއަޅާ ހޯރމޯން އެކެވެ.
(4) – ލައިޕޯޓްރޮޕިން (Lipotropin): ލައިޕޯޓްރޮޕިން އަކީ އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ކޯޓިކޯޓްރޯޕް''(Corticotrope) ސެލްތަކުން އުފައްދައި ދޫކުރާ
ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. ލައިޕޯޓްރޮޕިން ހޯރމޯން އުފެދިގެން އަންނަނީ
''ޕްރީ އޮޕިއޯމެލަނޯކޯޓިން''(POMC) އިންނެވެ. މިމާއްދާ ބައިވެގެންދަނީ
އެޑްރީނޯ ކޯޓިކޯ ޓްރޮޕިކް ހޯރމޯން އަދި ބީޓާ ލައިޕޯޓްރޮޕިން އަށެވެ.
ދެވައްތަރެއްގެ ލައިޕޯޓްރޮޕިން ހުރެއެވެ. އެއީ ބީޓާ ލައިޕޯޓްރޮޕިން އަދި ގާމާ
ލައިޕޯޓްރޮޕިން އެވެ.
(5) - ތައިރޮއިޑް
ސްޓިމިއުލޭޓިންގ ހޯރމޯން (Thyroid
stimulating hormone):
ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ތައިރޯޓްރޯޕް''(Thyrotrope) ސެލްތަކުން އުފައްދައި ދޫކުރާ
ހޯރމޯން އެކެވެ. ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް ކޮންޓްރޯލް
ކުރަނީ މިހޯރމޯން އިންނެވެ. މިހޯރމޯން އަށް ''ތައިރޯޓްރޮޕިން''(Thyrotropin) އޭ ވެސް ކިޔައެވެ. މިހޯރމޯންގެ
މައިގަނޑު މަސައްކަތަކީ ތައިރޮއިޑް ގްލޭންޑް އަށް ''ޓްރައި އައޯޑޯ ތައިރޮނީން(T3)،އަދި ތައިރޮކްސިން(T4) އުފައްދައި ދޫކުރުމަށް
ބާރުއެޅުމެވެ.
(6) - ފޮލިކަލް
ސްޓިމިއުލޭޓިންގ ހޯރމޯން (Follicle
stimulating hormone /FSH):
ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ޕިޓޫއިޓަރީ
ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ގޮނާޑޮޓްރޯޕް''(Gonadotrope) ސެލްތަކުން އުފައްދައި ދޫކުރާ
ހޯރމޯން އެކެވެ. އަންހެނުންނަށް ރިޢާޔަތްކުރާއިރު އަންހެނުންގެ
ނަސްލު އުފައްދާ ނިޒާމްގައިވާ ބިސްއުފައްދާތަނު ގައި ފުރިހަމަނުވާ ''ގްރާފިން
ފޮލިކަލް''(Graffin follicle) ފުރިހަމަވުމަށް ފޮލިކަލް
ސްޓިމިއުލޭޓިންގ ހޯރމޯން ބާރު އަޅައެވެ. ފޮލިކަލް ފުރިހަމަވުމުން އެއިން
''އިންހިބިން''(Inhibin) ދޫކުރެއެވެ. އިންހިބިން ދޫކުރުމުން
ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން ދޫކުރުން ނުވަތަ ބޭރުކުރުން ހުއްޓުވައެވެ.
ފިރިހެނުންނަށް ރިޢާޔަތްކުރާއިރު އުރަވަޅީގައި ހުންނަ ސާރޓޯލީ ސެލް(Sertoli cells) އިން އެންޑްރަޖަން ބައިންޑިންގ
ގްލޯބިއުލިން އުފެއްދުން ހަލުއިކޮށް ފަސޭހަކޮށްދެއެވެ. އަންހެނުންގެ ހަށިގަނޑުގައި
ޖިންސީ މަސައްކަތްތަކަށް އެހީތެރިވެދޭ ސްޓީރޮއިޑް ހޯރމޯން ތައް ކަމުގައިވާ
"އެސްޓްރަޖަން" އަދި "ޕްރޮޖެސްޓީރޯން" އުފެއްދުމަށް ވެސް
މިހޯރމޯން ބާރުއަޅައެވެ. އަދި ފިރިހެނުންގެ ހަށިގަނޑުގައި ޖިންސީ މަސައްކަތް
ތަކަށް އެހީތެރިވެދޭ ސްޓީރޮއިޑް ހޯރމޯން އެއްކަމުގައިވާ ޓެސްޓޯސްޓީރޯން އުފެއްދުމަށް ވެސް މިހޯރމޯން
ބާރުއަޅައެވެ.
(7) - ލޫޓީއިނައިޒިންގ
ހޯރމޯން (Luteinizing hormone /
LH): ލޫޓީއިނައިޒިންގ ހޯރމޯން
އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގައި ހުންނަ ''ގޮނާޑޮޓްރޯޕް''(Gonadotrope) ސެލްތަކުން އުފައްދައި ދޫކުރާ
ހޯރމޯން އެކެވެ. ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން އާއި ގުޅިގެން
ނަސްލު އުފެއްދުމުގެ މަސައްކަތުގައި ލޫޓީއިނައިޒިންގ ހޯރމޯން ބައިވެރި ވެއެވެ.
ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތުބައިން ދޫކުރާ
ހޯރމޯންތައް
(1) – އޮކްސިޓޯސިން (Oxytocin): އޮކްސިޓޯސިން އަކީ
އިންސާނާގެ ސިކުނޑީގައި ނިއުރޯ ޓްރާންސްމިޓަރ އެއްގެ ގޮތުގައި ހަރަކާތްތެރިވާ
ހޯރމޯން އެކެވެ. އަންހެނުންނަށް ރިޢާޔަތްކުރާއިރު އޮކްސިޓޯސިން ދޫކުރަން ފަށަނީ
ވިހެއުމުގެ ތެރޭގައި ރަހިމުގެ ކަރު ، އަދި އަންހެނާގެ ޖިންސީ ގުނަވަން
ފުޅާވުމަށްފަހު ގައެވެ. އެއީ ވިހެއުން ފަސޭހަކޮށްދީ ހަލުއިކޮށްދިނުމަށްޓަކައެވެ.
ހަމަމިހެން ގާތުންދިނުން ހަލުއިކޮށް ފަސޭހަކޮށް ދިނުމަށްޓަކައި ވަށްގަނޑު
ހީވާގިކޮށް މުރާލިކުރުމުން ވެސް އޮކްސިޓޯސިން ދޫކުރަން ފަށައެވެ. އަދި އުރަމަތިން
ކިރުއުފައްދައި ބޭރުކުރުމަށް ވެސް ބާރުއަޅައެވެ.
ޖިންސީ އެދުން ފުއްދުމުގެ ތެރޭގައި ކުންނަށް ވާޞިލްވާ
ހިނދު ދެޖިންސްގެ މީހުންގެ ހަށިގަނޑުން ވެސް އޮކްސިޓޯސިން ދޫކުރެއެވެ. ސިކުނޑީގައި
އަދާކުރާ ދައުރަށް ބަލާއިރު މީހުންގެ މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް އަދި
އިތުބާރު އުފެއްދުމުގައި އޮކްސިޓޯސިން ދައުރެއް ކުޅޭކަމަށް ބުނެވެއެވެ.
އިންސާނާގެ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި
އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular nucleus) އަދި ''ސްޕްރައޮޮޕްޓިކް
ނިއުކްލިއަސް''(Supraoptic nucleus) ގައި ހުންނަ ''މެގްނޯ ސެލިއުލާ
ނިއުރޯސިކްރީޓަރީ ސެލް''(Magnocellular
neurosecretory cell)
ތަކުން އުފައްދާ ހޯރމޯން އެކެވެ.
ހައިޕޯތަލަމަސް ގައި މިހޯރމޯން އުފެދުމުން، މިހޯރމޯން ރައްކާކުރަނީ ޕިޓޫއިޓަރީ
ގްލޭންޑްގެ ފަހަތު ބައިގައި ހުންނަ "ހެރިންގ ބޮޑީޒް"(Herring bodies) ތަކުގައެވެ. އެއަށްފަހު
ލޭގެތެރެއަށް މިހޯރމޯން ދޫކުރަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު ބައިންނެވެ
(2) - ވޭޒޯޕްރެސިން (Vasopressin):ވޭޒޯޕްރެސިން އަކީ
ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި އިންނަ ''ޕެރަވެންޓްރިކިޔުލަރ ނިއުކްލިއަސް''(Paraventricular nucleus) އަދި ''ސްޕްރައޮޮޕްޓިކް ނިއުކްލިއަސް''(Supraoptic nucleus) ގައި ހުންނަ ''މެގްނޯ ސެލިއުލާ
ނިއުރޯސިކްރީޓަރީ ސެލް''(Magnocellular
neurosecretory cell)
ތަކުން އުފައްދައި ދޫކުރާ،ޕެޕްޓައިޑް
ހޯރމޯން އެކެވެ. ވޭޒޯޕްރެސިން މައިގަނޑު ގޮތެއްގައި އުފެދިގެން އަންނަނީ
ސްޕްރައޮޕްޓިކް ނިއުކްލިއަސްގައި ހުންނަ މިފަދަ ސެލްތަކުންނެވެ.
މިއީ ހައިޕޯތަލަމަސްގައި
''ޕްރީޕްރޯ ހޯރމޯން ޕްރިކޯސަރ''(Prehormone precosor) އިން އުފެދިގެން އައިސް ޕިޓޫއިޓަރީ
ގްލޭންޑްގެ ފަހަތު ބަޔަށް ވާޞިލްވާ ހޯރމޯން އެވެ. ޕިޓޫއިޓަރީ ގްލޭންޑްގެ ފަހަތު
ބައިން މިހޯރމޯން ލޭގެ ތެރެއަށް ދޫކުރެއެވެ. އަދި ބައެއް ފަހަރު ސީދާ ސިކުނޑީގެ
ތެރެއަށް ދޫކުރެއެވެ.
ވޭޒޯޕްރެސިން އަށް
ކިޔައިއުޅޭ އެހެން ނަންނަމުގެ ތެރޭގައި ''އާޖިނީން ވޭޒޯޕްރެސިން''(Arginine vasopressin)
، ''އާޖިޕްރެސިން''(Argipressin) ، އަދި ''އެންޓި
ޑައިޔުރެޓިކް ހޯރމޯން''(Antidiuretic hormone/ADH) ފަދަ ނަންތައް ހިމެނެއެވެ.
ވޭޒޯޕްރެސިން ހަށިގަނޑުން ދޫކުރަނީ ހަށިގަނޑުގައި ފެނުގެ
ނިސްބަތް މަދުވާ ހިނދުގައެވެ. ގުރުދާ ގައި ފެން ވަކިވަރެއްގައި ހިފަހައްޓައި
ދިނުމަށް މިހޯރމޯން މެދުވެރި ކުރުވައެވެ. އަދި ގުރުދާ މެދުވެރިކޮށް، ހަށިގަނޑުން
ފެން ބޭރުވެގެންދިއުން މިހޯރމޯން ކޮންޓްރޯލް ކުރެއެވެ. އެގޮތުން ކުޑަކަމުދާ ތަކެތި
ތަރުކީޒުކޮށް، އަދި ކުޑަކަމުދާ ތަކެތީގެ މިންވަރު މަދުކުރުވައެވެ. މީގެ އިތުރުން
ލޭހޮޅިތައް ހަނިކުރުވުން(Vasoconstriction) ކުރިމަތި ކުރުވައިގެން ލޭގެ
ޕްރެޝަރު މަތިކުރުވައެވެ.
ޕިޓޫއިޓަރީ ގްލޭންޑްގެ މެދުބައި ން ދޫކުރާ
ހޯރމޯންތައް
(1)-މެލަނޯސައިޓް ސްޓިމިއުލޭޓިން ހޯރމޯން (Melanocyte stimulating hormone): މެލަނޯސައިޓް
ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ޕިޓޫއިޓަރީ
ގްލޭންޑްގެ މެދުބައިގައި އުފައްދާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އިސްތަށި
ތަކާއި ހަންގަނޑުގައި ހުންނަ ''މެލަނޯސައިޓް''(Melanocyte ތަކުން ''މެލަނިން''(Melanin) އުފައްދައި ދޫކުރުމަށް ބާރު
އަޅައެވެ.ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސްގައި ހުންނަ ''އާކްއޭޓް
ނިއުކްލިއަސް''(Arcuate nucleus) އިންވެސް ބައެއް ފަހަރު
މެލަނޯސައިޓް ސްޓިމިއުލޭޓިންގ ހޯރމޯން ބޭރުކުރެއެވެ. މިސެލްތަކުން ސިކުނޑި
ތެރެއަށް ދޫކުރާ މެލަނޯސައިޓް ސްޓިމިއުލޭޓިންގ ހޯރމޯންގެ ސަބަބުން ޖިންސީ އެދުން
ހިލިގަތުން، އަދި ކާހިތްވުން ފަދަ ކަންތައްތަކަށް އަސަރު ފޯރުވައެވެ.
ޕިޓޫއިޓަރީ ގްލޭންޑަށްޖެހޭ ބައެއް ބަލިތައް
އެކްރޯމެގާލީ (Acromegaly): އެކްރޯމެގާލީގެ މާނައަކީ
ހަށިގަނޑުގެ އަތްފައި އާދަޔާ ޚިލާފަށް ބިޔަވެ ބޮޑުވުމެވެ. މިބަލި ޖެހުމުން
އަތްފައި ބިޔަވެ ބޮޑުވުމުގެ އިތުރުން، މޫނު، ނޭފަތް، ކަންފަތް، ތުންފަތް، ފަދަ
ގުނަވަންތައް ވެސް އާދަޔާ ޚިލާފަށް ބޮޑުވެގެން ދެއެވެ. މިއީ އެޕިފީސިއަލް ޕްލޭޓް
ބަންދުވުމަށްފަހުގައި ވެސް ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން އާދަޔާ ޚިލާފަށް
ގިނައިން ގުރޯތު ހޯރމޯން އުފެއްދުމުން މެދުވެރިވާ ކަމެކެވެ. އެންމެ އާންމުކޮށް
މިބަލިޖެހެނީ "ޕިޓޫއިޓަރީ އެޑީނޯމާ"(pituitary adenoma) އޭ ކިޔާ ގަނޑު ގެ ވައްތަރެއް
ޕިޓޫއިޓަރީ ގްލޭންޑުގައި އުފެދުމުންނެވެ. އެހެން ބައެއް ސަބަބުތަކާ ހުރެވެސް
މިބަލި ޖެހިދާނެ އެވެ.
ކުޝިންގސް ބަލި (Cushing’s
disease): ކުޝިންގސް ބައްޔަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ
ބައިން އެޑްރީނޯކޯޓިކޯ ޓްރޮޕިކް ހޯރމޯން އާދަޔާ ޚިލާފަށް ގިނައިން އުފެއްދުމުން،
އެޑްރީނަލް ގްލޭންޑްގައި ހިމެނޭ އެޑްރީނަލް ކޯޓެކްސް ނުވަތަ އޭގެ ބޭރުތޮށީގެ
މަސައްކަތް ހަލުވިވެ، އިތުރުވުމާއި ގުޅިގެން ކުރިމަތިވާ ބައްޔެކެވެ. އެޑްރީނަލް
ގްލޭންޑުގެ ބޭރު ތޮށީގެ މަސައްކަތް ހަލުވިވެ، އިތުރުވެއްޖެނަމަ ކޯޓިޒޯލް ހޯރމޯން
އެޑްރީނަލް ގްލޭންޑް އިން އުފެއްދުން އިތުރުވާނެއެވެ. އާންމުކޮށް ކުޝިންގސް ބަލި
ކުރިމަތިވަނީ ޕިޓޫއިޓަރީ ގްލޭންޑްގެ ޓިއުމަރެއްގެ ސަބަބުންނެވެ.
ގުރޯތު ހޯރމޯން އުފެއްދުން ދަށްވުން (Growth hormone deficiency): ގުރޯތު ހޯރމޯން
އުފެއްދުން ދަށްވުމަކީ ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިން ގުރޯތު ހޯރމޯން
އުފައްދާ މިންވަރު އާދަޔާ ޚިލާފަށް ދަށްވެ މަދުވުމެވެ. މިމައްސަލަ ދިމާވުން ކުއްޖާ
ބޮޑުނުވުމާއި، ބޮޑުވުމުގައި ހުރަސްތަކާއި ކުރިމަތިލާން ޖެހެއެވެ. ޅަފަތުގައި
މިކަން ދިމާވެއްޖެނަމަ، ލޭގައި ހަކުރުގެ މިންވަރު މަދުވުން، އަދި ޒަކަރު
މާކުޑަވުން ފަދަ ކަންތައްތައް ފެނިދާނެ އެވެ. ތަންކޮޅެއް އުމުރުން މަތިނުވުން
އުމުރާ އެއްވަރަށް ބޮޑުނުވާކަން ފާހަގަ ކުރެވޭނެ އެވެ. މީގެ އިތުރުން ފެންނަ
ފެނުމަށް ވަރަށް ހިކި އަނަރޫފަކޮށް ކުއްޖާ ހުރެދާނެ އެވެ. މިއީ ޖިސްމާނީ
ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަސަރުކުރުވާ ކަމެކެވެ. އެގޮތުން ހަދާން
ބަލިވުމާއި، މާޔޫސްވުމާއި، ދެރަވެ ކަންބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ޝީއެންޒް ސިންޑްރޯމް (Sheehan’s
syndrome): ޝީއެންޒް ސިންޑްރޯމް އަކީ
ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެން ޕިޓުއިޓަރީ ގްލޭންޑްގެ ހޯރމޯންތަކުގެ މަސައްކަތަށް
ބުރޫއަރައި، އޭގެ މަސައްކަތް ދަށްވުމުން ކުރިމަތިވާ ބައްޔެކެވެ. މިބުރޫ އަރަނީ
ވިހެއުމާއި ގުޅިގެން ކުރިމަތީ ޕިޓުއިޓަރީ ގްލޭންޑް އޮކްސިޖަން އަށް
ފެންބޮވައިގެންފައިވާ ހިނދު، ޕިޓޫއިޓަރީ ގްލޭންޑްގެ ކުރިމަތީ ބައިގެ ސެލްތައް
ހަލާކުކޮށްލާތީ އެވެ. ހަށިގަނޑުން މާބޮޑަށް ލޭފޭއްދުން ކުރިމަތިވުން، ސެޕްޓިކް
ޝޮކުޖެހުން، އަދި ފިހިގެން ޝޮކުޖެހުން ފަދަ ކަމެއްގެ ސަބަބުން ވެސް މިބަލި
ކުރިމަތިވެދާނެއެވެ. ޝީއެންޒް ސިންޑްރޯމް އާއި ގުޅިގެން ފެނިދާނެ އަލާމާތްތަކުގެ
ތެރޭގައި ، އުރަމަތިން ކިރު އުފައްދައިނުދިނުން، ކިހިލިފަތްދޮށުގައި އިސްތަށި
ނުފެޅުން، ޖިންސީ ގުނަވަން ވަށައިގެންވާ ހިސާބުގައި އިސްތަށި ނުފެޅުން، މައްސަރު
ކަންތައް ނުޖެހުން، ފަދަ ކަންތައް ހިމެނެއެވެ.
ހައިޕަރޕިޓޫއިޓަރިޒަމް (Hyperpituitarism): ހައިޕަރޕިޓޫއިޓަރިޒަމް
އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ މަސައްކަތް ހަލުވިވުމުގެ ސަބަބުން އެގްލޭންޑް އިން
އުފައްދާ ތަފާތު ހޯރމޯންތައް އާދަޔާ ޚިލާފަށް އިތުރުވުމުން ދިމާވާ މައްސަލައެކެވެ.
އާންމު ގޮތެއްގައި ހައިޕަރޕިޓޫއިޓަރިޒަމް ކުރިމަތިވަނީ "ޕިޓޫއިޓަރީ
އެޑީނޯމާ" ގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު ޕިޓޫއިޓަރީ ގްލޭންޑްގެ
ކެންސަރު، އަދި ޕިޓޫއިޓަރީ ގްލޭންޑްގެ ސެލްތަކުގެ ސައިޒުން ބޮޑުވުން ފަދަ ކަމެއްގެ
ސަބަބުން ވެސް މިމައްސަލަ ދިމާވެދާނެ އެވެ. ހައިޕަރޕިޓޫއިޓަރިޒަމް ގެ ސަބަބުން
ބަލީގެ އަސަރުކޮށްފައިވާ ސެލްގެ ވައްތަރާއި އެސެލް އިން އުފައްދާ ހޯރމޯން އަށް
ރިޢާޔަތްކޮށް އެހޯރމޯން ގިނަވެ އިތުރުވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި
ލޭގައި ޕްރޮލެކްޓިންގެ މިންވަރު އިތުރުވުން (ޕްރޯލެކްޓިން އުފެއްދުން
އިތުރުވުމުން)، ކުޝިންގސް ބަލި (އެޑްރީނޯކޯޓިކޯ ޓްރޮޕިކް ހޯރމޮން އުފެއްދުން
އިތުރުވުމުން)، އެކްރޯމެގާލީ( ގުރޯތު ހޯރމޯން އުފެއްދުން އިތުރުވުމުން) އަދި
ހައިޕަރތައިރޮއިޑިޒަމް ފަދަ މައްސަލަތައް ހިމެނެއެވެ.
ހައިޕޯޕިޓޫއިޓަރިޒަމް (Hypopituitarism): ހައިޕޯޕިޓޫއިޓަރިޒަމް
އަކީ ޕިޓޫއިޓަރީ ގްލޭންޑްގެ މަސައްކަތް ދަށްވުމުގެ ސަބަބުން އެގްލޭންޑް އިން
އުފައްދާ ތަފާތު ހޯރމޯންތައް އާދަޔާ ޚިލާފަށް މަދުވުމުން ދިމާވާ މައްސަލައެކެވެ. އެގޮތުން
ޕިޓޫއިޓަރީ ގްލޭންޑުން އުފައްދާ ތަފާތު 8 ހޯރމޯންގެ ތެރެއިން އެންމެ ހޯރމޯނެއް
ނުވަތަ އެއަށްވުރެ ގިނަ ހޯރމޯން މަދުވިޔަސް މިމައްސަލަ ކުރިމަތި ވެދާނެ އެވެ. ޕިޓޫއިޓަރީ
ގްލޭންޑުން ދޫކުރާ ގިނަ ހޯރމޯންތަކެއް އުފެއްދުން މަދުވެއްޖެނަމަ އެހާލަތަށް
ކިޔަނީ "ޕޭންހައިޕޯޕިޓޫއިޓަރިޒަމް"(Panhypopituitarism) އެވެ.
No comments:
Post a Comment